ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ މެދުގައި، އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ގުޅުން ޤާއިމުވެފައި އޮތުމުގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވި ކަމަށްޓަކައި، މާތްﷲ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ. އެއަށްފަހު، ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް، ދިވެހިރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަހުގެ ތަހުނިޔާ، ވަރަށް އިޚްލާޞްތެރިކަމާއެކު ދަންނަވައި، ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރަމެވެ.

ރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަމުން އަންނަނީ، 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި، ސުނާމީގެ ހިތާމަވެރި ކާރިސާއާ ގުޅިގެން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން އެދުވަހު ދެއްކެވި އެކުވެރިކަމާއި ޤައުމީ އެއްބައިވަންތަކަމުގެ ވަރުގަދަ ގުޅުމުގެ ހަނދާންތައް އާކުރުމަށްޓަކައެވެ. މިއަދު އަޅުގަނޑުގެ އެންމެ މުހިއްމު އެއްވާޖިބަކީ، އެ ހިތާމަވެރި ކާރިސާގައި، އަޅުގަނޑުމެންގެ ތެރެއިން މިދުނިޔެ ދޫކުރެއްވި އުޚުތުންނާއި އަޚުންގެ ފުރާނައަށް، މާތްﷲ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދެންނެވުމެވެ.

ސުނާމީ ކާރިސާ މިއަދުވެސް އަޅުގަނޑުމެންގެ ހިތްތަކަށް ވެރިވެގެންދަނީ، ދާދި މިދާކަށް ދުވަހު ހިނގި ކާރިސާއެއްގެ ގޮތުގައެވެ. އެ ކާރިސާއަކީ، އަޅުގަނޑުމެންގެ ހިތްތަކުން ދުވަހަކުވެސް ފިލައިގެންދާނެ ކާރިސާއެއް ނޫނެވެ. އެ ކާރިސާއަކީ، އަޅުގަނޑުމެންގެ އެތައް ބައެއްގެ ފުރާނަ ގެއްލި ކުޑަހިނދުކޮޅެއްގެ ތެރޭގައި މުޅި ޤައުމު، ބޮޑެތި ނުރައްކާތަކަކާ ކުރިމަތިލާން ޖެހުނު އަދި އިޖުތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުންވެސް ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔަ ކާރިސާއެކެވެ. އެ ގެއްލުންތަކުން އަރައިގަތުމަށް ރައްޔިތުން އެކީގައި ކުރި މަސައްކަތްތައް މިއަދުވެސް އަޅުގަނޑުމެން ހަނދާންކުރަންޖެހެއެވެ.

ސުނާމީ ކާރިސާއިން ދިވެހި ރައްޔިތުން ދައްކަވައިދެއްވި އެއްބައިވަންތަކަމުގެ ވަރުގަދަ ގުޅުމުން މިއަދުވެސް އަޅުގަނޑުމެން ޢިބްރަތް ޙާޞިލު ކުރަންޖެހެއެވެ. އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަމާއި އެއްބަނޑުއެއްބަފާ ކަމުގެ މަތިވެރި ގުޅުން އިތުރަށް ހަރުދަނާކޮށް، ޤައުމީ މަޞްލަހަތު އިސްކުރުމަކީ، މިފަދަ ކާރިސާތަކުން އަޅުގަނޑުމެން ދަސްކުރަންވީ ފިލާވަޅެވެ. ހަމައެއާއެކު، ތަރައްޤީއަށް ކުރެވޭ ކޮންމެ މަސައްކަތަކީ، ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރެވޭ މަސައްކަތެއްކަމަށް ބަލައިގަނެ، މިއަދުވެސް ޤައުމީ ރޫޙާއި އެކުވެރިކަން ކުރިއަށް ނެރުއްވުމަކީ، ދިވެހި ކޮންމެ ރައްޔިތެއްގެ ވާޖިބެއްކަމަށް ދެކެވަޑައިގަތުމަށް މި މުނާސަބަތުގައި އަޅުގަނޑު ގޮވާލަމެވެ.

މާތްﷲ، ދިވެހިރާއްޖެއާއި ރާއްޖޭގެ ލޮބުވެތި ރައްޔިތުން، އެކިއެކި ނުރައްކާތެރި ކާރިސާތަކުން ސަލާމަތް ކުރައްވާށިއެވެ! އަޅުގަނޑުމެންގެ މެދުގައި މިއޮތް އެކުވެރިކަމާއި އަޚުވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، އެ ގުޅުން ދެމެހެއްޓުމުގެ މަތީގައި ދެމިތިބުމުގެ ހިތްވަރު އަޅުގަނޑުމެންނަށް ދެއްވާށިއެވެ! ރާއްޖެ ތަރައްޤީގެ މަގުގައި ކުރިއަށް ގެންދިޔުމަށް ކުރަމުން މި ގެންދާ މަސައްކަތްތަކުގައި ބަރަކާތާއި ހެޔޮ ނަސީބު މިންވަރު ކުރައްވާށިއެވެ! އާމީން.