ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު ކޮޅުމަޑުލު ކަނޑޫދޫއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކަނޑޫދޫއަށް ފައިބައިވަޑައިގެންނެވުމާއެކު އެރަށު ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް މިކުރައްވާ ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން ކަނޑޫދޫއަށް ކުރައްވާ މި ޒިޔާރަތުގައި، އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމަށް ބާއްވަވާ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލަށް މިއަދު ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގައި، މިއަދު ހެނދުނު ވަނީ ތ. ތިމަރަފުއްޓަށް ވަޑައިގެން، އެރަށުގައި ޤާއިމުކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި، މިއަދު މެންދުރުފަހު ތ. ވޭމަންޑޫއަށް ވަޑައިގެން، އެރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ތ. ބުރުންޏަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށާއި، ތ. ވިލުފުއްޓަށް ވަޑައިގެން އެރަށުގެ މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރެއްވުމަށާއި، ތ. މަޑިފުއްޓަށް ވަޑައިގެން އެރަށުގެ ބިންހިއްކުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމަށާއި، އެރަށުގައި ހިއްކާފައިވާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމަށާއި، މަޑިފުށީގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ތ. ދިޔަމިގިއްޔަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.