އިންޑިޔާގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހް، އިންޑިޔާގެ ބޮޑުވަޒީރު ކަމުގެ މަގާމުގެ ހުވާ ކުރައްވައި، އެމަގާމާ ދެވަނަ ދައުރަކަށް ހަވާލުވެވަޑައިގަތުމާ ގުޅިގެން، ޑޮކްޓަރ ސިންހްއަށް، ރައީސް މުޙަންމަދު ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ. ޑޮކްޓަރ މަންމޯހަން ސިންހްއާއި އެމަނިކުފާނުގެ ކެބިނެޓް ހުވާކުރެއްވީ ރާއްޖެ ގަޑިން މިއަދު ހަވީރު 6 ޖެހިއިރުއެވެ. ރައީސް ނަޝީދުގެ މެސެޖުގައި މިއުފާވެރި މުނާސަބަތުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ޑޮކްޓަރ ސިންހްއަށް ހޫނު މަރްޙަބާއެއް ވިދާޅުވެ، އިޚްލާޞްތެރިކަމާއެކު ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. އަދި އިންޑިޔާގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ދެވަނަ ދައުރަކަށް ޑޮކްޓަރ މަންމޯހަން ސިންހް ޢައްޔަން ކުރެވުނުކަން އެއީ، އެމަނިކުފާނުގެ ޤާބިލިއްޔަތާއި ޙިކުމަތްތެރިކަން ރަމްޒުކޮށްދޭ ކަމެއް ކަމުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހިރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި އަބަދުވެސް އޮންނަނީ ވަރަށް ގާތް ރަޙްމަތްތެރިކަމުގެ ގުޅުމެއްކަމަށާއި ދެޤައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ބޮޑުވަޒީރު މަންމޯހަން ސިންހްއާއެކީ ވަރަށް ގާތްކޮށް މަސައްކަތްޕުޅު ކުރެއްވުމަށް ބޭނުންފުޅުވާ ކަމުގައި ވިދާޅުވެފައިވެއެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން އިންޑިޔާގައި ބޭއްވުނު ޢާންމު އިންތިޚާބު، އިންޑިޔާގެ ކޮންގްރެސް ޕާޓީ ގުޅިފައިވާ އިއްތިހާދު ކާމިޔާބުކުރުމާ ގުޅިގެންވެސް ރައީސް ނަޝީދުވަނީ އިންޑިޔާގެ ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެފައެވެ.