މި ފެށޭ ހިޖުރީ އާ އަހަރާއެކީ، މާތްވެގެންވާ އިސްލާމްދީން ޙިމާޔަތްކޮށް ކުރިއެރުވުމަށް އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ޒިންމާގެ މަތިން ހަނދާންކޮށް، އެ ޒިންމާ ފުރިހަމައަށް އަދާކުރުމުގެ ޢަޒުމް އާ ކުރެއްވުމަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ ހިޖުރީ އާ އަހަރުގެ މުނާސަބަތުގައި، ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބުގައި ވިދާޅުވެފައިވާ ގޮތުގައި ހިޖުރައިގެ މަތިވެރި ހާދިސާއަކީ، މި އުންމަތުގެ މާތް ނަބިއްޔާ ކީރިތި ރަސޫލާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم، މައްކާ ދޫކުރައްވައި މަދީނާއަށް ކުރެއްވި މަތިވެރި އަދި ތާރީޚީ ހިޖުރައިގެ ޙާދިޘާ، މުސްލިމުންގެ ހިތްތަކުގައި އާވެ އާލާވަމުންދާ މުނާސަބަތެއްކަމަށާއި، އަދި، ހިޖުރައިގެ ޙާދިޘާއަކީ، އިސްލާމީ މަތިވެރި ޖިހާދެއްކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ދިވެހިންގެ ތެރޭގައި ޚިޔާލާއި ފިކުރުގެ ގޮތުން ތަފާތުވީ ނަމަވެސް، ދިވެހިންގެ މެދުގައި އޮންނަ އެއްބަނޑުއެއްބަފާކަމާއި އުޚުއްވަތްތެރިކަމުގެ ގުޅުންތަކަށް އެއްވެސް ހީނަރުކަމެއް އައުމުގެ ފުރުޞަތު ދީގެން ނުވާނެކަން ފާހަގަކުރެއްވިއެވެ.
ހިޖުރީ އާ އަހަރުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އުޚުތުންނަށާއި އަޚުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.