ސަރުކާރުގެ އަބަދުވެސް އަމާޒަކީ ރައްޔިތުންނަށް އުންމީދުތަކެއްދީ އުންމީދުތަކަކާއެކީ މަސައްކަތްތަކެއް ކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިލަދުންމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ބިލެތްފައްސަށް ވަޑައިގެން އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިންމުން ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ބިލެތްފަހީގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.  
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ސަރުކާރުން ބޭނުންވަނީ ޒުވާން މޫނުތަކުން ފެންނަ އުންމީދާ އުޖާލާކަން ސަރުކާރުން ކުރާ ކަންކަމާއި ތަރައްޤީގެ މަސައްކަތްތަކުންވެސް ފެނިގެން ދިއުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނުވަނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީއިން ކޮންގްރެސްއެއް ބާއްވާ އެ ޕާޓީއިން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙަށް މަރުހަބާ ވިދާޅުވެފައެވެ. އަދި މި ހަމަޖެހުން އެމް.ޑީ.ޕީ އަށް އައުމުން ޤައުމުގެ ސުލްހަވެރިކަމަށާ މަސްލަހަތަށްވެސް ކުރިއެރުން ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. 
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބޭރުދުނިޔޭގެ ޚަބަރުތަކުން މިހާރު އިވެމުންދަނީ ދިވެހިރާއްޖެއަކީ ތަރައްޤީވަމުން އަންނަ ޤައުމެއްކަމާއި ލޯނު އަނބުރާ ދެއްކުމުގެ ޤާބިލުކަން ހުރި އިޤްތިޞާދު ރަނގަޅަށް ބެލެހެއްޓޭ ޤައުމެއްކަމުގެ ވާހަކަ ކަމުގައި ފާހަގަކުރެއްވެވިއެވެ. އަދި މިކަންކަމުން ދޭހަވަނީ ދިވެހިރާއްޖޭގެ އިޤްތިޞާދުގެ ދުވެލި ދުޅަހެޔޮކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި މިސަރުކާރުން ކޮށްފައިވާ ތަރައްގީގެ މުހިންމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާ ލައްވައި ވާހަކަފުޅު ދައްކަވަމުން، ދުނިޔޭގައި އެންމެ ބޮޑު ނުވަތަ އެންމެ ދިގު ތޮށިލެވިފައިވާ ޤައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ދިވެހިރާއްޖެކަން ފާހަގަކުރެއްވެވިއެވެ. 
ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ މުހާތަބުކުރައްވަމުން، ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ދާއިރު ހަމަޖެހުމާ އަމާންކަމުގެ ވެއްޓެއް ޤާއިމުކޮށްދޭ ފަލްސަފާއެއް ގެންގުޅޭ ބަޔަކާމެދު ވިސްނުމަށް އެދިވަޑައިގެންނެވިއެވެ. އަދި އެބައެއްގެ ވިސްނުންހުރީ ކުދި ރަށްރަށަށް ތަރައްޤީ ގެންނަންތޯވެސް ބަލަން ޖެހޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން ވެރިކަމަށް ބަޔަކު ގެންނައިރު އެބަޔަކީ ހާލަތު ބަދަލުކޮށްގެންވެސް ރައްޔިތުންނަށް އުފާވެރިކަމާ ތަނަވަސްކަން ގެނެސްދިނުމަށް މަސައްކަތްކުރާ ބައެއްތޯ ވިސްނަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ކުރިއަށް އޮތްތާގައިވެސް ރަށްރަށުގައި ހުރި މައްސަލަތައް ހައްލުކުރައްވަން މަސައްކަތް ކުރައްވަމުން ގެންދާނެކަމަށާއި ދިވެހިންގެ އުންމީދުތަކުގައި ކުލަޖައްސަވައި ދެއްވާނީ އެމަނިކުފާނު ކަމުގައި ވިދާޅުވިއެވެ.