بســم اللّـه الرّحمـن الرّحيــم

الحمـدللّـه ربّ العـالمـين، والصّـلاة والسّـلام على سـيّدنا محـمّد، خاتم الأنبـياء والمرسـلين، وَعلـى آلـه وصحبـه أجمـعـين.

ދިވެހި ޢިއްޒަތްތެރި ޝަރަފުވެރި ފުލުހުން،

السّــلام عليــكم ورحـمــة اللّــه وبـركاتـه.

އާދެ، ޝައްކެއްވެސްނެތްގޮތުގައި، މިރޭ އަޅުގަނޑުމެން އިޙުތިފާލު މިކުރަނީ، ވަރަށްވެސް އުފާވެރި މުނާސަބަތެއް. ފުލުހުންގެ ޚިދްމަތަށް، ފުލުހުންގެ މަތިވެރި ޤައުމީ ޚިދްމަތަށް، 85 އަހަރު ފުރިގެން ހިނގާ އުފާވެރި އަހަރުގެ ތަހުނިޔާ، ތިޔަ ހުރިހާ ފުލުހުންނަށް އަރިސްކުރަން. އަދި ހަމައެހެންމެ ފުލުހުންގެ އާއިލާތަކަށް ވަރަށް އިޚުލާޞްތެރިކަމާއެކީ، މަރުޙަބާ ދަންނަވައި ތަހުނިޔާ ދަންނަވަން. ފުލުހުންގެ ޚިދްމަތް، މީގެ 85 އަހަރު ކުރިން ފެށިފައިވީ ކަމުގައިވީނަމަވެސް، ފުލުހުންގެ ޚިދްމަތް، ވަކި ސަރވިސް ބޮޑީއެއް ގޮތަށް، ވަކި ޔުނިފޯމެއް، ވަކި ޑިސިޕްލިންއާއެކީ، ފެށިފައި މިވަނީ، ހަލަބޮލިކަމުގެ ދުވަސްތަކެއްގެ ތެރެއިން.

އާދެ، އަޅުގަނޑުމެންގެ ޚިޔާލުގައި މި ދުވަސްތައް ހުންނަންވާނެ. އަޅުގަނޑުމެންގެ ޚިޔާލުގައި 2003 ވަނަ އަހަރުގެ ސެޕްޓެންބަރުމަހު ރާއްޖޭގައި ހިނގައިދިޔަ ކަންތައްތައް އަބަދުވެސް އާވެއާވެ ހުންނަންވާނެ. އަދި އެކަންކަމުގެ ނަތީޖާއެއްގެ ގޮތުން، 2004 ވަނަ އަހަރުގެ ސެޕްޓެންބަރުން 1 ވަނަ ދުވަހު، ވަކި ޔުނިފޯމު ބޮޑީއެއް ގޮތަށް މިއަދުގެ ފުލުހުންގެ ޝަރަފުވެރި މުއައްސަސާ މިވަނީ އުފެދިފައި. އަޅުގަނޑުމެންގެ ޚިޔާލަށް އަންނަންޖެހެނީ، ފުލުހުން އުފަންކުރުވީ، ރާއްޖޭގެ ގަޑުބަޑުތަކެއް. ރާއްޖޭގެ ހަމަނުޖެހުންތަކެއް. ރާއްޖޭގެ ޞުލްޙައާއި މަސްލަޙަތު ނަގާލާ ކަންތައްތަކެއް. އޭރު ކަންތައްތައް ހިނގަމުންދިޔަ ކަންތައްތައް ހިނގަމުންދިޔައީ، އަޅުގަނޑުމެންނަށް އެހާ ފަސޭހައިން ގަބޫލުނުކުރެވޭ އިޞްޠިލާޙުތަކެއްގެ ތެރޭގައި. ޑިމޮކްރަސީގެ ނަމުގައި ޑިމޮކްރަސީގެ އެކިއެކި މަފްޙޫމުތައް އޮޅުވައިލައިގެން ރާއްޖޭގެ ތަންދޮރު ދަންނަ ބަޔަކު ސިޔާސީ މަންފާތަކެއް ހޯދުމަށް ކުރި މަސައްކަތްތަކެއްގެ ތެރެއިން. އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، މިނިވަން ބަހުސްގެ ނަމުގައި ތަފާތު އެކި ޝުޢޫރުތައް ރާއްޖޭގެ އެކި ފެންވަރުގެ މީހުންނަށް. އޭގެތެރޭގައި ޚިދްމަތްދޭން ތިބި މަތީފަންތީގެ ފުލުހުންނަށް، ސިފައިންނަށް އަމާޒުކޮށްގެން އަދި ސަރުކާރުގެ މުއައްސަސާތަކުގައި އެންމެ އިސްފަންތީގައި ތިއްބެވި ބޭފުޅުންގެ އަބުރަށް އަރައިގަތުމަށް ޢީދެއް ގެނެސްގެން ކުރެވުނު މަސައްކަތްތަކެއް.

ފުލުހުންގެ އަހަރީ ދުވަހެއް، އަޅުގަނޑުމެންގެ ޚިޔާލަށް އަންނައިރު، އަދި ހަނދާންކުރާއިރު، އަޅުގަނޑުމެންގެ ހިތަށް އަބަދުވެސް އަންނަންޖެހޭ ކަންތައްތަކެއް އެބަހުރޭ.  ޝައްކެއްވެސްނެތްގޮތުގައި، އުފާވެރި ދުވަހެއް މިއަދު މިއީ. އުފާވެރި ރެއެއް. ދިގު މުއްދަތުގެ ޚިދްމަތްތަކެއް ފުލުހުންގެ ޚިދްމަތަށް ދެއްވި ބޭފުޅުންކޮޅެއް، ދެންމެ އަޅުގަނޑުމެން މި ސްޓޭޖްމަތިން މިދުށީ. އެ ބޭފުޅުންގެ ޚިދްމަތަށް ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެން އެންމެން އުފަލާއެކު މަރުޙަބާ ދަންނަވާނެ.

އަދި ހަމައެހެންމެ، ފުލުހުން ރާއްޖެއިން ބޭރުގައި ތިޔަ ހިންގަވާ އެކިއެކި ތަމްރީނު ކޯސްތަކާއި، އެކިއެކި މުބާރާތްތަކުގައި ފުލުހުންގެ މުއައްސަސާއަށާއި، ރާއްޖެއަށް ރީތިނަން ގެނެސްދެއްވި ބޭފުޅުންކޮޅެއްގެ ޚިދްމަތް، އަޅުގަނޑުމެން ދެންމެ ސްޓޭޖްމަތިން އަގުވަޒަންކޮށްފީމު. އެ ހުރިހާ ބޭފުޅުންނަށްވެސް، ވަރަށް އުފަލާއެކީ މަރުޙަބާ ދަންނަވައި ތަހުނިޔާ ދަންނަވަން.

އެކަމަކު މިކަންކަމާއެކީ، އަޅުގަނޑުމެންގެ ޚިޔާލަށް އަބަދުވެސް ގެންނަންޖެހޭ ކަމަކީ، ފުލުހުންގެ ޚިދްމަތަކީ، ކޮމިއުނިޓީއާ ކިތަންމެ ގާތުން، އަދި ކިތަންމެ ފެމިލިއަރކޮށް ދޭ ޚިދްމަތެއް ކަމުގައިވީނަމަވެސް، އަޅުގަނޑުމެންގެ އެޕްރިސިއޭޝަންގެ މިންގަނޑު އެއީ، އަޅުގަނޑުމެންގެ އުފަލަކަށް ހަދަންޖެހޭ މުއައްސަސާއަކަށް ފުލުހުންނުވޭ. ފުލުހުންގެ މުއައްސަސާގެ މަސައްކަތަކީ، މުޅި ރާއްޖޭގެ ހުރިހާ އެންމެންގެ މުދަލާއި، ރައްކާތެރިކަމާއި، އަމާންކަމަށް ޢަޒުމު ކަނޑައަޅައިގެން ދެވޭ ޚިދްމަތް ކަމުގައިވީނަމަވެސް، މި ޚިދްމަތް ދެވޭ ފަހަރު، އެ ޚިދްމަތަށް ޚިދްމަތް ލިބޭ ފަރާތުން ޝުކުރުވެރިވިނަމަވެސް، ދާދި އަވަހަށް ހަނދާނުން އެކަން ކައްސާލައިގެންދޭ. އެހެންނަމަވެސް، ފުލުހުންގެ މުއައްސަސާއިން އެންމެ ކުޑަކުޑަ ކުށެއް ކުރެވިއްޖެ ކަމަށްވަންޏާ، އެއީ، ޖެހޭ ލައްގަނޑެއް. ލައްފިލުވާ ބޭހުން ފިލާކަމެއްނޫން އެއީކީ.

އެހެންވީމާ، ފުލުހުންގެ މުއައްސަސާގެ ޚިދްމަތަކީ، އެއްގޮތަކަށް ދަންނަވާނަމަ، ތޭންކްލެސް ޖޮބެއް. އެހެންވީމާ، އަޅުގަނޑުމެން ފުލުހުންގެ މުއައްސަސާގެ ޚިދްމަތް މިނާ މިންގަނޑަކީ އެއްގޮތަކަށްވެސް އެޕްރިސިއޭޝަން ލިބެނީ ކިހާވަރަކަށްތޯއެއްނޫން. އޭގެ ބަދަލުގައި ކިހާވަރަކަށް ކްރިޓިސިޒަމް އަމާޒުވޭތޯ ބަލާ ބެލުމެއް. މުޅި ފުލުހުންގެ މުއައްސަސާއަށް އަންނަ ބަދުނާމު އަންނަނީ، މުޅި ފުލުހުންގެ ތެރެއިން ހިންގޭ ޤާނޫނާޚިލާފު، ނޫނީވިއްޔާ ނޭދެވޭ ކަމެއްގެ ސަބަބުން ކަމަށްވެދާނެ. އެހެންވީމާ، އޯލް ރީޒަން މޯ، ފުލުހުން މިކަންކަމަށް ސަމާލުވުން. އަހަރީ ދުވަހެއްގެ ޖަލްސާ އިޙުތިފާލުކުރާއިރު، އަޅުގަނޑުމެންގެ ޚިޔާލަށް އަބަދުވެސް ގެންނަންޖެހެނީ، މިކަހަލަ ޝުޢޫރުތައް. އަބަދުވެސް އަޅުގަނޑުމެންނަށް ކުރެވޭ ކަންތައްތަކުގެ މައްޗަށް ފާރަވެރިވާ ކަމަށްވާކަމަށްޏާ، އެއް އަހަރުން އަނެއް އަހަރަށް، އެއްމަހުން އަނެއްމަހަށް، އަޅުގަނޑުމެންގެ ޚިދްމަތުގެ އަގު، ފެންވަރު މަތިކުރެވޭނެ. ފުލުހުންގެ ހިތަށް ގެންނަވަންޖެހޭނީ، އަޅުގަނޑުމެން ޚިދްމަތް ކުރާއިރު ޝައްކެއްވެސްނެތްގޮތުގައި، ބޮޑު މެޖޯރިޓީއެއްގެ ތަޢުރީފު ރައްދުވާނެ. އެހެންނަމަވެސް، ކޮންމެފަހަރަކު، ތަޢުރީފު އަދާކުރާ ޚިދްމަތެއް ކަމުގައި ދެކުން ހުއްޓާލަންވެއްޖެ. އަޅުގަނޑުމެންނަކީ، އެއަށްވުރެން ވަރުގަދަ މަސްއޫލިޔަތެއް، ވާޖިބެއް، އަދި އޭގެ މުޤާބިލުގައި ތަޢުރީފު ޙައްޤުނުވިނަމަވެސް، އަދާކުރަން މާތްﷲ ގަންދީ ހުވާކޮށްގެން ތިބި ބަޔެއްކަން، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންޖެހޭނެ.

އެހެންވީމާ، ފުލުހުންގެ ޚިދްމަތަކީ، މި ދެންނެވި ކަހަލަ މަތިވެރި، ޝަރަފުވެރި، ބޮޑު އަމާނާތެއް އެކުލެވިގެންވާ ޚިދްމަތެއް. ހަމައެކަނި މޮޓޯއަކުން، ލޯގޯއަކުން، ފުއްދާލެވޭކަށް ނެތް. ޢަމަލީގޮތުން އަޅުގަނޑުމެން މިކަން ދައްކަންޖެހޭ. 2004 ވަނަ އަހަރުގެ 1 ސެޕްޓެމްބަރުން ފެށިގެން، މި ފެށުނު އުނދަގޫ، މިޒަމާނުގެ ޑިމޮކްރަސީއަކަށް ހިޖުރަ ކުރުމުގެ މަސައްކަތުގައި މި ކުރެވުނު ކަންކަމުގެ ތެރޭގައި، އެންމެބޮޑަށް ޖިސްމާނީ، ފުރައްސާރަކުރުން، މި ހުރިހާ ކަމެއް އަމާޒުވެގެން އައީ، ފުލުހުންނާއި ސިފައިންނާ ދިމާއަށް.

މިރޭ އެހެންނަމަވެސް، އަޅުގަނޑު ހަމަ ފުލުހުންނަށް ދަންނަވާލާނަން. އަޅުގަނޑުގެ ވާހަކަ އަމާޒުވާނީ ފުލުހުންނަށް.

އެހެންވީމާ، ކީއްވެގެންތޯ، އަޅުގަނޑުމެންގެ ޚިޔާލުގައި އަބަދު މިކަން ނުހުންނަނީ؟ ކީއްވެގެންތޯ އަޅުގަނޑުމެންގެ ޚިޔާލުން ކައްސާލައިގެން މިދަނީ؟ އަޅުގަނޑުމެންގެ ޚިޔާލުގައި އަބަދުވެސް ހުންނަންވާނީ، ފުލުހުންގެ މި ޔުނިފޯމު ސަރވިސް، ވަކި ސަރވިސްއެއް ގޮތުގައި، ވަކި ޑިސިޕްލިންތަކަކާއެކީ ތަރުތީބު ކުރެވިގެން، 2004 ސެޕްޓެމްބަރުން 1ގައި މިހާރު އައިގޮތް، އަޅުގަނޑުމެންގެ ޚިޔާލަށް އަންނަންވާނެ. މުއައްސަސާ އުފެދިފައި މިއޮތީ، މި ދެންނެވި ގޮތަށް، ވޯޒްގެ ތެރެއިން. ޑަބްލިޔޫ.އޯ.އީ. ގެ ތެރެއިން. އަޅުގަނޑުމެންގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކެއްގެ ތެރެއިން. އަދި އަޅުގަނޑުމެން އާ ޑިމޮކްރަސީއަކަށް، ނޫނީ އާ އިޞްޠިލާޙުތަކަކާއެކީ، އަޅުގަނޑުމެން ހިޖުރަކުރަން ކުރި މަސައްކަތްތަކެއްގެ ތެރެއިން ފެށި ދިގު ދަތުރެއްގެ ތެރެއިން. އެ ދަތުރުގައި މިއަދު މިތިބީ ކިހާ ހިސާބެއްގައިތޯ؟ އަޅުގަނޑަކަށް ހިއެއްނުވޭ މާބޮޑު ރާސްތާއެއް އަޅުގަނޑުމެންނަކަށް ކަޑައްތު ކުރެވުނުހެނެއް. ފޮތްތަކުން ލިޔެވިފައި ހުންނަ، ޞަފުޙާތަކުގައި ލިޔެވިފައި ހުންނަ ފޮޅުވަތްތަކުގައި އެކުލަވައިލެވޭ ޤާނޫނުތަކުގައި، އަދި އެކުލަވައިލެވޭ އެކިއެކި މުޢާހަދާތަކުން އަޅުގަނޑުމެންނަށް ކަށަވަރުކޮށްދޭ ކަންތައްތަކެއް އެބަހުރި. އެ ޤާނޫނީ ޒިންމާ އަޅުގަނޑުމެން އެބަ އުފުލަމު. އޭގެ މާއްދާއެއް، ދެންމެ ހޯމް މިނިސްޓަރުގެ ވާހަކަފުޅުގައި، އެ ގެނެސްދެއްވީ. އެކަމަކު ހަމަ އެ ޤާނޫނުގައި އެއަށްވުރެން ވަރުގަދަ މާއްދާއެއް އޮންނާނެ. ފުލުހުންގެ އެންމެމަތީ ވެރިޔަކީ، ރައީސުލްޖުމްހޫރިއްޔާކަމަށް، މުޠްލަޤަށް ކަނޑައަޅާފައި އޮންނަ މާއްދާވެސް އޮންނާނެ.

އެހެންވީމާ، މިކަހަލަ މާއްދާތަކަކީ، ޤާނޫނުގައި އިޞްޠިލާޙުގައި، ޤާނޫނުގައި ލިޔެވިފައި ހުންނަ މާއްދާތައް. މާއްދާތަކުން މާނަތަކެއް އަޅުގަނޑުމެން ނަގަންޖެހޭނެ. އަސާސީގައި ފުލުހުންގެ މައްޗަށް ވާޖިބުކުރާ ކަންތައްތަކެއް ހުރޭ. އޭގެތެރޭގައި އަބަދުވެސް އަޅުގަނޑުމެންގެ ހަނދާނުގައި ބަހައްޓަންޖެހެނީ، ޤާނޫނާ ޚިލާފު އަމުރަށް ތަބާނުވުން. އަޅުގަނޑުމެންގެ ޚިޔާލަށް ބައެއްފަހަރު އަންނަނީކަންނޭނގެ، އަބަދުވެސް ޤާނޫނާ ޚިލާފު އަމުރުކުރާނީ، ފުލުހުންގެ މައްޗަށް އަމުރުކުރަން ތިބި ވެރިންނޭ. ސިޔާސީ ވެރިންނޭ. އެއީ، އެކަން އޮތްގޮތެއްނޫން. މަޝްހޫރު ފެބުރުވަރީ 7 ގައި، ފުލުހުން އަޑުއުފުލަމުންދިޔަ ނިދާއަކީ، ތިމަންނަމެންގެ މައްޗަށް ޤާނޫނާ ޚިލާފު އަމުރު ނުކުރާނެކަމުގެ ކަށަވަރުކަން ތިމަންނަމެންނަށް ދޭށޭ.

އެހެންވީމާ، ފުލުހުން މިރޭވެސް، ޚިޔާލަށް ގެންނަންވަނީ، ތަރުބިޔަތުގެ އެއްބަޔަކަށްވަނީ، މި ދެންނެވިގޮތަށް ޤާނޫނުތަކުން ކަށަވަރުކޮށްދޭ ކަންކަމުގެ ތަޖުރިބާއާއި، ތަރުބިޔަތުގެ އެއްބަޔަކަށްވަނީ، ތިމަންނަމެންނާ ހަމައަށް މި އަންނަނީ، ޤާނޫނާ ޚިލާފު އަމުރެއްތޯ. އެއީ، ކޮންމެކޮންމެ ކުދިކުދި ކަންތަކުގެ ވާހަކައެއްނޫން މިދައްކަނީ. މުޅި ސަރުކާރު ހިންގުމަށް ލޮޅުންއަރާފަދަ ބޮޑެތި ކަންކަމުގައި ފުލުހުންނާ ދިމާއަށް މިއަންނަ އަމުރުތައް، ކޮންމެ ދިމާއަކުން އައިނަމަވެސް، އެއާ ދޭތެރޭގައި ވިސްނަންޖެހޭ.

އެހެންވީމާ، ފުލުހުންގެ މުއައްސަސާ އުފެދިގެން މިއަދު މި އައިއިރު، 2004 ވަނަ އަހަރަށް އައިއިރު، އަޅުގަނޑުމެންގެ ތެރޭގައި ފުލުހުންގެ މުއައްސަސާ އުފެދިގެން އައީ، ހަމަނުޖެހުންތަކެއްގެ ތެރެއިން. އެ ހަމަނުޖެހުންތަކަށް، ކޮންމެވެސްވަރެއްގެ ތަސައްލީއެއް، ދިވެހި އާންމު ރައްޔިތުންނަށް ގެނެސްދިނުމަށްޓަކައި. އެހެންނަމަވެސް، ކަންވެގެންދިޔައީ ކިހިނެއްތޯ؟ އަޅުގަނޑު ދެންނެވިހެން، އެ ފެށި ދަތުރު އަދިވެސް މިއުޅެނީ، ފެށި ހިސާބުގައިތޯ، މެދުތެރޭގައިތޯ، ނޫނީ އަމާން އައްސޭރިއަކާ ހަމައަށް ދެވިއްޖެތޯ؟ މި ސުވާލު އަޅުގަނޑުމެން ކުރަންޖެހެނީ، ފުލުހުންގެ އިސް ފަރާތްތަކާ ދޭތެރޭގައި. ފުލުހުންގެ މުއައްސަސާއަށް ޑިރެކްޝަން އަމާޒު ދެއްވަން ތިބި ބަޔަކީ، ފުލުހުންގެ މުއައްސަސާގެ އިސްވެރިން. ފުލުހުންގެ މުއައްސަސާގެ އިސްވެރިންގެ މި ދެންނެވި އަމާނާތްތެރިކަމާއި، ޤާނޫނަށް ޙުރުމަތްތެރިކޮށްހިތުމާއި، ދިވެހިރާއްޖެއާ ދޭތެރޭގައި ކަންކަން ވެގެން މިދަނީ ކިހިނެއްތޯ، އަދި މުޅި ފުލުހުންގެ މުއައްސަސާ، އެކަންކަމުގެ މައްޗަށް ޢަމަލުކުރާނީ ކިހިނެއްތޯ. މި އަމާނާތް ހަވާލުވެފައި މިއޮތީ، ފުލުހުންގެ މުއައްސަސާގައި ތިއްބެވި ހުރިހާ ބޭފުޅުންނާ. އެކަމަކު ވަކިން ޚާއްޞަކޮށް ރޭންކިންގ ފައިލު އޮންނަ ތަނެއްގައި ކަމަށްވަންޏާ، އެ އަމާނާތް އެންމެބޮޑަށް އުފުލަންޖެހޭ ބަޔަކީ، ފުލުހުންގެ މުއައްސަސާގެ އެންމެ އިސްވެރިން.

އެހެންވީމާ، ކޮންމެ ބޭފުޅަކުވެސް، މިރޭ ހިތާހިތާ، ސޯލް ސަރޗިންގ މަސައްކަތްތަކެއް އެބަ ކޮށްލަންޖެހޭ. ކިހާވަރަކަށްތޯ ތިމަންނާއާ ހަވާލުވެފައި އޮތް މި އަމާނާތް ތިމަންނާއަށް މި އުފުލެނީ. އަޅުގަނޑުމެން ފެށި ދަތުރު 2004، 1 ސެޕްޓެބަރުގައި ފެށި ދަތުރުގައި، އަދިވެސް މިއުޅެނީ، ދަތުރު ފެށި ހިސާބުގައި. އަދިވެސް ޑިމޮކްރަސީ އެނގެނީ ވަކި ބަޔަކަށް ކަމަށް އަޅުގަނޑުމެންނަށް ލަފާ އެބަ ކުރެވޭ. އަދި ވަކި ބަޔަކަށް އެނގޭ ޑިމޮކްރަސީކަން އެއީ، ޑިމޮކްރަސީގެ އަސްލު މާނަ ހިމެނިގެން، ނޫނީ އިޞްޠިލާޙުތައް ހިމެނިގެންވާ އެއްޗެއްކަމަށް ވަނީ. ނޫން. ޑިމޮކްރަސީއަކީ ހަމަ ފޮތްތަކުން، ތަރުތީބުން، ތަޖުރިބާއިން، އެހެންހުރިހާ އެންމެންވެސް ދަސްކޮށްފައި ހުރި އެއްޗެއް. ދައުލަތެއް ހިންގުމުގައި، ދެ ދައުލަތެއްގެ ޑިމޮކްރަސީ އެއްގޮތަކަށް ނޯވޭ. އެކަމަކު ޑިމޮކްރަސީގެ މައިގަނޑު މަފުޙޫމުތައް، އިޖުތިމާޢީ ކަންކަމުގައި، އަމަން ބެލެހެއްޓުމުގައި، ރައްޔިތުންގެ ފަރުދީ ޙައްޤުގައި އެއްގޮތަކަށް ހުންނަ ޤައުމުތައް ހުންނާނެ. އެހެންނަމަވެސް، ތަފާތުތައް ހުންނަ ޤައުމުތައް މަދެއްނޫން.

އެހެންވީމާ، އަޅުގަނޑުމެންގެ ޑިމޮކްރަސީ، އަޅުގަނޑުމެންނަށް ހެޔޮވަރުތޯ، އަޅުގަނޑުމެންގެ ފުލުހުންގެ ޔުނިފޯމު، އެމެރިކާ ފުލުހުންނަށް ހެޔޮވަރުތޯ، މިއީ، އަޅުގަނޑުމެން ކޮށްލަންޖެހޭ ސުވާލެއް. އަޅުގަނޑުމެންގެ ޑިމޮކްރަސީގެ މިންގަނޑު ކަނޑައަޅަނީ، މި ދެންނެވި ކަހަލަ ޑިމޮކްރަސީ، ބޭރުގައި ޕްރެކްޓިސް ކުރާގޮތަށް ބަލާފައި، އަޅުގަނޑުމެންގެ ސަޤާފަތާއި، އަޅުގަނޑުމެންގެ ދީން ތަންދޭ މިންވަރަކަށް އެންމެ ލިބަރަލް ޑިމޮކްރަސީތަކުގައި ހުންނަ އިޞްޠިލާޙުތަކެއް އަޅުގަނޑުމެންގެ ޑިމޮކްރަސީގައި ނުހުންނާނެ. އެއީ އަޅުގަނޑުމެންގެ ޑިމޮކްރަސީގެ އުނިކަމެއްނޫން. އަޅުގަނޑުމެންގެ ދީން ހުއްދަނުކުރާ ކަންކަން އެބަހުރޭ. އަޅުގަނޑުމެންގެ ސަޤާފަތް ތަންނުދޭ ކަންތައްތައް އެބަހުރޭ. އަޅުގަނޑުމެންގެ ސަޤާފަތް ތަންނުދޭ ކަންތައްތައް އެބަހުރޭ. އަޅުގަނޑުމެންގެ ސަޤާފަތް ތަންނުދޭ ކަންތައްތަކަށް މިސްރާބުޖަހައި، މިނިވަން ބަހުސްގެ ނަމުގައި ކަންތައްތައް ހުޅުވައިލީމާ، މުޅި ދިވެހިރާއްޖޭގެ މުޖުތަމަޢު ހަލާކުވެގެންދިޔަ މިންވަރު އަޅުގަނޑުމެންނަށް އެނގިގެން މިދަނީ، ދިވެހިރާއްޖޭގެ ކުށުގެ ރެކޯޑުތައް 2009، 2010، 2011 ގައި އުފުލިފައި ހުރި މިންވަރު، ދިރާސާތަކުން އެހެރީ ފެންނަން.

އެހެންވީމާ ފުލުހުންނަށް އަމާޒުކޮށް މިކުރާ ފުރައްސާރައާއި، ފުލުހުންނަށް އަމާޒުކޮށް މި ދެވޭ ހަމަލާ، ޖިސްމާނީ ހަމަލާ ދެވިފައިހުރީ މަދަކުންނެއްނޫން. މިއަދުވެސް ކޮންމެ ފުލުހަކުވެސް ސިޔާސީ ވިސްނުން އެއްކިބާކޮށްފައި މިކަންކަމާ ދޭތެރޭގައި ވިސްނައިވަޑައިގަންނަވާ! ވަޠަނީ ލޯތްބަކީ، ޤައުމަށް ޚިދުމަތް ކުރުމަކީ މި ދެންނެވީ.

އެހެންވީމާ މިކަންކަމުގައި ފުލުހުންގެ މުއައްސަސާއިން ފުލުހުން ރައްޔިތުންނަށް އަދާކޮށްދޭންޖެހޭ ޚިދުމަތް އަދާކުރުމުގައި ހުރަސްއެޅޭގޮތަށް، ފުލުހުންގެ އަގު ވައްޓާލުމަށް، ފުލުހުންގެ ޚިދުމަތުގެ އަގު ވަޒަން ނުކުރުމަށް މި ދެވިފައިވާ ހަމާލާތަކަކީ، އޭރުން ފެށިގެން މިހާރަށް މި ދެވޭ ހަމަލާތަކަކީ، އެއްގޮތަކަށްވެސް ފުލުހުންނަށް އެކަނި ދެވޭ ހަމަލާއެއްނޫން. ޝައްކެއްވެސްނެތްގޮތުގައި ފުލުހުންގެ ބާރު ކަނޑުވައިލަން، ފުލުހުންގެ އަގު ވައްޓާލަން މި ދެވޭ ހަމަލާތަކަކީ ޙަޤީޤަތުގައި ޤާނޫނުގެ ބާރު ކަނޑުވައިލުން. ޤާނޫނަށް އިޙްތިރާމު ކުރުމަކީ ކުރަން ނުޖެހޭ ކަމެއް ކަމުގައި ދައްކައިދޭން ކުރެވޭ ކަންތައް. އެންމެ ވަރުގަދަ، ފަހުގެ ތާރީޚުގައި މިކަހަލަ ވާހަކަތަކެއް ލިޔެވިފައި ހުންނަނީ ކިއުބާގެ ޗެޤުއެރާގެ އެ ގެނައި އިންޤިލާބުގެ ތެރޭގައި. އެއީ އެސްޓެބްލިޝް އިންސްޓިޓިއުޝަންސް ހަލާކުކޮށްލަން ނެރެފައި އޮތް ފޮތެއް. އެ ފޮތާ އެއްގޮތަށް ކަންތައްތައް ކުރަނީ. އެއްވެސް ނޯރމްއަކަށް، ޤަބޫލުކުރާ އެއްވެސް އުޞޫލަކަށް، ޤަބޫލުކުރާ އެއްވެސް ހަމައަކަށް އިޙްތިރާމެއްނެތް. އެ ހުރިހާއެއްޗެއް މުގުރާލުން. އަސާސްތައް މުޤުރާލުން. އަސާސްތައް މުޤުރާލީމާ މި އުފެދެނީ ލޯލެސް ސޮސައިޓީއެއް. ކޮންމެ ފުލުހެއް ހުވައިކޮށްގެން މިހިރީ ޤާނޫނު ދަމަހައްޓަން. މުދާ ރައްކާތެރިކޮށްދޭން. ދިވެހިންގެ ނަފްސުތައް ހިމާޔަތްކުރަން.

އެހެންވީމާ އަޅުގަނޑުމެން، އަޅުގަނޑުމެންނަށް މިކުރެވޭ މަސައްކަތްތަކާ ދޭތެރޭގައި މިއަދުވެސް ވިސްނާލަންޖެހޭނެ. އަދިވެސް ހަމަ މިކަހަލަ ކަންތައްތައް ކުރިއަށް މިދަނީ. ފުލުހުން މެދުވެރިކޮށް އެކިއެކި ސިޔާސީ ފަރާތްތަކުން މި ކުރަން ޚިޔާލުކުރާ ކަންކަމަކީ ޖާގަ ދެވިގެންވާނެ ކަންކަމެއްނޫން. ފުލުހުންގެ މުއައްސަސާއަކީ މި ދެންނެވި ކަހަލަ އުޞޫލުތަކުގެ މައްޗަށް ބިނާވެފައި އޮންނަ ރިޒިލިއަންޓް މުއައްސަސާއަކަށް ވާން އެބަޖެހޭ. ފުލުހުންގެ މުއައްސަސާގައި އިސްކޮށް ތިބޭ މީހުން އެބަ ޤަބޫލުކުރަންޖެހޭ، ދައުލަތް ހިންގުމުގެ އެންމެ އިސްވެރިޔަކީ ރައީސުލްޖުމްހޫރިއްޔާކަން. ދައުލަތް ހިންގުމުގައިވެސް އެންމެ އިސްވެރިޔަކީ ޖުޑީޝަރީއެއް ނޫން. އަދި ދައުލަތް ހިންގުމުގެ އެންމެ އިސްވެރިޔަކީ އިދިކޮޅު ސިޔާސީ ޕާޓީތަކުގައި ތިބި ލީޑަރުންނެއްވެސް ނޫން. އެމީހުންނަކަށް ޤާނޫނުގެ ހުވައެއްގެ މަތިން ހަވާލުކޮށްފައި އޮތް އެއްވެސް ޒިންމާއެއް ޤާނޫނުއަސާސީއަކު ނޯންނާނެ.

އެހެންވީމާ، ސަރުކާރެއް ހިންގަން ވޯޓުފޮށިން އިންތިޚާބުވެފައި ހުންނަ ރައީސަކަށް ދަތިވާގޮތަށް ޤާނޫނާ ޚިލާފަށް ކޮންމެ ފަރާތަކުން ކުރާކަމަކީ، ޤާނޫނާ ޚިލާފުކަމެއް. އެއަކަށް ބަދަލެއް ނާންނާނެ. އެއްވެސް ފޮތަކުން، އެއްވެސް ތަރުޖަމާއަކުން އެއަކަށް ބަދަލެއް ނުގެނެވޭނެ. މިއީ ފުލުހުންގެ ހިތްތަކުގައި މިރޭވެސް އަށަގަންނަވަންޖެހޭ ފިލާވަޅެއް. މިއީ ވަރަށް އާދައިގެ ވާހަކައެއް އެއްގޮތަކުން ވެއްޖިއްޔާ. އެހެންނަމަވެސް މިއީ ތަކުރާރުކޮށް އަބަދު އަބަދުމެ އިވެން ހުންނަންޖެހޭ ވާހަކަތައް. މިނޫންގޮތަކަށް ކަންކަން ދިޔައީމާ، ދެންމެ ހޯމް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިގޮތުން، ކިތަންމެ މަތިވެރި، ކިތަންމެ ޝަރަފުވެރި ޚިދުމަތެއް އަދި ރައްޔިތުން ކިތަންމެ ބަލައިގަންނަ ޚިދުމަތްތަކެއް ފުލުހުންގެ ފަރާތުން ލިބިގެން ދިޔަކަމުގައިވިޔަސް، މަދުމަދުން މި ދަންނަވާ މިސްރާބުން ކައްސާލައިގެން އެދިޔަ ކަންކަމުގެ ތެރޭގައި މިއަދު މިވަނީ ފުލުހުންނަށް ރައްޔިތުން އޮންނަ އިތުބާރު އިތުރަށް އާލާކުރަން ޖެހިފައި. އެ ރީޒަން ދިނީ ފުލުހުން. އެ ރީޒަން ދިނީކީ ރައްޔިތުންނެއް ނޫން.

އެހެންވީމާ ފުލުހުން، ފުލުހުންގެ މުއައްސަސާއިން ފުލުހުންކުރާ ކަންތައްތަކަށް ސަމާލުވުން އިތުރުކުރަންއެބަޖެހޭ. ހަމަ ސްޓްރޭ އެންމެ ފޮލިސްމަނެއްގެ ސަބަބުން، ނޫނީ މަދު ބައެއްގެ ސަބަބުން މުޅި މުއައްސަސާއަށް މި އަންނަ ބަދުނާމު އުފުލުމަކީ، މުއައްސަސާއަކަށް ފަސޭހަކަމަކަށް ނުވާނެ. ޕޮލީސިންއެއް ނުދެވޭނެ، ހުރިހާ ރައްޔިތުންގެ ލޯބި ހޯދައިގެނެއް. އެހެންނަމަވެސް މިއަދުގެ ޑިމޮކްރެޓިކް ޕޮލީސިންގއަކީ ކޮމިއުނިޓީއާ ގުޅިގެން ކޮމިއުނިޓީއާ ކައިރިން ކަންތައްތައް ކޮށްދިނުން. އެ ކުރާކަމެއް ޖަސްޓިފައި ކޮށްދިނުމާއި، ކުރާކަމެއްގެ މެރިޓް އޮތްކަމާއި، އަދި އެ ކަމެއް އެ ކުރެވެނީ ރައްޔިތުންގެ ފަސޭހައަށާއި، ރައްޔިތުންގެ ރައްކާތެރިކަން، މި މެސެޖް ދިނުން. ފުލުހުންނަކީ ޕޮޕިއުލަރިޓީ ކޮންޓެސްޓެއްގައި އުޅޭ ބައެއް ނޫނޭ. ފުލުހުންނަކީ އެއްގޮތަކަށްވެސް ޕޮޕިއުލަރިޓީ ކޮންޓެސްޓެއްގައި އުޅޭ ބައެއް ނޫން. ފުލުހުންނަކީ ވިތްއައުޓް ޕްރެޖިޑީސް، ވިތްއައުޓް ޕެޝަން ޤާނޫނު ތަންފީޒުކުރާ ބައެއް. ޤާނޫނު ތަންފީޒު ކުރުމުގައި ތިމަންނަމެންނާ ހަމައަށް މި އަންނަނީ ޤާނޫނު އަމުރުތޯ. އެއީ ހަމައެކަނި ސުވާލުކުރަންޖެހޭ ކަމަކީ. ޢާންމު އިޖްތިމާޢީ މިންގަނޑުތަކުގައި މި ހުންނަ ދޫ ދިނުމެއް، ކުށްވެރިންނަށް ދޫ ދިނުމެއް، ފުލުހުންގެ މުއައްސަސާގެތެރޭގައި ކުށްކުރާ މީހުންނަކަށް އެ މިންގަނޑަކުން ދުލެއް ނުދޭނެ. ދުނިޔޭގެ އެއްވެސް ތަނެއްގައި އެކަންކުރާގޮތެއް ނޫން. އެއީ ފަސްޓް އެންޑް ފޯރ މޯސްޓް ފުލުހުންނަކީ ޤާނޫނު ތަންފީޒު ކުރަންތިބޭ ބަޔަކަށްވާތީ.

އެހެންވީމާ އިޖްތިމާޢީ މިންގަނޑުގައި ޢާންމު ފަރުދުންގެ ތެރޭގައި އަދި އިޖްތިމާޢީ ފޭރާން ވީދިއްޖެ ވާހަކަ، އެކި މީހުން ދެއްކި ނަމަވެސް، މިއީކީ ފުލުހުންގެ މުއައްސަސާއަކަށް އޮތް ބަހަނާއެއްކަމަކަށް އަޅުގަނޑުމެން ދެކިގެނެއް ނުވާނެ. އެއަކަށް ޖާގަ އެއްގޮތަކަށްވެސް ދެވިގެނެއް ނުވާނެ. އަޅުގަނޑުމެންގެ މިއަދުގެ މިދަތުރުގައިވެސް އަދިވެސް މި ފެންނަނީ މިކަހަލަ ކަންތައްތައް. އަދިވެސް މި ފެންނަނީ މިކަހަލަ ކަންކަން.

އެހެންވީމާ، ފުލުހުންގެ މުއައްސަސާއިން އެއްދުވަހަކަށްފަހު އަނެއް ދުވަސް، މަހަކަށްފަހު މަހެއް ގޮސް، 365 ދުވަސް ވެގެން 86 ވަނަ އަހަރުގެ އުފާވެރި ޖަލްސާގައިވެސް އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަން މިޖެހެނީ އެއް އަހަރުން އަނެއް އަހަރަށް އަޅުގަނޑުމެން މި ދެންނެވި ކަހަލަ ތަޖުރިބާތައް އަޅުގަނޑުމެންނަށް ރަނގަޅު ކުރެއްވިއްޖެތޯ ބަލަން ކުރާ މަސައްކަތް. އެންމެ މިސްޓޭކެއް. އެކަމަކު އެ މިސްޓޭކް އެ ހަދަނީ ކޮން ފެންވަރެއްގެ މީހެއްގެ ފަރާތުންތޯ، އެ ކުރެވެނީ ކިހާވަރެއްގެ ކަމެއްތޯ އަޅުގަނޑުމެންގެ ޚިޔާލަށް އެބަ ގެންނަންޖެހޭ.

ފެބުރުވަރީ 1 ގައި ނުކުތް ކޯޓު އަމުރުގެ ވާހަކަ ދެންމެ އަޅުގަނޑުމެންނަށް އިވިގެން މި ދިޔައީ. އެކަމަކު އެ އަމުރާ އެއްގޮތަކަށް ކަންތައްތަކެއް ނުކުރެވުނީސް، އެ އަމުރު ތަންފީޒު ކުރާނެކަމުގެ، ދުރާލާ އެ ސިގްނަލް ދެވިފައި ނެތްނަމައެއް. ހަމަ އެހެން އޭގެ ކުރީގައި ހިނގާފައި ހުރި ހާދިސާތަކުގެ ތެރޭގައިވެސް އެބަހުރި، ފުލުހުންގެ އިންވޯލްވްމަންޓް ހުރި ކަންކަން. އަޅުގަނޑު މިވާހަކަ މި ދައްކަނީ ހަމަ މުޅި މުއައްސަސާއަށް ކުރާ އިޙްތިރާމުން، މުޅި މުއައްސަސާ ދެކެވާ ލޯބިން. ރައީސުލްޖުމްހޫރިއްޔާއަށްވުރެ ބޮޑަށް މުއައްސަސާގެ އަގާއި ކަރާމާތް ދަމަހައްޓަން ބޭނުންވާ މީހަކު ނުހުންނާނެ. އެހެންވެގެން މުއައްސަސާގައި ހުންނަ މި ދެންނެވި ގޮތަށް، ސްޓްރޭ، އެ ވަކިވަކި ކަންކަމާ ދޭތެރޭގައި ވާހަކަ ދައްކައި، އެއިން ފިލާވަޅާއި އިބުރަތް ހޯދަން ޖެހެނީ. ކޮން މިންގަނޑަކުންތޯ އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭނީ، މުޒާހަރާއަށް އެއްވާ ބަޔަކު ފުލުހުންނާ ދެކޮޅަށް ޖިސްމާނީ އެކިއެކި ކަންތައްތައްކޮށް އަމުރަށް ނުކިޔަމަންތެރި އެކި ކަންކަން ކުރީމާ، ހަމަ ފުލުހުންގެ ތެރޭގައި ތިބި ބަޔަކު ނުކުމެ، އެމީހުންނާ ގުޅިގެން ބްރަދަރ އެހެން ފުލުހުންނަށް އަނިޔާކުރުން، ނޫނީވިއްޔާ ޖެއްސުން ކުރުން. މިއީ ކޮން މިންގަނޑަކުންތޯ މި ޤަބޫލުކުރެވޭނީ. މި ޤަބޫލުކުރެވޭނެ މިންގަނޑެއް ނޯންނާނެ. މީގައި ޓޮލަރެންސެއް ނޯންނާނެ.

އެހެންވީމާ މި ހުންނަނީ އަޅުގަނޑުމެންގެ ތެރޭގައި ޑިސިޕްލީން އެކްސަސައިޒް ނުކުރެވުނީމާ ހިނގާ ކަންކަން. ފުލުހުންނަކީ ސިޔާސީ ފަރާތްތަކަށް އަބަދަކު ބޯލަނބަންޖެހޭ ބައެއް ނޫން. ފުލުހުން ނުޖެހޭ ވިސްނާކަށް، ދެން ދިވެހިރާއްޖޭގެ ވެރިކަމަށް އަންނާނީ ކާކުތޯއެއް. ފުލުހުންނަކީ ޤާނޫނު ތަންފީޒުކުރަން ތިބި ބައެއް. ފުލުހުންނަކީ އޭރު އޮންނަ ޤާނޫނީ ސަރުކާރެއް ދަމަހައްޓަން މަސައްކަތްކުރާ ބައެއް. އެއީ ޤާނޫނާ ޚިލާފު އަމުރު، ޤާނޫނާ ޚިލާފު ކަންތައް ނުކުރާހާ ހިނދަކު. މި ސަރުކާރުގައި ޤާނޫނާ ޚިލާފު އަމުރެއް ނުކުރާނެ. އަޅުގަނޑުމެންނަށް ފެބުރުވަރީ 7 ގައި ތަކުރާރުކޮށް ފުލުހުންގެ ފަރާތުން ކަށަވަރުކަން ހޯދަން އެދި ގޮވަމުން ދިޔައީ، ޤާނޫނާ ޚިލާފު އަމުރު ނުކުރާނެކަމުގެ ޔަޤީންކަން ދޭށޭ.

އެހެންވީމާ، މިއަދު އިތުރަށް ކޮން ޔަޤީންކަމެއް ބޭނުންވާތީތޯ، އަޅުގަނޑުމެންގެ މުއައްސަސާގެ ތެރޭގައި މިކަހަލަ ބައެއް ކަންތައްތައް ހިނގަނީ ހަމަ ކޮންމެ ފުލުހަކު އެބަޖެހޭ ހިތާ ސުވާލު ކުރައްވަން. ކުށް އިތުރުވެގެން ދިޔައީމާ، ކުށް އިތުރުވެގެން ދިޔައީމާ މިވަނީ ކީއްތޯ އަޅުގަނޑުމެންގެ ޚިޔާލަށް އެބަ ގެންނަންޖެހޭ. ފުލުހުންގެ މި މަސައްކަތަކީ ހަމައެކަނި އަޅުގަނޑުމެންގެ ގޮނޑުދޮށްތަކާ ހަމައިން ނިންމާލެވޭ މަސައްކަތެއް ނޫން. މި ދެންނެވިގޮތަށް ފުލުހުންނަށް ފުރައްސާރަ ކުރުމާއި، ފުލުހުންނަށް އެކިއެކި އަނިޔާކުރުމަށާއި، ފާޅުގައި ގޮވައިލަމުން ދިޔައިރު، އަޅުގަނޑުމެންނަށް އޭގެ ނަތީޖާތައް ފެނިގެންދިޔަ. ފުލުހުންނަށް ޖިސްމާނީގޮތުން އަނިޔާވި. ފުލުހުންގެ އަނބިދަރީންނަށް އުޅެން އުނދަގޫވަރަށް ކަންތައްތައް ރާއްޖޭގައި ހިނގާފައިހުރީ. އަދި ފުލުހުންނާ ދިމާކުރަން ހަތިޔާރުވެސް ހޯދުނު. ދަގަނޑު ބުރިބުރި، މުގުރު ބުރިބުރިވެސް ހޯދުނު. އަޅުގަނޑުމެންގެ ޚިޔާލަށް ކީއްވެތޯ މި ކަހަލަ ކަންތައްތައް ޚިޔާލަށް ގެންނަން ބޭނުން ނުވަނީ. މިކަންކަމުގެ ނަތީޖާއަކަށްވީ ކީއްތޯ. ޤާނޫނު ނެތިކޮށްލީމާ، ނޫނީ ޤާނޫނު ކޮރުކޮށްލީމާ، އެ ދެވެނީކީ ފުލުހުންގެ މުއައްސަސާއަށް އެކަނި ދެވޭ އަދަބެއް ނޫން. އެކަމަކު އެއީ އަޅުގަނޑުމެންގެ ތެރެއިން ސިޔާސީ ލީޑަރުން އެކަމަށް އިލްތިމާސްކޮށް ކެނޑިނޭޅި ގޮވަމުންދިޔަ ގޮވުންތަކަކަށް ރައްޔިތުންގެ ތެރެއިން ބަޔަކު ދިން އިޖާބައިގެ ނަތީޖާ. 2009، 2010، 2011 ގައި ބޮޑެތި މުޖުރިމުންތަކެއް ރާއްޖޭގައި އުފެދިގެންދިޔަ. ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ޖެހިލުމެއްނުވާ މީހުންތަކެއް އުފެދިގެންދިޔަ. ތިޔަބޭފުޅުންގެ ތަފާސުންވެސް ތިޔަ ބޭފުޅުންނަށް އެކަން ފެނިވަޑައިގަންނަވާނެ. ރާއްޖެއަކީ ހަމަޖެހޭ އަމަނަށް، އަމަން އަމާންކަމަށް ލޯބިކުރާ ތަނަކަށްވީމާ، ފުލުހުންގެ މަސައްކަތް ދެގުނައަށް ފަސޭހަވެގެންދޭ.

ފުލުހުންގެ މަސައްކަތަކީ އެއްގޮތަކަށްވެސް ރައިޓް ކޮންޓްރޯލް ކުރުމެއް ނޫން. އެއީކީ ނޫން ޕްރައިމަރީ ޓާސްކަކީ. އެއީ ފުލުހުންގެ މަސައްކަތަށް ދިމާވާ، އާދަޔާ ޚިލާފަށް އަންނަކަމެއް. ޝައްކެއްވެސްނެތްގޮތުގައި، މުޒާހަރާއެއް ކޮންޓްރޯލުން ނެއްޓިގެން ދާކަމަށްވަންޏާ، މުޒާހަރާ ކޮންޓްރޯލް ކުރަންޖެހޭނެ. އެކަމަކު އެއީ އާންމު ދިރިއުޅުމުގައި ކޮންމެދުވަހަކު ފުލުހުން ކުރަންޖެހޭ ކަމަކަށް ވެގެންނުވާނެ. ފުލުހުންނާ ހަވާލުވެފައި އޮތީ އެއަށްވުރެން މަތިވެރި ވާޖިބެއް. އެކަންކަން މިހާތަނަށް ފުލުހުން ކުރައްވަމުން އެ ގެންދިޔައީ. އަދި އޭގެ ޝުކުރުވެރިކަން ދިވެހި ރައްޔިތުން ބަލައިގަންނަމުން ދިޔައީ. އެހެންނަމަވެސް، މިދެންނެވި ދުވަސްކޮޅު މިދެންނެވި ގޮތަށް ކަންކަން ބަދަލުވެގެންދިޔައިމާ، ފުލުހުންގެ މުޅި މުއައްސަސާ ޑިސްޓްރެކްޓް ވެގެންދިޔައީ ރައިޓް ކޮންޓްރޯލް ކުރަން. އަޅުގަނޑުމެންގެ ޚިޔާލަށް އެކަން ގެންނަންޖެހޭނެ. މިއަދު މި ސަރުކާރުން އެ ފުރުޞަތު ދޭން ބޭނުންނުވަނީ. އެއީ ޑިމޮކްރަސީ ނެތީމައެއް ނޫން. އެއީ ޑިމޮކްރަސީއަށް އިޙްތިރާމް ކުރާލެއް ބޮޑުކަމުން. ޑިމޮކްރަސީއަށް އިޙްތިރާމް ކުރުމަކީ އޮންނަ މެޖޯރިޓީއަކަށް ބޭނުންވާ ކަންކަން ކޮށްދިނުން. މައިނޯރިޓީއިން އެދައްކާ ވިޔާނުދާ ކަންކަމަށް ތަބާވުމެއް ނޫން. އެއަށް ޖާގަ ދިނުމެއް ނޫން. އެއަކަށް ޖާގައެއް ނުވެސްދޭނެ.

އެހެންވީމާ، ޑިމޮކްރަސީއިން ކަށަވަރުކޮށްދޭންޖެހޭނެ، ރާއްޖޭގެ މަޢުޞޫމް ބޮޑު ރައްޔިތެއް އޮތްކަން. އެ ރައްޔިތުން ބޭނުންވަނީ އަމާންކަމާއި، ޞުލްޙަވެރިކަމާއި، މަޞްލަޙަތު. އަޅުގަނޑުމެންގެ ސަޤާފަތާއި، މާތްވެގެންވާ އިސްލާމްދީނުގެ ހަމަތަކާއި، އަޅުގަނޑުމެންގެ ރީތި ދިވެހި އުސޫލުތައް މިއަދު ކޮންތާކުތޯވީ؟ ދެން އެހެންވީމާ، މިކަމަކަށް އަޅުގަނޑުމެންނެއް ތަންތަނުގައި ދަރުސް ދިނަކަސް މިކަންކަމެއް ނުވާނެ. މިކަންކަމަށް ޢަމަލީގޮތުން ހިނގާ ކަންކަމަށް ހުރަސްއެޅުން ފިޔަވައި، މިކަންކަން ރަނގަޅުކުރެވޭނެ ގޮތެއް ނޯންނާނެ. އެހެންވީމާ، ފަހަރުގައި ބައެއް މީހުންނަށް މި ސަރުކާރު ކަމުނުގޮސް ހިނގައިދާނެ.

އެހެންނަމަވެސް، މިއަދުވެސް ފުލުހުންނާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާއިރު، އަޅުގަނޑުމެން ވިސްނަންޖެހޭނީ ހަމަ މި ބީދައިން. އަދިވެސް ޑިމޮކްރަސީގެ ނަމުގައި މިގޮވާ ގޮވެލިފަތި ހުއްޓޭތަނެއް ނާދޭ. އެކަމަކު ޑިމޮކްރަސީއަކީ ވަކި ބަޔަކަށް އެކަނި އެނގެން ފޮނުވާފައި އޮތް މަފްހޫމްތަކެއް ނޫން. އިޞްތިލާޙުތަކެއް ނޫން. އަދި ޤާނޫނަކީވެސް ހަމައެކަނި ވަކިބަޔަކަށް ތަރުޖަމާކޮށްފައި، އެއީ އެންމެމޮޅަށް ތަރުޖަމާ ކުރެވޭ ކަމަކަށް ވެގެންވެސް ނުވާނެ. ޤާނޫނަކީ ގިނަބަޔަކަށް ފަސޭހަކަމާއެކީ، ދެނެގަނެވޭގޮތަށް ފަރުމާކޮށްފައި، ލިޔެވިފައި ހުންނަ ވާހަކަތަކެއް. އެވަރުން ނޭނގޭ ކަންކަން ހުންނަކަމަށްވަންޏާ، ދެން ޤާނޫނީ ވަކީލެއްގެ އިރުޝާދުވެސް ހޯދާނީ. އެހެންވީމާ، މިހާލަތުގައި މިއަދުވެސް ފުލުހުން މިތިބީ.

މިހެން އަޅުގަނޑުމެން ތިއްބާ، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންޖެހޭ ކަންކަމަކީ، މި ދެންނެވިގޮތަށް ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރިޔަ ނުދިނުމަށްޓަކައި، މިކުރެވޭ މަސައްކަތުގެ ނަތީޖާއަކީ ހަމައެކަނި ރާއްޖޭގެ އަމަން ގެއްލުމެއްނޫން ދޮގެއްތޯ؟ އަޅުގަނޑުމެން އެއަށްވުރެން ތަންކޮޅެއް ދުރަށް ވިސްނާލައްވާ! މިތަނަކީ ކުށުގެ ހާއްޔަކަށްވުމަށް ޖާގަދެވެނީ ދޮގެއްތޯ؟ މިތަނުގައި ބޮޑެތި ޖަރީމާތައް ހިންގައި، ބޮޑެތި މުޖުރިމުން އުފެދިއްޖެ ކަމަށްވަންޏާ، އެ ދެވެނީ މިތަނުގައި ހަމަ ރާއްޖެއިން ބޭރުގެ އެކިއެކި ސިންޑިކޭޓަޑް ކުރައިމް އޯގަނައިޒޭޝަންސަށް ރާއްޖޭގައި ހަރަކާތްތެރިވާން ޖާގަ އެ ދެވެނީ. އެމީހުންނާ ބައިވެރިވާނެ މީހުން ދިވެހިރާއްޖޭގެ ކުށްވެރިންގެ ތެރޭގައި ތިބޭނެ. އެއީ ފައިސާއަށް ގުޑާނެ. އެހެންވީމާ، އަޅުގަނޑުމެންނަށް ފެނިގެން އައީ މިހާތަނަށް އައިއިރު، ފުލުހުންގެ މުއައްސަސާގެ މަސައްކަތަށްވެސް، އަދި ދައުލަތުގެ މުއައްސަސާތަކުގެ މަސައްކަތަށްވެސް އެންމެ ބޮޑު ބުރުލެއް އަރާފައި މިއޮތީ ފައިސާ، އޭގެ ނަޖާއިޒުގޮތުގައި ބޭނުންހިފާ ހިފުން. މިއީ އަޅުގަނޑުމެން އެންމެންގެ ދިވެހިރާއްޖެ. މިއީ ހަމަ ކޮންމެ ފުލުހެއްގެ، އަންބެއްގެ، ދަރިއެއްގެވެސް ދިވެހިރާއްޖެ.

އެހެންވީމާ މި ދެންނެވިކަހަލަ ބޮޑެތި ކުރައިމްތައް ދިވެހިރާއްޖޭގައި ހިންގަން ޖާގަ ދެވިއްޖެ ކަމަށްވަންޏާ، މިތަން ކުރައިމް ހޭވަންއަކަށް ވެއްޖެކަމަށްވަންޏާ، ދެނެއް އަޅުގަނޑުމެންނަކަށް އަނބުރާ ދިވެހިރާއްޖެ އަމާންކަމާއެކީ ދިވެހީން ބޭނުން ގޮތުގެ މައްޗަކު ނުބޭއްވޭނެ. އެހެންވެގެން އެޔަށް ޖާގަނުދޭންވީ. އެކަންކަމަށް ޓޮލެރޭޓް ކޮށްގެން، އެކަންކަމަށް ޖާގަދެވޭ ކަމަށްވަންޏާ، އަތްނުފޯރާ ހިސާބަށް ކަންކަން ދާނެ. އެކަންކަން އަޅުގަނޑުމެންގެ ތެރެއިން ފެނިއްޖެ ދޮގެއްތޯ؟ އެހެންނަމަވެސް، ހިތްވަރާއެކު އެކަންކަން ޙައްލުކުރަށް، ނޫނީވިއްޔާ އެރެސްޓްކުރަން ކުރާ ކަންތަކުގެ ނަތީޖާ، މިއަދުވެސް އަޅުގަނޑުމެންނާ ހަމައިގައި މިދެންނެވި ވަރަށް ބޭއްވިފައި މިއޮތީ.

ދެން އަޅުގަނޑުމެން ހުރިހާ އެންމެންވެސް ސިއްސުވާލި ކަމަކީ،1 ފެބްރުވަރީގެ ޢަމުރު. މި ޢަމުރުގެ ތަފްސީލުތަކަކަށް ދާކަށް އަޅުގަނޑު ނެތިން. އަޅުގަނޑުމެންގެ ފަރާތުން ލޯޔަރުން، މަޖިލިސް މެންބަރުން، އަދި ޚުދު އަޅުގަނޑުވެސް މިވާހަކަ ތަކުރާރުކޮށް ދައްކައިފިން. މިއިންވެސް އަޅުގަނޑުމެން ނަގަންޖެހޭ ފިލާވަޅަކީ، ދުސްތޫރުގައި، ދުސްތޫރު ދެމެހެއްޓުމުގައި، އެންމެ ބާރުގަދަ މަސްއޫލިއްޔަތު ހަވާލުވެފައި އޮތް ބައެއްގެ ތެރެއަށް، ފައިސާގެ ނުފޫޛުވަނީމަ، އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ސިޔާދަތާއި، މިނިވަންކަމުގެ އަގަކީ 2 މިލިއަން ޑޮލަރުތޯ، 3 މިލިއަން ޑޮލަރުތޯ މިއަދު ކުރަންޖެހޭ ސުވާލު. އެންމެ ބޮޑަށް މި ސުވާލު ކުރަންޖެހޭ ބަޔަކީ، ޤާނޫނު ތަންފީޛުކުރާ، އަދި މިދެންނެވި އަމާންކަން ދަމަހައްޓަން ތިބި ފަރާތްތައް. އެއީ ފުލުހުން، ދެން ސިފައިން.

އެހެންވީމާ، ފުލުހުންނާއި ސިފައިންގެ ވާޖިބު އަދާކުރެވެނީކީ މިތަނަކަށް ބޭރުގެ ޢުދުވާނެއް އައިމަކައެއް ނޫން. ޝައްކެއްވެސްނެތްގޮތުގައި އެއީ ޤާނޫނީ ޒިންމާ އަދާކުރެއްވުމުގައި ތިޔަ ބޭފުޅުންގެ ކެރެކްޓަރ ދައްކާ ދުވަހެއް. އެހެންނަމަވެސް މި ދެންނެވިގޮތަށް އަޅުގަނޑުމެން ފެބްރުވަރީ 1ގެ އަމުރުން، ސިނިކަލްކޮށް ތަންކޮޅެއް ކްރިޓިކަލްކޮށް މިއާ ދޭތެރޭގައި ނޫނީ ތަންކޮޅެއް ސިނިކަލްކޮށް މިއާ ދޭތެރޭގައި ވިސްނައިފި ކަމަށްވަންޏާ، ކުރެވޭނީ ކޮން ސުވާލެއްތޯ؟ ކިހާވަރެއްތޯ؟ 38 މިލިއަން ރުފިޔާތޯ؟ 2 މިލިއަން ޑޮލަރުތޯ؟ 3 މިލިއަން ޑޮލަރުތޯ، އަޅުގަނޑުމެންގެ ޤައުމުގެ ސިޔާދަތުގެ އަގަކީ. އަޅުގަނޑުމެންގެ މިނިވަންކަމުގެ، ކާބަފައިންގެ ޖިހާދުގެ އަގަކީ 2 މިލިއަން ޑޮލަރުތޯ؟ މިއަދު އަޅުގަނޑުމެން އެ ސުވާލު ކުރަންވީނޫންތޯ؟ އެކަމަށްތޯ އަޅުގަނޑުމެން ތައްޔާރުވެގެން މިތިބީ؟ އެހެންވެއްޖެ ކަމަށްވަންޏާ، ދިވެހީން ވާނީ ދިވެހިރާއްޖޭގައި 2ވަނަ ދަރަޖައިގެ ރައްޔިތުންނަށް. އެއަށް ޖާގަ ނުދިނުން އަޅުގަނޑުމެން ކުރަންޖެހޭނެ ކަމަކީ. އެއަށް ޖާގަ ނުދިނުން މާ ބުއްދިވެރި، ދިވެހީންގެ މުދަލާއި، ދިވެހީންގެ ފުރާނައާއި، ޖިސްމާއި ސަލާމަތް ކުރުމަށްވުރެން. އެހެންވީމާ، އެކަހަލަ ކަންކަމަށް ޖާގަ މި ދެވެނީ.

އެހެންވީމާ، މިކަމުގެ ނަތީޖާއަކަށް ވެގެން މިދިޔައީ، ދިވެހިރާއްޖެ ދުވަހަކުވެސް ދުނިޔޭގައި ފަޟީހަތްނުވާވަރަށް ފަޟީހަތްވެގެން ދިއުން. ކޮބައިތޯ ދިވެހިރާއްޖޭގެ މުއައްސަސާތައް ހިންގަން ތިބޭ މީހުންގެ އަގަކީ. 2 މިލިއަން ޑޮލަރުތޯ؟ އެއީ ނޫންތޯ މީގެ ބޮޓަމް ލައިނަކީ. އަބަދުވެސް މި ފިލާވަޅު ހަނދާންކުރައްވާ!

އަޅުގަނޑުމެންނަށް މިރޭ މި ފެނިގެން ދިޔަ ޚިދުމަތްތެރިން. ޒުވާން ޙަޔާތުގެ ބޮޑުބައި ތިޔަދިނީ މި މުއައްސަސާއަށް ނޫންތޯ؟ ގޭގައި، ޝައްކެއްވެސްނެތްގޮތުގައި، ފޮޓޯ ބަހައްޓާ ޝެލްފްގައި، އެންމެ ރީތި ފޮޓޯއަކަށް، އެންމެ އިޙުތިރާމްކުރާ ފޮޓޯއަކަށް ހުންނާނީ، ސިފައިންގެ އޮފިސަރަކު ފުލް ކަލަރސްގައި ނަގާފައި ހުންނަ، ޔުނިފޯމްގައި ހުންނަ ފޮޓޯ ދޮގެއްތޯ؟ ދެން އެޔާއެކީ ހުންނާނީ، ކައިވެނިކޮށްގެން ހުންނަ ފޮޓޯ. އެހެންވީމާ، މި ޚިދްމަތަށް ތިޔަދެއްވި ދިގު މުއްދަތުގެ އަގު ވަޒަންކުރައްވާ! މަޤާމުގެ އަގު ވަޒަންކުރައްވާ! މަޤާމުގެ ކަރާމާތް ދަމަހައްޓަވާ! މުޅި މުއައްސަސާގެ ކަރާމާތް ދަމަހައްޓަވާ! އެ ފޮޓޯ ކީއްވެގެންތޯ، ގޭގެ ޝެލްފް ނޫން އެހެން ތަނަކުން ޖާގަ ހޯދަންވީ؟ އެކަމަކު އެ ފޮޓޯ ގޭގެ ޝެލްފް ނޫން އެހެން ތަނަކުން ޖާގަ ހޯދާނެ ދޮގެއްތޯ، ޚިދުމަތުގައި ތިބެގެން، ފުލުހުންގެ މުއައްސަސާއިން، ނޫނީ ފުލުހެއްގެ ފަރާތުން ކުރަންނުވާކަމެއް ކޮށްފިކަމަށްވަންޏާ، އެ ފޮޓޯ އެހެން ތަނަކުން ޖާގަ ހޯދާނެ. އެއީތޯ މުޅި މީހެއްގެ ޒުވާން ޙަޔާތް މި ދިނީ އެކަމަށްތޯ؟ އަޅުގަނޑުމެން ކޮންމެ މީހަކު މިއަދު ޚިޔާލަށް ގެންނަންޖެހެނީ ދޮގެއްތޯ؟ ދިގު ޚިދުމަތެއް މި މުއައްސަސާއަށް ކުރެވިއްޖެ. 25 އަހަރުގެ ޚިދުމަތް މި މުއައްސަސާއަށް ދެއްވި ބޭފުޅުން އަޅުގަނޑުމެން މިރޭ ފާހަގަކޮށްފީމު. އެ ބޭފުޅުންގެ މުޅި ޒުވާން ޙަޔާތް އެ ދިޔައީ މި ދެންނެވި މަތިވެރި ޚިދުމަތުގައި.

އެހެންވީމާ، މި މުއައްސަސާގެ އިސްވެރިންނަށް، މިއަދުގެ އެކްޓިންގ ސީ.ޕީ ޢަބްދުﷲ ނަވާޒަށް، އަދި ފުލުސް އޮފިސަރުންނަށް މަރުޙަބާއާއި ތަހުނިޔާ ދަންނަވަމުން، މުޅި މުއައްސަސާގެ ހުރިހާ ބޭފުޅުންނަށްވެސް މަރުޙަބާ ދަންނަވަމުން، އަޅުގަނޑުގެ ޚިޔާލުގައި، އެނބުރޭ ޝުޢޫރުތައް މިދެންނެވީ.

އަޅުގަނޑުމެން ކޮންމެ މީހަކު ޢަޒުމް ކަނޑައަޅަން އެބަޖެހޭ، މިއަދަކުނޫން، މިއަށްވުރެން ކުރިން. އެކަމަކު އަބަދުވެސް ކަމެއް ނުވުމަށްވުރެން ފަހުން ކުރުންވެސް ރަނގަޅުވާނެ. ޙައްޤުކަން ބޮޑުވާނެ. އެހެންވީމާ، މި ދެންނެވިގޮތަށް މުޅި މުއައްސަސާގެ ކަރާމާތް ދަމަހައްޓަންވާނެ. ދެވުނު ދިގު ޚިދްމަތުގެ އަގު ވަޒަން ކުރަންވާނެ. މަޤާމުން ވަކިވުން އެއީކީ އެއްގޮތަކަށްވެސް ޑިސްއޮނަރަބްލްކޮށް އުޅުމަށް ލިބޭ އެއްވެސް އޮޕަޗުނިޓީއެއް ނޫން. މި ދެންނެވިގޮތަށް ގޭގައި ބަހައްޓާ އެންމެ ރީތި ލޯގަނޑަކީ، އެންމެ ޝަރަފުވެރި ލޯގަނޑަކީ، ޔުނިފޯމުގައި ހުންނަ ލޯގަނޑު. ޔުނިފޯމަށް ޤަދަރު ކުރައްވާ. ޔުނިފޯމަށް އިޙުތިރާމް ކުރައްވާ! ތިޔަ ބޭފުޅުންގެ ޒުވާން ޙަޔާތް މިކަމަށް ދޫކޮށްލައްވާއިރު، ބައެއް ޒުވާނުން، އެމީހުންގެ ޒުވާންކަން ނުދެކޭ. 20 އަހަރުގެ ޒުވާނެއް ދޮގެއްތޯ ޤައުމަށްޓަކައި ޖިހާދުވެ، އޭނާގެ ފުރާނަ ދިނީ. އަޅުގަނޑު މި ދެއްކި ވާހަކަ ޤަބޫލުފުޅު ކުރައްވަން އުނދަގުލިއްޔާ، ތިޔަބޭފުޅުންގެ ޤާނޫނީ މަސްއޫލިއްޔަތު އަދާކުރެއްވުމަށްޓަކައި ވެދެވަޑައިގަންފައި ނުކުމެވަޑައިގަންނަވަނީ ކޮންތަނަކުންތޯ؟ ޝަހީދު ޙުސައިން އާދަމް ބިލްޑިންގ އިން. އެކަން ޚިޔާލަށް ގެންނެވީމާ، މި ދެންނެވޭ ޤައުމީ ޚިދްމަތުގެ އަގު ވަޒަން ކުރެއްވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން.

والسّلام عليــكم ورحـمــة اللّـه وبـركاتـه.