ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިއަދު ހެނދުނު ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭއަށް ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ކޮނޑޭއަށް ފައިބައިވަޑައިގެންނެވުމާއެކު އެރަށު ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ކޮނޑޭގެ ބަނދަރު ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ހުވަދު އަތޮޅަށް އިއްޔެ ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގައި އިއްޔެ ވަނީ ގދ. މަޑަވެއްޔާއި، ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން އެދެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި، އެ ދެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އެމަނިކުފާނު ވަނީ ގދ. ފަރެސްމާތޮޑާ އެއަރޕޯޓްގެ ބިން ހިއްކުމުގެ މަސައްކަތްވެސް ފައްޓަވައިދެއްވާފައެވެ.
މީގެއިތުރުން އިއްޔެ ހަވީރު ރައީސުލްޖުމްހޫރިއްޔާ ވަނީ ގދ. ގައްދޫއަށް ވަޑައިގެން އެރަށުގައި ތަރައްޤީކޮށްފައިވާ ބަނދަރު ހުޅުއްވައިދެއްވައި، އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އެމަނިކުފަނު އިއްޔެ ވަނީ އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް ވެސް ހުޅުއްވައިދެއްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ގއ.ކޮލަމާފުއްޓަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށާއި އެރަށުގައި ޤާއިމްކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ގއ. ވިލިނގިއްޔަށް ވަޑައިގެން އެރަށުގެ މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރެއްވުމާއި، ވިލިނގިލީގައި ހަދާފައިވާ ހައުސިންގ ޔުނިޓްތައް ހުޅުއްވައި ދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި ގއ. ކޫއްޑޫއަށް ވަޑައިގެން ކޫއްޑޫގައި ތަރައްޤީކޮށްފައިވާ މަސްވެރިންގެ މެރީނާ ހުޅުއްވައިދެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.