ރާއްޖޭގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދެވޭނެގޮތް ހަމަޖެއްސުމަކީ، މިހާރު ބޭނުންވެފައިވާ އެންމެ މުހިންމު އެއްކަންތައް ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ އުސޫލުތަކާމެދު މަޝްވަރާ ކުރުމަށްޓަކައި ޔުނިސެފް ރީޖަނަލް އޮފީސް ފޮރ ސައުތު އޭޝިޔާއާއި، ރާއްޖޭގައި ހުންނަ ޔުނިސެފް އޮފީހާއި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގއާ ގުޅިވަޑައިގެން މިއަދު ފެށްޓެވި ސޯޝަލް ޕޮލިސީ ވަރކްޝޮޕް އިފްތިތާޙް ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހުޅުލޭ އައިލެންޑް ހޮޓެލްގައި ބާއްވަވާ މި ވަރކްޝޮޕް އިފްތިތާޙް ކޮށްދެއްވަމުން ޑޮކްޓަރ ވަޙީދު ދެއްކެވި ވާހަކަފުޅުގައި، ކުޑަކުދިންނަށާއި އަންހެނުންނަށް އިތުރު ރައްކާތެރިކަން ހޯދައިދީ، އެމީހުންނަށް ކުރިމަތިވެފައިވާ އެކިމައްސަލަތަކާބެހޭގޮތުން ވާހަކަދައްކައި އަޑުއުފުލޭނެ ގޮތްތަކެއް ޤާއިމުކުރަން ޖެހިފައިވާކަމަށް ވިދާޅުވިއެވެ.

ތަރައްޤީ މިނޭ މިންގަނޑަކީ، ހަމައެކަނި ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ނޫން ކަމަށާއި، ރައްޔިތުންގެ އިޖްތިމާޢީ ޢަދާލަތާއި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާއި، އަދި ރައްޔިތުންގެ މެދުގައި ޤައުމުގެ އާމްދަނީ ހަމަހަމަ ގޮތެއްގައި ބެހިގެން ދިޔުން އެއީ، ތަރައްޤީގެ އެންމެ މުހިންމު އެއްބައި ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ޑިކޮމްރަސީގެ މޭވާ މިނޭ މިންގަނޑަކީ، ސަރުކާރު ބަދަލުވަމުންދާ އަވަސްމިން ނޫންކަމަށާއި، އެހެންނަމަވެސް، އެ މިންގަނޑަކީ، ތަރައްޤީގެ އެކިކަންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުވެގެންދާ ދިޔުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޑޮކްޓަރ ވަޙީދުގެ ވާހަކަފުޅު ނިންމަވާލެއްވީ، މިވަރކްޝޮޕުން ލިބޭ މަޢްލޫމާތުތަކުގެ އަލީގައި، ރައްޔިތުންނަށް މިހާރަށްވުރެ ރަނގަޅަށް ޚިދްމަތްތައް ފޯރުވައިދިނުމުގެ މަގު ފަހިވެގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވަމުންނެވެ.