ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އަލްފާޟިލް އިބްރާހީމް ޙުސައިން ޒަކީ، ސްވިޑްން، ނޯރވޭ، ޑެންމާކް އަދި ނެދަރލަންޑްސް އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މިދަތުރުފުޅުގައި، މި ހަތަރު ޤައުމުގެ ސަރުކާރުތަކުގެ އެންމެ އިސްވެރިންނަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ފޮނުއްވާ ސިޓީފުޅެއް ރައްދުކުރައްވާނެއެވެ. އަދި މިޤައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އެޤައުމުތަކުގެ މަސްއޫލުވެރިންނާ އެކުގައި ބާއްވަވާ މަޝްވަރާތަކުގައި ދައްކަވާ ވާހަކަފުޅުތައް ޚާއްޞަ ގޮތެއްގައި އަމާޒު ކުރައްވާނީ، މިއަހަރު ފަހުކޮޅު ޑެންމާކްގެ ކޯޕަންހޭގަންގައި ބޭއްވޭ ތިމާވެށްޓާބެހޭ ބައިނަލްއަޤްވާމީ ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން ދިވެހިރާއްޖެއިން ގެންގުޅޭ ސިޔާސަތުތަކަށް ތާއީދު ހޯއްދެވުމުގެ ގޮތުންނާއި، ދިވެހިރާއްޖެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން އުނިވާއިރަށް ތައްޔާރުވުމަށްޓަކައި ރާއްޖެއަށް ބޭނުންވާ ހިލޭ އެހީއާ ގުޅޭގޮތުންނެވެ.

އަލްފާޟިލް އިބްރާހީމް ޙުސައިން ޒަކީ، ސްވިޑްންއަށް ކުރައްވާ ދަތުރުފުޅުގައި ޔޫރަޕިއަން ޔޫނިއަންގެ ރިޔާސަތު، ސްވިޑްންއާ ޙަވާލުވާއިރު، ދުނިޔޭގެ އިޤްތިޞާދީ އަދ އިޖްތިމާޢީ ޙާލަތަށް ރިޢާޔަތްކޮށް، ސްވިޑްންއިން ގެންގުޅޭނެ އާ ވިސްނުންތަކެއް ދެނެގަތުމަށްޓަކައި ދުނިޔޭގެ ތަފާތު ކޮންޓިނަންޓްތަކުން ހޮވާލެވިފައިވާ އެމިނަންޓް ޕާރސަންސް ގްރޫޕްގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވަމުން، އިނގިރޭސިވިލާތުގައި މަޑުކޮށްލައްވައި، އިންތިޤާލީ އިންޞާފާބެހޭ ބައިނަލްއަޤްވާމީ މަރްކަޒުގެ އިސްވެރިންނާއެކު މަޝްވަރާތަކެއް ބޭއްވެވުމަށްވެސްވަނީ ހަމަޖެހިފައެވެ.

ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އަލްފާޟިލް އިބްރާހީމް ޙުސައިން ޒަކީގެ އަރިހުގައި މިދަތުރުފުޅުގައި، ދިވެހިރާއްޖެއިން އ.ދ. އަށް ކަނޑައެޅުއްވުމަށް ހަމަޖެހިފައިވާ ދާއިމީ މަންދޫބު އަލްފާޟިލް ޢަބްދުލްޣަފޫރު މުޙަންމަދުވެސް ބައިވެރިވެވަޑައިގަންނަވައެވެ.