ކޮރެއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ލީ ހާން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުއްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ކޮރެއާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާރު ކުރިޔަށްދާ 2018 ވަނަ އަހަރުގެ ވޯރލްޑް ކަޕް މުބާރާތުގައި ރޭ ޖަރުމަނު ވިލާތާއި ކޮރެއާ ބައްދަލުކޮށް ކޮރެއާ ޓީމު ހޯދި ކާމިޔާބީ ފާހަގަކުރައްވާ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ކޮރެއާގެ ޤައުމީ ފުޓްބޯޅަ ޓީމަށް މަރުޙަބާ ވިދާޅުވެފައެވެ.
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ކޮރެއާގެ ސަފީރުވަނީ ދެޤައުމުގެ ދޭދޭ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ މަށްޗަށާއި، އިތުރު ރޮނގުތަކުން ދެ ޤައުމުގެ ގުޅުން ބަދަހިކުރެއްވުމާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއާއި، ވިޔަވާރީގެ ދާއިރާއާއި، ދަތުރުފަތުރުގެ ދާއިރާގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ކޮރެއާގެ ސަފީރުވަނީ އެމަނިކުފާނާމެދު ރައީސުލްޖުމްހޫރިއްޔާ ބެހެއްޓެވި ގާތްކަމަށާއި ވިދާޅުވި ހޫނު މަރްޙަބާއަށް ޝުކުރުއަދާ ކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތާނގައިވެސް ދެޤައުމުގެ ދެމެދުގައިވާ އެކުވެރި ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ކޮރެއާގެ އާ ސަފީރު ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.
މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީ އަޙްމަދު ސަރީރު ބައިވެރިވެވަޑައިގެންނެވިއެވެ.