بســم اللّـه الرّحمـن الرّحيــم

الحمـدللّـه ربّ العـالمـين، والصّـلاة والسّـلام على سـيّدنا محـمّد، خاتم الأنبـياء والمرسـلين، وَعلـى آلـه وصحبـه أجمـعـين.

އާދެ، މިއަދަކީ އަޅުގަނޑުގެ ސަރުކާރުގެ ވަރަށް ޚާއްޞަ ދުވަހެއް. މިއަދުގެ މި ޖަލްސާއަކީ، ހަމަ އެހާމެ އުފާވެރި ޖަލްސާއެއް. މިއަދު އިފްތިތާޙު ކުރެވިގެން މިދަނީ، ވަރަށް މުހިންމު ވާހަކަތަކެއް އެކުލެވޭ، އާދެ! އަޅުގަނޑުމެންގެ ވިސްނުމާއި އަޅުގަނޑުމެންނަށް ކުރެވިފައިހުރި މަސައްކަތާއި، އަދި ނުކުރެވިހުރި ކަންކަން ނުކުރެވިހުރީ ކީއްވެގެންތޯ ކޮންމެވެސް ވަރަކަށް ހިސާބުއަކުރުތަކުން ދައްކައިދޭނެ ފޮތެއް. އަޅުގަނޑަށް ލިބިފައި އޮތް އުފާވެރި، ޝަރަފުވެރި ވާޖިބަކީ، މި ފޮތް ހުޅުވާލާފައި ފޮތް ލައްޕާލުން. އަޅުގަނޑު ހިތަށްއަރަނީ، އިކުރާމުގެ ވާހަކަފުޅާއި، އަދި މިތަނުން ފެނިގެން މިދިޔަ މަންޒަރުތަކަށް ބަލާއިރު، ދެން ބުނާނެ އިތުރު އެއްޗެއް އޮތްތޯ! އަޅުގަނޑު ހަމަ ޚިޔާލަށް ގެންނަނީ، އަޅުގަނޑުގެ މިނިސްޓަރ ސަޢީދުގެ ވާހަކަފުޅު. ހަމަ އެންމެ ލަފުޒެއް ބުނެފައި، ބުނެލަން މިޖެހެނީ، މި ދެއްކުނީ ލައްކަ ވާހަކައޭ. އެކަހަލަ ގޮތަކަށް މިއަދު އަޅުގަނޑަށް ވާހަކަ ދައްކަން މި ފުރުޞަތު މި ލިބެނީ.

އާދެ، އަޅުގަނޑު އަވަސްވާނަން، ފުރަތަމައިނުންވެސް މި ފޮތް އެކުލަވާލެއްވުމުގެ މަސައްކަތުގައި އުޅުއްވި، ހަމަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ މަރުޙަބާ ދަންނަވައި، ޝުކުރު ދަންނަވަން. މި ފޮތް އެކުލަވައިލެއްވުމުގައި އެންމެ އިސްބޭފުޅަކަށް އުޅުއްވީ، އިބްރާހީމް އިމްޖާދު ޖަލީލު، އަޅުގަނޑުމެންގެ ކޮމިއުނިކޭޝަންސް ސްޕެޝަލިސްޓް، މިއޮފީހުގެ. އަދި ހަމައެއާއެކީ މިއޮފީހުގެ ވެރިންނާއި، މުވައްޒަފުން ވަރަށް ހީވާގި ވަރަށްބުރަ މަސައްކަތްތަކެއް މިހިރީ ކޮށްދެއްވާފައި. ސަރުކާރުގެ ހުރިހާ ދާއިރާއަކުން މަޢުލޫމާތު ގެންނަވައި، މަޢުލޫމާތު ކޮމްޕައިލްކުރައްވައި އެއްކުރައްވައި، ކަށިފިލުވައި ވަރަށްގިނަ މަސައްކަތްތަކެއް ކުރެވިފައި މިވަނީ. އަދި ފަހު ޗާޕާ ހަމައަށް ގޮސްފައި އޮއްވައި، އަޅުގަނޑުމެންނަށް އެނގިގެންދިޔައީ، ނޫނެކޭ، އަދި މިއީކީ ނޫނޭ ނިމިފައިހުރި މަޝްރޫޢުތަކަކީ. އަޅުގަނޑުމެންނަށް ޚާއްޞަކޮށް އަޅުގަނޑުމެންގެ ސަމާލުކަމަށް އެކަންކަން ގެނެސްދެއްވީ، އަޅުގަނޑުމެންގެ މެންބަރުން، ރައްޔިތުންގެ މަޖިލީސްގައި ހިމެނިވަޑައިގަންނަވައި ޕީ.ޕީ.އެމް ގެ މެންބަރުން.

މި ފޮތުގައި ހިމެނޭ މަޝްރޫޢުތަކަކީ، ޕީ.އެސް.އައި.ޕީ.ގެ ތެރެއިން ހިމަނާފައިހުރި މަޝްރޫޢުތަކެއް. މިނޫން އެހެން ބައިވަރު މަޝްރޫޢުތައް، ކުންފުނިތަކުގެ ތެރެއިން ހިންގިފައިހުރި މަޝްރޫޢުތައް، މިފޮތުގައި ނެތްކަމަށް. އެހެންވީމާ، އަނެއްކާވެސް އިތުރު ވަގުތުކޮޅެއް މިދިޔައީ، މިކަންކަން ފުރިހަމަވެގެންދާން. މިކަންކަން ފުރިހަމަވެގެންދިޔައިމާ، އަޅުގަނޑުގެ ޚިޔާލަށް އަންނަނީ، ދެންމެ މިފެނުނު ތަޞްވީރުތަކާއި، މިފެނުނު ޗާޓުތަކަށް ބަލާއިރު، ﷲ ގެ ރަޙުމަތާއެކީ ހާދަގިނަ މަސައްކަތްތަކެއް ކުރެވިއްޖެއޭ. އަދި ތަފާސް ހިސާބުގެ މުހިންމުކަމަކީ، އެ ޕްރެޒެންޓްކުރާ ގޮތަކުން، ހިސާބު އަކުރުން ބުނެނުދޭ ކިތަންމެ ކަމެއް އަޅުގަނޑުމެންނަށް ވިސްނައިދިނުން. މީގެ ކުރީގެ ސަރުކާރުތަކުގައިވެސް ވަރަށްގިނަ ތަފާސް ހިސާބުފޮތްތައް ހުންނާނީ ނެރެފައި. އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ޢިއްޒަތްތެރި، ޝަރަފުވެރި ބޭފުޅަކު މިހާރުވެސް، މި ޖަލްސާގައި އެބައިންނެވި. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ޙުސައިން. ޢަބްދުއްރަޝީދު ޙުސައިނުގެ ބެއްލެވުމުގެ ދަށުގައި ޕްލޭނިންގ މިނިސްޓްރީ އޮތްއިރު ހަމަ ތަފާސް ހިސާބުނޫންކަމެއް އަޅުގަނޑުމެން ނުކުރާނެ. މަޝްރޫޢުތައް ރޭވުމާއި، މަޝްރޫޢުތައް ހިންގުމާއި، މަޝްރޫޢުތަކުގެ ތަފާސް ހިސާބު.

އެހެންނަމަވެސް، މީހެއްގެ ޚިޔާލަށް ގެނެވޭގޮތަށް އެ އެޕްލައިޑް ފިގަރއެއްގެ ގޮތަށް ބުނެދިނުމަކީ ވަރަށް ތަފާތުކަމެއް. އަޅުގަނޑުމެންނަށް މިއަދު ދެންމެ ފެނިގެންއެދިޔަ މަންޒަރުތަކުން، މި އެޕްލިކޭޝަން ކިތަންމެހާވެސް ރަނގަޅަކަށް ގެނެސްދެވިއްޖެ. މި އެޕްލިކޭޝަންގެ މުހިންމު ކަންތައް މި ފޮތުން މިފެންނަ މުހިންމު ކަންތައްތައް ޙަޤީޤަތުގައި އަޅުގަނޑުމެންގެ ބެކްގްރައުންޑުގައި ދެންމެ ފެނިގެން މި ދިޔައީ. މީގެ އެންމެ މުހިންމު ބޭނުމަކަށްވަނީ، ޙަޤީޤަތުގައިވެސް ތަފާސް ހިސާބުން މަދަރުސާތަކުގައި ކިޔަވާ ކުދިންނަށް، ރިސަރޗްކުރާ ކުދިންނަށް، އަދި ޚާއްޞަކޮށް ސިޔާސީ ބޭފުޅުންނަށް، ވިދާޅުވެދެއްވަން ފަސޭހަފުޅު އެތައް މަޢުލޫމާތެއް، ޕަރސްޕެކްޓިވަށް ގެނެސްދިނުން. މި ފޮތް އެކުލަވާލުމުގެ ވިސްނުން، އަޅުގަނޑުކުރީ މިދެންނެވި ސަބަބަށްޓަކައި. އަޅުގަނޑުމެންގެ ތެރޭގައި އަޅުގަނޑުމެންގެ ޒަޢާމަތުގައި އަޅުގަނޑު އެހާ ޤަބޫލުކުރާ ކަމަކަށްނުވާތީ، ސެންޓްރަލް ޕްލޭނިންގ ފަންކްޝަނެއް ނޯންނާނެ. އެހެންވީމާ، ޕްލޭނިންގ މިނިސްޓްރީއެއް އަޅުގަނޑު ނުއުފައްދަން. އޭގެ ބަދަލުގައި އަޅުގަނޑުމެން ޕްލޭންކުރަމުންދިޔައީ، ހަމަ ކޮންމެ ދުވަހަކުވެސް.

އަޅުގަނޑުގެ ސަރުކާރު އެންމެފުރަތަމަ ފެށިގެންއައިއިރުވެސް، ވަޒީރުންގެ މަޖިލީހުގެ ޖަލްސާތައް ބޭއްވުމަކީ، މީގެކުރީގެ ސަރުކާރުތަކުގައި ބުރަ ކަމަކަށް ވެގެންގޮސްފައިވާތީ އަދި މަދުން ނޫނީ ނުބޭއްވޭ ކަމަކަށްވާތީ، އަޅުގަނޑު ޚިޔާލުކުރީ ވަޒީރުންގެ މަޖިލީހަކީ، ދެ ބަޔަކަށް ބަހައިލައިގެން، އިޖްތިމާޢީ، އިޤްތިޞާދީ ކަންތައްތައް ވަކިން ބަލަހައްޓާ ދެ މަޖިލީހެއް އޮތުމަށް. އެހެންވީމާ، ޙަޤީޤަތުގައި ޕްލޭނިންގ މަސައްކަތް ހިނގަމުންދިޔައީ، ކޮންމެ ދުވަހަކު. ޕްލޭނިންގ މަސައްކަތް ހަމަ ކޮންމެ ދުވަހަކު، ކަންކަމުގެ ވަޒީރުން ވަޑައިގެން ޕްލޭނިންގ މަސައްކަތްތަކެއް ކުރެއްވި. ދުރު ތަޞައްވުރުތަކެއް، ނޫނީ ދުރު ވިސްނުންތަކެއްގެ ޚިޔާލު، ޙަޤީޤަތުގައި އެހުރީ އަޅުގަނޑުގެ މެނިފެސްޓޯގައި ހިމަނާފައި. މެނިފެސްޓޯގައި އައި ޚިޔާލުތަކެއް ތަންފީޒުކުރުމަށް ބޭނުންވާ ސްޓްރެޓީޖީތަކެއް އަޅުގަނޑުމެން އެކުލަވައިލަމުން، އެކަށައަޅަމުންދިޔައީ. ސަރުކާރެއް، ވެރިކަމަށް އަންނަންޖެހޭނީ، އަދި އަމުދުން މިއަދުގެ ދުނިޔޭގައި އަޅުގަނޑުމެންނަށް މި ޤަބޫލުކުރެވެނީ، ތަޞައްވުރަކާއެކީކަން.

އަޅުގަނޑު ހަމަ ކުޑަކުޑަ މިސާލެއް ދަންނަވާލާނަން. އަޅުގަނޑުމެންގެ ވެރިކަންކުރާ ރަށް، މާލެ. މާލެއަކީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ ވެރިކަންކުރާ ރަށް. ހުރިހާ ރައްޔިތުންނަކަށް މަރުޙަބާ ކިޔާ ރަށް. ބޭސްފަރުވާއަށް ކަމަށްވިޔަސް، ތަޢުލީމު އުނގެނެން ކަމަށްވިޔަސް، ވަޒީފާގެ ފުރުޞަތު ހޯދަންކަމަށްވިޔަސް، އަދި ހިތްހަމަޖެހިލައިގެން މިތަނުގައި އުޅެންކަމުގައިވީނަމަވެސް، މިއީ ހުރިހާ ދިވެހިންގެ ރަށް. އެހެންވީމާ، މާލެއަށް އަންނަންޖެހޭ ބަދަލުތަކަކީ، އަންނަންޖެހޭ ބަދަލުތަކެއް. ތަޞައްވުރެއްގެ ވާހަކަ އަޅުގަނޑު މިދެންނެވީ، މި ދެންނެވި ހަމަ މިސާލު އަޅުގަނޑުމެންގެ ޚިޔާލަށް ގެނެވޭތޯ! އަޅުގަނޑު ދަންނަވާލިން، ތަފާސް ހިސާބަކީ، ކަރުދާހުން ފެންނަން އޮންނައިރު، ހަމަ މަރުވެފައި އޮންނަ އެއްޗެއް. އެއީ، ހަމަ ޖަހާފައި އޮންނަ އަދަދެއް. އެހެންނަމަވެސް، އެ އަދަދުގެ ތަފާތު ނަޒަރިއްޔާއިން އެ އަދަދު ކިޔައިދިނީމާ، އަޅުގަނޑުމެންގެ ޚިޔާލަށް އަޅުގަނޑުމެން ވިސްނުމަށް ކަންކަން ގެންނަން ފަސޭހަވެގެންދޭ. އެހެންވީމާ، މި ދެންނެވި ގޮތަށް، ތަފާސް ހިސާބުގައި މާލެއަށް އަންނަންޖެހޭ ބަދަލަށް، މާލެއަށް އަންންޖެހޭ ވިސްނުމަށް، ނޫނީ މާލެއަކީ، ކިހިނެއް ތާށިވެފައިއޮތް، މާލެއަށް މާލޭގެ ޒާތުގައި ދިރުމެއްނެތް އަދި މާލެއަކީ، ހެލްޕްލަސް، ސިޓީއެއްގޮތަށް އޮތް މާލެ.

އެހެންވީމާ، ތަޞައްވުރެއް އޮންނަންޖެހޭ އެއް މިސާލެއް މިދަންނަވާލީ. މާލެއަކީ، ހޯޕްލެސް، ހެލްޕްލެސް، އިންޑިސްޕެއަރ، މިދެންނެވި ސިފަތައްނޫން ސިފައެއް މާލެއަކުނެތް. މާލެއަށް ބަލައިލި ކޮންމެ ކަމެއްގައިވެސް، މާލޭގެ މީހުންއުޅޭ އާބާދީއަށް ބަލައިލިކަމަށްވަންޏާވެސް، އާބާދީ އިތުރުވެގެންދިޔައިމާ، ދެން އިތުރަށް މި އަންނަނީ، ކޮންއެއްޗެއްތޯ؟ އިތުރުން އަންނަ ކޮންމެ އެއްޗަކަށް އެންމެ ފުރަތަމަ މީހެއްގެ ހިތަށްއަރަނީ، އިތުރުވެގެން މިއަންނަނީ، އިތުރުވެގެން އަންނަ ޓްރެފިކާއި، އިތުރުވެގެން އަންނަ ޕޮލިއުޝަން. މި ދެ ކަމަކީވެސް، އޭގެ ޒާތުގައި ތަރައްޤީއާއި ގުޅިފައިހުރިކަންކަން. އެކަމަކު ތަރައްޤީއާއެކީ، މިއައް ޙައްލުތަކެއް އަންނަންޖެހޭ. އެހެންވީމާ، ކުނިގޮނޑުގެ ވާހަކަ އަޅުގަނޑުމެންގެ ޚިޔާލަށް މިއަންނަނީ. މަދަރުސާ ކުދިންގެ ޚިޔާލަށް އަންނަނީ، ކީއްވެގެންތޯ! ބައެއް މަދަރުސާތައް، ކުނިގޮނޑުގެ އުނދަގުލާހެދި، މާލޭގައި އޭރު، ކޮންމެ އަހަރަކު، ކޮންމެވެސް ދުވަސްވަރަކު، ބަންދުވެފައި ހުންނަން މިޖެހެނީ. އަދި އެ ހިސާބުގަނޑުގައި ދިރިއުޅޭ މީހުންނަށް، އެ ދަތި އިޙްސާސްކުރަންޖެހެނީ ކީއްވެގެންތޯ؟ އަޅުގަނޑުމެންނަށް ނިޢުމަތްތައް ލިބުނީމާ، އޭގެކުރީގައި އަޅުގަނޑުމެން ތަޙައްމަލުކުރި ހިތްދަތިކަން، އުނދަގޫކަން ހަނދާނުން ފަހަރުގައި ފޮހެވިގެން ހިނގައިދާނެ. އެހެންނަމަވެސް، ތަޞައްވުރެއް އޮންނަންޖެހޭ ސަބަބު މިދެންނެވީ. މާލެއަކީ، ފުރި ބާރުވެފައި އޮތް ރަށެއްކަމަށް އަޅުގަނޑުމެން އެންމެން ގަބޫލުކުރިން. މާލެއަކީ، އޭގެ ޒާތުގައި އުންމީދެއް ދިރުމެއްނެތް ތަނެއްކަމަށް އަޅުގަނޑުމެން ގަބޫލުކުރީމު. އެހެންނަމަވެސް، މާލެއަށް ބަދަލުތަކެއް އަންނަ އައުމަކީ، ތަޞައްވުރަކާއެކީ އައިމާ، އަޅުގަނޑުމެން ކުރަން މަޖުބޫރުވެގެން، ކުރަން ބޭނުންވި ކަމެއް.

މާލޭގެ ކުނިގޮނޑު މިއަދު އެބައޮތްތޯ؟ މާލޭގައި ބިންނެތިގެން މިއަދު އެބައުޅެންތޯ؟ މާލެއަކީ، މީގެކުރިން، ތޯރިޤުމެން ވިދާޅުވާނެ، ފުރިބާރުވެފައި އޮންނަ ރަށެކޭ. އަޅުގަނޑުގެ މިނިސްޓަރަށް އަޅުގަނޑު މި ރިފަރކުރަނީ. ކުރީގެ ޕްލޭނިންގ އަދި އަރބަން ޕްލޭނިންގގެ ދާއިރާގައި ވަރަށް އިސްކޮށް އުޅުއްވި ވަޒީރެއް، އަޅުގަނޑުގެ ކޮލީގެއްވެސްމެ. އެކަމަކު މިއަދު އަޅުގަނޑު ޤަބޫލެއް ނުކުރަން، މާލޭއަކީ ފުރި ބާރުވެފައި އޮތް ރަށެއްކަމަކަށް. މާލޭގައި 25 ބުރީގެ ޢިމާރާތެއް ހެދިގެން ދިޔައީ. ސަރުކާރުން އެކަނިތޯ 25 ބުރީގެ ޢިމާރާތް މާލޭގައި ހަދަންޖެހެނީ؟ އަމިއްލަ ފަރާތްތަކަށް 25 ބުރީގެ ޢިމާރާތް މިއަދުވެސް ހެދޭނެ. އެވަރުގެ ފުޓް ޕްރިންޓެއް ހިފައިގެން އައިސްފިކަމުގައި ވަންޏާ މިއަދުވެސް 25 ބުރީގެ ޢިމާރާތްތައް އަމިއްލަ ފަރާތްތަކަށް ހެދުމުގެ ހުއްދަ އެބައޮތް. އަދި މާލޭގައި ހެދެންވީ 25 ބުރީގެ ހަމަ އެންމެ ޢިމާރާތެއްތޯ! އަޅުގަނޑު ޤަބޫލެއް ނުކުރަން އިނގޭތޯ. އިރާދަކުރެއްވިޔާ، 2018 ގައި މި ރިޔާސީ އިންތިޚާބާއެކީ ﷲ ގެ ރަޙްމަތުން މާލޭގައި 25 ބުރީގެ އިތުރު އެތައް ޢިމާރާތްތަކެއް ހެދިގެން ދާނެ. އެއީ އެއަށް ޖާގަ އޮތީމާ. އެ ޖާގަ ހޯދަނީވެސް، މާލެއަކީ ހުރިހާ ދިވެހިންގެ ރަށްކަމަށްވާތީ. މާލޭގައި ދިރިއުޅެންޖެހެނީ ވަކި މާލެއަށް ނިސްބަތްވާ ބައެއް ނޫން. އެހެންވީމާ، 25 ބުރީގެ ޢިމާރާތްތައް ގިނަވެގެން މިދަނީ މި ދެންނެވި ޚިދުމަތަށް.

އެއާއެކީ، މާލޭގައި ޓްރެފިކްގެ މައްސަލަތައް އަޅުގަނޑުމެން ޙައްލުކުރަން އެބަޖެހޭ. ޙައްލުކުރުމުގެ ވިސްނުންވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަހުރި. އަދި އެކަމަށް ބޭނުންވާ ކަންކަންވެސް އަޅުގަނޑުމެން އެކުލަވާލައިފީމު. އަދި މާލެއަކީ އެހާބޮޑު އާބާދީއެއް ދިރިއުޅެމުންދާ ތަނަކަށް ވާކަމުގައިވާތީ، އަޅުގަނޑުމެންގެ އާބާދީގެ ބޮޑު ބަޔަކީ، ގާތްގަނޑަކަށް އާބާދީގެ 75 ޕަސެންޓަކީ 35 އަހަރުން ދަށުގެ މީހުން. 35 އަހަރުން ދަށުގެ މީހުން އާބާދީގެ 75 ޕަސެންޓަށްވާއިރު، އޭގެ ތެރޭގައި ކުޑަކުދިން އުޅޭނެ މިންވަރު އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަން އެބަޖެހޭ. ކުޑަކުދިންނަށް ދުޅަހެޔޮ ޞިއްޙަތަކަށް އެންމެ މުހިންމު ކަމަކީ، އެމީހުންގެ ނަފްސާނީ ޞިއްޙަތު ސަލާމަތުން ހުރުން. އެހެންވީމާ، ކުޑަކުދިން ނުކުމެ ހިތްފަސޭހަކަމާއެކީ، މިނިވަންކަމާއެކީ އަދި އެއްވެސްކަހަލަ ދުއްވާ އެއްޗެއްގެ ނުރައްކަލަކާ ނުލައި އުޅެވޭނެކަމުގެ ޔަޤީންކަން ހުރި ތަންތަން ހުންނަންޖެހޭ. ދުވަސްވީ މީހުން، ކުޑަކުދިންގެ ހާލަތު އެއްގޮތަކުންވެއްޖެއްޔާ ހަމަ އެހެންމީހުންގެ އެހީތެރިކަމާއެކީގައި ނޫނީ ކަންކަން ނުކުރެވޭ މީހުން، އެމީހުން ކީއްވެގެންތޯ ހަމައެކަނި 3 ބެޑްރޫމް އެޕާޓްމެންޓެއްގައި، 2 ބެޑްރޫމް އެޕާޓްމަންޓެއްގައި އެމީހުންގެ ދެން ޢުމުރުގެ ބާކީއޮތް ދުވަސްކޮޅު ހޭދަކުރަންވީ. އެމީހުންނަކީވެސް ހަމަ ހިތްފަސޭހަކަމާއި، އަރާމުކަމާއެކީ އުޅެންޖެހޭނެ މީހުން. އެކަން ސަރުކާރުން ކޮށްދޭން ޖެހޭނެ. އެހެންވީމާ، ކުޑަކުދިންނަށް މުނިފޫހިފިލުވާނެ ތަންތަން، ހިތްފަސޭހަކަމާއެކީ ނުކުމެ އުޅެވޭނެ ތަންތަން އަދި އެކަނި ފިލާވަޅު ދަސްކޮށްލަން ތިބެން ބޭނުންވާ ތަންތަންވެސް ހަމަ އުފައްދައިދޭ ފަދައިން، މި ތަންތަނަކީ ދުވަސްވީ މީހުންނަށްވެސް ނޫނިއްޔާ ދޮށީ ރައްޔިތުންނަށްވެސް ބޭނުންކުރެވޭނެ ތަންތަން. އެހެންވީމާ، މިއަދު މާލެއަކީ، ޖާގަ ފުރިފައި އޮތް ތަނެއްކަމަކަށް އެއްވެސް މީހަކު ޤަބޫލެއް ނުކުރާނެ.

މި ތަރައްޤީ މާލެއަށް އަންނައިރު، ހަމަ މިކަހަލަ ތަރައްޤީ މާލެނޫން އެހެން އާބާދީ ބޮޑެތި ސިޓީތަކަށްވެސް އަންނަމުން އެބަދޭ. އަޅުގަނޑަކަށް މި ހުރިހާ ތަފްޞީލެއް ދަންނަވާކަށެއް ވަގުތެއްނުވެސް ނެތް. އަދި ބޭނުންތެރިކަމެވެސް ނެތް. ހަމަ ފޮތް ހުޅުވާލާފައި ފޮތް ލައްޕައިލުން ފިޔަވައި އިތުރުކަމެއް ނެތް. މި ފޮތް ބައްލަވާލެއްވީމާ، ހަމަ ވަރަށް ގިނަ މަޢުލޫމާތުތައް ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ. އަޅުގަނޑު ހަމަ، އަޅުގަނޑުގެ ވާހަކަކޮޅު މި ބިނާކުރީ މި ދެންނެވިގޮތަށް މި ފޮތުން ތަފާސް ހިސާބުން މި ދައްކައިދޭ މަންޒަރު އަޅުގަނޑުމެން އެކި މީހުން އެކި ބޭނުމަށް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭނެ ވަސީލަތެއް ދަންނަވާލުމުގެ ބޭނުމުގައި.

މިތާ އެބަ ތިއްބެވި، އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ، މި ސަރުކާރު ދަމަހައްޓަން މަސައްކަތް ކުރައްވާ، ރައްޔިތުންގެ ޙައްޤުގައި މަސައްކަތް ކުރައްވާ، ރައްޔިތުންގެ މަޖިލިހުގެ ވަރަށް ގިނަ މެންބަރުން. ރައްޔިތުންގެ މަޖިލިސްގެ މެންބަރުންނަށް އެ ބޭފުޅުން މަސައްކަތްޕުޅުގައި، މިވާނެ އަތްމަތީ ފޮތަކަށް. ޝައްކެއްވެސްނެތް. އަދި ހަމަ އެ ބޭފުޅުންނާއެކީގައި މަސައްކަތްކުރައްވާ، އަޅުގަނޑުމެންގެ ފިކުރު ނޫން އެހެން ބޭފުޅުންނަށްވެސް ހަމަ ވަރަށް ރަނގަޅު ފޮތަކަށްވާނެ. އެ ބޭފުޅުން ހަމަ އެ ބޭފުޅުންގެ ދާއިރާތަކަށް ވަޑައިގެންފައި، އެ އަންނަ ތަރައްޤީ މިހާރު ފެނިވަޑައިނުގަންނަވާކަމަށް ވިދާޅުވިނަމަވެސް، މި ފޮތް ހިއްޕަވައިގެން ވަޑައިގެން ހުޅުވާލެއްވީމާ، ފެނިވަޑައިގަންނަވާނެ. އަދި އެއާއެކީ ވިދާޅުވާނެ. އާނ! ތިމަންނަ ދެނެއެއް ނެތީމޭ މީގެ ބަނދަރެއް ހެދުނުކަމެއް. އެއީ ހަމަ ގައިމުވެސް ތިމަންނާ ބަނދަރެއް ހަދާކަށް ވޯޓެއް ނުދެމޭ. އެހެން ނަމަވެސް އެ ބަނދަރުވެސް އޮންނާނީ ހެދިފައި. އެހެންވީމާ، އެ ބޭނުމަށްޓަކައިވެސް، މި ފޮތަކީ ބޭނުންތެރި ފޮތެއް. ދެން، ކިޔަވާ ކުދިންނަށާއި ރިސަރޗް ކުރާ މީހުންނަށް. ކިޔަވާ ކުދިންނާއި ރިސަރޗް ކުރާ މީހުން، އެ މީހުންގެ ޢިލްމީ ބޭނުންތަކަށް މި ފޮތުގެ ބޭނުން އިންތިހާއަށް ބޭނުން ކުރެވޭނެ. މިއީ ކަންނޭނގެ، ފުރަތަމަ ފަހަރު މިގޮތަށް ފޮތެއް އެކުލަވާލެވޭ. މި ދެންނެވިގޮތަށް ކޮންމެ ރަށަކަށް، ތުރާކުނުގައި ހުރެފައި އައްޑޫ ސިޓީގައި ހިނގާފައި ހުރީ ކޮން މަސައްކަތެއްތޯ ބަލައިލާ ކަމަށް ވަންޏާ، މާދުރަކަށް ދާކަށް ނުޖެހޭނެ. ހަމަގައިމުވެސް، ޓިކެޓު ކަނޑައިގެން އައްޑޫ ސިޓީއަށް ދާކަށް ނުޖެހޭނެ. މަންޒަރު ބަލަން ބޭނުންކަމަށް ވަންޏާ ފަހަރެއްގައި އައްޑޫ ސިޓީއަށް ދާން ޖެހިދާނެ. އެކަމަކު މި ފޮތުން ތުރާކުނުގައި ހުންނަ މީހާއަށްވެސް އައްޑޫ ސިޓީއަށް ކުރެވިފައިހުރި ހޭދަ ފެންނާނެ.

އެހެންވީމާ، މި ފޮތަކީ، މި ދެންނެވި ކަހަލަ ކޮމްޕައިލޭޝަންތަކެއް، ތަފާސް ހިސާބުތަކެއް އެކުލަވާފައި އޮތް ފޮތެއް. މީގެ ކުރީގެ ތަފާސް ހިސާބު ހުންނާނެ. އެކި މަޝްރޫޢުގެ ތަފާސް ހިސާބު ހުންނާނެ. އެކަމަކު އެތައް ފޮތެއް އެއްފަހަރާ ބަލައިގެން ނޫނިއްޔާ 4 އަހަރެއްގެ ސްޕޭންގެ ތެރޭގައި، 5 އަހަރުގެ ސްޕޭންގެ ތެރޭގައި ކޮންމެ ރަށަކަށް ހިންގިފައިހުރި މަޝްރޫޢުތަކުގެ ހިސާބުތަކެއް ފެންނާކަށް ނުހުންނާނެ. އެތަކެއް ކޮމްޕައިލޭޝަން މި ފޮތަކީ. އެހެންވީމާ، ތަފާސް ހިސާބަކީ އަޅުގަނޑު ދެންނެވިގޮތަށް އޭގެ ޒާތުގައި އަތުގައި ހަމަ ލިޔެފައި މަރުވެފައި އޮންނަ އަދަދެއް. އެހެންނަމަވެސް އެއަށް ދިރުން ގެނެސްދީފައި، ރައްޔިތުންނަށް އެއަށް މާނައެއް އޮޅުންފިލުވައިދޭކަމުގައި ވަންޏާ، މި ދެންނެވި ކަހަލަ ކޮންޕެރިޒަންތަކެއް، އަޅާކިޔުންތަކެއް ހެދޭނީ މި ދެންނެވި ކަހަލަ ގޮތަކަށް މި ކޮމްޕައިލް ކުރެވިފައި އޮތީމާ.

އަޅުގަނޑު ހަމަ ދަންނަވާލާނަން، ހަމަ ކުޑަކުޑަ ދެތިން މިސާލެއް މި ރިޕޯޓުގައިވެސް ކަވަރު ވެއްޖެ. އަޅުގަނޑު ދަންނަވާ މި ފޮތާބެހޭ އެއްވެސް ވާހަކައަކީ މިއައި ރިޕޯޓުގައި ކަވަރު ނުވާނެ ވާހަކައެއް ކަމަކަށް އަޅުގަނޑެއް ޤަބޫލެއް ނުކުރަން. އަދި، ވަރަށް ފަރިތަކަމާއެކީ، އިކްރާމުގެ ވާހަކަފުޅުގައި އަޅުގަނޑު އެދޭކަހަލަ ގޮތަކަށް އަޅުގަނޑު ޚިޔާލަށް ގެނައިކަހަލަ ގޮތަކަށް، ރައްޔިތުންނަށް މިއިން ކޮންމެ އެއްޗެއް ކޮންކްރީޓްކޮށް، ޤަބޫލުކުރެވޭ މިންވަރަކަށް އެޕްލައިކޮށްފައި، އޭގެ ނަތީޖާ ކިޔައިދެއްވައިފި.

އަޅުގަނޑުވެސް ހަމަ ހައިރާންކަމާއެކީ ބަލައިލަން މިއިނީ، މި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްގެން އަޅުގަނޑުމެން މި ގެންދިޔަ 45 ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގައި، އަޅުގަނޑުމެންގެ ސަރުކާރުން ކޮށްފައި ހުރި ކަންތައްތައް. މިދެންނެވީ އަޅުގަނޑުމެން ދިވެހިރާއްޖޭގައި ދިރިއުޅޭ ރައްޔިތުންނަށް ވެއްޖެއްޔާ އެނގޭނެ ކުއްލި ނުރައްކަލުގެ ޙާލަތު އައީ ކީއްވެގެންކަން. އަދިވެސް އެ ޙާލަތުގެ މަތީގައި ބައެއް ބޭފުޅުން އެބަ ދެމި ތިއްބެވިކަންވެސް އެނގޭނެ. އެހެންވީމާ، ކުއްލި ނުރައްކަލުގެ ޙާލަތު އައީކީ އެހެން ޤައުމުތަކުގައި އަންނަ ޙާލަތު ގެންނަންޖެހޭ ސަބަބަކުންނެއް ނޫން. އެއީ، އަޅުގަނޑުމެން ހަދާފައި ހުރި ޤާނޫނުތަކުން އަޅުގަނޑުމެންނަށް ދަތި އެޅުވޭތީ، ދަތި ފިލުވަން ގެންނަންޖެހުނު ޙާލަތެއް އެއީ. އެނޫން އެއްވެސް ކަހަލަ ޜަރޫރަތެއް އެކަމަށް ނިޔާކޮށްގެން ކުރިކަމެއްނޫން އެއީކީ. އެހެންނަމަވެސް އެކަން ނުކުރިނަމަ، ފަހަރުގައި ނަތީޖާ ނުބައިވެގެން ހިނގައްޖައީސް. ޙަޤީޤަތުގައިވެސް ޤައުމީ ނުރައްކަލުގެ ޙާލަތަކަށް ދައުލަތް ނުވަތަ ޤައުމު ފުރޮޅިގެން ދިއުން. އެހެންވީމާ، މި ދެންނެވި ދެސަބަބު އޮތީ. އަޅުގަނޑު ދަންނަވާލިހެން އަޅުގަނޑުވެސް ހަމަ ހައިރާންވެގެން ބަލަހައްޓައިގެން އިނިން، ދިރާސާކުރަން، ބަލައިލަން. ކުއްލި ނުރައްކަލުގެ ޙާލަތުގެ 45 ދުވަހުގެ ތެރޭގައިވެސް ސަރުކާރުގެ މަސައްކަތް އެ އޮތީ، ލައިފް އިޒް ނޯމަލް. ބިޒްނަސް އޭޒް ޔޫޝުއަލް. ހަމަ އެއްވެސް ކަހަލަ، މަސައްކަތަކަށް އެއްވެސް ކަހަލަ ހުރަހެއް ދަތިކަމެއް އަދި ކުއްލި ވަގުތު ކޮޅެއްވިއަސް ހުއްޓިފައިނެތް. ހަމަ ހުރިހާ މަޝްރޫޢުތަކެއް ޓައިމް ޓޭބަލާ އެއްގޮތަށް ހިނގަމުންދިޔަ. ހަމަ އަޅުގަނޑު ދަންނަވާނީ ބައެއް ވަޒީރުންނަށްވެސް ހިތްޕުޅުގައި އެ އުފެދޭ ނުތަނަވަސްކަން، އިއްޔެގެ ސުޕްރީމް ކޯޓުގެ އަމުރާ ހަމައަށް ނޫނީ ސުޕްރީމް ކޯޓުގެ ޙުކުމާ ހަމައަށް ހިތްޕުޅުގައި އުފެދޭ ނުތަނަވަސްކަމެއް ފިޔަވައި ސުވާލުކުރައްވަންޖެހޭ އެއްވެސް ކަމެއް ނެތް. އެހެންވީމާ، އެކަހަލަ ފައްތަރެއްގައި ދިވެހިރާއްޖެ އޮވެގެން ދަތުރުކުރި ދުވަސްކޮޅެއް އަޅުގަނޑުމެން މި ހޭދަކުރި ހަތަރު ފަސް މަސްދުވަސް މިއީ. މި ހޭދަކުރާ ހަތަރު މަސްދުވަސް.

އެހެންވީމާ، އެނޫން ކަންކަމުގައި ވެއްޖެއްޔާ، އާއްމު ޙާލަތުގައި ވެއްޖެއްޔާ، ދިވެހިރާއްޖެއަށް އައިސްފައިހުރި ތަރައްޤީ އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ. ކުއްލި ނުރައްކަލުގެ ތެރޭގައި މިއައި ކަންތައްތައް ފެނިގެން ދިޔައީމާ، އަޅުގަނޑުވެސް މި ދެންނެވިގޮތަށް، އަޅުގަނޑުވެސް މީގެ ކުރީގައި ދިރާސާކޮށްފައި އޮތްކަމެއް ނޫން. އެހެންވީމާ، ތަފާސް ހިސާބު މި ދެންނެވިގޮތަށް އެޕްލައިކޮށްފައި ގެނެސްދިނީމާ، ވަރަށް ގިނަ ތަފާތު އެއްޗެހިތަކެއް، އަޅުގަނޑުމެންނަށް ތަފާތު މަޢުލޫމާތުތަކެއް ލިބިގެންދޭ.

މި ފޮތުން، ހަމަ ވަރަށް ކުރުކުރުކޮށް ދެ ތިން މިސާލެއް ދަންނަވާލާނަން. ހަމައެކަނި ނަރުދަމާގެ ނިޒާމަށް ބެލިކަމުގައިވީނަމަވެސް، ނަރުދަމާގެ ނިޒާމަށް ބަލާ މި ސަބަބަކީ، ރާއްޖޭގެ ރައްޔިތުން ދިރިއުޅޭ ހުރިހާ ތަނެއްގައި، އެންމެ މުހިންމު އެއްކަމަކަށް މިހާރު ވެފައި މިއޮތީ ފެނާއި ނަރުދަމާ. އެއީ، ފަސޭހަކަން އެކަންޏެއް ނޫން. ދުޅަހެޔޮ ޞިއްޙަތެއްގެ މަތީގައި ތިބުމަށްޓަކައިވެސް ހަމަ ލާޒިމުކަމަކަށް ވެގެންދާތީއާ އެކީ. އަޅުގަނޑުމެން މިހާރު މި ހޭދަކުރި 4 އަހަރުގެ ތެރޭގައި 21 ނަރުދަމާ އެ އޮތީ ނިމިފައި. މިއަހަރުގެ ތެރޭގައި 42 ނަރުދަމާގެ މަސައްކަތް ނިންމޭތޯ އަޅުގަނޑުމެން މިބަލަނީ. ނަތީޖާއަކަށް ވެގެންދާނީ، އިރާދަކުރެއްވިއްޔާ މި 5 އަހަރުގެ ދައުރު ނިމިގެންދާއިރު، ރާއްޖޭގެ އާބާދީގެ 75 ރަށުގެ މީހުންނަށް ނަރުދަމާގެ ޚިދުމަތް ލިބިގެންދިޔުން.

ހަމައެގޮތަށް، ބަނދަރުގެ ޚިދުމަތަށް ހިންގަވާ ބަލައިލަމާ. ބަނދަރު ހެދުމުގެ ވާހަކަ އަޅުގަނޑުވެސް އަޑުއެހިން، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި 17ވަނަ މަޖިލީހުގައި އިންއިރު، ކުރީގެ ސަރުކާރެއްގެ ވަޒީރަކު ވަޑައިގެން ދެއްކެވި ވާހަކަ. ދިވެހި ސަރުކާރުން ބަނދަރު ހަދައިދެވިފައި ހުރި ވާހަކަ. އެކަމަކު، މިއަދުގެ ޙަޤީޤަތަކީ، މިއަދުގެ މި ތަފާސް ފޮތުން، އަޅުގަނޑުމެން އެބަ ކޮމްޕެއަރ ކުރަން، އަޅާކިޔަން، އެ ސަރުކާރުތަކުން ކޮށްފައިހުރި މަސައްކަތާއި، މި ސަރުކާރުގެ 4 އަހަރުގެ ތެރޭގައި، 4 އަހަރާއި 3 މަސް ދުވަހުގެ ނިޔަލަށް، މާރިޗު މަހުގެ ނިޔަލަށް ކުރެވިފައިހުރި މަސައްކަތް. ތަފާސް ހިސާބަށް ބަލާކަމަށްވަންޏާ، އަޅުގަނޑު ހަމަ ދަންނަވާލާނަން، ބަނދަރު ހެދުމުގެ ކަންކަމަށް ބަލާކަމަށްވަންޏާވެސް ހަމަ މިފޮތުން، ހަމަ އެއް ޞަފްޙާއަކުން އެބަފެނޭ 2017 ވަނަ އަހަރުގެ ނިޔަލާހަމައަށް ދިޔައިރު، 50 ރަށެއްގައި ބަނދަރު ހަދައި އެ އޮތީ ނިމިފައި. 2018 ވަނަ އަހަރު، މި މަސައްކަތް ކުރަނީ އިރާދަކުރެއްވިއްޔާ އިތުރު 30 ރަށެއްގައި ބަނދަރު ހަދައި ނިންމަން. އެހެންވީމާ، 80 ރަށުގައި ބަނދަރު ހަދައި ނިމިގެން އެދަނީ. ލަފައިފޭބުމުގެ ދަތި ފިލުވައިދިނުމަށްޓަކައި، މިހާރުވެސް އެވަނީ، 88 ރަށަށް ދާއިމީ ޙައްލެއް ގެނެސްދެވިފައި. އަޅުގަނޑުމެންގެ މި 5 އަހަރުގެ ސަރުކާރު ނިމިގެންދާއިރު، ރާއްޖޭގެ މީހުންއުޅޭ 187 ރަށުގެ ތެރެއިން 118 ރަށުގައި ލަފާފުރުމުގެ ދަތިކަން ހަމަ ދާއިމީކޮށް އިރާދަކުރެއްވިއްޔާ ޙައްލުވެގެންދާނެ. އެހެންވީމާ، ތަފާސް އެޕްލައިކޮށްފައި، ކިޔައިދިނީމަ، މީގެ ތަފާސް އަޅުގަނޑުމެންނަށް ވިސްނޭލެއް ބޮޑުވެގެންދޭ.

ދެން މިފޮތުން، އަޅުގަނޑުމެންނަށް ލިބޭ އެންމެ ރަނގަޅު ކޮމްޕެރިޒަންއަކީ، ހަމަ ޙަޤީޤަތުގައިވެސް 2009 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރު، މި ސަރުކާރާ ހަމައަށް ހަވާލުވާން، މިއައި 5 އަހަރުގެ ތެރޭގައި، ކޮންމެ ރަށެއްގައި މި ހިނގައިފައިހުރި މަޝްރޫޢު ނިންމާފައި، ސަމަރީއެއްގައި ގެންނަވާފައި މިއޮތީ، އެ 5 އަހަރުގެ ތެރޭގައި، އޭރުގައި އޮތް ދެ ސަރުކާރު. އާދެ، ރައީސް ނަޝީދުގެ ސަރުކާރާއި، ރައީސް ވަޙީދަށް ލިބިވަޑައިގެންނެވި ކުރު މުއްދަތުގެ ސަރުކާރާ. މި ދެ ސަރުކާރުން، އާދެ، 5 އަހަރުގެ މުއްދަތުގެ ތެރޭގައި، އެއްރަށަށް ކުރެވިފައިހުރި މަސައްކަތްތައް. އޭގެ ޞަފްޙާގެ ބޮޑުބައިގައި މިއޮތީ، މި ސަރުކާރުން ހިންގައިފައިހުރި މަޝްރޫޢު. ދެން ބޮޑުބައިގައި އޮންނާނީވެސް އެހެން ކަންނޭނގެ. އަޅުގަނޑުމެން މިތަން ބަލައިލީއިރު، އޭރު ހިންގައިފައި ހުރި ކޮންމެ މަޝްރޫޢަކަށް ނިސްބަތުން 6 މަޝްރޫޢު މިއޮތީ މި ސަރުކާރުން ހިންގާފައި. އެހެންވީމާ، މި ޞަފްޙާގެ ހަމަ ބޮޑުބައި ދާނީވެސް އެހެންކަންނޭގެ.

އެހެންވީމާ، އެއްފޮތަކުން ސިޔާސީ މީހުންނަށް ޚާއްޞަގޮތެއްގައި، މި މަޢުލޫމާތު ނެތްކަމަށް، ނޫނީވިއްޔާ ކަމެއް ނުކުރާކަމަށް މި ދެކެވޭ ވާހަކަތަކަށް، ޖަވާބު ދެއްވަން ފަސޭހަފުޅު އަތްމަތީ ފޮތަކަށްވެގެން މިފޮތްދާނެ. އެހެންވީމާ، މި ކޮމްޕައިލޭޝަނަކީ ޝައްކެއްވެސްނެތްގޮތުގައި، ޚާއްޞަގޮތެއްގައި ވަކާލާތު ކުރުމަށް ބޭނުންވާ ރައްޔިތުންގެ މަޖިލިސްގެ މެންބަރުންނަށާއި، ސިޔާސީ މީހުންނަށާއި އަދި ޢިލްމީ ދިރާސާތައް ކުރައްވާ ބޭފުޅުންނަށްވެސް ޝައްކެއްނެތްގޮތުގައި، ފަސޭހަވެގެންދާނޭ ކަމެއް. މީގެ މައްޗަށް ބިނާކޮށް، ދެންއޮތް 5 އަހަރުގެ އަރބަން ޕްލޭނިންގއާއި، ދެން އޮތް 5 އަހަރުގެ އިޤްތިޞާދީ ތަޞައްވުރު އެކުލެވިގެންދާނީ. މި ދެންނެވި ތަންތަނަށް ޢުމްރާނީ ތަރައްޤީ ގޮސްފައިހުރި މިންވަރުން، އެތަންތަނަށް ދެން ކުރަންޖެހޭ ކަންކަމަކީ، ޙަޤީޤަތުގައިވެސް، އާމްދަނީ ހޯދުމުގެ ވަސީލަތްތައް ގެންދިޔުން. އެންމެ ފުރަތަމަ މަސައްކަތަކީ އެތަނުގެ ކޯ-ޑިވެލޮޕް ކުރުން. އެއީ، މިދެންނެވިގޮތަށް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްވެގެން ދިޔުން. ޔޫތު ސިޓީގެ މިސާލު އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަވަމާ ހިންގަވާ! އެއީ ފުރަތަމަ އޮތް ކަނޑެއް ނޫނީވިއްޔާ ފަޅެއް. އަޅުގަނޑުމެން އެތަން ހިއްކީމު. އަޅުގަނޑުމެން އެތާ ނަރުދަމާ ހޮޅިއާއި، ފެންހޮޅިއާއި އެހެން ކަންކަން ކުރަމުން މިގެންދަނީ. އަދި އެއާއެކީ އޭގެ އެއްގަމު ތޮށްޓާއި ބޭރުތޮށި ލެވުނީ. ދެން އެތަން ބަދަލުވެގެން މިދަނީ ޔޫތު ސިޓީއަކަށް. ހިޔާ މަޝްރޫޢުތައް ހިނގަން ފަށައިފި. އަދި އެއާއެކީ އަޅުގަނޑުމެން މިބަލަނީ، މިސަރަޙައްދުގައި އޮތް ގްލޯބަލް ކޯޕަރޭޓިވް ސިޓީއަކަށް، ޔޫތް ސިޓީ ބަދަލުވެގެން ދާނެކަމަށް. އެހެންވީމާ، ކޮންމެ ރަށަކަށް މިއަންނަ ތަރައްޤީ، ޢުމްރާނީ ތަރައްޤީ، ގދ. ތިނަދޫ އަޅުގަނޑުމެންގެ ޚިޔާލަށް ގެނެސްފިކަމަށްވަންޏާ، ތިނަދޫގައި މިމަޝްރޫޢުތައް ހިންގައި ނިމުނީމަ، ދެން އިތުރަކަށް ހިންގަންޖެހޭ ޢުމްރާނީ މަޝްރޫޢެއް ތިނަދުއަކު ނޯންނާނެ.

ދެން އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ، އެ މަޝްރޫޢުތައް ބިނާކޮށް، އާމްދަނީ ލިބޭނެ އިތުރު ވަސީލަތްތައް އުފެއްދުން. އެހެންވީމާ، މިއީ ޕްލޭނިންގ ޕްރޮސެސްއަށްވެސް، ރިސަރޗްކުރާ މީހުންނަށްވެސް، އަދި ވަކިން ޚާއްޞަކޮށް ސަމާސާ ޒުވާބުކުރަންވިޔަސް، ފިނިއަށީގައި ޒުވާބުކުރަންވިޔަސް، މި އަތްމަތީ ފޮތަކީ ޝައްކެއްވެސްނެތްގޮތުގައި އަތްމަތީ ފޮތެއް. އެކަމަކު ފޮތުގައި މިހުންނަނީ ޙަޤީޤަތް. މިފޮތުގައި މި ހުންނަނީ، ސަރުކާރުގެ ބަޖެޓުންނާއި، ކުންފުނިތަކުގެ ހޭދައިން، ހޭދަކޮށްފައިހުރި ފައިސާ.

އެހެންވީމާ، މި ފޮތަކީ ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެންގެ ބަޙުޘްތަކުގައި ވަރަށް ބޭނުންތެރި، އަދި ކުރިއަށް މިއޮތް ސިޔާސީ މޫސުމަށް ބަލާކަމަށްވަންޏާ، ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެންގެ މަސައްކަތްތައް މިފޮތާ ނުލައި، ނުކުރެވޭނެކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އެހެންވީމާ، މިހުރިހާގޮތަކުން މިފޮތަކީ މުހިންމުފޮތެއް. އަދި މުޅި ރާއްޖޭގެ ތަޞައްވުރު، އަޅުގަނޑުމެންގެ ތަޞައްވުރަށް ކިހާވަރެއްގެ ޙަޤީޤަތެއްތޯ، ކިހާވަރެއްގެ ކުލަޖެހުމެއްތޯ ގެނެސްދެވިފައިއޮތީ، ކިތަންމެ ރަނގަޅަކަށްވެސް ދައްކައިދޭ ފޮތެއް. ދެން މިފޮތުގެ ތަފުސީލްތައް ދެންމެ އިކްރާމް ހުށަހެޅުއްވި ޕްރެޒެންޓޭޝަނުގައި ގެންނެވިގޮތަށް އެއީ ހަމަ ދިރާސާ ކުރައްވާ ބޭފުޅުންގެ އަތްޕުޅުމަތީގައި އޮތީ އެކުލަ ޖައްސާނެގޮތަކަށް ކުލަ ޖެއްސުން. އެބޭފުޅަކު ގެންގުޅުއްވާ ފިއްސަކުން، އެބޭފުޅަކު ޖައްސަވާނެ ކުލައެއް ޖެއްސެވޭނެ. އެކަމަކު މި ޙަޤީޤަތްތަކަކަށް ބަދަލެއް ނާންނާނެ. މި ޙަޤީޤަތުގެ މައްޗަށް ބިނާކޮށް ކޮމްޕެރިޒަން، އެއްކަމެއް އަނެއްކަމެއް، އެއް ރަށެއް އަނެއް ރަށެއް، އެއް ސަރުކާރެއް އަނެއް ސަރުކާރެއް ހެއްދެވޭނެ. އަދި، ރައްޔިތުންނަށް އެންމެ ދަތިވެފައިހުރި ކަންތައްތައް ދަތިވެފައިހުރީ ކިހާ ދުވަހެއް ވަންދެންތޯ،
އެ ދަތިތައް ފިލުވަން، މި ސަރުކާރުގެ 4 އަހަރުގެ ތެރޭގައި ކުރެވުނީ ކޮން މަސައްކަތެއްތޯ، އެމަސައްކަތުގެ ނަތީޖާ ކިހާވަރެއްތޯ! އެއީ، ޝައްކެއްވެސްނެތްގޮތުގައި، މިފޮތުން ބުނެދޭނެ އެއްޗެއް.

އެހެންވީމާ، ކޮލިޓީ އޮފް ލައިފް އިމްޕްރޫވްވެގެން މިއައީ ކިހާވަރެއްތޯ މިއިން ބުނެދޭ. މިއީ ޢުމްރާނީ ތަރައްޤީގެ ފޮތެއް ކަމުގައި ވީނަމަވެސް، މިފޮތުގެ އެންމެ ފަހު ޗެޕްޓަރުގައި، ނޫނީވިއްޔާ އެންމެ ފަހުގެ އެނަލިސަސްގައި މިބުނަނީ، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ކޮލިޓީ އޮފް ލައިފް، ނޫނީވިއްޔާ ނެޓް ނެޝެނަލް ވެލިޔު، އިތުރުވެގެން އައީ ކިހާވަރެއްތޯ. ދެން އިކޮނޮމެޓްރިޝަނެއްގެ މަސައްކަތަކަށް ވާނީ އެއަށް ފިގަރއެއް ޖެހުން. އެހެންނަމަވެސް މިއީ ކޮލިޓީ އޮފް ލައިފް އިމްޕްރޫވްކުރަން ކުރެވިފައިހުރި މަސައްކަތް. މީގެ މައްޗަށް ޢުމްރާނީ މަސައްކަތް، އެކަމަކު މީގެ މައްޗަށް ދެން އަންނާނީ، ނެޓް ނެޝެނަލް އިކޮނޮމިކް ވެލްފެއަރ އިތުރުވެގެން އައީ ކިހާވަރެއްތޯ ބެލުން. އެއީ، މިފޮތުން މި ދައްކައިދޭ ފިލާވަޅަކީ.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް ރައީސްއޮފީހުގެ ހުރިހާ ވެރިން، މުވައްޒަފުން، ޚާއްޞަކޮށް އިމްޖާދު، ވަރަށް ބުރަކޮށް، ވަރަށް އަވަދިނެތި، ވަރަށް ގިނަ މަސައްކަތްތަކެއް މިއޮތީ ކޮށްދެއްވާފައި. މިއީ، އަޅުގަނޑުމެން ހަމައެކަނި އާސާރުގައި ބާއްވާލާ ފޮތަކަށް ނަހަދަމާ ހިންގަވާ! މިއީ ސްކޫލްތަކުގައި ހަމަ ރިސަރޗްގައިވެސް ބޭނުންކުރެވޭނެ ފޮތެއް. އަދި ކުށްމަދުކުރަން މަސައްކަތްކުރައްވާ، ޔުނީފޯމުގައި ތިއްބަވާ ބޭފުޅުންނަށްވެސް މިފޮތުގެ ބޭނުން ހިއްޕެވޭނެކަމަށް އަޅުގަނޑު ގަބޫލުކުރަން. އެއީ، ފަހަރުގައި މިކަހަލަ ފޮތެއްގައި، އެންމެ ބޭނުން ދުރުބަޔަކަށްވާނީ މިދެންނެވިގޮތަށް ލޯ އެންފޯސްކުރާ މީހުންކަމުގައި ހީވިނަމަވެސް، އެއީ ޙަޤީޤަތެއް ނޫން. މިފޮތުގެ ބޭނުން ހަމަ ހުރިހާ ފަރާތަކަށްވެސް ހިއްޕެވޭނެ.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. ތިޔަ ހުރިހާ ބޭފުޅުން އަޅުގަނޑުމެންގެ މިޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވިކަމަށްޓަކައި، ތިޔަ އެންމެ ބޭފުޅުންނަށް ޝުކުރު ދަންނަވަން. ޙަޤީޤަތުގައި މި ފޮތުގެ މަސައްކަތަކީ، އަޅުގަނޑުމެން އެންމެން ގުޅިގެން ކުރި މަސައްކަތް. އަޅުގަނޑަށް ލިބުނު ހިތްވަރަކީ ޙަޤީޤަތުގައިވެސް އަޅުގަނޑުގެ ކޮމިޓްމަންޓާއެކީ ކުރިއަށް ގެންދިޔުމަށް، އަޅުގަނޑާއެކީ ސާބިތުވެ ތިޔަ އެންމެހައިބޭފުޅުން ތިއްބެވީމަ. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ހެވަށް، ރައްޔިތުންގެ ކުރިއެރުމަށް، ރައްޔިތުންގެ މަޞްލަޙަތަށް އަދި ދިވެހިރާއްޖެއަކީ އަމާން، ފާގަތި، އުފާވެރި ތަނެއްގެ ގޮތުގައި ދެމިއޮތުމަށްޓަކައި ކުރައްވާ މަސައްކަތް. އިރާދަކުރެއްވިއްޔާ، މި މަސައްކަތުގައި ﷲގެ ތައުފީޤާއި ބަރަކާތް މިންވަރު ކުރައްވާށި!

والسّــلام عليــكم ورحـمــة اللّـه وبـركاتـــه.