بســم اللّـه الرّحمـن الرّحيــم


اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.


ހިންނަވަރުގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، އަޅުގަނޑާއެކީ މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި ޢިއްޒަތްތެރިން،


السّــلام عليــكم ورحـمــة اللّـه وبـركاتـه.


އަޅުގަނޑަށް ލިބޭ އެންމެ ޚާއްޞަ އުފަލަކީ، ހިންނަވަރުގައި ދިރިއުޅުއްވަމުން ތިޔަ ގެންދަވާ ރައްޔިތުންގެ މިއަދުގެ މި ޢީދު އުފަލުގައި ބައިވެރިވުމަށް އަޅުގަނޑަށް މި ލިބުނު ފުރުޞަތު. اللّـه سبحانه وتعالىއަށް ޙަމްދުކުރަމުން، ތިޔަބޭފުޅުންގެ މި އުފަލުގައި ބައިވެރިވުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނީތީ، ތިޔަބޭފުޅުންނަށްވެސް މި އުފާވެރިކަން ހިއްސާކުރަން.


ޝައްކެއްވެސްނެތް، ހިންނަވަރުގައި މިއޮތީ ބޮޑު އާބާދީއެއް. ޒަރޫރީގޮތުން ކުޑަ އާބާދީއަކަށްވެސް ބޭނުންވާ ކަންތައްތައް ބޮޑު އާބާދީއަކަށްވެސް ބޭނުންވާނެކަމަށް އަޅުގަނޑުމެން ބުނާއިރުގައިވެސް، ބޮޑެތި އާބާދީތަކަށް ޚާއްޞަކޮށް މިކަންކަމުގެ ފަސޭހަ އިތުރުވެގެން ދިޔުމަކީ، ގިނަ ރައްޔިތުންތަކަކަށް އޭގެ ލުއިފަސޭހަކަން އިޙްސާސް ކުރެވިގެންދާ ކަމެއް. އާދެ، ހިންނަވަރަށް، ރައްކާތެރި ބޯފެން ލިބުމުގެ ނިޒާމު ހަމަޖެހިގެންދިޔައިމާ ހިންނަވަރުގެ ރައްޔިތުންނަށް ތިޔަ ލިބިވަޑައިގަތީ، ވަރަށް ޚާއްޞަ ވަރަށް މަތިވެރި ނިޢުމަތެއް.


އާދެ، އަޅުގަނޑުމެން ދެންމެ ވީޑިއޯ ޕްރެޒެންޓޭޝަންތަކުން އަޑުއަހައިފިން، ހިންނަވަރުގެ ރައްޔިތުންގެ އިޙްސާސްތައް، ބޯފެން ބަލާ، ރަށުގެ އެކި ހިސާބަށް ދަތުރުކުރައްވަންޖެހޭ ވާހަކަ. އަޅުގަނޑުމެން އިންސާނުންގެ ހުރި ދެރަ ސިފައަކީ، ނޫނީވިއްޔާ ހުރި ނިކަމެތި ނޫނީ އުނި ސިފައަކީ، ކަންކަން ނުލިބި ބީވެގެންދިޔައިމާ އަޅުގަނޑުމެންނަށް އިޙްސާސްކުރެވޭ ދަތި، އެކަމުގެ ނިޢުމަތުން އަޅުގަނޑުމެންނަށް ފުރިހަމަކަން ލިބުނީމާ، އެ ނިޢުމަތަށް ޝުކުރު އަދާކުރުންމަތީގައި ތިބެން ހަނދާންނެތޭނެތުން. އެހާ އުނދަގުލުގައި ފެން ހޯދަން، ފެން ބަލާ ދަތުރުކުރައްވާއިރުވެސް މިއަދު ގޭގެ އިސްކުރު ދޫކޮށްލީމާ، އޮހޮރިގެންދާ ފެން ބޭނުންކުރާއިރު، ދެންމެ މިނިސްޓަރުގެ އިލްތިމާސްގައި ވިދާޅުވިގޮތަށް، އަޅުގަނޑުވެސް ހަމަ ދަންނަވާލަން ބޭނުންވަނީ، ތިޔަބޭފުޅުން އަރިހުން އެދެން ބޭނުންވަނީ، ހަނދާނަށް ގެންނަވާށޭ މި ފެން މިގޮތަށް އޮހޮރޭ ފެނުގެ ގޮތުގައި ގޭގައި ބިސީތަކުގައި ލިބެމުން ނުދިޔައިރު، އުފުއްލަވަންޖެހުނު އުނދަގޫ ތަކުލީފު. އަޅުގަނޑުމެންގެ ހަމަ ވަރަށް ރީތި އާދައަކަށް ވެގެންދާނެ، މިކަހަލަ ކަންކަން އަޅުގަނޑުމެން ހަނދާންކޮށް، އަޅުގަނޑުމެންގެ ޒުވާން ޖީލު މިކަހަލަ ތަރުބިއްޔަތުން ޒީނަތްތެރި ކޮށްދެވިއްޖިއްޔާ. ޝުކުރުވެރިވާންވާނެ. މި ނިޢުމަތަށް ޝުކުރުކުރުމުގައި ދެން ކުރަންޖެހޭ ކަމަކީ، މިކަހަލަ ނިޢުމަތްތަކަކީ، ނޫނީ، އަޅުގަނޑުމެންނަށް ލިބޭ މިކަހަލަ ވަސީލަތްތަކަކީ، އަގެއް ދައްކައިގެން ހޯދަންޖެހޭ ވަސީލަތްތަކެއް ކަމަށްވާތީ، އެ ވަސީލަތަކީ، އިސްރާފުކުރެވޭ އެއްޗަކަށް ނުހެދުން.


މީގެ އަގު ދައްކަން ޖެހިގެން މިއުޅެނީކީ، ފައިސާއިން ތިޔަ ގޭގައި ރަންކުރާ މީޓަރަކަށް ނޫން. ދިވެހިރާއްޖެ އާބާދުވެގެން މިހާތަނަށް މިއައި އެތަކެއް ގަރުނުގެ ތެރޭގައި ހިންނަވަރުގެ ރައްޔިތުން، މި ފަހުގެ ޒަމާނީ ތަރައްޤީ އަންނަމުން ދިޔައިރުވެސް، ފެން ހޯދުމަށް ކުރަންޖެހުނު މަސައްކަތުގެ ދިގު އިންތިޒާރުގައި ތިބި ތިބުމަކީ، ޙަޤީޤަތުގައި މިފެނުގެ އަގު. އެއީ، ފެނުގެ އަގަކީ. އެހެންވީމާ، މަޙްރޫމްވެގެން މިދިޔައީ، ބީވެގެން މިދިޔައީ، ނޫނީ އިންތިޒާރުގައި މަޑުކޮށްލައްވަން ޖެހުނީ، ކިހާ ދުވަހެއްކަން، އެ ފައިސާއަށް ބަދަލުކުރެވޭނެ ގޮތެއް އޮންނާނެ ކަމަކަށް އަޅުގަނޑެއް ހިއެއްނުކުރަން. ހިއެއްނުވޭ ހަމަ އެއްގޮތަކަށްވެސް.


އެހެންވީމާ، މި ނިޢުމަތަށް އަޅުގަނޑުމެން ޝުކުރުކުރުމަކީ، ސިޔާސީ މޫސުމެއް ފަށާއިރުވެސް، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންޖެހޭކަމެއް. ސިޔާސީ މޫސުމެއް ފަށާއިރު، ދެންމެ މިރަށުގެ ޝަރަފުވެރި ބޭފުޅަކު، ޢަބްދުﷲ ނާޒިމުގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތަށް އަބަދުވެސް އަޅުގަނޑުމެންނަށް ފެންނާނީ، މި މޫސުމުގައި އިރުވައި މޫސުމުގައި ހަމަ ދޮންދޫނި އަޅުގަނޑުމެންގެ ޖައްވުގެ ތެރޭގައި އުޅޭގޮތަށް އަޅުގަނޑުމެންނަށް މިހާރު މި މޫސުމުގައި ފެންނާނީ، ސިޔާސީ ބޭބޭފުޅުން ޕޯޑިއަމްތަކުގައި ދައްކަވާ ވާހަކަފުޅު. ސިޔާސީ ބޭބޭފުޅުން ޕޯޑިއަމްތަކުގައި ދައްކަވާ ވާހަކަފުޅުގައި އަދި އެ ބޭފުޅުންގެ ކޮޅަށް، އެ ބޭފުޅުންގެ ޚިޔާލަށް، ރައްޔިތުންގެ ރައުޔު އަނބުރާލުމަށްޓަކައި ކުރައްވާ މަސައްކަތުގައި ވަރަށްގިނަ ވާހަކަފުޅު ދައްކަވާނެ.


އަޅުގަނޑުމެންގެ ރާއްޖޭގައި މިއޮތީ ޑިމޮކްރަސީއެއް. އަޅުގަނޑުމެންގެ ރާއްޖޭގައި މިއޮތް ޑިމޮކްރަސީ، އެކި މީހުންނަށް އެކިފަހަރު އެކިގޮތްތައް ފަހުމްވެގެންދަނީ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލާނަން، ހިންނަވަރުގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް، އަދި އަޅުގަނޑުގެ މި ބަސްކޮޅު ރާއްޖޭގެ އެކި ހިސާބުން އައްސަވަމުން، ބައްލަވަމުން ގެންދަވާ ހުރިހާ ދިވެހި ރައްޔިތުންނަށްވެސް، އިޚްލާޞްތެރިކަމާއެކީ ވާހަކައެއް ދަންނަވާލާނަން.


އަޅުގަނޑުމެންގެ ތެރޭގައި ސިޔާސީ ލީޑަރުންނަކީ، ޝައްކެއްވެސްނެތްގޮތުގައި، ވަރަށް އިޙްތިރާމް ލިބިގެންވާ، އަދި އަޅުގަނޑުމެންނަށް ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައި ތިއްބެވި ބޭފުޅުން. އެތަނުން ވަކި ބޭފުޅަކު މޮޅު، ވަކި ބޭފުޅަކު އެއަށްވުރެން ދެރަ، މިހެން ދަންނަވާކަށް އަޅުގަނޑުނެތީން. އެކަމަކު މައްސަލައަކަށް މިވަނީ އެއް މައްސަލައެއްގައި މިދެންނެވި ފެންވަރުގެ، މިދެންނެވި ގިންތީގެ ބޭފުޅުންގެ ވާހަކަފުޅު އެހާ ތަފާތުވެގެންދާތީ. އެހެންވީމާ، ރައްޔިތުންނަކަށް ފަސޭހައެއްނޫން މިތަނުން ރަނގަޅަށް ވާހަކަ ދައްކަނީ ކާކުތޯ ބަލާކަށް. އަދި މި މައްސަލައަކީ، ފައިސަލާކުރާކަށް ޝަރުޢީ ކޯޓަކަށް ވައްދައިގެން ގޮތެއް ނިންމޭވަރުގެ މައްސަލައަކަށްވެސް ނުވޭ. އެހެންނަމަވެސް، ރައްޔިތުންނަށްވެސް ﷲ ދެއްވާފައި އޮތް ހެޔޮ ބުއްދީގެ ނިޢުމަތުގެ ބޭނުން ރައްޔިތުން ވޯޓުލާ ދުވަހު، ނޫނީ ރައްޔިތުންގެ ކަންކަން ނިންމާދުވަހު އެބަ ބޭނުންކުރަންޖެހޭ.


އެހެންވީމާ، ޢާންމުގޮތެއްގައި މިކަހަލަ ކަންކަމަށް ވަރަށް ފަސޭހަ ކުރު މަގުތަކެއް، ޝޯޓްކަޓްތަކެއް ހުންނާނެ. އެހެންވީމާ، އަޅުގަނޑު ތިޔަބޭފުޅުންނަށް ކޮންމެވެސްވަރެއްގެ ހަދިޔާއެއް ކުރާނަން، ތިޔަބޭފުޅުންގެ ޚިޔާލަށް ދޫކޮށްލާނަން. އަޅުގަނޑު މާގިނަ ތަފުސީލުތަކެއް މީގައި ނުދަންނަވާނަން، ހަމަ މަލްޓިޕްލް ޗޮއިސް ސުވާލުތަކުގެ ޖަވާބު ލިޔެފައި ހުންނާނެ، އެތައް ޖަވާބެއް. އޭގެތެރެއިން ރަނގަޅު ޖަވާބެއް އިޚްތިޔާރުކޮށްލުންހާ ފަސޭހަކަމެއްގެ ގޮތަށް އަޅުގަނޑު ދެތިން ވާހަކައެއް ދަންނަވާލާނަން، މި ބޭފުޅުން ދައްކަވާ ވާހަކައާ ބެހޭގޮތުން.


އެންމެފުރަތަމަ ކަމަކަށް، އެންމެ ފުރަތަމަ ކަމަކަށް، އަޅުގަނޑުމެންގެ ލީޑަރުންނާއި، އަޅުގަނޑުމެންނަށް ހެޔޮއެދޭ މީހުން އިޚްތިޔާރު ކުރުމުގައި އަޅުގަނޑުމެން ބަލައިލާންޖެހޭ ކަމެއް ދަންނަވާނަން.


އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ، އިސްލާމް ދައުލަތެއް. އިސްލާމީ ރީތި ސިފަތަކުން ޒީނަތްތެރިކުރަން ބޭނުންވާ ވެށްޓެއް އޮތް ދައުލަތެއް. އެހެންވީމާ، ދެކެވޭ ވާހަކައާ، ވާހަކަ ދައްކާ މީހުންގެ ބެކްގްރައުންޑް މާޒީއަށް ބަލައިލާފައި އަޅުގަނޑުމެން އެބަ ނިންމަންޖެހޭ، މީނާ މިދައްކާ ވާހަކައިން އަޅުގަނޑުމެން މިތިބަ މިޞްރާބުގައި، ނޫނީ އަޅުގަނޑުމެން މިތިބަ ޢަޤީދާ މަތީގައި ތިބުމުގެ ސާބިތުކަން ކިހާވަރަކަށް ގެނެސްދޭނެތޯ؟ މީ ވަރަށް ފަސޭހަ ސުވާލެއް ނޫންތޯ؟ އަޅުގަނޑުމެން ކޮންމެ ސިޔާސީ މީހަކީ، އަޅުގަނޑުމެންގެ ފަތިފުށެއް އަދި އަޅުގަނޑުމެންގެ ތާރީޚެއް، އަޅުގަނޑުމެންގެ ބެކްގްރައުންޑެއް އޮތް މީހެއް. އަޅުގަނޑުމެންނަކީ، ޕްލެނެޓް މާސްއިން އައިސްގެންއުޅޭ، ދިވެހިރާއްޖެއަށް ހިޖުރަކޮށްގެންއުޅޭ ބައެއް ނޫން. އަޅުގަނޑުމެންނަކީ ތިޔަބޭފުޅުންނާ އެކުގައި ހަމަ އަޅުގަނޑުމެން ރަށްރަށުގައި ތިޔަބޭފުޅުންނާއެކީ، ދުނިޔެއަށް އައިސް އަދި ދުނިޔޭގެ އަލިކަންދެކި، އަޅުގަނޑުމެންގެ ޙަޔާތުގެ މިދުވަސްތައް ހޭދަކުރަމުންދާ މީހުން. އެހެންވީމާ، އަޅުގަނޑުމެންނަކީ، އެއްވެސް ގޮތަކަށް އެހެން ޕްލެނެޓަކުން އައިސްގެންއުޅޭ ބައެއްނޫން. އެހެންވީމާ، ވަރަށް ފަސޭހަވާނެ، ކޮންމެ މީހެއްގެ ބެކްގްރައުންޑް މުޠާލިޢާކޮށްލަން. ކޮންމެ މީހެއްގެ ބެކްގްރައުންޑް، އޭނާގެ މާޒީން އެކަން ދެނެގަންނަން ވަރަށް ފަސޭހަވާނެ.


އެހެންވީމާ، އިސްލާމީ މުޖުތަމަޢެއްގައި، އަޅުގަނޑުމެން އިސްލާމީ މުޖުތަމަޢެއްގައި އިސްލާމީ ޢަޤީދާ މަތީގައި ދެމިތިބެން ބޭނުންވާކަމަށްވަންޏާ، ފުރަތަމަ ސުވާލުން ފެއިލްވާނެ ލީޑަރުން އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވިކަން ތިޔަބޭފުޅުން މިއަދު ކަށަވަރު ކުރައްވާ. އެހެންވީމާ، ވަރަށް ފަސޭހަ، އެތައްބައިވަރު ބަޔަކު، އެތައް ބައިވަރު ބަޔަކު ކަމަކާ ކުރިމަތިލައިފިކަމަށްވަންޏާ، އެތަނުން އެންމެ ރަނގަޅު މީހަކު ހޮވުމަށް. އިންތިޚާބުތަކުގައިވެސް މިވާގޮތަކީ، ރަން އޮފް މި ހުންނަނީ ފުރަތަމަ ބުރުން ނަތީޖާއާ ހަމައަށް ނުދެވިއްޖިއްޔާ ދެވަނަ ބުރު، ތިންވަނަ ބުރު، ހަތަރުވަނަ ބުރުން 2013 ވަނަ އަހަރު ﷲ ގެ ރަޙްމަތާއެކީ، ރައްޔިތުންގެ މަސައްކަތްޕުޅުން އަޅުގަނޑަށް މި ފުރުޞަތު ދެއްވީ.


އިންތިޚާބުގައިވެސް މި އޮންނަނީ ރަން އޮފްތަކެއް އެލިމިނޭޝަންތަކެއް. އެއީ، ޗޮއިސް ގިނަވެއްޖެކަމަށްވަންޏާ ޗޮއިސް ގިނަވެއްޖެކަމަށްވަންޏާ، އެންމެ ރަނގަޅު އަމާޒަކާ ހަމައަށް އަންނާނީ، ޗޮއިސް ކުޑަކުރަމުން، ކުޑަކުރަމުން، ހަނިކުރަމުންގޮސްފައި ދެ މީހަކާ ހަމައަށް އައިމައި، ދެން އެކަކަށް ވޯޓުދޭނީ، އަނެކަކަށް ވޯޓު ނުދޭނީ. 4 މީހުންނާ ހަމައިގައި މިކަން ވާނެގޮތެއް ނޯވޭ. އެހެންވީމާ، މިކަހަލަ ކަންކަމުގައި އެންމެފަސޭހަގޮތަކީ ބައި ވޭ އޮފް އެލިމިނޭޝަން. އެހެންވީމާ، ސިޔާސީ ލީޑަރުން އެބަ އެލިމިނޭޓް ވާންޖެހޭ. އެހެންވީމާ، ތިޔަބޭފުޅުންނަށް އަޅުގަނޑު މިދެންނެވީ ފުރަތަމަ ޝޯޓްކަޓް ފޯމިއުލަރ. އަޅުގަނޑުމެންނަކީ، އިސްލާމީ ވެށްޓެއް އޮވެ އިސްލާމީ ޢަޤީދާގެ މަތީގައި އަޅުގަނޑުމެންގެ ދިރިއުޅުމާއި، އަޅުގަނޑުމެންގެ ޒުވާން ޖީލު ތަރުބިޔަތުކުރަން ބޭނުންވާ ބައެއް ކަމުގައި އެބަވަމު. އެހެންވީމާ، ފުރަތަމަ ސުވާލަކަށްވާންވާނީ، މިވާހަކަ ދައްކާ މީހުންގެ ތެރޭގައި މި ސިފަހުރީ، ސިފަހުރި މިންވަރު، ނޫނީ އަމުދުން މި ސިފަ ގެއްލިގެންގޮސްފައި ތިބި ލީޑަރުން އެބަތިބިތޯ؟ އެކަހަލަ ލީޑަރަކު ހުންނެވިކަމަށްވަންޏާ ލީޑަރުގެ ނަން އައުމުގެ ކުރިން ރަސްގެ ޖަހަންވީ. ނޫނެކޭ ބުނަންވީ. އޭރަށް އެއް ލީޑަރު މަދުވީ.


ދެވަނަ ޝޯޓްކަޓަކީ، ފޯމިއުލަރގެ ދެވަނަ ޝޯޓްކަޓަކީ، ސިޔާސީ މީހުން ވަރަށްމޮޅު ވާހަކަ ދައްކާނެ. މިއަދު މިއީ، ދުނިޔޭގެ ހުރިހާ ކަރަކަރައެއްގައި ހިނގާ ވާހަކަ ދާދި ފަސޭހައިން އަޅުގަނޑުމެންގެ މޭޒުމައްޗާ ހަމައަށް ޑައުންލޯޑުކޮށްލެވޭ ޒަމާން. އެހެންވީމާ، ސިޔާސީ މުޝީރުން، ސިޔާސީ މޮޅުމީހުން، ވާހަކަ ދެއްކުމުގެ މޮޅު މީހުންގެ ހުނަރުތައް ދާދި ފަސޭހައިން އަޅުގަނޑުމެންނާ ބައްދަލުކޮށްލެވޭނެ ފުރުޞަތު މިއަދު ދުނިޔޭގައި ތަނަވަސްވެފައި މިއޮތީ. އެހެންވީމާ، ވަރަށްމޮޅު ވާހަކަ، ވަރަށް މޮޅު ކަންތައްތަކުގެ ވާހަކަ، ރާއްޖޭގައި ކުރެވެންހުރި ކަންތައްތަކުގެ ވާހަކަ އަޅުގަނޑުމެންނަށް ކިޔައިދެވޭނެ.


މިގޮތަށް ވާހަކަތަކެއް ދެއްކެވީމާ، އަޅުގަނޑުގެ ދެވަނަ ފޯމިއުލަރ މި ދަންނަވާލަނީ، ތިޔަބޭފުޅުން ހިތާހިތާކޮށްލައްވަންވީ ސުވާލަކީ، އަދި ޖޯލިފަތީގައާއި ހޮޅުއަށިތަކުގައި ދައްކަވަންވީ ވާހަކައަކީ، މިވެނި މީހަކު މިވެނިކަހަލަ ވާހަކައެއް ދައްކައިފިއޭ. ރައީސް ޔާމީންވެސް ސްޕޭސްއަށް ދާ ވާހަކަ ދައްކައިފިއްޔާ، ޖައްވަށް ދަތުރުކުރާ ވާހަކަ ދައްކައިފިކަމަށްވަންޏާ، ރައީސް ޔާމީންގެ ސިކުނޑިގައި މިހާރުވެސް އުނިކަމެއް އުޅޭ. އެކަމަކު އޭރުން ދެން އަނބުރާ އިޢާދަނުކުރެވޭވަރަށް ސިކުނޑި ގޯސްކަމަށް ނިންމަންވާނީ. އެހެންވީމާ، ދިވެހިރައްޔިތުން މިއަދު މި ދައްކަނީ، މިކަހަލަ ބޮޑެތި ރަށްރަށުގައިވެސް ނަރުދަމާއާއި ފެނާއި ރައްކާތެރި ނިޒާމުތައް ނެތިގެން އެ ވާހަކަ. ރަށްރަށަށް ދިމާވާ ޤުދުރަތީ ބޮޑެތި ކާރިސާތަކުން ރައްކާތެރިކަމާއި ޙިމާޔަތާއި ދިފާޢުނެތިގެން ތޮށިލާ ވާހަކަ މި ދައްކަނީ.


އެހެންވީމާ، މިކަންކަން ކުރުމަކީ، އަޅުގަނޑުމެންގެ އަސާސީ ޙައްޤުތަކާއި ރައްޔިތުންގެ އެންމެ އަސާސީ އުންމީދުތައް ފޫބައްދައިދޭން ސަރުކާރުން ކުރަންޖެހޭ ކަމަކަށްވާއިރު، ރައީސް ޔާމީންވެސް، ނާސާ ދަތުރުކުރާ ފަދައިން، ނޫނީ ނާސާގެ އުޅަނދުފަހަރު ދަތުރުކުރާ ފަދައިން ސްޕޭސަށްދާ ވާހަކަ ދައްކައިގެން މިދެންނެވީ، ޚިޔާލުގައި ނުކުރެވޭވަރުގެ މޮޅު ވާހަކަ ދައްކައިފިކަމަށްވަންޏާ އެހިސާބުން ގަބޫލުކުރަންވާނެ، މިއުޅެނީ އަދި އެހެން ދުނިޔެއަކުން އައިސްއުޅޭ އޭލިއަނެއްކަން. މުޅިން އެހެން ޖައްވަކުން އައިސްގެންއުޅޭ އޭލިއަނެއް މިއުޅެނީ. އެހެންވީމާ، އެކަހަލަ ވާހަކަ ދައްކާ މީހަކު ވެއްޖިއްޔާ އެއީ، ހަމަ އަނެއްކާވެސް ވޯޓު ފޮށީގައި ނޫނީ ވޯޓުކަރުދާސްކޮޅުގައި ނަންއޮތުމުގެ ކުރިން ރަސްގެލައްވަން އެބަޖެހޭ. އޭނާ ދައްކާ މޮޅު ވާހަކައަކީ، ދިވެހި ވެށްޓަށްފެތޭ ވާހަކަ ކަމަށްވާންޖެހޭނެ. އަދި އޭނާގެ ތިންވަނަ ކަމަކަށް އޮންނާނީ، އޭނާ އެ ދައްކާ ވާހަކަ ޢަމަލީގޮތުން އިމްޕްލިމެންޓް ކުރެވޭވަރުގެ، ތަންފީޒުކުރެވޭވަރުގެ ތަޖުރިބާއަކާއި ޢިލްމަކާއި ހުނަރުވެރިކަންހުރި މީހެއްތޯ، އެ ބަލާލަންޖެހޭނެ. ހަމަ ވަރަށް ސާދާ ތިންކަމެއް މިދަންނަވާލީ. އެހެންވީމާ، މޮޅު ވާހަކަތައް އަޅުގަނޑުމެން ދައްކާއިރު، ދިވެހިރާއްޖޭގެ ވެށްޓަށް ކިހާވަރަކަށް އެ ވާހަކަތައް ބޭނުންތޯ ނޫނީ، އެއަށްވުރެން އިސްކަންދޭކަންކަން ހުރިތޯ، ނެތްތޯ ބަލައިލަންޖެހޭނެ.


އެހެންވީމާ، އަޅުގަނޑުމެން ވާހަކަ ދައްކާއިރު، މިކަހަލަ ބޮޑެތި ވާހަކަ ދައްކާފައި، ފެނާއި ނަރުދަމާގެ މަތިން އަޅުގަނޑުމެން ހަނދާންނެތިފައި ޒުވާނުންނަށް ފުޓްސަލް ދަނޑުތަކާއި ޒުވާނުންނަށް ބޭނުންވާ ކަންކަމުގެ މަތިން އަމުދުން ހަނދާންނެތިފައި، އަޅުގަނޑުމެން ރާއްޖެއިން ބޭރަށް ދަތުރުކުރަންޖެހޭ އާއިލާތަކަށް ފަސޭހަކޮށްދިނުމަށްޓަކައި ޞިއްޙީ ދާއިރާ ތަރައްޤީކުރާނެ ވާހަކަ ދެއްކުމުގެ ބަދަލުގައި، އެއަށްވުރެން މޮޅު ވާހަކަ، އެއަށްވުރެން އިނޮވޭޓިވް ވެގެންގޮސް ދިވެހިރާއްޖޭގެ މުއްސަނދިކަންހުރި މިންވަރުން ދެ ރިޒޯޓަކާއި ލެޕްޓޮޕަކާ ހިފާލައިގެން ރާއްޖެއަށް ބޭނުންވާ ހުރިހާ ވަސީލަތެއް ރައްޔިތުން ބޭނުންވާ މިންވަރަކަށް ފުރިހަމަ ކޮށްދެވޭނެކަމަށް ވާހަކަދައްކާކަމަށްވަންޏާ، މިދެންނެވިކަހަލަ ވާހަކަ އަޅުގަނޑު މިދެންނެވީ. މިއީ ނުބައްދަލުވާހަކަ. މިކަހަލަ ވާހަކަ ދައްކާކަމަށްވަންޏާ، އޭގެ މާނައަކީ ދާންވާ ހިސާބާއި ޓެންޖެންޝަލީ، ދިމާ އިދިކޮޅަށް އެ ދެވެނީ. މުޅިން ދުރަށް އެ ދެވެނީ. ވަށްބުރުގެ އެތެރެއަށް އަޅުގަނޑުމެން ވަންނަންޖެހޭނެ ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދޭން. އަބަދުވެސް ވަށްބުރުގައި ޓަޗްކުރާ ސީދާ ރޮނގަކީ ޓެންޖެންޓޭ މިކިޔަނީ. އެހެންވީމާ، ޓެންޖެންޝަލްކޮށް އޭނާއަށް އެ މަސައްކަތް ކުރެވެނީ.


އެހެންވީމާ، މިޞްރާބާ ހަމައަށްދިޔުމުގެ ޚިޔާލުވެސް، ފިކުރުވެސް، ވިސްނުންވެސް ނުވެސްނެތީ. ވަރަށް އާދައިގެ ތިން ކަންތައް މި ދެންނެވީ. އެއީ، މި މައްސަލައަކީ، ސުޕްރީމް ކޯޓަށް ފޮނުވައިގެން އެއަށްގޮތެއް ނިންމޭ މައްސަލައެއްނޫން. އަދި އަޅުގަނޑުމެންގެ މުޖުތަމަޢުގައި މި ހިމެނިވަޑައިގަންނަވާ ސިޔާސީ ލީޑަރުންނަށް ބަލައިފިކަމަށްވަންޏާ ތަޖުރިބާއާއި ޢިލްމީ ޤާބިލުކަންހުރި، ވަރަށްވަރުގަދަ ބޭފުޅުންކޮޅެއް މިއުޅުއްވަނީ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް، ރައްޔިތުންނަށް އެންމެފަސޭހައިން މި ބޭބޭފުޅުންގެ މެނިފެސްޓޯއާއި މި ބޭފުޅުން ރައްޔިތުންނާ ގުޅުންހުރި މިންވަރަކާއި، ރައްޔިތުންގެ ޢާންމު ހާލަތު ކިހާވަރަކަށްތޯ މި ބޭފުޅުންނަށް ދެނެގެނެވެނީ، އެކަންކަން އެނގޭނީ އެ ބޭފުޅުން ދައްކަވާ ވާހަކަފުޅުން. އެ ބޭފުޅުން މީގެކުރީގައި ކުރައްވާފައިހުރި ކަންކަމުން. ވަރަށް ސާދާ ތިންކަމެއް މިދަންނަވާލީ. މި ތިން ކަންތަކުގެ ތެރެއިން އެންމެކަމެއްގައި ރަނގަޅު ފާހަގަޖެހުން، ޓިކްޖެހުން ފެއިލްވެއްޖެކަމަށްވިޔަސް، ނުބައި ފާހަގަ ޖެހިއްޖެކަމަށްވިޔަސް ގަބޫލުކުރައްވާ! އެކަހަލަ ވެރިއަކު އަޅުގަނޑުމެންނަކާ ނުގުޅޭނެ. އެއީ، އަޅުގަނޑުމެންގެ ޠަބީޢަތާއި، އަޅުގަނޑުމެންގެ ވެށްޓާއި، އަޅުގަނޑުމެންގެ އާދަކާދަތަކާއި، ދިވެހިވަންތަ ސިފަތަކާއި، އިސްލާމީ ރީތި ސިފަތައް އަޅުގަނޑުމެންނާ ބީރައްޓެހި ކުރުވާވަރުގެ ބޭފުޅަކަށްވާނެ، މިދެންނެވިގޮތަށް އިޢުތިޤާދުގެ ބަލިކަށިކަން ހުންނެވި ބޭފުޅަކު، މިކަންކަމާ ކުރިމަތިލައްވަންޏާ. އެހެންވީމާ، އެކަހަލަ ބޭފުޅުން ވަޑައިގެންފި ކަމަށްވަންޏާ، އަޅުގަނޑުމެން، މުސްލިމް މުޖުތަމަޢެއްގައި ސަތޭކައިންސަތޭކަ މުސްލިމް މުޖުތަމަޢެއްގައި، އަބަދުވެސް އެކަހަލަ ބޭފުޅަކަށް ފުރުޞަތު އޮންނާނެ، ދަންނަބޭކަލުންކުރެން އަހައިލުން، މިރަށުގައި އަހަރެމެންގެ އިސްލާމީ މުޖުތަމަޢުގައި ފައްޅި އަޅައިލައިގެން އަދި އަޅުކަންކުރަން ހުއްދަދިނުމަކީ އިސްލާމް ދީނާ ކިހާ ތަޢާރުޒުވާކަމެއްތޯ؟ އެހެންވީމާ، އެކަހަލަ ޚިޔާލު އެ އަންނަނީ މިދެންނެވި ގޮތަށް، އަޅުގަނޑުމެންގެ ދީނާއި ޢަޤީދާއާ ބީރައްޓެހި ބޭބޭފުޅުން މިކަހަލަ ކަންކަމާ ކުރިމަތިލެއްވީމާ. އެހެންވީމާ، އެލިމިނޭޝަންގެ ފުރަތަމަ ސުވާލެއް މި ދަންނަވާލީ. ދެވަނަ ކަމަކީ ނުބައްދަލު ވާހަކަދެއްކުން. ތިންވަނަ ކަމަކީ، އެ ދައްކާ ވާހަކަ ޑެލިވަރ ކުރުމުގެ ކެޕޭސިޓީ، އޭނާގެ ޢިލްމާއި ތަޖުރިބާއިން ހުރި ބޭފުޅެއްގެ ވާހަކަތޯ؟ އެހެންވީމާ، މި ތިން ކަންތަކުން ތިޔަބޭފުޅުން ފާހަގަޖައްސަވައިލެއްވީމަ، ސިޔާސީ މޫސުމެއްގައި ވޯޓު ފޮށްޓާ ހަމައަށްދާންވާއިރަށް ތިޔަބޭފުޅުންގެ މަސައްކަތްޕުޅު ވަރަށް ލުއިވެގެން އެދިޔައީ. ފަސޭހަވެގެން މިދިޔައީ.


އަޅުގަނޑުގެ ވާހަކަ މިހާރުވެސް ދިގުވެއްޖެކަންނޭނގެ. އެހެންނަމަވެސް، ހިންނަވަރަށް ޒިޔާރަތްކުރުމުގެ ޝައުޤުވެރިކަން އަޅުގަނޑުގެ އޮތަތީވެ، އަޅުގަނޑު ހިތަށްއަރަނީ މިއަދު އަދި އިތުރު ވާހަކަކޮޅެއް ދައްކާލާނަމޭ. އަޅުގަނޑުގެ ވާހަކަ ކުރިއަށްގެންދަމުން، އެންމެފުރަތަމަ ތިޔަބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން ބޭނުންވަނީ، އަޅުގަނޑު މި ރަށަށްކުރި ޒިޔާރަތުގައި، ތިޔަބޭފުޅުންގެ ހިތްޕުޅުގެ ޝުޢޫރުތަކާއެކީ އަޅުގަނޑުމެންނަށް ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ފަށްފަށުން ތިޔަ އެންމެ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދެންނެވުން. އަދި ހަމަ އެހެންމެ އަޅުގަނޑުމެން މިރަށަށް ޒިޔާރަތް ކުރާތީ، ޒުވާން ޓީމެއް ނުކުމެ، ވަރަށްބުރަ ތަކުލީފުތަކެއް އުފުއްލަވައިފީމު. އެކިގޮތްގޮތަށް މި ރަށް ޒީނަތްތެރިކުރުމުގެ މަސައްކަތެއް ކުރައްވައިފީމު. ހުރިހާ ކަންތައްތައް ވަރަށް އިޚްލާޞްތެރިކަމާއެކީ އަޅުގަނޑު ބަލައިގަންނަން. ހަމައެއާއެކީ އެކަމަށްޓަކައި ތިޔަ އެންމެ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އެކަމަކުވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މިހެންކުރާ ޒިޔާރަތްތަކުގައި މިއަންނަނީ ރައްޔިތުންގެ އުފަލުގައި ބައިވެރިވާށޭ. އޭގެކުރިން އެހާ ބޮޑެތި ތަކުލީފުތައް ކޮންމެހެން އުފުއްލެވުން އެހާ މުހިންމެއްނޫންކަންނޭނގެއޭ. އަޅުގަނޑުމެންނާ ތިޔަބޭފުޅުންނާ ބައްދަލުވެ، އަޅުގަނޑަށް އެންމެ އުފާވެރިކަމެއް ލިބޭކަމީ، ޙަޤީޤަތުގައި ހިތުގެ އިޚްލާޞްތެރިކަމާއެކީ ލޯބި. ހިތުގެ އިޚްލާޞްތެރިކަމާއެކީ ލޯބިއޮތްކަން ދައްކަވައިދެއްވޭނީ ޙަޤީޤަތުގައި ބެނާތައް ހުރީމާ އުފާވޭ. އުފާނުވާ ވާހަކައެއްނޫން. މަސައްކަތްޕުޅު ކުރައްވައި ތިޔަބޭފުޅުންގެ ކޮމިޓްމަންޓާއި ޢަޒުމު އޮތްގޮތް ދެއްކެވީމަ އުފާވޭ. އެހެންނަމަވެސް، އާޚިރުގައި، އާޚިރުގައި މިކަންކަން ވޯޓާއި، ހިތުގެ ހަމްދަރުދީއާއި، ރުހުމާއި، ތާއީދާ ބަދަލުވެގެންދާނީ، މިދެންނެވި ގޮތަށް މިކަހަލަ ހޯލެއްގައި ޒީނަތްތެރިކަމާއެކީ ފިޔާތޮށި ބުރުގާތަކުން މިތަން ފޮރުވިގެންދާވަރަށް ބޭފުޅުން ވަޑައިގެން ޖަމާވީމާ. އެހެންވީމާ، މިއަދު އެކަމަށްޓަކައި ތިޔަ އެންމެ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ހަމަ ޝުކުރު ދަންނަވަން.


އަޅުގަނޑުގެ ވާހަކައިގައި ޝުކުރުގެ ދެވަނަ ނަންބަރަކަށްދާއިރު، ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވާލާނަން، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ދެ ބޭފުޅުންނަށް، ޢަބްދުﷲ ނާޒިމް އިބްރާހީމް ވަރަށް އިޚްލާޞްތެރި ހެޔޮ ބަސްތަކެއް އަޅުގަނޑަށް ހަދިޔާ ކުރައްވައިފި. އެކަމަށްޓަކައި އެމަނިކުފާނަށް ވަރަށް ޝުކުރު ދަންނަވަން. އަދި ހަމަ އެހެންމެ، މިއަދުގެ މި މަސައްކަތުގައި އެންމެ ޢަމަލީ މަސައްކަތެއް ކޮށްދެއްވި، ރާއްޖޭގެ ރައްޔިތުންނަށް އެންމެ އަސާސީގޮތުން ބޭނުންވެފައި މިއޮންނަ ދެ ޚިދްމަތެއް، ފޫހިކަމެއްނެތި، ވަރުބަލިކަމެއްނެތި ވަރަށް އީޖާބީ އުކުޅުތައް ބޭނުންކުރައްވައިގެން، މި މަސައްކަތް ރައްޔިތުންނާ ހަމައަށް ގެނެސްދެއްވަނީ، އަޅުގަނޑުމެންގެ އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤު އިބްރާހީމް. އެމަނިކުފާނަށާއި އެމަނިކުފާނުގެ ޓީމުގެ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ މަރުޙަބާ ދަންނަވަން. ރައްޔިތުންނަށް ބޭނުންތެރި މިކަހަލަ ޚިދްމަތް ގެނެސްދެއްވުމުގައި އަވަދިނެތި އަދި ހަމަ އެހެންމެ ފޫހިކަމެއްނެތި މުރާލިކަމާއެކީ މަސައްކަތް ކުރައްވާތީއާއި، އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި އަޅުގަނޑާ ދޭތެރޭގައި ހަމަ ވަރަށްގާތް ބަސްތަކަކުން ހަދިޔާކުރައްވާފައިވާތީ.


އާދެ، އަޅުގަނޑުމެން މި މޫސުމާ ބައްދަލުކުރާއިރު އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންޖެހޭ ބައެއް ކަންކަން އެބަހުރި. އަޅުގަނޑުމެންގެ އާބާދީއަކީ، ވަރަށް ޒުވާން އާބާދީއެއް. އާބާދީ ޒުވާންވީމާ، އެއީ ވަރަށްބޮޑު ޕްރޮމިސްތަކެއް، ނޫނީ ވަރަށް އުޖާލާ މުސްތަޤްބަލެއް އޮތްކަން އަޅުގަނޑުމެންނަށް ދައްކައިދޭ ކަމެއް. މުސްތަޤްބަލު އުޖާލާވެގެން މިދަނީ، އެއްގޮތަކަށްވެސް ދޮށީ ރައްޔިތުން، ނޫނީ އިސް ރަށްވެހިން ޚިދްމަތްކުރައްވާފައި ތިއްބެވީމާ، އެބޭފުޅުންގެ ޚިދުމަތުގެ މަތިން ހަނދާންނެތޭ ވާހަކަ ދަންނަވާކަށެއްނޫން.


ޝައްކެއްވެސްނެތްގޮތުގައި، އެއީ އަޅުގަނޑުމެން ދަރަނިއަދާނުކުރެވޭވަރުގެ ބޮޑެތި ޚިދުމަތްތަކެއް ކޮންމެ ވެށްޓަކަށް، ކޮންމެ ރަށަކަށް ކޮށްދެއްވާފައި ތިއްބެވި ބޭފުޅުން. އެބޭފުޅުންނަށް އަބަދުވެސް އަޅުގަނޑުމެން ޝުކުރުކުރާނަން. އެހެންނަމަވެސް، އާބާދީ ޒުވާންވީމާ، އޭގައި ލިބޭ ރަނގަޅު މަންފާތަކެއް ބައިވަރު. ފުރަތަމަ ކަމަކީ، މީހުންގެ އިންތިޒާރުތައް، އުއްމީދުތައް އިތުރުވެގެންދިޔުން. އުންމީދުތައް އިތުރުވެގެންދާއިރު، މިއަދު މިއައި ފެނުގެ ޚިދުމަތަށް ބަލާކަމަށްވަންޏާ، ދެންމެ ޠާރިޤުގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތަށް، މިތަނަށް މި އައިސްފައި މިއޮތީ، ގުޅިފައިއޮތް ޕެކެޖްޑް އިންޓަރގްރޭޓެޑް ސިސްޓަމެއް. މިއީ، ހަމައެކަނި ޑީސެލިނޭޝަން ފެން އުފައްދައިގެން ގޭގެއަށް ފެން ފޯރުކޮށްދެނީކީނޫން. ވާރޭފެން ތާނގީ ބެހެއްޓިފައި އެބަހުރި. އަދި ވާރޭފެން ޓްރީޓް ކުރެވެން އެބަހުރި. ޓްރީޓްކުރާ ލެބެއް އެބަހުރި. އަދި މިކަމަށް ތަމްރީނު ކުރާނެ މީހުން މިވަނީ ޔޫ.އެސް.އޭ.އައި.ޑީ.ގެ މި ޕެކެޖުގެ ތެރެއިން އުފައްދައިދީފައި. އެހެންވީމާ، އިޚްލާޞްތެރިކަމާއެކީގައި އެމެރިކާ ރައްޔިތުންގެ ފަރާތުން އަޅުގަނޑުމެން ކަހަލަ ކުދިކުދި ދައުލަތްތަކަށް މި ދެއްވާ އެހީއަށް ފަށްފަށުން ޝުކުރު ދަންނަވަން. ހަމައެހެންމެ، ޔުނޮޕްސްއަށްވެސް ހަމަ އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހިންނަވަރުގެ ރައްޔިތުންގެ ފަރާތުން، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ ފަރާތުން. އަދި ޔޫ.އެސް.އޭ.އައި.ޑީ.އަށް ޝުކުރު އަދާކުރާއިރު، އަޅުގަނޑު މި ފިޔަވަޅުމަތީގައި ހުންނައިރު، ހަމަ ޔޫ.އެސް.އޭ.އައި.ޑީ.އަށް ޝުކުރު އަދާކުރަންޖެހޭ ދެވަނަ ކަމެއްވެސް އެބައޮތް. އަޅުގަނޑަށް ޒާތީ އަމިއްލަ ވަރަށްގާތް ކަމެއް އެއީ. އަޅުގަނޑުގެ މަތީ ތަޢުލީމު މުޅިން ސްޕޮންސަރ ކޮށްދެއްވާފައި އޮތީ ޔޫ.އެސް.އޭ.އައި.ޑީ.ގެ ފަރާތުން. އެހެންވީމާ، އެކަމަށްޓަކައިވެސް ޔޫ.އެސް.އޭ.އައި.ޑީ.އަށް އެމެރިކާ ސަރުކާރަށް، ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.


ޒުވާނުންނާއެކީ އަޅުގަނޑުމެންގެ ޤައުމު އާރާސްތު ކުރަން ވިސްނާއިރު، ޒުވާނުންގެ ހަކަތައަކީ، ޝައްކެއްވެސްނެތްގޮތުގައި، ދެވަނަ ކަންތައް އަޅުގަނޑުމެންގެ އުފާވެރި މުޖުތަމަޢެއް ބިނާކުރުމުގައި. ފުރަތަމަކަމަކީ، ފޮނި އުއްމީދުތައް، އިންތިޒާރުތައް. އެމީހުންނަކީ، ދުނިޔޭގައި ހިނގާ ކަންކަން، އެކިހިސާބުގައި ހިނގާ ކަންކަން ދިރާސާކުރާ ބައެއް، ދެނެގަންނަ ބައެއް. އެހެންވީމާ، ރާއްޖޭގައި ކަންކަން އަންނަންޖެހޭ މިންވަރު، ނޫނީ ޚިދުމަތް ލިބޭންޖެހޭ މިންވަރު، ރައްޔިތުންނަށް ސަރުކާރުން ކަންތައްތައް ކޮށްދޭންޖެހޭ މިންވަރުގެ ބާރ އެސްޓެބްލިޝްކުރާ ބަޔަކީ، ނޫނީ ހަރުފަތް ކަނޑައަޅައިދޭ ބަޔަކަށް މިވަނީ ޒުވާނުން. ޒުވާނުންގެ ރިސަރޗް، ޒުވާނުން ތަންތަނަށް ދަތުރުކޮށްގެން، ޒުވާނުން ނެޓް ސަރޗްކޮށްގެން، މި ލިބޭ މަޢުލޫމާތުގެ އަލީގައި ޒުވާނުން ރާއްޖެ ތަރައްޤީކުރަން ބޭނުންވާ ވިސްނުމާއި ތަޞައްވުރެއް އެކަށައެޅިގެން މި އަންނަނީ. އަޅުގަނޑުމެން ލީޑަރުންގެ ހަކަތަ ހުރެއްޖެ ކަމަށްވަންޏާ މިޖެހެނީ ރައްޔިތުންގެ މި އުއްމީދުތައް ފުރިހަމަކޮށްދެވޭތޯ މަސައްކަތްކުރަން.


ޒުވާނުންގެ ދެވަނަ ކަމަކަށް މިވަނީ، ޒުވާނުންނަކީ ހުރިހާ މަސައްކަތެއް ކުރުމުގެ ހަކަތަ. އަޅުގަނޑުމެން ހަނދާން ކުރަންވާނެ، ހިންނަވަރަކީވެސް މަސްވެރި ރަށެއް. ނައިފަރަކީވެސް މަސްވެރި ރަށެއް. ޒުވާން މަސްވެރިން މިހާރު އަޅުގަނޑުމެންގެ ކަނޑުތަކުގައި ގިނަ ވަގުތު އެ ހޭދަކުރަނީ. އެހެންވީމާ، ޒުވާނުންގެ ހަކަތަ ފެށިގެން މި އަންނަނީ، އަޅުގަނޑުމެންނަށް ބޭނުންވާ ހުރިހާ ފައިސާއެއް ހޯދުމުގައި. އަޅުގަނޑުމެންގެ ރާއްޖޭގެ އެންމެބޮޑު ޞިނާޢަތަކަށް މިއަދު މިވަނީ ފަތުރުވެރިކަން ބަދަލުވެގެން ގޮސްފައި. ފަތުރުވެރިކަމުގައިވެސް މަސައްކަތްކުރާ، ސަތޭކައަކުންސަތޭކަ ޕަސެންޓަކީ ޒުވާނުން. މަދު ބައެއް 35 އަހަރުން މަތީގައި އުޅޭނީ. އެހެންވީމާ، ޒުވާނުންގެ ހަކަތައަކީ، ޝައްކެއްވެސްނެތްގޮތުގައި، ރާއްޖޭގެ ނޫނީ ދައުލަތެއްގެ ކުރިއެރުން.


ދެންއޮތީ ޒުވާނުން ބޭނުންވާ އެންމެ މުހިންމު ކަންތައް. ޒުވާނުން ބޭނުންވާ އެންމެ މުހިންމު ކަންތަކަކީ ޝައްކެއްވެސްނެތްގޮތުގައި، ޒުވާނުންނަށް ބޭނުންވެފައިހުރި ކަންތައްތައް ފުދުމާއެކީ، ޒުވާނުންނަށް މަގު ދައްކައިދޭނެ އެއަށްވުރެން ހަރު މީހުން، ނޫނީ އެއަށްވުރެން ސީޒަންޑް ޕޮލިޓީޝަނުން ފެނިގެންދިޔުން. އެއަށްވުރެން ތަޖުރިބާގެގޮތުން މުއްސަނދި، ދުނިޔެ ގިނަދުވަހު ދެކިފައި ތިބި، އިޚްލާޞްތެރި ސިޔާސީ މީހުން، ނޫނީވިއްޔާ އެމީހުން ގޮވައިގެން ހިނގާނެ އިމާމުންތަކެއް ދެއްކުން. މިއީ، ދިވެހިރާއްޖެ މިއަދު ހަތަރު އަނގޮޅިއަކަށް އައިސް ހުއްޓޭ ހިސާބު. ހަތަރު އަނގޮޅިއަކަށް އާދެވުނީމަ ގިނަފަހަރު މިވާގޮތަކީ، ދަތުރުކުރަންވީ މަގު، އަޅަންވީ ގޯޅި އަޅުގަނޑުމެންނަށް އޮޅެނީ. ޢާންމުގޮތެއްގައި މެދުޢުމުރާ ހަމައަށް ދިޔައިމާ، ނޫނީ އެއަށްވުރެން ދޮށީ ޢުމުރާ ހަމައަށް ދިޔައިމާ އަޅުގަނޑުމެންނަށް ސިޔާސީ ލީޑަރުން މި ފެންނަނީ. މެދު ޢުމުރު، ދޮށީ ޢުމުރާ ހަމައަށް ދިޔައިމާ އަޅުގަނޑުމެންގެ ލޯ، ބޯ، ކޮށިވާން މިފަށަނީ. އެހެންވީމާ، ގިނަފަހަރު އަޅުގަނޑުމެން އައިނު އަޅަމު. ގިނަފަހަރު ހިއަރިންގ އެއިޑް އަޅުގަނޑުމެން ލައްވަމު. ދެން މިހާރު މިކަން ސަރުކާރުން ވަރަށް ދީލަތިކަމާއެކީ ހިލޭވެސް އެބަކޮށްދެއްވާ.


އެކަމަކު މި އައިނު އެޅީމާ ވާގޮތެއްވެސް ދަންނަވާލާނަން. އައިނު އެޅީމާ ވާގޮތަކީ، ބައެއްފަހަރު އެއްގޮތަކަށްވެސް ރައްޔިތުން، ޒުވާނުން އެދިގެން ކުރެވިފައި ހުންނަ ކަންކަމެއް މި އައިނު އަޅުއްވާ ގިނަ ބޭފުޅުންނަކަށް ފެނިވަޑައެއްނުގަންނަވާ. އެހެންވީމާ، އެއީ މައްސަލައެއް ދޮގެއްތޯ! އެއީ މައްސަލައެއް. ހައްތަހާވެސް މި ފެނިވަޑައިގަންނަވަނީ، ކުރެވިފައި ހުރި ކަންތައްތަކެއް ނޫން. ނުކުރެވިފައި ހުރި ކަންތައްތައް. އެކަމަކު އައިނުކޮޅު ތުރުކުރައްވާ ޢުމުރާ ހަމައަށް ސިޔާސީ ލީޑަރުން މިވަޑައިގަތީ މި ހުރިހާ ކަމެއް ކުރެއްވުމުގެ ފުރުޞަތު ފުރިހަމައަށް ﷲގެ ތަނަވަސް ރަޙްމަތާއެކީ މިންވަރު ކުރައްވާ، ރައްޔިތުން އެ އިތުބާރު އެބޭފުޅުންނަށް ދެއްވާ، އެ ޚިދުމަތް ކުރެއްވުމުގެ ޖާގަ ލިބުނުފަހުން.


ލޯ، ބޯ ކޮށިވީމާ ދިމާވާ ދެވަނަ މައްސަލައަކީ، އަޅުގަނޑުމެންގެ ހަނދާންތައް ބަލިވެގެން ދިޔުން. ކަންކަން ކުރުމަށް ރައްޔިތުން، ބޭބޭފުޅުންނާ މަސްއޫލިއްޔަތާއި ޒިންމާ ހަވާލުކުރީމަ، ހަނދުމަފުޅެއް ނުހުރޭ، ރައްޔިތުންގެ ބޭނުންތައް ހުންނަނީ ކިހާ ހިސާބެއްގައި ކަމެއް. ރައްޔިތުން ބޭނުންވަނީ ކޮން ޚިދުމަތެއް ކަމެއް. އޭރު ހަނދުމަފުޅެއް ނުހުރޭ. އެކަމަކު އޭގެފަހުން، އެހެން ސަރުކާރެއް ޖަވާބުދާރީކުރާ ހިސާބަށް ދިޔައިމާ، ސިޔާސީ ލީޑަރުން، އެބަ ޕޯޑިއަމްތަކުގެ ކައިރިއަށް ވަޑައިގަންނަވާ. އަދި ރައްޔިތުން ބޭނުންވެފައި ހުރި ކަންތައްތައް، ކުއްލިއަކަށް އެބޭފުޅުންގެ ހަނދުމަފުޅަށް އެބައާދޭ. އެހެންވީމާ، އިންސާނަކަށް ދިމާވާނެ، އެންމެ ނިކަމެތި ކަންކަމުގެ ތެރޭގައި މިވަނީ، ލޯ، ބޯ ކޮށިވުން. އަމުދުން ކަންކަން ހަނދާނުން ކައްސާލައިގެން ދިޔުން. ނޫނީވިއްޔާ އަޅުގަނޑުމެންނަށް ﷲ ދެއްވި ނިޢުމަތްތަކުގެ ތެރޭގައި ހިމެނޭ ފެނުމުގެ ނިޢުމަތަކީ، އެންމެބޮޑު ނިޢުމަތް. އެއީ، ހިނގަން ނުކުތަސް، އެކަނި ހިނގޭނީވެސް އަތްފައިގައި ވާގިހުރުމުގެ އިތުރަށް ފެންނަންޏާ ދޮގެއްތޯ؟ އެހެންވީމާ، އަޅުގަނޑުމެން ހުރިހާ ޒުވާނުން މި އަންނަނީ ހަތަރުއަނގޮޅިއަކާ ހަމައަށް. އަންނައިރު އަޅުގަނޑުމެންނަށް މަގުދައްކަން ތިބޭ މީހުންނަށް ފެނުމުގައި އުނދަގުލެއް އުޅޭކަމަށްވަންޏާ، ދެން ކީކޭތޯ ބުނާނީ. ހުރިހާ ރަޙްމަތަކުން އަޅުގަނޑުމެން ބީވެގެން މިދިޔައީ.


އެހެންވީމާ، އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުންގެ މިއަދުގެ ޙާލަތާ ދޭތެރޭގައި، އަޅުގަނޑުމެން އެބަޖެހޭ ހަމަ ހިތާހިތާ ސުވާލުކޮށްލައި އެކަމަށް ހަމްދަރުދީވާން. އަޅުގަނޑުމެންގެ ޚިޔާލަށް މިއަދު މި ގެންނަން މި ޖެހެނީ، މިކަހަލަ މުޖުތަމަޢުތަކުގައި، މިކަހަލަ މަޢުސޫމު މުޖުތަމަޢުތަކުގައި، އަޅުގަނޑުމެންނަށް ކިހާވަރެއްގެ މަސައްކަތެއްތޯ މި ކުރެވެނީ، ޑިމޮކްރަސީގެ ނަމުގައި އަޑުގަދަކޮށްގެން. އަޅުގަނޑުމެންގެ މިއަދުގެ ލީޑަރުން، މިއަދުވެސް ޙައްޤު ގެއްލިގެން ވަކާލާތު ކުރައްވާ އެންމެބޮޑު މައްސަލައަކީ، އެބޭފުޅުން އެވިދާޅުވާ ޑިމޮކްރަސީ ނެތިގެން. އެ ޑިމޮކްރަސީގައި ކުރަނީ ކީއްތޯ؟


އެ ޑިމޮކްރަސީގައި ކުރާ ކަންތަކުގެ ތެރޭގައި އަޅުގަނޑު ހަމަ ވަރަށް ފަރިތަކަމާއެކީ، އެންމެ ކުރިއްސުރެ ސިޔާސީ ޕޯޑިއަމްތަކުގައި، އިދިކޮޅު ފަރާތެއްގެ ގޮތުގައި ހުރެގެން، ރައްޔިތުންނަށް އޭރު އޮންނަ ސަރުކާރުތަކަށް ޖަވާބުދާރީކުރުވުމަށް އަޅުގަނޑު ދަންނަވާ ވާހަކައެއް އޮވޭ. މުޒާހަރާތަކަށް ކެނޑިނޭޅި 24 ގަޑިއިރު، 360 ދުވަހު ނުކުންނަ މީހުން ތިބޭ. ގޭގައި އަންހެނުން ރޮއިނަގަނީ، ތުއްތު ދަރިފުޅު ބޯނެ ބުއްދަޅެއް ގަނެވޭނެ ޙާލަތުވެސް ގޭގައި ނެތް. ފިރިމީހާ މަސައްކަތް ކުރުމެއްނޫން. އޭނާ ދުނިޔެއަށް ފޮނުއްވުނު ކަންތައް ކުރުމެއްނޫން. އޭނާ އަޑުގަދަކޮށްފައި މި އަންނަނީ. އެކަމަކު މުޒާހަރާ ނިންމާލާފައި އަންނަނީ ބުއްދަޅު ގަންނާނެ ފައިސާ ހިފައިގެނެއް ނޫން. ގޭގައި އަންހެނުންނާއި ދަރިފުޅާ މިތިބީ ބައްޕަ މުޒާހަރާއަށް ފޮނުވާފައި، އެކަމަކު އެހެން ހުރިހާ ކަމަކުން މަޙްރޫމްވެފައި މިތިބީ. އެހެންވީމާ، ޑިމޮކްރަސީއިން އަޅުގަނޑުމެން ގެންނަން މިއުޅެނީ، މުޒާހަރާތަކަށް ނުކުންނާނެ މީހުންތޯ، ޑިމޮކްރަސީއިން އަޅުގަނޑުމެން ގެންނަން މިއުޅެނީ، ރައްޔިތުންގެ ވިންދާއި، ހިއްސާއި، ރައްޔިތުންގެ ޝުޢޫރުތަކާއި، ރައްޔިތުން ބޭނުންވެފައިހުރި ކަންތައްތައް ފުއްދައިދިނުންތޯ، މި ސުވާލު އަޅުގަނޑުމެން ކަހަލަ މަޢުޞޫމް މުޖުތަމަޢަކަށް، އަދި އަޅުގަނޑުމެން ކަހަލަ މުޖުތަމަޢެއްގައި ކަންކަންނުވެ، ނުފުދިހުރި މުޖުތަމަޢެއްގައި އެންމެ އިސްކުރަންޖެހޭނީ މި ސުވާލު.


އަޅުގަނޑުމެންގެ ރާއްޖެ މިއަދު ބޭނުންވަނީ ކޮންކަމެއްތޯ؟ ސިޔާސީ ލީޑަރުން އިސްކުރައްވަން މިޖެހެނީ، ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ފިޔަވަޅު އެޅިގެންދާ މީހުންގެ ޙައްޤުގައި ނުކުމެ މުޒާހަރާ ކުރުންތޯ؟ ކޮންމެ މީހަކަށްވެސް އެބަ އުނދަގޫވޭ، ރާއްޖޭގައި މާރާމާރީ އިތުރުވެގެން ދިޔައިމާ. ކޮންމެ މީހަކަށްވެސް އެބަ އުނދަގޫވޭ، ރާއްޖޭގައި މަރު އިތުރުވެގެން ދިޔައިމާ. ކޮންމެ މީހަކަށްވެސް އެބަ އުނދަގޫވޭ، އަޅުގަނޑުމެންގެ މުޖުތަމަޢު ތެރޭގައި، ރަޙުމްކުޑަ މީހުންތަކެއް ގިނަވެގެން ދިޔައިމާ. އެކަމަކު ވަކި ގިންތިއެއްގެ، ވަކި ނަސްލެއްގެ، ވަކި ރާއްސެއްގައި ވިހާފައި ތިބި މީހުން، މިކަހަލަ ކުށްކުރީމަ، އަދަބު ލިބުނީމަ، އަދި އެއަށްވުރެން ބޮޑު މައްސަލައަކަށް މިކަން އެބަވޭ. އެހެންވީމާ، މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި، މިދެންނެވި ކަހަލަ ރަޙުމްކުޑަ ޢަމަލުތައް ހުއްޓުވަންވެސް އެބަޖެހޭ. އެކަމަކު އެކަންކުރާ ވަކި ފެންވަރެއްގެ ބަޔަކު، ނޫނީ ވަކިބަޔަކާ ގުޅިފައި ތިބި މީހުން އެކަންކުރީމަ އެއީ، ކުށަކަށްވެސް ހެދިގެނެއްނުވޭ. ތަޙުޤީޤީ އިދާރާތަކަށް، އެއްދޮރުން ވައްދާފައި، އަނެއް ދޮރުން މީހާ ނެރޭ ވާހަކަ މިދައްކަނީ.


އެހެންނަމަވެސް އަޅުގަނޑުމެން ތަހުޒީބީ މުޖުތަމަޢެއްގައި މަސައްކަތް ކުރާކަމަށްވަންޏާ، އަޅުގަނޑުމެންގެ އެންމެންގެ ޙައްޤެއްނޫންތޯ، ވާހަކަދެއްކުމުގެ ޙައްޤު އޮންނަ ބީދައިން، އަޅުގަނޑުމެން ކޮންމެ ވެށްޓެއްގައި، މިނިވަންކަމާއެކީ، ހިނގާބިނގާވެ އުޅެވެންއެބަޖެހޭ. މިނިވަންކަމާއެކީ ނޭވާލާން އެބަޖެހޭ. މިނިވަންކަމާއެކީ ނުކުމެ މީހުންނަށް ތަންތަނުގައި ދަތުރުފަތުރު ކުރެވެން އެބަޖެހޭ. އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވެން އެބަޖެހޭ. ޤާނޫނުއަސާސީގައި އެކަށައަޅައިދެނީ އެންމެ ޙައްޤެއްބާ؟ މިހިރީ ހައްތަހާވެސް ޤާނޫނުއަސާސީގައި އެކަށައަޅައިދީފައިވާ ޙައްޤު. މީހެއް، ފުރިހަމަ ސިއްޙަތުގައި، ފުރިހަމަ ޖިސްމުގައި، ފުރިހަމަ ނަފްސުގައި، ދިރިހުރުމަށްވުރެން މަތިވެރި ނިޢުމަތެއް އެބައޮތްތޯ؟ އެ ނިޢުމަތް މަޙުރޫމްކުރާއިރުވެސް، އެކަންކަމަށް އަދަބުދިނީމަ، މި ދެކެވޭ ވާހަކައަކީ، ކުޑަ ކެކުރި، ބޮޑު ކެކުރި. އެހެންވީމާ، އަޅުގަނޑުމެންގެ ޚިޔާލަށް މި އަންނަންޖެހެނީ، އަޅުގަނޑުމެންގެ ސިޔާސީ ބޭފުޅުން މި ކުރައްވާ ކަންކަމުގައި، މި މޫސުމާ ހަމައަށް އައީމާ އަޅުގަނޑުމެން ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުއްޓޭ.


މިހާރު، ހަމަ ވަރަށް ގިނަ ބޭފުޅުންނަށް، ދެއްކެވޭ ވާހަކަފުޅުގައި އަބަދުވެސް މި ދެއްކެވޭ ވާހަކައަކީ ކޮރަޕްޝަނާއި، ދަރަންޏަށް ފައިސާ ނަގައިގެން ކަންކަން ކުރާވާހަކަ. އަބަދުވެސް ސަރުކާރުން ހަދާ ބޮޑު ގޯހަކީ މިއީ. ސަރުކާރުން ދަރަންޏަށް ފައިސާނަގަނީ ކީއްކުރަންތޯ؟ ސަރުކާރުން ދަރަންޏަށް ފައިސާނަގަނީކީ ރައީސް އުޅޭނެ ގަނޑުވަރު ބިނާކުރާކަށެއް ނޫނޭ. މިހާރުގެ ރައީސް އުޅެނީކީ ގަނޑުވަރަކު ނޫނޭ. ސަރުކާރުން ލޯނު ނަގަނީކީ މިދެންނެވި ކަހަލަ ކަންތައްތައް ފުއްދާކަށެއްނޫން. ލައްޒަތާއި، އަރާމާއި، ޢިއްޒަތުގައި އުޅޭކަށްނޫން. އަޅުގަނޑުގެ ވަޒީރުން އުޅުއްވާކަށެއްނޫން. ވަޒީރުންގެ ކާރުތައް ބާވެ، 17 އަހަރުވެފައިހުރި ކާރުތައް، އިހަށްދުވަހު ކިރިޔާ ދެބައިކުޅައެއްބައި މި އާކުރެވުނީ. އެހެންވީމާ، އަޅުގަނޑުގެ ވަޒީރުންނަކީ އެއްގޮތަކަށްވެސް އަރާމުގައި އުޅުއްވާ ބައެއްނޫން. އަމުދުން އަޅުގަނޑަކީ މި ދެންނެވި ކަހަލަ ލައްޒަތުގައި އުޅެން ބޭނުންވާ މީހެއްނޫން. އަޅުގަނޑު ލޯނު މި ނަގަނީ، މި މަޝްރޫޢުގައި އަޅުގަނޑުމެންނަށް ފެނިގެންދާހެން ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންތައްތައް ފުއްދައިދިނުމަށްޓަކައި. އެއީ، އަޅުގަނޑުމެން ލޯނުނަގާ ސަބަބު.


ލޯނު ނަގައިގެން، ދަރަންޏަށް ފައިސާ ހޯދައިގެން، އަޅުގަނޑުމެން ދަރުމަވަންތަ ހޮސްޕިޓަލް އަޅާ ނިންމާފައި، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ޚިޔާލުގައި މިހިރަ ވަސީލަތްތައް އެތާ ޤާއިމުކުރެވުނީމަ، އަޅުގަނޑު ހިތަށްއަރާ، އަޅުގަނޑުމެން ލޯނު މި ނަގަނީ ކީއްކުރަންތޯ ބަލިވެގެންދާމީހާ ޚިޔާލަށް އަންނާނެއޭ. މިއަދު މިރަށުގައި މި ޤާއިމުކުރެވިގެން މިދިޔަ ނިޒާމް، އަޅުގަނޑުމެން ބަލަމާ ހިންގަވާ، ނާޒިމަކީ، މިވަގުތު ހެލްތު މިނިސްޓަރު، އެކަމަކު ޞިއްޙީގޮތުން ދިމާވެފައިހުރި މައްސަލަތަކާ ހަމައަށް ޖެހިލަމާ ހިންގަވާ. މީގެ ދެތިން އަހަރު ހަމައަށް ކުރިޔަށް، ނޫނީވިއްޔާ ދިހަވަރަކަށް އަހަރާ ހަމައަށް ޖެހިލާއިރު، ރާއްޖޭގެ އެންމެ ޢާންމުކޮށް މީހުންނަށް އުނދަގޫވާ ބަލިތަކުގެ ތެރޭގައި މި ހުންނަނީ، ފެނުން ވާރުތަކޮށްފައި ހުންނަ ބަލިތައް. ޑައިރިއާ ކަމުގައިވިޔަސް ޑިސެންޓްރީ ކަމުގައިވީނަމަވެސް، އަދި މިނޫން އެހެން ކަމެއް ނަމަވެސް، މުޅިންވެސް ފެން ތަޣައްޔަރުވެގެން، އަޅުގަނޑުމެންނަށްޖެހޭ ބަލިތައް. މިއިން މީހަކު ފުރާނަޔަށް ނުރައްކާވާ ހިސާބަށްގޮސްގެން، ދަރުމަވަންތައިގައި އޮންނައިރު، އޭނަ ސުވާލު ކުރާނެތޯ އޭނައަށް ޚިދުމަތް އެދެނީ ލޯނަށް ފައިސާ ނަގައިގެންތޯ؟ ލޯނު ނެގުމާ އެންމެ ދެކޮޅުމީހާ އެވަގުތު ޙާލުބޮޑުވެގެން އޮންނާނީ. އަދި އާސަންދައިގެ ފުރުޞަތު ރާއްޖޭގައި ނެތްނަމަ، ރާއްޖޭގެ ސަރުކާރުގައި އެވަރުގެ ކުޅެދުންތެރިކަމެއް ނެތްނަމަ، އޭނާއާއި އޭނާގެ ޢާއިލާ، ގެދޮރު ވިއްކައިގެން ނަމަވެސް، ލޯނުނަގަން އެއްބަސްނުވާ މީހާ، ސަލާމަތްކުރަން ހޮސްޕިޓަލުގެ ބިލްތައް އަދާކުރަން ފައިސާ ހޯދާނެ. އެއީ، އޭނާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި. ލޭންދޭނަށް ފައިސާ ނަގައިފާނެ. ފަހުން އަނބުރާ ދައްކާގޮތަށް ފައިސާ ނަގައިފާނެ. މުދާ ރަހުނު ކޮށްފައި ފައިސާ ނަގައިފާނެ. ދަރިފުޅުގެ ކިޔެވުމަށް ހުރި ލާރި ހުސްކޮށްލަފާނެ. ކީއްތޯ މިކުރަނީ؟ ހަމަ މި ނަގަނީ ލޯނު. އަމިއްލަ މައްސަލައާ ހަމައަށް ޖެހުނީމާ ލޯނު ނަގައިގެން ކަންކަން ކުރުން ހުއްދަ. އެހެންވީމާ، އެންމެ މީހަކަށް މި ދެންނެވި ކަހަލަ ނިކަމެތިކަމެއް އަންނަ ދުވަހު ލޯނު ނަގައިގެން އެ ކުރަނީ.


އެކަހަލަ ކިތައް ދިވެހި ރައްޔިތުންތޯ، ރާއްޖޭގެ އެކި ހިސާބުގައި ނިކަމެތިކަންމަތީ މިތިބީ؟ މި ސަރުކާރު އަންނަންދެން ކިތައް ހޮސްޕިޓަލުގައިތޯ ރާއްޖޭގެ އެކި ހިސާބުގައި އަންހެނުންނަށް ޚާއްޞަ ގައިނީ ޑޮކްޓަރުން ތިބީ؟ މި ސަރުކާރު އަންނަންދެން ކިތައް ރަށުގައިތޯ ބަލިމީހަކު ބަލިވެގެން ދިޔައިމާ، ތިރީހަކަށް މިނިޓުގެ ތެރޭގައި ޞިއްޙީ ފަރުވާއާ ހަމައަށް ދަތުރުކުރެވެނީ؟ ނޫން، ނުކުރެވެއޭ. މި ވާހަކަ ދައްކަންވީނޫންތޯ ސިޔާސީ މީހުން އަޅުގަނޑާއެކީ ޕޯޑިއަމްގައި؟ މިއަދު ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ބަލިމީހުންނަށް ފަރުވާ އެބަދެވޭ. އަދި ރާއްޖޭގެ މަތީ ފެންވަރުގެ ޓަރޝަރީ ހޮސްޕިޓަލްތައް އެބައެޅޭ. އެހެންވީމާ، މިކަންކަން ކުރަން ކީއްވެގެންތޯ ލޯނު ނުނަގަންވީ؟ މިކަންކަން ކުރަން ލޯނުނަގަން އެބަޖެހޭ. ފުރަތަމަ، އަޅުގަނޑުމެންގެ ޞިއްޙަތު ސަލާމަތުން އެބަ ހުންނަންޖެހޭ. އޭގެފަހުން، ދޮގެއްތޯ އެހެން ކަންކަމާ އަޅުގަނޑުމެން ވިސްނާނީ.


ޒުވާނުންނަށް ބޭނުންވާ ހުނަރު އުފައްދައިދިނުމަށްޓަކައި، ނޫނީ ރާއްޖެއަށް ބޭނުންވާ ހިއުމަން ރިސޯސް ތަރައްޤީ ކުރުމަށްޓަކައި، ކީއްވެގެންތޯ ލޯނު ނުނަގަންވީ؟ އަޅުގަނޑުމެން އަބަދުވެސްޖެހޭނީ އަޅުގަނޑުމެންގެ ހުރިހާ ކަމެއް ނިންމުމަށްޓަކައި ކޮންސަލްޓަންޓުން ގެންނަންތޯ؟ އޭގެ ކޮންސަލްޓަންޓުން ދޮގެއްތޯ، ދިވެހިރާއްޖޭގެ ފުރަތަމަ ޓޫރިޒަމް ތަޢާރަފު ކުރެވޭތޯ ސަރުކާރުން ކުރި ދިރާސާއެއްގައި، ވަރަށް މަޝްހޫރު ކޮންސަލްޓަންޓެއް އައިސް ބުނީ، ދިވެހިރާއްޖޭގައި ޓޫރިޒަމް އެއީ، ވާނެކަމެއް ނޫނޭ. ފުރޮމް ދަ ވާރޑް ގޯ، އިޓް އިޒް އަ ނޮން ސްޓާރޓާއޭ. ފުރަތަމަ ފިޔަވަޅާ ހަމައަށް އައުމުގެ ކުރިން އެބަ އެނގޭ އެއީ، ކާމިޔާބު ކަމެއްނޫންކަން. ކޮބާ އޭނާގެ ސަބަބަކީ؟
އެ މާހިރުގެ ސަބަބަކަށްވީ، ދިވެހިރާއްޖެއަކީ ރާއްޖެއަށް ބޭނުންވާ ހުރިހާ ސާމާނެއް އެތެރެކުރާ، އިމްޕޯޓްކުރާ ޤައުމެކޭ. އެހެންވީމާ، ދުނިޔޭގެ ފަސްތަރީގައި އެ ހިތްގައިމު ކަމުގައި އުޅޭ މީހުން ދިވެހިރާއްޖެ އަންނަންވީ ކީއްކުރަންހެއްޔޭ؟ ނާންނާނެއޭ މިތަނަކަށް މީހުންނެއް. އެހެންވީމާ، ޓޫރިޒަމަކީ ދިވެހިރާއްޖެއަށް ކާމިޔާބުވާނެ ކަމެއްނޫނޭ.


އެކަމަކު މިއަދު މިހިނދުން މިހިނދަށް ބެއްލެވިޔަސް ބައްލަވާ، ދުނިޔޭގެ ކިތައް މިލިއަނަރުން، އެމީހުންގެ ހޮލިޑޭ ހޭދަކުރަން އެބަތިބިތޯ؟ ބައްލަވާލައްވާ، ޤައުމުތަކުގެ ވެރިންނާއި ވެރިކަން ކުރައްވާފައި ތިއްބެވި ކިތައް ބޭފުޅުން، މިއަދުވެސް އަޅުގަނޑުމެންގެ މެހްމާންދާރީގައި، އަޅުގަނޑުމެންގެ ރީތި ގޮނޑުދޮށްތަކުގައި އެބޭފުޅުން ހިތްގައިމުކަމާއެކީ، ހިތްހަމަޖެހުމާއެކީ ޢާއިލާތައް ހޭދަކުރޭތޯ؟ އެހެންވީމާ، ހުރިހާ ކަމަކަށް ބޭރުގެ ކޮންސަލްޓެންޓުން ހޯދުމަކީ އަދި އޭގައި ދިވެހިވެށްޓަށް އެންމެ ފައިދާހުރި ގޮތްކަމަށް ނުވެދާނެ. އަޅުގަނޑުމެންގެ ވެށި ދަންނަ، އަޅުގަނޑުމެންގެ ޙާލަތު ދަންނަ، އަޅުގަނޑުމެންގެ ރައްޔިތުންގެ އުންމީދުތައް ދަންނަ، މިކަންކަން ދަންނަ މީހުން ޕީ.އެޗް.ޑީ. ހަދައިގެން ކޮންސަލްޓަންޓުންނަށްވީމަ. ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެންގެ ކަންތައްތައް ކޮންސަލްޓަންޓުން ހޯދަންޏާ، އަޅުގަނޑަށް ޖެހޭނެކަންނޭނގެ، ސުޕްރީމް ކޯޓުގެ ބެންޗަށްވެސް ކޮންސަލްޓަންޓުން ހޯދަން. އެކަމަކު އަޅުގަނޑުމެން ކިހިނެއްތޯ ބޭރުގެ ފަނޑިޔާރުން ލައިގެން އަޅުގަނޑުމެން ބޭނުންވާ އިންޞާފު ހޯދާނީ. މި ހުރިހާ ކަމެއް ކުރަން އަޅުގަނޑު ލޯނު ނަގަން އެބަޖެހޭ. އެހެންވީމާ، މިއީ ލޯނުނަގާ ސަބަބު. ލޯނު މި ނަގަނީ، ދިވެހިރާއްޖޭގެ ޒުވާނުންގެ އުއްމީދުތައް، ޒުވާނުންކުރާ އުއްމީދުތަކަކީ އެމީހުން ނެޓުން، އެމީހުން ދުނިޔޭގެ އެހެން ޤައުމުތަކުގައި، އެމީހުންގެ ކުރިމަގު އުޖާލާކުރުމަށް ބޭނުންވާ ޚިޔާލުތައް، ބޭނުންވާ ކަންތައްތައް އެމީހުން ހުވަފެނުން އެ ދެކެނީ.


އަޅުގަނޑުމެން ނިދާފައި ތެދުވާއިރު، ކޮންމެ ރެޔަކު ނިދާފައި ތެދުވާއިރު، އަދި 360 ދުވަހު ނިދާފައި ތެދުވާއިރު، އަޅުގަނޑުމެން ކުރިއަށް ދިޔުމުގެ އުއްމީދު އޮތް ރީތި ހުވަފެނެއް ނުފެންނަކަމަށްވަންޏާ، ނިދުމުގައި އެ ލިބޭ އަރާމުންވެސް މަޙުރޫމްވާނެ. ނިންޖަކީ އަރާމާއެކީ ރީތި ހުވަފެން، އުއްމީދީ ހުވަފެންތައްވެސް އެކުލެވެންޖެހޭ ކަމެއް. އުއްމީދެއް ނެތިއްޔާ، ދިރުމެއް ނެތިއްޔާ، ކޮބައިތޯ އިޓްސް ލައިކް ދަ ވަރކިންގ ޑެޑް. މާޔޫސްކަމެއް، ދާންވީ ދިމާއެއް ނޭނގެ. ހަރަކާތް ކުރަންވީ ގޮތެއް ނޭނގެ. ހަމަ މަމީންތަކެއް މަގުމަތީގައި ހިނގާފައިދާހެން އަޅުގަނޑުމެން މި ފެންނަނީ. އެހެންވީމާ، އުއްމީދު ކުރަންޖެހޭނެ. ޒުވާނުންގެ އުއްމީދުތަކެއް ހުންނަންޖެހޭނެ. އެ އުއްމީދުތައް ފުއްދައިދެވޭވަރުގެ މީހުން، ޒުވާނުންގެ ކަންކަމާ ހަވާލުވެގެން ޤައުމު ލީޑްކުރުމަށް ކުރިއަށް އަތުކުރި އޮޅާލާފައި ނުކުންނަންވާނެ. މި މޫސުމުގައި އަޅުގަނޑު މިދެންނެވިހެން މިކަންކަން މި އަންނަނީ. އަޅުގަނޑުމެންނަށް ފެންނާނެ މި ދެންނެވިކަހަލަ ކިތަންމެ ބޭފުޅުންނެއް.


ﷲގެ ނިޢުމަތްތައް އަޅުގަނޑުމެންނަށް މިންވަރު ކުރެއްވީމާ އަޅުގަނޑުމެން ކުރަންޖެހޭކަމަކީ، ޝުކުރުވެރިވުން. އަދި އެ ނިޢުމަތްތައް ދެމެހެއްޓުމަށް މަސައްކަތް ކުރުން. އެއީ، އަޅުގަނޑުމެންނަށް އިސްލާމްދީނުގައި އެކަން އަންގަވާފައި އޮތް ގޮތްވެސްމެ. އަޅުގަނޑުމެން އެކަން ގަބޫލުކުރަނީ ކޮންމެހެން އެހެންވެގެނެއްނޫން. އަޅުގަނޑުމެންނަށް އެބައެނގޭ އެއީ، އަޅުގަނޑުމެން ކުރަންޖެހޭ ކަމެއްކަން. ނިޢުމަތްތަކަށް ޝުކުރުވެރިވާން ބަލާއިރު، ޙަޤީޤަތުގައި މި މާނަ ނޭނގި އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޒުވާން ޖީލުތަކަށް ކޮށްދެވޭ ކަންތައްތައް އެބަ އިނގޭތޯ؟ ކޮންމެ ދުވަހަކު އެތައް ފަހަރަކު އަޅުގަނޑުމެންގެ ތުއްތުކުދިން ތެންކިޔުއޭ ބުނާނެ. ޝުކުރިއްޔާއޭ އެބަބުނޭ. ޝުކުރުކުރަނީ ކޮންމެވެސް ކަމެއް ފުދުނީމަ. ނިޢުމަތެއް، ބޭނުންކަމެއް، ވަސީލަތެއް، އެކުއްޖާގެ ހިތަށް ބޭނުންވެފައިހުރި ކަމެއް ފުދިގެންދިޔައިމާ. އެހެންވީމާ، މި ކުރެވެނީ ކީއްކަން ނޭނގި، ކިތައްފަހަރު ތެންކިޔު އެބަ ބުނޭތޯ؟ އެހެންވީމާ، ﷲ މި ދެއްވާ ވަރުގަދަ ނިޢުމަތްތަކަށް އެއަށްވުރެން އޮށްޓަރު ހުރި ގޮތެއްގައި، އަޅުގަނޑުމެން ޝުކުރު އަދާކުރަން އެނގެންވީ ހިތުގެ އިޚްލާޞްތެރިކަމާއެކީ.


އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. ވާހަކަކޮޅު އެއްސެވީތީ ހަމަ ހިންނަވަރުގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އެކަމަކު، އެއާއެކީވެސް އަޅުގަނޑު ވާހަކަ ދައްކާނަން، ހަމަ ޑިމޮކްރަސީގެ މިސާލަކުން. ޑިމޮކްރަސީގެ ނުލިބިގެން މިއުޅޭ ޙައްޤަކީ މިނިވަންކަމާއެކީ ވާހަކަ ދެއްކުމުގެ ޙައްޤުކަމަށް އެބަ ވަކާލާތު ކުރައްވާ. އެކަމަކު ދިވެހިރާއްޖޭގައި ފަހަކަށްއައިސް މަނާކޮށްގެން މިއުޅެނީ ހަމައެކަނި ދެކަމެއް. ބޭނުން ވާހަކައެއް ދެއްކޭ. އެކަމަކު އަބަދުވެސް އަޅުގަނޑުމެންގެ އޮންނަ އުސޫލަކީ، އިސްލާމީ އަޞްލުތަކާ ޚިލާފު ވާހަކަދެއްކުމުގެ މިނިވަންކަމެއް ނޯންނާނެ، ނޯންނާނެ. އެއީ، ވަކި މި ސަރުކާރަކު ނޫން. އެކަމަކު މި ސަރުކާރުން އެކަން ތަންފީޒު ކުރާނެ. އެހެންވެ އެ މިނިވަންކަމެއް ނޯންނާނެ. އެކަމަކު، އެއީ އެންމެ ޤަދީމީ ޒަމާނުއްސުރެ، އަދި ފަހުގެ ލިޔެވިފައި ހުރި އަސާސްތަކުގައި ކަށަވަރުކޮށްދީފައި އޮތް ޙައްޤެއް. އެހެންވީމާ، އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި، އިސްލާމްދީނަށް ފާޑުކިޔުމާއި، އިސްލާމްދީނުގައި ހުރި އަޞްލުތަކާ ބެހޭގޮތުން، އެއާ ތަފާތު ޚިޔާލުފާޅުކޮށް، އެކަންކަން މުޠާލިޢާ ކުރުމުގެ ޖާގައެއް ނޯންނާނެ. އެހެންވީމާ، އެ ޙައްޤަކީ ނެތް ޙައްޤެއް.


ދެން، ދާދިފަހުން މަނާކޮށްގެން މިއުޅޭ ޙައްޤަކީ، މިއާ ގުޅުންހުރި ހަމަ ރިވެތި އުސޫލުތަކާއި، ރައްޔިތުންގެ ރައްކާތެރިކަމާއި، ރައްޔިތުންގެ ޝަރަފަށްޓަކައި، ކޮށްގެންއުޅޭ ކަމެއް. އެއީ، ކުރީގައިވެސް އޮތްކަމެއް. އެކަމަކު އޭގެފަހުން ދޫވެގެންދިޔަކަމެއް. އެއްވެސް އަސާސެއްނެތި، ޙައްޤެއްނެތި، އެހެން މީހުންގެ އަބުރު ކަތިލާވަރުގެ ވަރުގަދަ ވާހަކަ ދެއްކުމަކީ، މުޅި މުޖުތަމަޢަށް ލިބޭ އުނިކަމެއް. އެހެންވީމާ، އެކަން މަނާކޮށްގެން މިއުޅެނީ. އިސްލާމްދީނުގައި މިއީ، ޢުޤޫބާތް ދެވޭ އަދަބެއް. މިއީކީ އެއްގޮތަކަށްވެސް 10 ރުފިޔާއިން ޖޫރިމަނާކޮށްލާފައި ދޫކޮށްލެވޭ ކަމެއްނޫން. އަދި ދާދިފަހާ ޖެހެންދެން، އަޅުގަނޑުމެން ޤާނޫނުގައިވެސް އެކަންއޮތީ އެގޮތަށް. ޖަލުގޮޅިތަކުން ޖާގަ ހޯދާވަރުގެ ކަންކަން މި ހުންނަނީ. އެކަމަކު ދިވެހިރާއްޖެއަށް އައި ލިބަރަލް ޑިމޮކްރަސީގެ ތެރެއިން ކޮންމެފަދަ ވާހަކައެއް ދައްކާފައި ދިޔަޔަސް، އެއިން މީހަކަށް ފައިސާގެ ޖޫރިމަނާއެއް ދައްކާލުމުން ފުދިގެން މިދަނީ. އެކަމަކު މިއަދު އަނބުރާ އެ ކުރީގެ އަދަބު އިޢާދަކުރީ.


އެހެންވީމާ، ޑިމޮކްރަސީގައި ގެއްލިގެން މިއުޅޭ ވާހަކަދެއްކުމުގެ މިނިވަންކަމުގެ ތެރެއިން، ގެއްލިގެން މިއުޅެނީ ހަމައެކަނި މި ދެ ކަންތައް. މި ދެ ކަންތައް ގެއްލިގެން ދިޔައިމާ ދޮގެއްތޯ؟ އަޅުގަނޑު ދެރަވެސްވޭ މި ދެ ކަންތައް ގެއްލިގެން ދިޔައިމާ. އެއީ، އަޅުގަނޑަށް ލިބުނު އެންމެ ބޮޑު ޕްރޮމޯޝަނަލް އެހީތެރިކަމަކީ، އަޅުގަނޑާ ބެހޭގޮތުން އެކަހަލަ ވާހަކަ ދެއްކުން. އެކަމަކު މިހާރު ލިބިދާނެ އަދަބަކަށްޓަކައިވެސް، އެކަހަލަ ވާހަކައެއް ނުދައްކާ. އަޅުގަނޑު 800 މިލިއަން ޑޮލަރު ނެގި ވާހަކަ، މިހުރިހާ ވާހަކަތައް ދެއްކީމާ އެއީ، އަޅުގަނޑަށް ލިބުނު އެންމެ ވަރުގަދަ ޕްރޮމޯޝަން. އެހެންވީމާ، ރައްޔިތުން ގަބޫލުކުރި، އޭގެ ތެރެއިން އެއްބަޔަކު މި ފައިސާވާނެއޭ. އެހެންވީމާ، އިންތިޚާބަކަށް އަޅުގަނޑު ކުރިމަތިލިޔަސް ރައްޔިތުންގެ ތެރެއިން ވޯޓުލެއްވި ގިނަބޭފުޅުންނަށް އެނގޭ، އެންމެބޮޑު ޚަރަދެއް ހިންގޭވަރުގެ ޤާބިލުކަމެއް ފައިސާގެގޮތުން ހުރި މީހަކީ ރައީސް ޔާމީންކަން. އެހެންވީމާ، 800 މިލިއަން ޑޮލަރު އަޅުގަނޑު އަތުގައި ހުރިވާހަކަ ވިދާޅުވީމާ، އަޅުގަނޑަށް އެކަމަށް އިތުބާރުކުރެވި އެތައް ރައްޔިތުންނެއް ވޯޓުދެއްވީ ކަންނޭނގެ. އެކަމަކު މިއަދު އެވާހަކަ ނުދެއްކޭތީ، އަޅުގަނޑުގެ އަބުރަށް މިގޮތަށް އަރައިގަންނާނެ ޖާގަ ނެތީމަ، އަޅުގަނޑަށް ޕްރޮމޯޝަނަލް މަސައްކަތް ނުނިމޭ. މިހާރު ނުލިބޭ ކުރީގައި ލިބޭވަރަކަށް. އެކަމަކު، މިކަން މަނާކޮށްގެން މިއުޅެނީ، މިއަށްވުރެ މާބޮޑެތި ކަންތައްތަކާހުރެ.


އަޅުގަނޑުމެންގެ ތުއްތުކުދިންނަށް ކިޔަވައިދޭން މި ވަޑައިގަންނަވާ މުދައްރިސުން، އަޅުގަނޑުމެން މި ޙާލަތަށް، މި ފެންވަރަށް މި ކަންތައް ތިލަކޮށްލީމާ ކަންނޭނގެ، ރައްޔިތުންގެ ތެރޭގައި ހިއްސު ހުރި މީހުންގެ އިޙްސާސަށް މިކަން އަންނާނީ. ހަމަ ޙައްޤެއްނެތި، އެ މުދައްރިސެއްގެ އަބުރާ ބެހި ބެހި ބެހި، އެ މުދައްރިސަކަށް ސްކޫލަށް ކިޔަވައިދޭން ނުކުންނަން ނުކެރި، އަދި މުޖުތަމަޢުގައި އުޅެން ނުކެރޭވަރަށް އެމީހަކު ފަޟީޙަތްކޮށްލީމާ، ދެން އަޅުގަނޑުމެން ޚިޔާލަށް ގެންނަވާ، މިކުރެވުނީ ކިހާވަރެއްގެ ކަމެއްތޯ؟ އެހެންވީމާ، އެކަހަލަ ސަބަބު ހުރީމާ އަބުރާ ބެހުމަކީ، ކިހާވަރެއްގެ ކަމެއްކަމަށް މިހާރު އަޅުގަނޑުމެން މި ސަރުކާރުގައި ކަނޑައަޅާފައި އެއޮތީ. އެހެންވީމާ، ކޮންމެ މީހަކަށްވެސް ތަންކޮޅެއް ކައިރިން މިކަހަލަ ތަޖުރިބާއެއް ކޮށްލެވުނީމަ، މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަން އެނގޭނެ. އެހެންވީމާ، ޑިމޮކްރަސީއާއި ފްރީޑަމް ނެތިގެން، ނޫނީ އެކްސްޕްރެޝަން، ވާހަކަދެއްކުމުން، ނޫނީވިއްޔާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތިގެން މި ވަކާލާތު ކުރައްވާ، ޝަކުވާ ކުރައްވާ ބޭފުޅުންނަށް ހަމަ ލަފްޒެއް ދަންނަވާލާފައި، އަޅުގަނޑު ވާހަކަ ނިންމާލާނަން.


އަޅުގަނޑު ދަންނަވާލިން ދޮގެއްތޯ، އިސްލާމީ އެންމެރީތި އުސޫލަކީ، ނިޢުމަތްތަކަށް ޝުކުރުކުރުމޭ. އެހެންވީމާ، ވާހަކަ ދެއްކުމުގެ ފުރުޞަތު ހަނިވެގެން މި އުޅުއްވާ، ޑިމޮކްރަސީ ނެތިގެން މި އުޅުއްވާ ބޭފުޅުންނަށްވެސް އަޅުގަނޑު ދަންނަވާލާނީ، މިއަދު ރާއްޖޭގެ އެކި ހިސާބުން އަރި ހުރަހަށް، އުތުރުން ދެކުނަށް މި އަންނަ ތަރައްޤީ ބައްލަވައިލައްވަންވީ ނޫންތޯއޭ؟ އެ ތަރައްޤީ ހިއްސާ ކުރައްވާ ރައްޔިތުންނޭ މި ތިއްބެވީ. އަދި އެ ރައްޔިތުންނޭ ޑިމޮކްރަސީގައި، ފްރީޑަމް އޮފް އެކްސްޕްރެޝަން ނެތިގެން ވަކާލާތު ކުރައްވާ، ޝަކުވާ ކުރައްވާ ބޭފުޅުންނަށް ވޯޓު ދެއްވަން ތިއްބެވީ. އެހެންވީމާ، އެންމެ ރަނގަޅުނޫންތޯ، އެ އެކްސްޕްރެޝަންގެ ޙައްޤު ހޯއްދަވައިގެން، އެބޭފުޅުންނަށް ވޯޓު ދެއްވަން ތިއްބެވި ރައްޔިތުންނަށް މި ލިބޭ ހުރިހާ ޚިދުމަތްތައް އެބަ ލިބެމުންދެއޭ މިހާރު. އެކަމަކު ތިމަންމެންނަކަށް އެކަމެއް ނުކުރެވުނޭ. މިހާރު ލިބެމުން އެބަދެއޭ. އެހެންވީމާ، އެކަންކަން ކޮށްދިން ރައީސަށް ޝުކުރިއްޔާއޭ ބުނެލަން އެބޭފުޅުން ފްރީޑަމް އޮފް އެކްސްޕްރެޝަން ބޭނުންކޮށްލައްވައިފިއްޔާ، އެލިބެނީ އެބޭފުޅުންނަށް މިހާރު މަނާވެފައި އޮތް ޙައްޤު އެ ލިބިވަޑައިގަތީ ފުރިހަމައަށް. ވަރަށް ބޮޑަށް ޝުކުރިއްޔާ!


والسّــلام عليــكم ورحـمــة اللّـه وبـركاتـه.