ބައިނަލްއަޤްވާމީ ގޮތުން މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ބައިވެރިވެވަޑައިގެންފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވެވި މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ނޭޝަނަލް ޑްރަގް އެޖެންސީއަށް އެހީތެރިވެދެއްވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ ހަނދާނީ ފިލާ އެބޭފުޅުންނާ ހަވާލުކޮށްދެއްވާފައެވެ.

މީގެއިތުރުން ކްލައިންޓް މެނޭޖްމަންޓް ސިސްޓަމް އިފްތިތާޙް ކުރައްވައި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމަށް މިއަހަރަށް ކަނޑައަޅުއްވާފައިވާ ޝިއާރު ވެސް މިޖަލްސާގައި ވަނީ އިފްތިތާޙް ކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އަޒްލީން އަޙްމަދާއި، މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޠިމް އިބްރާހީމާއި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީގެ އިތުރުން ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.