بســم اللّـه الرّحمـن الرّحيــم


ނިޢުމަތްތައް މިންވަރު ކުރައްވާ اللّـه سبحانه وتعالى އަށް ޙަމްދުކޮށް ޝުކުރުކުރަން.


މި އުއްމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ، މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި، މިތުރު ޞަޙާބީން ޝާމިލުކުރަމުން.


އެންމެހައި ލޮބުވެތި ދިވެހި ރައްޔިތުން، ޚާއްޞަކޮށް، ދިވެހި ކުޅިވަރުގައި މިރޭ މި ފެންނަ ކުޑަކުދިން، ތުއްތުކުދިން؛


ޝައްކެއްވެސްނެތް، އަހަރުމެން މިރޭ ގުނަމުން މިދަނީ ވަރަށް ޚާއްޞަ ވަގުތުކޮޅެއް. އިންތިޒާރު ކުރަމުން މިދަނީ ވަރަށް މުހިންމު ވަގުތުކޮޅަކަށް. އަހަރުމެންގެ ޝައުޤުވެރިކަމާއި، އަހަރުމެންގެ ކެތްތެރިކަން ކުޑަވެފައި މިވަނީ މި ވަގުތުކޮޅު އައިސްފައި ދިވެހިރާއްޖެއާ ކައިރިވީމަ.


އާދެ، ޝައްކެއްވެސްނެތްގޮތުގައި، މިއީ ވަރަށް އުފާވެރި އަދި އެ އިންތިޒާރެއްގައި އަހަރުމެން ތިބޭތާ އެތަކެއް ދުވަހެއްވީ އިންތިޒާރެއް. އަހަރުމެންގެ ދިވެހިރާއްޖެ، މިތާ މިތިބަ ކުޑަކުދިންނަށްވެސް އެނގޭނެ، އަދި އަޅުގަނޑުމެންގެ ހުރިހާ ބޮޑެތި މީހުންނަށްވެސް، އަދި އަޅުގަނޑުމެންގެ މެހްމާނުންނަށްވެސް އެނގޭނެ، ދިވެހިރާއްޖެ މަޝްހޫރުވެފައި މި އޮންނަނީ ވަރަށް ރީތި ގޮނޑުދޮށްތަކެއް ހިމެނޭ އަދި ފަތުރުވެރިން އުފާވާ، ޝައުޤުވެރިކަން ހުންނަ މަންޒިލެއްގެ ގޮތުގައި.
އެހެންވީމާ، ދިވެހިރާއްޖެއަކީ ބޭރުގެ މެހްމާނުންނަށް ވަރަށް ކަމުދާ، ވަރަށް މަޤްބޫލު، ފަތުރުވެރިކަމުގެ ޑެސްޓިނޭޝަނެއް. ޓުއަރިސްޓް ޑެސްޓިނޭޝަނެއް. މި ފަތުރުވެރިކަމުގެ ޑެސްޓިނޭޝަނަށް އެހެންވީމާ އަހަރުމެން ޖެހޭނެ، ހުރިހާ މެހްމާނުންނަށް މަރުޙަބާ ކިޔަން. ހުރިހާ ބައްރަކުން، ހުރިހާ ދައުލަތްތަކަކުން، ހުރިހާ ތަންތަނަކުން އަންނަ މެހްމާނުންނަށް އަހަރުމެން މަރުޙަބާ ކިޔަންވާނެ. ދިވެހިރާއްޖެއަކީ މެހްމާންދާރީ އަދާކުރުމުގައި ލާމަސީލު ދައުލަތެއް. ލާމަސީލު ޤައުމެއް. އެހެންވީމާ، މިއަދު ފެނިގެން މިދަނީ ދުނިޔޭގައިވެސް އޮތް އެންމެ މަޤްބޫލު ހަނީމޫން ޑެސްޓިނޭޝަން ކަމުގައި ގަބޫލުކުރެވެމުން އަންނަ އަދި ޓުއަރިޒަމްގެ ޞިނާޢަތުގެ ލިޓްރެޗަރގައި ލިޔެވެމުން އަންނަ އަހަރުމެންގެ މި ލޯބި ކުޑަކުޑަ ދިވެހިރާއްޖެ. ދިވެހިރާއްޖެ މަޝްހޫރުވެފައި މި އޮންނަނީ މިގޮތަށް.


އެހެންވީމާ، އެންމެ މަޤްބޫލު ހަނީމޫން ޑެސްޓިނޭޝަނަށް މިއަދު މި ޒިޔާރަތް ކުރަނީ، މިރޭ އަހަރުމެންނާ މި ބައްދަލުކުރަނީ އެންމެ މަޤްބޫލު، އެންމެ ޕްރެސްޓިޖަސް، އެންމެ ކޮވިޓެޑް، ފީފާގެ އައިކޮނިކް ޓްރޮފީ.
އާދެ، އެންމެ މަޤްބޫލު އައިޑޮލް މިހިރީ، އެންމެ މަޤްބޫލު ހަނީމޫން ޑެސްޓިނޭޝަންގައި. މިއީ ޝައްކެއްވެސްނެތްގޮތުގައި، މިތާ މިތިބަ ފުޓްބޯޅައަށް ޝައުޤުވެރިކަން ހުންނަ ކުޑަކުދިންނާއި އަދި މި އިޙްތިފާލަށް ވަދެ ތިބި ޒުވާނުންނަށް އުފާވެރިކަމާއި ހިނިތުންވުން، އަދި ހިތްހަމަޖެހުމާއި ފަޚްރުވެރިކަން ގެނެސްދޭނެ ވަގުތުކޮޅެއް.


އަޅުގަނޑަށްވެސް ލިބޭ އުފަލަކީ، މި އުފަލުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާކަން. ދިވެހިރާއްޖޭގެ ނަމުގައި މި ތަށި އުފުލައިލުމަށް ލިބޭ ޝަރަފަކީ، މަދުން ނޫނީ މިފަދަ ޝަރަފެއް ނުލިބޭނެވަރުގެ ވަރުގަދަ ޝަރަފެއް. އެހެންވީމާ، ދިވެހި ރައްޔިތުންގެ ފަރާތުން ޚާއްޞަކޮށް، ކުޅިވަރަށް ލޯބިކުރާ ހުރިހާ ދިވެހި ރައްޔިތުންގެ ފަރާތުން އަޅުގަނޑުމެން މި މަރުޙަބާ މި ކިޔަނީ މި ދެންނެވި މެހްމާނަށް. އާދެ، އެންމެ ވަރުގަދަ އައިޑޮލް. [ދަ ކޮވިޓެޑް އައިކޮނިކް ފީފާ ވަރލްޑް ޓްރޮފީ] މި އަހަރުމެންގެ ދިވެހިރާއްޖެއަށް ޒިޔާރަތް ކުރަނީ.


އެހެންވީމާ، އަހަރުމެން ހުރިހާ ކުދިންވެސް، ހުރިހާ މީހުންވެސް، މި ފީފާ ޓްރޮފީއަށް މަރުޙަބާ އެބަ ކިޔަންޖެހޭ. މިއީ ޝައްކެއްވެސްނެތްގޮތުގައި، ދިވެހި ރައްޔިތުންގެ ފަރާތުން، ދިވެހިރާއްޖޭގައި ޚާއްޞަކޮށް ކުޅިވަރަށް ލޯބިކުރާ ހުރިހާ އެންމެންގެ ފަރާތުން އަޅުގަނޑަށް ލިބޭ ޝަރަފެއް، ލިބޭ އުފަލެއް. އެ އުފަލުގައި ތިޔަ ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

At this historic moment, with this joyous young crowd overwhelmed with the awesome once in a lifetime experience, once in a lifetime event, millions of fans world over are glued to their screens, never taking their eyes off this long journey, a journey that has started few days back.

In several parts of the world, football is the opiate of the youth, the palliative for the many voting spectators. The moment has come to witness the most passionate and prestigious idol of all times, the iconic FIFA trophy visiting the popular idyllic honeymoon destination of our beautiful Maldives.

Let me welcome the idol, the FIFA Trophy, and embrace on behalf of the youth with open arms. Let me also extend our heartfelt appreciation to the management of FIFA, to the World Cup Organising Committee, to the FAM of the Maldives, Coca-Cola Company assisting FAM in this journey, Let me welcome all of you for bringing joy of happiness to the thousands of devote fans of football in Maldives. This event clearly, while it brings happiness, it also brings tears to all of our eyes, tears of happiness and also tears to the eyes as well. Indeed, it is a dream that we have never dreamt of. So kids, fans of football, let’s all hold the dream.

މި އުފާވެރި މުނާސަބަތުގައި އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންޖެހެނީ، ދެންމެ ތަޢާރުފުގައި އަދި ވާހަކަފުޅު ދެއްކެވި ބޭފުޅަކު، މިއީ ފުޓްބޯޅައިގެ ވަރަށް އިސް ކުޅުންތެރިއެއް ފަރަންސޭސި ޓީމުގައި. މި ޓްރޮފީއަކީ އެންމެ ވަރުގަދަ ފުޓްބޯޅަ ކެޕްޓަނުން، ޒިދާން، މެރެޑޯނާ، މިފަދަ ކުޅުންތެރިން އަރމް ބޭންޑާ، ކެޕްޓަން އަރމް ބޭންޑާއެކީ ލިފްޓްކޮށްފައި އޮތް ޓްރޮފީއެއް.


އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި، މިކަހަލަ ޓްރޮފީއެއް ދިވެހިރާއްޖެއަށް އައިމަ، އަހަރުމެން އެންމެން އުފާވޭ. އަހަރުމެންގެ ހިތްތަކަށް ހިތްހަމަޖެހުން ގެނެސްދޭ. އަހަރުމެންގެ ލޯމަތިން، އަހަރުމެންގެ މޫނުމަތިން އަހަރުމެންނަށް ފެންނަނީ އުފާވެރިކަމުގެ ޝުޢޫރު. ލޯތަކުން މި އަންނަނީ ކަރުނަ. އުފަލުން އަންނަ ކަރުނަ. އަދި ނުރޮއި ހުންނަ ލޯތަކުންވެސް އަހަރުމެންނަށް މި ފެންނަނީ ކަރުނަ. އަހަރުމެންގެ ޙަޔާތުގައި އެއްފަހަރު ނޫނީވިއްޔާ މިކަހަލަ އުފާވެރި މުނާސަބަތެއް އަހަރުމެންނަކާ ބައްދަލެއްނުކުރާނެ.


އަހަރުމެން ބޭނުންވަނީ ދިވެހިރާއްޖޭގެ ހުރިހާ ހިސާބެއްގައި މިކަހަލަ އުފާވެރި މެހެފިލްތައް އިތުރުވެގެންދިޔުން. ޝައްކެއްވެސްނެތްގޮތުގައި، ކުޅިވަރުގެ ތެރެއިން އަހަރުމެންނަށް އެކުވެރިކަން އާލާކުރެވޭނެ. މިކަހަލަ އުފާވެރި އެތައް އިޙްތިފާލުތަކެއް އަހަރުމެން ކުރަން ބޭނުންވޭ. އަހަރުމެންގެ ރާއްޖެއަކީ ޞުލްޙަވެރި ރާއްޖެއެއްކަން އަހަރުމެން ދައްކައިދޭން ބޭނުންވޭ، އަހަރުމެންގެ މެހްމާނުންނަށް.


މި ތަށި މި އަންނަނީ 50 އެތައް ޤައުމަކަށް ދަތުރުކުރާ ތަށްޓެއްގެ ގޮތުގައި. މި ތަށި މި ކުރަނީ ވަރަށް ދިގު ދަތުރެއް. މި ތަށި މި ކުރަނީ 123 ދުވަހުގެ ދަތުރެއް. އެންމެފަހުން ވަރލްޑް ކަޕް ކުޅޭ ޤައުމާ ހަމައަށް މި ތަށި ޒިޔާރަތް ކުރާނެ. މި ޒިޔާރަތުގައި، މި ދަތުރުގައި އަހަރުމެންގެ ދިވެހިރާއްޖެއަށް މި ތަށި އައުމަކީ، ޝައްކެއްވެސްނެތްގޮތުގައި މަދުންނޫނީ އަހަރުމެންނަށް ނުލިބޭވަރުގެ ވަރުގަދަ ފަޚްރެއް، ޝަރަފެއް.


މީގެ 47 އަހަރު ކުރިން މި ތަށި ފަރުމާކުރެވިފައި މިވަނީ. މިއަދު މި ތަށީގެ އަގަކީ އެމެރިކާގެ ޑޮލަރުން ކަމަށްވަންޏާ 10 މިލިއަން އެމެރިކާ ޑޮލަރު. ވަރލްޑް ކަޕް އިވެންޓެއް އޯގަނައިޒް ކުރުމަކީ، ނޫނީވިއްޔާ ދުނިޔޭގެ ތަށްޓަށް މި ކުޅޭ ވާދައިގެ މުބާރާތެއް އޯގަނައިޒް ކުރުމަކީ ވަރަށްގިނަ ބައެއްގެ އެފަރޓާއި މަސައްކަތް އެއަށްދާ ކަމެއް. މިއީ ވަރަށްބޮޑު ވިޔަފާރިއެއްވެސްމެ. އާމްދަނީއެއްގެ ގޮތުގައި 4000 މިލިއަން އެމެރިކާ ޑޮލަރު ލިބޭއިރު، އަހަރުމެންނަށް އެނގޭ، ވަރލްޑް ކަޕްގައި ޕްރައިޒް މަނީގެ ގޮތުގައި އެކި ޓީމުތަކަށް، ކުޅުންތެރިންނާއެކީ އެބަ ލިބޭ 400 މިލިއަން ޑޮލަރު. މިހާ ގިނަ ފައިސާ މި ދޭއިރު، އަހަރުމެންގެ ޚިޔާލަށް މި އަންނަނީ، ދިވެހިރާއްޖޭގެ ރައީސް މި ވާހަކަ ތިމަންނަމެންނާ މި ދައްކަނީ ކީއްވެގެންތޯ؟ މި ސުވާލު.


އަޅުގަނޑު ހަމަ ހުރިހާ އެހުންތެރިންނަށް ދަންނަވާލަން ބޭނުންވަނީ، މިހާރު މި ހިނގާ 4 އަހަރުގެ ތެރޭގައި، ދިވެހިރާއްޖޭގެ އެކި ހިސާބުގައި ސްޕޯޓިންގ އިންފްރާސްޓްރަކްޗަރތައް ޑިވެލޮޕް ކުރުމަށްޓަކައި މިއިން ޒަމާނަކު، މީގެކުރީގެ އެތަކެއް އަހަރު އެއްކޮށްލީމަވެސް ނުކުރާވަރަށް އެހެރީ މަސައްކަތް ކުރެވިފައޭ. ރާއްޖޭގެ ހުރިހާ ދިމާއަކަށް، ޒުވާނުންނަށް މި ފުރުޞަތު ހޯދައިދިނުމަށްޓަކައި މި އިންފްރާސްޓްރަކްޗަރތައް ޤާއިމުކުރެވިފައި މިވަނީ. އަދި މީގެ ނަތީޖާވެސް އިރާދަކުރެއްވިއްޔާ ރަނގަޅު. އަހަރުތަކުގެ ތަމްރީނާއެކީ، މިދިޔަ 4 އަހަރު ދުވަހަކީ ބައިނަލްއަޤްވާމީ މުބާރާތްތަކުގައި އެންމެ ގިނަ އަދަދެއްގެ ދިވެހި އެތްލީޓުން، ދިވެހި ކުޅުންތެރިން ބައިވެރިވި  4 އަހަރު. ހަމައެހެންމެ، ބައިނަލްއަޤްވާމީ މުބާރާތްތަކުން އެންމެގިނަ ޝަރަފުގެ ވަނަތައްވެސް، ނޫނީ މެޑެލްތައްވެސް ގެނައި 4 އަހަރު.


އަޅުގަނޑުގެ އަމާޒަކީ، ޒުވާނުންނަށް، ކުޑަކުދިންނަށް މި ފުރުޞަތުތައް ތަނަވަސްކޮށްދިނުން. އަދި މީގެ ބޭނުމަކަށްވާނީ، މި ކުޅިވަރުތަކާއެކީ ޒުވާނުންގެ ތަރުބިއްޔަތާއި، މިހާރު އިޤްތިޞާދީ ގޮތުން މި ދަތުރުކުރާ، މި ކުރެވޭ އިންވެސްޓްމަންޓްތަކުގެ ނަތީޖާއިން ވަރލްޑް ކަޕުން މި ހޯދާ އެތައް ބިލިއަން ޑޮލަރެއްގެ އެހީއަކީވެސް، ނޫނީވިއްޔާ އެތައް ބިލިއަން ޑޮލަރެއްގެ މަންފާއަކީ ހަމަ ދިވެހި ޒުވާނުންނަށް، އަންނަން އޮތް ޖީލުތަކުގައި ދިވެހިރާއްޖޭގައި މިކުރެވޭ މަސައްކަތްތަކުން ބިލިއަނުން ބިލިއަނުން އާމްދަނީ ލިބޭނެ ކަމަކަށްވެގެންދިޔުން.


އަޅުގަނޑުމެން މިއަދު މި ތަށި އުފުލައިލަނީ ފަޚްރުވެރިކަމާއި އުފަލާއެކީ. ކުޅިވަރަކީ މުޅި ދުނިޔެ އެއްބައި ކުރާ އެއްޗެއް. އަދި މި ތަށި އުފުލާއިރު، އަޅުގަނޑުމެންގެ ޢަޒުމަކަށް، އަމާޒަކަށް ވާންވާނީ ކުޅިވަރުގެ މުބާރާތްތަކުގައި މިކަހަލަ ރަން ތަށިތައް އެތަކެއްފަހަރު އުފުލުން. އަދި ހަމައެހެންމެ، އަޅުގަނޑުމެންގެ އަމާޒަކަށްވާންވާނީ ބޭރުގެ މެހްމާނުންނަށާއި މުޅި ދުނިޔެއަށް ދެއްކުން. އަމާންކަމާއި، ޞުލްޙައާއި، މެހްމާންދާރީގެވެސް ރަންތަށި އުފުލާ ބަޔަކީ ދިވެހިރާއްޖެ ކަމުގައި ދެއްކުން. މިއީ އަޅުގަނޑުމެންގެ އަމާޒަކަށްވާންވާނީ.


އަޅުގަނޑު އެދެނީ ތިޔަ ހުރިހާ ކުދިންނަށް، ހުރިހާ ޒުވާނުންނަށް ބާއްޖަވެރި އަދި އަމާން ދުވަސްތަކެއް. ކުޅިވަރުގައި ފާގަތި މުސްތަޤްބަލެއް.


އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި މަސައްކަތުގައި މާތްﷲގެ ބަރަކާތް މިންވަރު ކުރައްވާށި!


والسّلام عليــكم ورحـمــة اللّـه وبـركاتـه.