ދައުލަތުގެ ފައިސާއާއި މުދަލަށް ބޮޑެތި ޚިޔާނާތްތައް ވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތައް ތަޙުޤީޤު ކުރެއްވުމަށް ރައީސް މުޙަންމަދު ނަޝީދު، ރިޔާސީ ކޮމިޝަނެއް މިއަދު އުފައްދަވައިފިއެވެ. މިއުފެއްދެވި ރިޔާސީ ކޮމިޝަނަކީ، ދައުލަތުގެ މުދަލާއި ފައިސާއާއި ދައުލަތުގެ ކުންފުނިތަކަށް ޚިޔާނާތްތެރިވެފައިވާ ބޮޑެތި މައްސަލަތަކެއް ހުރި ކަމަށާއި، މިމައްސަލަތައް ތަޙުޤީޤުކޮށް އަވަހަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން ބާރު ލިބިވަޑައިގެން އުފެއްދެވި ކޮމިޝަނެކެވެ.

މި ކޮމިޝަންގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާގެ އިކޮނޮމިކް އެޑްވައިޒަރ ޢަލީ ޝިޔާމެވެ. ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ އެހެން މެންބަރުންނަކީ، މިނިސްޓަރ އޮފް ސްޓޭޓް، ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސް މުޙަންމަދު އަސްވާނާއި، އަލްއުސްތާޛު އިދުހާމް މުޢިއްޒު ޢަދުނާނާއި، އަލްއުސްތާޛު ޢަބްދުﷲ ޙަސީނާއި، އަލްއުސްތާޛާ ޝަބާބް ރަޝީދެވެ. މިކޮމިޝަންގެ ސްޕޯކްސްމަނަކީ އަލްއުސްތާޛު ޢަބްދުﷲ ޙަސީނެވެ.

މިއުފެއްދެވި ރިޔާސީ ކޮމިޝަނަކީ ވަކިފަރާތަކަށް ބުރަނުވެ މަސައްކަތް ކުރާނެ މުސްތަޤިއްލު ކޮމިޝަނެކެވެ. މިގޮތުން މަސައްކަތް ކުރުމުގައި އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ޢަދުލު އިންޞާފުގެ ހަމަތަކުގެ މަތިން ކުރަންޖެހޭ ތަޙުޤީޤު ކުރުމަށް ޤާނޫނީ އިމުގެ ތެރެއިން އެންމެ ފުޅާ ދާއިރާއެއްގައި ތަޙްޤީޤު ކުރުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު މިކޮމިޝަނަށް ލިބިގެންވެއެވެ. މިކޮމިޝަނުން ތަޙުޤީޤު ކުރަމުންދާ މައްސަލަތަކަށް ހެކިންގެ ގޮތުގައި ޙާޒިރު ކުރަންޖެހޭ ފަރާތްތައް ކޮމިޝަނަށް ޙާޒިރު ކުރުމާއި، ހެކިބަސް ހޯދުމުގެ ބާރު، މިކޮމިޝަނަށް ލިބިގެންވެއެވެ. މިކޮމިޝަނުން ބަލަމުންދާ މައްސަލައަކަށް ކޮމިޝަނުން ސުވާލު ކުރެވެމުންދާ މީހަކު ރާއްޖެއިން ފުރައިގެންދާނެ ކަމަށް ފެނިއްޖެނަމަ، އެމީހަކު ހައްޔަރު ކުރުމަށް މޯލްޑިވްސް ޕޮލީސް ސަރވިސްއަށް އެންގުމާއި، އެފަރާތްތަކުގެ ޕާސްޕޯޓް ހިފެހެއްޓުމަށް އެންގުމުގެ ބާރު މިކޮމިޝަނަށް ލިބިގެންވެއެވެ.

މިކޮމިޝަނުން ކުރަމުންދާ ތަޙުޤީޤަކާ ގުޅުންހުރި ކަމަށް ފެންނަ ލިޔެކިޔުންތަކާއި، އެހެނިހެން ތަކެތި، ސަރުކާރުގެ އެކިއެކި ވުޒާރާތަކާއި، މުއައްސަސާތަކުންނާއި، އެހެނިހެން ފަރާތްތަކުން ބަލައި، ހޯދައި ގެނައުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު، މިކޮމިޝަނަށް ލިބިގެންވެއެވެ.

މިކޮމިޝަންގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމާއި، އެމަސައޫލިއްޔަތުތައް އަދާކުރުމަށް މަގުފަހިވާނެ އެންމެހާ ކަންކަން ޤާނޫނީ އިމުގެ ތެރެއިން ކުރުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ކޮމިޝަނަށް ލިބިގެންވެއެވެ. އަދި މިކޮމިޝަންގެ މައްސަލަތައް ތަޙުޤީޤު ކުރުމަށްފަހު، އެއްކުރާ ހެކިތަކާއި މަޢްލޫމާތުތައް ދިވެހިރާއްޖޭގެ ޕޮލީސް ސަރވިސްއާއި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަކީވެސް މިކޮމިޝަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.