ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިއަދު ހެނދުނު މިލަދުންމަޑުލު އުތުރުބުރީ ބިލެތްފައްސަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ބިލެތްފައްސަށް ފައިބާވަޑައިގެންނެވުމާއެކު އެރަށު ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް އެމަނިކުފާނަށް ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ބިލެއްފައްސަށް ވަޑައިގެންނެވީ އެމަނިކުފާނު، މިއަދު މިލަދުންމަޑުލު އުތުރުބުރީ ބައެއް ރަށްރަށަށް ފެއްޓެވި ދަތުރުފުޅުގެ ތެރޭގައި ހިމެނިގެންނެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ބިލަތްފަހި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިންމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިލަދުންމަޑުލު އުތުރުބުރީ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކަނޑިތީމު ބަނދަރު ހުޅުއްވައިދެއްވުމަށާއި، ފުނަދޫ އެއަރޕޯޓް ބިން ހިއްކުމުގެ މަސައްކަތް ނިމުން ފާހަގަކުރުމާއި، ރަންވޭ އެޅުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށާއި، މިލަންދޫ ނަރުދަމާ ނިޒާމްގެ ޚިދުމަތް ދިނުން ރަސްމީކޮށް ފައްޓަވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.