ޤައުމީ އަދި ދީނީ ކަންކަމުގައި އެންމެން އެއްބައިވެ ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ގޮވައިލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވައިލެއްވީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނިގެން މިސްކިތްތަކުގައި ޤުރްއާން ކިޔަވައިދިނުމުގެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވުމަށް މާލެ އަތޮޅު މާފުށީގައި މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި، އިސްލާމްދީނުގެ ހިދާޔަތު ލިބުނުތާ އެތައް އަހަރެއް ވެގެން ގޮސްފައިވާއިރު، އަޅުގަނޑުމެން އިންސާނުންނަށް މި ބިންމަތީގައި މާތް ﷲ ދެއްވައިފައިވާ އެންމެ މަތިވެރި އިސްލާމް ދީނުގެ ހިދާޔަތު އަޅުގަނޑުމެންނަށް ލިބިގެން ދިޔުމަކީ މަތިވެރި ނިޢުމަތެއް ކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މިމޭރުމުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވިގޮތުގައި، އަޅުގަނޑުމެން އިސްލާމީ ވަންތަކަމުގައި ތާ އަބަދު ދެމިތިބުމަށް ކުރަންޖެހޭ އެންމެ ބޮޑު މަސައްކަތަކީ މާތް ﷲ ގެ ކަލާމްފުޅުކަމުގައިވާ ކީރިތި ޤުރްއާނުގައި އަންގަވާފައިވާ ގޮތަށް އުޅުންކަމުގައި ރައީސުލްލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. ދިވެހިންނަކީ އެފޮތް އުނގެނޭ ބަޔަކަށް ވާންޖެހޭކަމަށާއި އެފޮތުގައި ބަޔާންކުރައްވާފައިވާ ކަންތައްތަކުގައި ހިފަހައްޓައިގެން ތިބިހާ ހިނދަކު އެއްވެސް އިންސާނަކު ގެއްލުލުމާއި ހަލާކުގެ ތެރެއަށް ވެއްޓިގެން ނުދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިސްނެންގެވުމާއެކު މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ އިސްލާމީ ވަންތަކަން ދިވެހިންގެ ތެރޭގައި ހިފެހެއްޓުމާއެކު އިސްލާމީ ރިވެތި އަޚްލާޤު ހުރިހާ ދިވެހިންގެ މެދުގައި ދެމެހެއްޓުންކަމުގައި ހާމަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.