بســم اللّـه الرّحمـن الرّحيــم


ނިޢުމަތްތަކުގެ ވެރި اللّـه سبحانه وتعالىއަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުއްމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ދުޢާގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.


ކެންދޫގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، އަޅުގަނޑާއެކީ މިދަތުރުގައި ކެންދުއަށް މި ލިބޭ އުފަލުގައި ބައިވެރިވެވަޑައިގަންނަވަން ދަތުރުކުރެއްވި އެންމެހައި ޢިއްޒަތްތެރިން؛


السّــلام عليــكم ورحـمــة اللّـه وبـركاتـه.


އަޅުގަނޑުމެންނަށް މިރަށަށް މި ޒިޔާރަތްކުރެވުނީ ދުވަހުގެ އެންމެ ހިތްގައިމު ވަގުތަކުނޫން. އެހެންނަމަވެސް، ތިޔަބޭފުޅުންގެ ހިތްޕުޅުގައި ތިޔަ އޮތް ހަމްދަރުދީއާއި، އަދި އަޅުގަނޑުމެންނާ ދޭތެރޭގައި ތިޔަ ބެހެއްޓެވި ގާތްކަން ތިޔަ ދައްކުވައިދެއްވީ، ތިޔަބޭފުޅުން ތިޔަ ވިދާޅުވި ހޫނު ވަރުގަދަ މަރުޙަބާއިން. މިކަމަށްޓަކައި އަޅުގަނޑާއި، އަޅުގަނޑާއެކީ ދަތުރުކުރެއްވި ބޭފުޅުންގެ ފަރާތުން ތިޔަބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.


އަޅުގަނޑު ފަށައިގެން މިއުޅޭ ދަތުރު އެއީ، 5 އަހަރުގެ ދިގު ދަތުރުގެ ވާހަކައެއްނޫން. މި އަތޮޅަށް، ނ. އަތޮޅަށް އަދި ޅ. އަތޮޅަށް ފަށައިގެން މިއުޅޭ ދަތުރުގެ ނިމުމަކާ ހަމައަށް އައިއިރު، އަޅުގަނޑަށް މިއާދެވުނީ ތިޔަބޭފުޅުންގެ އަރިހަށް، ތިޔަބޭފުޅުންގެ މި މަތިވެރި އުފަލުގައި ބައިވެރިވުމަށް. ދެންމެ އަޅުގަނޑުމެންނަށް ޕްރެޒެންޓޭޝަނުން ފެނިގެން ދިޔަގޮތަށް އަދި މިރަށުގެ ރައްޔިތުންގެ ޝުޢޫރުތައް ބަންޑުންވަމުން ދިޔަގޮތުން އަޅުގަނޑުމެންނަށް އެނގިގެން މިދިޔައީ، ކެންދޫގެ ބަނދަރެއްގެ އިންތިޒާރުގައި ތިޔަބޭފުޅުން ތިއްބަވާތާ ދިހަވަރަކަށް އަހަރުވެގެންދިޔަ ވާހަކަ.


ޝައްކެއްވެސްނެތް، ދަތިވެފައިވާ ރައްޔިތުން އެ ބޭނުންވާ ވަސީލަތެއް ހޯދުމުގެ އިންތިޒާރުގައި ދަތިކަމާއެކީ ތިބޭނެ. އަޅުގަނޑުގެ މިދަތުރުގައި މިއީ، 6 ވަނަ ރަށް. ކޮންމެ ރަށެއްގައިވެސް އަޅުގަނޑުމެންނާ ބައްދަލުކުރީ ހަމަ މިކަހަލަ އަޑުތަކެއް. ކޮންމެކަމެއް ފުދިގެން މިދަނީ 16 އަހަރުގެ ދިގު އިންތިޒާރަކަށްފަހު، 3 ސަރުކާރެއްގެ ޒަޢާމަތު ނިމިގެން ދިޔުމަށްފަހު، 15 އަހަރުގެ އިންތިޒާރަކަށްފަހު، 10 އަހަރުގެ އިންތިޒާރަކަށްފަހު. ޒުވާނުން ބޭނުންވާ ކަންކަން ނުފުދި މިދަނީ އަދި އެއަށްވުރެ މާދިގު މުއްދަތުގައި. ޒުވާނުންނަކީ، ޒަވާޖީ ޙަޔާތެއް ފެށުމަށް ރަށްރަށުގައިވެސް އަދި މާލޭ ސަރަޙައްދުގައި ބައިބޯ ސަރަޙައްދުތަކުގައި އެމީހުންގެ ބޯހިޔާވަހި ކަމަކީ، އެމީހުންނަށް ބޭނުންވާ އަސާސީ ޙައްޤެއްކަމަށް ދެނެގަންނާނެ ކެޕޭސިޓީއެއް، މިންވަރެއް، އަޅުގަނޑުމެންގެ ތެރެއަކުނެތް.


ފެނާއި ނަރުދަމާގެ ކަށަވަރުކަމާއި، ޞިއްޙީދުޅަހެޔޮކަމާ، މިކަންކަމަކީ ޤާނޫނުއަސާސީން އަޅުގަނޑުމެންނަށް އަޅުގަނޑުމެން އިންތިޚާބުކޮށްފައި ތިބި މަންދޫބުން ރައްޔިތުންގެ ޙައްޤުގައި ވަކާލާތު ކުރައްވާއިރު، މޮޅު ވާހަކަ ލިޔުއްވާ ޞަފުޙާތަކެއްގައި، މަޒުމޫނެއްގައި، ފޮޅުވަތްތަކެއްގައި ލިޔުއްވާ ލިޔުއްވުން ފިޔަވައި އެއަށް ތަންފީޒުކުރުމުގެ ޤާބިލުކަމެއް، ބާރެއް އެބޭފުޅުންނަށް ލިބިފައިހުރި ކަމަކަށް އެ ބޭފުޅުންނަށް ދައްކަވައިދެއްވިފައެއް ނެތް. ޚުދު މި ދާއިރާއަށް އަޅުގަނޑުމެން ވިސްނާލިކަމުގައި ވިނަމަވެސް، ރައްޔިތުން، ރައްޔިތުންގެ ފަރާތުން ބަސްބުނަން އަދި ކަންކަން ނިންމުމަށް ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިހުރި ކަންކަމަށް ޖާގަހޯދުމަށްޓަކައި މި އިންތިޚާބުކުރާ މެންބަރުންނަކީ، ވަރަށް ވަރުގަދަ އަމާނާތެއް ހަވާލުވެގެން މަޖިލީހަށް އަންނަ މެންބަރުން. އެ މެންބަރުން ކަންކަން ކުރައްވާ ގޮތާ ދޭތެރޭގައި ތިޔަބޭފުޅުންގެ ސުވާލު އިސްކުރައްވަންޖެހޭ ކޮންމެ ވަގުތަކުވެސް، ހުރިހާ ވަގުތެއްގައިވެސް ކޮންމެހެން މެންބަރާ ބައްދަލުވީމަކާއެއްނޫން. ހުރިހާ ދާއިރާއެއްގެ މެންބަރުންނަށްވެސް މިކަންއޮތީ މިގޮތަށް. ރައްޔިތުންގެ ފަރާތުން މަންދޫބުންތަކެއް ކަންކަމަށް މި އިންތިޚާބުކުރަނީ، ރައްޔިތުން އެދޭ ކަންތައްތަކެއް ކުރެވޭނެކަމުގެ އެންމެމޮޅު ވާހަކަ، އެންމެފޮނި އިންތިޒާރުތައް، އެމީހުންނަށް ހުށަހަޅާ މީހުންތަކަކަށް މިކަހަލަ މީހުންއައިސް އަޅުގަނޑުމެންނާ ބައްދަލުކުރީމަ. އޭގެތެރޭގައި އަޅުގަނޑުވެސް ހިމެނޭގޮތަށް. 2013 ވަނަ އަހަރުވެސް، ރައްޔިތުންގެ އަރިހަށް އެކި ދާއިރާތަކަށް އަޅުގަނޑު ޒިޔާރަތްކުރިން. އަދި ރާއްޖޭގެ އެކި ހިސާބުގައި ކަންކަން ދަތިވެފައިވާ މިންވަރާއި، އަދި ހުރި ބޮޑެތި ގޮންޖެހުންތަކާއި، އަޅުގަނޑުމެންގެ މަޢުޞޫމް ރައްޔިތުން މިކަހަލަ ކުދިކުދި ރަށްރަށުގައި އެކަހެރިކޮށް އުޅޭއުޅުމުގައި ދިމާވާ ދަތިތައް އަޅުގަނޑުގެ ލޮލަށްވެސް ފެނުނު. އަދި ޝަކުވާތައް އޭރު ކަންފަތުން މަޑުނަގާފައި ހުރީމާ އަޅުގަނޑު އަޑުއެހީމު. އެހެންނަމަވެސް، އޭގެ ކުރީގައި ތިއްބެވި ބޭފުޅުން ހިއެއްނުވޭ، އެކަހަލަ ފަރުވާ އެބޭފުޅުންގެ ކަންފަތްޕުޅަށް ދެއްވިހެނެއް. އެހެންވީމާ، މިއަދުވެސް އަޑުއިވޭނީ، އެބޭފުޅުން ބާރަށް އަޑުގަދަކުރައްވާ ވާހަކަ. އެބޭފުޅުންނަކީ، ކަންކަން ހާސިލުކުރެއްވުމުގައި ރައްޔިތުންނަށް ކަންކަން ފުއްދައިދެއްވުމުގައި ނުކުޅެދުންތެރިކަން ހުރި ބޭފުޅުންކަން ކިތަންމެ ރަނގަޅަކަށްވެސް އަޅުގަނޑުމެންނަށް ހާމަކޮށްދެއްވާފައިވަނީ.


އަޅުގަނޑުމެން މިކުރާ ދަތުރުތަކުގައި، މިދެންނެވި ގޮތަށް މަންދޫބުން އިޚްތިޔާރުކުރައްވާފައި، ރައްޔިތުން ހޮއްވަވާފައި ފޮނުއްވީމާ ވާގޮތާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާލަންޖެހޭ. އަދި އެބައެއްގެ ފަރާތުން ވާހަކަ ދައްކާ މަންދޫބާ ތިޔަބޭބޭފުޅުން ސުވާލުކުރައްވަން އެބަޖެހޭ. ކޮންމެ ސަރުކާރަކުންވެސް، އެ ސަރުކާރަކަށް ފެންނަ ތަރައްޤީގެ މަޝްރޫޢުތައް ރަށްރަށަށް، މުޅި ރާއްޖެއަށް އާންމުވެގެން އެދަނީ އެ ސަރުކާރުގެ ވިސްނުމާއި، އެ ސަރުކާރުން ރައްޔިތުންނާ ދޭތެރޭގައި ކުރާ އުއްމީދުތައް ފުރިހަމަކުރަން އެންމެ ފަސޭހަގޮތަކީ، އެންމެ ރަނގަޅުގޮތަކީ، ކޮބައިތޯ ވިސްނާލައި، ތަރުތީބުކޮށް އަތުރާލައި، މަޝްރޫޢުތަކެއްގެ މައްޗަށް ބިނާކޮށް. އެހެންވީމާ، ކޮންމެ ރަށަކަށް ބަޖެޓް ކަނޑައެޅިފައި އޮންނަ މަޝްރޫޢަކީ، އެ ރަށަކަށް ޝައްކެއްވެސްނެތްގޮތުގައި، ފައިދާކުރާނެ މަޝްރޫޢެއް.


ކެންދޫގެ ބަނދަރު ހެދުމުން، ކެންދުއަށް އެކަންޏެއްނޫން ފައިދާކުރާނީކީ، ތިޔަބޭފުޅުންގެ މި މަތިވެރި އުފަލުގައި އަޅުގަނޑުވެސް ބައިވެރިވަނީ ހަމަ ތިޔަބޭފުޅުންގެ އުފަލުގައި ބައިވެރިވުމަށް އަޅުގަނޑަށް މި ލިބުނު ފުރުޞަތުގައި ﷲއަށް ޝުކުރާއި ޙަމްދުކުރަމުން. ކެންދޫގެ ބަނދަރުގެ ފަސޭހަކަން މިއަތޮޅާއި، އަދި ބީރައްޓެހި އެކި ހިސާބުހިސާބުން ބަނދަރުކުރާ ދޯނިފަހަރަށް، އޮޑިވެރިންނަށް އެބަ ލިބިގެންދޭ. އެހެންވީމާ، ދައުލަތުގެ ބަޖެޓުގައި ރައްޔިތުންނަށް ކޮށްދޭން ހިމަނާލި ކޮންމެ މަޝްރޫޢަކީ، އެ މަޝްރޫޢެއްގެ ސަބަބުން އެތަކެއް ބައިވަރު ރައްޔިތުންނަށް ފަސޭހަތަކެއް، ވަސީލަތްތަކެއް ތަނަވަސްވެގެންދާ ކަންކަން.


އެހެންވީމާ، ކުރަންޖެހޭ ފުރަތަމަ ސުވާލު، އަޅުގަނޑުމެން ކޮންމެ ޕާޓީއެއްގައި އުޅުނަސް، ފިކުރު ކޮންމެގޮތަކަށް ހުއްޓަސް، ކޮންމެ މީހަކު ސިޔާސީ އިސް މީހެއްކަމުގައި ބަލައިގެންހުއްޓަސް، އަޅުގަނޑުމެން ހަމަ އެންމެ ފުރަތަމަ ކުރަންޖެހޭ ސުވާލަކީ، ރައްޔިތުންނަށް ފައިދާހުރި މަޝްރޫޢުތަކެއް ބަޖެޓުގެ ސިފައިގައި ހުށަހެޅިގެން ދިޔައިމާ، އެ ބަޖެޓަށް ވޯޓުނުދީ، ފައިސާ ޚަރަދުކުރުމުގެ ހުއްދައަށް އެހީމަ ނޫނެކޭ ބުނެފައި، އެއަށް ވޯޓުނުދޭ މީހުން ރައްޔިތުންނަށް އުފުލަނީ ކޮންޒިންމާއެއްތޯ؟ ޒިންމާއެއް އުފުލޭތޯ؟ އެ ސުވާލުކުރައްވަންޖެހޭ. އެބޭފުޅުންނަށް ކަމުނުދާ ކަމަށްވަންޏާ، އެބޭފުޅުން އަތްޕުޅުން ލިޔުއްވި ޤާނޫނުއަސާސީން އެ ބަޖެޓް ބޭނުންގޮތަކަށް، ކޮށައި މަށާ ހެދުމުގެ ބާރު އެބަލިބޭ. އެހެންވީމާ، ކެންދޫގެ ބަނދަރުގެ ވާހަކަ ޖެހީމާ، ރައްޔިތުންގެ މަޖިލީސްގެ ބައެއް ބޭފުޅުންނަށް ދަތިވާކަމަށްވަންޏާ، ކެންދޫގެ ބަނދަރުނަގައި ގެންގޮސް މަރަދުއަށް ލިޔަސް، އެވެސް އެއޮތީ ކަމެއް ކުރެވިފައި. އެކަމަކު އޭގެ ބަދަލުގައި މުޅިން ނުކުޅެދުންތެރިކަން، ހާމަކަންބޮޑުގޮތެއްގައި ރައްޔިތުންނަށް މިދިޔަ ގާތްގަނޑަކަށް 7 އަހަރު، 8 އަހަރުވަންދެން ދައްކަވަމުން އެ ގެންދެވީ. ތަރައްޤީގެ އެއްވެސް މަޝްރޫޢަކަށް ތިމަންނާ ތާއީދެއް ނުކުރަމޭ. މިގޮތަށް ތިއްބެވި މެންބަރުން މަދެއްނޫން. މިއީ، ރައްޔިތުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި އަމާނަތާ ހަވާލުވެގެން ރައްޔިތުންނާ ހަމައަށް ވަޑައިގަންނަވާ ބޭފުޅުން، މަގާމަށް ހޮވުނީމާ ކަންކުރައްވާ ގޮތް. އެހެންވީމާ، އިންތިޒާރު، ދިގު އިންތިޒާރު، ކޮންމެ ތަނެއްގައިވެސް އިންތިޒާރު. އެކަމަކު ދިވެހިރާއްޖޭގައި މީހުންއުޅޭތާވެސް އެތަކެއް ސަތޭކަ އަހަރުވެއްޖެ. ދައުލަތްތައް އަޅުގަނޑުމެންނާ ހަމައަށް އައިއިރު އެތަކެއް ވެރިންގެ އަތްޕުޅު މަތިން ދައުލަތުގެ އަމާނާތް ބަދަލުވެގެން ހިނގައްޖެ. އެހެންނަމަވެސް، މިއަދުވެސް ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، މިރަށުން ފުރައިގެން ދެން އަޅުގަނޑުދާ ރަށަށް ބަނދަރުކުރާއިރުވެސް ބުނާނެ، މިވެނި އަސާސީ ޙައްޤަކީ، މިވެނި އަސާސީ ވަސީލަތަކީ، އެކަމެއްގެ އިންތިޒާރުގައި، ނޫނީ އެކަމެއްގެ ތަކުލީފުގައި ކެކުޅުމުގައި ތިމަންނަމެން ތިބޭތާ 25 އަހަރުވެފައި އޮތް އިންތިޒާރެކޭ.


އެހެންވީމާ، އަޅުގަނޑުމެން ރައްޔިތުން ވިސްނާލަން މިޖެހެނީ، ރައްޔިތުންގެ ކަންކަމަށް މީހުން އަންނައިރު، އެމީހުން އެ ދައްކާ ވާހަކައިން އެމީހުންނަށް ކަންތައް ކޮށްދެވިފައިހުރި މިންވަރާ ދޭތެރޭގައި ވިސްނާލަންޖެހޭ. ކޮން ޖަވާބެއްތޯ؟ މިއަދު ރައްޔިތުންގެ މި ބަޖެޓުތަކަށް 7 އަހަރު، 8 އަހަރުވަންދެން ވޯޓުނުދެއްވާ ބޭފުޅުންނަށް ރައްޔިތުންގެ އަރިހަށް ވަޑައިގެން ކޮން ޖަވާބެއްތޯ ދެއްވޭނީ، މި ސުވާލު ދެންނެވީމާ. ބޮޑުކަމަކަށް ވިދާޅުވެވޭނީ، މުޅި ބަޖެޓް ތިމަންނައަށް ކަމަކުނުދެއޭ. އެއްވެސް މީހަކަށް މުޅި ބަޖެޓް ކަމަކުނުދާނެ. އެކަމަކު، ބަޖެޓުން ކޮށްދޭ ކަންކަމަކީ، ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކެއް ހާސިލުކޮށްދިނުން ކަމަށްވަންޏާ، ބަޖެޓް އިޞްލާޙުކޮށްގެން ނަމަވެސް، ބަޖެޓަށް ވޯޓުލާންޖެހޭ. މިއީ، ރައްޔިތުންގެ މަޖިލީސްގެ މެންބަރުންނާ ހަމައިން އަދި ސަރުކާރު ހިންގަން ތިބި ވެރިންނާ ހަމައިން އަދި ސަރުކާރެއް ހަވާލުވެއްޖެނަމަ، އެއަށްވުރެން ރަނގަޅަށް ކަންކަން ރުކުރުވާލާނެކަމުގެ އިންތިޒާރުގައި ތިއްބެވި ލީޑަރސް އިން ވެއިޓިންގ އެބޭފުޅުންނާ ހަމައިން މިކަން އޮތް މިންވަރު.


އެހެންވީމާ، އަޅުގަނޑުމެން މި ސުވާލު އެބަކުރަންޖެހޭ، މިހާރުވެސް، އެހެންވީމާ، ހުރިހާ ދިމާއަކުންވެސް އަޅުގަނޑުމެންނަށް ފެނިގެންދަނީ އިންތިޒާރުގައި ދިވެހި ރައްޔިތުން ތިބޭތަން. އަޅުގަނޑުމެން އަޑުއަހާފައި ހުންނަ ލަފުޒުތަކަކީ، އަޅުގަނޑުމެން އަޑުއަހާފައި ހުންނަ ބަސްތަކަކީ، ނިކަމެތިންކޮޅެއް އުޅޭ ރަށެކޭ. ނިކަމެތިންކޮޅެއް ދިވެހިރާއްޖޭގައި އުޅުނީ މީގެ އެތައް ޤަރުނެއް ކުރިން. އެހެންނަމަވެސް، އޭރުވެސް އަޅުގަނޑުމެންގެ ބޭނުންތައް ފުއްދޭ މިންވަރަށް، އަޅުގަނޑުމެން ވެރިން ކަންކަން ކޮށްދިން. ގޮތްގޮތް ހޯދި. ވަސީލަތްތައް ހޯދި. އަޅުގަނޑުމެން ގަބޫލުކުރާކަށްނުޖެހޭނެ، އަޅުގަނޑުމެންނަކީ އެހާ ނުތަނަވަސްކަންމަތީގައި ތިބި ބައެއްކަމަށް. އަޅުގަނޑުމެން ގަބޫލުކުރާކަށްނުޖެހޭނެ، އަޅުގަނޑުމެން އަޅުގަނޑުމެންގެ ހާލަތާ ދޭތެރޭގައި ވިސްނާފައި، ކަމެއް ރަނގަޅު ނުކޮށްދީފި ކަމަށްވަންޏާ، އަމިއްލައަށް ކޮށްނުދީފި ކަމަށްވަންޏާ، އެހެން ބަޔަކުއަޔަސް، އެކަން ވެދާނެކަމަށް ގަބޫލުކުރާކަށް ނުޖެހޭނެ. އެކަމަކު އެއާއެކީގައިވެސް އަޅުގަނޑުމެން ޚިޔާލަށް ގެންނަންވާނެ، އަޅުގަނޑުމެންނަށް އަމާޒުވާ ކަންކަމުގެ ތެރޭގައި، ސަރުކާރަށް އަމާޒުވާކަންކަމާ ދޭތެރޭގައި، އަޅުގަނޑު ކޮންމެވެސްވަރަކަށް ތިޔަބޭފުޅުންނަށް އެއްޗެއް ދަންނަވާލާނަން.


އަޅުގަނޑަށް އަމާޒުވާ އެންމެ ބޮޑު އެއްކަމަކީ، އެންމެބޮޑު އެއްކަމަކީ، ހުރިހާ ސިޔާސީ ލީޑަރުން ހިފާ ހައްޔަރުކުރާ ވާހަކަ. އާދެ، އަނިޔާވެރި ސަރުކާރެއްގެ ވާހަކަ. އަނިޔާވެރި ސަރުކާރެއްގެ ވާހަކަ އިވޭއިރު އަޅުގަނޑުމެން ގަބޫލުކޮށްލަންވާނެ، އަނިޔާއަކީ ކޮންއެއްޗެއްތޯ؟ މި ސަރުކާރަކުންނެއް ނޫން އަނިޔާވެރިވެފައި އޮތީކީ. މި ސަރުކާރަކުންނެއްނޫން މީހުން ހިފާ ހައްޔަރުކުރަނީކީ. ހިފާ ހައްޔަރުކުރުމަކީ، ދެވޭ އަދަބެއް ކަމަށްވަންޏާ، މިއީ ޤަދީމީ ޒަމާނުއްސުރެ ދިވެހިރާއްޖޭގައި ކުރާ ކަމެއް. ކޮށާރުގެތަކުގައި، ޖަލުތަކުގައި ހައްޔަރުކުރާ މީހުން ހައްޔަރުކުރޭ ހުރިހާ އިރެއްގައިވެސް. އެކަމަކު އަނިޔާއަކަށްވަނީ ޤާނޫނާއި، އުފެދިފައި އޮންނަ ޝަރީޢަތާއި، މި ނިޒާމުތަކުގެ ބޭރުން މީހުން ހިފާ ހައްޔަރުކުރަންޏާ. ތިޔަބޭފުޅުން، ތިޔަބޭފުޅުން އަރިހަށް ވަޑައިގަންނަވާ ސިޔާސީ ލީޑަރުން އަދި މި ސަރުކާރަށް ނިސްބަތްކޮށް، އަނިޔާވެރި ސަރުކާރެއް ކަމަށް ވިދާޅުވާ ބޭފުޅުންކުރެން އައްސަވާބައްލަވާ، އެގޮތަށް ހިފާ ހައްޔަރުކުރި އެންމެ މީހަކު، ޔާމީންގެ ސަރުކާރުން ހިފާ ހައްޔަރުކުރި އެންމެ މީހަކު ދައްކާށޭ. އެކަމެއްނުވާނެ. އެކަމެއްނުވާނެ. އަދި އަޅުގަނޑުމެން މިކުރާހާ މަސައްކަތްތައް ރާއްޖޭގެ އެކިހިސާބުގައި ކުރާ މަސައްކަތް ފެނިވަޑައިނުގަންނަވާ ކަމަށް ސިޔާސީ ލީޑަރުން ވިދާޅުވާއިރު، މިރަށަށް، މިރަށުގެ މި ދާއިރާ ތަމްސީލުކުރައްވާ މެންބަރު ވަޑައިގަތީމާ އައްސަވާބައްލަވާ، ވިދާޅުވާނެ، ޔާމީނުގެ ސަރުކާރުން ރާއްޖޭގައި ޢުމްރާނީ ތަރައްޤީއާއި، ރައްޔިތުންނަށް ފަސޭހަކޮށްދޭ ކަންތައްތަކެއް ނުފެނޭ. މި ބޭބޭފުޅުންނަކަށް ތަންތަނެއް ފެނިވަޑައެއްނުގަންނަވާނެ. އެކަމަކު އެބޭފުޅުން ވިދާޅެއްނުވާނެ، ތިމަންނަމެން ކެންދުއަށް އައިމާ ކެންދޫގެ ބަނދަރު ނުފެނެއެކޭ ވިދާޅެއްނުވާނެ. މާޅެންދުއަށް ދިޔައިމާ މާޅެންދޫގެ ބަނދަރު ނުފެންނަ ވާހަކައެއް ވިދާޅެއްނުވާނެ. ފުޓްސަލްދަނޑުތައް ނެތްކަމަކަށް ވިދާޅެއްނުވާނެ. އަދި ފުޓްސަލްދަނޑު ނުފެންނަކަމަކަށްވެސް ވިދާޅެއްނުވާނެ. އެކަމަކު ވިދާޅުވާނެ، ޢުމްރާނީ ތަރައްޤީއަށް ކުރެވޭ އެއްވެސް ކަމެއް ނޯންނާނެއޭ. އެހެންވީމާ، މި ހުރިހާ ސިޔާސީ ލީޑަރުންނަށް ފެނިވަޑައިގެންނެވުމަށްޓަކައި އަޅުގަނޑު އިލްތިމާސް ކުރަނީ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ ބުރިޖު ހުޅުވަން މިއަންނަ އަހަރުގެ މެދާ ހިސާބަށްދާއިރު މި ހުރިހާ ސިޔާސީ ލީޑަރުންނަށް، ކުރީގެ ރައީސްކަން ކުރެއްވި ހުރިހާ ބޭފުޅުންނަށް ދަޢުވަތު އަރުވާނަން، ބުރިޖަށްވަޑައިގެން އަޅުގަނޑާއެކީ، ބުރިޖު ހުޅުއްވައިދެއްވަން. އެދުވަހަކުން އަޅުގަނޑު ބަލާލާނަން، އަޑުއަހާލަން ބޭނުންވާނެ އެބޭފުޅުން އަރިހުން، އެބޭފުޅުންނަށް އެ ބުރިޖު ފެނިވަޑައިގެންނެވިތޯ. އެހެންވީމާ، މިއަދު ކެންދޫގެ ރައްޔިތުން އެބަޖެހޭ އިލްތިމާސް ކުރައްވާފައި، މިއީ، ރާއްޖޭގެ އެކި ހިސާބުގައި ހިނގާ ކަންކަން ފެނިވަޑައިނުގަންނަވާ ބޭފުޅުންނަށް ދަންނަވަން، ކެންދޫގެ ބަނދަރު ހެދިއްޖެއޭ. މާޅެންދޫގެ ބަނދަރު ހެދިއްޖެއޭ. މިވެނި ރަށެއްގައި މިތައްހާސް ހައުސިންގ ޔުނިޓް ހެދިއްޖެއޭ.


ހަމަ މި ސަރުކާރުން ދޮގެއްތޯ، ރައްޔިތުންގެ ޒުވާންގެ އުއްމީދުތަކާ އެންމެބޮޑަށް ގުޅިފައި މިވަނީ، ހިޔާވަހިކަންވީމާ، އެއްލައްކަ އެތައްހާސް ޒުވާނުންނަކަށް ބޯހިޔާވަހިކަމުގެ މަޝްރޫޢެއް އިސްނަގައިގެން ކުރަން ކެރުނީ. ބިސްމި އަޅާލަން ކެރުނީވެސް މި ސަރުކާރުން ދޮގެއްތޯ. އެހެންވީމާ، ކަންކަންނުވާކަމަށް، ކަންކަން ފެނިވަޑައިނުގަންނަވާކަމަށް ވިދާޅުވާ ބޭފުޅުންވެސް މިތަންތަނަށް ވަޑައިގެން ބައްލަވާލެއްވީމާ ފެނިވަޑައިގަންނަވާނެ.


ދެންހަމަ އެއާއެކީ، އަޅުގަނޑުމެންނަށް އަމާޒުވާ އަނެއްކަމަކީ، މިފަހަކަށްއައިސް، ސޯޝަލް މީޑިއާގެ ޒުވާން ކުދިންގެ ތެރޭގައި، ނޫނީ ސިޔާސީ ފިކުރު ތަފާތުވެގެންދާ އެކި ދިމަދިމާއިން އަންނަ އަމާޒުތަކުގެ ތެރޭގައި ބޭރުގެ މެހުމާނުންނާ ދޭތެރޭގައި އަޅުގަނޑުމެންގެ ރަށްރަށަށް ކަނޑައަޅާފައި ހުންނަ ސަފީރުންނާ ދޭތެރޭގައި އަޅުގަނޑުމެން ކަމޭނުހިތާ ވާހަކައެއްނޫން. އެއީ، ރަނގަޅު ވާހަކައެއްނޫން. ސަފީރުންނަކީ، ސަފީރުންގެ މަސައްކަތް ވަކިގޮތަކަށް ކުރައްވަންޖެހޭ ބަޔެއް. އަދި ހޮވިފައިހުރި ކައުންސިލްތަކާއި އަދި ރާއްޖޭގެ އެހެން ދާއިރާތަކުގެ ރައްޔިތުން އިންތިޚާބުކޮށްފައި ތިބޭ ބޭފުޅުންގެ ޒިންމާއެއް އޮވޭ. ހަމައެފަދައިން މުޅި ރާއްޖޭގެ ރައްޔިތުން ތަމްސީލުކުރަން، މުޅި ރާއްޖޭގެ ރައްޔިތުންގެ ފަރާތުން ވަކިކަހަލަ ދާއިރާތަކެއްގެ ބަސްބުނުމުގެ އެންމެފަހު ޙައްޤު އޮންނަ މީހުންވެސް ރާއްޖޭގެ ޤާނޫނުތައް ކަނޑައަޅާފައި އެބަހުރި. އެހެންވީމާ، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެފަހުބަސް ބުނާ މީހަކީ ރައީސުލްޖުމްހޫރިއްޔާ. އެއީ އަދި އިންތިޚާބުކޮށްފައި، މަގާމަށްލާފައި ހުންނަ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއްނޫން.


އެހެންވީމާ، އަޅުގަނޑުމެންގެ ރަށްރަށުގައި ތިއްބަވާ ބޭފުޅުން، ނޫނީ ބޭރުން ވަޑައިގަންނަވާ މެހުމާނުން، އެކި ދިމަދިމާއަށް ދަތުރުކުރައްވަނީ އެހީދެއްވުމަށް ކަމަށްވަންޏާ، ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި، ޕްރޮޓޮކޯލްތަކުގައި އޮންނަ އުސޫލަކީ، އެއް ޤައުމުން އަނެއް ޤައުމަށް، އެއް ސަރުކާރުން އަނެއް ސަރުކާރަކަށް އެހީދޭ ކަމަށްވަންޏާ، ސަރުކާރު މެދުވެރިކޮށް އެހީދޭންވާނީ. ރަށެއްގެ ދާއިރާގައި ހޮސްޕިޓަލެއް އަޅާކަމަށްވަންޏާ، އެކަން އެންމެ ފުރަތަމަ އެނގެންޖެހޭނީ، ދިވެހި ސަރުކާރަށް. އޭގެކުރިންގޮސް ރައްޔިތުންނަށް އުއްމީދުތަކެއްދީފައި، އެކަން ނުވެގެންދިޔައިމާ، އެއީ ރައްޔިތުންނަށް، ސަރުކާރު ޒިންމާދާރުވެ ޖަވާބުދާރީވާންޖެހޭކަމެއް. އެހެންވީމާ، އެކަން ކުރުމުގެ ނަމުގައި ވަޑައިގެންނެވި ކަމުގައިވީނަމަވެސް، އެކަން ކުރައްވަންޖެހޭނީ ދިވެހި ސަރުކާރުގެ ތެރެއިން. ދިވެހި ސަރުކާރުގައި އެކަންކަމަށް ޤާބިލު، ނޫނީ އެކަންކަމަށް ކޮމްޕިޓަންޓް އޮތޯރިޓީޒް، ނޫނީވިއްޔާ މިނިސްޓްރީތައް މަދެއްނޫން. ދިވެހިރާއްޖޭގައިވެސް ޚާރިޖީ ވުޒާރާއެއް އެބަހުރި. އަދި ދިވެހިރާއްޖެއަށް މިއިން ކޮންމެ ކަމެއް ބަލަހައްޓާ ވުޒާރާއެއް އެބަހުރި. ދެން އޮތީ ޚާރިޖީ ވާހަކަދައްކަން. ޚާރިޖީވާހަކައެއް ނުދެއްކޭނެ. ޚާރިޖީވާހަކަ ދައްކަންވާނީ، ދިވެހިރާއްޖޭގެ ދައުލަތާ. ދައުލަތް ތަމްސީލުކުރަނީ، ރަމްޒުކުރަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާއި ޤާނޫނުއަސާސީން ކަނޑައަޅާފައި އޮތް ވަޒީރުންގެ މަޖިލިސް.


އެހެންވީމާ، އަޅުގަނޑުމެން، މެހުމާނުންނަށް ކަމޭހިތާއިރުވެސް، މިކަންކަމާ ދޭތެރޭގައި ހަމަ އެބޭފުޅުންގެ ޤައުމުތަކުގެ އިންތިޒާމު ކުރެވިފައި އޮންނަ އުސޫލުތަކަށް އެބޭފުޅުންނަށް އިޙްތިރާމު ކުރައްވާފަދައިން، ދިވެހިރާއްޖޭގައި އިންތިޒާމު ކުރެވިފައިހުރި އުސޫލުތަކަށް އަޅުގަނޑުމެންގެ އަމިއްލަވަންތަކަމާއި މި ސިފަތަކަށް، އެބޭފުޅުންވެސް އިޙްތިރާމު ކުރައްވަންޖެހޭނެ. އެހެންވީމާ، ޒުވާން ބޭފުޅުންނަށް ސޯޝަލް މީޑިއާގައި މިކަންކަން އޮޅުންއަރާފައި އޮންނަ މިންވަރަށް މިކަންކަން ހިނގައިދިޔައިމާ، އަޅުގަނޑު މިދަންނަވަނީ، މިކަންކަން އޮތްގޮތް. އެއީކީ އެހެން ވަޑައިގަންނަވާ ސަފީރުންގެ ޙައްޤެއްނޫން. އެ ސަފީރުން ދިވެހި ދައުލަތަށް، ދިވެހި ރައްޔިތުންނަށް ކަމެއްކޮށްދެއްވާ ކަމަށްވަންޏާ، އެ ސަރުކާރުތައް މެދުވެރިކޮށް، މިސާލަކަށް، މިކަހަލަ ބަނދަރު ކަހަލަ، ނޫނީވިއްޔާ މަގުހެދުންކަހަލަ، އާރޯ ޕްލާންޓް ބެހެއްޓުން ކަހަލަ ބޮޑެތި ކަންކަމުގައި ދިވެހި ދައުލަތަށް އެހީވެވަޑައިގެންދެއްވާ. އެހީވެވަޑައިގަންނަވާ ހުރިހާ ސަރުކާރުތަކަށް އަޅުގަނޑުމެން މަރުޙަބާ ދަންނަވާނަން. އޭގެ ބަދަލުގައި އެނޫންގޮތްގޮތަށް މަސައްކަތް ކުރައްވާ ކަމަށްވަންޏާ، އޮޅުންތައްއަރާނެ. އަދި ރައްޔިތުންނަށް އުއްމީދުތަކަކާއި އިންތިޒާރުތަކެއް ދެއްވުމަށްފަހުގައި، އެކަންކަން ނުވެ ދިޔައިމާ، އޭގެ އާޚިރުގައި އެ ޒިންމާވެސް އުފުލަންޖެހެނީ ހަމަ ސަރުކާރުން.


ސަރުކާރަކުން ވަޒީރަކު ވަޑައިގެން، ވަޒީރަކަށް ދެންނެވޭ ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ އުއްމީދުތަކަށް ކޮންމެވެސް ކަހަލަ ލުޔެއް ގެނެސްދެއްވުމަށް ރައްޔިތުންނާ ގުޅިގެން ވާހަކައެއް ދައްކަވައިފިކަމަށްވަންޏާ، ރައްޔިތުންގެ އުއްމީދުތައް އެކަމުގެ އިންތިޒާރުގައި ތިބޭނެ. އެހެންކަމަށްވަންޏާ، އެ އަހަރުގެ ބަޖެޓުގައި ނުހިމެނުނަސް، ޖެހިގެން އަންނަ އަހަރުގެ ބަޖެޓުގައި ނުހިމެނުނަސް، ދެން އަންނަ ދަތުރެއްގައި ރައީސާ ސުވާލުކުރާނެ، މިވެނި ވަޒީރަކު ވަޑައިގެން މިވެނިކަމަކަށް ތިމަންނަމެންނަށް އިޝާރާތް ކުރެއްވިޔޭ. ހަމައެގޮތަށް ބޭރުގެ ސަފީރުން ވަޑައިގެން ތަންތަނުގައި އެކިކަހަލަ ވާހަކަފުޅު ދެއްކެވީމާ، ރައްޔިތުންނަށް ލިބޭ އުއްމީދުތަކުގެ ނަތީޖާ ހާސިލުނުވެދިޔައިމާ، އޭގެ އާޚިރު ޒިންމާ އުފުލަންހުރި މީހަކީ ޤައުމުގެ ރައީސް. އެހެންވީމާ، މިކަހަލަ ކަންކަންވާތީ، އަޅުގަނޑުމެންގެ ސަރުކާރުންވެސް އެކިކަންކަމަށް ބަސްބުނަން މި ޖެހެނީ.


ހަމައެއާއެކީ އަޅުގަނޑު ދަންނަވާލަން. ވަގުތުވެސް އެހާ ތަނަވަހެއްނޫން. ޢަޞުރު ނަމާދުގެ އިންތިޒާރުގައި އަޅުގަނޑުމެން އެންމެންވެސް މިތިބީ. އެއާއެކީވެސް އަޅުގަނޑު ދަންނަވާލާނަން. ކެންދުއަށް މި އަންނަ ކޮންމެ ކުރިއެރުމަކީ، އަދި ރާއްޖޭގެ ހުރިހާ ދިމާއަކަށް މި އަންނަ ކޮންމެ ކުރިއެރުމަކީ، އެއީ ރައްޔިތުން އަޅުގަނޑުމެންނާ ހަވާލުކުރައްވާފައި އޮތް މެންޑޭޓް. ރައްޔިތުން އަޅުގަނޑުމެންނާ ހަވާލުކުރައްވާފައި އޮތް މަސައްކަތް. މިއަދު ސިޔާސީ މީހުން އެކިއެކި އިމްތިޙާނުތަކާ ކުރިމަތިލާއިރު، އެކިއެކި އިލެކްޝަންތަކާ ކުރިމަތިލާއިރު، ރައްޔިތުން ކައިރީގައި އެބަ ކުރަހައިދޭންޖެހޭ އެމީހުންގެ ތަޞައްވުރެއް. އެމީހުން އިންތިޒާރުކުރާ، އުއްމީދުކުރާ، ރައްޔިތުންނާ ދޭތެރޭގައި ކަންކަން ކުރުމަށް އެމީހުންގެ ހުރި ފޮނި އުއްމީދުތައް އެކުލެވޭ ޗާޓުތައް އެބަ ކުރަހައިދޭންޖެހޭ. ޗާޓުތައް ކުރެހުމަށްފަހު، ހުރިހާ އެންމެންވެސް މަސައްކަތްކުރަނީ ޗާޓުގެ ތެރޭގައި ޗާޓާ އެއްގޮތަށް މަސައްކަތްކުރަން. ޗާޓުން ބޭރުގައި، ޖައްވުގައި، ހަވާގައި، ކަންކަންކުރީމާ، ކަނޑުއަޑީގައި ކަންކަންކުރީމަކާ ރައްޔިތުންނަށްވާ ފައިދާއެއް ނޯވެޔޯ. އެހެންވީމާ، މިއަދު ކަންކަން ކުރާކަމަށްވަންޏާ ރައްޔިތުންގެ އަރިހުގައި ވިދާޅުވެދެއްވަންޖެހޭނެ، މި ސަރުކާރުން ކުރާ ކަމެއްގައި ހިންގާ މިވެނި މަޝްރޫޢެއްގައި ކެންދޫއަށް ކޮށްދޭންހުރި މިވެނި މަޝްރޫޢުތަކުގައި، އެ މަޝްރޫޢަށްވުރެން މިވެނި މަޝްރޫޢެއް ހިންގިއްޔާ ރަނގަޅުވާނެ.


އަޅުގަނޑަށް އެކަހަލަ އެއް ސުވާލު އާދޭ. އަޅުގަނޑަށް އަންނަ އެއް ސުވާލަކީ، މާލެއާއި ހުޅުމާލެއާ ދޭތެރޭގައި މި އަޅާ ފާލަން، ބުރިޖު އެޅީމާ އެއަށްވުރެން މާރަނގަޅަށް އެ ފައިސާ ހޭދަކުރެވޭނެ ކަންކަން އެބަހުއްޓޭ. އެކަމަކު މި ބުރިޖަކީ، އަޅުގަނޑުގެ ކުރިން ތިއްބެވި 3 ރައީސުން، ރައްޔިތުންގެ ކުރިމަތީގައި އަޅުއްވައި ނިންމަވައި، އޭގައި ދަތުރުކުރައްވާފައިހުރި ބުރިޖުތަކެއް. އެހެންވީމާ، އެ ރައީސުންނާ ހަމައިންވެސް މި ބުރިޖު މުހިންމު. އެކަމަކު އޭރު އެކަންކަން ނުފުދި ދިޔައިމާ، އޭގެ ބަދަލުގައި މިއަދު އެހެން މީހަކު އައިސް އެކަންކުރާތީ، މިހާރު އެބޭފުޅުން ދެކެވަޑައިގަންނަވަނީ، އެ ފައިސާ، ގާތްގަނޑަކަށް 300 މިލިއަނެއްހާ ޑޮލަރާ ކައިރިކުރާ އަދަދެއް، އެއަށްވުރެ ރަނގަޅު ގޮތުގައި ހޭދަކުރެވިދާނެއޭ. އަޅުގަނޑުމެންނަށް އެގޮތަށް ލިބުނު 300 މިލިއަން ޑޮލަރު ހޭދަކުރަންޖެހުނީ، އަޅުގަނޑުމެންގެ އެތަކެއް ބައެއްގެ ލޭއޮހޮރުވާލައިގެން ދާއޮހޮރުވާލައިގެން ހަދާފައި އޮތް އެއަރޕޯޓް ނުއަގުގައި ބަޔަކަށް ވިއްކާލީމާ، އެ އެއަރިޕޯޓް އަނބުރާ ދިވެހި ތަރިކައަކަށް ހެދުމަށްޓަކައި ކުރަންޖެހުނު ހޭދަ. އެއީ އަޅުގަނޑު 300 މިލިއަން ޑޮލަރު ހޯދައިގެން ކުރަންޖެހުނުކަމަކީ، އެހެންވީމާ، މި ބުރިޖަށް މިދާ 300 މިލިއަން ޑޮލަރުން އެއަށްވުރެ މާރަނގަޅު އެހެން ކަންކަން ކުރެވިދާނެއޭ ވިދާޅުވާ ކަމަށްވަންޏާ، އަޅުގަނޑު ދަންނަވާނީ، އެއީ އޮޅުމެކޭ.


މާލެއަކީ މާލޭގެ ރައްޔިތެކޭ ކިޔާބައެއް ނޫޅޭ. މާލެއަކީ ހުރިހާ އެންމެންގެ ތަނެއް. ހުޅުމާލެއަކީ އަޅުގަނޑުމެން ދިވެހި ހުރިހާ އެންމެންގެ މަދީނާއެއް. ހުރިހާ އެންމެން ހިޖުރަކުރަން އޮތްތަނެއް. އަޅުގަނޑުމެންގެ ރާއްޖޭގެ ތަނަވަސްކަމަކީ، އަޅުގަނޑުމެން އެންމެންގެ މުދާ. އެންމެންގެ ތަނަވަސްކަން، އެންމެންގެ ވަސީލަތްތައް. ހުޅުމާލޭގައި މިހާރު ދިރިއުޅެމުންދަނީ ގާތްގަނޑަކަށް ފަސްދޮޅަކަށްހާސް މީހުން. މާލޭގައި އޭގެ ދެގުނަ، ނޫނީ ތިންގުނައެއްހާ މީހުން އެބައުޅޭ. އަދި ރާއްޖޭގެ ޒުވާނުންނަށް ފުރުޞަތުތައް އޮތީ އަދި ބޯހިޔާވަހިކަމުގެ ފުރުޞަތުތައްވެސް މިއޮތީ މިދެންނެވި ސަރަޙައްދުތަކުގައި. އެހެންނަމަވެސް، ބޮޑެތި ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ނުހިނގާ ވާހަކައެއްނޫން. އެހެންވީމާ، މިތަންތަން ގުޅުވާލަދޭ ފާލަމަކީ، މުޅި ދިވެހި ހުރިހާ ރައްޔިތުންނަށް އޭގެ އުފަލާއި އޭގެ ފައިދާ ކުރާ ފާލަމެއް.


މާލޭގެ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް އެޅުމުން، އެއީކީ ކެންދޫގެ ރައްޔިތުން ޞިއްޙީ ޚިދްމަތުން މަޙްރޫމްވާކަމެއްނޫން. އަދި އެ ވަސީލަތުން ބީވެގެންދާ ކަމެއްވެސްނޫން. މިރަށްރަށުގައި ނުދެވޭ ފަރުވާ ތިޔަބޭފުޅުން ދެން ނިންމަވަންޖެހޭނީ، އިންޑިޔާއަށް ވަޑައިގަންނަވައިގެންތޯ، ސިންގަޕޫރަށް ވަޑައިގަންނަވައިގެންތޯ، ނޫނީ ދަރުމަވަންތަ ހޮސްޕިޓަލުންތޯ އެކަންކުރައްވާނީ. ﷲގެ ވާގިފުޅާއެކީ، އަޅުގަނޑު ދޭނެ ކަށަވަރުކަމަކީ، ދަރުމަވަންތަ ހޮސްޕިޓަލް ނިމިގެން އަޅުގަނޑުމެން އުއްމީދުކުރާވަރުގެ ވަސީލަތްތައް ލެވިގެން، އެ ހޮސްޕިޓަލް މިއަންނަ އަހަރު މެދެއްހާ ހިސާބު ހިނގާއިރު. ސިންގަޕޫރަށް ގޮސްލަން ބޭނުންވާ މީހަކު ސިންގަޕޫރަށް ދާނީ. ބޭހުގެ ބޭނުމުގައި ދާންޖެހޭ މީހަކު ކަމަށްވަންޏާ، އެކަން ހަމަ މާލޭގެ ހޮސްޕިޓަލުތަކުންވެސް ފުދިގެންދާނެ. އެހެންވީމާ، އެ ފެންވަރަށް ގެންދަން އަޅުގަނޑުމެން ބޭނުންވަނީ.


އެހެންވީމާ، އެތަނަށް ކުރެވުނު ހޭދައިން އެތަނަށް ކުރެވުނު ހޭދައިން އެއަށްވުރެ ރަނގަޅުގޮތެއްގައި އެހެންކަމެއް ކުރެވިދާނެ ކަމަށްވަންޏާ، މި ރަށްރަށުގައި މިއަދު ހޭދަކުރުމުގެ ފުރުޞަތު ލިބިވަޑައިގެންނެވި ބޭފުޅުން ވަޑައިގަތީމާ، ބަނދަރުގެ އިންތިޒާރުގައި 3 ސަރުކާރު ވޭތުކޮށްފިއޭ. ބަނދަރުގެ އިންތިޒާރުގައި 17 އަހަރު، 16 އަހަރު، 10 އަހަރު ވޭތުކޮށްފިއޭ ބުނާކަށް ރައްޔިތުން ނުޖެހޭނެ. އެކަން ހުންނަންވާނީ ފުދިފައި. އެއީ، އެންމެ އަސާސީ ބޭނުންތަކުގެ ތެރޭގައި ހިމެނޭ ލަފާފުރުމުގެ ފަސޭހަކަން. އޮޑިވެރިންނަށް ބޭނުންވޭ ބަނދަރު. މާބަނޑު އަންހެނުން ފުރައިގެންދާއިރު، ފަސޭހަކަމާ އަމާންކަމާއެކީ ދަތުރުފަތުރުކުރެވޭވަރުގެ ބަނދަރެއް އެބަ އޮންނަންޖެހޭ.


އެހެންވީމާ، މިކަހަލަ އަސާސީ ބޭނުންތަކަށް އެއްވެސްކަހަލަ އިޖާބައެއް ނުދެއްވާފައި، މިއަދު މިކަންކަމަށް ޙައްލު ގެންނަން ވާހަކަ ދެއްކީމާ، ނޫނީ ޙައްލު ގެނެވޭތަން ފެނުނީމާ، ދެން ދައްކަވާ ވާހަކަފުޅު ދެއްކެވީމާ މިޒަމާނުގެ ޒުވާން ކުދިން ބުނާނެ، ދެން އަހާކަށް ބޭނުމެއްނޫނޭ، ދެން ސޮރީއޭ. އެހެންވީމާ، އަޅުގަނޑުވެސް ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑާއެކީ ރައްޔިތުން އުއްމީދުތަކަކަށް ވާސިލުވާން ކުރައްވާ މަސައްކަތްޕުޅޭ ތިޔަކުރައްވަނީ. ރައްޔިތުން ދެއްވާ ތާއީދަކާއެކީ މިގެންނަ ތަރައްޤީ ގެނައުމުގެ ބާރު އަޅުގަނޑަށް މި ލިބިގެންދަނީ. އެހެންވީމާ، އާޚިރުގައި ރައްޔިތުން ބޭނުން އެއްޗެއް ރައްޔިތުންނަށް އަނބުރާ ލިބޭނެ. ވޯޓުކަރުދާސްކޮޅަކީ ފާހަގަޖަހާ ނަތީޖާއެއް. އެ ކަރުދާސްކޮޅު ގުނާ ނިމޭއިރު އޮންނަ އެއްޗެއް. މައްޗަށް އެއްލާ އެއްޗެއް ތިރިއަށް އަންނާނެ އުސޫލުން ރައްޔިތުންގެ ބޭނުންތައް ނިމިގެންދާނީ ރައްޔިތުންދޭ ވޯޓުން.


އެހެންވީމާ، މި ކުރިއެރުމާއެކީ އަޅުގަނޑުގެ ހުރިހާ އިދިކޮޅު ލީޑަރުން ފެއިލްވާ އެއްވާހަކަ ދަންނަވާލާފައި އަޅުގަނޑު ނިންމާލާނަން. އަޅުގަނޑުގެ ހުރިހާ އިދިކޮޅު ލީޑަރުން އެބަ ވިދާޅުވޭ. މިހުރިހާ ކަންތައްތަކެއް ފަސޭހަވެ، ރައްޔިތުންނަށް ބޭނުންވާ ކަންކަން މިދަނީ، ބޮޑެތި ލޯނު ނަގައިގެން ދަރާ ވިކިފައޭ މިއޮތީ. ތިމަންނަމެން ބިރުގަނެއޭ. އެ ލޯނު އަދާނުކުރެވިދާނެތީ ބިރުގަނެއޭ.


އެހެންވީމާ، އަޅުގަނޑުގެ ސުވާލަކީ، އަޅުގަނޑު ނޫން އެހެންމީހަކު، 2018 ގައިކަންނޭނގެ، ދެންތިބީ ލޯނު އަދާކުރުމަށް ހައްތަހާ ނުކުޅެދިފައި ތިބި ބިރުގަންނަމީހުން ނޫންހެއްޔޭ؟ އެވަރުގެ ބިރުގަންނަ ބަޔަކު ގޮވައިގެން ކިހިނެއްތޯ ރައްޔިތުން ކަމެއްކުރާނީ. އެހެންވީމާ، އެހެންމީހަކަށް ޙައްޤެއްނޫން ވޯޓުލުމެއް.


والسّــلام عليــكم ورحـمــة اللّـه وبـركاتـه.