ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިއަދު ހެނދުނު ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތިނަދޫއަށް ފައިބައިވަޑައިގެންނެވުމާއެކު އެރަށު ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ތިނަދޫގައި ނިމުން ފާހަގަ ކުރައްވަން ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ ތެރޭގައި، ތިނަދޫގެ މަގު ހެދުމުގެ މަޝްރޫޢާއި، އިސްލާމީ މަރުކަޒު ބިނާކުރުމުގެ މަޝްރޫޢާއި، އާބާދީ މައިޒާން ތަރައްޤީކުރުމުގެ މަޝްރޫޢާއި، ބިން ހިއްކުމާއި، ހިއްކާފައިވާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަޝްރޫޢާއި،  120 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫޢުގެ އިތުރުން ބަރާސިލް ސަރަޙައްދުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ހިމެނެއެވެ.