ރާއްޖެފަދަ އިސްލާމީ ޤައުމެއްގައި ވަކި ވަކި ފަރުދުންގެ ޙައްޤުތަކަށްވުރެ އިސްވާނީ މުޅި ޤައުމުގެ ޙައްޤުކަމަށާއި، ދިވެހި ދައުލަތުގެ އެންމެ އިސް ޙައްޤަކީ ރާއްޖޭގައި ޒަމާނުއްސުރެ އޮތް އިސްލާމް ދީން ހިމާޔަތްކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިހާރު ނިލަންދެއަތޮޅު އުތުރުބުރީ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ނިލަންދޫއަށް ވަޑައިގެން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން އިންތިޒާމްކުރައްވައިގެން މިރޭ އެރަށުގައި ބޭއްވެވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިންގެ ކަންތައްތައް ފުއްދުމުގައި މަދަދަށް އެދެންވީ ބޭރުގެ ފަރާތްތަކުން ނޫންކަމަށާއި، އިދިކޮޅު ފަރާތްތަކުން ޤައުމުގެ ކަންކަމާ ބޭރު މީހުން ބައްސަން ކުރާ މަސައްކަތަކަށް މިއަދު ދިވެހި ރައްޔިތުން ނޫނެކޭ ބުނަންޖެހޭކަމުގައި ވިދާޅުވިއެވެ.  އެމަނިކުފާނު ވިދާޅުވިގޮތުގައި ދިވެހިންނަކީ ޤައުމުގައި ހަމަޖެހުން ޤާއިމްކޮށް، ހަމަޖެހޭ ރައްޔިތެއް ދިރިއުޅޭ ތަނަކަށް ރާއްޖެ ހަދަން މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭކަމުގައި ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ކޮންމެ ދިމާލަކަށް ބަލައިލި ކަމުގައި ވިއަސް ތަރައްޤީ ފެންނަމުންދާކަމުގައެވެ. މިގޮތުން މި ސަރުކާރުގެ މިހިނގާ 5 އަހަރުގެ ތެރޭގައި، ހިންގާފައިވާ ބޮޑެތި މަޝްރޫޢުތަކަށް އަލި އަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ، މިސަރުކާރުން މިހާތަނަށް ރާއްޖޭގައި މެދުފަންތީގެ 20 ރަށާއި އެއްވަރުގެ ބިން ހިއްކާފައިވާކަމުގައި ހާމަކުރައްވައި، ބޮޑެތި އިންވެސްޓްމަންޓްތައް ހިންގުމާއިއެކު އިންސާނީ ވަޞީލަތް ތަރައްޤީކޮށް ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތަށް ތަނަވަސްކޮށްދިނުމަށް މި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތު ރައްޔިތުންނާ ޙިއްސާކުރައްވާފައެވެ.

މި ޖަލްސާގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޠަނީ ދިވެހި ސިފަ ޤަބޫލުކޮށް ބަލައިގަންނަ ކޮންމެ ދިވެހި ރައްޔިތަކުމެ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ލައްވަވާ ވޯޓަކީ  ޤައުމީ އަދި ވަޠަނީ  ވޯޓަކަށް ހައްދަވައި، ޤައުމާއި ދޭތެރޭގައި ވިސްނަވާފައި ލައްވަވާ ވޯޓަކަށް ހެއްދެވުމަށް ގޮވައިލައްވައިފައެވެ.