بســم اللّـه الرّحمـن الرّحيــم


ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން.


އާދެ، މީގެ އެތަކެއް އަހަރު ކުރިން މިއަދަކީ އަޅުގަނޑުމެންގެ މުޅި ދިވެހިރާއްޖެ ސިއްސުވާލި ދުވަހެއް. އަޅުގަނޑުމެންގެ ނަފްސުތަކަށް އިޢާދަ ނުކުރެވޭކަހަލަ ބޮޑެތި ގެއްލުންތަކެއް ދިން ދުވަހެއް. ބިރުވެރިކަމާއި ނާމާންކަމުގެ އެތައް މަންޒަރުތަކެއް ރާއްޖޭގެ އެކި ހިސާބުން އަޅުގަނޑުމެން ދުށް ދުވަހެއް. މިއަދު 2004 ވަނަ އަހަރަކީ ދިވެހިރާއްޖެ ސިއްސުވާލި ދުވަހެއް. އަދި ކުދި ތިރި ޖަޒީރާ ޤައުމުތަކަކީ ކިހާ ނާޒުކު އަދި ކިހާ ނިކަމެތި ރައްޔިތެއްކަން ދިވެހިރާއްޖޭގައި އުޅެނީ، އަޅުގަނޑުމެންގެ ހަނދާނަށް ގެނެސްދިން ދުވަހެއް.


ސުނާމީއަކީ އެ ދުވަހުގެ ހަނދާން އަޅުގަނޑުމެންގެ ހިތްތަކުން ދުވަހަކުވެސް ނުފިލާނެ ފިލާވަޅުތަކެއް އަޅުގަނޑުމެންނަށް ނަގައިދިން ދުވަހެއް. އަދި އިންސާނުންގެ ޟަޢީފުކަން އަޅުގަނޑުމެންގެ ހިތްތަކަށް ތަކުރާރުކޮށް، އަބަދުމެ ތަކުރާރުކޮށް ގެނެސްދެމުން ގެންދިޔަ ފިލާވަޅުތަކެއް ނަގައިދިން ދުވަހެއް.


އާދެ، ތުޅާދޫ ކަހަލަ ރަށްރަށުގައި ދިވެހިރާއްޖޭގެ ޤުދުރަތީ އުފެދުމަށް ބަލާއިރު، ބިން ތިރި އަދި ބޮޑެތި ބިޔަ ރާޅު، ބަނދަރުތަކުން ވައްދަމުންދާ ރަށްރަށުގައި ގޮނޑުދޮށްތައް ގިރަމުން، ގޮނޑުދޮށްތައް ކައިރީގައި ހުންނަ ގެތައް ހަލާކުވަމުންދާއިރު، އަޅުގަނޑުމެންގެ ޚިޔާލަށް، އަޅުގަނޑުމެންގެ ހިތަށް އަބަދުވެސް މި ގެންނަންޖެހެނީ، ﷲ މިހާތަނަށް އަޅުގަނޑުމެން ސަލާމަތްކަމާއި އަމާންކަމާއެކީ ރައްކާތެރިކުރައްވާފައިވާތީ، އެކަމުގައި ﷲގެ ޙަޟްރަތަށް އަބަދުމެ ކުއްތަންވެ ޙަމްދުކުރުން.


އާދެ، ތުޅާދޫގައި ނަގަމުންދިޔައީ ބިޔަ ބޮޑެތި ރާޅުތައް. އަޅުގަނޑު ތުޅާދުއަށް އައިމަ، އަޅުގަނޑަށް ފެނިގެން މި ދިޔައީ ކީއްވެގެންކަން ތުޅާދޫގެ ރައްޔިތުން އެހާބޮޑަށް އަޅުގަނޑުމެންގެ މި ބައްދަލުވުމަށް، މި ޒިޔާރަތަށް އިންތިޒާރު ކުރައްވަމުން ގެންދެވީ. ވަރަށްގިނަ އަދަދެއްގެ ރައްޔިތުން އަޅުގަނޑުމެންގެ އިސްތިޤްބާލުގައި ޝައުޤުވެރިކަމާއެކީ ތިއްބެވި. ވަރަށް އިޚްލާޞްތެރިކަމާއެކީ ތިޔަ އެންމެހައި ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.


ތުޅާދޫގެ ޢިއްޒަތްތެރި ރައްޔިތުން އުފުއްލަމުން ގެންދެވި ބުރަ އަޅުގަނޑުމެންނަށް ދެންމެ ވީޑިއޯގައި، ޝުޢޫރުތައް ހުށަހެޅުއްވި ބޭފުޅުންގެ ފަރާތުން އަދި ކުރިން ވާހަކަފުޅު ދެއްކެވި އެންމެހައި ބޭފުޅުންގެ ފަރާތުން އަޅުގަނޑަށް ކޮންމެވެސްވަރަކަށް ވަޒަންކުރެވޭ. ތުޅާދުއަށް މިއީ އަޅުގަނޑު ކުރާ ފުރަތަމަ ޒިޔާރަތް ކަމަށްވާތީއާއެކީ، މި ހުރިހާ ކަމަކީ އަޅުގަނޑުގެ ލޮލުން ފެނިފައި، ދެކިފައި ހުރި ކަންކަމެއް ނޫން. އެހެންނަމަވެސް، އަޅުގަނޑަށް ގަބޫލުކުރެވޭ، އަޅުގަނޑުގެ ސަރުކާރުގެ އެންމެ އިސްކަމެއް ދިން ކަންތައްތަކުގެ ތެރޭގައި، ގޮނޑުދޮށާ ކައިރީގައި ހުންނަ ރަށްރަށުގައި ގިރަމުންދާ ސަރަޙައްދުތައް ހިމާޔަތް ކުރުމަކީ މުހިއްމު ކަމެއްކަން، އަދި އެތަންތަނުގައި، އެތާ ކައިރީގައި ދިރިއުޅޭ ރައްޔިތުންނަށް މި ލިބެމުންދާ ނަފްސާނީ ގެއްލުންތަކާއި، މާއްދީ ގެއްލުންތަކަށް ކޮންމެވެސްކަހަލަ ހަމަޖެހުމެއް ހޯދައިދިނުމަކީ އަބަދުވެސް އަޅުގަނޑުމެން ވިސްނަމުން ގެންދިޔަ ކަމެއް.


އޭގެކުރީގައި އެކަން އޮންނަ އުސޫލު ބަދަލުކޮށް، އެންމެ ޙާލަތު ގޯސްވާ ރަށްރަށަށް އިސްކަމެއް ދީގެން ކަންތައް ކުރެވޭނެ މިންގަނޑުތަކެއް، އަލުން އެކުލަވައިލަން އަޅުގަނޑު އެންވަޔަރަންމަންޓް މިނިސްޓްރީގައި ދެންނެވިން. އަދި އެކުލަވައިލުމަށްފަހު، ގޮނޑުދޮށްތައް ހިމާޔަތް ކުރުމުގެ މަސައްކަތްތައް ފެށިގެން ދިޔައީ.


ތުޅާދޫގެ ބަނދަރަށް ބަލާކަމަށްވަންޏާ، ދެންމެ މިނިސްޓަރ މުޢިއްޒުގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތުން، ތުޅާދޫގެ ބަނދަރު ތިލަވަމުންދިޔައީ. ބޮޑު ސަރަޙައްދެއް އެއޮތީ ފުންކުރެވިފައި. އަދި ހަމައެހެންމެ، ތުޅާދޫގެ ބަނދަރު އެވަނީ ދެ ގުނައަށް ބޮޑުކުރެވިފައި. ތުޅާދޫގެ ގިރާ ސަރަޙައްދު އެވަނީ ހިމާޔަތް ކުރެވިފައި. އެކަމުގެ އުފާވެރިކަމުގެ ޝުޢޫރުތައް އަދި ހަމަޖެހުމުގެ ޝުޢޫރުތައް، ދެންމެ ވީޑިއޯ ޕްރެޒެންޓޭޝަނުން ތުޅާދޫގެ ރައްޔިތުންގެ ފަރާތްޕުޅުން އަޅުގަނޑުމެންނަށް ފެނިގެން އެދިޔައީ، އިވިގެން އެދިޔައީ.


އަދި ހަމައެހެންމެ، ބޭރުތޮށިލައި، މި ރަށުގެ ބަނދަރަށް މި ނަގާ ބޮޑެތި ރާޅުތަކުން ކޮންމެވެސްކަހަލަ ރައްކާތެރިކަމެއް ކޮށްދިނުމުގެ މަސައްކަތް ކުރެވިފައި މިވަނީ، އަދި އެ މަޝްރޫޢު ހުޅުވުމުގެ ރަސްމިއްޔާތު އަޅުގަނޑުމެން މިއަދު އިޙްތިފާލު ކުރަމުން މިގެންދަނީ. ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ތުޅާދޫގެ ބަނދަރު ބޮޑުކުރުމާއި، އަދި ހަމައެހެންމެ، ތުޅާދޫގެ ބަނދަރަށް ރައްކާތެރިކަން ގެނައުމުގެ ގޮތުން ރިވެޓްމަންޓް، ނޫނީ ބޭރުތޮށިލުމުގެ މަސައްކަތް، އެ ދެ މަޝްރޫޢު އަޅުގަނޑުމެން އިފްތިތާޙު ކުރަމުން މިދަނީ. މި އުފާވެރި މުނާސަބަތުގައި، ތިޔަބޭފުޅުންގެ މި އުފަލުގައި އަދި ހަމަޖެހުމުގައި، ހިތްހަމަޖެހުމުގައި ބައިވެރިވުމަށް އަޅުގަނޑަށް ފުރުޞަތު ލިބުނީތީ ﷲ އަށް ޙަމްދުކުރަން. އަދި ހަމައެއާއެކީ ތުޅާދޫ ކަހަލަ އާބާދީ ބޮޑުވަމުން އަންނަ ރަށެއްގައި ބޭނުންވާނެ އެހެން އިންފްރާސްޓްރަކްޗަރގެ މަސައްކަތްތައް ކުރެވެމުންދާކަން އަޅުގަނޑުމެންނަށް އެބަ އެނގޭ. އަދި ހަމައެހެންމެ، އެ މަޝްރޫޢުތަކުގެ ފައިދާ، މަންފާ ހުރިހާ ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ އެޕްރީލް މަސް ނިމެންވާއިރަށް ލިބޭނެކަމަށް އަޅުގަނޑުމެންނަށް ޚަބަރު ލިބެމުން އެދަނީ. އާދެ، ފެނާއި ނަރުދަމާގެ މަޝްރޫޢު މިރަށުގައި ހިނގަމުން ދަނީ ބާރުމިނުގައި.


ދިވެހިރާއްޖޭގެ ނާޒުކުކަން އަޅުގަނޑުމެންގެ ޚިޔާލަށް ގެންނައިރު، އަޅުގަނޑުމެން ޚިޔާލަށް ގެންނަންޖެހޭ ބައެއް ހިސާބުތައްވެސް އެބަހުރޭ. އަޅުގަނޑަށް ދެންމެ މިނިސްޓަރ ޠާރިޤުގެ ފަރާތްޕުޅުން މަޢުލޫމާތު ލިބިގެންދިޔައީ، އެއްގަމު ތޮށި ހިމާޔަތް ކުރުން، ނޫނީ ގޮނޑުދޮށުގައި ގިރާ ސަރަޙައްދުތައް ހިމާޔަތް ކުރުމުގެ މަސައްކަތަށް ބަލާކަމަށްވަންޏާ، މި ސަރުކާރުގައި 30 ކިލޯ މީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކުރެވިފައި އެބައޮތް. 30 ކިލޯ މީޓަރަކީ ވަރަށްބޮޑު އަދަދެއް. ވަރަށް ދިގު ރާސްތާއެއް. 30 ކިލޯ މީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މިއޮތީ ކުރެވިފައި. އަޅުގަނޑުމެން ކުރީގެ ސަރުކާރުތަކަށް ބަލާކަމަށްވަންޏާ، އެމް.ޑީ.ޕީ.ގެ ސަރުކާރުގައި 3 އަހަރުގެ ތެރޭގައި ގޮނޑުދޮށް ހިމާޔަތް ކުރެވިފައި އޮތީ މީގެ ހަތަރުބައިކުޅަ އެއްބައި އަދަދެއް. 7 ކިލޯ މީޓަރު އެކަނި. އެހެންވީމާ، ގޮނޑުދޮށް ހިމާޔަތް ކުރުމަކީ ރާއްޖޭގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުންނަށް، މި ދެންނެވި ބިރުވެރިކަމާއި ނާމާންކަމުން ކޮންމެވެސްކަހަލަ ތަސައްލީއެއް ގެނެސްދޭ ކަމެއް.


ދެން އޮތީ ބޭރުތޮށި. ގޮނޑުދޮށް ހިމާޔަތްކުރިނަމަވެސް، ބަނދަރުތަކަށް މި ނަގާ، ބިންދާ ބޮޑެތި ރާޅުތަކުގެ ނުރައްކާތެރިކަމާއި ބިރުވެރިކަމެއް މި ލިބެން އަންނަނީ ބޭރުތޮށިވެސް ހިމާޔަތް ކުރެވިގެން. އަދި ދާއިމީ ޙައްލެއް މި އަންނަނީވެސް، އޮޑިދޯނިފަހަރާއި މުދަލުގެ ރައްކާތެރިކަމަށް އަދި މީހުން އުފުލުމާއި، މީހުންގެ ދަތުރުފަތުރުގެ ނިޔާމަކަމަށް އަންނަ ދާއިމީ ޙައްލެއް މި އަންނަނީ ބޭރުތޮށި ލެވިގެން. އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި މި ސަރުކާރުން މިހާތަނަށް ހިނގައިދިޔަ މަޝްރޫޢުތަކަށް ބަލާކަމަށްވަންޏާ، ދުނިޔޭގެ ނިސްބަތުންވެސް މިއީ ބޮޑު އަދަދެއް. ބޭރުތޮށި އެކަނި، އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ އިއްޔެވެސް ޠާރިޤު އިބްރާހީމްގެ ވާހަކަފުޅުގައި އިޝާރާތް ކުރެއްވި، ނޫނީ އަޅުގަނޑު އެމަނިކުފާނު އަރިހުން އަހާލީމަ ވިދާޅުވި، 26 ކިލޯ މީޓަރުގެ ބޭރުތޮށި ލެވިއްޖެއޭ. މިއީ، ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުގައި ކުރަންޖެހޭ ކަންކަމެއް ނޫން. ދުނިޔޭގައި އެ ހުންނަނީ ބޮޑެތި ފަރުބަދަތަކާއެކީ އުސްކޮށް އުފެދިފައި ހުންނަ ބޮޑެތި މާސިންގާ ބިޔަ ބައްރުތައް. އެހެންވީމާ، އެމީހުންނަށް ގެދޮރު ބިނާކުރުމަށާއި، ބޭނުންވާ ސާމާނު އެހެރީ ޤުދުރަތީ ގޮތުން އުފެދުމުގައި އެތަންތަނަށް ލިބިފައި. އަދި މީގެތެރޭގައި މަޢުދަންތަކާއި، ޖަވާހިރާއި، އަގުބޮޑު އެހެން ސާމާނުތައް، ތިޔަބޭފުޅުންގެ ހިތްޕުޅަށް ގެންނަވާ. މިއީ އެ ޤައުމުތަކަށް ހުރި ﷲގެ ނިޢުމަތް.


އަޅުގަނޑު ހަމަ މި ވާހަކަ ދަންނަވާލުމުގެ ބޭނުމަކީ، މިއަދު މިއީ އެތަކެއް އަހަރު ކުރީގެ ޒިކުރާތަކެއް، ހަނދާންތަކެއް އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަ ދުވަހަށްވާއިރު، އަޅުގަނޑުމެން އެތަކެއް ސަތޭކަ އަހަރު ވަންދެން މި އޮއް ބިޔަ ބޮޑެތި ރާޅުނަގާ ކަނޑުގައި އަޅުގަނޑުމެން ލެހެއްޓެވީތީ، ކޮންމެވެސްކަހަލަ ކޮންމެވެސްކަހަލަ ޙިކުމަތެއް މީގައި ވާންޖެހޭނެކަން، އަޅުގަނޑުމެންގެ ފިކުރު އެންމެ ތަފާތު މީހުންގެވެސް ޚިޔާލަށް އަންނަންވާނެ. ހަމަގައިމުވެސް ހަމަގައިމުވެސް އަޅުގަނޑު ކަށަވަރުކުރާ ކަމަކީ، އަޅުގަނޑުމެންގެ އެންމެ ބޮޑު ނަޞީބަކީ މާތްވެގެންވާ އިސްލާމްދީން ދިވެހިރާއްޖޭގައި ތާއަބަދަށްމެ އޮންނަ އޮތުން. އަދި މި ދީން ހިމާޔަތް ކުރުމަކީ، އަޅުގަނޑުމެންނަށް ޖުމްލަކޮށް ފަރުދީގޮތުން ކޮންމެ މީހަކު ކުރަންޖެހޭ ކަމެއް.


އެހެންވީމާ، އަޅުގަނޑުމެންނަކަށް ގަބޫލެއްނުކުރެވޭ. ގަބޫލުނުކުރެވޭ ކަންކަން ހުންނާނެ. ރާއްޖޭގެ ޒަޢާމަތާ ހަވާލުވާ ފަރާތްތަކުން، ރާއްޖެއަށް މިޞްރާބު ދައްކަން ކަނޑައަޅާ ލީޑަރުން، ރައްޔިތުން ގޮވައިގެން ރައްޔިތުންނަށް މަގު ދައްކަން ތިބި މީހުންގެ ތެރޭގައި، މިކަންކަމާ ބެހޭގޮތުން ތަފާތު ޚިޔާލާއި ވިސްނުމާއި ފިކުރު ރައްޔިތުންގެ ތެރޭގައި ގެންނަން މަސައްކަތްކުރާ ކަމަށްވަންޏާ، މީގައި ގޯސްތަކެއް އެބަހުރި. އަޅުގަނޑުމެން މިކަހަލަ ދުވަސްދުވަހުގައި، މިކަހަލަ ހިތްދަތިކަން އަންނަ ދުވަސްދުވަހުގައި އަޅުގަނޑުމެންގެ ޚިޔާލަށް މި އަންނަނީ ﷲގެ ނިޢުމަތްތަކުގެ މަތިން. އެކަމަކު އެހެނެއް ނޫން ދޮގެއްތޯ އެކަން އޮންނަނީކީ. ހެޔޮޙާލުގައި ގަދަވެ ސަލާމަތުން ހުންނައިރު ކުރާ އަޅުކަމަށް އެންމެބޮޑު ޘަވާބުވެސް މި ލިބެނީ. އެހެންވީމާ، ޒިކުރު ކުރުމާއި، ނިޢުމަތަށް ޝުކުރުކުރުމާ، މިކަންކަމަކީ އެންމެ ވަރުގަދަކޮށް، އެމީހަކީ އެންމެ ފުރިހަމަ ޞިއްޙަތުގައި ހުންނައިރު، އެކަންކަން ޚިޔާލަށް އަންނަންވީ. މަރުބަލީގައި، ކެންސަރު ބަލީގައި، އެނދުމަތީގައި، ފަރުވާގައި އޮންނައިރަކު ނޫން މިކަންކަން އަޅުގަނޑުމެންގެ ޚިޔާލަށް އަންނަންވާނީކީ. އެހެންވީމާ، މިއަދު އަޅުގަނޑުމެން މިތިބީ އެ ނިޢުމަތް މަތީގައި. އެ ނިޢުމަތް ދަމަހައްޓަން. އަބަދުމެއަބަދު ﷲ އަށް މި ނިޢުމަތަށް ޝުކުރުކޮށް ޙަމްދުކުރުމުގެ މަތީގައި. އެހެން އޮންނައިރު، އަޅުގަނޑުމެންގެ އަމާނާތާކަށް، އަޅުގަނޑުމެންގެ ވާޖިބަކަށް ހަވާލުވެފައި މިއޮތީ ﷲގެ ދީން. އަޅުގަނޑުމެންގެ ދީން ހިމާޔަތް ކުރުން. އެހެންވީމާ، ތުޅާދޫގެ ރައްޔިތުން، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން ވިސްނާވަޑައިގަންނަވާ!


އަޅުގަނޑުމެން ކަންކަމާ ކުރިމަތިލާއިރު، އަޅުގަނޑުމެންނަށް އެނގޭ، ދުނިޔޭގެ ހަމަތަކަށް ބަލާއިރު، ވިސްނުންތަކާއި ފިކުރުތަކާއި، ސަރުކާރެއް، ނޫނީ ދައުލަތެއް ހިންގުމުގެ ނިޒާމުތަކަށް ބަދަލުތަކެއް އެބައާދޭ. ޚަލީފާއިންގެ ޒަމާނާއި، ރަސްރަސްކަލުންގެ ޒަމާން މާޒީވެ ވޭތުވެ ހިނގައްޖެ. މިހާރު ޖާގަދެނީ ވިސްނުންތަކާއި، ފިކުރާއި، ފަލްސަފާއާއި، އައިޑިއޮލޮޖީއަށް. އެއީ ގަބޫލުކުރާ ވިސްނުންތަކަކާއި ފިކުރުތަކަކަށް. އެކަމަކު ގަބޫލުކުރާ ވިސްނުންތަކާއި ފިކުރުތަކާ، އެކަންކަމަކީ އޭގެ ޒާތުގައި އޭގެ އަސާސަށް ބަދަލުއައިސްގެންވާނެ ކަންކަމެއް ނޫން. ދުނިޔޭގައި ޑިމޮކްރަސީ ޕްރެކްޓިސް ކުރާ ޤައުމުތަކުގައި، ޑިމޮކްރަސީގެ ނަން ފާހަގަކުރެވޭ ޤައުމުތަކުގައި، އެތަންތަނުގެ ޕާޓީގެ މެނިފެސްޓޯގައި، ނޫނީ ޕާޓީގެ އަސާސްގައި، ޤާނޫނުއަސާސީގައި ދުރަށް ނުދެވޭނެ ވެލިއުތަކެއް، ނޯމްތަކެއް، އެއްބަސްވުންތަކެއް، އުސޫލުތަކެއް އެބަހުރޭ އެކަށައަޅާފައި. އެ އުސޫލުތަކާއި، އެ ނޯމްތަކާ ގަބޫލުކުރާ ވެލިއުތަކުގައި، މިންގަނޑުތަކުގައި ހިފަހައްޓާ ކަމަށްވަންޏާ، އެއީ ގަބޫލުކުރެވޭ ކަމެއް، އެ ޕާޓީއެއްގައި މީހަކު ހުންނަނީ ކީއްވެގެންތޯ ތާއަބަދަށް.


ދިވެހިރާއްޖޭގައި މި ދެންނެވި ކަހަލަ ނޯމްތަކާއި، އުސޫލުތަކާއި، ގަބޫލުކުރާ ވެލިއުތައް، ހަމަތައް، ނޫނީވިއްޔާ މެދުމިނުގެ އިސްލާމީ ދައުލަތެއްގައި ގަބޫލުކުރާ ފިކުރުތަކާއި މިންގަނޑުތައް ހިފެހެއްޓުމަކީ ހުރިހާ ޕާޓީއެއްގެ މައްޗަށް ލާޒިމު ކަމެއް. ހުރިހާ ޕާޓީއެއްގެ މައްޗަށް ލާޒިމު ކަމެއް. އަޅުގަނޑުމެންގެ ތެރޭގައި ސިޔާސީ ފިކުރު ތަފާތުވެ ހިނގައިދާނެ. އަޅުގަނޑުމެންގެ ތެރޭގައި ތަރައްޤީ ގެންނާނެ ސްޓްރެޓީޖީތައް، ވިސްނުން ބަދަލުވެގެން ހިނގައިދާނެ. އެކަމަކު މި ދެންނެވި އައިޑިއޮލޮޖީ ބައިއަޅަމުންދާއިރުވެސް، އަޅުގަނޑުމެންގެ އެއްވެސް ޕާޓީއަކަށް ޙައްޤެއް ނެތް ކަންތައްތައް ހުންނާނެ. އަޅުގަނޑުމެންނަށް އަބަދު މި އިވެނީ ފަރުދުންގެ ޙައްޤުތައް ހިމާޔަތް ކުރުމުގެ ވާހަކަ. ނޫނީ ހިމާޔަތް ނުވާތީ، ނޫނީ ޙައްޤުތަކަށް އަރައިގަންނަ ކަމަށް ސިފަކުރެވޭގޮތަށް ބަޔަކު ވާހަކަ ދައްކާފައި، އެ ޙައްޤުތައް ހޯދަން ޤާނޫނުން ބޭރުން މަސައްކަތްތަކެއް ކުރާތަން. މިއީ ވަކިވަކި ފަރުދުންގެ ޙައްޤު ހޯދަން ކުރާ މަސައްކަތް ކަމަށްވަންޏާ، އަދި އެ މަސައްކަތަކީ އެ ޙައްޤު ހޯދަން ޤާނޫނުން ބޭރުން ކުރާ މަސައްކަތަކީވެސް އެ ފިކުރަށް ތަބާވެގެން ތިބޭ ބަޔަކަށް ގަބޫލުކުރެވޭނެ، އެއީ ކުރަންޖެހޭ ކަމެއް ކަމަށްވަންޏާ، އަޅުގަނޑުގެ ސުވާލަކީ، ފަރުދެއްގެ ޙައްޤުތޯއޭ މުހިންމީ، މުޅި މުޖުތަމަޢާއި، މުޅި ދައުލަތާއި، މުޅި ޤައުމުގެ ޙައްޤުތޯއޭ މުހިންމީ؟


އަޅުގަނޑުގެ ސުވާލަކީ ފަރުދެއްގެ އަމިއްލަ ފިކުރަށް، އޭނަ އުޅެންވާ ދީން ކަނޑައެޅުމުގެ ޙައްޤުތޯއޭ ހިމާޔަތް ކުރަންޖެހެނީ؟ ނޫނީވިއްޔާ މުޅި ދައުލަތުގެ ދީނަކީ އިސްލާމްދީންކަން ކަނޑައަޅައި ދަމަހައްޓަން ކުރަން އޮންނަ މަސައްކަތުގެ ޙައްޤުތޯއޭ ބޮޑީ؟ މިއީ އަޅުގަނޑުމެން އެންމެންގެ ޤައުމު. މި ޤައުމުގައި ހިމެނެނީ އެންމެ މީހެއް ނޫން. މި ޤައުމުގައި ހިމެނެނީ އެންމެ ޕާޓީއެއް ނޫން. އެހެންވީމާ، ޤައުމުގައި ހުންނަ ޙައްޤުތަކެއް، ޤައުމުގައި ހުންނަ ޙައްޤުތަކަކީ، މި ދެންނެވި ފަރުދީ ޙައްޤުތަކަށްވުރެ މާ މަތީގައި، އެއަށްވުރެ މާ ޝަރަފުވެރިކަމާއި، މާ ޢިއްޒަތުގައި، މާ ޤަދަރުވެރިކަމާއެކީ އަޅުގަނޑުމެން ދަމަހައްޓަންޖެހޭ ޙައްޤުތަކެއް.


އެހެންވީމާ، ފަރުދުންގެ ޙައްޤު ޖާގަދޭންޖެހެނީ މުޅި ޤައުމުގެ މަޞްލަޙަތާއި، ޤައުމުގެ ތެރޭގައި މި ހުންނަ ބޮޑެތި ޙައްޤުތަކަށް. އެ ޙައްޤުތަކަށް ބަލާކަމަށްވަންޏާ، މި ދެންނެވި ގޮތަށް އެކި ޕާޓީތައް އުފެދިފައި ހުންނަ އައިޑިއޮލޮޖީތަކުގެ ތެރޭގައިވެސް އެ ހުރިހާ އައިޑިއޮލޮޖީއާއި، ވިސްނުންތަކުގެ މައްޗަށް، ހުރިހާ ވިސްނުންތަކުގެ މައްޗަށް ރެނދަލިކުރާނެ، ބާރު ފޯރުވާނެ ޙައްޤުތަކެއް ހުންނާނެ. އެއީ ދައުލަތުގެ ބޮޑެތި އަސާސްތައް. އޭގެތެރޭގައި، ދިވެހި އިސްލާމީ ދައުލަތަށް ބަލާކަމަށްވަންޏާ، އެންމެ މަތިވެރި ޙައްޤަކީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށްވުން. އެހެން ދީނަކަށް ޖާގަ ނުލިބުން. އެހެންވީމާ، މިއަކަށް ޖަދަލެއް ނުކުރެވޭނެ. މިއަށް ޖަދަލުކުރާ މި ފިކުރާ ދޭތެރޭގައި އެއްގޮތަކަށްވެސް ތަފާތު ފިކުރަކަށް ވިސްނުމަށް ޖާގަދޭކަމަށް އިޝާރާތްކުރާ ބަޔަކު ތިބި ޕާޓީއަކަށް ދިވެހި އިސްލާމީ ދައުލަތުން ޖާގަ ލިބިގެންވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއްނުކުރަން. އެއީ މި ދެންނެވި ޕާޓީގެ ފިކުރާއި، ސިޔާސީ ފިކުރާއި، ދައުލަތް ހިންގުމުގެ ފިކުރުގެ މައްޗަށް ހުންނަ ޙައްޤުތަކެއްގެ ވާހަކަ މި ދަންނަވަނީ. ހަމަ އެ ބީދައިން ދައުލަތެއްގައި ހުންނަ ބޮޑެތި ޙައްޤުތަކަކީ، ފަރުދީ ޙައްޤުތަކަށްވުރެ މާމަތީގައި ހުރި ޙައްޤުތަކެއް. އަދި ވަކިވަކި ޕާޓީގެ ޙައްޤުތަކަށްވުރެން މާމަތީގައި ހުރި ޙައްޤުތަކެއް.


އެހެންވީމާ، އިންސާނާއަށް އިންސާނާގެ ޖިސްމަށް އަމިއްލައަށް އަނިޔާކުރުމަކީ އަޅުގަނޑުމެންގެ ދީނުގައި މަނާކުރައްވާފައި އޮތް ކަމެއް. އެއީ ޝައްކެއްވެސްއޮތްކަމެއް ނޫން. އެހެންވީމާ، އަޅުގަނޑުމެންގެ ޤައުމަށް، އަޅުގަނޑުމެންގެ ރައްޔިތުން، ޤައުމަށް، ޖިސްމާނީ، ނަފްސާނީގޮތުން ގެއްލުން ދިނުމަކީ، މި ދެންނެވި ކަހަލަ ޤައުމުގެ މަތިވެރި ޙައްޤެއް. އެއީކީ އެއްވެސް އިންސާނަކަށް ލިބިގެންވާ ޙައްޤެއް ނޫން. އެހެންވީމާ، ދިވެހި ދައުލަތާ ދޭތެރޭގައި ވާހަކަ ދައްކަމުން، ބޭރުގެ އެކި ފަރާތްތަކަށް ނުބައި މަޢުލޫމާތު ދެމުން، ދިވެހިރާއްޖޭގައި އިސްލާމްދީން ހައްދުފަހަނަޅައިގެންދާ ކަމާއި، އިސްލާމްދީނުގެ މުޤައްރަރު ނޫން އެހެން މުޤައްރަރުތަކެއް އަޅުގަނޑުމެން ސްކޫލްތަކުގައި ކިޔަވައިދީގެން ނޫނީ މިކަންކަން ޙައްލުނުވާނެކަމާއި، އިސްލާމްދީން ނޫން އެހެން ވިސްނުމެއް މިތާ އޮންނަންޖެހޭކަމާއި، އަދި މިކަހަލަ ފިކުރުތަކަށް ވާހަކަދެއްކޭ ކަމަށްވަންޏާ، މި ދެންނެވި ޙައްޤަށް އެ އަރައިގަނެވެނީ. އެކަމަކު ފަރުދެއްގެ ޙައްޤަށް އަރައިގަނެގެން ޤާނޫނާޚިލާފަށް އެ ޙައްޤު ހޯދަން މަސައްކަތްކުރާ މަސައްކަތް ކުރުމަކީ، އެ ފިކުރެއްގައި ތިބި ބަޔަކަށް ތަބާވާ ބަޔަކަށް، އެއީ އެންމެ ރަނގަޅު ކަމެއް ކަމަށް ދެކޭކަމަށްވަންޏާ، ހަމަ އެބޭފުޅުން އެކުރައްވާ މަސައްކަތް ދެގުނަ، ތިންގުނަ ކުރައްވާފައި، ކުރައްވަން މިޖެހެނީ މި ދެންނެވި ކަހަލަ ޤައުމީ ޙައްޤުތަކަށް އަރައިގަންނައިރު، އެ ޙައްޤުތައް ދިފާޢުކުރަން.


އެހެންވީމާ، ޤައުމަށް ލިބޭ ގެއްލުންތައް، ޤައުމުގެ ނަޚްޞަށް، ޤައުމުގެ ސައިކީއަށްދޭ ގެއްލުންތަކަކީ، އެއްވެސް މީހަކަށް އެ ގެއްލުން ދިނުމުގެ ޙައްޤު އޮތް ކަމެއް ނޫން އެއީކީ. އެހެންވީމާ، ދިވެހި ދައުލަތަކީ މިވެނިކަހަލަ ދައުލަތެކޭ، ދިވެހި ދައުލަތަކީ ދިވެހިރާއްޖެއަށް މި ކުރެވޭ ކަންތައްތަކަށް ބަލާއިރު، ދިވެހި ދައުލަތަށް ދަތިކުރުމަށްޓަކައި، ދިވެހި ރައްޔިތުންނަށް ދަތިކުރުމަށްޓަކައި މި ޙައްޤުތައް އަނބުރާ ހޯދުމަށްޓަކައި ދިވެހިރާއްޖެއަށް ޓޫރިސްޓުން ނުފޮނުވުމަށް ގޮވާލާ ގޮވާލުމަކީ، މި ދެންނެވި ކަހަލަ ދިވެހިރާއްޖެއަށް ގެއްލުން ލިބޭ ކަހަލަ ކަންތައްތައް. އެހެންވީމާ، މިއީކީ އެއްވެސް މީހަކަށް، އެއްވެސް ޕާޓީއަކަށް އަދި ކިތަންމެ މަތިވެރި ދިވެހި އިންސާނަކަށްވިޔަސް، އޭނައަކަށް ޙައްޤު ލިބިގެންވާ ކަމެއްނޫން. ދިވެހިރާއްޖޭގައި ރައީސްކަން ކޮށްފައި ތިބި މީހުންނަކަށްވެސް މި ޙައްޤެއް ނުލިބޭ. އެއީ އެމީހުންގެ ޙައްޤެއްނޫން. އެއީ މުޅި މުޖުތަމަޢުގެ، މުޅި ދައުލަތުގެ ޙައްޤެއް. އެހެންވީމާ، މި ހުންނަނީ ޕާޓީތަކަށްވުރެ މަތީގައި ރެނދަލި ކުރެވެމުންދާ ޙައްޤުތައް. އެހެންވީމާ، މި ޙައްޤުތަކަކާ ނުކުޅެވޭނެ.


ހަމައެގޮތަށް، ދިވެހިރާއްޖޭގެ ދާޚިލީ މަޞްލަޙަތުގެ ތެރެއަށް ބޭރުގެ ފަރާތްތައް ގެންނަން ވަކާލާތުކޮށް، އަޑުގަދަކޮށް، ވަކާލާތުކުރާ މީހުން، އެ ހަދަނީ ގޯހެއް. އެކަމެއް ނުކުރެވޭނެ. އަޅުގަނޑުމެން ދުށިން ދޮގެއްތޯ، އެމް.ޑީ.ޕީ. ސަރުކާރުގައި ޚާރިޖީ ވަޒީރުކަން ކުރެއްވި ޑޮކްޓަރ ޝަހީދުވެސް، ދިވެހިރާއްޖޭގެ ޙާލަތު އޭރު ގޮސްފައި އޮތް ހިސާބުން އަޅުގަނޑުމެންގެ ގާތް ޤައުމެއްގެ ސްޕެޝަލް ފޯސަސް ދިވެހިރާއްޖެއަށް މިހާރު އައިސް، ދިވެހިރާއްޖެ ހިފަން ވެއްޖެކަމަށް އޭނަ ޓްވީޓް ކުރެއްވިތަން. މި ހަނދާންތައް އަޅުގަނޑުމެން ގެންނަންވީ ނޫންތޯ. ކީއްވެގެންތޯ މި ހަނދާންތައް ނުގެންނަންވީ؟


އަދި ހަމައެހެންމެ، މިހާރުވެސް މި ހިނގާ ބައެއް ކަންތައްތަކުގެ ތެރޭގައި، އަޅުގަނޑުމެންގެ ރާއްޖޭގައި ފުންނާބު އުސް ބޭބޭފުޅުން، ބޭރުގެ ދައުލަތްތަކަށް ދަޢުވަތު ދެއްވުމާއި، ބޭރުގެ ސަފީރުންނަށް ދަޢުވަތު ދެއްވުމާއި، ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމަށް އެމީހުންގެ ނުފޫޒު ފޯރުވަން ދެއްވާ ދަޢުވަތަކީ، މި ދެންނެވި ގޮތަށް ދިވެހި ދައުލަތުގެ ޙައްޤެއް. އެ ޙައްޤަކީ އެއްވެސް ޕާޓީއަކަށް، އެއްވެސް ފަރުދަކަށް، އެއްވެސް ޖަމާޢަތަކަށް ލިބިގެންވާ ޙައްޤެއް ނޫން. އެއީ ދައުލަތުގެ ޙައްޤުތައް. ދައުލަތުގެ ޙައްޤުތަކަކީ، އެ ވަށައިގެން ލެވިފައި ހުރި އިންފާރު ހުރަސްކޮށް އެއްވެސް މީހަކަށް އެތެރެއަށް ވަދެވޭނެ ޙައްޤުތަކެއް ނޫން. އެ ހުންނަނީ މުޤައްދަސް ޙައްޤުތައް. އެއީ ހުރިހާ ޕާޓީތަކުގެ މައްޗަށް، ޕާޓީތަކުން ހިންގާ އަމުރުތަކުގެ މައްޗަށް ހުންނަ ޙައްޤުތައް.


އެހެންވީމާ، އެކަންކަން ކަށަވަރުކޮށްނުދޭ ޕާޓީތަކެއްގައި، އެކަންކަން ކަށަވަރުކޮށްނުދޭކަން، އެ ޕާޓީތަކުގެ އައިޑިއޮލޮޖީއަށް ބިނާކޮށް ލިޔެފައި ހުންނަ ދުސްތޫރުތަކުގައި، ޕާޓީތަކުގެ ދުސްތޫރުތަކުގައި ހުންނަ ކަމަށްވަންޏާ، އެ ޕާޓީތަކުގައި އެއްވެސް ރައްޔިތަކު ދާއިމަށް ހުރުމަކަށް ޖާގައެއް ނުލިބޭ. ޕާޓީ ބަދަލުކުރުމަކީ އަޅުގަނޑުމެން ދިވެހިންނަށް މާފަސޭހަކަމަކަށް ނުވެހިނގައިދާނެ. އަނެއްކާ މަޢުޞޫމް ރައްޔިތުންނަށް މާފަސޭހަ ކަމަކަށް ނުވެހިނގައިދާނެ.


އެހެންވީމާ، ތުޅާދޫގައި އަޅުގަނޑުމެން މި ވާހަކަ މި ދަންނަވާ ސަބަބަކީ، ޕާޓީ ބަދަލުކުރަންޖެހޭ ސަބަބެއް މެދުވެރިވެއްޖެނަމަ، ޕާޓީ ބަދަލުކުރުމަކީ ގޯހެއްނޫނޭ. އެއީ، ޝަހާދާ ޤާއިމުނުކުރާ މީހަކު، އިސްލާމްދީނަށް ވަނުންކަހަލަ ކަމެއް. އަލުން ޝަހާދަތް ކިޔުންކަހަލަ ކަމެއް އެއީ. އެހެންވީމާ، މި ދެންނެވި ކަހަލަ މުޤައްދަސް، ޤައުމީ، ޤައުމިއްޔަތުގެ ޙައްޤުތައް، އޭގެ އިންފާރު ފޫއަޅުވާލާގޮތަށް ޖާގަދޭ ފިކުރުތަކާ މުޢާމަލާތުކުރާ މީހުން، އިސްމީހުން ތިބޭ ޕާޓީތަކުގައި ބަޔަކަށް ތިބެވޭ ކަމަށްވަންޏާ، އެ ޕާޓީ ދޫކޮށްލުމަކީ ދިވެހިރާއްޖޭގެ ދައުލަތާއި، ދިވެހިރާއްޖޭގެ މުޤައްދަސްކަން ދެމެހެއްޓުމަށްޓަކައި އޭނަގެ މައްޗަށް ކުރުން ލާޒިމު ކަމެއް. އަޅުގަނޑުމެންނަކަށް ފަސޭހައެއްނުވާނެ، ދިވެހިރާއްޖޭގެ ހުރިހާ ކަންކަން ނިންމަން ބޭރުމީހުން އައިސް މިތާ އަތްފުނާ އަޅައިގެން އުޅެންފެށީމަ. އަޅުގަނޑުމެން މިކަން ދުށީމު ދޮގެއްތޯ. ރައީސް ނަޝީދުގެ ވެރިކަން ނިމި، ރައީސް ވަޙީދު ވެރިކަމާ ހަވާލުވެވަޑައިގަތީމަ، ދެން އަޅުގަނޑުމެން ހޭދަކުރަން ޖެހުނު ދޮޅު އަހަރެއްހާ ދުވަހުގެ ވޭނާއި، ހިތްދަތިކަމާއި، ނާމާންކަމާއި، އަދި އަޅުގަނޑުމެން އެންމެންގެ، ރައްޔިތުންގެ ހިތުގެ އެތެރޭގެ ނުރުހުން، އަޅުގަނޑުމެން އެކަމުގައި އިޙްސާސްކުރިން ދޮގެއްތޯ. ކީއްކުރަންތޯ އަޅުގަނޑުމެންގެ ރާއްޖޭގައި ހިނގާ ކަންކަން ހިނގަނީ ރަނގަޅަށްތޯ، ގޯސްކޮށްތޯ، ބޭރުން ބަލަންޖެހެނީ؟ ދިވެހިރާއްޖޭގައި ޝަރީޢަތް ކުރުން ނެތީތޯ؟ އަވަށްޓެރިންގެ ދެ ގޯތި ދޭތެރޭގެ އިންފާރު ރޭނިފައި ހުރި ހިސާބު ރަނގަޅުނުވަންޏާ، އަޅުގަނޑުމެން ދަނީ ބޭރަށްތޯ އެކަން ޙައްލުކުރަން. އަވަށްޓެރިންނަށް ދިމާވާ މައްސަލަތައް މި ޙައްލުކުރަނީ އަޅުގަނޑުމެންގެ ރާއްޖޭގައި. ވަރި، ކައިވެނި ޙައްލު މިކުރަނީ އަޅުގަނޑުމެންގެ ރާއްޖޭގައި. މީހުންގެ މުދަލަށް ލިބޭ ގެއްލުންތައް، ބަދަލު ނަގައިދިނުމާއި، ޢުޤޫބާތް ދިނުމާ، މިކަހަލަ ހުރިހާ ކަމެއް މި ޙައްލުކުރަނީ އަޅުގަނޑުމެންގެ ޝަރުޢީ ނިޒާމުގެ ތެރެއިން. އަޅުގަނޑުމެންގެ ނިޒާމުތަކުގެ ތެރެއިން. މިކަންކަން ކުރަން އަޅުގަނޑުމެންގެ މައްޗަށް އެބަ ލާޒިމުކުރޭ. އަދި އެކަން ހިނގަމުންދަނީވެސް އެގޮތަށް. އެކަމަކު މި ދެންނެވި ކަހަލަ އެއަށްވުރެ މާ މަތިވެރި ކަމެއް ނިމިގެންދާއިރު، އެކަންކަން ކުރަން ބޭރު މީހުން އުނދުޅި ބާނަން ޖާގަދޭންޖެހޭ ސަބަބެއް އަޅުގަނޑަކަށް ނުފެނޭ. އެއީ ކުރެވޭނެ ކަމެއްނޫން.

އެހެންވީމާ، އެއްވެސް ދައުލަތަކުން ބޭރުގެ އެހެން ދައުލަތަކަށް ޖާގައެއް ނުދޭނެ، އެ ދައުލަތެއްގެ ދާޚިލީ ކަންކަމަކާ ބެހޭކަށް. އެކަމަކު ހަނގުރާމަ އިޢުލާނު ކުރުމާއި، ހަނގުރާމަ ކުރުމަކީ މުޅިން ތަފާތު ކަމެއް. އެއީ ޤާނޫނާ ޚިލާފަށް ކުރެވޭ ކަންކަން. އެހެންވީމާ، އެކަން ކުރެވިދާނެ. ގަދަބާރު ހުންނަ ފަރާތްތަކަށް، ނޫނީ ބާރުގަދަ ފަރާތްތަކަށް ޤާނޫނުތައް އެއްކިބާކޮށްފައި ކުރެވިދާނެ. އަޅުގަނޑުމެންގެ ޚިޔާލަށް އަބަދުވެސް ގެންނަވާ ހިންގަވާ، މިއަދު ފަލަސްޠީނު ރައްޔިތުން އުޅޭ ހިތްދަތިކަން. އެއީ ބާރުގަދަ ފަރާތްތަކުން ދުނިޔޭގެ ޤާނޫނަށް ތަބާނުވެ ކުރާ ކަންކަން. އިހަށްދުވަހު ނެގި ވޯޓް، އަޅުގަނޑުމެންނަށް ފެނިގެންދިޔަ. ލަދުވެތިކަން އަޅުގަނޑުމެން އިޙްސާސް ކުރަންޖެހޭ. މުޅި ދުނިޔޭގެ ހިންގުމުގެ ނިޒާމުގެ ހުރިހާ ޤައުމުތައް އެއޮތީ އެއްކޮޅެއްގައި. ފަލަސްޠީނުގެ ޙައްޤުތަކެއް ވާކަމަށް އެ ބުނަނީ. އަދި ފަލަސްޠީނު، މި އިޒްރާއީލުގެ ދައުލަތުގެ ވެރިކަން ކުރާ ރަށަކަށް، ޖެރޫސެލަމް ނުހެދޭނެ ކަމަށް އެއޮތީ ވޯޓްދީފައި. އެކަމަކު ބާރުގަދަ މީހުން އެކަން ގަބޫލުނުކުރާކަމަށްވަންޏާ، އެކަން ގަބޫލުނުވެ ހިނގައިދާނެ. އެކަމަކު އެއީ، ދުނިޔެ ގަބޫލުކުރާ ހަމައެއް ނޫން. އަޅުގަނޑުމެން ގަބޫލުކުރާ ހަމަޔަކީ ހުރިހާ އެންމެންގެ މައްޗަށް ހިނގާނެ އުސޫލުތަކެއް، ލިޔެފައި ހުންނަ ޤާނޫނުތަކެއް ހުންނަންވާނެ ކަމަށް. އަދި މިކަން ބައިނަލްއަޤްވާމީ މުޖުތަމަޢުން ނިންމާ ނިންމުން ގަބޫލުނުކުރާ ޤައުމުތަކުގައިވެސް، އެ ޤައުމުތަކުގެ އެތެރޭގެ ހަމަޖެހުންތައް ހަމަޖެއްސުމަށްޓަކައި، ދޭދޭ މީހުންގެ ޙައްޤުތައް ހިމާޔަތް ކުރުމަށްޓަކައި، އެމީހުންގެ މަޖިލިސްތަކުން ފާސްކޮށްފައި ހުންނަ ޤާނޫނު ހުރޭ. އެހެންވީމާ، ދައުލަތުގައި މި ހުންނަ މުހިންމު ބޮޑެތި ޙައްޤުތަކަކީ އެއްވެސް ޕާޓީއަކަށް، އެއްވެސް މީހަކަށް، އެ ޙައްޤުތައް އިންފްރިންޖް ކުރަން، އެ ޙައްޤުތަކަށް އަރައިގަންނަން ޖާގަ ލިބޭ ކަމެއް ނޫން.


އެހެންވީމާ، މި ދުނިޔޭގައި، ބިޔަ ރާޅު ނަގާ ދުނިޔެއެއްގައި އަޅުގަނޑުމެން ކުރިއަށްދާން ކުރާ މަސައްކަތުގައި، އަދި ހުރިހާ ދައުލަތްތަކަކީ އަޅުގަނޑުމެންނާ އެކުވެރި، ރަޙްމަތްތެރި ދައުލަތްތަކެއް ކަމަށް އަޅުގަނޑުމެން ބުނާއިރުވެސް، އަޅުގަނޑުމެންގެ އިދިކޮޅު ފަރާތްތަކުން، ނޫނީވިއްޔާ ކަންކަމަށް ޝައުޤުވެރިވެ، ކަންކަމަށް ފެން ބޮވައިގެންފައި ތިބޭ މީހުންވެސް، ދައުލަތުގެ މި ޙައްޤު ނަގާލާފައި، ބޭރުގެ ފަރާތްތަކަށް ދަޢުވަތުދީގެން، އަޅުގަނޑުމެންގެ ކަންކަން ނިންމަން ދަޢުވަތުދޭ ކަމަށްވަންޏާ، މިކަންކަމާ ދޭތެރޭގައި މިހާރު، އެ ވިދާޅުވާ ލީޑަރުންގެ ފަހަތްޕުޅުގައި ތިއްބެވި ބޭފުޅުންނާއި، އެ ވަކާލާތުކުރާ، އަޑުއުފުލާ ޕާޓީތަކުގައި ތިއްބެވި މެންބަރުން ވިސްނާވަޑައިގަންނަވަންޖެހޭ. އެއީކީ އެ ޕާޓީގެ ޙައްޤުގައި، އެހެން އެންމެންގެ މައްޗަށް އުފުލަންޖެހޭ ތަކުލީފެއް ނޫން. އެހެންވީމާ، އެ ޕާޓީއެއްގެ އަޣުލަބިއްޔަތު އޮންނަ އެއް ރަށެއްގެ ރައްޔިތުން އެކަން ގަބޫލުކުރިޔަސް، މުޅި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން އެކަން ގަބޫލުކުރާކަށް ނުޖެހޭނެ. އެ ސަބަބަށްޓަކައި އެއް ޕާޓީއެއްގައި ހުންނަ މީހުން، އެ ޕާޓީގެ ފިކުރާއި، އެ ޕާޓީގެ ވިސްނުމާ، މި ހުންނަނީ މުޅި ދައުލަތުގެ މަޞްލަޙަތުތަކުގެ މައްޗަށް އަރައިގަނެ، ގަދަބާރު ހިންގޭގޮތަށް ލިޔެވިފައި ހުންނަ ކަންކަމާއި، ޢަމަލާއި އުސޫލުން ދައްކަނީ އެކަން ކަމަށްވަންޏާ، އެ ޕާޓީއެއްގައި އޭނަ ހުރުން އެއީ ކުރަންޖެހޭ ކަމެއްނޫން. އެ ޕާޓީއަކުން އެހެން ޕާޓީއަކަށް އޭނަ ބަދަލުވުމަކީ، މުޅި ދައުލަތުގެ ޙައްޤުގައި، މުޅި ދީނުގެ ޙައްޤުގައި، މުޅި ހުރިހާ ދިވެހިންގެ ޙައްޤުގައި، ޒުވާން ޖީލުގެ ޙައްޤުގައި އޭނަ ކުރާ ރަނގަޅު ކަމެއް. އަޅާ ރަނގަޅު ފިޔަވަޅެއް. ތެދުމަގުން ހިނގާ ހިނގުމެއް.


އެހެންވީމާ، ތުޅާދޫގައި އަޅުގަނޑު އިލްތިމާސް ކުރަނީ، މި ދެންނެވި ކަންކަމަށް ވިސްނާވަޑައިގަންނަވާށޭ. ދިވެހިރާއްޖޭގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކަކީ މިއަދު އެކަނި ކުރަންޖެހޭ މަސައްކަތެއް ނޫން. އަޅުގަނޑުމެން ތުޅާދުއަށް މިއައީވެސް ތުޅާދުއަށް ދަތިވެފައި ހުރި، ބޭނުންތެރި އެތައް ބޮޑެތި ބިޔަ މަޝްރޫޢުތައް ހިންގައިދިނުމަށް. ބައެއް މަޝްރޫޢުތައް ނިންމީ. އަނެއްބައި މަޝްރޫޢުތައް ހިނގަމުން މިދަނީ.


އަޅުގަނޑަށް ތުޅާދުއަށް މިއީ އާދެވުނު ފުރަތަމަފަހަރުކަންނޭނގެ. އެކަމަކު ފެނާއި ނަރުދަމާ ނިމިގެންދާއިރު، އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އަނެއްކާ އަޅުގަނޑު ތުޅާދުއަށް ޒިޔާރަތް ކުރަން ޚިޔާލު އެބަކުރަން. އެހާތަނަށްދާންވާއިރަށް އަޅުގަނޑު މި ދެންނެވި ގޮތަށް ދިވެހިރާއްޖޭގެ މަޞްލަޙަތަށާއި، ދިވެހިރާއްޖޭގެ ކުރިއެރުމަށާއި، އަޅުގަނޑުމެންގެ އަމިއްލަވަންތަކަމަށާއި، އިސްލާމްދީނަށްދޭ ނަޞްރުގެ މަތީގައި، އަޅުގަނޑުމެންގެ މި ރައްޔަތް، ތުޅާދޫގެ ރައްޔަތް ތިބުމަށް އިތުރަށް ފައިތިލަ ސާބިތުކޮށްލުން ކީއްތޯ؟ އެއީ ނޫންތޯ އަޅުގަނޑުމެންގެ ދިންނެވުން އޮތް މަގަކީ. އެނޫން ގޮތަކަށް އަޅުގަނޑުމެންނަކަށް ނެތް، އެއްވެސްގޮތަކަށް ކުރިއަށްދެވޭނެ ގޮތެއް. އެ ފިކުރާއެކީ ކުރިއަށްދާން ދިވެހި ދައުލަތުން، ދިވެހި ރައްޔިތުން މަސައްކަތްކޮށްފި ތިން އަހަރެއްހާ ދުވަސް ވަންދެން. އެކަމަކު އަޅުގަނޑުމެންނަކަށް ފެނިގެންނުދޭ ނަތީޖާއެއް. އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ނާމާންކަމާއި ބިރުވެރިކަމާ. އަދި މުޅި ތަނަކީ ޤާނޫނާއި އުސޫލުތަކާ ޚިލާފުން ކަންކަން ހިނގަމުންދިޔަ ތަނެއްކަން. އޭރު އެކަންކަން ކުރި ފަރާތްތައް، ޝަރަފުވެރި ބޭފުޅުން އޭގެތެރޭގައި ހިމެނިދާނެކަންނޭނގެ. އެބޭފުޅުން އެކަން ކުރައްވާފައި، އެއީ ކުރަންޖެހިގެން ކުރެވުނު ކަމެކޭ ވިދާޅުވިނަމަވެސް، އެއީކީ ދިވެހި ރައްޔިތުން ގަބޫލުކުރާނެ ކަމެއްނޫން. އަޅުގަނޑުމެންގެ ޤާނޫނީ ނިޒާމުގެ ތެރޭގައި އެކަންކަން ގަބޫލުކުރާ ކަންކަމެއްނޫން. ވިސްނުމުގެ އެއްވެސް މިންވަރެއް ހުރި މީހަކު ގަބޫލުކުރާނެ ކަންކަމެއްނޫން. ވަކި މީހަކު ކޮށްފިއްޔާ، ކޮންމެ ކަމެއް ކުރުން، އެއީކީ ގަބޫލުކުރެވޭނެ ކަމެއްނޫން.


އެ ސަބަބަށްޓަކައި މިއަދުވެސް އަޅުގަނޑު ހަމަ ދަނޑުހައްދާ ހުރިހާ އެންމެންގެ ކައިރީގައި މި ބުނަނީ، ދިވެހިރާއްޖޭގެ ދަނޑުތަކުގައި ކެކުރި ހައްދާ ކަމަށްވަންޏާ، ހައްދަންވާނީ މެދު ކެކުރިއޭ. މެދު ކެކުރި ހެދުނީމަ، އެއީ ކުޑަ ކެކުރިއަކީ ކޯއްޗެއްކަން ނޭނގޭނެ. ބޮޑުކެކުރިއަކީ ކޯއްޗެއްކަންވެސް ނޭނގޭނެ. އެހެންވީމާ، އެކަންކަން ގަބޫލުނުކުރެވޭ ކަމަށްވަންޏާ، ހުރިހާ ދިވެހި ރައްޔިތުން ގަބޫލުކުރައްވާ، ރައްޔިތުންގެ ތެރޭގައި ކުށް ކުރުމުގެ ހަމަޖެހުމެއް ނާންނާނެ. ހަމަހަމަކަން އިންޞާފާއެކީ ޤާއިމުނުކުރެވޭ ކަމަށްވަންޏާ، ބޮޑެތި ކުށްތަކާއި، އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަތުމަކަށް ނިމުމެއް ނޯންނާނެ. ކިހާ ރަޙުމްކުޑަ ވެށްޓެއް ދިވެހިރާއްޖޭގައި މީގެ އަހަރުތަކެއް ކުރިން އޮތްތޯ. ކީއްވެގެންތޯ އަޅުގަނޑުމެންގެ ޚިޔާލަށް މިކަންކަން ނާންނަނީ؟ އަޅުގަނޑުމެން ހަމަ ހަނދާންނެތީތޯ؟ އަޅުގަނޑުމެން ސުކޫތެއް ގެނައިމަތޯ، ސުނާމީގައި އަޅުގަނޑުމެންނަށް ލިބިގެންދިޔަ ބޮޑު ގެއްލުން، އަޅުގަނޑުމެންގެ ހަނދާނަށް އަންނަނީ؟ އެއީ ސުނާމީގައި ލިބުނު ގެއްލުން. އެކަމަކު ރަޙުމްކުޑަކޮށް މީހުން ކަތިލާ ވައްޓާލައި، އަދި ރަޙުމްކުޑަކޮށް މީހުންނަށް ބޮޑެތި ޖިސްމާނީ ގެއްލުންދީފައި ހުރިއިރު، މިއީ ކޮން ބައެއްގެ ފިކުރާ އެއްކޮށް، ކޮންގޮތަކަށް ހިނގައިދިޔަ ކަންތައްތަކެއްތޯ؟ މަޞްލަޙަތު ނަގާލައި، ޤާނޫނުން ބޭރުން ހުރިހާ ކަމެއް ޙައްލުކުރަން ވަކާލާތުކޮށް، އެކަންކަން ކުރަނީ ވެރިކަމުގައި ތިބި ބައެއްގެ ފަރާތުން ކަމަށްވަންޏާ، ދެން މުޅި ދައުލަތަށް ޢާންމުވެގެންދާނީ، މުޅި ދައުލަތަށް ޢާންމުވެގެންދާނީ ބިރުވެރިކަމާއި، ނާމާންކަމާއި، ޤާނޫނާ ޚިލާފަށް މަސައްކަތް ކުރުން. އެކުރާ މަސައްކަތުގެ ތެރޭގައި، އެހެން މީހުންގެ ޙައްޤުތަކަކީ ހުރި އެއްޗެއް ކަމަކަށް ގަބޫލެއްނުކުރާނެ. އެހެން މީހުންގެ މުދަލަކީ ރައްކާތެރިވެގެންވާ އެއްޗެއް ކަމަށް ގަބޫލެއްނުކުރާނެ. އެހެން މީހުންނަކީ ތިމާޔާ އެއްވަރުގެ ޙައްޤުތަކެއް ހުރި ބައެއް ކަމަކަށް ގަބޫލެއްނުކުރާނެ. އެއީތޯ ދިވެހިން އުޅެންޖެހޭގޮތަކީ؟ އެއީތޯ އިންސާނުން އުޅޭގޮތަކީ؟ ނޫން، އެއީ ޒުލުގައި ޙައިވާނުން އުޅޭގޮތް. އެގޮތަކަށް ނޫޅޭނެ މިހާރު ތަހުޒީބު މުޖުތަމަޢެއްގައި.


އަޅުގަނޑުމެންގެ އިންސާނިއްޔަތަށް އެތައްހާސް އަހަރެއްވެގެން މިދިޔައީ. އަދި އަޅުގަނޑުމެންގެ ތެރޭގައި ހުރި އަޅުގަނޑުމެންނާ ނުގުޅޭ އެތައް ބައިވަރު ކަންތައްތަކެއް ރަނގަޅު ކުރުމަށާއި، ﷲގެ މަގު ދެއްކެވުމަށް އެކިދުވަސްވަރު ރަސޫލުން، ނަބިއްޔުން ފޮނުއްވާފައި މިހިރީ. އެހެންވީމާ، މިހާ ހިސާބަށް އައިމަ، ދެން އަނެއްކާވެސް އަޅުގަނޑުމެން ޖަންގަލީގެ އުސޫލުތަކަކަށް ދާކަށްނުޖެހޭ. ދިވެހި ރައްޔިތުންނަކީ އެއަށްވުރެ ތަނަވަސްކަމާއެކީ، އެއަށްވުރެ މަޞްލަޙަތަށް ލޯބިކުރާ، އެއަށްވުރެން ބޮޑަށް ކުރިއެރުމަށް ލޯބިކުރާ ބަޔަކަށްވާން އެބަޖެހޭ. އަޅުގަނޑުމެން މިކަހަލަ ކުދިކުދި ރަށްރަށުގައި، ކޮންމެ ފިކުރެއްގައި ތިބެގެން ނަމަވެސް، އަޅުގަނޑުމެން ބޭނުންވާނީ ފެނާއި ނަރުދަމާ. އަޅުގަނޑުމެން ބޭނުންވާނީ ބަނދަރު. އަޅުގަނޑުމެން ބޭނުންވާނީ ރައްކާތެރިކަން. އަޅުގަނޑުމެން ބޭނުންވާނީ އަމާންކަން. މުޖުތަމަޢުގެ ޞުލްޙަވެރިކަން. މިއަދު ނޫންތޯ އަޅުގަނޑަށް މި ރިކްއެސްޓް މި އަންނަނީ އެކި ސިފަސިފައިގައި، މިހިސާބު ކައިރީގައި ވައިގެ ބަނދަރެއް އެޅުމުގެ ވާހަކަވެސް. މިކަންކަން ކުރަންވާނީ ފުރަތަމަ އެއްބައިވަންތަ މުޖުތަމަޢެއް މިތާ އޮވެގެން ދޮގެއްތޯ. އެކުވެރިކަން ދޮގެއްތޯ އެންމެ ފުރަތަމަ ކަމަކީ. އެކުވެރިކަމެއް ނެތިއްޔާ، ކިހިނެއްތޯ މިކަން ކުރާނީ؟ ސަރުކާރުން، ދައުލަތުން ހިންގަން ބޭނުންވާ ބޮޑެތި ކަންކަން، ފިކުރު ތަފާތުވީމަ، އެކަންކަމަށް ހުރަސްއެޅޭކަމަށްވަންޏާ، ދެން ކިހިނެއްތޯ ތަރައްޤީގެ މަޝްރޫޢުތައް ހިންގާނީ؟


އެހެންވީމާ، ދިވެހިންނަކީ އެއަށްވުރެ މާ އެއްބައިވަންތަ ބައެއް. ދިވެހިންނަކީ އެއަށްވުރެ މާ މަޢުޞޫމް ބައެއް. އަޅުގަނޑުމެންގެ ރާއްޖޭގެ ނިކަމެތި ރައްޔިތުން ދިރިއުޅެމުން މިދަނީ އެތައް ރަށެއްގައި. އުނދަގޫ ރަށްރަށުގައި. ދަތުރުކޮށް އަރާ ފައިބަން އުނދަގޫ ރަށްރަށުގައި ބަނދަރު ނުހެދި މިހިރީ. ފަޅުތޮށި ނުލެވި މިހިރީ. އެއްގަމުތޮށި ނުލެވި މިހިރީ. ބޯފެން ނުލިބި މިހިރީ. އަދި އަމުދުން ދިރިއުޅޭނެ ގެދޮރު މިހިރީ ނެތިފައި. މިކަންކަން އަޅުގަނޑުމެންގެ ޚިޔާލަކު ނެތް. މީހަކު ހަމަ އައިސްފައި ނާޗަރަންގީ ކުޅެފައި، އަޅުގަނޑުމެން ބޭނުންވަނީ މިވެނި ކަމެއް ކުރަން، އެވެނި ކަމެއް ކުރަން ބުނީމަ، ދެން އަޅުގަނޑުމެން ހެއްލިގެން މިދަނީ ކޮންކަމަކާތޯ؟ ކީއްކުރަންތޯ މައިންބަފައިން، ކުދިންނަށް ތަޢުލީމު މިދެނީ؟ ކޮންމެވެސްވަރަކަށް ވިސްނާލައްވާ! މައިންބަފައިން ކުދިންނަށް ތަޢުލީމު މިދެނީ ރަނގަޅާއި ނުބަޔާ ދެނެގަތުމަށްޓަކައި، ފުރަތަމަ ކަމަކަށް. އެއްވަނަ ދުނިޔޭގެ ޤައުމުތަކުގައިވެސް އަސާސީ ތަޢުލީމު ދިނުމުގެ މައިގަނޑު އުޞޫލަކީ، ވޯޓްލާއިރު، ކަންކަން ނިންމާއިރު ވޯޓްލާއިރު، ވޯޓްލެވެނީ ރަނގަޅަށް ވިސްނައިދިނުމުގެ ވިސްނުން، ނޫނީވިއްޔާ ފެންވަރު އުނގަންނައިދިނުމަށްޓަކައި.


އެހެންވީމާ، ބޭރުގެ ދައުލަތްތަކުގައިވެސް ކެމްޕެއިން ކުރޭ. އެކަމަކު ބޮޑެތި ޤައުމުތަކުގައި ހުރިހާ ޖަޒީރާތަކަކަށް، ހުރިހާ ޓައުންތަކަކަށް، ހުރިހާ ވިލެޖްތަކަކަށް ގޮސް ކެމްޕެއިނެއް ނުކުރާނެ. އެއީ، ކުރެވޭވަރުގެ ކަމެއްނޫން. އެހެންނަމަވެސް، މިއީ އަސާސަކީ. އޭގެފަހުން އެ ޢިލްމަކުން އޭނަ ދިރިއުޅުމަށް ބޭނުންވާ ހިސާބަށް އޭނައަށް ދެވެން މި އަންނަނީ.


އެހެންވީމާ، އަޅުގަނޑު ތުޅާދޫގެ ލޮބުވެތި ރައްޔިތުންނަށް ދަންނަވާލާނީ، އަޅުގަނޑުމެންނަކީ ޒީނަތްތެރިކޮށް ތިބުމަށް އަންގަވާފައި އޮތް ދީނެއްގައި ތިބި ބައެއް. އަޅުގަނޑުމެންނަކީ އަމާންކަމާއެކީ އަނެއްކާގެ ޙައްޤު ރައްކާތެރިކޮށް ހިމާޔަތް ކުރަން އަންގަވާފައި އޮތް ދީނެއްގައި ތިބި ބައެއް. އަޅުގަނޑުމެންނަކީ ހުރިހާ ވިޔާނުދާ ކަންކަމުން ދުރުގައި ތިބެ، ﷲގެ މަގަށް ނަޞްރުދޭން، އަޅުގަނޑުމެން ދުނިޔެއަށް ޚަލީފާކޮށްފައި ފޮނުއްވާފައި ތިބި ބައެއް. އަޅުގަނޑުމެން އެހެންނަމަވެސް، ސިޔާސީ މީހުން ޕޯޑިއަމްތަކަށް އެރީމަ، ސިޔާސީ މަސައްކަތްތައް ހިނގީމަ، އެބޭފުޅުން ދައްކަވާ ވާހަކަ މާ ވަރުގަދައަށް އަޅުގަނޑުމެންގެ ހަނދާނުގައި ހުރޭ، ﷲގެ ބަސްފުޅުތަކަށްވުރެ. އެހެންވީމާ، މިކަންކަމާ ދޭތެރޭގައި އެބަޖެހޭ ދޮގެއްތޯ އަޅުގަނޑުމެން ވިސްނާލަން.


އަޅުގަނޑުމެން ވިސްނާލާއިރު، އަޅުގަނޑުމެން ދަންނަވަން ބޭނުންވަނީ، އަޅުގަނޑުމެން ދިވެހި ރައްޔިތުން ބޭނުންވާނީ، ޞުލްޙަވެރިކަމާއި އަމާންކަމާއެކީގައި ދިވެހި ދައުލަތަކީ، މިނިވަން ދައުލަތެއްގެ ގޮތުގައި އަބަދުމެ ލެހެއްޓެވުމަށްޓަކައި ކުރާ މަސައްކަތް އަޅުގަނޑުމެން ކުރުންމަތީ ތިބުން. އަދި އޭގެކުރިން އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ އަޅުގަނޑުމެންނަކީ ދުވަހަކުވެސް ދިވެހިރާއްޖޭގެ ފަސްގަނޑުން އިސްލާމްދީން ނޫން ދީނަކަށް ޖާގަނުދޭ ބައެއްގެ ގޮތުގައި ތިބުން. އެއީ އަޅުގަނޑުމެންނަށް ލިބިފައި މިއޮތް އެންމެބޮޑު ނިޢުމަތަކީ.


ދެން އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ، މުޅި ދައުލަތުގެ މަޞްލަޙަތު ރައްކާތެރިކުރުން. މުޅި ޤައުމުގެ މަޞްލަޙަތު ރައްކާކުރުން. ޤައުމުގެ މަޞްލަޙަތު ރައްކާކުރާ ކަންކަމުގެ ތެރޭގައި، ޤައުމަށް ޚިޔާނާތްތެރިވުން، ޤައުމުގެ ބޮޑެތި ބަހާތައް ނެތިކޮށްލުމަށް މަސައްކަތްކުރާ ކުރުން، ޤައުމަކީ ޞުލްޙަވެރި ޤައުމެއް ނޫންކަމަށް ބޭރުގެ މީހުންނަށް ވިސްނައިދޭދިނުން، ޤައުމުގެ ދާޚިލީ ކަންކަން ނިންމުމަށް ބޭރުގެ ދައުލަތްތަކަށް ޖާގަދޭން އަބަދުމެ ފާޅުގައި ދަޢުވަތުދޭ ފަރާތްތަކުގެ ވާހަކަ އަޑުއަހާ، ވާހަކަދައްކާ މީހުން. މިކަންކަމަކީ އަޅުގަނޑުމެން އެއްވެސް ބަޔަކު ޖާގަދީގެންވާނެ ކަމެއްނޫން. މިއީކީ އެއްވެސް ޕާޓީއަކަށް، އެއްވެސް ސިޔާސީ ލީޑަރަކަށް ޙައްޤު އޮތް ކަމެއްނޫން. އެބޭބޭފުޅުން ވެރިކަން ކުރެއްވިއިރު، މިއީ ރަނގަޅު ކަންކަން ކަމަށް މިހާރު އެބޭފުޅުން ދެކެވަޑައިގަންނަވާ ކަމަށްވަންޏާ، އެބޭފުޅުން ވެރިކަން ކުރެއްވިއިރު، ކީއްވެގެންބާ އެބޭފުޅުންގެ ވެރިކަމުގައި އެކަންކަން ނުކުރެއްވީ؟ އެބޭފުޅުން ވެރިކަމުގައި ތިއްބެވިއިރު، އެބޭފުޅުން ނިންމަވާ މައްސަލަތައް، ކޮންމެ މައްސަލައެއް ނިންމަން ކީއްވެގެންބާ ބޭރުގެ ފަރާތްތަކަށް ދަޢުވަތު ނުދިނީ؟ ނޫނީ ކީއްވެގެންބާ، އެބޭފުޅުން ވެރިކަމުގައި ތިއްބެވިއިރު، އެހެން ދީންތަކަށް ފުރުޞަތު ނުދެއްވީ؟


އެހެންވީމާ، އެބޭބޭފުޅުން ވެރިކަމުގައި ތިއްބަވާއިރު، ބަސްބުނާ ހިސާބުގައި ތިއްބަވާއިރު، މިހުރިހާ ކަންކަމަށް އެބޭފުޅުންވެސް ރައްކާތެރިވެވަޑައިގެންނެވި، ފާރަވެރިވެވަޑައިގެންނެވި. އެކަމަކު ރައްޔިތުން އެހެން ބަޔަކު އިންތިޚާބުކޮށް، ވެރިކަން ކުރަން ހަވާލުކުރީމަ، އަދި އަންނަ ތަރައްޤީ ފެންނަމުންދާއިރު، ދެން މި ދެންނެވި ކަންކަން ކުރިމަތިކޮށްފައި ނަމަވެސް، ބޭނުންވޭ ވެރިކަމަށް ދަތިކުރަން. އެހެންވީމާ، މިހާރު ރަނގަޅު، ދިވެހިރާއްޖޭގެ ހުރިހާ ޙައްޤުތަކަށް އަރައިގަންނަން ގޮވާލަންވެސް. މިހާރު ރަނގަޅު، އަވަށްޓެރި ހުރިހާ ޤައުމަކަށް، އަދި ބޭރު ދުނިޔޭގެ ބޮޑެތި ޤައުމުތަކަށްވެސް، ބާރާއި ނުފޫޒު ބޭނުންކޮށްގެންވެސް ދިވެހި ދައުލަތުގެ ސިޔާދަތު ނަގާލައި، ދިވެހި ދައުލަތުގެ މިނިވަންކަން ގެއްލޭވަރުގެ ދާޚިލީ ކަންކަމަށް އަތްބާނަންވެސް މިހާރު ހަމަ ރަނގަޅު، ގޮވާލެވޭ.


ދެން އަޅުގަނޑުމެން ވިސްނާލަންވީ، މި ގޮވާލާ ގޮވާލުންތަކާއި، އަދި މިކަމަށް މަސައްކަތް ކުރަން ބޭރުގައި ތިބި މީހުން ގޮސް އެތިބީ، ދިވެހިރާއްޖެއިން ކޮންފަދަ އަނިޔާއެއް އެމީހުންނަށް ލިބޭތީތޯ؟ ދިވެހިރާއްޖެއިން އެމީހުންނަށް އަނިޔާއެއް ލިބޭ ކަމަށްވަންޏާ، އަޅުގަނޑު ހަމަ ދަންނަވާނަން. އަޅުގަނޑުމެންގެ ސަރުކާރުގައި ހަކަތަ އެބައޮތް، ހަމަ އެއިން އެކަކުވެސް އެއަރޕޯޓާ ހަމައަށްވެސް ދަތުރުކުރިޔަނުދިނުމުގެ، ހިފަހައްޓާލުމުގެ ހަކަތަ. އެކަމަކު އެމީސްމީހުންނަށް ރާއްޖެއިން ބޭރަށް ފުރައިގެން ދެވިފައި އެތިބަ ތިބުމަކީ، ދިވެހިރާއްޖެއިން ޤާނޫނުން ބޭރުން އެއްވެސް ކަމެއް ނުކުރާނެކަން ދަލީލުކޮށްދޭ ކަމެއް. ކޮންމެވެސް ބަހަނާއެއް ދައްކާފައި، ކޮންމެވެސް ދޮގެއް ހަދާފައި ބޭރަށްދަނީ. ކޮންމެވެސް ދޮގެއް ހަދާފައި ބޭރަށްދަނީ. ބޭރަށް ދިޔުމަށްފަހު، އެމީހުންގެ މޮޅުކަން، އެމީހުންގެ ވަރުގަދަކަން މި ދައްކަނީ. އެހެންވިއްޔާ އެހާ މޮޅިއްޔާ، އެހާ ވަރުގަދައީވިއްޔާ، އަންނަންވީ ނޫންތޯ ދިވެހިރާއްޖެއަށް. ކީއްވެގެންތޯ، ޤާނޫނާ ޚިލާފަށް ކަންކަން ކުރެވިފައި ހުރިއްޔާ، ޤާނޫނާ ކުރިމަތިނުލާންވީ؟ ކީއްވެގެންތޯ ޤާނޫނުން ބަރީއަވާން މަސައްކަތް ނުކުރަންވީ؟ ނޫނީ ކީއްވެގެންތޯ، ދައުލަތުން އުފުލާ ޝަކުވާތަކަކީ، ދައުލަތުން އުފުލާ ޝަރީޢަތްތަކަކީ، އެމީހުންނާ ދެކޮޅަށް އުފުލާ ޝަކުވާތަކަކީ، ދޮގު ޝަކުވާ ކަމަށް ސާބިތުކޮށްދޭން ނާންނަނީ. އެއީ ދޮގެއްތޯ ރަނގަޅު ގޮތަކީ.


އެހެންވީމާ، ރާއްޖެއިން ބޭރަށް ގޮސްފައި ތިބި ފަރާތްތައް، ބޭރަށް ގޮސްފައި މިތިބީ މިކަހަލަ ކަންކަމުގައި. އެއީ ދިވެހި ދައުލަތުން އެމީހުންނަށް އަނިޔާއެއްދޭތީކީ ނޫން. އެއްވެސް ކަމެއް ކުރާތީކީ ނޫން އެއީ. އެހެންނަމަވެސް، އެބޭފުޅުން ރާއްޖޭގައި ތިއްބެވިއްޔާ، އެބޭފުޅުން ޖަވާބުދާރީވާންޖެހޭ ކަންތައްތަކެއް އެބަހުރޭ. އޭގައި ޖަވާބުދާރީވާންވީ. ޖަވާބުދާރީވުމަކީ އެއްގޮތަކަށްވެސް އެމީހުން ކުށްވެރިވުމެއްނޫން. ޖަވާބުދާރީވުމަކީ އެކަން ހިނގާފައި އޮތްގޮތް އޮޅުންފިލުވައިދިނުން. އަދި ދައުލަތުން އެބޭފުޅުންނާ ދޭތެރޭގައި، އެބޭފުޅުންގެ މައްޗަށް އުފުލާ ދަޢުވާއަކީ އަސާސެއް ނެތް، އަދި އެބޭފުޅުންގެ މައްޗަށް ސާބިތުނުވާނެ ކަމެއްކަން، އެބޭފުޅުންގެ ލޯޔަރުން ލައްވައި ސާބިތުކޮށްދިނުން. އެ ނިމުނީ ދޮގެއްތޯ އެ ހިސާބުން އެ މައްސަލަ. އެހާ ފަސޭހަކަމެއް މިއީ. އެކަމަކު ކީއްވެގެންތޯ، އެންމެންގެ މައްޗަށް ޤާނޫނު ހިންގަން، ރާއްޖޭގެ ވަލިއްޔުލްއަމުރު ކަމަށް އަންނަން މަސައްކަތްކުރާ މީހުން، އެމީހުންގެ މައްޗަށް ޤާނޫނު އޮވެގެންވާނެ ކަމަށް ގަބޫލުނުކުރަނީ؟ މި އަޅުގަނޑުމެން ވިސްނާލަންޖެހޭ، 2018 އާ ހަމައަށް އަންނައިރު.


އެހެންވީމާ، ރާއްޖެއިން ބޭރުގައި މި އުޅުއްވާ ބޭފުޅުން ބޭރަށް ވަޑައިގަތުމަށްފަހު، މި ދެންނެވި ކަހަލަ ސަބަބުތައް ހުރެގެން، މި ދެންނެވި ކަހަލަ ސަބަބުތައް ހުރެގެން، މި ދެންނެވި ދައުލަތުގެ ޙައްޤުތަކުގެ މައްޗަށް މި އަރައިގަންނަން މަސައްކަތް ކުރަނީ. އެކަމަކު އެއްވެސް ރައްޔިތަކު، އެ ރައްޔިތެއްގެ އަމިއްލަ ގޮތް ދަމަހައްޓަން ބޭނުންކަމަށްވަންޏާ، ދީން ހިމާޔަތް ކުރަން އަޅުގަނޑުމެން ބޭނުންވާނެ، ބޭނުންކަމުގައިވަންޏާއެއް ނޫން. އަދި ދިވެހިރާއްޖޭގެ ވަރުގަދަ އުސޫލުތައް ހިފަހައްޓަން އަޅުގަނޑުމެން ބޭނުންކަމަށްވަންޏާއެއް، މިކަންކަމަށް ހުރަސްއަޅާ، ނޫނީ މިކަންކަން ނިކަމެތިކުރާ، މިކަންކަން، މި ވެލިއުތައް ކޮށާ ނަގާލަން މަސައްކަތްކުރާ މީހުންނަކަށް އެއްވެސް ގޮތަކަށް ސިޔާސީ ފަސްގަނޑުން ޖާގަ ލިބިގެނެއް ނުވާނެ.


އަޅުގަނޑު ހިތަށްއަރަނީ، އަޅުގަނޑުގެ ދަތުރު، ތިން އަތޮޅަކަށް، އަށެއްކަ ރަށަށް ކޮށް ނިންމާއިރު، އެންމެފަހު މަންޒިލަކަށް މިވީ ތުޅާދޫ. އެހެންވީމާ، ތުޅާދޫގައިކަންނޭނގެ، މި ވާހަކަ ދަންނަވާލަން އެންމެ މުނާސަބީ އަސްލު ޙަޤީޤަތުގައި. އެއީ ރާއްޖޭގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތުގެ ވާހަކަ، ވަރަށްގިނަ ބޭފުޅުން އެބަ ދައްކަވާ. ދެން އަޅުގަނޑަކަށް އެހާ ފަސޭހައެއްނޫން، އަބަދުއަބަދު އެ ވާހަކަ ދައްކާކަށް. އެހެންނަމަވެސް، ތުޅާދުއަށް އައިސްފައި، ތުޅާދޫގެ ރައްޔިތުންނަށް މިހާތަނަށް އުފުއްލަވަންޖެހުނު ތަކުލީފުތަކުން ކޮންމެވެސްވަރެއްގެ ލުޔެއް ލިބިވަޑައިގަތީމަ، އެކަމުގެ އުފަލުގައި އަޅުގަނޑު ބައިވެރިވަން.


އެހެންވީމާ، ބޭރުތޮށިންނާއި، އަދި ގިރާ ސަރަޙައްދު ހިމާޔަތް ކުރުމާ، މިކަންކަމުން ރައްޔިތުންނަށް ލިބިވަޑައިގެންފައި ތިހިރަ ގެއްލުންތަކަށް ކޮންމެވެސްވަރެއްގެ ޙައްލެއް އައިމަ، މި އުފަލުގައި، އަދި ތިޔަ ހަމަޖެހުމުގައި އަޅުގަނޑު ބައިވެރިވާން ބޭނުންވާތީ، ތިޔަބޭފުޅުންގެ އަރިހަށް މިއައީ. އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުވެސް މި ދެންނެވި ފެނާއި ނަރުދަމާގެ ނިޒާމު ނިމިގެން ދިޔައިމަ، އަނެއްކާވެސް ތިޔަބޭފުޅުންގެ އުފަލުގައި ބައިވެރިވުމަށް އަންނާނަން.


ދެންއޮތީ ތިޔަބޭފުޅުން ބޭނުންފުޅުވާ ކަންކަން. ޝައްކެއްވެސްނެތް، އަޅުގަނޑު ހޮވުނަސް، ނުހޮވުނަސް، ތިޔަބޭފުޅުން ބޭނުންފުޅުވާ ކަންކަން، އަޑު އުފުއްލަވަންވާނެ. އެކަމަކު އަޅުގަނޑުގެ ފަރާތުން އެކަންކަން ވާންޖެހޭކަމަށް ދެކެވަޑައިގަންނަވާ ކަމަށްވަންޏާ، އަޅުގަނޑަށް އެކަން ކޮށްދެވޭނީ، ތިޔަބޭފުޅުން އެ ފުރުޞަތު ދެއްވީމަ ދޮގެއްތޯ. އެހެންވީމާ، އެއީ ފުރަތަމަ އަޅުގަނޑު ޒިންމާއެއް އުފުލުމުގެ ކުރިން ތިޔަބޭފުޅުން ކޮށްލައްވަންޖެހޭ ކަމެއް. އެހެންވީމާ، އެކަމަށްވެސް ވަޞިއްޔަތް ކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.


އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، މާތްﷲގެ ދަރުމައާއި ތައުފީޤު މިންވަރު ކުރައްވާށި!


والسّــلام عليــكم ورحـمــة اللّـه وبـركاتـه.