ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުންތަކުގައި، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ގެއްލިދާ ފަދަ އެއްވެސް ކަމަކަށް އެއްބަސްވެވަޑައިގެންފައި ނޯންނާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދިވެހި ރައްޔިތުންނަށް ޔަޤީން ކޮށްދެއްވައިފިއެވެ. އެމަނިކުފާނު މިޔަޤީންކަން ދިވެހި ރައްޔިތުންނަށް ދެއްވީ މިމަހުގެ 16 އިން 18 އަށް އިންޑިޔާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު މިއަދު ރާއްޖޭގެ ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ބޭރުގެ އަސްކަރީ މަރުކަޒެއް ހަދަން، ނުވަތަ ބޭރުގެ ސިފައިންގެ ފައުޖްތައް ބައިތިއްބަން، މިސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަތައް ދޮގު ކުރައްވައިފައެވެ. އަދި، ޓެރަރިޒަމާއި ބޯޑަރ ސެކިއުރިޓީ އަދި ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ޙިމާޔަތްކުރުމުގެ ކަންކަމުގައި، ރާއްޖެއާއި އިންޑިޔާއިން އަބަދުވެސް، އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވަމުން ގެންދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، އިންޑިއާއިން ރާއްޖެއަށް ދީފައިވާ ދެ ހެލިކޮޕްޓަރާ ބެހޭ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ހިއްސާ ކުރެއްވިއެވެ. މިގޮތުން، ދެ ހެލިކޮޕްޓަރު ބޭނުންކުރާނީ ސާރޗް އެން ރެސްކިޔު ކަންކަމަށާއި، ޞިއްޙީ އަދި އެ ނޫންވެސް ކުއްލި ޙާލަތުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ދެ ހެލިކޮޕްޓަރު ރާއްޖޭގައި އުދުއްސަނީ އިންޑިއާގެ ޕައިލެޓުން ކަމަށް ވިޔަސް، އެމީހުން ހެލިކޮޕްޓަރު އުދުއްސާނީ، ކޮން ބޭނުމަކު ކޮން ތަނެއްގައި ކަމާއި އުދުއްސާ ގަޑިވެސް ކަނޑައަޅާނީ ދިވެހި ސަރުކާރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މި ހެލިކޮޕްޓަރުތަކަކީ 2010 ވަނަ އަހަރު، ރާއްޖެއާއި އިންޑިޔާ އާއެކު ޤާއިމުކުރި އެއްބަސްވުމެއްގެ ދަށުން ގެނެސްފައިވާ ދެ ހެލިކޮޕްޓަރު ކަމަށާއި، އޭގެ ފަހުންވެސް މި އެއްބަސްވުން އާކޮށް، ކުރީގެ ސަރުކާރުތަކުންވެސް ބޭނުންކޮށްފައިވާ ހެލިކޮޕްޓަރތަކެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. އަދި، މި ދެ ހެލިކޮޕްޓަރު އުދުހުމުގެ ހުރިހާ ޚަރަދެއް ކުރާނީ އިންޑިޔާ ސަރުކާރުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، މިމަހުގެ 16 އިން 18 އަށް ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާ ބެހޭ މުހިންމު މައުލޫމާތުތައް ހިއްސާ ކުރެއްވުމަށްފަހު، ނޫސްވެރިން ދެންނެވި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވިއެވެ.