ތަރައްޤީއަށްޓަކައި އެންމެ ދުވަހެއްވެސް ނަގާލަން ބޭނުންފުޅުނުވާކަމަށާއި، ބޭރުގެ ލޯނު އެހީ ހޯއްދަވައިގެން ނަމަވެސް ރާއްޖެއަށް ބޭނުންވެފައިވާ ތަރައްޤީ ގެންނަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެންމެހާ ދިވެހި ރައްޔިތުންނަށް ދެއްވައިފިއެވެ.

މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ އެއަރޕޯޓް ބިން ހިއްކުމުގެ މަސައްކަތުގެ ނިންމުން ފާހަގަކުރެއްވުމާއި، ރަންވޭ އެޅުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްޓަކައި މިއަދު ހަވީރު އެރަށު ބަނދަރު ސަރަޙައްދުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުން ތަރައްޤީގެ އެކި އެކި މަޝްރޫޢުތައް ހިންގުމަށްޓަކައި ނަގާފައިވާ ލޯނުތަށް ދެއްކުމުގެ ޤާބިލުކަން މި ސަރުކާރުގެ ކިބައިގައި އެބަހުރި ކަމަށެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މިސަރުކާރުގެ މެނިފެސްޓޯއަކީ ދިވެހިންގެ ހާލަތު އެނގިވަޑައިގެން އެ ހާލަތު އެއަށްވުރެ ރަނގަޅު ހާލަތަކަށް ބަދަލުކުރުމަށް އެކުލަވާލައްވާފައިވާ މެނިފެސްޓޯއެއް ކަމަށާއި، އެ ހާލަތު ބަދަލުކުރައްވަން ބޭނުންފުޅުވަނީ ރައްޔިތުންގެ ތަރައްޤީއާއި ލާބައަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއަށް އަންނަމުންދާ މާއްދީ ތަރައްޤީއާ އެއްވަރަށް ދިވެހިންގެ ވިސްނުން ތަރައްޤީކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވިގޮތުގައި ދިވެހިންގެ ރޫހާއި އަޒުމަކަށް ވާންވާނީ އަބަދުވެސް މިހާރު އޮތް ހާލަތަށްވުރެ ކުރިޔަށް ދިޔުންކަމަށާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުންކަމުގައެވެ.

 މި ސަރުކާރުން ހިންގާފައިވާ ބޮޑެތި ތަރައްޤީގެ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްޤީކުރާ އެއަރޕޯޓް މަޝްރޫޢުތަކުގެ ބޭނުމަކީ ކުރިޔާ ޚިލާފަށް މުޅި ރާއްޖެއަށް ފަތުރުވެރިކަމުގެ ސިނާޢަތް އާންމުކުރެއްވުން ކަމަށާއި، މިކަމުގެ ނަފާ ވީހާވެސް ގިނަ ދިވެހިންނަށް ހޯއްދަވައި ދެއްވުންކަމުގައެވެ. އަދި، އެމަނިކުފާނު ވިދާޅުވިގޮތުގައި، މި ސަރުކާރުގެ ސިޔާސަތުތަށް ބައްޓަންކޮށްފައިވާނީ ރާއްޖެއަށް މި ގެންނަމުންދާ އިޤްތިޞާދީ ތަރައްޤީއާއެކު ރާއްޖެއަކީ ދުނިޔޭގެ ޗާޓުގައިވެސް އޮންނަ ޤައުމެއްކަން އެނގޭވަރު ތަނަކަށް ހެއްދެވުމަށް އަމާޒުކޮށްގެންކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ މިލަދުންމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ ބިލެތްފައްސަށް ވަޑައިގެން އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިންމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. މީގެއިތުރުން މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ ކަނޑިތީމުގެ ބަނދަރު ހުޅުއްވައިދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ މިލަންދޫ ނަރުދަމާ ނިޒާމްގެ ޚިދުމަތް ދިނުން ރަސްމީކޮށް ފައްޓަވައިދެއްވުމަށް ވެސް ހަމަޖެހިފައެވެ.

މިލަދުންމަޑުލު އުތުރުބުރީ ފުނަދޫގައި މިހާރު ތަރައްޤީކުރަމުންދާ އެއާޕޯޓުގައި 1200 މީޓަރު ދިގު ރަންވޭއަކާއި 90 މީޓަރުގެ ޓެކްސީވޭއެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.