ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު އެއަތޮޅު މަޑިފުއްޓަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މަޑިފުއްޓަށް ފައިބައިވަޑައިގެންނެވުމާއެކު އެރަށު ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ތ. މަޑިފުށީ ބިންހިއްކުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމާއި، ހިއްކާފައިވާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމާއި، މަޑިފުށީގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މަޑިފުށްޓަށް ވަޑައިގެންނެވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ހެނދުނު ތ. ދިޔަމިގިއްޔަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށްފައްޓަވައި ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގައި ހޯމަ ދުވަހު ވަނީ ތ. ތިމަރަފުށީގައި ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމް އިފްތިތާޙްކޮށްދެއްވައި، އެއަތޮޅު ވޭމަންޑޫއާއި ކަނޑޫދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ. އަދި، އެމަނިކުފާނު ވަނީ އަންގާރަ ދުވަހު ތ. ބުރުނީގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި، ވިލުފުށި މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ.