بســم اللّـه الرّحمـن الرّحيــم
ލޮބުވެތި ރައްޔިތުންނާ މި ބައްދަލުކޮށްލީ، ޤައުމަށް މިހާރު މެދުވެރިވެގެން މިއުޅޭ ޚުޠޫރަތްތެރި ދަނޑިވަޅު، ކަންކަން ހިނގާގޮތް ދަންނަވައިލުމުގެ ބޭނުމުގައި.
އާދެ، ފެބުރުވަރީ 1 ވަނަ ދުވަހުގެ ރެޔަކީ އަޅުގަނޑުމެންނަށް އެހާ ފަސޭހައިން ބަލައިގަނެވުނު ރެޔަކަށްނުވޭ. ދައުލަތަކަށް އެއްވެސްކަހަލަ އެނގުމެއްނެތި އަދި ދައުލަތުގެ ބަންޑާރަ ނައިބަކަށް، ނޫނީވިއްޔާ ޕްރޮސިކިއުޓަރ ޖެނެރަލަކަށް އެއްވެސްކަހަލަ އެނގުމެއްނެތި އަޅުގަނޑުމެން ހައިރާންކުރަނިވި އަމުރެއް ސުޕްރީމް ކޯޓުން ނެރުއްވީ. އެ އަމުރުގައި ވަރަށްގިނަ ބައިތައް އެބަހުރި. މިހާތަނަށް ބަންޑާރަ ނައިބު މަޢުލޫމާތު ދެއްވާފައިވާނީ އެ އަމުރުތަކާ ބެހޭގޮތުން. އެހެންނަމަވެސް، އެ އަމުރުތައް އަޅުގަނޑުމެން ދިރާސާކޮށްލިއިރު، ދައުލަތް ހިންގުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހޭފަދަ ކަންތައްތަކެއް އެ އަމުރުތަކުގައި ހުރީ. އެންމެ ހައިރާންކުރަނިވި ކަމަކަށްވަނީ އެއްވެސްކަހަލަ ސަބަބެއް ބަޔާންނުކުރައްވައި، އަދި ދައުލަތުން ދިފާޢުގައި އެއްވެސް އެއްޗެއް ބުނުމުގެ ފުރުޞަތު ނުލިބި، ޙުކުމް ތަންފީޛު ކުރަމުންދާ އެތަކެއް ބޮޑެތި މީހުންތަކެއް ވީއްލުމުގެ ވާހަކަ. އަދި އޭގެތެރޭގައި، އެ ވީއްލާ މީހުންގެ ތެރޭގައި، ދިވެހިރައްޔިތުންނަށް ގަބޫލުކުރަން ދަތިވާވަރުގެ ބޮޑެތި ކުށްތައް ކޮށްފައި ތިބި މީހުންގެ ލިސްޓެއް މިއައީ. ސަރުކާރުން އެ ލިސްޓާ ދޭތެރޭގައި ވިސްނާލިއިރު، ކީއްވެގެންތޯއޭ ހަމައެކަނި އެ ލިސްޓުގައި ހުރި މީހުން ދޫކޮށްލަންޖެހެނީ، ޖަލުގައި ގައިދީން ޙުކުމް ތަންފީޛުވަމުންދާ އެތައް ބަޔަކު ތިބިއިރު، ހަމައެކަނި ވަކިބަޔަކު ވީއްލަންޖެހެނީ ކީއްވެގެންތޯ ސަރުކާރުން ސުވާލުކުރި. އެއީ ސަރުކާރުން، ސަރުކާރުގެ ތެރޭގައި ކުރެވުނު ސުވާލު. އަޅުގަނޑު، އަޅުގަނޑު ހިތާހިތާ ސުވާލުކުރީމު. އަޅުގަނޑު ޕްރޮސިކިއުޓަރ ޖެނެރަލާ ސުވާލުކުރީމު. ބަންޑާރަ ނައިބާ ސުވާލުކުރީމު. ސުޕްރީމް ކޯޓުގެ ޙުކުމުގައި އެ ދޫކޮށްލަންޖެހުނު، އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ 9 މީހުން ޓައިޓްލް ކޮށްފައި މި އޮންނަނީ ސިޔާސީ ކުށްވެރިންގެ ގޮތުގައި. އެހެންވީމާ، ފަހަރުގައި ޖަލުގައި ތިބި އެހެން ގައިދީންވެސް މީގައި ނުހިމެނެނީ ކަމަށްވެދާނެ.
ދެން އަޅުގަނޑު ބެލީ [ދިވެހިރާއްޖޭގެ ސިޔާސީ ކުށްވެރިން] މި އިޞްޠިލާޙު ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގައި އޮތްތޯ. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ދަންނަ އެއްޗެއްނޫން ސިޔާސީ ކުށްވެރިންނަކީ. އެހެންވީމާ، ސުޕްރީމް ކޯޓުން 9 މީހެއްގެ ނަން މީގައި ޖެއްސެވިއިރު، އެ 9 މީހުންނަކީ ސިޔާސީ ކުށްވެރިން ކަމުގައި ވިދާޅުވުމަކީ، އެހެން ގައިދީންނާ ތަފާތުކުރައްވަން ގެންގުޅުއްވި ހަމައެކަނި ބޭނުންކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ. އެހެންވީމާ، ކޮންމެވެސް ގޮތަކުން މި 9 މީހުން ދޫކޮށްލަން ޖެހިއްޖެ ކަމަށް ސުޕްރީމް ކޯޓަށް ގަބޫލުކުރެއްވޭ ކަމަށް ސަރުކާރަށް ގަބޫލުކުރެވުނީ. އެކަމަކު މި މީހުން ކޮށްފައި ހުރި ކުށްތަކުގައި ހިމެނޭ އެހެން މީހުން، ހަމަ ތިން މަރްޙަލާއެއްގެ ޝަރީޢަތް ނިމި، ދެ މަރްޙަލާއެއްގެ އެޕީލް ޕްރޮސެސް ނިމިގެންދިޔައިރު، މި ކުށުގައި ބައިވެރިވި އެހެން މީހުން ވީއްލާކަން މީގައި ނެތީމަ، ސަރުކާރަށް ހައިރާންކަމެއް ގެނައި.
ދެން ހަމައެއާއެކީ އަޅުގަނޑުމެންނަށް ފެނިގެން މިދަނީ މި ސުޕްރީމް ކޯޓުގެ އަމުރުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންވެސް ކުރައްވާ ކަންކަމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ ޤާނޫނުއަސާސީން އުފައްދާފައި އޮންނަ ކޮމިޝަނެއް. ޢަދުލު އިންސާފުގެ ދާއިރާގައި ހިމެނޭ ކޮންމެ ފަނޑިޔާރަކީވެސް އެ ފަނޑިޔާރެއް ކުރައްވާ ކަންތައްތަކާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ސުވާލު އުފެއްދޭނެ، ސުވާލު ކުރެވިދާނެ ފަނޑިޔާރެއް. އޭގެތެރޭގައި ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރުވެސް އަދި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންވެސް ހިމެނޭގޮތަށް. އެއީ، ޤާނޫނުއަސާސީން މަތިކޮށްފައި އޮތް ޒިންމާއެއް. އެއީ، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނުއަސާސީން ލިބިފައި އޮތް ބާރެއް. އެ ބާރަކީ އެއްވެސް ބަޔަކަށް ވަކިކުރެވޭނެ ބާރެއްނޫން. އެއްވެސް ކޯޓު އަމުރަކުންނެއް ވަކިކުރެވޭނެ ބާރެއްނޫން. ރައްޔިތުންގެ މަޖިލީހުން ޤާނޫނުއަސާސީ އިޞްލާޙު ކުރާއިރު، އެ މާއްދާއަށް ބަދަލެއް ގެނެސްގެން މެނުވީ، އެއީކީ ބަދަލުކުރެވޭނެ މާއްދާއެއް ނޫން. އެހެންނަމަވެސް، ސުޕްރީމް ކޯޓުގެ ޙުކުމް ނިންމަވައިލައްވާފައި މި އޮންނަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޖޭ.އެސް.ސީ އަށްވެސް ހާޒިރުނުކުރެވޭނެ ގޮތަށް.
އެހެންވީމާ، އަޅުގަނޑުމެންނަށް މި ލިބުނު ކޯޓު އަމުރުގައި ވަރަށް ވަރުގަދަ ކަންތައްތަކެއް ދައުލަތުގެ މައްޗަށް މަތިކުރައްވާފައި، ވަރަށް ވަރުގަދަ ކަންތައްތަކެއް ނިންމަން އަންގަވާފައި. އެކަމަކު އެކަންކަން ނިންމީ ކީއްވެގެންތޯ ސާފުކުރަން ސުވާލުކޮށްލުމުގެ ފުރުޞަތެއްނެތި، އަދި އެކަންކަން ނިންމަވާފައި އޮތީ ކޮން މަޤްޞަދެއްގައިތޯ، އެއީ ކުރެވިދާނެ ކަމެއްތޯ، ކީއްވެގެންތޯ، ފަނޑިޔާރުން އެކައުންޓަބްލް ކުރާނެ އެއްވެސް ޖާގައެއް ނުދެއްވައި، މި ކޯޓު އަމުރު ނިންމެވީ. ދެން ސުޕްރީމް ކޯޓުގައި ބާރާއި އިޚްތިޔާރު އޮންނާނެ، ސުޕްރީމް ކޯޓުން އަންގަވާފައި އޮންނަ އަމުރަކާ ޚިލާފުވެއްޖެ ކަމަށްވަންޏާ، ކޮންޓެމްޕްޓް އޮފް ކޯޓް އިންވޯލްވް ކުރުން. އެއީ ކޯޓުގެ ޙުރްމަތް، ނޫނީ ކޯޓުން ކުރާ އަމުރަކަށް ނުކިޔަމަންތެރިވި ކަމުގެ އަދަބެއްގެ ގޮތުން އަދަބު ދެއްވޭގޮތަށް. އެއީ އެބޭފުޅުން ގެންގުޅުއްވާ ގަވާއިދެއްގެ ދަށުން. ޝަރީޢަތް ކުރުމުގެ ގަވާއިދުގެ ދަށުން، އަޅުގަނޑު ހަނދާންވާގޮތުން، ހައްދަވައިގެން އުޅުއްވާ ގަވާއިދެއް.
އެހެންވީމާ، ދައުލަތަށް ލިބިގެންދިޔަ ފުރުޞަތުގައި ބަލާއިރު، ބަންޑާރަ ނައިބަކަށް، ޕްރޮސިކިއުޓަރ ޖެނެރަލަކަށް، އަދި ޖޭ.އެސް.ސީ އަކަށް، ސުޕްރީމް ކޯޓުން މި ކުރެއްވި ކަންތައްތަކާ ދޭތެރޭގައި ސުވާލު އުފެއްދޭނެ އެއްވެސް ޖާގައެއް ނުލިބުނު. މިއީ ހަމަގައިމުވެސް ޤާނޫނާ ޚިލާފަށް އޮތްކަމެއް. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ތިން ބާރު ވަކިކޮށްފައި މި އޮންނަނީ. ކޮންމެ ބާރަކުންވެސް، އެ ބާރަކާ ހަވާލުވެފައި އޮންނަ ކަންތައްތައް އަމާނާތްތެރިކަމާއެކީ، ޤާނޫނީ ތަރަހައިގެ ތެރެއިން ނިންމަން މި އޮންނަނީ. ސުޕްރީމް ކޯޓުން ކުރައްވާ ކަންތައްތަކަކީވެސް ޤާނޫނީ ތަރަހައިގެ ތެރެއިން، އެބޭފުޅުންނަށް ލިބިވަޑައިގަންނަވާ ބާރުގެ ތެރެއިން، އިޚްތިޞާޞްގެ ތެރެއިން ކުރައްވަންޖެހޭ ކަމެއްގެ ގޮތުގައި މި އޮންނަނީ. އެހެންވީމާ، ސުޕްރީމް ކޯޓުގެ އަމުރަކަށް ތަބާވާއިރު، ދައުލަތުން މި އަމުރުގައި ހިމެނޭ ކަންކަމަކީ، ޤާނޫނާއި ޤާނޫނުއަސާސީގައި ހިމެނޭ ކަންކަމާއި އަދި ސުޕްރީމް ކޯޓަށް ލިބިފައި ހުރި ބާރުތަކުގެ ތެރެއިން ކުރި ކަންތައްތަކެއް ސަރުކާރުން އެބަޖެހޭ ބަލަން. ސަރުކާރުން އެކަން ބަލަންޖެހޭގޮތަކީ، ބޮޑެތި ކުށްވެރިންތަކެއް ދޫކޮށްލައިފި ކަމަށްވަންޏާ، ރާއްޖޭގެ ދާޚިލީ މަޞްލަޙަތު، ދެން ނިމިގެންދާނީ ކިހިނެއްތޯ، އެ ކަށަވަރު ކުރަންޖެހޭ ބަޔަކީ ސަރުކާރު. އެއީކީ ކޯޓަކުން ކަށަވަރުކުރާ ކަމެއްނޫން.
އެހެންވީމާ، ކުށްވެރިންތަކެއް ދޫކޮށްލާއިރު، ކުށްވެރިންގެ ތެރޭގައި އެއްވަރުގެ ކުށްތަކެއް ކޮށްފައި ތިބި ބައެއްގެ ތެރޭގައި، އެއްވަރުގެ އިންސާފު ލިބިގެންދޭތޯވެސް ކަށަވަރުކުރަންޖެހޭ ބަޔަކީ ސަރުކާރު. އެހެންވީމާ، ގައިދީންތަކެއް މިހެން ދޫކޮށްލީމަ، ރާއްޖޭގެ އަމްނަށްވާނެ ގެއްލުމާއި، ޕަބްލިކް އޯޑަރއަށް ލިބޭނެ ގެއްލުން ދިރާސާކުރަން ސަރުކާރުން ވަގުތު ބޭނުންވި. އަދި އަޅުގަނޑުގެ ޕްރޮސިކިއުޓަރ ޖެނެރަލް، ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލް މި ވިދާޅުވަނީ، މި ލިޔުއްވާފައި އޮތްގޮތުން، ފަސޭހައެއްނޫނޭ ޖިނާއީ އިޖުރާތުގެ ޤާނޫނުގައި ހުރި މާއްދާތަކުގެ ތެރެއިން މިއަކަށް ފަރުވާއެއް ހޯދާކަށް ފަސޭހަފުޅެއްނޫނޭ. ދައުލަތުގެ ބަންޑާރަ ނައިބުގެ އޮޕީނިއަން، މިކަމުގައި އަޅުގަނޑު ހޯދިން. ދައުލަތުގެ ބަންޑާރަ ނައިބުވެސް އަޅުގަނޑަށް ކަށަވަރުކޮށްދެއްވަނީ، ޕްރޮސިކިއުޓަރ ޖެނެރަލް އެ ވިދާޅުވަނީ ރަނގަޅަށޭ. ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު އުފުއްލެވުމަކަށް މިއަކަށް ފަސޭހައެއް ނުވާނޭ.
ދެން އަޅުގަނޑުމެން މަސައްކަތްކުރީ، މި ދެންނެވި ގޮތަށް ސުޕްރީމް ކޯޓު ޖަވާބުދާރީ ކުރެވޭނެގޮތެއް ނެތީމަ، އެއީ ޖޭ.އެސް.ސީ ބޭއްވޭނެ ގޮތެއް ނެތީމަ، ޖޭ.އެސް.ސީ ބާއްވައިފި ކަމަށްވަންޏާ ވެދާނެގޮތަކީ، ސުޕްރީމް ކޯޓުގެ އަމުރެއް ޗެލެންޖް ކުރާކަމަށް ކަނޑައަޅުއްވައި، ޖޭ.އެސް.ސީ އަށް ހާޒިރުވާ ކޮންމެ މެންބަރަކާ ދޭތެރޭގައި ފިޔަވަޅު އެޅުއްވުމުގެ ބާރު، މި ޤަރާރުގައި އެބޭފުޅުން އެކަށައެޅުއްވި. އަދި އެކަން ކުރާކަށް ދައުލަތަކުން އެ ރިސްކް ނަގާކަށްވެސް ބޭނުމެއްނުވޭ. ޖޭ.އެސް.ސީ.ގައި ތިއްބަވާ ބޭފުޅުންނަށް ބަލާކަމަށްވަންޏާ، ޖޭ.އެސް.ސީގައި މި ތިއްބަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ދައުލަތުގެ ބަންޑާރަ ނައިބާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާ، މިކަހަލަ ބޭފުޅުންތަކެއް. މިއިން އެއްވެސް ބޭފުޅަކަށް އަޅުގަނޑު ބޭނުމެއްނުވޭ، ކޮންޓެމްޕްޓް އޮފް ކޯޓް އިންވޯލްވް ވެގެންދާކަށް. އެހެންވީމާ، އެ ރިސްކް ނަގާކަށް ދައުލަތަކުން ބޭނުމެއްނުވޭ.
އެހެންވީމާ، ދެން އަޅުގަނޑުމެން މަސައްކަތްކުރީ ސުޕްރީމް ކޯޓާ ވާހަކަ ދައްކައިގެން، މިކަން ކުރާނީ ކިހިނެއްތޯ ބަލަން. ކަންތައްތައް މިހާހިސާބަށް ދިޔައިރު، ސުޕްރީމް ކޯޓުގެ އަމުރު ތަންފީޛު ކުރުމަށް އަޅުގަނޑުމެންނަށް ބާރުއަޅުއްވައި، ފުލުހުންގެ އިދާރާއަށް އަންގަވަމުން ގެންދެވި. ފުލުހުންގެ އިދާރާއިން ސުޕްރީމް ކޯޓުގެ އަމުރު ތަންފީޛު ކުރުމުގެ ތައްޔާރީތައް، ހުރިހާ ތައްޔާރީތަކެއް ވަނީ ވެފައި. އެހެންނަމަވެސް، މީގައި ހުރި ދަތިތައް އަޅުގަނޑުމެން ފުލުހުންގެ އިދާރާއަށް ދެންނެވުމާއެކީ، އަޅުގަނޑުމެން މަސައްކަތްކުރީ ސުޕްރީމް ކޯޓަށް ދަންނަވައިގެން، މީގެތެރެއިން ގޮތްތަކެއް ނެރެވޭތޯ ބަލަން. އެރޭ ހަތަރުދަން ދިޔައީ ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރަކާ ނުގުޅި. އަނެއް ދުވަސްވެސް ހަވީރާ ހަމައަށް ދިޔައީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާ ނުގުޅި. ޚުދު އަޅުގަނޑު މަސައްކަތް ކުރިން، ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރާ ގުޅަން.
ހުކުރު ދުވަހުގެ ހަވީރު، އަޅުގަނޑުމެންނަށް ކަންތައްތައް މިއޮތްގޮތުން ވަރަށް ނުތަނަވަސްވެފައި ތިބި ވަގުތެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އެންމެ ފުރަތަމަ ގުޅުއްވީ ދައުލަތުގެ ބަންޑާރަ ނައިބާ. އެ ކޯލް ނިންމަވާފައި، އޭރު އަޅުގަނޑުމެން ތިބީ ރައީސް އޮފީހުގައި، މިކަން ކުރާނީ ކިހިނެއްތޯ ބަލަން. ސުޕްރީމް ކޯޓާ ވާހަކަ ދައްކައިގެން، އަޅުގަނޑުމެންނަށް މި އަންގަވާފައި ހުރި އެންގެވުންތައް، ޤާނޫނުގެ ތެރެއިން އަޅުގަނޑުމެން ތަންފީޛު ކުރާނީ ކިހިނެއްތޯ ބެލުމަށް. އެދުވަހުގެ ވަރަށް ހަވީރުގެ ވަގުތެއްގައި ދެން އަޅުގަނޑަށް ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރާ ވާހަކަ ދެއްކުމުގެ ފުރުޞަތު ލިބުނު. ވަރަށް ކޮމްފަރޓިންގ، ވަރަށް އެދެވޭ ވާހަކަފުޅުތަކެއް ދެއްކެވީ. އޭގައި ވިދާޅުވި، ދައުލަތަށް ދަތިވާ ކަންތައްތަކެއް ހުރެއްޖެ ކަމަށްވަންޏާ، ޕްރޮސިކިއުޓަރ ޖެނެރަލް، އެ ދަތިވާ ކަންތައްތައް ބަޔާންކުރައްވާފައި ސުޕްރީމް ކޯޓަށް ހުށަހެޅުއްވީމަ، ސުޕްރީމް ކޯޓުން މައްސަލަ ފައިސަލާކޮށް ގޮތްތަކެއް ނެރެދޭނަމޭ.
ދެން ހަމައެއާއެކީ ވެގެންދިޔަގޮތަކީ، އަޅުގަނޑަށްވެސް އެކަން ގަބޫލުކުރެވިގެންދިޔަ ގޮތަކީ، ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކުރާ ވާހަކަ ދިގުލައިގެން ދިޔުމާއެކީ، އިދިކޮޅު ބައެއް އެމް.ޕީ.ން ނޫސްތަކަށް އެކިފާޑުގެ ބަޔާންތައް ދެއްވަން ފެށްޓެވި. އޭގެ ބަޔާނެއްގައި، ބޭރުގެ ސިފައިން ގެނެސްގެން ސުޕްރީމް ކޯޓުގެ ޙުކުމް ތަންފީޛު ކުރަން ޖެހިދާނެކަމަށް އޮތް ކްލިޕެއް އަޅުގަނޑު ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރަށް ފޯވަޑް ކުރިން. އަޅުގަނޑު ފޯނުގައި މިއޮތީ އެ ދެއްވާފައި އޮތް ޖަވާބު. [ޑިޔަރެސްޓް ޕްރެޒިޑެންޓް، ދިސް ކެނޮޓް ބީ އެލައުޑް.] މިއީ ޢާންމުކޮށް ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރާއި އަޅުގަނޑާ ދޭތެރޭގައި އޮންނަ ގުޅުން. ވަރަށް ގާތް ގުޅުމެއް. އެހެންވީމާ، އަޅުގަނޑު ގަބޫލުކުރީ އިޚްލާޞްތެރިކަމާއެކީ އަޅުގަނޑުމެންގެ މި މައްސަލައަށް ޙައްލުތަކެއް ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް. [ޑިޔަރެސްޓް ޕްރެޒިޑެންޓް، ދިސް ކެނޮޓް ބީ އެލައުޑް.] އެހެންވީމާ، އެ އުންމީދުގައި އަޅުގަނޑު މަސައްކަތްކުރީ.
އެހެންނަމަވެސް، ޕްރޮސިކިއުޓަރ ޖެނެރަލް ހުށަހެޅުއްވި މައްސަލަތައް، އޭގެ އަނެއް ދުވަހު، އަނެއްކާވެސް ސުޕްރީމް ކޯޓުން ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަމުރަކު ނެތޭ، މިކަންކަން ކުރުމަކަށް ހުރަސްއެޅޭ އެއްވެސް ކަމެއް ކުރިއަށް ގެންދާކަށް. އެކަމަކު ޕްރޮސިކިއުޓަރ ޖެނެރަލަކީވެސް ދައުލަތުގެ މިނިވަން މުއައްސަސާއެއް. އޭނާއަށް ދަތިތަކެއް ހުރެއްޖެ ކަމަށްވަންޏާ، އެ ދަތިތައް ޙައްލުކޮށްދޭން އެބަޖެހޭ. އެހެންވީމާ، އޭނާ ހުށަހެޅުއްވި އެއްވެސް މައްސަލައަކަށް ވަކިވަކިން ފަރުވާއެއް ސުޕްރީމް ކޯޓުން ދެއްވާފައެއްނުވޭ.
އެހެންވީމާ، އަނެއްކާވެސް ޕްރޮސިކިއުޓަރ ޖެނެރަލް މި ވިދާޅުވަނީ، މިކަން ކުރެވޭނެ ގޮތެއްނެތޭ. ޖޭ.އެސް.ސީ ބޭއްވޭނެ ގޮތެއްނެތް. ސުޕްރީމް ކޯޓާ ވާހަކަ ދެއްކޭނެ ގޮތެއްނެތް. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޖަވާބުދާރީ ކުރެވޭނެ ގޮތެއްނެތް. ދައުލަތުން ކަމެއް ތަންފީޛު ކުރަން އުޅޭ ކޮންމެ މީހަކާ ދޭތެރޭގައި ފިޔަވަޅު އެޅުމުގެ އިންޒާރު މިއޮތީ. އޭރު ކަންތައްތައް ދިޔަގޮތުން އަޅުގަނޑުމެންނަށް އެނގިގެންދިޔައީ، ސުޕްރީމް ކޯޓަށް ވަރަށްގިނަ މައްސަލަތައް ބަލައިގަންނަމުންދިޔަކަން. އޭގެތެރެއިން ހުކުރު ދުވަހު ބަލައިގަތް އެއް މައްސަލައަކަށް ވަނީ ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރުން. އެނގިވަޑައިގަންނަވާނެ، ޤާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރުމުގެ މަސައްކަތަކީ، ރައްޔިތުންގެ މަޖިލީހާ ހަމައިން ފެށިގެން އަންނަ މަސައްކަތެއް. އެއީކީ ސުޕްރީމް ކޯޓުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަމެއްނޫން.
އެހެންވީމާ، ސުޕްރީމް ކޯޓުގެ ޑެލިބަރޭޝަންސް ނުފެށި، ވަރަށްގިނަ ވާހަކަތަކެއް ދެކެވެމުންދިޔައީ. ޗީފް ޖަސްޓިސް މި މައްސަލަ ގެންނަވައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއެކީ ވާހަކަފުޅު ދައްކަވަމުން ގެންދެވީ، މި މައްސަލަ އެޖެންޑާ ކުރެވިދާނެތޯ، ނޫންތޯ. އެކަމަކު ސުޕްރީމް ކޯޓުން ބަލަންޖެހޭ މައްސަލައަކަށްނުވާއިރު، އެއީކީ ދައްކަންޖެހޭ ވާހަކައެއް ކަމަކަށްވެސް އަޅުގަނޑެއް ގަބޫލެއްނުކުރަން. އެއީ ސުޕްރީމް ކޯޓުގެ އިޚްތިޞާޞްއިން ބޭރުގައި އޮންނަ ކަމަކަށްވާތީ. އެތަކެއް ޑެލިބަރޭޝަނަށްފަހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވިދާޅުވީ، ތިއީކީ ބަލައިގަނެވޭނެ މައްސަލައެއް ނޫނޭ.
މިހާ ހިސާބަށް ކަންތައް ދިޔައިމަ، ސަރުކާރުން މިކަންކަމާ ދޭތެރޭގައި ވަރަށް ސީރިއަސްކޮށް ކޮންސިޑަރ ކުރިން. އެއީ ދައުލަތުގެ ބަންޑާރަ ނައިބާއި، ޑިފެންސް ޗީފާއި، ޕޮލިސް އެކްޓިންގ ކޮމިޝަނަރ، މިބޭފުޅުންވެގެން ދެއްވި އިންޓަރވިއުގެ އަސްލު. އެބޭފުޅުން ވިދާޅުވި، ޤާނޫނާ ޚިލާފަށް ކުރެވޭ ކަމެއްގައި، ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރާކަށް، އެ ޖާގައެއް ތިމަންނަމެން ނުދޭނަމޭ. އެއީ، އެއްގޮތަކަށްވެސް ސުޕްރީމް ކޯޓުގެ އަމުރެއް ޗެލެންޖް ކުރާކަށެއް ނޫން. އެއީ، ދިވެހިރާއްޖޭގެ ހުރިހާ މުއައްސަސާތައްވެސް މަސައްކަތް ކުރަނީ ޤާނޫނީ އޮނިގަނޑެއްގައި، ޗެކް އެންޑް ބެލެންސް ނިޒާމެއްގެ ތެރެއިން އަދި ސްޓްރަކްޗަރެއްގެ ތެރެއިން ގުޅިގެންކަން، އެ ކަށަވަރުކަން ރައްޔިތުންނަށް ދެއްވުމަށްޓަކައި. އެހެންވީމާ، ސުޕްރީމް ކޯޓުގެ އޭރުގެ ވިސްނުން ހުރިގޮތުން، މިކަން ޑެލިބަރޭޓް ކުރެވި، މިކަންކަން ދާން ފެށީމަ، އަޅުގަނޑުމެން އެކަމާ ދޭތެރޭގައި ސިހުންވި.
މި އިންޓަރވިއު ދެއްވުމާއެކީ، އޭގެ އަނެއް ދުވަހު ސުޕްރީމް ކޯޓުގައި ޑެލިބަރޭޓް މި ކުރެއްވީ، ދައުލަތުގެ ބަންޑާރަ ނައިބު މަޤާމުން ވަކިކުރަން. އެއީ، ދައުލަތުގެ ބަންޑާރަ ނައިބު ސުޕްރީމް ކޯޓުގެ އަމުރަށް އިޙްތިރާމު ނުކުރައްވާ ކަމަށް ވިދާޅުވެ، އަދި މި އަމުރަށް އިޙްތިރާމު ކުރެއްވުމެއްނެތި ވާހަކަފުޅު ދައްކަވާ ކަމަށް ވިދާޅުވެ. ދެން ކޮންޓެމްޕްޓް އޮފް ކޯޓަކީ، އަބަދުވެސް ސުޕްރީމް ކޯޓަށް އިންވޯލްވް ކުރެއްވިދާނެ އެއްޗެއް. އެހެންނަމަވެސް، ދައުލަތުގެ މުއައްސަސާތަކުގެ ތެރޭގައި އިސްކޮށް ތިއްބަވާ ބޭފުޅުން، ޕްރޮސިކިއުޓަރ ޖެނެރަލް، ދައުލަތުގެ ބަންޑާރަ ނައިބު، މިބޭބޭފުޅުންނަށް ސުޕްރީމް ކޯޓުގެ އަމުރާ ބެހޭގޮތުން، އެބޭފުޅުންގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަންކަން، އޭގެތެރެއިން ތަންފީޛު ނުކުރެވޭ ކަމަށްވަންޏާ، އެ ވާހަކަ ވިދާޅުވެވެންވާނެ. އެއީކީއެއް އެއްގޮތަކަށްވެސް އަޅުގަނޑު ގަބޫލުކުރާގޮތުން ވެއްޖިއްޔާ އަދަބެއް ލިބެންޖެހޭ ކަމެއްނޫން.
އެހެންވީމާ، ޕްރޮސިކިއުޓަރ ޖެނެރަލަށްވެސް އޭނަގެ މަސައްކަތް، ޤާނޫނީ އިމުގެ ތެރެއިން ސުޕްރީމް ކޯޓުން އަންގަވާފައި އޮތްގޮތަށް ކުރަން ދަތިވާކަމަށްވަންޏާ، ދަތިވާ ވާހަކަ ވިދާޅުވީމަ، އެއީކީ އެއްގޮތަކަށްވެސް ސުޕްރީމް ކޯޓުގެ އަމުރަށް ޗެލެންޖް ކުރަނީކީ ނޫން. އެކަމަކުވެސް ބިރުއޮތީ މިއިން ކޮންމެ ކަމެއް ކޮށްފި ކަމަށްވަންޏާ، ކޮންޓެމްޕްޓް އޮފް ކޯޓް އަތުވެދާނެ ކަމަށް. އެ ސަބަބަށްޓަކައި ޖޭ.އެސް.ސީ.ވެސް، ޖުޑީޝަލް ސަރވިސް ކޮމިޝަންވެސް އަޅުގަނޑުމެންނަށް ނުބޭއްވުނީ. ޖޭ.އެސް.ސީ ކޮންވީން ކުރާ ހިސާބުން ކޮންމެވެސް ބޭފުޅަކަށް، ދެ ބޭފުޅަކަށް، ތިން ބޭފުޅަކަށް ކޮންޓެމްޕްޓް އައިސްފި ކަމަށްވަންޏާ، ދެން އަޅުގަނޑުމެން އެ ކޮންޓެމްޕްޓުން އެމީހަކު ސަލާމަތް ކުރުމަށްޓަކައިވެސް ދާންއޮތީ ހަމަ ސުޕްރީމް ކޯޓަށް.
އެހެންވީމާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނިންމަވާ ކަމެއް، އެ ފަނޑިޔާރުންގެ މައްސަލަ ނުބެއްލެވޭ ގޮތަށް، އެ އަމުރުގައި ލިޔުއްވީމަ، މިއީ ދައުލަތުން ކަންބޮޑުވާ ކަމެއް. މިއީ ޤާނޫނުއަސާސީގައި އެބޭފުޅުންނަށް ލިބިދޭ އިޚްތިޔާރެއް ނޫން. އެހެންވީމާ، މިކަހަލަ މައްސަލަތައް ހުރީމަ، އަދި އެބޭފުޅުންގެ ޑެލިބަރޭޝަންގައި މިކަހަލަ ކަންކަން ގޮސްފައި، ދައުލަތުގެ ބަންޑާރަ ނައިބު މަޤާމުން ވަކިކުރާ ހިސާބަށް ޓޭބަލްކޮށްގެން، ރަސްމީ އެޖެންޑާ ކުރެވިގެން، ރަސްމީ ޑިސްކަޝަންސް ފެށިގެން އަދި އެ މައްސަލަ ބީޓް ވީ، ޑިފީޓް ވީ. ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރު ގެންނެވި ގޮތަށް އެ މައްސަލަ ފާސްނުވީ. އެހާ ހިސާބުން މި ދެންނެވި ގޮތަށް އަޅުގަނޑުމެން ކަންބޮޑުވުން އިންތިހާއަށް ދިޔައީ.
އެހިސާބުން ދެން ސަރުކާރުން ބަލަމުންދިޔައިރު، އަޅުގަނޑުމެންނަށް އެނގިގެންދިޔައީ، އަޅުގަނޑުމެން ވިސްނަން ބޭނުންވީ ސުޕްރީމް ކޯޓުގައި މިއުޅެނީ ކޮންކަހަލަ ކަމެއް ވަދެގެންތޯ؟ ސުޕްރީމް ކޯޓަށް ނުފޫޒު ވަންނަނީ އެއް ފަރާތަކުން ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރަން ދެން ދަތިވެއްޖެ. ކުއްލިއަކަށް ވުޖޫދުގައި ނެތް މައްސަލަތަކެއް އުފައްދަވައިގެން، މިކަހަލަ މައްސަލަތަކެއް ބަލަން ފަށައި، އަދި ވަރަށް ވަރުގަދައަށް، ވަރަށް އަވަސް، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މިކަންކަން ނިންމުމަށް ސުޕްރީމް ކޯޓުން ބާރުއަޅުއްވަމުން ގެންދެވި. ދައުލަތަކާ މަޝްވަރާއެއް ނުކުރައްވާ. ދައުލަތަށް އޮތް ރައިޓް އޮފް ޑިފެންސް، ނޫނީވިއްޔާ ދައުލަތުން ބުނަން ބޭނުންވާ ވާހަކައެއް ބުނުމުގެ އެއްވެސް ފުރުޞަތެއް ނުދެއްވާ. މިއީކީ އެއްވެސް ގޮތަކަށް ޤާނޫނުގައި މިކަން ކުރެވޭނެ ގޮތެއް ނޫން.
ދެން އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، އަޅުގަނޑުމެން ބަލަމުންދިޔައިރު، ޕޮލިހުން ބައްލަވަން ފެށްޓެވި މައްސަލައެއް. އެ ބައްލަވަން ފެށްޓެވި މައްސަލައަކީ، ޖުޑީޝަލް ސަރވިސް އެޑްމިނިސްޓްރޭޝަންގައި އުޅުއްވާ ޙަސަން ސަޢީދު. މިއީ ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރާއި، ދެން ހުންނެވި އިސް ފަނޑިޔާރު، އާދެ، ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ދެން ހުންނެވީ ޢަލީ ޙަމީދު. މި ދެބޭފުޅުންނާއެކީ އަބަދުހެން އަބަދުހެން އެކީ ވަގުތު ހޭދަކުރައްވާ ބޭފުޅެއް. ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅެއް. ފެނިގެންދިޔައީ، ހުޅުމާލޭ ފްލެޓަށް، ފްލެޓް ބައްލަވައިގަންނަވަން ފޮނުއްވާފައި އޮތް އެޕްލިކޭޝަނެއް. އެއީ ހަމަ ކިތާބީ ހެކިއޮތް ޞައްޙަ މައްސަލައެއް. ހަމައެއާއެކީ، ހަމައެއާއެކީ ފެނިގެންދިޔައީ، ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރުގެ ހަމަ މި މައްސަލަ. ފްލެޓެއް ބައްލަވައިގަންނަވަން ހުށަހަޅުއްވާފައި، ފައިސާ ދައްކަވާނެ ކަމުގެ ލިޔުން ކަށަވަރުކޮށްދެއްވާފައި އޮތް.
ދެން ފެނިގެންދިޔައީ ޢަލީ ޙަމީދުގެ އަނބިކަނބަލުންގެ ނަމުގައި ފްލެޓެއް، ދަރިފުޅުގެ ނަމުގައި ފްލެޓެއް. ދައުލަތުން، ރައްޔިތުން އެދޭނެ، މަޤާމުގައި ތިބޭ މީހުން މިކަހަލަ ކަންތައް ކުރާކަމަށްވަންޏާ، އެމީހުންގެ މުސާރައާ ނުބައްދަލު ކަންތައް ހިނގާކަމަށްވަންޏާ، މިކަން ވަނީ ކިހިނެއްތޯ ބަލަން. ސުޕްރީމް ކޯޓުގެ އިސްފަނޑިޔާރަށް އަދި މި މައްސަލަތައް ޑެލިބަރޭޓް ކުރިއިރު، ކުރިން ނިންމާފައިހުރި މައްސަލަތަކެއް ނިއުޅާލަންޖެހިގެން މިކަންކަންކުރީ ކީއްވެގެންތޯ ބަލަންޖެހުނީ. ސަރުކާރުން ބަލަން ބޭނުންވީ. މި ބަލަން ބޭނުންވި ސަބަބުގެ ތެރޭގައި މަސައްކަތްކުރަނިކޮށް އަޅުގަނޑުމެންނަށް މި ދެންނެވި މައްސަލަ، އާދެ، ފްލެޓްތަކެއް ބައްލަވައިގެން މައްސަލަ، ނޫނީ ބައްލަވައިގަންނަވަން ފައިސާ ދައްކަވާނެކަމުގެ ކަށަވަރު ލިޔުންތަކެއް ހުށަހެޅިގެންދިޔައީ. ދެން އަޅުގަނޑުމެން ބޭނުންވީ، މި މައްސަލަ ތަޙްޤީޤުކުރަން. އަޅުގަނޑުމެން ތަޙްޤީޤުކުރަން އުޅުނީކީ، ސުޕްރީމް ކޯޓުގެ އިސްފަނޑިޔާރުގެ މައްސަލައެއްވެސް ނޫން. އަޅުގަނޑުމެން ތަޙްޤީޤުކުރަން އުޅުނީކީ، ޢަލީ ޙަމީދުގެ މައްސަލައެއްވެސް ނޫން. އަޅުގަނޑުމެން ތަޙްޤީޤުކުރަން ހާޒިރުކުރަން އިޢުލާނުކުރީ ޙަސަން ސަޢީދުގެ މައްސަލަ ބަލަން. އޭނާއަކީ، ޖުޑީޝަރީގައި ހިމެނޭ ފަނޑިޔާރެއް ނޫން. އޭނާއަކީ ޖުޑީޝަރީގައި، ޖުޑީޝަލް ސަރވިސް ޑިޕާޓްމަންޓް ބަލަހައްޓާ އެޑްމިނިސްޓްރޭޓަރެއް. އޭނާއަކީ ޚާއްޞަ އިމްތިޔާޒުތަކެއް ލިބޭ މީހެއްނޫން. ފަނޑިޔާރުންނަށް ލިބޭކަހަލަ އެއްވެސް އިމްތިޔާޒެއް ލިބޭ މީހެއްނޫން.
 
އެހެންވީމާ، ކަރަޕްޝަނުގެ މައްސަލައެއް ތުހުމަތު ކުރެވިއްޖެ ކަމަށްވަންޏާ، އެ މައްސަލައެއް ބެލެންވާނެ. އެ މައްސަލަ ބެލުން ހުއްޓުވައެއް ނުލެވޭނެ. އިޢުލާނުކޮށްގެން އެއްދުވަހުގެ ހަތަރުދަމު ދިޔައިރުވެސް، އޭނާ ހާޒިރެއްނުވި. އޭނާ ފިލީ. މާލޭގައި އުޅެމުން، ފުލުހުންގެ އަމުރަކަށް ރޭޑިޔޯއިން، ޓީ.ވީ.އިން، އިޢުލާނު ކުރަމުންދާއިރު، ހާޒިރުނުވެއްޖެ ކަމަށްވަންޏާ، އެއީ ގޯހެއް އެ ހަދަނީ. އެއީ ގޯހެއް. އެއީ، ޢަދުލުއިންސާފު ޤާއިމުކުރުމަށް ހުރަސްއެޅީ. އޭނާ ކުށުން ބަރިއްޔަވާން، ނޫނީވިއްޔާ އޭގައި ދައުލަތުގެ ފަރާތުން ތަޙްޤީޤުކުރާ މުއައްސަސާއަށް މަޢުލޫމާތުދޭން އޭނާ ޖެހޭނީ ހާޒިރުވާން.
 
އެހެންނަމަވެސް، ކަންތައްތައް އޮތް ހިސާބުން، އޭނާ ހައްޔަރުގައި ބަހައްޓައިގެން ގެނެވޭނެގޮތެއް އަޅުގަނޑުމެންނަށް ނުހޯދުނު. އަޅުގަނޑުމެންނަށް އޭރު ދެން ފެނިގެންދިޔައީ، ކްރިމިނަލް ކޯޓުންވެސް ބަންދުގެ މުއްދަތު ދެއްވާފައި ހުރި އެތައް ބަންދެއް، ކޯޓު އަމުރުތަކެއް ބާޠިލުކުރަމުން ގެންދެވިތަން. އަނެއްކާ ދައުލަތުން މިކަހަލަ ކަންކަމުގެ ތުހުމަތުގައި ނަގަން ބޭނުންވާ މީހުންނަށް ކުރީގައި ލިބެމުން އައި އުސޫލުން ބަންދުގެ އަމުރު ހޯދަން ދަތިވެގެންދިޔައީ. އެހެންވީމާ، އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ޖުޑީޝަރީގެ ތެރެއިން، ދައުލަތުން، ސަރުކާރުން، ބަލަން ބޭނުންވެފައިހުރި އެއްވެސް މައްސަލައެއް ކުރިއަށް ގެންދެވޭނެ ޖާގަ ނުދެއްވިތަން. މި ޙަސަން ސަޢީދުގެ މައްސަލަ ބަލަން، ފުލުހުން މަސައްކަތް ކުރަނިކޮށް، އަނެއްދުވަހުގެ ހަވީރުގެ ވަގުތެއްގައި ކޯޓު އަމުރެއް ނެރުއްވަނީ، އެ މައްސަލައެއް ނުބެލޭނެއޭ. އެ މައްސަލައިގެ ފައިލް ފޮނުވާށޭ.
 
 ދިވެހި ލޮބުވެތި ރައްޔިތުން؛
 
 މި ޢަދުލުގެ ނިޒާމެއްނޫން އަޅުގަނޑުމެން އިޚްތިޔާރުކޮށްގެން މިއުޅެނީ. އެއްވެސް މީހެއްގެ ނުބެލޭ މައްސަލައެއް އޮވެގެންނުވާނެ. އެއްވެސް މީހެއްގެ ނުބެލޭ މައްސަލައެއް އޮވެގެންނުވާނެ. އަޙްމަދު އަދީބުގެ ކަރަޕްޝަން މައްސަލަ ބަލަން ބާރުލައި އަޅުގަނޑުމެން ގޮވާއިރު، އަޅުގަނޑަކަށް ނުވިސްނޭ، އެހެން މީހެއްގެ މައްސަލަ ވަކި ނުބެލެންވީ ސަބަބެއް އޮންނަންވާނެ ކަމަކަށް. މި މައްސަލަ ނުބަލަންޖެހޭ ސަބަބެއް އޮތްނަމަ، ޙަސަން ސަޢީދު ދާންވީ އިސްތިއުނާފަށް. އެއް މަރުޙަލާ ނިންމާފައި، އަނެއް މަރުޙަލާ ނިންމާފައި، ކުށުން ބަރިއްޔަވާން ކުރަންޖެހޭ މަސައްކަތް އޭނާ ކުރަންވީ. އެހެންނަމަވެސް، ސުޕްރީމް ކޯޓުން މި ދެންނެވި ކަހަލަ ބޮޑެތި އަމުރު ކުއްލިއަކަށް ނެރުއްވަމުން ގެންދަވާ ދުވަސްކޮޅެއްގައި، އަޅުގަނޑުމެންނަށް ކުއްލިއަކަށް ފެނިގެން މި ދިޔައީ، ފަރުދެއްގެ މިކަހަލަ އަމިއްލަ ތުހުމަތަކުން އޭނާ ބަރިއްޔަ ކުރުވުމަށްޓަކައި ހަމަ އެ މައްސަލައަކީވެސް، ދައުލަތުގެ ބޮޑު މަސްއޫލިއްޔަތުގެ ތެރޭގައި، ނޫނީ ބޮޑު މަޞްލަޙަތުގެ ތެރޭގައި ހިމެނޭވަރުގެ ބުރަދަނެއް ދެއްވައިގެން، އެ މައްސަލަ ނުބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމެވި ނިންމެވުން.
 
އަޅުގަނޑުގެ ސަރުކާރުން ވަރަށް ހިތާމަކުރިން. އެހިސާބުން އަޅުގަނޑަށް އެނގިއްޖެ. ޙަސަން ސަޢީދާއެކީ އައިސްއޮތީ ޢަބްދުﷲ ސަޢީދު ފްލެޓެއް ގަތް މައްސަލަ. ޢަލީ ޙަމީދު ފްލެޓެއް ގަތް މައްސަލަ. ޤާނޫނުގައި މިއޮންނަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ކޯޓަކަށް ހާޒިރުކުރެވޭނީ، އަދި ތަޙްޤީޤުކުރާ އިދާރާއަކަށް ހާޒިރުކޮށްގެން އަޅުގަނޑުމެން މި ތަޙްޤީޤު ކުރިއަށްގެންދާއިރު، ސުޕްރީމް ކޯޓުން އެބަޖެހޭ ހުއްދައެއް ދޭން. ސުޕްރީމް ކޯޓު އެބަ އަމުރެއް ދޭންޖެހޭ. ކަންތައްތައް މިހާ ހިސާބަށް ގޮސްފައި އޮތްއިރު، ޙަސަން ސަޢީދުގެ މައްސަލަ މިގޮތަށް ސުޕްރީމް ކޯޓުން ނުބެލޭނެ ކަމަށް ނިންމެވީމާ، އަޅުގަނޑަކަށް ގަބޫލެއް ނުކުރެވުނު، ސުޕްރީމް ކޯޓަކުން އަމުރެއް ނެރެދޭނެކަމަކަށް ޢަލީ ޙަމީދުގެ މައްސަލަ ބަލަން، ޢަލީ ޙަމީދު ހާޒިރުކުރާކަށް. އަދި އަމުދުން ޗީފް ޖަސްޓިސް ޢަބްދުﷲ ސަޢީދުގެ މައްސަލަ ބަލަން ހާޒިރުކުރާނެކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވުނު. މި މައްސަލަތައް ދެނެގަނެވުނުނަމަ، އަޅުގަނޑަށް އެނގޭނެ، ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ ސިކުނޑިފުޅަށް، ނޫނީ ވިސްނުންފުޅަށް މި ބަދަލު އައިސްގެން މިއުޅެނީ ކީއްވެގެންކަން. ސުޕްރީމް ކޯޓުގައި ދެން ތިއްބެވި 3 ފަނޑިޔާރުންނެއް މިގޮތަކަށް މަސައްކަތެއް ނުކުރައްވާ. އެ ބޭބޭފުޅުންގެ ތެރޭގައި މައްސަލަތަކެއް ނެތް. ފްލެޓް ބައްލަވައިގަތް މައްސަލައެއް ފެންނާކަށެއްނެތް. އެހެންވީމާ، ކަމެއް ފެނުނީމަ، އެ ފެނުނު މައްސަލައެއް ދައުލަތުން ބަލަން ބޭނުންވީ. އެހެންވީމާ، ދައުލަތުންވެސް ބޭނުންވީ، ސަރުކާރުންވެސް ބޭނުންވީ ކުއްލިއަކަށް ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރަށާއި، ޢަލީ ޙަމީދަށް، މި ބަދަލު އައިސްގެން މިއުޅެނީ، ކޮންކަހަލަ ނުފޫޒެއްގެ ދަށުންތޯ؟
 
އަޅުގަނޑުމެން ބެލިބެލުމުގައި، މި ދެންނެވި މައްސަލަ އެބައޮތް. ދެން އެހެންވެއްޖިއްޔާ ދައުލަތުން ބަލަން ބޭނުންވާނެ، މި 9 މީހުންގެ ލިސްޓުގެ ތެރޭގައި، ނޫނީވިއްޔާ ކޮން ނުފޫޒެއްތޯ މީގެތެރެއަށް ވަދެގެން މިކަހަލަ މައްސަލަތަކެއް ބަލަން މި ޖެހިގެންދަނީ. އެ ބަލާއިރު، އަޅުގަނޑުމެންނަށް މި ތަޙްޤީޤު ކުރެވޭ ކަމަށްވަންޏާ، މި ބޭފުޅުންނަށް ފައިސާ ލިބުނު ގޮތަކާއި، މި ބޭފުޅުންގެ މުޢާމަލާތުތައް ހުރިގޮތެއް އަޅުގަނޑުމެން ބަލަން ބޭނުންވާނެ. އަޅުގަނޑު ޤަބޫލުކުރަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކަށް، އެއްވެސް ބަޔަކަށް ނުފޫޒެއް ނުފޯރުވޭނެކަމަށް. ދައުލަތުން ރައީސުލްޖުމްހޫރިއްޔާ، ސުޕްރީމް ކޯޓުގެ އިސްފަނޑިޔާރާ އަބަދުވެސް ވާހަކަ ދައްކާނެ. މައްސަލަތައް ލަސްވާކަމަށްވަންޏާ ވާހަކަ ދައްކާނެ، މައްސަލަތައް އަވަސްކުރަން. މިހާރުވެސް މިއޮތީ އެކަހަލަ މައްސަލައެއް. ދައުލަތަށް ޓެކްސް ނުދައްކާ އެތައް މިލިއަން ޑޮލަރެއްގެ ޓެކްސް ނުދައްކަވާ ހުންނެވި ބޭފުޅެއްގެ މައްސަލަތައް އަވަސްކުރަން އަޅުގަނޑަށް ދެންނެވޭނީ، ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރު އަރިހުގައި. އަޅުގަނޑަކަށް ކޮންމެ ކޯޓެއްގެ ފަނޑިޔާރަކަށް ގުޅާފައެއް ނުދެންނެވޭނެ، މައްސަލަ އަވަސްކުރާށެކޭ. މައްސަލަ އަވަސްކުރަން އަޅުގަނޑު ދަންނަވަންޖެހޭ. މައްސަލަ ވަކިގޮތަކަށް ނިންމަވާކަށް އަޅުގަނޑު ނުދަންނަވާނަން. އެއީކީ ނުފޫޒު ފޯރުވަނީކީ ނޫން. އެއީކީ، ނުފޫޒެއްގެ ދަށުގައި ހުރެގެން ފަނޑިޔާރަކު ކަމެއް ކުރަން ޖެހެނީކީނޫން. އެކަމަކު އެ މައްސަލަ އަވަސްވާންޖެހޭ. އެ މައްސަލަ އަވަސްވާންޖެހޭ ސަބަބަކީ، އެތައް މިލިއަން ޑޮލަރެއް، ސަތޭކަ އެތައް މިލިއަން ޑޮލަރެއް ހޯދަން މިއުޅެނީ، ދައުލަތުގެ ބަޖެޓަށް ލިބެންހުރި ފައިސާވީމަ. އަދި އެ ފައިސާ އެއް ބޭފުޅަކު ނުދެއްވާ، އަހަރު، ދެ އަހަރު ވެއްޖެކަމަށްވަންޏާ، ދެން ޓެކްސް ދައްކަންޖެހޭ އެހެންމީހުންވެސް އެ ފައިސާ ނުދައްކާ އެހާ ލަސްކުރާނެ. މިއީ، ރައީސުލްޖުމްހޫރިއްޔާއާއި ސުޕްރީމް ކޯޓުގެ އިސްފަނޑިޔާރާ ދެއްކޭނެ ވާހަކަ. އެހެންވީމާ، ރައީސުލްޖުމްހޫރިއްޔާ ދައްކާނެ އެ ވާހަކަ. އެކަމަކު މި މައްސަލަ ވަކިގޮތަކަށް ނިންމާކަށް ރައީސުލްޖުމްހޫރިއްޔާއެއް ނުބުނާނެ. މައްސަލަ އަވަސްކޮށްދޭން ރައީސުލްޖުމްހޫރިއްޔާ ބުނާނީ.
 
އެހެންވީމާ، އަޅުގަނޑުމެންނަށް މިއިން އެއްވެސް މައްސަލައެއް ކުރިއަށް ގެންދެވޭނެގޮތެއްނުވި. އަޅުގަނޑު ހަމަ ވަރަށް ހައިރާންކަމާއެކީ، އަޅުގަނޑު ބަލައިގަތީ، ނޫނީވިއްޔާ އަޅުގަނޑަށް ވަރަށް ހަމަ ހައިރާން ކަމެއް ގެނުވި ކަމަކަށްވި، މި ދެންނެވި ޙަސަން ސަޢީދުގެ މައްސަލަ ހުއްޓާލަން އެންގެވީމަ. އެއީވެސް ސުޕްރީމް ކޯޓުގެ އަމުރަކަށް މިވަނީ. ކޮބައިތޯ ޤާނޫނީ ނިޒާމު. މީހެއްގެ މައްސަލައެއް ހުށަހެޅިއްޖިއްޔާ، ތަޙްޤީޤުކޮށްފައި ދާންވާނީ ކްރިމިނަލް ކޯޓަށް. ކްރިމިނަލް ކޯޓުން ނިންމާ ނިންމުމެއް ކަމުނުދާކަމަށްވަންޏާ، އެ މައްސަލަ ރައްދުވާ މީހާ ދާނީ ހައިކޯޓަށް އިސްތިއުނާފަށް. އަދި ދެން ނިންމާގޮތްވެސް ކަމުނުދާކަމަށްވަންޏާ، ސުޕްރީމް ކޯޓަށް އެ މައްސަލަ ވައްދާނެ ޖާގަ އޮތްކަމަށްވަންޏާ، އޭނާ ދާނީ، އެ ހިފައިގެން ސުޕްރީމް ކޯޓަށް. މި ހުރިހާ މަރުޙަލާތައް އެއްކޮށްލާފައި ސުޕްރީމް ކޯޓުން ކުއްލިއަކަށް މި ނިންމަވަނީ، މީނާގެ މައްސަލައަކީ ބެލޭނެ މައްސަލައެއް ނޫނޭ. އެހެންވީމާ، ދިވެހި ލޮބުވެތި ރައްޔިތުން، ވިސްނާވަޑައިގަންނަވާ! ކަންތައްތަކެއް މިވަނީ، ކޮންމެވެސް ކަހަލަ ސަބަބުތަކެއް މެދުވެރިވާތީ. އެހެންވީމާ، މިހާ ހިސާބަށް ކަންތައްތައް ދިޔައީ.
 
ދެން ސުޕްރީމް ކޯޓުގެ ޑެލިބަރޭޝަންސްގައި މިއައީ، އަޅުގަނޑުގެ ބަންޑާރަ ނައިބު ވަކިކުރުމުގެ މަސައްކަތް. ފެއިލްވީ. ދެން އެއާއެކީ ހަމަ ޑެލިބަރޭޝަންސްގައި އެންމެފަހު ދުވަހުގެ ޑެލިބަރޭޝަންސްގައި ހިނގަމުންދިޔައީ، ލޯ އެންފޯސްމަންޓް އޭޖެންސީ، މޯލްޑިވްސް ޕޮލިސް ސަރވިސް، އެތާ ހުންނެވި ކޮމިޝަނަރ އޮފް ޕޮލިސް، އަޅުގަނޑު މަޤާމުން ވަކިކުރީ. ޤާނޫނުގައި އެ މަޤާމަކީ، ރައީސުލްޖުމްހޫރިއްޔާ ދޭ މަޤާމެއް. އަދި އެ މަޤާމުގައި ހުންނަ މީހަކު ވަކިކުރުމަކީ، ރައީސުލްޖުމްހޫރިއްޔާއަށް ކުރެވޭނެ ކަމެއް. އެއީކީ ސުޕްރީމް ކޯޓުގެ އިޚްތިޞާޞްގައި އޮންނަކަމެއްނޫން. އެހެންވީމާ، އޭނާ މަޤާމުން ވަކިކުރި މައްސަލަ ސުޕްރީމް ކޯޓުގައި ރިވިއު ކުރައްވާފައި ބޭނުންފުޅުވީ، އޭނާ ރީ-އިންސްޓޯލް ކުރަން. އަނބުރާ މަޤާމަށް ގެންނަން. އެ ޑިބޭޓްކުރި. އެ ފެއިލްވީ. ދެން އެ ބޭފުޅުން ނިންމެވީ، އޭނާގެ ފަހުން އެކްޓިންގ ބޭފުޅަކަށް، އެކްޓިންގ ސީ.ޕީއަކަށް އަޅުގަނޑު ހަމަޖެއްސި ސަޢުދީ. ސަޢުދީވެސް މަޤާމަށް އަނބުރާ ގެންނަން. ދިވެހި ދައުލަތުގައި ކަންތައްތައް އެހާހިސާބަށް ދިޔައީތޯ؟ މިކަހަލަ މުއައްސަސާތަކުގެ އަމުރުތައް ތަންފީޛުކުރަން ތިބޭ މީހުން ކަމުނުގޮސްގެން ރައީސުލްޖުމްހޫރިއްޔާ ވަކިކުރީމަ، ސުޕްރީމް ކޯޓުން އެއަށް އިންޓަރވީން ކުރާ ހިސާބަށް ދިޔައިމާ، ދައުލަތް ހިންގަން ހަމަ ޙަޤީޤަތުގައިވެސް އުނދަގޫވި.
 
މިހާ ހިސާބަށް ދިޔައިމާ، އަޅުގަނޑަކަށް ހަމަ އެއްވެސް ޗޮއިސްއެއް ނެތް. މިއުޅޭ މައްސަލަތައް ޙައްލުކޮށްގެން ނޫނީވިއްޔާ ދިވެހި ދައުލަތް ސަލާމަތް ކުރެވޭނެކަމަކަށް އަޅުގަނޑު ގަބޫލެއްނުކުރަން. އަޅުގަނޑުމެންނަކަށް މަގެއް ނުފެނުނު. އަޅުގަނޑުމެންނަކަށް ހަމަ އެއްވެސް މަގެއް ނުފެނުނު. ދެން މީގެ އަސްލާ ހަމައަށްދާ ކަމަށްވަންޏާ، ކިހިނެއްވެގެންތޯ ސުޕްރީމް ކޯޓުގެ ވިސްނުމަށް، ނޫނީވިއްޔާ ސުޕްރީމް ކޯޓުގެ އިސްފަނޑިޔާރާއި ޢަލީ ޙަމީދުގެ ވިސްނުމަށް މި ބަދަލުތަކެއް އައިސްގެން މިއުޅެނީ ކޮންކަހަލަ ނުފޫޒެއްގެ ދަށުންތޯ، އަޅުގަނޑު އެބަ ދެނެގަންނަންޖެހޭ. އަޅުގަނޑު ދެނެގަންނަންޖެހޭއިރު، މި ދެންނެވި ދެ މައްސަލަ އެބޭފުޅުންނާ ދެކޮޅަށް މިއޮތީ. ފްލެޓް ބައްލަވައިގަތް މައްސަލަ.
 
އެހެންވީމާ، ކުއްލިއަކަށް ކިހިނެއް އުފެދުނު ކަމެއްތޯ، މުއްސަނދި ކަމެއްތޯ އެބަ ބަލަންޖެހޭ. ފަހަރުގައި އަޅުގަނޑު ގަބޫލުކުރީ، އެ މުއްސަނދިކަމާ ގުޅިދާނޭ އެ ބޭފުޅުންގެ ވިސްނުންފުޅަށް، ނޫނީ އެ ބޭފުޅުންގެ ޑެލިބަރޭޝަނަށް މިއައި ބަދަލު. އެހެންވީމާ، އެ ތަޙްޤީޤަކީ ކުރެވެންޖެހޭނެ ތަޙްޤީޤެއް. އެ ފުލެޓަކީ، ގަންނަން އެ ބޭފުޅުންގެ އިންޓްރެސްޓް، އެކްސްޕްރެސް ނުކުރައްވައި އޮތް އެއްޗެއް ނޫން. އެހެންވީމާ، ގަބޫލުކުރައްވާ. ކީއްވެގެންތޯ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ރާއްޖެއިން ފްލެޓް ގަންނަ ކަމަށްވަންޏާ، އެ މައްސަލަ ނުބެލެންވީ. އެއީ އަދި އަޅުގަނޑުމެން ކަމެއް ތުހުމަތު ކުރީކީވެސް ނޫނޭ. އެ ބަލައި ނިމުނީމާ ދޮގެއްތޯ އެނގޭނީ. އެ ފަނޑިޔާރަކަށް ލިބިވަޑައިގަންނަވާނެ، އެ ތުހުމަތުން ބަރިއްޔަވުމުގެ ފުރުޞަތު. ފުލުހުންނަކަށް ހަމަގައިމު ނޯންނާނެ، ކޯޓު އަމުރެއް ނެރުމުގެ ބާރެއް، މި ހިސާބުން މައްސަލަ ނުބެލޭނޭ ކިޔާފައެއް.
 
އެހެންވީމާ، ސުޕްރީމް ކޯޓު ފަނޑިޔާރަކަށްވިޔަސް، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ވިޔަސް، ރައީސުލްޖުމްހޫރިއްޔާއަށް ވިޔަސް، މިކަން ބެލެންވާނެ. ދައުލަތުގެ ކޮންމެ ބާރެއްގެ އިސް ބޭފުޅަކަށް، އެ ބޭފުޅެއްގެ ޗެކް އެންޑް ބެލެންސްގައި، އެ ބޭފުޅަކު ކުރައްވާ ކަމެއް އެކައުންޓަބްލް ކުރުމަށްޓަކައި ނިޒާމުތަކެއް އެބަހުރި. ރައީސުލްޖުމްހޫރިއްޔާއަކީވެސް ރައީސުލްޖުމްހޫރިއްޔާ ނަގާ ފިޔަވަޅަށް، ޤާނޫނާ ޚިލާފަށް ކުރާ ކަންތަކަށް އެކައުންޓަބްލް ކުރެވޭނެ މީހެއް. އެކަން ކުރައްވާނެ ބޭފުޅުން މި ތިއްބެވީ ރައްޔިތުންގެ މަޖިލިސް މެންބަރުން. ރައީސުލްޖުމްހޫރިއްޔާ މަޤާމުން ޢަޒުލު ކުރެވޭނެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކުރައްވާ ކަންތައްތައް ބެލެންވާނެ. ބެލެންޖެހޭނެ. އެއީކީ، ވަކި ޤާނޫނަށްވުރެން މަތީގައި ތިއްބެވި ބޭފުޅުންނެއްނޫން. އެކަމަކު އެ ބޭފުޅުންގެ މި ދެންނެވި ކަހަލަ ސުލޫކީ މައްސަލަތަކާއި، މިގޮތަށް ދާ ކަންތައްތަކުގައި ޖަވާބުދާރީ އެ ބޭފުޅުން ވެވަޑައިގަންނަވަންޖެހޭ ފަރާތަކީ ޖޭ.އެސް.ސީ. އެކަމަކު ޖޭ.އެސް.ސީ. އަށް މި މައްސަލަ ނުބެލޭނެ ކަމަށް މި އަމުރުގައި ހިމެނުއްވި ހިސާބުން މި އަމުރާ ދޭތެރޭގައި ދައުލަތުގެ މައްސަލަތައް އުފެދުނީ.
އެހެންވީމާ، މި އަމުރުގެ ޞައްޙަ ވާހަކައާއި، ޞައްޙަނޫން ވާހަކައާ، އިދިކޮޅުގައި ތިއްބަވާ ލޯޔަރުން އެކިގޮތްގޮތަށް އެނބުރުއްވިޔަސް، މިކަން އޮތީ މިގޮތަށް. ދިވެހިރާއްޖެ ސަލާމަތް ކުރުމުގެ ޒިންމާ އުފުލަންޖެހޭ މީހަކީ ރައީސުލްޖުމްހޫރިއްޔާ. މި އަމުރު ރަނގަޅުވެގެން، މި އަމުރަށް ވަކާލާތު ކުރައްވާ ލޯޔަރެއް ނޫން އެކަން ކުރާނީ. ދިވެހިރާއްޖޭގެ ރައްޔިތުންގެ މަސްލަޙަތާއި، މި ޤައުމުގެ ހަމަޖެހުން ކަށަވަރު ކޮށްދޭންޖެހޭ މީހަކީ ރައީސުލްޖުމްހޫރިއްޔާ. އަދި ހުރިހާ މިނިވަން މުއައްސަސާތައް، އެ މުއައްސަސާތަކަށް ލިބިފައި ހުރި ބާރުތައް ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެމަތީން ހިންގުން ކަށަވަރުކޮށްދޭން ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް އެބަ އަންގާ އެކަންކުރާށޭ. ދެން ރައީސުލްޖުމްހޫރިއްޔާ މަސައްކަތް މިކުރީ މިކަންކަން ކުރެވޭތޯ. ރައީސުލްޖުމްހޫރިއްޔާ 4 ސިޓީއެއް، 4 އެންގުމެއް، 4 އަމުރެއް ސުޕްރީމް ކޯޓަށް ކުރިން.
ފުރަތަމަ އަމުރަކީ، މި ދެންނެވި ގޮތަށް ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ހ)ގެ ދަށުން ކުރި އަމުރު. އަދި ހަމަ އެއާއެކީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ނ) ގައި މި ބުނަނީ، ޤާނޫނީ ވެރިކަމެއް ދެމެހެއްޓުން. ރޫލް އޮފް ލޯ އަޕްލޯޑް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ކުރަންޖެހޭ ކަމެކޭ. އެއީ ކޮންމެ މުއައްސަސާއަކުން ކުރިޔަސް، އެ މުއައްސަސާއަކުން އެ ކުރަނީ ޤާނޫނާޚިލާފަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ރައީސުލްޖުމްހޫރިއްޔާގެ ބަންޑާރަ ނައިބު ލަފާދީފި ކަމަށްވަންޏާ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރަންޖެހޭ މީހަކީ ރައީސުލްޖުމްހޫރިއްޔާ. އޭގެތެރޭގައި ސުޕްރީމް ކޯޓް އިސްތިސްނާއެއްނުވޭ. ސުޕްރީމް ކޯޓުގެ އަމުރުތަކެއް އިސްތިސްނާއެއްނުވޭ. އެހެންވީމާ، އެކަން ރައީސުލްޖުމްހޫރިއްޔާ ކުރާނެ. އެހެންވީމާ، އެކަންކަން ރައީސުލްޖުމްހޫރިއްޔާ އެންގީ ސުޕްރީމް ކޯޓަށް މިކަންކަން ބައްލަވާށޭ. މިކަންކަން މިހުރީ ރަނގަޅަކަށް ނޫނޭ. ތިޔަބޭފުޅުންގެ އަމުރަކު، ތިޔަބޭފުޅުން ކުރައްވާ ކަންތައް ނުބެލޭނެ ގޮތަކަށް ނުލިއްޔުވޭނޭ. އެއީ ޖޭ.އެސް.ސީ.ގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަމެކޭ. މި ސިޓީ ބަލައެއްނުގަތް.
ދައުލަތުގެ ހުރިހާ ލިޔެކިޔުންތައް މި ފޮނުވަނީ ޖެމްސް މެދުވެރިކޮށް. އޭގެ ކުރީ ދުވަހު ހުރީ، ޑެލިބަރޭޓްލީ ޖެމްސް ޑިސްކަނެކްޓް ކޮށްފައި. އެހެންވީމާ، ވަޔަރ މެދުވެރިކޮށް މި ސިޓީއެއް ނުވަނތް. ދެން ފިޒިކަލީ މި ސިޓީ ވައްދަން މީހަކު ފޮނުވައިގެން، އެންމެ ޤަދީމީ އުޞޫލުން ސިޓީ ރައްދުކުރަން ކުރި މަސައްކަތް ވަނީ ފެއިލްވެފައި.
4 ވަނަ މައްސަލައަކަށް އަޅުގަނޑު ވެއްދީ، ދައުލަތުގެ ތަންފީޛީ އިދާރާތަކުގައި، ޕްރޮސިކިއުޓަރ ޖެނެރަލްވިޔަސް، ފުލުހުންވިޔަސް، ސިފައިންވިޔަސް، އެމީހުން ތަންފީޛު ކުރަން ކުރާ ކަންކަމުގައި، ސުޕްރީމް ކޯޓުގައި އެ ވިދާޅުވާ އަމުރާ ދެކޮޅަށް. އެހެންނަމަވެސް، ޤާނޫނީ އިޚްތިޞާޞްގެ ތެރޭގައި އެމީހުން ކަންކުރަންޖެހެނީ ދެކޮޅަށް ކަމަށްވަންޏާ، އެކުރާކަމެއް ކުރިޔަދެއްވާށޭ. ޕްރޮސިކިއުޓަރ ޖެނެރަލް ކުރާ މަސައްކަތް ޕްރޮސިކިއުޓަރ ޖެނެރަލް ކުރިޔަދޭންވާނެ. ސުޕްރީމް ކޯޓުން އެކަން އެހެން ނުކުރެވޭނޭ ވިދާޅުވެފައި، އޭނާގެ މައްޗަށް ޙުކުމެއް ގެންނަވަނީ، އަނެއްކާވެސް ކޮންޓެމްޕްޓް ގެންނަވަނީ.
އެހެންވީމާ، 4 ވަނަ ސިޓީގައި އަޅުގަނޑު ދެންނެވީ ތިޔަހެން ނުހައްދަވާށޭ. އެ ސިޓީ ލިޔަން ޖެހުނު ގޮތަކީ، މިދެންނެވި ގޮތަށް، މިދެންނެވި ގޮތަށް ހުރި މައްސަލަތައް، ކޯޓު އަމުރުގައި ހުރި މައްސަލަތަކުގެ ވާހަކަ ދައުލަތުގެ ބަންޑާރަ ނައިބު ވިދާޅުވީމަ، އެކަމާ އޭނާޔާ ދޭތެރޭގައި ފިޔަވަޅު އަޅައި، އޭނާ މަޤާމުން ވަކިކުރަން ސުޕްރީމް ކޯޓުގައި އެޖެންޑާ ކުރެވިގެން ޑެލިބަރޭޓް ކުރީމަ.
އެހެންވީމާ، އަޅުގަނޑަށް ގަބޫލުކުރެވުނީ މިހެންދާ ކޮންމެ މުއައްސަސާއަކުން މިކަން ކުރާކަމަށްވަންޏާ، މުއައްސަސާ ހިންގަން ހުންނަ އިސްމީހާއަށް ކޮންޓެމްޕްޓް އޮފް ކޯޓްސް ސްލެކް ވެގެން ދާނެކަމަށް. އެހެން ދާކަމަށްވަންޏާ ބާރުތައް ވަކިވެފައި އޮންނަ ނިޒާމެއް ދިވެހިރާއްޖެއަކު ނުހިންގޭނެ. އެހެންވީމާ، އަޅުގަނޑު ގަބޫލުކުރާގޮތުން ސުޕްރީމް ކޯޓުން އިތުރު އެއްވެސް ޑެލިބަރޭޝަނެއް ދެން ހެއްދެވެންވާނީ، އަޅުގަނޑު ފޮނުވި އަމުރުތަކަށް، ޤާނޫނުއަސާސީއިން އަޅުގަނޑަށް ލިބިދޭ އަމުރުތައް، ބާރުތައް އެއީ، އެބޭފުޅުންނަށް އަންގަން، އެ މައްސަލަތައް ފައިސަލާ ކުރައްވާފައި، އެއަށް ގޮތެއް ނިންމަވާފައި. އެއަށް ގޮތެއް ނިންމަވަންޏާ ފުރަތަމަ ނިންމަވަންޖެހޭ ކަމަކީ، ސުޕްރީމް ކޯޓުން އެ ނެރުއްވި އަމުރު ނެރުއްވީމަ، ޖޭ.އެސް.ސީ.އަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހާޒިރު ކުރެވޭނެކަމަށް ހުއްދަ ދެއްވުން. މިއީ ހުއްދަ ނަގަންޖެހޭ ކަމެއްވެސް ނޫން. ޤާނޫނުއަސާސީގައި އޮންނަ ކަމެއް. އެހެންނަމަވެސް، ހުއްދަ ނުނަގާ މިކަން ކުރަން އުޅެފިކަމަށްވަންޏާ، މި ދެންނެވި ގޮތަށް ކޮންޓެމްޕްޓް މަދުވެދާނެ. އެހެންވީމާ އެކަންވިޔަ ނުދޭން.
 
ހަމަ އެގޮތަށް ބަންޑާރަ ނައިބު ކުރައްވާ މަސައްކަތްވެސް ބަންޑާރަ ނައިބަށް ކުރެވެންވާނެ. ޕްރޮސިކިއުޓަރ ޖެނެރަލް ކުރައްވާ މަސައްކަތް ޕްރޮސިކިއުޓަރ ޖެނެރަލަށް ކުރެވެންވާނެ. ސުޕްރީމް ކޯޓަކީ ޤާނޫނުން މިނިވަން މުއައްސަސާއަކަށްވާއިރު، ޕްރޮސިކިއުޓަރ ޖެނެރަލަކީވެސް ޤާނޫނުން މިނިވަން މުއައްސަސާއެއް. އެހެންވީމާ، މިނިވަން މުއައްސަސާއަކަށް، އޭނާ ޤާނޫނީ ތަރަހައިގެ ތެރޭގައި ކުރާ މަސައްކަތް ކުރުމުގެ ޖާގަ އޭނާއަށް އޮންނަންވާނެ. އެ ޖާގަ ސުޕްރީމް ކޯޓްގެ ޙުކުމަކުން، އަމުރަކުން ބަދަލުކުރާ ކަމަށްވަންޏާ، އެއަށް އެޑްރެސް ކުރަން ރައީސުލްޖުމްހޫރިއްޔާއަށް އެންގޭނެ. އެކަމަކު އަޅުގަނޑު ފޮނުވި އެއްވެސް މައްސަލައެއް އެތަނަށް ވެއްދޭގޮތެއްނުވި. އެހެންވީމާ، ދައުލަތް މިކަހަލަ ބިރުވެރި ކަމެއްގައި، ނާމާން ކަމެއްގައި ބޭއްވޭނެގޮތެއް ނެތް.
 
ދެން ސުޕްރީމް ކޯޓުން ކަންތައް ކުރައްވާނީ ކިހިނެއްކަމެއް އަޅުގަނޑަކަށް ނޭނގެ. އަދި މި އަމުރުތައް ދައުލަތުން ފޮނުވި، ރައީސުލްޖުމްހޫރިއްޔާ ފޮނުވި އަމުރުތައް ފޮނުވާފައި، އޭގެ އަނެއް ދުވަހު، އިއްޔެ އަޅުގަނޑު މަސައްކަތް ކުރިން ޢަބްދުﷲ ސަޢީދާ ވާހަކަ ދައްކަން. މިތަނުން އަޅުގަނޑުގެ ޕީ.އޭ. މެދުވެރިކޮށް ޢަބްދުﷲ ސަޢީދަށް ދެންނެވިން، 12 ޖަހާއިރު އަޅުގަނޑާ ބައްދަލުކުރަން ވަޑައިގަންނަވަން މިކަން ޙައްލުކުރެވޭތޯ ބަލަން. ވަޑައެއްނުގެންނެވި. އެއްވެސް ގުޅުމެއް ނެތް. އެހެންނަމަވެސް، އަޅުގަނޑު ފޮނުވި ސިޓީތައް، އެ މައްސަލަތައް ފައިސަލާ ނުކުރައްވާ، ޑެލިބެރޭޝަންސްގައި އެޖެންޑާ ނުކުރައްވާވެސް އަނެއްކާވެސް އެހެން އަމުރުތަކެއް ނެރުއްވަމުން ގެންދެވިދާނެ. އެއިން ލިބޭނީ އަނެއްކާވެސް ދިވެހިރާއްޖެއަށް އިތުރު އުނދަގޫތައް. އެހެންވެއްޖިއްޔާ، ދިވެހިރާއްޖޭގެ ޤާނޫނުގެ އުސޫލު ދަމަހައްޓަން ބޭނުންވާ އެއްވެސް މުއައްސަސާއެއްގެ އެއްވެސް އިސްވެރިއަކު ނުހުންނާނެ.
 
ތިޔަބޭފުޅުން ޚިޔާލަށް ގެންނަވާ! މިކަހަލަ ބޮޑު ކުރައިސިސްއެއްގައި އުޅޭއިރު، ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރަން ދަތިވެގެން، ރައީސުލްޖުމްހޫރިއްޔާގެ ބަންޑާރަ ނައިބު މަޤާމުން ވަކިކޮށްފި ކަމަށްވަންޏާ، ކާކުތޯ ޤާނޫނުއަސާސީގައި އެ ބުނާ ޤާނޫނީ ލަފާ އަޅުގަނޑަށް ދޭނީ. މިކަހަލަ ކުރައިސިސްއެއްގައި ޝައްކެއްވެސްނެތްގޮތުގައި އަޅުގަނޑު ޤާނޫނީ ލަފާ ހޯދަންޖެހޭނެ. އަޅުގަނޑަށް ލޯޔަރެއްގެ ލަފާ ލިބިދާނެ. އެކަމަކު އެއީކީ ޤާނޫނުއަސާސީގައި ބުނާ ލަފާ ލިބުނީކީނޫން. ޤާނޫނުއަސާސީގައި ބުނާ ލަފައަކީ، ދައުލަތުގެ ބަންޑާރަ ނައިބޭ ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭނީ. ދެން ދައުލަތުގެ ބަންޑާރަ ނައިބެއް، ރައްޔިތުންގެ މަޖިލިސް ކޮންވީން ކުރެވިގެން، މަޖިލީހުން އެންޑޯސްވަންދެން މި ދައުލަތް ހިނގާނެތޯ ބަންޑާރަ ނައިބެއް ނެތި. ޕްރޮސިކިއުޓަރ ޖެނެރަލް، ޕްރޮސިކިއުޓަރ ޖެނެރަލަށް ހަމަ މިދެންނެވި ކޮންޓެމްޕްޓް އައިސްގެން، ޖިނާއީ މިހިރަ ބޮޑެތި މައްސަލަތައް ހިންގޭނެތޯ؟ މިކަހަލަ އުނދަގުލެއްގެ ތެރެއަށް ގެންދާ ހިސާބަށް ކަންތައްތައް ދިޔައިމާ، އަޅުގަނޑު ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރީ.
 
މި ކުއްލި ނުރައްކަލުގެ ހާލަތަކީ ބިރުވެރި ހާލަތެއް ނޫން. ކުއްލި ނުރައްކަލުގެ ހާލަތުން ފަރުވާ ހޯދަން ބޭނުންވީ މިދެންނެވި ނުހިނގާ ހުރި މައްސަލަތައް ޙައްލުކުރުމަށް އެކަނި. ދުނިޔޭގައި ކުއްލި ނުރައްކަލުގެ ހާލަތޭ ބުނީމަ، ނޫނީ ރާއްޖޭގައިވެސް މީގެ ކުރިން ކުއްލި ނުރައްކަލުގެ ހާލަތޭ ބުނީމަ، އެންމެ ފުރަތަމަވެސް ހިތަށްއަރަނީ، ހިނގާބިނގާވެ އުޅުމާއި، ވަކި ގަޑިއެއްގައި މިހުން ނުކުމެ މަގުމަތީގައި އުޅުމާއި، ކާފިއު އޮންނާނެ ކަމަށް. މިއަކު ނޯންނާނެ ކާފިއުއެއް. ހަމަ އަޅުގަނޑުމެން އާދައިގެ ދިވެހިރައްޔިތުން ހިންގާ އެއްވެސް މުޢާމަލާތަކަށް، އެއްވެސް ކަމަކަށް ހުރަހެއް އެޅިފައެއް ނޯންނާނެ. އެކަމަކު ޤާނޫނީ ފަރުވާ ނުލިބިގެން އެފަރުވާ ބަންދުވެފައި ހުރި ކަންތައްތަކަށް ފަރުވާ ހޯދޭނެ ގޮތްތައް ހޯދުމަށްޓަކައި މި ނެޝެނަލް އެމަރޖަންސީ، ނޫނީވިއްޔާ ކުއްލި ހާލަތު، ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރަން ޖެހުނީ. މިއަކުން މަގުމަތީގައި އުޅުމަކަށް، ކުދިން މަދަރުސާއަށް ފޮނުވުމަކަށް، މިއަކުން ވިޔަފާރިކުރާ ގަޑިތަކަކަށް، މިއަކުން އެހެން އެއްވެސް ކަމަކަށް، އާންމު ދިރިއުޅުމާ ގުޅޭ އެއްވެސް ކަމަކަށް އެއްވެސް އަސަރެއް ނުކުރާނެ.
 
 މިކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރަން އަޅުގަނޑަށް ޖެހުނީ، މިދެންނެވި ގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނެތީމަ. ޖަވާބުދާރީ ކުރެވޭނީ އެބޭފުޅުންނަށް ޤާނޫނުއަސާސީން، ނޫނީވިއްޔާ އެބޭފުޅުން އެ ނިންމަވާފައި އޮންނަ ނިންމެވުން ސުޕްރީމް ކޯޓުގެ ޢަމުރަކުން ފާސްކުރައްވައިގެން، ނޫނީވިއްޔާ ހާޒިރު ނުކުރެވޭނެކަމަށް އޮންނަ އަމުރު ބާޠިލުކޮށްގެން، ނޫނީވިއްޔާ ވަގުތީގޮތުން ސަސްޕެންޑްކޮށްގެން. އެހެންވީމާ، ސަސްޕެންޑްކޮށްގެން އެކަން ކުރެވެން މި އަންނަނީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްގެން. ސަސްޕެންޑްކޮށްގެންވެސް އެ މައްސަލަ ބަލަންޖެހޭ ސަބަބަކީ، މިއީ ކިހާވަރެއްގެ ކިހާ ތިކް ޕްލޮޓެއް ކަމެއް، ކޫ އެއް ކަމެއް އަޅުގަނޑު ދެނެގަންނަން ބޭނުންވާތީ. މީގެ ނިމުން އޮތީ ކިހާހިސާބެއްގައިތޯ؟ މީގެ ގުޅުން އޮތީ ކިހާ ދުރަކަށްތޯ؟ ދިވެހި ދައުލަތުގައި، ދިވެހިރައްޔިތުންގެ ޙައްޤުގައި އެއީ ރައީސުލްޖުމްހޫރިއްޔާ ކޮށްދޭންޖެހޭ ކަމެއް. ރައީސުލްޖުމްހޫރިއްޔާއަކަށް ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތަކެއް އުފުއްލޭނެ ގޮތެއް ނޯންނާނެ، ޒިންމާދާރުކަމާއެކީ އަތްފައި ބަނދެވިފައި ހުރެއްޖެ ކަމަށްވަންޏާ. ރައީސުލްޖުމްހޫރިއްޔާ ހިނގާނީ ޤާނޫނީ މަގުން. އެހެން މުއައްސަސާއަކުން، ޤާނޫނުން ކައްސާލީމާ، ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑެތި ބުރަތަކަކާއި ތަކުލީފުތަކެއް އުފުލައިފީމު. އެއިންވެސް ރައީސުލްޖުމްހޫރިއްޔާ އިޚްތިޔާރުކުރީ ޙައްލެއް ހޯދޭނެކަމަށް. ޙައްލެއް ނުދެއްވީމާ، މި ދެންނެވި ގޮތަށް މިކަން މިވެގެން މިއުޅެނީ، ކޮންކަހަލަ ވިސްނުމުގެ ބަދަލަކަށް ގެންނަވަރުގެ ކަންތައްތަކެއް މެދުވެރިވެގެންތޯ ބަލަން ރައީސުލްޖުމްހޫރިއްޔާއަށް މަޖުބޫރުވޭ.
 
އުފަލާއެކީ އަޅުގަނޑު ދަންނަވާލާނަން، މިހާރުވެސް ވަރަށް އަވަހަށް ފުލުހުން މިއާބެހޭ، ރައްޔިތުންނަށް ހިތްހަމަޖެހޭވަރުގެ މަޢުލޫމާތުތަކެއް ދެއްވާނެ. މިހާރުވެސް އަޅުގަނޑުމެންނަށް ބޮޑު މަންޒަރު ފެންނަން ފަށައިފި. ފުލުހުން ބައެއް ކަންތައްތައް ހޯއްދަވައިފި. އެހެންވީމާ، އެ ތަފުސީލުތައް ފުލުހުން ބާއްވާ ޕްރެސްގައި ލިބޭނެ. އެހެންވީމާ، މިހާހިސާބަށް ދިޔައިމާ، ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރީ، ހަމަ މިދެންނެވި ދަތިވެފައި ހުރި، ވަކި ކަންތައްތަކަކަށް އެޑްރެސް ކުރުމަށްޓަކައި. މިއުޅެނީ ދިވެހިރާއްޖޭގައި އަހުލީ ހަނގުރާމައެއް ފެށިދާނެތީ އެކަމާ ބިރަކުންނެއްނޫން. މިއުޅެނީ ދިވެހިރާއްޖެއަށް ތަދުމަޑުކަމެއް އައިސްގެން އެކަމަކާ ބިރަކުންނެއްނޫން. މިއުޅެނީ ދިވެހިރާއްޖެއަށް އެޕިޑަމިކެއް އައިސްގެން އެކަމުން ޙައްލުވާކަށްނޫން. މިއުޅެނީ އެއަށްވުރެ ވަރުގަދަކަމެއް. ޤާނޫނީ ނިޒާމެއްގެ ތެރެއިން ސަރުކާރެއް ހިންގުމަށް، އަދި ދައުލަތް ހިންގުމަށް ދަތިވީމަ، އެއީ އެންމެ ބޮޑު ނުރައްކާ. އެންމެ ބޮޑު އުނދަގޫ. އެހެންވީމާ އެކަމުން ދައުލަތް އަރައިގަންނާނެ ގޮތްތަކެއް ހޯދަންޖެހޭ.
 
ދެން، އިދިކޮޅުގައި ތިއްބަވާ ލޯޔަރުން އެކި ގޮތަށް މިވާހަކަ ދައްކަވާނެ. އެކަމަކު، މި މައްސަލަ ޙައްލުކޮށްދެވޭނެ ގޮތެއް އެބޭފުޅުންނަކަށް ވިދާޅެއްނުވެވޭނެ. ދައުލަތުގެ ވަލިއްޔުލްއަމުރަކީ މި ހުރިހާ ކަމެއްގެ ޒިންމާ އުފުލަން ހުންނަ މީހާ. މުޅި ރައްޔިތުންގެ މަޞްލަޙަތު ދަމަހައްޓަން ހުންނަ މީހާ. އެއްވެސް ލޯޔަރަކީ މުޅި ދައުލަތުގެ މަޞްލަޙަތު ބަލަހައްޓާ މީހާއެއް ނޫން. އެއްވެސް ފަނޑިޔާރަކީވެސް ދައުލަތުގެ މަޞްލަޙަތު ބަލަހައްޓާ މީހާއެއް ނޫން. އެހެންވީމާ، މިހާހިސާބަށް ކަންތައްތައް ދިޔައިމާ، މިކަން ކުރެވޭނެ މަގެއް އަޅުގަނޑު އެބަޖެހޭ ކޮށަން. މިކަން ކުރެވޭނެ ގޮތެއް އަޅުގަނޑު އެބަޖެހޭ ނެރެން. އެކަން ކުރެވޭނެގޮތެއް ނެތް، މިދެންނެވި ގޮތަށް މިހުރި ބައެއް ބާރުތައް ސަސްޕެންޑްކޮށްގެން ނޫނީވިއްޔާ.
 
އެހެންވީމާ، އެ ބާރުތައް ސަސްޕެންޑްކޮށްގެން އަޅުގަނޑު މިކުރަނީ ތަޙްޤީޤު. އެ ތަޙްޤީޤުކޮށް ނިމޭއިރު، އެބޭފުޅުން ކުށުން ބަރިއްޔަވާ ކަމަށްވަންޏާ، އެކަން އެއޮތީ ނިމިފައި. ތަޙްޤީޤުކޮށް ނިމޭއިރު، އެބޭފުޅުންގެ މައްޗަށް ނުފޫޒެއް އައީ ކީއްވެގެންކަން ހަމަ ޝައްކެއްވެސްނެތްގޮތުގައި ސަރުކާރަށް އެނގިގެންދާނެ. އެހެންވީމާ، އަޅުގަނޑުމެންނަށް އެނގިގެންދާނެ، ކީއްވެގެންކަން މިދެންނެވިކަހަލަ ގޮތްގޮތަށް ކޯޓު އަމުރު އައިސްފައި އަދި އެބަޔަކު ކުރާކަމެއް ނުބެލޭނެކަމަށް އަމިއްލައަށް ޑިކްލެއަރ ކުރާ ހިސާބުން، އެއީ ހަމަގައިމުވެސް އަޅުގަނޑުގެ ބުއްދިއަކަށް ފަސޭހައެއްނޫން ބަލައިގަންނާކަށް. އެހެންވެއްޖިއްޔާ، އެކަން ކުރާކަމަށްވަންޏާ، އަޅުގަނޑު އެންމެ ފުރަތަމަ ލިޔަން ބޭނުންވަނީ، ރައީސުލްޖުމްހޫރިއްޔާއަކީ ޢަޒުލުކުރެވޭނެ މީހެއް ނޫނޭ. ރައްޔިތުންގެ މަޖިލީހުގެ ބާރަކަށްވެސް އަދި އެހެން މީހެއްގެ ބާރަކަށްވެސް އެކަމެއް ދުލެއްނުކޮށްލާނަން. އޭރަށްވާނީ ޑިކްޓޭޓަރޝިޕަކަށް. ހަމަ އެގޮތަށް، އެހެންބަޔަކުވެސް ކުރާކަމެއް ނުނިންމޭނެކަމަށް ޤާނޫނުގައި އެމީހުންގެ މައްޗަކަށް ސުވާލެއް ނުކުރެވޭނެކަމަށް ބުނާކަމަށްވަންޏާ، އެވެސް ވަކި ތަފާތަކަށް ނުވާނެ. 
 
އެހެންވީމާ، މިހާ ހިސާބަށް ދިވެހިރާއްޖޭގެ ކަންތައްތައް ދިޔައިމާ، އަޅުގަނޑަށް މަޖުބޫރުވީ ހުރިހާ މަސައްކަތެއް ކޮށްގެންވެސް، މިއަށް ޙައްލެއް ނުލިބުނީމަ، އަޅުގަނޑަށް މަޖުބޫރުވީ މި ދެންނެވި ގޮތަށް މި މައްސަލަތައް ބެލޭނެ ނިޒާމެއް، ބެލޭނެ ޤާނޫނީ ވެށްޓެއް ކަށަވަރުކުރަން. މި މައްސަލަ ބަލަން ޖާގަދެއްވާ. ޖުޑީޝަރީވެސް ހަމަ އާންމު ފަންކްޝަނެއްގެ ތެރޭގައި ފަންކްޝަން ކުރޭ. ސުޕްރީމް ކޯޓުވެސް ހުޅުވިގެން މަސައްކަތް އެބަ ކުރައްވާ.  އެހެންނަމަވެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށްވެސް މި ދެންނެވިކަހަލަ ކޮރަޕްޝަންގެ ތުހުމަތެއް އައިސްފި ކަމަށްވަންޏާ، އެ މައްސަލައެއް ބެލޭނެގޮތް އެބަޖެހޭ ހަދަން. އެ މައްސަލައެއް ބެލޭނޭގޮތް ހެދުމަށްޓަކައި، އެންމެ އިސްވެ މިކަން ބަލާށޭ ބުނަންވެސްވާނީ، ނޯމެޓިވް ވެލިއުސް ހުންނަކަމަށްވަންޏާ އެބޭފުޅުން ވިދާޅުވާންވާނީ. އެކަމަކު، އޭގެ މަގު ބަންދުކޮށްލީމަ، ދޮރު ބަންދުކޮށްލީމަ، ބެލެން އޮތްގޮތަކަށް ބަލަންޖެހޭނެ. އެ ބަލަންޖެހޭ ސަބަބަކީ، މިބޭފުޅުން މި ގެންނެވި ކަހަލަ ބޮޑު އަމުރެއް، މުޅި ތަން ބަދަލުކޮށްލާވަރުގެ އަމުރެއް ނެރުއްވީ ކީއްވެގެންތޯ، އެކަން ދެނެގަތުމަށްޓަކައި، އެކަން ދިރާސާ ކުރުމަށްޓަކައި.
އެހެންވީމާ، އަޅުގަނޑު ހަމަ މިވަގުތު ކަންތައްތައް ހުރިގޮތް ދިވެހިރައްޔިތުންނަށް މި ދަންނަވާލީ. އަޅުގަނޑު އިތުރު އެއްވެސްކަހަލަ ބަދުނާމެއް، އެކިއުޒޭޝަނެއް ބޭފުޅަކަށް ނަހަދާނަން. އެކަމަކު އަޅުގަނޑު ދަންނަވާ ވާހަކައަކީ، މިގޮތަށްހުރި ކަންކަމެއް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް ނަމަވެސް، ކިތާބީ ހެކި ހުރެއްޖެ ކަމަށްވަންޏާ، ބެލޭނެ މަގު ކޮށައިދޭންވާނެ. އެމަގު ބަންދެއް ނުކުރެވޭނެ. މަގު ބަންދުކުރީމަ، މަގު ހުޅުވަން އެބަޖެހޭ. އެއީ މިހާބޮޑެތި ބަދަލު، އެބޭފުޅުންގެ ވިސްނުންފުޅަށާއި، އެބޭފުޅުންގެ ޑެލިބަރޭޝަންސާއި، ނިންމާފައި ހުރި ކަންކަމަށް އައިމަ. އެހެންވެގެން އެމައްސަލަ ބަލަން އެ ޖެހެނީ. އެހެންވެގެން އެމައްސަލަ ބަލަންޖެހެނީ. އެކަހަލަ މައްސަލަ ނުބެލޭ ކަމަށްވަންޏާ، މަޤާމުގައި ތިބޭއިރު މިކަންކަން ނުކުރެވޭ ކަމަށްވަންޏާ، ދެން ދިވެހިރާއްޖެ ދާނެ ހިސާބަކަށް ދިވެހިރާއްޖެ ދާނެ. މިއަދުގެ ރައީސް އެކަން އެގޮތަކަށް ދާކަށް ދުލެއްނުކޮށްލާނެ.
އަޅުގަނޑު ބޭނުންވާނެ، ކަންތައްތައް ގޯސްވެގެންދަންޏާ، އަދި އަމުދުން މިކަހަލަ ބޮޑެތި ނުރައްކާތެރި މައްސަލަތަކަށް މުޅި ދައުލަތް ހުށަހެޅިގެން ދާކަމަށްވަންޏާ، އެކަންކަމުން ދިވެހި ދައުލަތް ސަލާމަތްކުރަންޖެހޭ މީހަކީ އަޅުގަނޑު. އެހެންނޫނީވިއްޔާ އަޅުގަނޑަށް މަޤާމުގެ ޒިންމާ ނުއުފުލެނީ. މަސްއޫލިއްޔަތު ނުއުފުލެނީ. އެހެންވީމާ، އެގޮތަށް ދޫކޮށްލާކަށް އަޅުގަނޑެއް އެއްގޮތަކަށްވެސް ތައްޔާރަކަށް ނެތިން. އެ ސަބަބުތަކަށްޓަކައި ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރުވެސް ނެގީ. އަދި ސުޕްރީމް ކޯޓުން ޢަލީ ޙަމީދުވެސް ނެގީ. އެއީ އެބޭފުޅުންގެ މިހުރި މައްސަލަ ބަލާފައި، އޭރަށް އަޅުގަނޑުމެންނަށް އެނގޭނީ މި ވެގެންއުޅެނީ ކިހާވަރެއްގެ ކަމެއް، ކީއްވެގެންތޯ، ކިހާ ފުޅާމިނަކަށްތޯ މި ދަތުރުކުރަނީ. ކިހާ ފުންމިނަކަށްތޯ، މީގެ ރޫޓްސް ތިރިއަށް ގޮސްފައި ހުރީ. އެކަން އަޅުގަނޑު ޖެހޭ ބަލަން.
އެހެންވީމާ، އަޅުގަނޑު ހަމަ ހުރިހާ ދިވެހިރައްޔިތުންނަށް ދަންނަވާނީ، ކެތްތެރިކަމާއެކީ، އަޅުގަނޑަށް މިކަން ކުރުމުގެ ފުރުޞަތު ދެއްވާށޭ. މިއީކީ އެއްގޮތަކަށްވެސް އާންމު ދިވެހިރައްޔިތުންނާ މި ދެންނެވި ގޮތަށް ގުޅުންހުރި މައްސަލައެއް ނޫން. އާންމު ދިވެހިރައްޔިތުންނާ ގުޅުންހުރި މިންވަރަކަށް ގުޅުން އޮތިއްޔާ ސަރުކާރަށް ކުރަންޖެހޭނީ ތާއީދު. އަބަދުވެސް މި ދައްކަނީ ކޮރަޕްޝަން ވާހަކަ. ކޮރަޕްޝަން ނައްތާލާ ވާހަކަ. އަބަދުވެސް މި ދައްކަނީ ބާރާއި ނުފޫޒު ނުޙައްޤުން ބޭނުންކުރާ ވާހަކަ. އެހެންވީމާ، އެކަންކަން ނައްތާލަން ރައީސް ކުރާ މަސައްކަތުގައި މިހާރުވެސް މިއުޅެނީ. އެހެންވީމާ، އެއަށް ރައީސަށް ތާއީދުކުރަންޖެހޭނީ. ވަކިބަޔަކު ކުރީމަ، އެއީ ކުރެވޭނެ ކަމަކަށް ހަދާފައި، އަނެއްބަޔަކު ކުރީމަ ރައީސަށް ބާރުއަޅަންވީ، އެކަން ހުއްޓުވާށޭ. ކޮންމެ މީހަކު ކުރިޔަސް، އެ ކުރަނީ ގޯހެއް ކަމަށްވަންޏާ، އަޅުގަނޑަށް ދެއްވާ އެއްވަރު ފުރުޞަތު. އެކަން ބަލައި، ތަންފީޛު ކުރުމުގެ އެއްވަރު ފުރުޞަތު އަޅުގަނޑަށް ލިބެންޖެހޭނެ. އެހެންވީމާ، އޭގެތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހިމެނުނަސް، އަދި އޭގެތެރޭގައި އެއަށްވުރެ މަތީ މީހުން ހިމެނުނަސް އެކަން ބެލެންވާނެ. އަޅުގަނޑުގެ މައްސަލަ ބަލާ ދުވަހެއްވެސް އަންނަންވީ. މިއަދު ބަލަން ބޭނުންވިޔަސް، އެ މައްސަލަ ބަލަން އަޅުގަނޑު ޖާގަދޭނަން.
 އެހެންވީމާ، މިހާބޮޑަށް ދައުލަތް ހިންގަން އުނދަގޫވެ، މުޅި ޖުޑީޝަރީ އޮޅުންބޮޅުމުގެ ތެރެއަށް ގޮސް، މުއައްސަސާތަކުގެ ތެރޭގައި އޮންނަ ޗެކް އެންޑް ބެލެންސްގެއްލުވާލާ ހިސާބަށް، ހަމަ ފަނޑިޔާރުން ކުރައްވާ އެންމެ އަމުރަކުން ގެންނެވީމަ، އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ، ދައުލަތް ހިންގުން ހުއްޓުމަކަށް އަންނަންވާނެ ކަމަކަށް. ދައުލަތް ހިންގުން ހުއްޓުމަކަށް ނައިސް، ކޮންމެ މުއައްސަސާއަކުން ކުރާ ކަމަކީ، އެ މުއައްސަސާއެއް އިޚްތިޞާސް ޤާނޫނުން ކުރެވިގެން، ހިނގާ ކަމެއްތޯ ކަށަވަރުކުރަންޖެހޭ ހަމައެކަނި މީހަކީ ރައީސުލްޖުމްހޫރިއްޔާ. އެހެންވީމާ، އެކަން ކުރުމުގެ ޒިންމާ އަޅުގަނޑު އުފުލަންޖެހޭ. އަދި އެޒިންމާ އަޅުގަނޑު އުފުލާއިރު ސުޕްރީމް ކޯޓުންވެސް އަޅުގަނޑަށް އެއްބާރުލުން ދެއްވަންޖެހޭ. އަދި އަމްދުން ދިވެހިރައްޔިތުން މިކަމަށް ކެތްތެރިކަމާއެކީ، ރައީސުލްޖުމްހޫރިއްޔާއަށް ތާއީދު ކުރަންޖެހޭ. މިކަމުގައި ހަމަގައިމުވެސް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ފައިދާއެއް ނޯންނާނެ. މިކަމުން ކަށަވަރު ކުރެވިގެންދާނީ، ދިވެހިރާއްޖޭގެ ޢަދުލުގެ ނިޒާމާއި، ލޯ އެންޑް އޯޑަރ. ނޫނީވިއްޔާ ޤާނޫނީ ޙުކޫމަތު ދެމެހެއްޓޭނޭކަމުގެ ކަށަވަރުކަން މިކަމުންވެސް ފެނިގެންދާނީ. މިއީ ދިވެހިރައްޔިތުން ބޭނުންވާ ކަމަކީ. އެހެންވީމާ، މިކަން ކުރިޔަދެއްވާ!
ވަރަށް ބޮޑަށް ޝުކުރިއްޔާ!           
 
والسّلام عليــكم ورحـمــة اللّـه.