މުޅި ދައުލަތަށް ލޮޅުންއަރާވަރުގެ ބޮޑެތި ކަންކަން ކުރާ މީހުންނާ ޤާނޫނު އަރާ ހަމަކުރާނެކަމަށާއި އެކަށަވަރުކަން އަބަދުވެސް ސަރުކާރާއިމެދު ބޭއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގެންނެވީ،  ހުވަދުއަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ގއ. ކޮނޑޭއަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤާނޫނު ނެގެހެއްޓުމުގެ އިތުރުން ތަރައްޤީގެ ކަންކަމުގައި ރައްޔިތުންކުރާ އުންމީދުތަކުގައި ކުލަ ޖައްސައިދޭނީ އެމަނިކުފާނުގެ ސަރުކާރުންކަން ރައްޔިތުންނަށް ކަށަވަރުކޮށްދެއްވަން ބޭނުންފުޅުވާ ކަމަށެވެ.  

ތަރައްޤީއަކީ ރައްޔިތުންގެ ހިތްހަމަޖެހުން ކަމުގައި ސިފަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެއީ ހުރިހާ އެންމެން އެބަސްވާ އެއްބަސްވުމެއް ކަމުގައި ފާހަގަކުރައްވާފައެވެ. އަދި މި ސަރުކާރުގެ އަމާޒަކީ ހުރިހާ ދިމާއަކުންވެސް ތަރައްޤީ ފެނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

މިޖަލްސާގައި ތަރައްޤީއާއި ޒުވާނުންނާ އޮތް ގުޅުމުގެ މައްޗަށް އަލި އަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން  ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޒުވާނުން މިއަދު ބޭނުންވަނީ ޒުވާނުންގެ ހާލަތު ރަނގަޅު ކުރަންކަމަށާއި، ޒުވާނުން ހިމެނޭ ރައްޔިތަކުވެސް ބޭނުންވާނީ އެރަށެއްގެ ހާލަތު ރަނގަޅުކުރުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހާލަތު ރަނގަޅު ކުރެވޭނީ ތަރައްޤީއާއިއެކުގައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވެވިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ތަރައްޤީ މިއޮތީ އަވަސްވެފައިކަމަށާއި، ތަރައްޤީ ނުކޮށް ކުރިއަށް ނުދެވޭނެކަން ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވަނީ ރައްޔިތުންނަށް އުންމީދުތަކެއްދެއްވައި އެއުންމީދުތައް ފުރިހަމަކޮށްދެއްވަން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. 
  
ރައީސުލްޖުމްހޫރިއްޔާ ހުވަދު އަތޮޅަށް އިއްޔެ ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގައި އިއްޔެ ވަނީ ގދ. މަޑަވެއްޔާއި، ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން އެދެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި، އެ ދެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްވެސް ފައްޓަވައިދެއްވައިފައެވެ.

މީގެއިތުރުން އިއްޔެ ހަވީރު ރައީސުލްޖުމްހޫރިއްޔާ ވަނީ ގދ. ގައްދޫއަށް ވަޑައިގެން އެރަށުގައި ތަރައްޤީކޮށްފައިވާ ބަނދަރު ހުޅުއްވައިދެއްވައި، އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. މީގެއިތުރުން އެމަނިކުފާނު އިއްޔެ ވަނީ އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައްވެސް ހުޅުއްވައިދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ގއ. ކޮލަމާފުއްޓަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށާއި އެރަށުގައި ޤާއިމްކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ގއ. ވިލިނގިއްޔަށް ވަޑައިގެން އެރަށުގެ މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރެއްވުމާއި، ވިލިނގިލީގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް ހުޅުއްވައި ދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ގއ. ކޫއްޑޫއަށް ވަޑައިގެން ކޫއްޑޫގައި ތަރައްޤީކޮށްފައިވާ މަސްވެރިންގެ މެރީނާ ހުޅުއްވައިދެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.