މި ސަރުކާރުގެ ދެން އަންނަ ދައުރުގެ ފަސް އަހަރުގެ މަޝްރޫޢުތަކުގެ އަމާޒަކަށް ވެގެންދާނީ، މަސްވެރިކަމުން ދިވެހިންނަށް ލިބޭ ނަފާ އިތުރުކޮށްދެއްވުންކަމަށާއި، މިގޮތުން އެންމެ ފުރަތަމަ ކުރިއަށް ގެންދަވާނެ މަސައްކަތްތަކުގެ ތެރޭގައި ފެލިވަރުގައި އިތުރު މަސް ބަންދުކުރާ ކޭނަރީއެއް ގާއިމުކުރެއްވުން ހިމެނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ފާދިއްޕޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ނައިފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއަށް އަންނަ ތަރައްޤީ އިދިކޮޅު ބޭފުޅުންނަށް ގަބޫލުކުރައްވަން ދަތިފުޅިއްޔާ، އެމަނިކުފާނުގެ އަޖުމަ ބެއްލެވުމަށް އިތުރު ފަސް އަހަރު ދެއްވުމަށް އިދިކޮޅު ފަރާތްތަކަށް ގޮވައިލައްވައިފައެވެ. މިގޮތުން އެމަނިފާނު ދެން އަންނަ ދައުރެއްގައި ރާއްޖޭގައި މިވަގުތު ހުރި ދަރަނި އަދާކުރުމާއެކީ، ރާއްޖޭގެ ތަރައްޤީ ދެން އިތުރު މީހަކަށް ވިސްނަން ބޭނުންވާނެ އެހެން ކަމެއް ނޯންނަ މިންވަރަށް ނިންމަވައިދެއްވާނެކަމަށާއި، ދިވެހި ޤައުމުގެ އުފެއްދުންތެރިކަން، ބޮލަކަށްޖެހޭ މިންވަރު ވިހިހާސް އެމެރިކާ ޑޮލަރަށް ޖައްސަންބޭނުންފުޅުވާކަން ފާހަގަކުރެއްވިއެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތަރައްޤީއަކީ މާލެ ނަގާފައި މުޅި ރާއްޖޭގައި އޮތް އެންމެ ބޮޑު ބަނދަރާއި، އަތޮޅުތެރޭގައި ހުރި އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލް ނައިފަރުގައި ހުރުންކަމަށާއި، އެމަނިކުފާނުގެ ވެރިކަމުގައި އެކި ދާއިރާތަކުން ރާއްޖޭގެ އެކި ހިސާބަށް ތަރައްޤީ ގެންނަވަމުންދާކަން ފާހަގަކުރެއްވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ދެން އަންނަ ދައުރެއްގައި ރާއްޖޭގެ އެކި ހިސާބުގައި ހިންގަވަން ރާއްވަވާފައިވާ އެކި އެކި ތަރައްޤީގެ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ޅ. ކުރެންދޫއަށް ވަޑައިގެން ކުރެންދޫ ގޮނޑުދޮށް ޙިމާޔާތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފައެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ޅ. ހިންނަވަރަށާއި، ޅ. އޮޅުވެލިފުއްޓަށް ވެސް ޒިޔާރަތްކުރައްވާފައިވެއެވެ.