ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ ދަށުން އެކުލަވާލެވިފައިވާ އާ މޮޑެލްއާ އެއްގޮތަށް އުފެދުނު އެންމެ ފުރަތަމަ ސްކޫލްތަކުގެ ތެރޭގައި ލާލޭ ޔޫތު އިންޓަރނޭޝަނަލް ސްކޫލް ހިމެނޭ ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، ހުޅުމާލޭގައި ހިންގަމުންދާ ލާލޭ ޔޫތު އިންޓަރނޭޝަނަލް ސްކޫލް ރަސްމީގޮތުން ހުޅުއްވައިދެއްވުމުގެ ޖަލްސާގައި މިއަދު ހެނދުނު ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ތުރުކީވިލާތާއި ދިވެހިރާއްޖެއާ ދެމެދު އުފެދިފައިވާ ޒަމާންވީ ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ތުރުކީވިލާތާއި ދިވެހިރާއްޖެއާދެމެދު ވަރަށް އެއްގޮތް ކަންތައްތަކެއް އެބަހުރިކަމަށް ވިދާޅުވެ، ތުރުކީއަކީ ދިވެހިރާއްޖެއަށް ހުރިހާ ގޮތަކުންވެސް ވަރަށް އެހީތެރިކަން ފޯރުވައިދޭ ޤައުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި، ދިވެހިރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ގެންނެވުމަށް މިކުރައްވާ މަސައްކަތުގައި ތުރުކީގެ ތަޖުރިބާއާއި އެހީތެރިކަން ވަރަށް މުހިންމުކަމުގައި ވެސް ވިދާޅުވިއެވެ.

ރައީސް މުޙަންމަދު ނަޝީދުގެ ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ހުރިހާ މެންބަރުންނަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި، ރާއްޖޭގައި މިބޭއްވުނު އިންތިޚާބަކީ ރާއްޖޭގެ ޑިމޮކްރެޓިކް ޙަޔާތަށް ވަރަށް މުހިންމު އިންތިޚާބެއްކަމުގައިވެސް ވިދާޅުވިއެވެ.

މިރޮނގުން ވާހަކަފުޅުދައްކަވަމުން ޙަރަކާތްތެރި ވާދަވެރި ޕާޓީތައް އުފެދިފައިވާކަމީ، އެމަނިކުފާނު ވަރަށް ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމެއް ކަމަށާއި، ޙަރަކާތްތެރި ވާދަވެރި ޕާޓީތަކަކީ ސަރުކާރު ޖަވާބުދާރީކުރުވައި ސަރުކާރު ރަނގަޅު މަގަށް އެޅުވުމަށް ވަރަށް މުހިންމު ޙިއްޞާއެއް އަދާކުރާނެ ޕާޓީތަކެއް ކަމުގައި ވިދާޅުވިއެވެ.