ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކުގެ އަރިހަށް، ތުރުކީގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ ނައިބު ރައީސް އަދި ޑެޕިއުޓީ ސްޕީކަރ މިސްޓަރ ނެވްޒަޓް ޕަކްޑިލް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ތުރުކީއަކީ ސަރުކާރުގެ ވިސްނުމާއި ވަރަށް އެއްގޮތް ވިސްނުމެއް ގެންގުޅޭ ޤައުމެއްކަމަށް ވިދާޅުވެ، ރާއްޖެއާ ތުރުކީއާ ދެމެދުއޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވައިލެއްވިއެވެ. އަދި ރާއްޖޭގައި ހުރި އާސާރީތަންތަނާއި ދުވަސްވީ ލިޔެކިޔުންތައް ގިނަދުވަހަށް ދެމިހުންނާނެގޮތަށް ރައްކާތެރިކުރުމުގައި ތުރުކީގެ އެހީތެރިކަން ހޯއްދެވުމުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ.

ނައިބު ރައީސް ޑޮކްޓަރ ވަޙީދު ދެއްކެވި ވާހަކަފުޅުގައި، ތުރުކީއަކީ ވަރަށް އަވަސް ބާރުމިނެއްގައި ކުރިއަރަމުން އަންނަ ޤައުމެއްކަން ފާހަގަކުރައްވައި، ފަތުރުވެރިކަމާއި، ޢިމާރާތްކުރުމުގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަކީ، ރާއްޖެއަށް ވަރަށް ފައިދާ ކުރާނެ ކަމެއްކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި މިސްޓަރ ޕަކްޑިލް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ތުރުކީއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަކީ، ތުރުކީ ސަރުކާރުންވެސް ވަރަށް އިސްކަންދެއްވާ ކަމެއްކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގައި ހުރި ދުވަސްވީ ލިޔުންތައް ރައްކާތެރިކުރުމަށް ތުރުކީގެ ޤައުމީ އަރުޝީފުގެ އެހީތެރިކަން ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ހުޅުމާލޭގައި އިއްޔެ ހުޅުވުނު ލާލޭ ޔޫތު އިންޓަރނޭޝަނަލް ސްކޫލް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތަށް ރައީސް ނަޝީދާއި ނައިބު ރައީސް ޑޮކްޓަރ ވަޙީދު ވަޑައިގެންނެވިކަން، އެއީ ރާއްޖެއާއި ތުރުކީއާ ދެމެދުގައި އޮންނަ ގުޅުމަށް ދިވެހި ސަރުކާރުން ދެއްވާ މުހިންމުކަން ރަމްޒުކޮށްދޭ ކަމެއްކަމުގައި ވިދާޅުވިއެވެ.