بســم اللّـه الرّحمـن الرّحيــم


اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.


އޭދަފުށީގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، އަޅުގަނޑާއެކީ މި ދަތުރުކުރައްވާ އެންމެހައި ޢިއްޒަތްތެރިން،


السّــلام عليــكم ورحـمــة اللّـه وبـركاتـه.


އާދެ، ޝައްކެއްވެސްނެތްގޮތުގައި، މިއަދު މިއީ އޭދަފުށްޓަށް ވަރަށް އުފާވެރި ދުވަހެއް. އޭދަފުށީގެ ރައްޔިތުންގެ މޫނުފުޅުމަތިން އަޅުގަނޑަށް ފެންނަނީ ހިނިތުންވުން. އަދި ތިޔަބޭފުޅުންގެ އިޚްލާޞްތެރި ޝުޢޫރުތަކާއެކީ އަޅުގަނޑުމެންގެ އިންތިޒާރުގައި ތިއްބެވި ތިއްބެވުމުން އަޅުގަނޑުމެންނަށް ދައްކައިދެނީ ތިޔަބޭފުޅުންގެ އޮތް އިޚްލާޞްތެރިކަން އަޅުގަނޑުމެންނާ ދޭތެރޭގައި.


އާދެ، އޭދަފުށްޓަށް ބޭނުންވެފައި އޮތް ބޮޑުކަމެއް ނިމި، އަދި އެކަމުގެ އުފާ ތިޔަބޭފުޅުން ހާސިލު ކުރައްވަމުން ގެންދަވާއިރު، އެ އުފަލުގައި ބައިވެރިވުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނު ކަމަށްޓަކައި ﷲ އަށް ޙަމްދުކުރަން. އަދި ތިޔަބޭފުޅުންގެ މި އުފަލުގައި ބައިވެރިވުމަށް ތިޔަބޭފުޅުންގެ އަރިހަށް އަޅުގަނޑު މި ޒިޔާރަތްކުރީ.


އާދެ، އަޅުގަނޑުމެންގެ މި ކުރު ޒިޔާރަތާއެކީ، ތިޔަބޭފުޅުން ތިޔަ ވިދާޅުވި ހޫނު އިސްތިޤްބާލުން އަޅުގަނޑުމެންނަށް ވަރަށް އުފާވެރިކަން ލިބޭ. އެ އިސްތިޤްބާލަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކީ މަރުޙަބާ ދަންނަވަން. އަދި މި ތަރައްޤީއަކީ އޭދަފުށީގެ ރައްޔިތުން އެދިވަޑައިގެން ތިއްބެވި ތަރައްޤީއެއްކަން، އިންތިޒާރު ކުރައްވައިގެން ތިއްބެވި ވަސީލަތެއްކަން އަޅުގަނޑުމެންނަށް އެކަމުން އެނގި ބަޔާންވެގެން އެބަދޭ.


އާދެ، އަޅުގަނޑުމެންނަށް ބަލައިލި ބަލައިލުމުން ފެންނަނީ އޭދަފުށްޓަކީ، ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ހިމެނޭ ރަށްތަކުގެ ތެރޭގައި ހުރިހާ ގޮތަކުންވެސް މުއްސަނދި ރަށެއް. ހުރިހާ ގޮތަކުންވެސް ފާހަގަކުރެވޭ ރަށެއް. އެހެންނަމަވެސް، ބިމުގެ ވަސީލަތަށް ބަލާކަމަށްވަންޏާ އޭދަފުށްޓަކީ ފުރި ބާރުވެފައި އޮތް ރަށެއް.


އެހެންވީމާ، އޭދަފުށްޓަށް ދަތިވެފައި ހުރި ކަންތައްތަކުގެ ތެރޭގައި، އެންމެ ބޮޑަށް މި ބޭނުންވަނީ ބިމުގެ މުއްސަނދިކަން އިތުރުކުރުން. ރައްޔިތުންނަށް ގޯތިގެދޮރު ބިނާކުރުމާއި، ޢުމްރާނީ މަސައްކަތްތައް ކުރުމާއި، އަދި މިނޫންވެސް ކަންކަމަށް ބިމުގެ މުއްސަނދިކަން އިތުރުވެގެންދިޔުން. އެހެންވީމާ، މި ފެނުނު ޗާޓްތަކުން އަޅުގަނޑަށް ލަފާކުރެވޭގޮތުގައި އޭދަފުށީގައި އޮތް ބިމުގެ ސަރަޙައްދު އިތުރުވެގެން މިދިޔައީ ހަމަ 100 ޕަސެންޓާ ދާދި އެއްވަރަކަށް. އިހުއޮތް އޭދަފުށްޓާ ހަމަ ދާދި އެއްވަރުގެ ބިމެއް އިރާދަކުރެއްވިއްޔާ އޭދަފުށްޓަށް އިތުރުވެގެން މިދިޔައީ. އެހެންވީމާ، ދިވެހި ސަރުކާރުގެ ފަރާތުން އަޅުގަނޑުގެ ޒަޢާމަތުގައި އޭދަފުށީގެ ރައްޔިތުންނަށް، ތިޔަބޭފުޅުންނަށް ކޮންމެވެސް ކަންކަމެއް މިކަމުގައި ކޮށްދެވިއްޖެ ކަމަށް ތިޔަބޭފުޅުންގެ ވާހަކަފުޅުތަކުން، ޓީ.ވީ އިން އަޅުގަނޑުމެންނަށް ފެނިގެން އެދިޔަ ޝުޢޫރުތަކުން ގަބޫލުކުރެވޭ. އެކަމަށްޓަކައި ހަމަ ތިޔަބޭފުޅުންނަށް އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ މަސައްކަތުގައި ރައްޔިތުން ބައިވެރިވެވަޑައިގަންނަވާ މިންވަރަކަށް އަޅުގަނޑުމެންގެ މަސައްކަތް އިތުރުވެގެން، އެ ދިމަދިމާއަށް ފަހިވެގެންދާނެކަމަކީ ޝައްކެއްއޮތްކަމެއް ނޫނޭ.


އޭދަފުށްޓަށް މިހާރު މި ހިނގަމުންދާ މަޝްރޫޢުތަކަށް ބަލާކަމަށްވަންޏާ، މިވަރުގެ އާބާދީއެއް އޮތް ރަށަކަށް ބޭނުންވާ، އިރާދަކުރެއްވިއްޔާ ޢުމްރާނީ ހުރިހާ މަސައްކަތްތަކެއް މިހާރު ފެށިގެން އެދަނީ. އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ބިން ހިއްކުމާއެކީ، ބިން ޙިމާޔަތް ކުރުމާއި ރައްކާތެރިކުރުމަށް ބޭނުންވާ ރިވެޓްމަންޓް، ނޫނީވިއްޔާ ބޮޑުހިލަ ޖެއްސުމުގެ މަސައްކަތް މިއޮތީ އޭދަފުށީގައި ނިމިފައި. ހަމައެއާއެކީ ފެނުގެ މަސައްކަތް ފެށިގެން މިދަނީ. މަގު ހެދުމުގެ މަސައްކަތް ފެށިގެން މިދަނީ. އެހެންވީމާ، އަބަދުވެސް މި ފެންނަނީ ކަންކަން ކުރަމުންދިޔަވަރަކަށް އިތުރު ކަންކަން، އަދި އިތުރަށް އިލްތިމާސްތައް އަންނާނެކަން.


ސިޔާސީ އިސް މަޤާމެއްގައި ހުންނަ މީހަކަށް އަބަދުވެސް ހުވަފެނުން ދެކޭ އެންމެ އުނދަގޫ ހުވަފެނަކަށް ވަނީ މި ހުވަފެން. އަޅުގަނޑުމެންގެ ނަސީބު ރަނގަޅުކަމުން ނަމަވެސް، އެހެންނަމަވެސް، އަޅުގަނޑުމެންގެ ވަސީލަތްތައް ހުރި މިންވަރަށް ބަލާއިރު، 187 ރަށަށް މި ހުރިހާ ވަސީލަތެއް އިންޞާފުވެރިކަމާއެކީ 5 އަހަރެއްގެ ދައުރުގައި ބަހައިލުމަކީ އެހާ ފަސޭހަކަމަކަށް ނުވެގެން މިދަނީ. އެހެންވީމާ، އެކަންކަން ކުރުމުގައި އަންނަ ޝަކުވާތައް އަންނާނެ. އެކަމަކު އެއާއެކީވެސް ހަމަ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި 5 އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، ހަމަ އަޅުގަނޑުމެންގެ ކެޕޭސިޓީ ހުރި އެންމެ ފުންމިނަކަށް މަސައްކަތްކޮށްގެން އާ ގޮތްތައް ހޯދުމާއި، ރައްޔިތުންނަށް ބޭނުންވެފައި ހުރި ޚިދުމަތްތައް ދިނުމަށް އާ ގޮތްތައް ހޯދައިގެން ކަންތައްތައް ކުރެވޭތޯ.


އަޅުގަނޑަކަށް ފަސޭހައެއްނުވާނެ، އަޅުގަނޑުގެ ޒަޢާމަތުގައި މި ހިނގާ 4 އަހަރުގެ ތެރޭގައި، ނޫނީ 5 އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބަށް ކުރެވެމުންދާ މަސައްކަތްތަކެއް ދަންނަވައިދޭކަށް. އެ މަސައްކަތްތަކުގެ ވާހަކަ އަޅުގަނޑުމެންނަށް މި ދާއިރާގެ ޢިއްޒަތްތެރި މެންބަރުވެސް ވިދާޅުވެދެއްވާނެ. އަދި އެހެން ދާއިރާތަކަށް އަޅުގަނޑުމެން ދަތުރުކުރާއިރުވެސް، އެ ދާއިރާތަކުގެ ރައްޔިތުންގެ ޝުޢޫރުތައް، އަޅުގަނޑުމެންނަށް ފެންނަ ޓީ.ވީ ސްކްރީންތަކުން ރައްޔިތުންގެ ޝުޢޫރުތައް އެބަ ހާމަކޮށްދެއްވާ. އޭދަފުށީގެ ބިން ހިއްކުމުގެ، ނޫނީ ބިން ބޮޑުވުމުގެ އިންތިޒާރުގައި ރައްޔިތުން ތިއްބަވާތާ އެތަކެއް އަހަރުވެއްޖެ. އެތަކެއް ޒަޢާމަތެއް ފާއިތުވެ ހިނގައްޖެ. އެހެންނަމަވެސް، ތިޔަބޭފުޅުންނަށް ޙަޤީޤަތުގައި ބިން އިތުރުވެގެންދިޔައީ، ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެންގެ މަސައްކަތުން މި ސަރުކާރުގައިކަން އަޅުގަނޑުމެން އެބަ ގަބޫލުކުރަން.


ހަމަ މިއާއެކީ، އޭދަފުށްޓަށް ބޭނުންވާ ތަރައްޤީގެ ދެންހުރި އެހެން މަޝްރޫޢުތައްވެސް އަންނާނެ. އިންސާނުންގެ ބޭނުންތަކަކީ ދުވަހަކުވެސް ފުދި ނިމިގެންދާ ކަންކަމެއް ނޫން. އެއީކީ މައްސަލައެއްވެސް ނޫން. އެއީކީ އަޅުގަނޑު ޝަކުވާއެއް ކުރާ ކަމެއްވެސް ނޫން. އެހެންނަމަވެސް، އިންސާނުންގެ ބޭނުންތަކަށް ހުރި ކަންކަން ފުއްދައިދިނުމުގައި އަޅުގަނޑުގެ ޒިންމާ ފެށޭ ހިސާބާއި ނިމޭ ހިސާބު މިއޮތީ ރައްޔިތުން ޖައްސަވައިދެއްވާ އިންފާރާ ހަމައިގައި. އަޅުގަނޑުގެ 5 އަހަރު މި ފަށައިގެން މިދާއިރު، ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ، މިއީ އަޅުގަނޑު ޚިދުމަތް ކުރަން، ތިޔަބޭފުޅުންނާއެކީ މަސައްކަތްކުރާ ފަހު އަހަރު. މި ޚިދުމަތްތައް މިގޮތުގައި ދަމަހައްޓައި، އިތުރު ޚިދުމަތަށް ތިޔަބޭފުޅުން އެދިވަޑައިގަންނަވާއިރު، އެ ޚިދުމަތްތައް ތިޔަބޭފުޅުންނާ ހަމައަށް ގެނެސްދިނުމުގެ ވާސިޠާއަކަށް އަޅުގަނޑު ވާކަމަށްވަންޏާ، އެކަން ނިންމަވަންޖެހޭނީ އޭދަފުށީގެ ރައްޔިތުން ފަދައިން، ރާއްޖޭގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުން.


މިއާއެކީ އަޅުގަނޑުމެން ވިސްނާލަންޖެހެނީ މީގެކުރީގެ ސަރުކާރުތަކުގައި ކަންތައްތައް ހިނގައިދިޔަގޮތާއި، އަދި އަޅުގަނޑުމެންގެ ލީޑަރުންގެ ގޮތުގައި އަޅުގަނޑުމެންނާ ހަމައަށް ވަޑައިގެން ތިއްބެވި ލީޑަރުން މަސައްކަތް ކުރައްވާފައި ހުރިގޮތާއި، އަދި އަޅުގަނޑުމެން އެ ކަންތައްތަކަށް އީމާންވެ، އަޅުގަނޑުމެންގެ އިޢުތިޤާދު، ނޫނީ އަޅުގަނޑުމެން ގަބޫލުކޮށްގެންހުރި ދިވެހިވަންތަ ސިފަތަކާއި، އިސްލާމީ އުޞޫލުތަކާ، މިކަންކަމާ ދޭތެރޭގައި އަޅުގަނޑުމެންނަށް މީގެކުރީގެ ސަރުކާރުތަކުގައި ކަންކަންވެފައި ހުރި ކިހިނެއްތޯ ވިސްނާލާފައި، މިކަންކަމާ ދޭތެރޭގައި ރައްޔިތުންގެ ޝައުޤުވެރިކަން އޮތް މިންވަރަކުން އެ ބޭބޭފުޅުން ދައްކަވާފައި ހުރި މިސާލުތަކުން އަޅުގަނޑުމެންގެ ވޯޓުގެ ކަންކަން ނިންމާނީ.


އަޅުގަނޑުވެސް ސިޔާސީ ވާހަކަ ދައްކާކަށްނޫން. އެކަމަކު ރައީސުލްޖުމްހޫރިއަކު ސިޔާސީ ވާހަކަ ނޫން ވާހަކައެއް ނުވެސް ދައްކާނެ. ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ބަޖެޓަކީވެސް ސިޔާސީ ބަޖެޓަކަށްވާނެ. އެކަމަކު އެ ބަޖެޓުގެ އުފާވެރިކަން ލިބިގެންދަނީ އޭދަފުށި ކަހަލަ ރަށްރަށުގައި، ތޮއްޖެހިފައި އޮތް ރަށްރަށުގައި ދިރިއުޅުއްވާ ރައްޔިތުންނަށް ހިތްހަމަޖެހޭ ވަސީލަތެއްގެ ގޮތުގައި ކަމަށްވަންޏާ، އެ ސިޔާސީ މަސައްކަތް ނޫން މަސައްކަތެއް ކުރާނެވެސް ކަމެއްނެތް. ސިޔާސީ މަސައްކަތް ކުރުމަށް މި މަޤާމުތަކަށް މީހުން އަންނަނީ. ސިޔާސީ މަސައްކަތް ކުރުމަށް ކައުންސިލަރުން އިންތިޚާބު ކުރަނީ. ސިޔާސީ މަސައްކަތް ކުރުމަށް ރައްޔިތުންގެ މަންދޫބުން މަޖިލީހަށް އިންތިޚާބު ކުރަނީ.
އަޅުގަނޑަށް އޮތް ނަސީބަކީ އަޅުގަނޑު މިކުރާ މަސައްކަތުގައި، އަޅުގަނޑަށް އަންނަ ޝަކުވާއަކަށް، ނޫނީ ބަދުނާމުގެ ތެރޭގައި އެއްގޮތަކަށްވެސް މިވެނި ރަށެއްގައި މިވެނި ކަމެއް ނުކުރެވޭ ވާހަކައެއް ނުދައްކަވާ. އަޅުގަނޑުމެން މި އަންނަނީ ނ. އަތޮޅާއި، ޅ. އަތޮޅާއި، ބ. އަތޮޅުގެ ރަށްރަށުން ގާތްގަނޑަކަށް އަށެއްކަ ރަށް ނިމިގެންދާނެ، މާދަމާގެ ނިޔަލަށް ތުޅާދޫގައި މަންޒިލް ކުރުމަށްފަހު. މި އަށެއްކަ ރަށުގައިވެސް ރައްޔިތުންނަށް ބޭނުންވެފައި ހުރި ބޮޑެތި މަޝްރޫޢުތައް، ﷲގެ ރަޙްމަތާއެކީ ނިންމައިދީފައި، އެ ފަސޭހަތައް އެމީހުންނަށް ފޯރުވައިދިނުމަށްޓަކައި، ފޯރުކޮށްދިނުމަށްޓަކައި މަޝްރޫޢުތައް ފަށްޓައިދީފައި އަޅުގަނޑު މި އަންނަނީ.


އެހެންވީމާ، މި ރަށްރަށުގައި ދިރިއުޅުއްވާ ރައްޔިތުން ހަމަގައިމުވެސް އެ ރަށްރަށަށް އައިސްފައި ހުރި ފަސޭހަކަން، އެ ރަށްރަށުގައި ބޮޑުކުރެވިފައި އޮތް ބިން، އެ ރަށުގައި އެޅެމުންދާ މަގުތައް، އެ ރަށުގައި ބެހެއްޓޭ ކަރަންޓް، ނޫނީވިއްޔާ ފެނުގެ ވިއުގަ، މިކަންކަން އިޙްސާސް ކުރައްވާ. އަޅުގަނޑުގެ ވާދަވެރިން، އަދި އަޅުގަނޑުމެންނަށް ޚިދުމަތް ކުރައްވަން ތިއްބެވި އިސްބޭފުޅުންވެސް މި ވިދާޅުވާ ވާހަކަފުޅުގައި، މިކަންކަން ނުވާ ވާހަކައެއް ވިދާޅުވާ އަޑެއް ނީވޭ އަޅުގަނޑަކަށް. މާޅެންދޫގެ ބަނދަރު ސުނާމީއަށްފަހު އަލުން އާރާސްތުވެގެން، ބޮޑުވެގެންދިޔަ ވާހަކަ، އެކަން ނުވާ ވާހަކައެއް ވިދާޅެއްނުވޭ. އޭދަފުށީގެ ބިމުގެ މުއްސަނދިކަން، އޭދަފުށީގެ ކުރީގައި އޮތް ސައިޒަށް އިތުރުނުވާ ވާހަކަ ވިދާޅެއްނުވޭ. ހައްތަހާވެސް މި ވިދާޅުވަނީ، މި ގެންނަ ތަރައްޤީ ނުފެންނަ ވާހަކަ. އެހެންވީމާ، ކަމެއް ނުވުމާއި، ކަމެއް ނުފެނުމާއި، ކަމެއް ހިނގާކަމުގެ އަޑުނީވުމާ، މީގެތެރޭގައި ބަހުގެ ބޭފުޅުން އެބަޖެހޭކަންނޭނގެ ތަފާތުތަކެއް ގެނެސްދެއްވަން މިހާރު. އެހެންވީމާ، އަޅުގަނޑު ނެތިން، މީގެ ދިފާޢުގައި، އަޅުގަނޑުގެ ދިފާޢުގައި ވާހަކައެއް ދައްކާކަށް.


އެހެންވީމާ، މިހާރު މި ސަރުކާރުން ރައްޔިތުން ބޭނުންވާ ކަންތައްތަކެއް، ރާއްޖޭގެ އެކި ހިސާބުގައި ވަމުންދާތީ، މިހާރު އަޅުގަނޑަށް އަމާޒު މިވަނީ އެންމެ ފުރަތަމަ ޖެހިވަޅަށް ޖެހި ހިސާބަށް ކިޔާކަމަށްވަންޏާ، އަޅުގަނޑުގެ ނަފްސު ކަތިލުމުގެ މައްސަލަތަކެއް މި އަންނަނީ. އަޅުގަނޑާ ބެހޭގޮތުން، އަޅުގަނޑުގެ ޒާތާ ބެހޭގޮތުން، އަޅުގަނޑުގެ ޝަޚްޞާ ބެހޭގޮތުން، އަޅުގަނޑުގެ ސިފަތަކާ ބެހޭގޮތުން މީގެކުރީގައިވެސް ހުރީ ލައްކަ ވާހަކަ ދެކެވިފައި. މިއީ ދިވެހި ރައްޔިތުންނަށް އާ ވާހަކަތަކެއް ނޫން. މިއީ އަދި އަމުދުން އަޅުގަނޑަށް ބާ ވާހަކަ. އަޅުގަނޑަށް މިކަންކަމުގައި ޖަވާބު ދިނުމަށްވުރެ ފަސޭހަވެގެންދިޔަ، މިއަދު އަޅުގަނޑުމެންގެ ޖަލްސާ ފަށްޓަވައިދެއްވަމުން، މި ޖަލްސާގެ ޢިއްޒަތްތެރި މެންބަރު އެ އަޅައިދެއްވީ މީގެ ބިންގާ. އެހެންނަމަވެސް، ޢުމަރުގެފާނުގެ ޚަލީފާހާ ދުރު ހިސާބަކަށް އެމަނިކުފާނު ވަޑައިގަތީމަ، އަނބުރާ މި ޒަމާނަށް ވަޑައިގަންނަވާހާ ވަގުތު ނެތިގެން ވާހަކަފުޅު ކުރުކޮށްލައްވަން ޖެހިވަޑައިގަތީ. އަޅުގަނޑުމެން ހަމަ ވަރަށް ފޯރިއާއި އިންތިޒާރާއެކީ، އަޅުގަނޑުމެން އަޑުއަހަމުންދިޔައީ. އެހެންނަމަވެސް، މި ދެންނެވި ގޮތަށް ވަރަށްގިނަ މިސާލުތަކާއި، ވަރަށްގިނަ ޢިބުރަތްތެރި ފިލާވަޅުތައް އަޅުގަނޑުމެން އިސްލާމީ ތާރީޚުގެ ތެރެއިން މިކަންކަމާ ބެހޭގޮތުން ދައްކަވައިދެއްވައިފި.


މީގައިވެސް އަޅުގަނޑަށް ފަސޭހަވެގެން މި ދިޔައީ، ދީބާޖާއެއް، މުޤައްދިމާއެއް މިކަމުގައި ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ސަލީމް އަޅައިދެއްވީމަ. އަޅުގަނޑުގެ އަމިއްލަ ޝަޚްޞާ ބެހޭގޮތުން މި ދެކެވޭ ވާހަކައިގައި، ސަލީމްގެ ވާހަކަފުޅުގައި އެ އަންނަނީ އަޅުގަނޑާ އިދިކޮޅު ފިކުރުތަކުގެ މީހުން އަޅުގަނޑާ ދޭތެރޭގައި ދައްކާ ވާހަކައަށް ރައްދު އެ ދެއްވީ. އިޚްލާޞްތެރިކަމާއެކީ ހަމަ ޝުކުރު ދަންނަވަން.


އެއްކަމަކަށް މަޝްވަރާގެ މަތިވެރި އުޞޫލު. އަޅުގަނޑަށް ހީވަނީ މިހާރުގެ ސަރުކާރުގައި، ނޫނީ ލީޑަރުންގެ ތެރޭގައި ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ އެންމެ މަތީ މަޤާމުގައި ހުރި އެކަކުވެސް ނުހުންނާނެ، ޝޫރާ މަޖިލީހުގައި އަޅުގަނޑަށްވުރެ ގިނަ ދުވަހު އުޅުނު މީހެއް. އެހެންވީމާ، ރައްޔިތުން ކަންކަން ނިންމުމުގައި، މަޝްވަރާ ކުރުމުގައި އެންމެ ގިނަ މަޝްވަރާގެ ދައުރުގައި ހަމަގައިމުވެސް އެ މަޙެފިލުގައި ބައިވެރިވެފައި ހުރި މީހަކަށްވާނީ އަޅުގަނޑު. އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގައި ޖެހިޖެހިގެން، ވިދިވިދިގެން ހޭދަކުރިން 19 އަހަރާއި އެތައް މަހެއް. އެހެންވީމާ، މަޝްވަރާ ހުންނާނީ ކުރެވިފައި ދޮގެއްތޯ. މަޝްވަރާ ކުރެވި، ބަޖެޓުތަކެއް ފާސްކުރެވި، ރަށްރަށުގެ ތަރައްޤީއަށް ފައިސާ އެކަށައަޅާނެ ގޮތްތަކާއި، ތަރުތީބު ކުރާނެ ގޮތްތަކެއްގެ މަޝްވަރާގައި ހަމަގައިމުވެސް ބައިވެރިވެވިފައި ހުންނާނެ އެކަކަށްވާނެ އަޅުގަނޑު.


ދެންއޮތީ ދައުލަތުގެ ބޮޑެތި ކަންކަން ނިންމުމުގައި މަޝްވަރާކުރާގޮތް. އަޅުގަނޑު މި ވާހަކަތައް ކޮންމެވެސްވަރެއްގެ ތަފްޞީލަކަށް މި ދަންނަވަނީ، ހަމަ ޙަޤީޤަތުގައިވެސް މީގެ ޢިލްމުވެރި، ނޫނީވިއްޔާ ޚިދުމަތްތެރި ތަޖުރިބާހުރި ބޭބޭފުޅުން މިކަހަލަ ވާހަކަފުޅު ދެއްކެވީމަ، ސާބިތު ވަކި މިސާލެއް ވިދާޅުނުވެ، ޢާންމު އުޞޫލުން މި ވިދާޅުވާ ބޮޑެތި ވާހަކަފުޅުތައް ވިދާޅުވީމަ، ހަމަ އޮޅޭ ރައްޔިތުން ތިއްބަވާނެތީ، އޭގެ ތަފްޞީލަށް ދާންވެގެން. އަޅުގަނޑުމެންނަށް ވަރަށް އުނދަގޫ މަންޒަރެއް، ފުޅާ ފިއްސަކުން ދަވާދުލީމަ، އެ މަންޒަރުގެ ތަފްޞީލުތައް ހޯދަން. އެކަމަކު މަންޒަރެއްގައި ކުލަ ޖައްސާއިރު، އެ ކުލަތައް، އެއްކުލައިން އަނެއް ކުލައަށް ބަދަލުވެގެންދަނީ، ހިމަ ފިއްސަކުން ޖައްސާ ކުލައިން ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ކުލަތަކުގެ ތަފާތު ހޯދަން ފަސޭހަވާނެ. އެ ތަފްޞީލު އަރުވާނަން. މަޝްވަރާގެ ވާހަކަ ދައްކަވާއިރު، ޤާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމުކުރާ ވަރުގަދަ މާއްދާއެއް އޮވޭ. ދައުލަތުގެ މުހިއްމު ހުރިހާ ބޮޑެތި މައްސަލަތައް ނިންމަންވާނީ ކެބިނެޓްގައި މަޝްވަރާކޮށްގެންނޭ. އެއީ، ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމު ކަމެއް.


ދެން އަޅުގަނޑު ހަމަ ކިތާބީ ހެތްކާއެކީ އަޅުގަނޑަށްވުރެ ދިގު މުއްދަތުގައި ޚިދުމަތް ކުރެއްވި ބޭފުޅުންނާއި، އެބޭފުޅުންގެ އަރިހުގައި ދަންނަވާލާނަން. އަޅުގަނޑުގެ ސަރުކާރަށް މިވީ 4 އަހަރު. 5 ވަނަ އަހަރުގެ ތެރޭގައި އަޅުގަނޑުމެން މިއުޅެނީ. އަލިވިލައިގެން މިއުޅެނީ. އަޅުގަނޑުގެ ފުރަތަމަ މަސައްކަތަކަށްވެސްވީ، އަޅުގަނޑު ގަބޫލުކުރަން، ރާއްޖޭގައި ބޮޑެތި މައްސަލަތައް ހުރިކަމަށް. އަދި އެ ހުރި ބޮޑެތި މައްސަލަތައް އަޅުގަނޑު ދެނެގަތީމު. އަޅުގަނޑަށް އެނގޭ އެ މައްސަލަތައް. އެއީ، އަޅުގަނޑު ސަރުކާރުގެ ދާއިރާގައި ވަރަށް ތަފާތު ދާއިރާތަކުގައި، ވަރަށް ތަފާތު ގިންތިތަކުގެ މީހުންނާއެކީ މަސައްކަތް ކުރުމުގެ އުފާވެރި ތަޖުރިބާ އަޅުގަނޑަށް ލިބިފައި ހުރީ. މުއްސަނދި ތަޖުރިބާ އަޅުގަނޑަށް ލިބިފައި ހުރީ. އެހެންވީމާ، ރާއްޖޭގައި ހުރި މައްސަލަތައް ހޯދާކަށެއް އަޅުގަނޑު ނުޖެހޭ އެކި ކަރަކަރައިން މީހުން ގެނެސްގެން އެ މައްސަލަތައް ތިލަކުރާކަށް ކަރުދާހާ ހަމައަށް. އެ މައްސަލަތައް އެހެރީ ފެންނަން. މާލޭގައި މީހުން ވަޅުލާނެ ސަހަރާއެއް، ޤަބުރުސްތާނެތް ނެތްކަން، އެކަން ހޯދާކަށް އަޅުގަނޑު ނުޖެހޭ ޔޫރަޕުން ކޮންސަލްޓަންޓުން ހޯދާކަށް. ރާއްޖޭގެ ޒުވާނުންނަށް ބޯހިޔާވަހިކަން ނެތްކަން ދެނެގަތުމަށްޓަކައި އަޅުގަނޑު ނުޖެހޭ މަޝްވަރާ ކުރާކަށް، ސައުތު އެފްރިކާއިން ކޮންސަލްޓަންޓެއް ގެންނާކަށް. ރާއްޖޭގެ ޒުވާނުންނަށް ޒަވާޖީ ޙަޔާތެއް ނުފެށި މިއުޅެނީ އާމްދަނީ ލިބޭނެ ގޮތްތަކެއް ނެތިގެން ކަމަށްވަންޏާ، ދިވެހިރާއްޖޭގައި އުފައްދަންޖެހެނީ ނުވަދިހަ އެތައްހާސް ވަޒީފާއެއް ކަމަށްވަންޏާ، އެކަން ކުރާކަށް މަޝްވަރާ ހޯދާކަށް އަޅުގަނޑު ނުޖެހޭ ބޭރުން މީހެއް ގެންނާކަށް. މުޅި ރާއްޖެއަށް ޢާންމުވެގެންވާ ފައިދާ ލިބެނީ ރާއްޖޭގެ އެކި ހިސާބަށް ޓޫރިޒަމްގެ ޞިނާޢަތު ފުޅާކޮށްގެން ކަމަށްވަންޏާ، އަދި އެތަންތަނަށް ދަތުރުފަތުރުކުރުމާއެކީ އެ ތަންތަނުގައި ގެސްޓްހައުސްއާއި، އަދި އެއިން ލިބޭ ނަފާ މުޅި ރާއްޖެއަށް ޢާންމުވެގެންދަނީ ރާއްޖޭގެ އެކި ހިސާބަށް ޓޫރިޒަމްގެ ޞިނާޢަތު ފުޅާކޮށްލެވިގެން ކަމަށްވަންޏާ، އެކަމުގައި މަޝްވަރާ ހޯދާކަށް އަޅުގަނޑު ނުޖެހޭ ބޭރުން މީހެއް ގެންނާކަށް.


އެހެންވީމާ، މިކަންކަމަކީ އަޅުގަނޑުމެންނަށް އެނގޭ ކަންކަން. މަޝްވަރާ ކުރުމަކީ ރަނގަޅު ކަމެއް. އެކަމަކު ނިމި، އެނގި، ހުރި، ފާޅުވެފައި ބަޔާންވެފައި ހުރި ކަންކަމުގައި އިތުރަށް މަޝްވަރާ ކުރުމަކީ ވަގުތު ނަގާލުން. ވަގުތު ނަގާލުމަކީ އަޅުގަނޑުމެންގެ މަސައްކަތުން ކުރާ އެންމެބޮޑު އިސްރާފު. އެކަމެއް ނުކުރެވޭނެ. ދައުލަތުގެ ވެރިޔަކަށް ހުންނަ މީހަކު، ދައުލަތުގެ ރައްޔިތުން ބޭނުންވެފައި ތިބި އެހާ ބޮޑެތި ބޭނުންތައް ހުއްޓާ، ވަގުތު ނަގާލައި މަޝްވަރާކުރާކަށް، ބޭނުންނުވާ ކަންކަމަށް މަޝްވަރާ ކުރުމަކީ ބޮޑު އިސްރާފެއް. އެއީ، ކުރެވޭނެ ކަމެއްނޫން. މިކަންކަން އެނގޭތީ، އަޅުގަނޑު ފުރަތަމަ 1 ވަނަ ދުވަހުން ފެށިގެން، ނޮވެންބަރު 17 ވަނަ ދުވަހުން ފެށިގެން މަޝްވަރާ ކުރުމުގެ މަތިވެރި އުޞޫލެއް އަޅުގަނޑު ކަނޑައެޅީމު. އަޅުގަނޑު ހަމަ، ކުރީގައި ތިއްބެވި ހުރިހާ ލީޑަރުންނަށް އިޙްތިރާމާއެކީ ދަންނަވާލާ ވާހަކައެއް.


ކުރީގައި އަޅުގަނޑުމެންގެ ސަރުކާރުތަކުގައި ކެބިނެޓް މަޝްވަރާ ކުރެވޭތަން ތިޔަބޭފުޅުންނަށް ޓީ.ވީ އިން ފެނިވަޑައިގަންނަވާނެ. ކޮންމެ ދުވަހަކު ކެބިނެޓް މަޝްވަރާއެއް އޮތިއްޔާ ޓީ.ވީ އިން ފެންނާނެ. ގިނަވެގެން މަހަކު ކެބިނެޓްގެ 3 ޖަލްސާ. ނޫނީ 4 ޖަލްސާ. ހަފްތާއެކު 1 ޖަލްސާ. ދައުލަތުގެ ބޮޑެތި ކަންކަން ނިންމަންވާނީ، މަޝްވަރާގެ މަތިން ކަމަށް ކަނޑައަޅާއިރު، އެއީ ޙަޤީޤަތުގައިވެސް ވަޒީރުންނަށް ވަގުތު ތަނަވަސް ކުރައްވައިގެން މަޝްވަރާ ކުރައްވަން ދެވޭނެ ވަގުތަކީ އެއީ. 4 ޖަލްސާ، 5 ޖަލްސާ. އަޅުގަނޑުގެ ޒަޢާމަތުގައި 1 ވަނަ ދުވަހުން ފެށިގެން އެކަން ހިނގީ ކިހިނެއްތޯ؟ ޤާނޫނުއަސާސީގައި އަނެއްކާވެސް އެކަން ލާޒިމުކުރަނީ ބޮޑެތި ކަންކަން ނިންމަންވާނީ ވަޒީރުންގެ މަޝްވަރާގެ މަތިންނޭ. އަޅުގަނޑު ދުށީ މަސައްކަތްކުރާ މަސައްކަތުގެ ތެރެއިން މެނޭޖްމަންޓް އެފިޝަންސީ ގެނެސްގެން ނޫނީވިއްޔާ އަޅުގަނޑުމެން ބޭނުންވާ ކަންކަމަށް އަވަސް ޙައްލެއް ގެނެވޭނެ ގޮތެއް ނޯންނާނެ ކަމަށް. އެހެންވީމާ، އަޅުގަނޑު އޭރުވެސް ނެގީ ޝޯޓްކަޓް. އެހެންނަމަވެސް، އަޅުގަނޑެއް އޭގެ ކޮލިޓީ ކޮމްޕްރޮމައިޒެއް ނުކުރަން. އަޅުގަނޑު ކެބިނެޓް ބަހާލީ ދެބަޔަކަށް. އެއްބަޔަކީ އަޅުގަނޑުގެ އެންމެ މުހިއްމު އެއް ދާއިރާ. އެންމެ ގިނަ ވަޢުދުތައް ރައްޔިތުންނާ ގުޅިފައި ހުރި ދާއިރާ. އެއީ އިޤްތިޞާދާއި، އަމާންކަމާއި، ޒުވާނުންގެ ކުރިއެރުން. މިކަމަށް ކިޔަނީ އީ.ވައި.ސީ. އިކޮނޮމިކް ޔޫތު ކައުންސިލް، އަޅުގަނޑުމެން މި ކިޔަމުންދިޔައީ. އެހެންވީމާ، އިޤްތިޞާދީ ގޮތުން ރާއްޖެ އޭރު ވެއްޓިފައި އޮތް އަޑިގަނޑުން ނެގުމަށްޓަކައި އަދި އަޅުގަނޑުމެން އާރާސްތު ކުރަން ބޭނުންވާ މުއްސަނދިކަން ޢާންމު ކުރުމަށްޓަކައި އިޤްތިޞާދަށްދޭ ސަމާލުކަން އިތުރުކުރަންޖެހޭ.


ދެންއޮތީ ޒުވާނުންގެ މަޝްރޫޢުތައް. ޒުވާނުންނަށް ބޭނުންވެފައި ހުރި ކަންތައް. މަޙްރޫމްވެފައި ހުރި ކަންތައްތައް، ޒުވާނުންނަށް އަނބުރާ އިޢާދަކޮށްދޭން. ނޫނީ އިތުރަށް ކޮށްދޭން ހުރި ކަންތައްތަކުގެ ވާހަކަ. އެހެންވީމާ، ވަޒީރުންގެ ތެރޭގައި، މި ދާއިރާތައް ބަލަހައްޓަވާ ވަޒީރުންގެ ކައުންސިލެއް، ކެބިނެޓް ކައުންސިލެއް އުފެއްދީ. ހަމައެއާއެކީ، އިޖުތިމާޢީ މައްސަލަތައް ޙައްލުކުރުމަށްޓަކައި އިޖުތިމާޢީ ކައުންސިލެއް އުފެއްދީ. ސޯޝަލް ކައުންސިލެއް. މި ދާއިރާއަށް ދާނީ ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާއާއި އަދި ދުޅަހެޔޮކަމާއި، މިނޫންވެސް އެހެން އިޖުތިމާޢީ މައްސަލަތައް. ކުށްކުރުމާއި، ކުށް މަދުކުރުމާ، މިޒާތުގެ ކަންކަން ދާނީ.


ދެން ކޮބައިތޯ، މި ބައްދަލުވުންތައް އޮންނަނީ ކިހިނެއްތޯ؟ މިއީ އަޅުގަނޑު ހަމަ ގޮންޖަހާލާފައި ދަންނަވާ ވާހަކަ. އިޤްތިޞާދީ ދާއިރާގައި، މި ދެންނެވި ޖަލްސާތައް، ކޮންމެ ދުވަހަކު، ހަފްތާގެ ކޮންމެ ދުވަހަކު ދެ ގަޑިއިރު ވަންދެން އޮންނާނެ. އިޖުތިމާޢީ ދާއިރާގެ މައްސަލަތައް، ވަޒީރުންގެ މަޖިލިސް، ހަމަ ކޮންމެ ދުވަހަކު ރައީސް އޮފީހުގައި ދެ ގަޑިއިރު އޮންނާނެ. އެހެންވީމާ، މަޝްވަރާ ނުކުރެވޭތޯ؟ އެހެންވީމާ، ވަޒީރުންގެ މަޖިލިސް، މި ދެންނެވި ގޮތަށް ދެ ބަޔަކަށް ބަހާލައިގެން ހަފްތާގެ 5 ދުވަހު، 10 ގަޑިއިރު އެ އޮންނަނީ ދެއްވާފައި، އިޖުތިމާޢީ މައްސަލަތައް ޙައްލުކުރަން. ހުރިހާ ވަޒީރުން އެއް މޭޒަކަށް ވަޑައިގަންނަވަނީ. އިޤްތިޞާދީ ކޮމިޓީ ޗެއަރ ކުރަމުން ގެންދިޔައީ ރައީސް. އިޖުތިމާޢީ ކޮމިޓީ ޗެއަރ ކުރައްވަމުން ގެންދެވީ ނައިބު ރައީސް. އަދި ނައިބު ރައީސް ބައްލަވަމުން ގެންދެވި މައްސަލަތައް، އެންމެ ބޮޑެތި މައްސަލަތައް، އިޖުތިމާޢީ ކޮމިޓީން ނިމިގެން ނޫނީ އަޅުގަނޑުގެ މޭޒަކާ ހަމައަށް ނާންނާނެ. މިނިވަންކަމާއެކީ ނިންމަވަމުން އައީ. އެހެންވެގެން މައްސަލަތައް އަވަސްކުރެވުނީ. އެހެންވީމާ، ކޮބައިތޯ މަޝްވަރާ ނުކުރެވިފައި؟ އެހެންވީމާ، މިއަށްވުރެ ގިނަ މަޝްވަރާތައް ކުރި ސަރުކާރެއް ނޯންނާނެ.


ދެން އޮތީ ރައްޔިތުންގެ މަޖިލީހަށްދާ މައްސަލަތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރޭގައި ހިނގާ ކަންކަމާ ދޭތެރޭގައި މަޝްވަރާ ކުރުން. އަޅުގަނޑަށްވުރެން ގާތްކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ދޭތެރޭގައި މަޝްވަރާއާއި ގާތްކަން ބެހެއްޓި ލީޑަރެއް ހުންނާނެކަމާ ދޭތެރޭގައި އަޅުގަނޑު ޝައްކު. އެއީ، މި ދެންނެވި މަޖިލީހުގައި 19 އަހަރާއި އެތަކެއް މަސް ހޭދަކުރި މީހެއް. ހަމަ އަޅުގަނޑަކީވެސް އަޅުގަނޑުގެ މައްޗަށް ހުންނެވި ލީޑަރަކަށް، ޒަޢީމަކަށް ޚިދުމަތްކުރި ވަޒީރެއްގެ ހައިސިއްޔަތުންނާއި، އަދި އެއަށްވުރެން ޖޫނިއަރކޮށް ޚިދުމަތްކުރި މީހެއް. އެހެންވީމާ، މިކަހަލަ ވާހަކަ ދައްކައިގެނެއް އަދި ދެކޮޅެއްނުޖެއްސޭނެ. މިސާލާއި، ހެތްކާއެކީ ވިދާޅުވީމަ މިކަންކަންވާނީ. އެހެންވީމާ، މަޝްވަރާ ހޯދާކަމަށްވަންޏާ، ރައްޔިތުންނަށް ބޭނުންވާ ބޮޑެތި އުޞޫލީ ހުރިހާ ކަމެއްގައި މަޝްވަރާކޮށްފައި ހުންނާނީ.


ދެން އަޅުގަނޑުގެ ޝަޚުޞަށް އަމާޒުވާ އަނެއް ކަމެއްގެ ގޮތުގައި މި އަންނަނީ މިސާލަކަށް އަނިޔާވެރިވުން. ކޮބައިތޯ އަނިޔާވެރިވުމަކީ؟ މި ސަރުކާރުގައި ޤާނޫނާއި ޝަރީޢަތުގެ ބޭރުން އެންމެ މީހަކު ހިފާ ހައްޔަރުކޮށް ބަންދުކުރިތޯ؟ އަޅުގަނޑުގެ އިދިކޮޅު ޚިޔާލުގައި ތިއްބެވި ބޭފުޅުންނަށް އަޅުގަނޑު މި ދަންނަވާލަނީ، އަޅުގަނޑަށް ޖަވާބެއް ދެއްވާ. މި ސަރުކާރުގައި ޤާނޫނާއި ޝަރީޢަތާ އޮންނަ އުޞޫލުގެ ބޭރުން އެންމެ މީހަކުވެސް ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހިފާ ހައްޔަރުކުރިތޯ؟ ހޯމް މިނިސްޓްރީއަކަށް ނޯންނާނެ އެ ބާރެއް. މީހަކު ޑިޓެއިން ކުރާ ކަމަށްވަންޏާ، ފުލުހުންވެސް އެދަނީ ފަނޑިޔާރެއްގެ ކުރިމައްޗަށް. މި ސަރުކާރަށްވުރެ ބޮޑަށް ޤާނޫނު ތަންފީޒުކުރާ، ޤާނޫނު އަކުރުން އަކުރަށް ތަންފީޒު ކުރަން މަސައްކަތްކުރާ ސަރުކާރެއް ނޯންނާނެ. އެހެންވެގެން ދޮގެއްތޯ، ތަޖުރިބާ ހުރި ބޭފުޅުން، މި ސަރުކާރުން ކުރާ ކަންކަމާ ފާޑުވިދާޅުވާއިރު، އެކި ސައިޒުގެ ކެކުރީގެ ވާހަކަވެސް ހިތްޕުޅަށް އެ ގެންނަވަނީ، މިސާލު ބަސްބަހަށް. އެހެންވީމާ، ތަންފީޒުވަމުން މިދަނީ އަޅުގަނޑުމެން އެދޭ ކަންތައްތައް. އެންމެންނަކީ އިންސާނުން. ޢުޤޫބާތުގެ ކުރިމަތީގައި އަޅުގަނޑުމެން އެންމެންނަކީ ހަމަހަމަ ބައެއްކަން ސާބިތުކޮށްދެނީ.


އެހެންވީމާ، އަޅުގަނޑު ދަންނަވާލަން މިއުޅޭ ވާހަކައަކީ، ހަމަގައިމުވެސް އަޅުގަނޑު ނުކުރާ ކަމަކީ، ފަނޑިޔާރުގޭގައި ހުންނަ މައްސަލަތަކަކާ އަޅުގަނޑެއް ނުބެހޭނެ. މަޝްވަރާ ކުރުމުގެ ތެރޭގައި، އަނިޔާވެރިވުމުގެ ތެރޭގައި، މިކަންކަމަކާ އަޅުގަނޑު ނުބެހޭނެ. މިކަންކަމާ އަޅުގަނޑު ނުބެހޭތީ، ކުޑައެއް، ބޮޑެއް، ގިންތިއެއް، މުއްސަނދިކަމެއް، ވިހޭ ރާއްސެއް، ވިހެއީ ކޮންފެންވަރެއްގެ ޢާއިލާއަށްތޯ ބެލުމެއްނެތި މީހުންނަށް އެއް އުޞޫލަކުން ޤާނޫނުގައި އޮންނަ ޙުކުމްތައް ތަންފީޒުވަމުން އެދަނީ. އެކަމަކު މީގެކުރީގެ ސަރުކާރުތައް ކިހިނެއްތޯ؟ އެކި ފެންވަރުގެ މީހުންނަށް އެކިގޮތް އޮންނާތީ އަނިޔާވެރިނުވަނީ. އަޅުގަނޑު ދެކޭގޮތުގައި، އަނިޔާވެރިނުވުމަކީ އެންމެންނަށް އެއް އުޞޫލު ގެންގޮސްދިނުން. ހަމަގައިމުވެސް ރައީސް އޮފީހަކުން އިޝާރާތްކޮށްގެނެއް އެއްވެސް ތަނަކުން މީހަކު ހައްޔަރެއް ނުކުރާނެ. މީހަކަށް އަނިޔާއެއްނުކުރާނެ. މީހަކަށް ލިބެންވާ ތަނަވަސްކަމަކަށް ހުރަހެއްނާޅާނެ.


އެހެންވީމާ، އަޅުގަނޑަށް އަމާޒުވާ ކަންތައްތަކުގެ ތެރޭގައި، މިކަހަލަ ކަންކަން އަމާޒުވާ ކަމަށްވަންޏާ، އަޅުގަނޑުގެ ޖަވާބުވެސް ހަމަ ތިޔަ ހުރިހާ ބޭފުޅުންނަށް އަދި މި ޖަލްސާ އަޑުއައްސަވާ، ބައްލަވަމުން ގެންދަވާ ބޭފުޅުންނަށް މި ވަސީލަތުގެ ތެރެއިން، މި ޒަރީޢާގެ ތެރެއިން އިވިވަޑައިގަންނަވާނެ. އެހެންވީމާ، މިކަހަލަ ކަންތައްތައް އަންނާނެ. މީގެކުރިން ކޮބައިތޯ އަޅުގަނޑަށް އަމާޒުވާ މައްސަލަތަކަކީ؟ އަޅުގަނޑުގެ ނަޚްޞަށް، އަޅުގަނޑުގެ ޝަޚްޞަށް އަމާޒުވެގެން އަންނަ ކަންކަމުގެ ތެރޭގައި، ރާއްޖޭގައި އަޅުގަނޑުވަރުގެ މުއްސަންޖެއްނެތީ. ﷲގެ ރިޒުޤު. އަޅުގަނޑު މުއްސަނދިއްޔާ އެއީ ﷲ ދެއްވި ރިޒުޤު. ދެން އެއީ ނާޖާއިޒު ގޮތަކުން ހޯދާފައި ހުރި ފައިސާ ކަމަށްވަންޏާ، އެ މައްސަލަ ބައްލަވަން އެތައް ސަރުކާރަކަށް ފުރުޞަތު ލިބިއްޖެ. މައްސަލަ ބަލަންވެސް ބެލި. މައްސަލަ ބަލަން ބޭރުގެ ކޮންސަލްޓަންޓުންވެސް ހަޔަރކުރި. އަދި އެކަމުގައި ލިބިދާނެ ފައިސާއަކަށްވުރެ ބޮޑަށް އެމީހުންނަށް ހޭދަވެސްކުރި. ފަނަރަވަރަކަށް މިލިއަން ޑޮލަރު ހޭދަކުރި ގްރޭންޑް ތޯރންޓަން ކިޔާ ބަޔަކު ހަޔަރކޮށްގެން، ސިންގަޕޫރުގައި އަޅުގަނޑުގެ ވިޔަފާރި ހުރިތޯ، ނޫނީ ފައިސާ ހުރިތޯ.


މިއަދު އަޅުގަނޑު މިކުރަނީ ކީއްތޯ؟ މިއަދު އަޅުގަނޑާ މައްސަލަޖެހޭ މީހުންނާ މަޝްވަރާ ކުރަން، ނޫނީވިއްޔާ އެމީހުންގެ ޚިޔާލު ނުހޯދައި، އަޅުގަނޑު މިކުރާ ކަމަކީ، ނޫނީ އަޅުގަނޑުގެ ފަރާތުން ނުފުދި މިދަނީ ކޮންކަމެއްތޯ؟ ކިތައްފަހަރުތޯ ސިޔާސީ ލީޑަރުންނަށް ދެންނެވީ އަޅުގަނޑާއެކީ ވާހަކަ ދައްކަވަން މޭޒު ކައިރިއަށް ވަޑައިގަންނަވާށޭ. ކިތައް ބޭފުޅުންތޯ، ރައްޔިތުންނަށް ގަބޫލުނުކުރެވޭ ބުހުތާނު ޙުއްޖަތްތައް ދެއްކެވީ. މަސައްކަތް ކުރަން އާދެވޭނީ، މިވެނި ޙުކުމެއް ތަންފީޒު ކުރަމުންދާ މީހާ ވީއްލީމައޭ. އެއީކީ އަޅުގަނޑަށް ކުރެވޭނެ ކަމެއްނޫން. ޙުކުމްތަކުގައި ތިބޭ މީހުން، ޙުކުމް ތަންފީޒުވަމުންދާއިރު ވީއްލާނެ އުޞޫލުތަކެއް މިހާރު އެއޮތީ ޤާނޫނުގައި ލިޔެވިގެން، އެއަށް ޢަމަލުކުރެވޭގޮތަށް އަޅުގަނޑުމެންގެ އުޞޫލުތައް ތަރުތީބުވެފައި. އެހެންވީމާ، މޭޒު ކައިރިއަށް ވާހަކަ ދައްކަން އަންނައިރަކު އެކަންކަމެއް ނުކުރާނެ. ހޮސްޓެޖުން ނެގީމަ، ރަހީނުން ނެގީމަ، ރަހީނުން ދޫކޮށްނުލަނީސް ވާހަކަ ނުދައްކާނަމޭ ބުނަންޏާ، ދެން ދައްކަން އޮތީ ކޮން ވާހަކައެއްތޯ؟ އެހެންވީމާ، އަޅުގަނޑުގެ އަތްމަތީގައި އޮތް ކަމެއްނޫން، ނޫނީވިއްޔާ އަޅުގަނޑު އަޅުގަނޑު އުފުލަންޖެހޭ މަސްއޫލިއްޔަތެއް ނޫން އެއީ ޤާނޫނުގެ ކުރިމަތީގައި ކޯޓުތަކުގެ ޙުކުމް، ކޯޓުތަކުގައި ސާބިތުވެގެންދާ ކަންކަމަށް މީހުންނަށް ޙުކުމް އައިމަ. އެއަކަށް އަޅުގަނޑަކަށް، ހަމަގައިމުވެސް އަޅުގަނޑުގެ ސިކުނޑިއަކު، ނޫނީ އަޅުގަނޑު ކިޔެވި ޢިލްމަކު އެ ޤާބިލުކަމެއްނެތް. އަޅުގަނޑު މިއީކީ އިސްލާމީ ޝަރީޢަތް ދަންނަ މީހެއްނޫން. އަޅުގަނޑަކީ ފަނޑިޔާރުކަން ކުރަން ދަންނަ މީހެއްވެސް ނޫން. އެހެންވީމާ، އެއް ކޯޓަކުން ނިންމަވާ މައްސަލަ އެ ނިންމެވީ އިންޞާފުންތޯ، ބޭއިންޞާފުންތޯ، އޭގެ ޖަޖަކީ އަޅުގަނޑެއް ނޫން. އެކަން ނިމިފައި އޮތްގޮތް ފައިޞަލާ ކުރުމުގެ ޤާބިލުކަމެއް އަޅުގަނޑުގެ ނެތް. އަދި ކީއްތޯ، އަމުދުން އެކަމުގެ ޝައުޤުވެރިކަންވެސް އަޅުގަނޑުގެ ނެތް. އެހެންވީމާ، ކުށަށް ހުށަހެޅޭ ފަރާތްތައް ކުށުން ބަރީޢަވާކަމަށްވަންޏާ، އެއް ކޯޓަކުން އަންނަ ޙުކުމުން އޭނަ ތަނާޒިލް، ނޫނީވިއްޔާ ބަރީއަވާން ބޭނުމިއްޔާ، ދިވެހިރާއްޖޭގައި އެ އުޞޫލު އެއޮތީ ޤާއިމުކުރެވިފައި. އިސްތިއުނާފުގެ ދެ ކޯޓު އެބައޮތް. އެ ދެ ކޯޓުން މައްސަލަ ނިންމެވީމަ އެކަން ރަނގަޅުވާނެ. އެއީކީ އަޅުގަނޑު ނިންމާ ނިންމުމެއް ނޫން.


އެހެންވީމާ، ރާއްޖޭގެ ސިޔާސީ ލީޑަރުން އެކިކަހަލަ ބަންދުގައި ތިއްބަވާފައި އެ ތިއްބެވީ. ބަންދުގައި އެ ތިއްބެވީކީއެއް ދައުލަތުން އަރބިޓްރީ ޙުކުމެއް ކޮށްގެން، އަރބިޓްރީ ޑިޓެންޝަނަކު ނޫން. އެކަމަކު އޭގެކުރީގެ ސަރުކާރާ ބެހޭގޮތުން ވާހަކަ ދައްކާއިރު ކިހިނެއްތޯ؟ އަޅުގަނޑަށް އަދިވެސް އަޅުގަނޑު ހައްޔަރުކުރި ހައްޔަރުކުރުމާ ގުޅިގެން ދައުލަތުން ދޭންވާ ބަދަލުވެސް ނުދޭ. ހުރިހާ ކޯޓަކުން އެއޮތީ ނިންމާފައި، އަޅުގަނޑު ހައްޔަރުކުރީ ޤާނޫނާއި ޝަރީޢަތުން ބޭރުން ކަމަށް. އެއަށް ދައުލަތުން އަޅުގަނޑަށް އަދިވެސް ފައިސާވެސް ދޭންޖެހޭ. އަދިވެސް ނުލިބޭ ފައިސާއެއް. ކާކުތޯ މިއަދު އަދި ބޭރުގައި އަރުވާލެވިފައި ތިއްބެވި ބޭފުޅުންގެ ތެރެއިންވެސް، ނޫނީވިއްޔާ ރާއްޖެއިން ބޭރަށް އަމިއްލަ އިޚްތިޔާރުގައި ވަޑައިގެން ތިއްބެވި ބޭފުޅުންވެސް ވިދާޅުވެބައްލަވަ، އަރބިޓްރީކޮށް އެބޭފުޅުންނާ ދޭތެރޭގައި އަޅާފައި އޮތް ފިޔަވަޅެއް. ފަހަރެއްގައި ވެދާނެކަންނޭނގެ އެބޭފުޅުން ރުއްސަން، ރާއްޖޭގައި ހުރި އެތައް ފަޅެއް ނުދެވުނީކަމަށް. އަދި ފަހަރެއްގައި ވެދާނެކަންނޭނގެ އެބޭފުޅުން ދައްކަވަން އޮންނަ އެތައް މިލިއަން ޑޮލަރެއްގެ ފައިސާ ހޯދަން އަޅުގަނޑު މަސައްކަތް ކުރަނީކަމަށް. އެކަމަކު ދައުލަތަށް ބޭނުންވާ ފައިސާ ވަންނަންޖެހޭ. އޭދަފުށީގައި ބޭނުންވެފައި ހުރި ކަންތައްތަކަށް ބަލާކަމަށްވަންޏާ، އޭދަފުށީގައި ހަމަގައިމުވެސް މި ބޭނުންވެފައި ހުރި ހުރިހާ ކަމެއް ފުދިގެންދާނެކަންނޭނގެ، މި ހޯދަން އުޅޭ ފައިސާގެ ބައިކުޅަބައެއް ލިބުނަސް. އެހެންވީމާ، ކީއްވެތޯ އެ ފައިސާ ނުހޯދަންވީ؟


އަޅުގަނޑުގެ އަތުގައި ހުރި ފައިސާ ހޯދަންވެގެން މި ދެންނެވީ ބޭރުގެ ފަރާތެއް ފަނަރަވަރަކަށް މިލިއަން ޑޮލަރު ހޭދަކޮށްގެން މަސައްކަތްތަކެއް ކުރެވުނު. އަޅުގަނޑު މިކުރާ މަސައްކަތް މިކުރަނީ ދައުލަތުގައި ޤާނޫނުއަސާސީން މަތިކޮށްފައި ހުރި ޒިންމާތައް އުފުލަން ކަނޑައަޅާފައި ހުރި މުއައްސަސާތައް މެދުވެރިކޮށް މި ފައިސާ ލިބޭތޯ. ދެން ކީއްތޯ އަޅުގަނޑު މީގައި ކުރާނީ؟ އެއީ މަޝްވަރާ ނުކުރުމެއްވެސް ނޫން. އަނިޔާވެރިވުމެއްވެސް ނޫން. އެހެންވީމާ، މިއަދުވެސް ފުރުޞަތު އެބައޮތް ހުރިހާ ބޭފުޅުންނަށްވެސް. އަޅުގަނޑުމެންގެ ޚިޔާލާއި، އަޅުގަނޑުމެން މި ތަރައްޤީ ކުރަން މިކުރާ މަސައްކަތުގައި ބައިވެރިވެވަޑައިގެން ރައްޔިތުންނަށް ކުރިމަގު އުޖާލާކޮށްދެއްވަން ބޭނުންފުޅުވާ ހުރިހާ ބޭފުޅުން ވަޑައިގަންނަވާ އަޅުގަނޑުމެންނާ ވާހަކަ ދައްކަވަން. އެކަމަކު ޝަރުޠު ކަނޑަނާޅުއްވާ. ޝަރުޠު ކަނޑަނާޅުއްވާ. ވިދާޅުނުވޭ، ވިދާޅުނުވޭ، ތިމަންނަ އަންނާނީ، ތިމަންނަ ޕާޓީގެ ލީޑަރު ދޫކޮށްލީމައޭ. ޕާޓީއަކީ ލީޑަރެއް ނޫން. ޕާޓީގެ އެންމެ މުހިއްމު އެއް މަސްއޫލިއްޔަތު އުފުލާ މީހަކަށް ލީޑަރު ވެދާނެ. ލީޑަރުން ނެތިއްޖިއްޔާ ކިހިނެއްތޯ ވަނީ؟ ޢުމަރުގެފާނުގެ ޚިލާފަތު. ޚާލިދު ބުނި ވަލީދުވެސް ވަކިކުރެއްވީ. އެހެން ލީޑަރުން ތިބެންވާނެ. އެހެންވީމާ، ލީޑަރެއް ނެތް ޙާލަތެއްގައި، އެ ޕާޓީ އޮޔާދާ ކަމަށްވަންޏާ، ގާދޫކޮލަކީ ހަމަ އަމާޒުހިފަން ރަނގަޅު ދިމާއެއް. އެހެންވީމާ، ލީޑަރެއް ނެތުން އެއީ، ލީޑަރެއް ނުވީއްލުން އެއީކީ ސަރުކާރުން މިކުރާ މަސައްކަތުގައި ބައިވެރިވާން ނައުމެއް ނޫން.


ދެން ތިބީ އަޅުގަނޑުމެންގެ ފިކުރުގައި އެހެން ދިމަދިމާއަށް ދިޔަ މީހުން. އޭގައި އަޅުގަނޑު ކީއްތޯ ކުރާނީ؟ ކޮންމެވެސް އިލްހާމެއްވެގެން ދޮގެއްތޯ އަޅުގަނޑުމެންގެ ފިކުރު ދޫކޮށްލާފައި ދާނީ؟ ދެން އަޅުގަނޑު އޭގައި ކީއްތޯ ކުރާނީ؟ އަޅުގަނޑު މަސައްކަތް ކޮށްފިން، އެކި މީހުންނާއެކީ މަސައްކަތް ކުރެވޭތޯ. އަދި އަޅުގަނޑު މިކުރާ މަސައްކަތުގައި، އަޅުގަނޑަށް ހުރިހާ ފިކުރެއްގެ މީހުންނާއެކީ މަސައްކަތް ނުކުރެވޭ ކަމަށް، އަޅުގަނޑާއެކީ ވަރަށްގާތުން މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވި. ތިމަންނަމެން ރައީސް ޔާމީނާ ގުޅުނީ، ނޫނީވިއްޔާ ޔާމީނާ ގުޅިގެން ރައީސް ކަމަށް ގެންނަން މަސައްކަތްކުރީ، ޔާމީން ބުންޏޭ، ހުރިހާ ސިޔާސީ ފިކުރެއްގެ މީހުންނާއެކީ މަސައްކަތް ކުރެވޭނެއޭ. މިއަދުވެސް މި ބުނަނީ ހުރިހާ ސިޔާސީ ފިކުރެއްގެ މީހުންނާއެކީ އަޅުގަނޑަށް މަސައްކަތް ކުރެވޭނެ. އެކަމަކު އެ ސިޔާސީ ހުރިހާ އެންމެން އެއްވެގެން އަޅުގަނޑު ކަފުނަށް ތިރިކުރަންދެން، އަދިވެސް އަޅުގަނޑެއް ނުހުންނާނަން ބަލާކަށް. އެއީ، އަޅުގަނޑުގެ ޚިދުމަތަކީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތެއް.


ވަގުތުވެސް ކައިރިވަނީ. އެކަމަކު އަޅުގަނޑު އުފާވެރި ޚަބަރެއްވެސް ދަންނަވާލާނަން. އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑުމެންގެ ސަރުކާރުގެ މި 4 އަހަރެއްހާ ދުވަހުގެ ތެރޭގައި ހިނގަމުންދިޔަ މަޝްރޫޢުތަކުގައި، ވަރަށްގިނަ މަޝްރޫޢުތަކެއް މިދަނީ އެއް އަހަރުން، ދެ އަހަރުން، ތިން އަހަރުން ބަޖެޓުގައި ހިމަނައިގެން ކުރެވެމުން މިދަނީ. އެހެންނަމަވެސް، އަޅުގަނޑުމެން ދަންނަވަން އޮތީ، އަޅުގަނޑުމެންގެ ސަރުކާރު އައިއިރު، ސަރުކާރު ހަވާލުވިއިރު، ސަރުކާރު ހަވާލުވީ ބޮޑު ދަރަންޏަކާއެކީއޭ. ގާތްގަނޑަކަށް އޮނަތިރީސްހާސް މިލިއަން ރުފިޔާގެ ދަރަންޏާއެކީ. އެ ދަރަނި އަދާކުރަމުން، އާ މަޝްރޫޢުތަކަށް ފައިސާ ހޯދަމުން މި ގެންދަނީ. އެހެންވެގެން އަޅުގަނޑުމެން ބޭނުންވާ އެންމެ ބާރުމިނުގައި އަދިވެސް ކަންކަން ނުކުރެވެނީ. އަދިވެސް އެ ޙާލަތު ބަދަލެއްނުވޭ. އެހެންނަމަވެސް، ރާއްޖޭގައި މި ހިންގޭ ބިޔަ ބޮޑެތި މަޝްރޫޢުތަކުގެ ނަތީޖާތައް އަޅުގަނޑުމެންނާ ބައްދަލުކުރާނީ އިރާދަކުރެއްވިއްޔާ މީގެ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި. ރާއްޖޭގައި ނިމިގެން މިދާ ބައިނަލްއަޤްވާމީ އެއަރޕޯޓްގެ މަސައްކަތްތަކެއް މި އަންނަ އަހަރުގެ ކޮންމެވެސް ހިސާބެއްގައި ހުޅުވިގެން، ދެންހުރި މަސައްކަތް ފުރިހަމަވެގެންދާއިރު، އޭގެ ހުރިހާ ފައިދާއަކީވެސް އަޅުގަނޑުމެންގެ ޓޫރިޒަމްގެ ޞިނާޢަތަށްދާ ކަންތައްތައް.


ބ. އަތޮޅު، ޅ. އަތޮޅު، ރ. އަތޮޅު، ނ. އަތޮޅު، މި ތަންތަނަށް ޢާންމުކޮށް ޓޫރިޒަމް ފެތުރިގެންގޮސް، އަދި މި ތަންތަނުގައި ބައިނަލްއަޤްވާމީ އެއަރޕޯޓްތައް ހެދިގެން ދިޔައިމަ، މީގެ ފައިދާކުރާނީ ހަމަ މަސައްކަތް ކުރަން ކެރޭ މެދުފަންތީގެ ޒުވާން ކުދިންނަށް މީގެ ފައިދާ ކުރާނީ. ގެސްޓްހައުސްތައްވެސް އުފައްދަންވީ. އަދި ރިޒޯޓްތަކަށް ބޭނުންވާ ތަކެތި އުފެއްދުމުގެ މަސައްކަތްވެސް ކުރަންވީ. އެހެންވީމާ، އިޤްތިޞާދު ފުޅާވެގެންދާއިރު، މި ދެންނެވި ގޮތަށް، ކުރެވޭ މަސައްކަތުގެ ނަފާ ލިބިގެންދާނީ، އަހަރެއް، ދެ އަހަރެއް، ތިން އަހަރެއްހާ ދުވަސް ފަހުން. އުއްމީދާއެކީ ދަންނަވަން އޮތް ވާހަކައަކީ، އަޅުގަނޑުމެން ފެށި ގިނަ މަޝްރޫޢުތަކެއް ނިމިގެންދިޔަސް، ރައްޔިތުންގެ ބޭނުންތަކަކަށް ނިމުމެއް ނާންނާނެ. އެ ބޭނުންތައް އަދިވެސް އިތުރުވާނީ. އޭދަފުށީގައިވެސް ބޭނުންވެފައި ހުރި އެތައް ކަމެއް އޮންނާނެ. އެހެންނަމަވެސް، މި ދަންނަވާލިހެން އަޅުގަނޑުމެންގެ ސަރުކާރު އައިއިރު، މި ބޮޑު ދަރަންޏާއެކީ، ބައެއް ދިމަދިމައިގައި ބިން ހިއްކުމުގެ ނަމުގައި ކޮނެލާފައި ހުރި ތަންތަން އެބަހުރި، އެއްގޮތަކަށް އަޅާނުލާ. މިހެންހުރި މަޝްރޫޢުތައްވެސް އަޅުގަނޑުމެން ހަމަ ވިރާސީ، އަޅުގަނޑުމެންނަށް ވާރުތަވެފައި ހުރި ކަންތައްތަކުގެ ގޮތުގައި ނަގައިގެން، އެކަންކަންވެސް އެހެރީ ރައްޔިތުންނަށް ނިންމައިދީފައި.


އެހެންނަމަވެސް، މީގެ އުފާވެރިކަމަކީ އަޅުގަނޑުމެން ފެށި ހުރިހާ މަޝްރޫޢުތަކަށް ހޭދަކުރާ ޕީ.އެސް.އައި.ޕީ ރޯލްއައުޓް މަޝްރޫޢު މިއަހަރު ނިމުނީމާ އެ ހުރިހާ ޚަރަދެއް ނިމުނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ 2019 ވަނަ އަހަރުން ފެށިގެން ހަމަ އާރޯތާނާ އާ ބޮޑެތި މަޝްރޫޢުތަކަށް އަޅުގަނޑުމެން ހޭދަކުރާނީ. އޭގެތެރޭގައި އެންމެ ބޮޑެތި ކަންކަމަކީ މިހާރު މި މަސައްކަތް ކުރެވިގެން، ބިންގާ އެޅިގެން މިދަނީ، މި ހިންގާ ބޮޑެތި އިޤްތިޞާދީ، އިޖުތިމާޢީ މަޝްރޫޢުތަކަށް ބޭނުންވާ މީހުން ތަމްރީނު ކުރުމުގެ މަސައްކަތް. މީހުން ތަމްރީނު ކުރަނީ އެމީހުންނަށް ތަނަވަސްކަން ހޯދައިދޭން. މީހުން ތަމްރީނު ނުކުރާ ކަމަށްވަންޏާ، އެ ވަޒީފާ އެ ދަނީ ބޭރުގެ ކޮންމެވެސް ފަރާތަކަށް. އެއީއެއް ނޫން އަޅުގަނޑުގެ ސަރުކާރުގެ ވިސްނުމަކީ. އެއީއެއް ނޫން އަޅުގަނޑު ރައްޔިތުންނާ ދޭތެރޭގައި ވިސްނާގޮތަކީ. އަޅުގަނޑު، އަޅުގަނޑުގެ ރައްޔިތުންނާ ދޭތެރޭގައި ދެކޭގޮތަކީ، މިއީ ވަރަށް ރިސޯސްފުލް ބައެއް ކަމަށް. ކުޅަދާނަ ބައެއް ކަމަށް. މިއަދުގެ ޒުވާނުންނަކީ ކުޅަދާނަ ބައެއް. ދިވެހިންގެ ތެރޭގައި އެ ފިސާރި ކެރުމާއި، ޤާބިލުކަން އެބަހުރި. އެހެންވީމާ، އެ ވަޒީފާތަކެއް ނުޖެހޭ ބޭރަށްދާކަށް. އެހެންވެގެން މީހުން ތަމްރީނު މި ކުރަނީ.


އެހެންވީމާ، މި މަސައްކަތްތަކުގެ ނަފާ އަޅުގަނޑުމެންނަށް ފެނިގެންދާނީ އިރާދަކުރެއްވިއްޔާ 2019 އިން ފެށިގެން. އަދި އަޅުގަނޑުމެން މިހާރު ހޭދަކޮށްފައި، އިންވެސްޓްމަންޓް ހަދާފައި ހުރި ބޮޑެތި ދާއިރާތައް، ބޮޑެތި ދާއިރާތަކުގެ މަސައްކަތްތައްދާތީ ދޮގެއްތޯ ބޭރުގެ ބޮޑެތި ފަރާތްތަކުން އިންވެސްޓް އެ ކުރަނީ. މީގެކުރީގައި ރާއްޖޭގެ ސަރުކާރުތަކުން އެބަހުރޭ ލޯނު ހޯދަން ބޭރަށް ގޮސްފައި. އެއީކީ ފަސޭހަކަމެއްނޫން. މިއަދަކުވެސް ފަސޭހަ ވާހަކައެއްނޫން. އެކަމަކު ﷲގެ ރަޙްމަތާއެކީ މި ކުރެވެނީ ރަނގަޅު މަސައްކަތްތަކެއް ކަމަށްވާތީ، މިއަދު ލޯނުދޭނެ ފަރާތްތައްވެސް އެބަހުރި.


އެހެންވީމާ، އިރާދަކުރެއްވިއްޔާ އިޤްތިޞާދު މިދަނީ ހަމަ މުޅިން އާ މިޞްރާބަކަށް. އިޤްތިޞާދު މިދަނީ ބަދަލުވެގެން މުޅިން އެހެން ޑައިމެންޝަނަކަށް. އޭގެ ނަތީޖާއަކަށްވާނީ، އޭގެ މަންފާވެރިންނަށްވާނީ ހަމަ ޙަޤީޤަތުގައިވެސް މަސައްކަތް ކުރަން ކެރޭ ޒުވާނުން، މަސައްކަތަށް ނުކުންނަން ޝައުޤުވެރިކަން ހުންނަ ޒުވާނުންނަށް. މެދު ފަންތީ ޒުވާނުން މިކަންކަމުގައި ކުރިމަތިލާންވީ.


އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އޭދަފުށީގައި މިވަރުގެ ޖަލްސާއެއްގައި ދައްކަންޖެހޭ ވާހަކަ ހަމަ ގިނަވެސްވާނެ، ސަލީމް ވިދާޅުވިގޮތަށް. އެހެންނަމަވެސް، ކޮންމެ ކަމަކަށްވެސް ވަގުތެއް އޮންނާނެ. ވަރަށް އިޚްލާޞްތެރިކަމާއެކީ ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަނީ، އަޅުގަނޑުމެންނާ ދޭތެރޭގައި ތިޔަބޭފުޅުންގެ ހިތްޕުޅުގައި ހުރި ޝައުޤުވެރިކަން، އަދި އަޅުގަނޑުމެންގެ ވާހަކަ އަޑުއައްސަވަން ތިޔަ ހުރިހާ ބޭފުޅުން މި ގަޑީގައި ތިއްބެވީމަ، އެކަމަށްޓަކައި ޝުކުރު ދަންނަވަމުން، އަޅުގަނޑުގެ ވާހަކަ ނިންމާލާނަން. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާނަން. ދިވެހިރާއްޖޭގެ މުސްތަޤްބަލާ ދޭތެރޭގައި ނާއުއްމީދު ނުވާށޭ. މުސްތަޤްބަލާ ދޭތެރޭގައި ނާއުއްމީދުގެ ވާހަކަ ދައްކާ މީހުންނަށް ކަމަށްވަންޏާ، ރައްޔިތުން ގޮވައިގެން ހިނގަން ޖާގަ ނުދެއްވާ. ރާއްޖޭގެ މުސްތަޤްބަލަކީ އުޖާލާ މުސްތަޤްބަލެއް. ރާއްޖޭގައި ކުރެވޭނެ ކަންކަން ހުރިކަން އަޅުގަނޑުމެންނަށް އެބަ ގަބޫލުކުރެވޭ.


އެހެންވީމާ، އަޅުގަނޑުމެން ކޮންމެ ދުވަހަކީ ހެނދުނު ހޭލާއިރު ވިއްސާރަވެގެން ކަމެއް ނުކުރެވޭވަރުގެ ދުވަހެއް ކަމަށް އިންތިޒާރުކުރާ ބައެއްގެ މުސްތަޤްބަލެއް ނެތް، ފިއުޗަރއެއް ނެތް، ދިރުމެއް ނެތް. އެހެންކަމަށްވަންޏާ، އަޅުގަނޑުމެންގެ އުއްމީދުތަކެއް ނުހުންނާނެ. އެހެންވީމާ، ރާއްޖެއަކީ ކުރިއަށްދާނެ ތަނެއް. އެކަން ކުރަން ކެރޭވަރުގެ މީހުންނާއެކީ ރައްޔިތުން ހިނގައިފި ކަމަށްވަންޏާ، ރައްޔިތުންނަށް ބޭނުންވާ މަންފާ އިތުރުވެގެންދާނީ. މުޅި ރާއްޖެއަށް ތަނަވަސްކަން ޢާންމުވެގެންދާނީ.


އަޅުގަނޑުމެންގެ މި މަސައްކަތުގައި މާތްﷲގެ ތައުފީޤާއި ބަރަކާތް މިންވަރު ކުރައްވާށި!


والسّــلام عليــكم ورحـمــة اللّـه وبـركاتـه.
________________________