ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިންމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބިލެތްފަހި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިންމުން ފާހަގަކުރުމުގެ ގޮތުން ހަނދާނީ ބިނާގެ ފަރުދާ ކައްސަވާލަދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިލަދުންމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ކަނޑިތީމު ބަނދަރު ހުޅުއްވައިދެއްވުމަށާއި، ފުނަދޫ އެއަރޕޯޓް ބިން ހިއްކުމުގެ މަސައްކަތް ނިމުން ފާހަގަކުރުމާއި، ރަންވޭ އެޅުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށާއި، މިލަންދޫ ނަރުދަމާ ނިޒާމްގެ ޚިދުމަތް ދިނުން ރަސްމީކޮށް ފައްޓަވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.