بســم اللّـه الرّحمـن الرّحيــم

الحمـدللّـه ربّ العـالمـين، والصّـلاة والسّـلام على سـيّدنا محـمّد، خاتم الأنبـياء والمرسـلين، وَعلـى آلـه وصحبـه أجمـعـين.

ބޭރުގެ ޢުދުވާނީ ޙަމަލާތަކާއި، ދިވެހި ޤައުމުގެ މިނިވަންކަމާއި ރައްކާތެރިކަމާ ދެމެދުގައިވާ ފާރަކީ، ދިވެހި ސިފައިންކަން ފާހަގަކޮށް، ދިވެހި ސިފައިންގެ މި ފަޚުރުވެރި، ޝަރަފުވެރި 126 ވަނަ އަހަރުގެ ތަހުނިޔާ، ތިޔަ އެންމެހައި ސިފައިންނަށް އަރިސް ކުރަން. އަދި ހަމައެހެންމެ ތިޔަބޭބޭފުޅުންގެ ޢާއިލާތަކަށް މި އުފާވެރި ދުވަހުގެ ތަހުނިޔާވެސް ދަންނަވަން.

ފެބްރުއަރީ 1 ވަނަ ދުވަހުގެ ރޭ، ސިފައިންގެ މައި މަރުކަޒަށް އަޅުގަނޑު އައީ، ޤައުމުގެ ޙާލަތު އޮތީ ކިހިނެއްކަން ރަނގަޅަށް ވަޒަން ނުކުރެވި ހުރި ހާލުގައި. އެހެންނަމަވެސް، ސިފައިންގެ މައި މަރުކަޒުން އަޅުގަނޑާ މަރްޙަބާކީ، ނުގުޑާފަދަ ވަރުގަދަ ޢަޒުމެއް. އެރެއާ، ވިދިގެން އައި ދުވަސްތަކުގައި ސިފައިންގެ މަރުކަޒުތަކުން އިވެމުންދިޔައީ ސިފައިންގެ ހުވާގައިވާ ޢިބާރާތްތަކުގެ ނިދާ. ”ދުޝްމަނުންނާއި ބަޣާވާތްތެރިންގެ ކިބައިން ދިވެހި ދައުލަތް ސަލާމަތްކުރުމުގައި ހަށިގަނޑާއި ފުރާނައިން ޤުރުބާންވާން ޖެހިއްޖެ ޙާލަތެއްގައި ޤުރުބާންވާން ކެރިހުރެ، މާތް ﷲ ގަންދީ“ ކޮށްފައިވާ ހުވާގެ ނިދާ. ޤައުމުގެ ޙައްޤުގައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ވާން ތައްޔާރަށް ތިބިކަމާއި، ދައުލަތާއި، ޤައުމު ސަލާމަތްކުރުމަށް އަޅުގަނޑު ކުރާ މަސައްކަތުގައި ސިފައިންގެ އެއްވެސް ފަސްޖެހުމެއްނެތްކަމުގައި ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވި ވިދާޅުވުމަކީ، ޤައުމަށް ތެދުވެރި ދިވެހި ދަރިއެއްގެ އަދި ދަރިންތަކެއްގެ ނަމޫނާ.

މިދުވަސްތަކުގައި ކިތަންމެ ހާސްކަމުގައި މަސައްކަތްކުރި ނަމަވެސް، އަޅުގަނޑުގެ ހިތަށް ފިނިކަމެއް ލިބުނު ކަމެއް އޮތް. އެއީ، މި ޤައުމުގެ މައްޗަށް އޮތް އުންމީދުގެ ޝުޢޫރު. ޤައުމުގެ ޙައްޤުގައި، ދިވެހި ދިދައިގެ ޙިމާޔަތުގައި ތެދުވާނެ ދިވެހިން އަބަދުވެސް ތިބޭނެ ކަމުގެ އުންމީދު، ކަށަވަރުކަން.

ފެބްރުއަރީ 1 ވަނަ ދުވަހުގެ ފިލާވަޅަކީ 3 ނޮވެންބަރު 88ގެ ފިލާވަޅާ މާބޮޑު ތަފާތުތަކެއް ހުރި ފިލާވަޅުތަކެއް ނޫން. 19 ދިވެހިންގެ ލޭ ބިމަށް އޮހޮރުވާލި ނޮވެންބަރު 3 ގެ ޙަމަލާގައި، އިސްކޮށް ހުރި މީހާ، އޭގެ 23 އަހަރު ފަހުން، ސްރީލަންކާގެ ނޫހަކަށް ދީފައިވާ އިންޓަރވިޔުއެއްގައި ޙަމަލާދިން ސަބަބުކަމަށް އޭނާ ބުނެފައިވަނީ:

"I wanted to get rid of Gayoom at any cost. As the election process in my country never gave a reasonable opportunity to the Opposition, I felt an outside force should be used to oust Gayoom.”

މިއަދުވެސް ބުނަމުން އެދަނީ މިއާ މާ ތަފާތުވާހަކައެއް ނޫން. އެހެންނަމަވެސް މިރޭ އަޅުގަނޑު ނެތިން، އަޅުގަނޑުގެ މައުޟޫޢަކީ ސިޔާސީ ރެޓޯރިކް ކަމަކަށް ހަދާކަށެއް. އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، މިއީ ޤައުމުގެ މިނިވަންކަމާ ތޮޅޭ ކޮންމެ ފަހަރަކުމެ އަޅާލެވޭ ހަމައެކަނި ސުރުޚީއެއް ކަމުގައި ދަންނަވަން އުޅޭ ވާހަކަ. މިފަދަ ކަންކަމުގެ ޙަޤީޤަތް އަޅުގަނޑުމެން ހޯދަންޖެހޭ. މިފަދަ ސުރުޚީތަކަކީ ތެދު ސުރުޚީތަކެއްތޯ ދެނެގަންނަންޖެހޭ. ކޮށްލަންޖެހޭ ސުވާލެއް އެބައޮތް. ފެބްރުއަރީ 1 ގެ ޙަމަލާ ކާމިޔާބުވީނަމަ އެންމެ ބޮޑު ފައިދާ ލިބޭނީ ކާކަށްތޯ، ކޮންބަޔަކަށްތޯ؟ ރޭވިފައިވާ ގޮތަށް އެކަމެއް ނުވުމުން އެކަމުގެ ހިތްހަމަނުޖެހުމާއި ނުތަނަވަސްކަން އެންމެ ބޮޑުވެފައިވަނީ ކޮންބަޔަކަށްތޯ؟ ކުރެވޭ ސުވާލު.

3 ނޮވެންބަރާއި 1 ފެބުރުވަރީގެ ހާދިސާގެ އަނެއް ފިލާވަޅަކީ، މަތީ މަޤާމުތަކާއި، ޝަރަފުތަކަކީ ކޮންމެހެން ޤައުމަށް ވަފާތެރިކަން ދައްކައިދޭ ނިޝާންތަކެއް ނޫންކަން. ފެބުރުވަރީ 1 ގައި ދެތިން މިލިއަން ޑޮލަރަށް ޤައުމުގެ މިނިވަންކަމާއި ޝަރަފު ވިއްކާލީ އެންމެ އިތުބާރު ހިފެންޖެހޭ މަޤާމުތަކުގައި ތިބި ފަރާތްތަކުން. 3 ނޮވެމްބަރުގައި ޤައުމު ސަލާމަތްކޮށްދިނުމުގެ އެންމެ މުހިންމު އެއް ދައުރެއް އަދާކުރީ ޢުމުރުން ހަމަ އެންމެ 20 އަހަރުގެ ޒުވާން ކޯޕްރަލްއެއް. އޭނާގެ ފުރާނައަށް ނުރައްކާވި ވަގުތު އޭނާ އެދުނީ އިތުރު ވަޒަން ފޯރުކޮށްދިނުމަށް.

ހިތްޕުޅަށް ގެންނަވާ، ވިސްނާވަޑައިގަންނަވާ! މިއަށްވުރެ ބޮޑަށް މިކަން ސާބިތު ކޮށްދޭނެ ކަމެއް އެބައޮތްތޯ؟ ޝަރަފާއި ޤައުމީ ނިޝާނުން ޒީނަތްތެރިވާ ބޭފުޅުންނާއި ޢިލްމުގެ ޚަޒާނާއިން ޢިލްމު އުނގެނިވަޑައިގެން ތިއްބެވި ބޭފުޅުން، ޤައުމަށް ކަމެއް ދިމާވި ހިނދު ކަންކަން ކުރެއްވި ގޮތާއި، މި ޒުވާން ކޯޕްރަލާ ދޭތެރޭގައި ޤައުމީ ހައިސިއްޔަތުން އަޅުގަނޑުމެން ކިރާލާއިރު އަގު ބޮޑީ ކާކުތޯ؟ ސިފައިންގެ ފައުޖުތައް ފަސޭހަގޮތަކަށް ޢަމަލުނުކުރިނަމަ ދެންވާނެ ގޮތް އިންޓަރވިޔުގައި އިތުރަށް ކިޔައިދީފައި އޮތް. ހަމައެހެންމެ ފެބުރުވަރީ 1 ވަނަ ދުވަހު ކެތްތެރިކަމާއެކު މަސައްކަތް ނުކުރެވުނުނަމަ މިއަދު ދިވެހިރާއްޖޭގައި ވެރިކަން ކުރާނީ ކޮންބައެއްތޯ ވަރަށް ވިސްނުންތެރިކަމާއެކީ އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންޖެހޭ. އަޅުގަނޑުމެން ހިތާހިތާ ސުވާލުކޮށްލަންޖެހޭ.

މިއަދުގެ ދުނިޔޭގައި، ޤައުމުތަކަށް ޙަމަލާ ދެވެނީ ޤައުމުތަކުގެ ތެރެއިން ޤައުމުތަކުގެ މީހުން މެދުވެރިކޮށް. The Speech That Killed John F Kennedy ކެނެޑީގެ ޢިބާރާތް ކޮޅުންނަމަ، ތަރުޖަމާ އަޅުގަނޑު ދަންނަވާލާނަން. [މިއަދުގެ ދުނިޔޭގައި ޤައުމުތައް އަޅުވެތިކުރަނީ، އެ ޤައުމުތަކަށް އަރައި ފަތަޙަ ކޮށްގެން ނޫންކަމާއި، އެއާ ޚިލާފަށް
އެ ޤައުމެއްގެ ތެރެއަށް ފިކުރުތައް ފަތުރައިގެންކަމުގައި. އޭނާގެ ވާހަކައިގައި އިތުރަށް ވިދާޅުވަނީ،

"It is a system which has conscripted vast human and material resources into the building of a tightly knit, highly efficient machine that combines military, diplomatic, intelligence, economic, scientific and political operations.”

މިއީ، ޤައުމުގެ ދިފާޢުގައި ތިބި ހަމަ ކޮންމެ ބަޔަކު ދަންނަންޖެހޭ ކަމެއް. ވިސްނާ ފިކުރު ކުރަންޖެހޭ ކަމެއް. އަދި މިއަދުގެ ދުނިޔެއަށްވެސް ވަރަށް ރެލެވެންޓް ވާހަކަތަކެއް. ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދާ މިސާލުތަކުން ނަގަންޖެހޭ ފިލާވަޅުތަކެއް. މިއަދުގެ ޙަމަލާތަކަކީ ޤަބޫލުކުރަން ދަތިވާހާ ކައިރިން އަންނަމުންދާ ޙަމަލާތަކެއް. ދައުލަތް ޙިމާޔަތްކޮށް ރައްކާތެރިކުރަން ޖަހަންޖެހޭ މުގުރު، މިއަދު އެޖެހީ ދައުލަތުގެ ތަނބުތައް މުގުރާލަން ކަމަށްވުމުން މުޅި ޤައުމު ލަދުން އިސްޖަހާލަން ޖެހޭ. މުޅި ޤައުމު ފަޟީޙަތްވާންޖެހޭ.

ގިނަބަޔަކު ފިލާތިބެ ސަރުކާރަށް ފާޑުކިޔާ. އަދި ސަރުކާރަށް ފާޑުކިޔުމުގައި ރާއްޖެއިން ބޭރުގައި ރާއްޖެ ފަޟީޙަތް ކުރުމުގައި އެކިއެކި މަސައްކަތް ކުރަނީ، އެ ދެއްކެނީ ސާބިތު ހިފޭ ވާހަކަތޯ ބަލަންޖެހިގެނެއް ނޫން. އަދި ބަލާފައެއްވެސް ނޫން. ހިތުހުރި ވާހަކައެއް ދައްކަނީ. ދިވެހިރާއްޖޭގެ ކަންކަމާދޭތެރޭގައި ހިތަށް އެރި ގޮތަކަށް ވާހަކަ ދެކެވެމުންދަނީ. އަދި މިދެކެވޭ ވާހަކަތަކުގެ ނަތީޖާއިން ދިވެހިރާއްޖޭގެ ސަލާމަތަށް ފޯރަނީ ކިހާވަރެއްގެ އަސަރެއްތޯ ވިސްނާލާކަށް ހަމަ އެންމެ ހިނދުކޮޅެއްވެސް ހޭދައެއް ނުކުރޭ. އަދި ހަމައެހެންމެ މިދެކެވޭ ވާހަކައިގެ ނަތީޖާއަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދަށާއި މުޅި ދިވެހިރާއްޖެއަށް ކިހާވަރެއްގެ ނިކަމެތިކަމެއް، ކިހާވަރެއްގެ ދެރަކަމެއް ފޯރާފާނެ ކަމެއްތޯ ވިސްނާލާކަށް ނުޖެހޭ. އެއީ، އެމީހުންގެ ޒިންމާއެއް ކަމަކަށް ނުދެކޭ.

ދިވެހިރާއްޖޭގެ އިޖުތިމާޢީ ފޭރާން ހަލާކުކޮށްލުމާއެކީ، ދިވެހިރާއްޖޭގެ ދައުލަތުގެ މަސްއޫލިއްޔަތުގެ ބާރު ކަނޑުވާލުމުގެ މަސައްކަތް މިކުރެވެނީ އެއްވެސް ގޮތެއްގައި އެކައުންޓަބަލް ވާންނުޖެހި. މިކަންކަމުގައި އަޅުގަނޑުމެން ޚިޔާލަށް ގެންނަންޖެހޭ ބައެއް ކަންތައްތައް އެބަހުރި.

ބޭރުގެ ފަރާތްތަކުގެ ހަމްދަރުދީ މި އަންނަނީ ޑިމޮކްރަސީގެ ނަމުގައި. ބޭރުގެ ފަރާތްތަކުގެ ހަމްދަރުދީ މި އަންނަނީ ޑިމޮކްރަސީގައި މިގެންނަ ލިބަރެލިޒަމްގެ ނަމުގައި. ދުނިޔޭގެ ގިނަ ޤައުމުތަކުގައި މި ލިބަރެލިޒަމްގެ ތެރޭގައި ޚިޔާލުފާޅުކުރުން އެކަންޏެއް ނޫން، ދީނުގެ މިނިވަންކަމަކީވެސް ހިމެނިގެންދާ ކަމެއް. އެހެންނަމަވެސް، އަޅުގަނޑުމެންގެ ޚިޔާލުގައި މިއަދުވެސް، މިރޭވެސް އަބަދުވެސް ބަހައްޓަންޖެހޭ ކަމަކީ އިސްލާމްދީން ދޫކޮށްލުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅާފައި އޮތީ ދުނިޔޭގެ ކިތައް ޤައުމުންތޯ! މިއީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާފައި މިއޮތީ އެންމެ 13 ޤައުމުން. އޭގެތެރޭގައި ދިވެހިރާއްޖެއަކީ އެއް ޤައުމު. އެހެންވީމާ، ޒިންމާދާރުކަމާއެކީ ވަކާލާތު ކުރާ ފަރާތްތަކުން މިއިން އެއްވެސް ކަމަކަށް އެއްވެސް ސަމާލުކަމެއް ބަހައްޓާ ކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ.

އާދެ. މިއަދު ދިވެހި ދައުލަތުން މިކުރާ މަސައްކަތްތަކަކީ، ދިވެހި ދައުލަތް ފުރިހަމަ އިސްކޮޅާ ހަމައަށް ތެދުވުމަށް ކުރާ މަސައްކަތް. އަޅުގަނޑުމެން ކުރާ މަސައްކަތަކީ، އަޅުގަނޑުމެން ކުރާ މަސައްކަތްތަކުން ރިޒިލިއަންޓް އިކޮނޮމީއަކަށްވުމުގެ މަސައްކަތް. އަޅުގަނޑުމެންގެ މަސައްކަތްތަކަކީ، އަޅުގަނޑުމެންގެ އަމިއްލަ ފުދުންތެރިކަމާއެކީ، އިޤްތިޞާދު ކުރިއަށް ގެންދިޔުމާއެކީ، އިޤްތިޞާދީ ވަސީލަތްތައް މެދުވެރިކޮށް ދިވެހިރާއްޖެއަށް ބޭނުންވެފައިހުރި އެހެން ކަންތައްތައް ފުދިގެން ދިއުން. އަޅުގަނޑުމެން ކުރާ މަސައްކަތަކީ، އެއްވެސް ޤައުމަކަށް ބަރޯސާނުވެ، އަޅުގަނޑުމެންގެ ޞިއްޙީ ފަރުވާގެ ނިޒާމު ހަމަޖެހިގެންދިއުން. އަޅުގަނޑުމެންކުރާ މަސައްކަތަކީ، އެހެން ކަންކަމުގައިވެސް ދިވެހިންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، ކޮންމެވެސް ވަރެއްގެ ހަމަ އިސްކޮޅާހަމައަށް، އާދެވޭ ބައެއްކަމުގައި ދައްކާދެއްކުން، ކުރާ މަސައްކަތް. އދ. ގެ ސެކިއުރިޓީ ކައުސިލްގެ ނޮން-ޕަރމަނަންޓް މެންބަރު ގޮނޑިއަކަށް އަޅުގަނޑުމެން ކުރިމަތިލައިގެން މިއުޅެނީ، މިދެންނެވި ކަންތައްތައް ޙާޞިލުކުރުމަށްޓަކައި.

ދިވެހިރާއްޖެއަކީ ކުޑަ ޤައުމެއް. އެހެންނަމަވެސް، ޝަރަފުވެރި ޤައުމެއް. އަބުރުވެރިޤައުމެއް. ޘަޤާފަތެއްއޮތް ޤައުމެއް. އުސޫލުތަކެއް ހަމަހަމަކަމާއެކީ، މުޅި ދުނިޔެއަށް ދައްކައިދީފައިއޮތް ޤައުމެއް. އެހެންވީމާ، ދިވެހިރާއްޖެއިން މިކުރާ މަސައްކަތުގައި އަމިއްލަ އިސްކޮޅަށް، ނޫނީ އަޅުގަނޑުމެންގެ ހަމަ އިސްކޮޅަށް، ޖެހިލަން މިކުރާ މަސައްކަތަށް މިދެންނެވި ފަރާތްތަކުގެ، ޝައްކެއްވެސްނެތްގޮތުގައި ހިތް ނުތަނަވަސްކަން އޮންނާނެ. ޙަސަދަވެރިކަން އޮންނާނެ. އަދި މިހާ ކުޑަކުޑަ ޤައުމަކުން، މިހާ އެކަހެރިކޮށްއޮތް ޤައުމަކުން، މި އިޤްތިޞާދީ މަސައްކަތްތަކުގެ ނަތީޖާ، ފެނިގެންމިދާ 4 އަހަރުގެ ތެރޭގައި، އެއީކީ ފަސޭހަކަމާއެކީ، ހިތްހަމަޖައްސާލައިގެން ބަލަން ތިބެވޭ ކަހަލަ ކަމަކަށްނުވޭ. މިކަންކަމުން އަސަރުކުރަނީކީ ހަމައެކަނި ދިވެހިރާއްޖޭގެ އިޤްތިޞާދަކަށް ނޫން. މިކަންކަމުން އަސަރުކުރަނީ ހަމައެކަނި ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށްވެސް ނޫން. ދިވެހިރާއްޖޭގެ އިޤްތިޞާދާއި، ފަތުރުވެރިކަމާއި، އަޅުގަނޑުމެންގެ ފުދުންތެރިކަމާއި އަދި އަޅުގަނޑުމެންގެ އަމިއްލަވަންތަ ސިފަތަކާއި، އަޅުގަނޑުމެންގެ ޘަޤާފަތާއި، މިހުރިހާ ކަމަކަށްވުރެ ބޮޑަށް މިކަންކަން ދިފާޢުކޮށް، މިކަންކަން ދަމަހައްޓަން މިކުރާ މަސައްކަތަކީ އަޅުގަނޑުމެންގެ ޤައުމީ ސަލާމަތާ އެކުވެފައިވާކަމެއް. މިހުރިހާ ކަމެއްގެ އަސަރު، އަޅުގަނޑުމެންގެ ޤައުމީ ސަލާމަތަށް ނުކޮށެއްނުދާނެ. އެހެންވީމާ، މިކުރެވޭ މަސައްކަތަކީ، އަޅުގަނޑުމެންގެ ޤައުމީ ސަލާމަތް ދަމަހައްޓަން ކުރާ މަސައްކަތް. ހުރިހާ ކަމެއްވެސް ނިމިގެން މިއަންނަނީ ޤައުމުގެ ދިފާޢުގައި، ޤައުމުގެ ޙައްޤުގައި ކުރެވޭ މަސައްކަތުގެ ގޮތުގައި. އެންމެ ފަޚުރުވެރި މަސައްކަތެއް މި ކުރަނީ ޤައުމުގެ ޢަސްކަރިއްޔާއިން.

އެހެންވީމާ، މިދެންނެވިގޮތަށް މި ހުރިހާ ކަމެއް ވަށައިޖެހިގެން ދާއިރު، މިކުރެވޭ މަސައްކަތަކީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢު ވަރުގަދަކުރުން. އަޅުގަނޑުމެންގެ މިނިވަންކަން ވަރުގަދަކުރުން. އަޅުގަނޑުމެންގެ އިސްތިޤުލާލު ވަރުގަދަކުރުން. އާދެ، ޤައުމީ ސަލާމަތްކަން ހަރުދަނާކުރުމަށްކުރާ މަސައްކަތް. މިކަމުގައިވެސް އަޅުގަނޑުމެން ނަގަންޖެހޭ ފިލާވަޅެއް ހަމަ ޖޯން އެފް ކެނެޑީގެ ސްޕީޗަކުން އަޅުގަނޑު ދަންނަވާލާނަން. އާދެ، ޖޯން އެފް ކެނެޑީއަށް ރެފަރެންސް މިދެވެނީ. އެއީ ޝައްކެއްވެސްނެތްގޮތުގައި، އެމެރިކާގެ ވަރަށް ވަރުގަދަ ޝަޚުޞަކަށްވާތީ. އަދި މިކަހަލަ މިލިޓަރީ ޓެކްޓިކަލް ވަރަށް ގިނަ ވާހަކަތައް އޭނަގެ ސްޕީޗުގައި ގެންނަވާފައި ހުރީމާ. އޭރުވެސް ރެލެވަންޓް، މިއަދުވެސް ރެލެވަންޓް، މާދަމާވެސް ހަމަ ރެލެވަންޓް ވާހަކަތަކަކަށްވާތީ.

އާދެ، ޤައުމު އެހެން ޤައުމުތަކަށް ބަރޯސާނުކޮށް މިކުރާ މަސައްކަތަކީ، އެއްވެސްގޮތެއްގައި އެމެރިކާވަރުގެ އިޤްތިޞާދީ ސްޓްރެންތަކަށް އަޅުގަނޑުމެންވާނެތީކީ ކުރާ މަސައްކަތެއްނޫން. އެހެންނަމަވެސް، އަޅުގަނޑުމެންގެ އުންމީދަކީ އަދި އަޅުގަނޑުމެންގެ އަމާޒަކީ، މިޤައުމަކީ ފުދުންތެރި، އަދި އަމިއްލަ ފައިމައްޗަށް ތެދުވެ، ގިނަ ކަންކަމުގައި އަޅުގަނޑުމެންގެ ކަންކަން ނިންމޭވަރުގެ ޤާބިލުކަމާއި، ރިސޯސްހުރި ޤައުމަކަށް ހެދުމަށްކުރެވޭ މަސައްކަތް.

ޖޯން އެފް ކެނެޑީ އަވަހާރަކޮށްލެވުނު ދުވަހު، އޭނާ ދެއްވަން ހަމަޖައްސަވާފައިވާ ޚިޠާބުގެ ބައެއް ދަންނަވާލާނަން. އެހެންވީމާ، މި ޚިޠާބަކީ ދެއްވާފައި އޮތް ޚިޠާބެއް ނޫން.

"Ignorance and misinformation can handicap the progress of a city or a company, but they can, if allowed to prevail in foreign policy, handicap this country’s security. In a world of complex and continuing problems, in a world full of frustrations and irritations, America’s leadership must be guided by the lights of learning and reason — or else those who confuse rhetoric with reality and the plausible with the possible will gain the popular ascendancy with their seemingly swift and simple solutions to every world problem.”

އެ ތަޤްރީރުގެ ފަހު ބައެއްގައި ވިދާޅުވެފައިވަނީ،

"our successful defense of freedom was not due to the words we used, but to the strength we stood ready to use on behalf of the principles we stand ready to defend.”

އާދެ، މިއީ އެބޭފުޅުންގެ ވަރުގަދަ އަމާޒަކީ. މިއީ އަޅުގަނޑުމެންގެ ޢަސްކަރިއްޔާއިން ކޮންމެ ސޯލްޖަރަކުވެސް ދަސްކުރަންވީ ފިލާވަޅަކީ. މިއީ، ޢަސްކަރިއްޔާގެ ލީޑަރޝިޕްގައި ހުންނަންވީ ކޮންވިކްޝަނަކީ. އަދި ލީޑަރޝިޕުން މުޅި ޢަސްކަރިއްޔާއާއި މި ޤައުމުގެ ދިފާޢުގައި ކުރަންޖެހޭ މަސައްކަތްތަކުގައި މި ކޮންވިކްޝަން ހުރިކަން އަޅުގަނޑުމެން ދައްކަންޖެހެނީ.

މި ދައުލަތަކީ އިސްލާމްދީނުގެ ސާފުސީދާ މަގުގައި، އެތައް ޤަރުނެއްގެ ޙަޟާރަތެއްގެ މައްޗަށް ބިނާކޮށްފައިވާ ދައުލަތެއް. މި ޤައުމުގެ ޝަރަފަކީ އަޅުގަނޑުމެންގެ އަމިއްލަ އަތުން އުފައްދައި ބިނާކުރި އެއްޗެއް. އެއްވެސް ޙާލެއްގައި ބޭރުގެ ބަޔަކު ހަދިޔާކުރި އެއްޗެއް ނޫން. އެހެންވީމާ، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންވީ، އޭރުވެސް އަޅުގަނޑުމެންގެ ކަންކަން ނިންމޭތޯ ބެލީ އަޅުގަނޑުމެންކަން. އެހެންވީމާ، މިއަދު ކީއްވެގެންތޯ އަޅުގަނޑުމެންގެ ކަންކަން ނިންމަން އަޅުގަނޑުމެން މަސައްކަތް ނުކުރަންވީ. މި ޙަޟާރަތަކީ އަޅުގަނޑުމެން ތަރައްޤީކުރި ޙަޟާރަތެއް. މިއީ ބަޔަކު އަޅުގަނޑުމެންނަށް ހަދިޔާކުރި ޙަޟާރަތެއް ނޫން. އެހެންވީމާ، މި ޢަޒުމުގައި އަޅުގަނޑުމެން ކުރިޔަށްދާން ޖެހޭނީ. މިކަމުގައި އިސްނަގަން ޖެހެނީ ޤައުމުގައި ތިބި ކެރުންތެރިކަން ހުރި ހުރިހާ ފަރާތްތައް. މިކަމުގައި އިސްނަގަންޖެހޭނީ، ދިވެހިރާއްޖޭގެ ޢަސްކަރިއްޔާ. އަދި ހަމައެހެންމެ ޝަރަފުގެ ނިޝާނުގެ ޢިއްޒަތުން ޒީނަތްތެރިވެވަޑައިގެންފައި ތިއްބެވި ދިވެހިރާއްޖޭގެ އިސްރަށްވެހިން. އެހެންނަމަވެސް، ހިތާމައަކީ، އެކަންކަން އަޅުގަނޑުމެންނަށް ފެނުމުގައި ފަނޑުކަމެއް ދާދި އިހަކަށް ދުވަހުވެސް ފެނިގެންދިޔަކަން.

[ ދިވެހިންގެ އުންމަތްކުރިއަރައި ސިލްމާ ސަލާމަތުގައި
     ދިވެހިންގެ ނަން މޮޅުވުން އަދައި ތިބެގެން ކުރީމެ ސަލާމް
ދައުލަތުގެ އަބުރާ ޢިއްޒަތާ މަތިވެރިވެގެން އަބަދަށް
     އައުދާނަވުން އެދި ހެޔޮދުޢާ ކުރަމުން ކުރީމެ ސަލާމް ]

ދިވެހި ޤައުމު މިނިވަންކަންމަތީ ލަހައްޓަވާށި! އަޅުގަނޑުމެންނަކީ އަމިއްލަވަންތަކަމަށް ލޯބިކުރާ ބަޔަކު ކަމުގައި ލަހައްޓަވާށި! އަޅުގަނޑުމެންނަކީ މަޞްލަޙަތު އިސްކުރާ ބަޔަކު ކަމުގައި ލަހައްޓަވާށި! އަޅުގަނޑުމެންނަކީ ޤައުމީ ޒިންމާތަކާއި ޤައުމުގެ އިސްކަން އިސްކުރާ ބަޔަކު ކަމުގައި ލަހައްޓަވާށި! އަދި މިކަންކަން ކުރުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށި! މިކުރެވޭ މަސައްކަތަކީ ﷲ ގެ ރަޙްމަތް މިންވަރު ކުރެވޭ މަސައްކަތެއް ކަމުގައި ލައްވާށި!

ﻭَﻣَﺎ ﺗَﻮْﻓِﻴﻘِﻲ ﺇِلاَّ ﺑِﺎﻟﻠَّﻪِ ﻋَﻠَﻴْﻪِ ﺗَﻮَﻛَّﻠْﺖُ ﻭَﺇِﻟَﻴْﻪِ ﺃُﻧِﻴﺐُ .
والسّــلام عليــكم ورحـمــة اللّــه وبـركاتـــه.