ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ ރިއަރ އެޑްމިރަލް އަޚްތަރު ޙަބީބު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝް ސަފީރު އެމަނިކުފާނާއި ބައްދަލުކޮށްލެވުމަށް ވަޑައިގެންވެވިކަމަށްޓަކައި ޝުކުރުއަދާކުރައްވައި،  ބަންގްލަދޭޝް ސަރުކާރާއި ރައްޔިތުންގެ ފަރާތުން ހަދިޔާކުރެއްވި ހެޔޮ ބަސްފުޅުތަކަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި، ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދުގައި ދޭދޭ ގުޅުން ޤާއިމުކުރީއްސުރެ، ދެޤައުމުގެ ދެމެދުގައި ވަރަށް ގާތް އެކުވެރި ގުޅުމެއް އުފެދިފައިވާކަމަށާއި އެތައް އަހަރެއްވީ މިގުޅުމަކީ އިތުބާރާއި، އެއްބަޔަކު އަނެއްބަޔަކު ދެނެގަތުމުގެ މައްޗަށް ބަރޯސާވެފައިވާ ގުޅުމެއްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ގުޅުން ކުރިޔަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިކުރަން ބޭނުންފުޅުވާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޤައުމަށް ފައިދާހުރި ކަންކަމުގައި ބަންގްލަދޭޝްގެ ސަރުކާރާއެކީ ރާއްޖެއިން ވަރަށް ގާތްކޮށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ބަންގްލަދޭޝްގެ ސަފީރަށް ދެއްވާފައެވެ.

މިބައްދަލުކުރެއްވުމުގައި، ވާހަކަފުޅުދައްކަވަމުން ބަންގްލަދޭޝްގެ ސަފީރު ވަނީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމާއި ގުޅިގެން ރައީސް ޞާލިޙަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި، ބަންގްލަދޭޝްގެ ސަފީރު ވަނީ ރާއްޖެއާއި ބަންގްލަދޭޝްއާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވައިފައެވެ.

 ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބަންގްލަދޭޝްގެ ސަރުކާރުން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި ޝުކުރުއަދާކުރައްވާފައިވެއެވެ.