އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައި.ސީ.އާރު.ސީ)ގެ ވަފުދުގެ ބޭފުޅުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.  މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، އައި.ސީ.އާރު.ސީގެ ވަފްދުގެ ބޭފުޅުން ވަނީ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރައްވައި، ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އައި.ސީ.އާރު.ސީގެ ވަފްދުގެ ބޭފުޅުން އެމަނިކުފާނުގެ އަރިހަށް ޒިޔާރަތްކުރެއްވި ކަމަށްޓަކައި ވަފްދުގެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.  ރާއްޖެއާއި އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސްއާއި ދެމެދު އޮންނަ ގާތް ގުޅުން ފާހަގަ ކުރައްވައި، އެގުޅުން އިތުރަށް ބަދަހިކޮށް ހީނަރުވިޔަ ނުދިނުމުގެ މުހިއްމުކަމާއި ބެހޭގޮތުންވެސް މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހުރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. ވަކިން ޚާއްޞަކޮށް އައި.ސީ.އާރު.ސީއިން 2004 ގެ ސުނާމީގައި ރާއްޖެއަށް އެކިގޮތްގޮތުން ފޯރުކޮށްދީފައިވާ ގިނަގުނަ އެހީތައް ފާހަގަކުރައްވައި އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.

މިބައްދަލުކޮށްލެއްވުމުގައި އައި.ސީ.އާރު.ސީގެ ވަފްދުގެ ބޭފުޅުން ވަނީ ކުރިމަގުގައި ދިވެހިރާއްޖެއާއެކީ އެކިރޮނގުތަކުން ކުރިއަށްގެންދަން ބޭނުންފުޅުވާ ޕްރޮގްރާމްތަކާއި އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާއި ބެހޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ.