ރައްޔިތުން މިހާރު ބޭނުންވަނީ އިޤްތިޞާދީ ތަނަވަސްކަންކަމަށާއި، ރާއްޖޭގެ ހުރިހާ ދިމާއަކަށް ވެސް ބޭނުންވަނީ އިޤްތިޞާދީ ދިރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހުވަދުއަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫގައި ހިންގި ހަތަރު މަޝްރޫޢެއްގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

 މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އިޤްތިޞާދީ ގޮތުން ދިވެހިރާއްޖެއަކީ ވެސް ހަކަތަ ހުރި އިޤްތިޞާދަކަށް ވާންޖެހޭ ކަމަށާއި، ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ފުއްދުމުގައި ހަމައެކަނި ބޭރުގެ ފަރާތްތަކަށް ބަރޯސާވެގެން ތިބުމުގެ ބަދަލުގައި އަމިއްލަ ފުދުންތެރިކަން އިތުރުކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ.

 ގދ. ގައްދޫގައި ބޭއްވެވި މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ  ޓޫރިޒަމް ދާއިރާގެ ބޮޑު މަންފާ ކުރިމަގުގައި ލިބެން އޮތީ ހުވަދު އަތޮޅަށް ކަމަށެވެ. ޓޫރިޒަމްގެ އެންމެ ބޮޑު އުއްމީދެއް އޮތް އަތޮޅަކީ ހުވަދު އަތޮޅުކަން ފާހަގަ ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހުވަދު އަތޮޅަކީ އިޤްތިޞާދުގެ މައި ނާރެހަކަށް ވެގެންދާނެ އަތޮޅެއް ކަމުގައި ވިދާޅުވެފައެވެ.

 ކުރިއަށް އޮތް ދައުރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ހުވަދު އަތޮޅު ދެކުނުބުރީގައި ތަރައްޤީކުރުމަށް ނިންމަވާފައިވާ ފަތުރުވެރިކަމުގެ ސިނާޢަތުގެ 6000 އެނދުގެ ތެރޭގައި ހިމެނިގެން ގައްދޫ ދާއިރާގައި 21 ރަށް ތަރައްގީ ކުރަން ނިންމަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން މިދާއިރާގައި 4200 އެނދު ތަރައްގީ ކުރެވޭނެކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ތަރައްޤީއާއުއެކު 7000 ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްވެގެންދާނެ ކަމަށެވެ.

 ގައްދޫގެ ރައްޔިތުންނަށް މިހާރު އަސާސީ ޚިދުމަތްތައް ލިބޭނެކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިދިޔަ ސަރުކާރުގައި ގައްދޫއަށް 27 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މި ސަރުކާރުން ގައްދޫއަށް 240 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. މިސަރުކާރުން ވަރަށް މަދު ރަށެއްގައި ނޫނީ ބޮޑެތި މަޝްރޫޢުތައް ހިންގާފައިވާނެކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެއްވެސް ރަށަކުން ލިބޭ އާމްދަނީއަކުން އެރަށަކަށް ބޭނުންވާ ކަންކަން ނުކުރެވޭނެކަމަށް ވިދާޅުވެ ރާއްޖެއަކީ ޔުނިޓަރީ ދަޢުލަތެއްކަން ފާހަގަ ކުރައްވައި ދަޢުލަތަށް ލިބޭ އާމްދަނީ ބެހުމުގައިވެސް ޔުނިޓަރީ ދައުލަތަކަށްވާންޖެހޭނެ ކަމުގައި ފާހަގަކުރެއްވިއެވެ.