މިއަދުގެ ސަރުކާރަށް ފާޑުކިޔައިގެން އަދި ސަރުކާރާ ގުޅޭގޮތުން ހިތް ނުރުހިގެން އެއްވެސް ބޭފުޅަކަށް ޒައްރެއްގެ މިންވަރަށްވެސް އުނިކަމެއް ނާންނާނެ ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، މިއަދުގެ ސަރުކާރަށް ފާޑުކިޔައިގެން ހިތްނުރުހިގެން ވަޒީފާއަކަށްވެސް ހުއްޓުމެއް ނާންނާނެއެވެ. ކުރިއެރުމަކަށްވެސް ހުރަހެއް ނޯންނާނެއެވެ. ބޭނުންވަނީ ކޮންމެ ބޭފުޅެއްގެވެސް ޚިޔާލެވެ. ކޮންމެ ބޭފުޅެއްގެވެސް ފިކުރެވެ. މިމޭރުމުން ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވީ، ލާމަރުކަޒީ އުޞޫލުން އަތޮޅުތައް ހިންގުމާ ބެހޭގޮތުން މެދުޕްރޮވިންސަށް ޚާއްޞަކުރައްވައިގެން މިއަދު ހަވީރު ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫގައި ބޭއްވެވި މަސައްކަތު ބައްދަލުވުން އިފްތިތާޙް ކުރެއްވުމުގެ ޖަލްސާގައެވެ.

އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންގެ ތަނަވަސްކަމަށާއި ތަރައްޤީއަށް އެޅިފައިހުރި މައިގަނޑު ހުރަސްތަކެއް އެބަހުރި ކަމަށާއި، އެއްހުރަހަކީ، މާލޭގައި ވެރިކަމުގެ ބާރުތައް ހުއްޓިފައި ހުރި ހުރުމާއި، ކަންކަން ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުން ހޯދިފައިނެތުން ކަމުގައި ވިދާޅުވިއެވެ. އަދި ލާމަރުކަޒީ އުޞޫލުން ކަންކުރުމަކީ ވީހާވެސް ރައްޔިތުންނާ ގާތުން ރައްޔިތުން ބައިވެރިކުރުވައިގެން ކަންކަން ނިންމަމުން ގެންދިޔުން ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ޒަމާނުއްސުރެ ފަށައިގެން މިރާއްޖޭގެ ވެރިކަން ޖަމާވެފައި އޮންނަނީ މާލޭގައިކަން ބަޔާންކުރައްވަމުން، ރައްޔިތުންގެ ވެރިކަމެއް ޤާއިމުކުރުމަށް މިވޭތުވެދިޔަ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި ރައްޔިތުންގެ މެދުގައި ވަރަށް ވަރުގަދަ ރޫޙަކާއި ޖޯޝެއް އުފެދިގެން ދިޔުމުގެ ނަތީޖާއަކަށްވީ ސަރުކާރު ބަދަލުވުން ކަމުގައި ވިދާޅުވިއެވެ.