ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިލަދުންމަޑުލު އުތުރުބުރީ މިލަންދޫއަށް މިއަދު ހެނދުނު ވަޑައިގެން އެރަށުގެ ނަރުދަމާގެ ޚިދުމަތް އިފްތިތާޙު ކޮށްދެއްވައިފިއެވެ. 

މިލަންދޫ ބަނދަރު ސަރަޙައްދުގައި އޮތް މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިލަންދޫގެ ނަރުދަމާ ޚިދުމަތް އިފްތިތާޙުކޮށްދެއްވުމުގެ ގޮތުން ހަނދާނީ ބިނާގެ ރިބަން ކަނޑާދެއްވާފައެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ، މިލަދުންމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ހިމެނިގެން މިލަންދޫއަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އިއްޔެ ވަނީ ބިލެތްފައްސަށް ވަޑައިގެން އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިންމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި، އެމަނިކުފާނު ވަނީ ށ.ކަނޑިތީމު ބަނދަރު ހުޅުއްވައިދެއްވައި، އެ އަތޮޅު ފޮނަދޫ އެއަރޕޯޓް ބިން ހިއްކުމުގެ މަސައްކަތުގެ ނިންމުން ފާހަގަކޮށްދެއްވައި، ރަންވޭ އެޅުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވައިފައެވެ.           

ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މެންދުރު މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.