ރައީސް މުޙަންމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙަންމަދު ޝިހާބާއި، އެމަޖިލީހުގެ ނައިބު ރައީސާ އަނީސާ އަޙްމަދާ މިއަދު ބައްދަލުކުރައްވައި، އެދެބޭފުޅުން މަޖިލީހަށް ކޮށްދެއްވި ޚިދްމަތްތައް ފާހަގަކުރައްވައި، އެދެބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި މުޙަންމަދު ޝިހާބް އަދި ނައިބު ރައީސް ކަމުގެ މަގާމުގައި އަނީސާ އަޙްމަދު ކުރައްވާފައިވާ ގިނަގުނަ މަސައްކަތްޕުޅުތަކުގެ އަގު ވަޒަން ކުރެއްވިއެވެ. އަދި އެދެބޭފުޅުންވެސް މަޖިލީހުގެ މަޤާމުގެ މަސްއޫލިއްޔަތު ވަރަށް ފުރިހަމައަށް އަދާކޮށްދެއްވާފައިވާ ކަމަށާއި، އެދެބޭފުޅުންގެ ރިޔާސަތުގައި ވަރަށްގިނަ އަދި މުހިންމު ނިންމުންތަކެއް މަޖިލީހުން ނިންމަވާފައިވާ ކަމުގައި ވިދާޅުވިއެވެ.


ރައީސް ނަޝީދުގެ ވާހަކަފުޅުގައި، އާ ޤާނޫނުއަސާސީއާ ގުޅިގެން، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި، ވަރަށްގިނަ ކަންތައްތަކެއް މަޖިލީހުން ކުރައްވާފައިވާ ކަމަށާއި، ރާއްޖެއަށް ޑިމޮކްރަސީގެ ނިޒާމް އަލަށް ތަޢާރުފުވެގެންދިޔަ ދުވަސްކޮޅު ވަރަށް ވިސްނުންތެރިކަމާއި ކެތްތެރިކަމާއި އަދި ވަރަށް އިޚްލާޞްތެރިކަމާއެކު މަސައްކަތްޕުޅު ކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙަންމަދު ޝިހާބް ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުވާ ޕާޓީތަކާއި ވަކިވަކި ބޭފުޅުންނާއެކު މަޝްވަރާ ކުރައްވައިގެން، ވީހާވެސް އިންޞާފުވެރިގޮތަކަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް މަސައްކަތްޕުޅު ކުރެއްވި ކަމުގައި ވިދާޅުވިއެވެ. މަޖިލީހުގެ ނައިބު ރައީސާ އަނީސާ އަޙްމަދު ދެއްކެވި ވާހަކަފުޅުގައި، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވުމުގައި، މަޖިލީހުގެ މެންބަރުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިވަޑައިގެންނެވި ކަމުގައި ވިދާޅުވިއެވެ.


މިބައްދަލުކުރެއްވުމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.