އިމާރާތް ކުރަމުންދާ ތަންތަނުގެ ސަލާމަތީ ކަންކަން ކަށަވަރުކުރެވިފައިވާ މިންވަރު  ބެލުމުގެ މަސައްކަތް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކުރިއަށް ގެންދާ ގޮތާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެފަރާތްތަކާއި މިއަދު ބައްދަލުކުރައްވައިފިއެވެ. މިކަމަށްޓަކައި މިއަދު މިނިސްޓްރީ  އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، މިނިސްޓްރީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި، މާލެ ސިޓީ ކައުންސިލުން ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

 މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، އިމާރާތްކުރާ ތަންތަނުގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުކޮށް، ސަލާމަތީ ކަންކަން އިތުރަށް ރަނގަޅުކުރުމަށް ޖާގައެބައޮތްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަ ކުރެއްވިއެވެ. އަދި، އާންމު ރައްޔިތުންނާއި މަސައްކަތުގެ ވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމާބެހޭ ހުރިހާ އިދާރާތަކާއި އަމިއްލަ ފަރާތްތަކުން ފުރިހަމަ އެއްބާރުލުން ދީގެން، މިހާރުން މިހާރަށް އަޅަންހުރި ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިލްތިމާސް ކުރެއްވިއެވެ.

 މި ބައްދަލުކުރެއްވުމުގައި، އިމާރާތް ކުރަމުންދާ ތަންތަނުގެ ސަލާމަތީ ކަންކަން ކަށަވަރުކުރެވެނީ ކިހާ މިންވަރަކަށްތޯ  ބެލުމުގެ މަސައްކަތް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އެރުވިއެވެ.

 މާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ ކައިރިން އިއްޔެ ހިނގާފައި ދިޔަ ކުޑަ އަންހެން ކުއްޖަކު ޒަޚަމްވުމާ ގުޅިގެން، އިމާރާތްކުރަމުންދާ ހުރިހާ ތަނެއްގެ ސަލާމަތީ ކަންކަން ފުރިހަމައަށް ހުރިތޯ މިހާރުން މިހާރަށް ބަލައި، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އިއްޔެ އަންގަވައިފައެވެ.

އިއްޔެ ހިނގި ހިތާމަ ހާދިސާގައި ޒަޚަމްވި ކުޑަ އަންހެން ކުއްޖާ ނިޔާވުމާ ގުޅިގެން އެ މަރްޙޫމްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ.