މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމް.ޑީ.ޕީގެ ފަރާތުން ވާދަކުރެވުމަށް ކަނޑައަޅުއްވާފައިވާ ރިޔާސީ ކެންޑިޑޭޓް، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރަނިންމޭޓެއްގެ ގޮތުގައި އިންތިޚާބުވެވަޑައިގަތް، ޖުމްހޫރީ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ފައިސަލް ނަސީމަށް ދިވެހި ސަރުކާރުގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.
ރިޔާސީ އިންތިޙާބަށް ހުރިހާ ފަރާތްތަކުން ވަމުންދާ ތައްޔާރިތަކާއި ކެމްޕެއިން ޙަރަކާތްތައް ސުލްޙަވެރިކަމާއި ހަމަޖެހުމާއެކު ކުރިއަށްދާކަން ފާހަގަކޮށް އަދި ކެމްޕެއިން ހަރަކާތްތަކުގެ މަސްލަހަތު ނުގެއްލޭގޮތަށް ހުރިހާ ފަރާތްތަކުންވެސް ޢަމަލުކުރެއްވުމަށާއި، އިންތިޚާބުގެ ކަންކަމަށް ގެއްލުންނުވާނެ ގޮތަށް ޢަމަލުކުރެއްވުމަށް ސަރުކާރުގެ ފަރާތުން އިލްތިމާސްކުރަމެވެ. އަދި، މި ފަހަރުގެ ރިޔާސީ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އަދި ކާމިޔާބު އިންތިޚާބަކަށް ހެދުމަށްޓަކައި ބޭރުގެ ފަރާތްތަކުން އެއްބަރުލުން ދެއްވުމަށް ދިވެހި ސަރުކާރުގެ ފަރާތުން ގޮވާލަމެވެ.
ހަމައެއާއިއެކު، މިއަހަރުގެ ރިޔާސީ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އަދި ކާމިޔާބު އިންތިޚާބަކަށް ހެދުމުގެ ބޭނުމުގައްޔާއި، ޤައުމަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އެއްބަސްވެވޭ ޙައްލެއް ހޯދުމުގެ ގޮތުން މަޝްވަރާގެ މޭޒަށް ވަޑައިގަތުމުގެ މުހިންމުކަން ފާހަގަކުރުމާއިއެކު، ސަރުކާރުގެ މި ދަޢުވަތު ޤަބޫލުކުރެއްވެވުމަށް އެމް.ޑީ.ޕީގެ ފަރާތުން މި އިންތިޚާބުގައި ވާދަކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ރިޔާސީ ކެންޑިޑޭޓު، ހިންނަވަރު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙަށާއި އެމަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި އިންތިޚާބުވެވަޑައިގަތް، ޖުމްހޫރީ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ފައިސަލް ނަސީމަށް ސަރުކާރުގެ ފަރާތުން ގޮވާލަމެވެ.