ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭނީ ރާއްޖެއަށް އެންމެ ރަނގަޅު ފައިދާލިބޭ ގޮތަކަށް ރާއްޖޭގެ ވަޞީލަތްތައް ތަރައްޤީކުރެވިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ކޮޅުމަޑުލަށް މިއަދު ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގައި  އެއަތޮޅުގެ ވޭމަންޑުއަށް ވަޑައިގެން އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުން އަބަދުވެސް އިސްކަންދެނީ ރަށުގައި ތިބެގެން އާމްދަނީ ލިބި ރައްޔިތުން ފުދުންތެރި ކުރެވޭނެ ގޮތްތަކަށް ކަންކަން ބައްޓަން ކުރަންކަމަށާއި ރާއްޖޭގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް ކަމަށެވެ. އެގޮތުން މި ސަރުކާރުން އެންމެ ގިނަ ވަޒީފާ ރާއްޖޭގައި އުފައްދާފައިވަނީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިންކަމަށާއި އަދި އެކުންފުނިތަކަށް ފައިދާނުވާ ވަރަށް ކުންފުނިތައް ކުޑަކޮށްލައިފިނަމަ އެތައް ގޮތަކުން ގެއްލުންވާނެކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. 
 
މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ އިސް ރަށްވެހިންނާ ގުޅުންހުރި މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ވިދާޅުވީ ވަޒީފާއިން ރިޓަޔަރ ކުރާ އުމުރަކީ 74 އަހަރު ކަމުގައި ހަމަޖެއްސެވި ނަމަވެސް މިހާރު ވެސް ސިވިލް ސަރވިސް އިން ރިޓަޔަރ ކުރާ އުމުރުގައި ރިޓަޔަރ ކުރެއްވުމަކީ އެބޭފުޅެއްގެ އިހުތިޔާރުގައި އޮތް ކަމެއްކަށާއި ރިޓަޔަރ ކުރާ އުމުރު 74 އަހަރަށް ބަދަލު ކުރެއްވުމަކުން 65 އަހަރުވުމުން ލިބޭ އިނާޔަތްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ފައިދާ އިތުރުވެގެންދާނެ ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. 

މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާވަނީ އެމަނިކުފާނުގެ އިތުރު ބައެއް ދުރުވިސްނުންފުޅުތައް ރައްޔިތުންނާ ހިއްސާކުރައްވައި އެކަން ކަމުން ރައްޔިތުންނަށް ލިބޭނެ ފައިދާތަކާއި މަންފާތައްވެސް ހާމަކުރައްވާފައެވެ. 
 
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ބޭނުންވާނީ އެ ރަށްރަށަށް ބޭނުންވާ ކަންކަން ފުއްދައިދިނުން ކަމަށާއި، ރައްޔިތުންގެ ތަނަވަސްކަން އިތުރުވެގެން ދިއުމާއެކު ރައްޔިތުންނަކީ ހަމަޖެހިގެން އުޅެވޭ މުޖުތަމަޢެއްގައި ދިރިއުޅޭ ބަޔަކަށް ވެގެން ދިއުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. 
 
ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލަށް މިއަދު ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގައި މިއަދު ވަނީ އެއަތޮޅު ތިމަރަފުއްޓަށް ވަޑައިގެން، އެރަށުގައި ޤާއިމުކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވާފައެވެ. 
 
މީގެ އިތުރުން އެމަނިކުފާނު މިއަދު ތ. ކަނޑޫދޫއަށް ވަޑައިގެން އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބާއްވަވާ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
 
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ތ. ބުރުންޏަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ތ. ވިލުފުއްޓަށް ވަޑައިގެން އެރަށުގެ މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރެއްވުމަށާއި، އެއަތޮޅު މަޑިފުއްޓަށް ވަޑައިގެން އެރަށުގެ ބިންހިއްކުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމަށާއި، އެރަށުގައި ހިއްކާފައިވާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމަށާއި، ތ. މަޑިފުށީގައި ޤާއިމުކޮށްފައިފާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ތ. ދިޔަމިގިއްޔަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.