ދުނިޔެއަށް މިވަގުތު ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިކަމުން ސަލާމަތްވުމަށް ސަރަޙައްދީ އެއްބައިވަންތަ ކަމަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު ގޮވާލައްވައިފިއެވެ. މިއަދު ހެނދުނު ބަނޑޮސް އައިލެންޑް ރެޒޯޓްގައި ސާރކްގެ މާލީ ވަޒީރުންގެ ތިންވަނަ ބައްދަލުވުން ހުޅުއްވައިދެއްވުމުގެ ގޮތުން މިކަމަށް ގޮވާލައްވައި ވާހަކަފުޅު ދައްކަވަމުން، މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިތަކުން ސަލާމަތްވުމަށް، މި ސަރަޙައްދުގެ ޤައުމުތަކުން ވަރަށް އަވަސް މަސައްކަތްތަކެއް ކުރައްވަން ފަށްޓަވާފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި މިކަމާ ދެކޮޅަށް މަސައްކަތް ކުރުމުގައި ޤައުމުތަކުގެ ތަޖުރިބާ ޙިއްޞާކުރުމާއި، އެއްބާރުލުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖެއަށް މިހާރު އަންނަމުންމިދާ ސިޔާސީ ބަދަލުތަކާއެކު، އިޤްތިޞާދީ އިޞްލާޙީ ބަދަލުތަކެއް ގެންނެވުމުގެ މަސައްކަތްވެސް ސަރުކާރުން ފަށްޓަވާފައިވާކަމަށް ވިދާޅުވިއެވެ. މިގޮތުން ބަޖެޓް ޑެފިސިޓް ކޮންޓްރޯލް ކުރެވި، ސަރުކާރުގެ ޚަރަދުތައްކުޑަކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި މިއިޞްލާޙުތަކުގެ ތެރެއިން ސަރުކާރުގެ ތެރޭގައި ހުރި ވިޔަފާރީގެ އުޞޫލުން ހިންގެވެން ހުރި ކަންތައްތައް ހިންގެވުމުގައި އަމިއްލަ ފަރާތްތަކުގެ ޙިއްސާއާއި ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރެއްވުމުގެ މަސައްކަތް ފަށްޓަވާފައިވާ ކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ، މަސްތުވާތަކެތީގެ ސަބަބުން ދިވެހި ޒުވާނުންގެ ތެރެއިން ގިނަ ބަޔަކަށް އިޤްތިޞާދީ ޙަރަކާތްތަކުގައި ބައިވެރިނުވެވުންކަން ބަޔާންކުރައްވަމުން، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ މަގުތައް ބަންދުކުރުމަށާއި، މިވަބާގައި ޖެހިފައިވާ ޒުވާނުން އަނބުރާ މުޖްތަމައަށް ގެނައުމަށް ފަރުވާދިނުމުގައި ސަރަޙައްދީ ޤައުމުތަކުގެ އެއްބާރުލުމަށް އެދިވަޑައިގެންނެވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި އިންފޮރމޭޝަން ޓެކްނޮލޮޖީ ދާއިރާގައި މިސަރަޙައްދުގެ ގިނަ ޤައުމުތަކުން ހޯދާފައިވާ ކުރިއެރުން ބޭނުންކޮށްގެން، ރައްޔިތުންނަށް ތަރައްޤީ ހޯދައިދެވޭނެ ގޮތްތައް ހޯދުމުގެ މުހިންމުކަމުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ.