"މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން"ގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު  ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މި ކޮމިޝަނުން ހަވާލުވެފައިމިވަނީ ވަރަށް ބޮޑު ޒިންމާއަކާކަމަށާއި،  އެމަނިކުފާނުގެ ފަރާތްޕުޅުން ބޭނުންވާ ހުރިހާ އެހީތެރިކަމަކާއި އެއްބާރުލެއްވުމެއް ކޮމިޝަނަށް ލިބިވަޑައިގަންނަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ބޭރުގެ ފަންނީ އިދާރާތަކުން ހޯދަންޖެހޭ ހުރިހާ އެހީތެރިކަމެއްވެސް "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ  ކޮމިޝަނަށް" ފޯރުކޮށް ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްޖޫރިއްޔާ ދެއްވިއެވެ. މި މަސައްކަތް ވީ އެންމެ އަވަހަކަށް ފައްޓަވައިދެއްވުމަށާއި، ވަކި މީހަކަށް ބެލުމެއްނެތި ނަޒާހާތްތެރިކަމާއެކު ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބައްލަވައިދެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮމިޝަނުގެ މެންބަރުންގެ ފަރާތްޕުޅުން އެދިވަޑައިގެންފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ކޮމިޝަނުގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި ކޮމިޝަނުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކަށް އާންމުންނަށް ބަލައިގަނެވޭ ވަރުގެ ތަޙުޤީރީ ރިޕޯޓްތަކެއް ތައްޔާރުކުރެއްވުމަށްކަމުގައި ފާހަގަކުރެއްވިއެވެ. އަދި، މި ކޮމިޝަނުގެ މެންބަރުން ވަނީ މި މަސައްކަތް ނަޒާހާތްތެރިކަމާއިއެކު ވީ އެންމެ އަވަހަކަށް ކުރިޔަށް ގެންދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައެވެ.