بسم اللّـه الرّحمـن الرّحيــم


اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.


ވެލިދޫގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، އަޅުގަނޑާއެކީ އަޅުގަނޑުގެ މި ދަތުރުގައި ބައިވެރިވެވަޑައިގެންނެވި އެންމެހައި ޢިއްޒަތްތެރިން؛


السّــلام عليــكم ورحـمــة اللّـه وبـركاتـه.


ނ. އަތޮޅަށް ދަތުރުކުރުމަކީ އަބަދުވެސް އަޅުގަނޑަށް އުފާވެރިކަމެއް ލިބޭ ކަމެއް. ވަކިން ޚާއްޞަކޮށް، ވެލިދުއަށް ޒިޔާރަތް ކުރުމަކީ އަޅުގަނޑަށް އެއަށްވުރެން އިތުރަށް އުފާ ލިބިދޭ ކަމެއް. އެހެންވީމާ، ތިޔަބޭފުޅުންގެ މި އުފަލުގައި ބައިވެރިވުމަށް އަޅުގަނޑަށް ފުރުޞަތު ލިބުނީމަ، މި އުފަލުގައި އަޅުގަނޑު މި ބައިވެރިވަނީ އަޅުގަނޑުގެ ހިތުގައިވެސް ހަމަ އުފާތަކެއް، އިޙްސާސްތަކެއްވާތީ، ހަމަ އެ އުފަލުގައި ތިޔަބޭފުޅުންނާއެކީ ބައިވެރިވުމަށްޓަކައި.


އާދެ، އަޅުގަނޑުގެ ވާހަކަ ކުރިއަށް ގެންދިޔުމުގެ ކުރިން ހަމަ ޝުކުރުގެ ދެތިން ބަހެއް ދަންނަވަން، އަޅުގަނޑުގެ ޟަމީރު ލާޒިމުކުރޭ. ވަރަށް އޯގާތެރި، އިޚްލާޞްތެރި ބަސްފުޅުތަކަކުން އަޅުގަނޑަށް ހަދިޔާ ކުރެއްވި، ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޔާމީން. ޢަބްދުﷲ ޔާމީން، ޢަބްދުﷲ ޔާމީނަށް ހަދިޔާ ކުރައްވައިފި. ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ޔާމީނަކީ އަޅުގަނޑުމެންގެ ވަރަށް ހިންގުންތެރި އަދި އަޅުގަނޑުމެންގެ ޕާޓީއަށް ވަރަށް ވަފާތެރި، ރައްޔިތުންގެ ކަންކަމުގައި އަބަދުމެ އަވަދިނެތި އުޅުއްވާ ވަރަށް އިޚްލާޞްތެރި މެންބަރެއް. ޔާމީން އަޅުގަނޑާ ގުޅޭގޮތުން އެ ދެއްކެވި ވަރަށްގިނަ ވާހަކަފުޅުތަކަކީ، އަޅުގަނޑު ހިތަށްއަރަނީ ޔާމީން އަރިހުގައި ކޮންމެވެސް ބޭފުޅުންކޮޅެއް ދެންނެވި ވާހަކަފުޅުތަކަކަށޭ ވާނީ. އަޅުގަނޑު ވެލިދޫގެ ތަރައްޤީގެ މަސައްކަތްތަކާ ގުޅުނުއިރު އަޅުގަނޑަށް ހަމަ ޔަޤީން، ޔާމީނަކީ ހަމަ ވަރަށް ތުއްތު ކުއްޖަކަށްވާނީ.


އަޅުގަނޑަށް މި ރަށަށް ޒިޔާރަތް ކުރީމަ، އަޅުގަނޑަށް މި ރަށުގެ މަލަމަތިން މި ފެންނަގޮތަށް މި ރަށުން ފެނުނު ތަންކޮޅެއް، ދެން ދޮށީ ރަށްވެހިންނޭ ބުނާކަށް ނުވާނެ. ތަންކޮޅެއް މެދު އުމުރުގެ ބޭފުޅުން، ޚިދުމަތްތެރިން ދޮގެއްތޯ. މި ރަށަށް އެންމެ ބޮޑަށް ޚިދުމަތް ކުރައްވާފައި ތިއްބެވި ބޭފުޅުންނަކީ، އަޅުގަނޑުގެ ޒުވާންއިރުގައި މި އަތޮޅަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިލައިގެން މިކުރި ޒިޔާރަތްތަކުގައި، އަޅުގަނޑާ ހަމަ އެންމެ ގިނައިން ބައްދަލުވާ ބޭފުޅުން، އެންމެ ގިނައިން އަޅުގަނޑާއެކީ މަސައްކަތް ކޮށްދެއްވި ބޭފުޅުން، އެންމެ ބޮޑަށް އަޅުގަނޑުގެ މަސައްކަތުގައި ބުރަ އުފުއްލަވައިދެއްވި ބޭފުޅުން. އެހެންވީމާ، އަބަދުވެސް އެބޭބޭފުޅުން ފެނުނީމަ އުފާވޭ. އަދި ހަމަ އަޅުގަނޑަށް ހަނދާންވާގޮތުން ވެއްޖިއްޔާ، ހަމަ ހުރިހާ ބޭފުޅުންގެ ނަންފުޅުތައް އަޅުގަނޑަށް ހަމަ މިއަދުވެސް ދަންނަވައިލެވުނުކަންނޭނގެ. އެހެންވީމާ، ޔާމީން އަޅުގަނޑާ ބެހޭގޮތުން އެ ދެއްކެވި ވާހަކަފުޅުތައް، ވެލިދޫގެ ތަރައްޤީއާއި، ނ. އަތޮޅުގެ ތަރައްޤީއާ، މިކަންކަމާ ބެހޭގޮތުން މި ދެއްކެވި ހުރިހާ ވާހަކަފުޅުތަކަށް ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކީ އަޅުގަނޑު ޝުކުރު ދަންނަވަން.


އަޅުގަނޑު އަދި މިއަދު ހަމަ ދަންނަވާލާނަން. ޒަމާނާއި ޙާލަތު ބަދަލުވެގެންދާގޮތްވެސް އަޅުގަނޑުމެން މިކަންކަމުގެ ތެރޭގައި ދަސްކޮށްލަންވާނެ. އަޅުގަނޑަކީ ރައްޔިތުންގެ މަޖިލީހުގައި  19 އަހަރާއި އެތަކެއް މަސްދުވަސް ވަންދެން އުޅެފައި ހުރި މީހެއް، މެދުކެނޑުމެއްނެތި. އެންމެ ފުރަތަމަ ޚިދުމަތް ކުރުމުގެ ފުރުޞަތު ލިބުނީ ތިޔަބޭފުޅުންގެ ދާއިރާއިން. ނ. އަތޮޅުގެ ދާއިރާއިން. އެ ދާއިރާއިން މަސައްކަތް ކުރަމުން ގޮސް އަޅުގަނޑުގެ ސިޔާސީ ޙަޔާތް ނިމޭ ހިސާބަށް، މަޖިލީހުގެ ޙަޔާތް ނިމޭ ހިސާބަށް އައިއިރު، ހަމަ މަޖުބޫރުވެގެން އަޅުގަނޑު ދާއިރާ ދޫކޮށްލާފައި، އެހެން ދާއިރާއަކާ ކުރިމަތިލާންޖެހުނީ. އެއީ ހަމަ އަޅުގަނޑުގެ ވަރަށް ގާތް ބޭބޭފުޅުންގެ ރިކްއެސްޓާއެކީ. އަޅުގަނޑު ހުރީ ޕާޓީއެއްގެ ލީޑަރެއްގެ ގޮތުގައި. އެހެންނަމަވެސް، ދާއިރާއަށް ކުރިމަތިލައްވާ ބޭފުޅުންނަށް ބަލާއިރު، މިވީގޮތަކީ އޭރު ރަށްރަށް މިހިރީ ދާއިރާތަކަކަށް ބަދަލުވެފައި. ކުރީގައި އޮންނަހެނެއް އަތޮޅުތަކަކަށެއް ނޫން. އަޅުގަނޑުގެ ހަމަ ވަރަށް ގާތް ބޭފުޅެއް ޢަލީ މުޙައްމަދަކީ. ޢަލީ މުޙައްމަދު ވަރަށް ބޮޑަށް އެދިވަޑައިގަތީ ހަމަ ދާއިރާއަށް ކުރިމަތިލައްވަން. އަޅުގަނޑުގެ ޚިޔާލުގައި އޮތީ އެއް ދާއިރާއަށް ކުރިމަތިލާން. ޢަލީ މުޙައްމަދު އަނެއް ދާއިރާއަށް ކުރިމަތިލައްވަން. އެހެންނަމަވެސް، އަޅުގަނޑަށް އެބައި ދޫކޮށްލާފައި އަޅުގަނޑަށް ޖެހުނީ އެހެން ދާއިރާއަކާ ކުރިމަތިލާން. އެ މަސައްކަތުގެ ތެރޭގައި އަޅުގަނޑު މ. އަތޮޅަށް، މުލަކު ދާއިރާއަށް ކުރިމަތިލީ. މުލަކުގެ ރައްޔިތުންވެސް ވަރަށް އިޚްލާޞްތެރިކަމާއެކީ އަޅުގަނޑުގެ ޚިދުމަތް ބަލައިގެންނެވި. އަޅުގަނޑަށް ހީވަނީ ނ. އަތޮޅުގައި ހުރެގެން އަޅުގަނޑު ކޮށްދިން މަސައްކަތްތައް އެބޭފުޅުންނަށްވެސް ކޮންމެވެސްވަރަކަށް އިޙްސާސް ކުރެއްވޭކަންނޭނގެ.


އެހެންވީމާ، ވަރަށް އިޚްލާޞްތެރިކަމާއެކީ ޔާމީނަށް އަޅުގަނޑު މި ޝުކުރު ދަންނަވަނީ. އެހެންނަމަވެސް، ޙާލަތަށް އައިސްފައި އޮތް ބަދަލު އެނގިވަޑައިގަންނަވަންވާނެއޭ މި ދެންނެވީ، ހަމަ ޚާއްޞަކޮށް، ރައްޔިތުންގެ މަޖިލީހަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފަރާތްޕުޅުން ރައްޔިތުން އެދިވަޑައިގަންނަވާ ކަންކަން ކުރުމުގައި، އޭރުގައި ހުންނަ ފަސޭހަކަން، އޭރުގައި ހުންނަ ދަތިކަން، މިހާރު ހުންނަ ފަސޭހަކަމާއި، މިހާރުގެ ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގާތްކަން އެންމެ ރަނގަޅަށް އެނގޭނެ މީހަކަށް ހުންނާނީ އަޅުގަނޑު. އެއީ، އަޅުގަނޑު މިއީ މި ދެންނެވި ކަނދުފަތީގެ ދެކޮޅުގައި ހުރި މީހެއް. ދެފަރާތުގައިވެސް ހުރި މީހެއް އަޅުގަނޑަކީ. އަޅުގަނޑަކީ އޭރު ރައީސަކަށް ޚިދުމަތް ކުރަމުން، ރައްޔިތުންނަށް ޚިދުމަތްތަކެއް ކުރެވޭތޯ، މި ދެންނެވި ގޮތަށް ރައްޔިތުންގެ މަޖިލީހުގައި 19 އަހަރު ވަންދެން އުޅެފައި ހުރި މީހެއް. ދާއިރާއަކަށް ބޭނުންވާ ކަމެއް ހޯދުމަށްޓަކައި އޭރު ކުރަންޖެހޭ މަސައްކަތް ވަރަށްގިނަ. ވަރަށްގިނަ މަސައްކަތް ކުރަންޖެހޭ. ކޮންމެ ދާއިރާއަކަށް މަސައްކަތެއް، ކޮންމެ އަތޮޅަކަށް މަސައްކަތެއް ގެންނައިރު، އެ މަސައްކަތަށް ވާދަވެރިކަމާއެކީ މަސައްކަތްކުރާ އެހެން ބައިވަރު އަތޮޅުތައް ހުރޭ. އެކަހަލަ ވަރުގަދަ ސިޔާސީ މަސައްކަތްތަކެއްގެ ތެރޭގައި އޭރު މަސައްކަތް ކުރަންޖެހެނީ. ދައުލަތަށް ލިބޭ އާމްދަނީ ކުޑަކަމުންނާއި އަދި އޭރުގެ ވިސްނުން ހުރިގޮތުން ބޮޑެތި ލޯނު ނަގައިގެން ކަންކަން ކުރުމަކީ، އޭރު މާބޮޑަކަށް ވިސްނައި ފިކުރުކުރާ ކަންކަމެއް ނޫން. އެހެންވެގެން ތަރައްޤީ އެ ދާންވާ ސްޕީޑްގައި ނުދެވި އޮތް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ.


އެހެންވީމާ، މަދު ފައިސާކޮޅަކާއެކީ މަސައްކަތް ކުރާއިރު، ކުޑަކުޑަ ރިސޯސްއަކާއެކީ މަސައްކަތް ކުރާއިރު، އަޅުގަނޑުމެންގެ ބޭނުންތައް މި ދެންނެވި ގޮތަށް ބަހާލާއިރު، އޭރުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރައްވާ މަސައްކަތާއި، މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް އެކްސެސް އޮންނަ މިންވަރާއި، އަދި ރައީސުލްޖުމްހޫރިއްޔާ ގާތުގައި ވާހަކަ ބުނެވޭ ފަސޭހަކަމާއި، އަދި ރައީސުލްޖުމްހޫރިއްޔާއާއި މެންބަރުންނާ ދޭތެރޭގައި އޮންނަ ގާތްކަމުގެ ތެރެއިން މި ރަށްރަށަށް ކުރެވޭ މަސައްކަތް، ދާއިރާތަކަށް ކުރެވޭ މަސައްކަތް ހަލުއިވެގެން މިދަނީ. އަދި އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ކެބިނެޓް ޓީމުގެވެސް ވިސްނުމުގައި، އަޅުގަނޑުމެން އަބަދުވެސް މި ބަލަނީ، އަޅުގަނޑުމެންނަށް ލިބޭ އާމްދަނީއަށްވުރެން ގިނަ އާމްދަނީ ހޯދުމާއެކީ މަސައްކަތް ކުރަން އަބަދުވެސް ޢަޒުމް ކަނޑައަޅާތީ.


އެހެންވީމާ، އެއީ ޙާލަތަށް އައިސްފައި އޮތް ބަދަލު. އޭރަކު ފަސޭހަކަމެއްނޫން އެއީކީ ކަންކަން ކުރަން އުޅޭކަށެއް. އޭރު އަޅުގަނޑުމެން ބަނދަރު ހަދާ ވާހަކައެއް ނުދައްކަން. އަޅުގަނޑު މި އަންނަނީ އިރުވައި ތޮށިން. އައިސް މި ވެލިދޫއާ ހަމައަށް މި އަންނަނީ. ކުރީގައި އަޅުގަނޑު ދަތުރު ފަށަނީ ވެލިދޫން. ފަށައިގެން އަޅުގަނޑު އިރުވައި ތޮށްޓަށް ދާނީ. އެހެންނަމަވެސް، މިފަހަރުގެ ދަތުރު މިއައީ މުޅިން އެކޮޅުން މިކޮޅަށް. އެކޮޅުން އެ ބިތުން މި ބިތަށް އަންނައިރު އެނގިވަޑައިގަންނަވާނެ، ބަނދަރުގެ ވާހަކަ އޭރު އަޅުގަނޑުމެން ނުދައްކާނެ. އޮޅު ގޮއްވާ ވާހަކަ ދައްކާނީ. ދޯނި ވައްދަން ކޮންމެވެސްކަހަލަ ޗެނަލެއް ހަދާ ވާހަކަ ދައްކާނީ. އެ ވާހަކަ މިހިސާބަށް ކުރުކޮށްލާނަން.


އެކަމަކު ދަންނަވަން މިއުޅެނީ އޭރު އަޅުގަނޑުމެންނަށް ހުރި ޗެލެންޖްތަކާއި، އޭރު ރައްޔިތުންގެ އުއްމީދު ހުރި ކަންކަމާއި، މިއަދު އެ މަސައްކަތް ބަދަލުވެގެން ގޮސްފައި އޮތްގޮތް، މި ޙާލަތު ބަދަލުވެގެންދާ ވާހަކަ މި ދެންނެވީ. އަދި އެކަންކަން މިއަދު ފަސޭހަވެގެން މިދަނީ ރައްޔިތުންގެ މަޖިލީހުގައި، އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި އެހާ ގިނަ ދުވަހު މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިފައި ހުރި މީހަކަށް، ތިޔަބޭފުޅުންގެ ވޯޓާއި، ﷲގެ ރަޙްމަތާއެކީ އެންމެ އިސް ޚިދުމަތެއް އަދާކުރުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނީމަ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. ވަރަށް ބޮޑަށް ޙާލަތު މިއޮތީ ބަދަލުވެފައި. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެކްސްޕެކްޓޭޝަނެއް އޭރު އެހާ ބޮޑެއްނުވާނެ. އެބޭފުޅުންނަށް އެބޭފުޅުންގެ ދާއިރާތަކަކަށް މާބޮޑެތި ކަންތައްތަކެއް ކޮށްދެވޭނެ ކަމަކަށް އުއްމީދެއް ނުކުރައްވާނެ. އެއީ އޭރު އެކަން އޮތްގޮތެއް ނޫން. އޭރު ކުޅި ހިނގާ މަގެއްނޫން އެއީކީ. އޭރު އެގޮތަކަށް ނޫން ކަންތައް ދަނީ. ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކެއް އަންނައިރު، ރައްޔިތުންނާ ވާހަކަ ދައްކާނެ. އެހެންނަމަވެސް، ސަރުކާރަށް އިސްކަންދެވޭ ތަރުތީބަކުން ކަންކަން ދާނީ. އެކަމަކު މިއަދު ސަރުކާރުން އިސްކަންދޭ ތަރުތީބު މިއޮތީ ރައްޔިތުންގެ ބޭނުންތަކާއި، ރައްޔިތުންގެ ގުޅުންތައް ހުރި މިންވަރަށް ބަލާފައި، އެ ތަރުތީބު ކުރާގޮތަށް މިއޮތީ ހަމަޖެހިފައި. އެއީ މި ދެންނެވި ގޮތަށް ރައްޔިތުންގެ މަޖިލީހުގައި އެހާ ގިނަ ދުވަހު މަސައްކަތް ކުރުމާއެކީ، ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ އެންމެމަތީ މަރުޙަލާއާ ހަމައަށް އާދެވުނީމަ، އެ ތަޖުރިބާގެ މުއްސަނދިކަން އަޅުގަނޑު ހިތުން މި ބަދަލުވެގެން މިދަނީ. އެއީ ޙާލަތަށް އައިސްފައި އޮތް ބަދަލަކީ.


ހަމައެއާއެކީ އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ހަމަ ދަންނަވާލަން ބޭނުންވޭ، އަނެއްކާވެސް އަޅުގަނޑުގެ ވާހަކައިގެ ކޮންމެވެސް ހިސާބަކަށް ދިޔުމުގެ ކުރިން، އަޅުގަނޑުގެ އަޚް އެމް.ޑީ.އޭ.ގެ ލީޑަރު އަޙްމަދު ޝިޔާމަށް. އަޙްމަދު ޝިޔާމަކީ އަޅުގަނޑުގެ ހަމަ ވަރަށް ގާތް ބޭފުޅެއް. ވަރަށްގިނަ ވާހަކަފުޅުތައް އެ ދެއްކެވީ އަޅުގަނޑާ ބެހޭގޮތުން. ކަންކަން ބަދަލުވެގެން ގޮސްފައި ހުރި ގޮތް. އަދި އަޅުގަނޑު އެމަނިކުފާނު އަރިހުގައި ކޮށްފައި ހުރި އިލްތިމާސްތައް. އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުގެ ހާޒިރުގައި އެ ވާހަކަވާހަކަ ވިދާޅުވީމަ، ހަމަ ނ. އަތޮޅުގެ ރައްޔިތުން، ވެލިދޫގެ ރައްޔިތުން އަދި އަޅުގަނޑުމެންގެ މި ޖަލްސާއަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ރައްޔިތުން ބައްލަވަމުން، އައްސަވަމުން ގެންދަވާ ޖަލްސާއަކަށްވާނެތީ، ހަމަ ދަންނަވާލަން ބޭނުންވަނީ ޝިޔާމް އެ ދެއްކެވީ ހަމަ ރަނގަޅު ވާހަކަފުޅުތަކެކޭ. އަޅުގަނޑު ހަމަ ޝިޔާމް އެ ދެއްކެވި ވާހަކަފުޅުތަކަށް ހަމަ ދަންނަވާލަން ބޭނުންވަނީ، ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކީ އަޅުގަނޑު ދެންނެވި ކަންކަން ވެއްޖިއްޔާ ކޮށްދެއްވަމުން ޝިޔާމް ގެންގޮސްދެއްވީ. އަދި އެމަނިކުފާނުގެ ވާހަކައިގައި އޭރު ޕްރީސްކޫލްގައި ތަޢުލީމުގެ ކަންކަން އޮތްގޮތް. ސަރުކާރުން އެ ޒިންމާ، ނޫނީވިއްޔާ އެ މަސްއޫލިއްޔަތު ބެއަރ ކުރަން، ކޮނޑުގައި އަޅަން އެ ނިންމި ނިންމުމަކީވެސް އަޅުގަނޑުމެން ހަމަ މިހެން ކުރި ދަތުރެއްގައި އަޅުގަނޑުމެންގެ ތެރޭގައި ވާހަކަ ދެކެވިގެން އަޅުގަނޑުވެސް ހަމަ ގަބޫލުކުރީ އެއީ ކުރަންޖެހޭ ކަމެއް ކަމަށް.


ދެން ހަމަ އެއާއެކީ ނ. އަތޮޅުގައި އެއަރޕޯޓެއް އެޅުމުގެ ވިސްނުން، އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ކުރިއްސުރެ އުޅޭ ވިސްނުމެއް. ދެން އަޅުގަނޑަށް އެނގޭ، ވަރަށް މެހްމާންދާރީއާއެކީ އަޅުގަނޑަށް ހަމަ ފުޅިއެއްގައި މިއޮތީ ދަޢުވަތު ލިބިފައި. އެހެންވީމާ، ފުޅިއެއްގައި އެއަރޕޯޓެއް މި ދިމާއަށް އަންނާނީ ކޮންއިރަކުންތޯ އަޅުގަނޑު ވިސްނަންޖެހޭކަންވެސް އަޅުގަނޑަށް އެނގޭ. އެހެންނަމަވެސް، އެއަރޕޯޓާ ބެހޭގޮތުންވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ގަބޫލުކުރައްވާށޭ، ނ. އަތޮޅާއި، ބ. އަތޮޅާއި، ރ. އަތޮޅާ، މި ޒޯނަކީ އަޅުގަނޑުމެން މިއަދު މި ބަލަނީ، މިސާލަކަށް، ނ.އަތޮޅުގެ އެއްބިތުން އަނެއް ބިތަށްދާން 40 މިނިޓް ނަގަންޏާ މި ދިގުވަނީ އަޅުގަނޑުމެންނަށް ދޮގެއްތޯ. މި ދިގުވަނީ. ޤުދްރަތީ އެންމެބޮޑު އަތޮޅު ދުނިޔޭގައި އޮތް. އެންމެބޮޑު އަތޮޅަކީ ގއ. ގދ. އަތޮޅު. ނ. އަތޮޅުގެ ރައްޔިތުން، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންވީ، އެއް ބިތުން އަނެއް ބިތަށްދާން 40 މިނިޓް ނަގާތީ، އަޅުގަނޑުމެންނަށް ދިގުވަނީ. އަޅުގަނޑު ނ. އަތޮޅަށް އައިސް ދަތުރު ފެށިއިރު، މާފަރަށް އަންނަ ކަމަށްވަންޏާ، އަޅުގަނޑު މި ވާހަކަ މީގެކުރީގެ އެހެން ޖަލްސާއެއްގައިވެސް، މީގެކުރީގެ އެހެން ބައްދަލުވުމެއްގައިވެސް ދެންނެވިން. އަޅުގަނޑުމެން އައިސް ހުވަނދުމާ ވަށްޓަރާ ހަމައަށް އަންނާނީ ލޯންޗްގައި. އަދި އޭގެކުރިން ޅަވިޔަންޏާ ހަމައަށް އަޅުގަނޑުމެންނަށް ނަސީބު ރަނގަޅިއްޔާ އާދެވޭނެ އެއަރ ޓެކްސީގައި. ޅަވިޔަންޏާ ހަމައަށް އައިސްފައި ބަރަވެލި ކަނޑު ހުރަސްކުރަންޖެހޭ. ފަސޭހަ ދަތުރެއްނޫން އެއީކީ. ވަރަށް ގިނައިން ހުޅަނގުގައި އަޅުގަނޑު މި ދަތުރު ކުރަން ޖެހިފައި ހުރީ. އެހިސާބުން މާފަރަށް، ނޫނީ އިރުވައި ތޮށްޓަށްދާއިރު، މި ދެންނެވި ގޮތަށް ހުވަނދުމާ ވަށްޓަރާ ހަމައަށް އައިސްފައި، އެއިން އަނެއްކާ ކުޑަ ލޯންޗަކަށް، ކުޑަ ލޯންޗުން ކުޑަ ވެއިލަރަކަށް، އެއީ މާފަރުގެ ފަޅަކީ ވަރަށްބޮޑު ފަޅެއް. ވަރަށް ތިލަ، ވަރަށްބޮޑު ފަޅެއް. އައިސް އެންމެފަހުން ކުޑަ ބޮއްކުރައެއްގައި އަޅުގަނޑުމެން ގޮނޑުދޮށަށް ބީޗްކުރާނީ.


މިއަދު އަޅުގަނޑުމެން މި ދައްކަނީ މިއިން ކޮންމެ ބިތެއްގައި، އިރުވައި ތޮށީގައި، ހުޅަނގު ދޮށީގައި އެއަރޕޯޓްގެ ވާހަކަ. މިއީ ނޫންތޯ ޙާލަތާއި ވިސްނުމަށް އައިސްފައި ހުރި ބަދަލު. މިއީ ޙާލަތާއި ވިސްނުމަށް އައިސްފައި ހުރި ބަދަލު. މިއީ ޙާލަތާއި ވިސްނުމަށް އައިސްފައި ހުރި ބަދަލު. އެހެންނަމަވެސް، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، ކުރީގައި އަޅުގަނޑުމެންނެއް ނުވިސްނަމު. ކުރީގައި އަޅުގަނޑުމެންގެ ވިސްނުމެއް ނޫން، ރާއްޖޭގެ ހުރިހާ ދިމާއެއްގައި އެއަރޕޯޓް ހެދިދާނެ ކަމަކަށްވެސް. އެކަމަކު މިއަދު އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ، ރާއްޖޭގެ ހުރިހާ ދިމާއެއްގައި އެއަރޕޯޓް ހެދޭނެކަން. އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ އެކަން. އަދި. ނ. ބ. ރ، މި ތަންތަނަށް ބަލައިފި ކަމަށްވަންޏާ، މި ވިސްނުންތަކަށް ބަލާކަމަށްވަންޏާ، މި ދައްކަނީ ގާތްގަނޑަކަށް ދޮޅުގަޑިއިރު، ދެ ގަޑިއިރުގެ ދަތުރުގެ ވާހަކަ. ގއ.ގެ އެއް ބިތުން އަނެއް ބިތަށް އެކަނި ދާކަމަށްވަންޏާ އަޅުގަނޑުމެން މި ދައްކަނީ ދޮޅުގަޑިއިރު، ދެ ގަޑިއިރުގެ ވާހަކަ. އެއީ ގއ. ގދ.ގެ ވާހަކަ ދައްކަންޏާ.


އެހެންވީމާ، އަޅުގަނޑުމެންނަށް ނިސްބަތުން މިހިރީ، ނޫނީވިއްޔާ ނިސްބަތަށް ބަލާކަމަށްވަންޏާ، މި ދަތުރު، ކުރީގައި ވަރަށް އާދައިގެ ކަމެއް ދެ ގަޑިއިރު، ތިން ގަޑިއިރު ކަނޑުމަތީގައި ދަތުރުކޮށްލުން މިއީ. ހަމަގައިމުވެސް އަޅުގަނޑުމެންގެ މިތާ ތިއްބެވި ދޮށީ ރައްޔިތުން، ނޫނީ އިސް ރަށްވެހިންނަށް ގަބޫލުކުރެއްވޭނެ މިކަން. އެކަމަކު މިއަދު އަޅުގަނޑުމެންނަށް ތަކުލީފަކަށްވޭ، އެ ތަކުލީފަކަށް ވާންޖެހޭގޮތް އަދި އެ ވިސްނުމާއި، އެ ޝައުޤުވެރިކަން ހުންނަންޖެހޭގޮތްވެސް އަޅުގަނޑަށް ވިސްނޭ. އެއީ އަޅުގަނޑުމެންގެ ސަރުކާރު އައީ އުއްމީދުތަކެއް ރައްޔިތުންނަށް ދެމުން. އަދި އުއްމީދުތަކެއް ރައްޔިތުންނަށް ދެމުންއައިސް، ކަންތައްތަކެއް ކުރެވޭތަން، ކަންތައްތަކެއް ވާތަން ފެނުނީމަ، އުއްމީދު އިތުރުވެގެން މިދަނީ. އުއްމީދުތައް އިތުރުވެގެން މިދަނީ. އެހެންވީމާ، އަޅުގަނޑާ ހަމައަށް މި އަންނަ އިލްތިމާސްތަކަކީ، އަޅުގަނޑު ހަމަ އުފަލާއެކީ ބަލައިގަންނަން އިލްތިމާސްތައް. އަޅުގަނޑަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ރައްޔިތުން އަޅުގަނޑަށް ފުރުޞަތު ދެއްވި މީހެއް. އެހެންވީމާ، އެ ޚިދުމަތުގައި އަޅުގަނޑު ހުންނަންޖެހޭނެ.


އެހެންވީމާ، ތިޔަބޭފުޅުންގެ އަރިހަށް އައިސް ތިޔަބޭފުޅުންނާ ބައްދަލުކޮށް މި ވާހަކަ ވާހަކަ ދައްކާއިރު، އަޅުގަނޑު ހަމަ ހިތަށްއެރީ، ފުރަތަމަ ޝުކުރުގެ ދެތިންބަހެއް މި ދެބޭފުޅުންނަށް ދަންނަވާލާފައި އަޅުގަނޑު ކުރިއަށް ދާނަން. ހަމައެހެންމެ، މާފަރުގައި އެއަރޕޯޓެއް އެޅުމުގެ ކަންތައްވެސް މި ދެންނެވި ގޮތަށް މިދިޔައީ. ނ، ރ، ބ، މި ތަންތަނަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެން ހަމަ ވަރަށް ކުރިން ވިސްނިން، ނ. އަތޮޅުގައި އެއަރޕޯޓެއް އޮންނަންޖެހޭ ކަމަށް. އެކަމަކު އޭރު ވިސްނީ ޑޮމެސްޓިކް އެއަރޕޯޓަކަށް. ހަމަ އަޅުގަނޑުމެންގެ އެތެރޭގެ އުދުހުންތަކަށް އެކަނި ފުދޭ މިންވަރަށް އެއަރޕޯޓެއް ހަދަން. އަޅުގަނޑުމެންގެ މަސައްކަތް ދިގުލައިގެންދިޔަ. ދިގުލައިގެން ގޮސް، އެހެންނަމަވެސް، މަސައްކަތް، ޝިޔާމް އެ ވިދާޅުވިގޮތަށް ހަމަ ފެށޭ ހިސާބުގައި އޮތީ. އަޅުގަނޑު ޝިޔާމަށް ދަންނަވަމުން މި އަންނަނީ 2018ގެ ވޯޓަށް ރައްޔިތުންގެ އަރިހަށް އައުމުގެ ކުރިން އަޅުގަނޑުމެން ޖެހެޔޭ އެއަރޕޯޓް ނިންމަން. އެހެން އުޅެނިކޮށް ހަމަ ޙަޤީޤަތުގައިވެސް އަޅުގަނޑުމެންގެ ނަސީބު ހަމަ އަޅުގަނޑުމެންގެ އަތުގައި ހިފީ. އަޅުގަނޑުމެންގެ ނަސީބު އަޅުގަނޑުމެންގެ އަތުގައި ހިފީ. އަޅުގަނޑުމެންނާއި ސަޢޫދީ ޢަރަބިއްޔާއާ ދޭތެރޭގައި މިހާރުގެ މި ޒަޢާމަތުގައި މިއޮތީ ވަރަށް ބޮޑަށް ގާތްވެފައި.


އެކަމަކު އެއާއެކީ ހަމަ އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، އަޅުގަނޑު ހަމަ ވަރަށް އުފަލާއެކީ ދަންނަވާ ވާހަކައެއް މިއީ. ދާދިފަހުން މި ޢިމާރާތުގެ، ޔުނައިޓެޑް ޢެރެބް އެމިރޭޓްސްގެ، ޢިމާރާތުގެ އިސް ބޭބޭފުޅުން، ޝާހީ ޚާންދާނުގެ ހަމަ އެންމެ އިސްބޭފުޅުން، އެންމެ ބާރުގަދަ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން، ދެތިން ވަޒީރުން ރާއްޖެއަށް ޒިޔާރަތް ކުރެއްވި. އަދި ހަމަ ވަކިވަކިން އަޅުގަނޑާ ބައްދަލުކުރަން އެދިވަޑައިގެންފައި އޮތީމަ، ވަރަށް ނުރަސްމީކޮށް އެބޭފުޅުންނާ އަޅުގަނޑު ވަކިވަކިން ބައްދަލުކުރިން. އަޞްލު ޢަރަބި ޘަޤާފަތުގައި މި އޮންނަ ގޮތަކީ، އަމިއްލަ ރަޙްމަތްތެރިކަމެއް އުފެދިއްޖެ ކަމަށްވަންޏާ، އެމީހުންނަކީ އެގްރީމަންޓްތަކެއް ކޮށްގެން މާބޮޑަށް ބަހުގެ އިތުބާރުގެ މައްޗަށް ޢަމަލުކުރާ ބައެއް ޢަރަބިންނަކީ. އެއީ ހަމަ ޘަޤާފީގޮތުންވެސް އެމީހުންގެ ތެރޭގައި އަށަގެންފައި އޮންނަ ޘަޤާފަތެއް، ސިފައެއް. އެހެންވީމާ، އެ ވާރކް ކުރާ ކެމިސްޓްރީއެއްގެ މައްޗަށް ދެން ކަންކަން ކުރިއަށް މިދަނީ.


އެހެންވީމާ، ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެންގެ ނަޞީބަކަށް ވެގެންދިޔައީ، މި ބޭބޭފުޅުންނާއެކީ އަޅުގަނޑު ބައްދަލުކޮށް އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގާތް، އަމިއްލަ ގުޅުމެއް އުފެދިގެން ދިޔައީ. އޭރު އެބޭފުޅުންނަކީ ރާއްޖެއަށް ޒިޔާރަތް ކުރައްވާ، އެހެންނަމަވެސް، ރާއްޖޭގެ ސަރުކާރުގެ އިސް ބޭފުޅުންނަކާ ބައްދަލުކުރައްވައި ހައްދަވާ ބޭފުޅުންނެއް ނޫން. މީގެތެރެއިން ޝާހީ ޚާންދާނަށް، މިތާ ކައިރީގައި މިއޮތް ރިޒޯޓް ޝެވަލް ބްލޯންކް ބައްލަވައިގަތީ. ހަމައެއާއެކީ، ޝެވަލް ބްލޯންކަށް ދިޔުމަށްޓަކައި އެބަޖެހޭ ވައިގެ ބަނދަރެއް ހެދެން. އެހެންވީމާ، އެއީ އަޅުގަނޑުމެންގެ ނަސީބަކީ. އެއީ އަޅުގަނޑުމެންގެ ނަސީބަކީ. އަޅުގަނޑުމެން ގަބޫލުކުރަން ބޭނުންނުވިނަމަވެސް، އަޅުގަނޑުމެން ހަމަ ގަބޫލުކުރަންޖެހޭ، އަޅުގަނޑުމެންގެ ރާއްޖޭގައި ފުރުޞަތުތައް އެބަހުއްޓޭ. ހުރިހާ ކަމަކީ ދައުލަތުގެ ބަޖެޓުން ކުރާ ކަންކަމެއް ނޫން. މާފަރުގެ އެއަރޕޯޓަކީ ރާއްޖޭގެ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، ލާރި ހޭދަކޮށްގެން ކުރާ އެއަރޕޯޓެއް ނޫން. އެހެންވީމާ، މާފަރުގައި އެއަރޕޯޓް ހެދިދާނެތޯ؟ މާފަރުގެ އެއަރޕޯޓް ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކަށް ބަދަލުކުރެވިދާނެތޯ؟ މި ސުވާލު، ކީއްކުރަން ކުރާ ސުވާލެއްތޯ މިއީ؟ އެއަރޕޯޓް ހަދަންވީ ނޫންތޯ. އެއަރޕޯޓް ހަދާފައި ކަންކަން ކުރަންވީ ދޮގެއްތޯ.


އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މާލޭގެ އެއަރޕޯޓް، ފުރަތަމަ ތިރީހަކަށް މިލިއަން ޑޮލަރުންކަންނޭނގެ، އެތައް އަހަރެއް ކުރިން ހަދާފައި އޮތް އެއަރޕޯޓް، މިއަދު އަޅުގަނޑުމެން އެއް ބިލިއަނަށްވުރެ، އެއްހާސް މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދު ހޭދަކޮށްގެން ކުރާއިރު، މާފަރުގައި އެއަރޕޯޓެއް، ނޫނީވިއްޔާ ނ. އަތޮޅުގައި މި ބިތުގައި މި ފުޅީގައި މި އޮންނަ ކަހަލަ އެއަރޕޯޓެއް ހަދާއިރު، ކީއްކުރަންތޯ އަޅުގަނޑުމެން ވިސްނަންވީ، މި އެއަރޕޯޓް ހަދައިގެން މިއީ ދެކޮޅުޖެއްސޭނެ ކަމެއްތޯ؟ ވިސްނާކަށްނުޖެހޭ. އެއަރޕޯޓް ހަދާނީ ދޮގެއްތޯ. އެއަރޕޯޓް ހަދާފައި، ދެން އަޅުގަނޑުމެން ބަލާނީ. އަޅުގަނޑުމެންގެ އުއްމީދެއް ހުރިއްޔާ، އަޅުގަނޑުމެން މަސައްކަތް ކުރުމުގެ ވައްޓަފާޅި އަޅުގަނޑުމެންގެ ހުރިއްޔާ، އެ އެއަރޕޯޓަކީ ކާމިޔާބު އެއަރޕޯޓަކަށް ހަދާނީވެސް ހަމަ އަޅުގަނޑުމެން ދޮގެއްތޯ. އެކަމަކު ކާމިޔާބަކީ ކުކުޅުތޯ ކުރިން އައީ، ބިސްތޯ ކުރިންއައީ؟ މި ސުވާލު ކުރާކަމަށްވަންޏާ، ދުނިޔެ ޤިޔާމަތްވާން ދިޔަސް، އަޅުގަނޑުމެން ތަރައްޤީއަކާ ހަމައަކަށް ނުދެވޭނެ.


އެހެންވީމާ، މިހުރިހާ މައްސަލަތަކެއް ޙައްލުކޮށްގެން، މިހުރިހާ ޖަވާބެއް ހޯދައިގެން ކޮން ތަރައްޤީއެއްތޯ އަންނާނީ؟ މި ޖަވާބު ހޯދާއިރު، އިންސާނެއްގެ ލައިފް ސްޕޭން ގޮސް ހުސްވެފައި އޮންނާނީ. އެހެންވީމާ، ހަމަ އަޅުގަނޑުމެން މި މަސައްކަތް ކުރަމުންދިޔައިރު، މި ދެންނެވި ނަސީބު އަޅުގަނޑުމެންނާ އައިސް ބައްދަލުކުރީ. އެހެންވީމާ، އެ އެއަރޕޯޓަކީ އަޅުގަނޑުމެން ދިވެހި ދައުލަތުން އެންމެ ލާރިއެއްވެސް ހޭދަނުކޮށް، އެބޭފުޅުން އަޅުގަނޑުމެންނަށް ހަދިޔާ ކުރައްވާ އެއަރޕޯޓެއް. އަޅުގަނޑުމެން އިސްވެ ދެންނެވިން، މިހާރު ދެން ހިނގާށޭ ޑޮމެސްޓިކް އެއަރޕޯޓެއްގެ ޚިޔާލު ދޫކޮށްލާފައި، ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް ދާން. ވަރަށް އެކުވެރިކަމާއެކީ އަޅުގަނޑުމެން ހުށަހެޅި ކަންތައްތަކަށް އެއްބަސްވެވަޑައިގެން، ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް އެ އެއަރޕޯޓް ހެއްދެވި. އަދި ކޮބައިތޯ އިތުރަށް، އެ އެއަރޕޯޓް ވަޔަބަލް ކުރުމަށް، ސަރުކާރާ އެ ހިންގަން އެއަރޕޯޓް ހަވާލުކުރެވެނީ. އެބޭފުޅުން އަޅުގަނޑުމެންނަށް ދެއްވި ހަދިޔާއެއް އެއީ. އެ ހިންގުމުގައި ސަރުކާރަށް ދަތިތަކެއް ކުރިމަތިލާންޖެހިދާނެތީ، އެ ރެމިއު ލޮސް، ނޫނީވިއްޔާ އާމްދަނީ ނުލިބިދާނެތީ، އެ ފޫބެއްދުމަށްޓަކައި އެތަނުގައި ސިޓީ ހޮޓަލެއްވެސް އެބަ ހަދައިދޭ. އެހެންވީމާ، މިއީ އަޅުގަނޑުމެންގެ ނަސީބަކީ.


އެހެންވީމާ، އެ ސިޓީ ހޮޓަލާއެކީ އެއަރޕޯޓް ހެދިގެންދާނެ. އަދި މީގެ ރަނގަޅު ކަމަކީ، މީގެ ފައިސާގެ ހުރިހާކަމެއް ހަމަޖެހިފައި، އަޅުގަނޑުގެ ޓޫރިޒަމްގެ މިނިސްޓަރު، މި އަންނަ މަހުގެ 2ގެ ކުރިން މި އެގްރީމަންޓްގައި ސޮއިކުރައްވަން އެބަޖެހޭ. އެބޭފުޅުން އަބޫދާބީ ފަންޑުން މުޅި ޕްރޮޖެކްޓް އެ ނިންމަނީ، އަބޫދާބީ ފަންޑަށް ދެއްވާފައި، އަދި ކޮންޓްރެކްޓަރަށް ދެއްވާފައި އޮތް ބަހަކީ 6 މަސްދުވަހުގެ ތެރޭގައި އެއަރޕޯޓް ހަދާ ނިންމަންވާނެއޭ.


އެހެންވީމާ، އަޅުގަނޑުމެން މި އުއްމީދު ކުރަނީ، އިރާދަކުރެއްވިއްޔާ ޖުލައި މަހުގެ ތެރޭގައި، ނޫނީވިއްޔާ ޖުލައި ފަހުކޮޅުގެ ތެރޭގައި އެ އެއަރޕޯޓަކީ އުދުހި ޖައްސާ އެއަރޕޯޓަކަށް ވެގެންދާނެ ކަމަށް. އެހެންވީމާ، މިކަން ކުރުމުގައި، އަޅުގަނޑަށް ހަމަ އެންމެ ބޮޑަށް އެހީތެރިވެވަޑައިގެންދެއްވި ބޭފުޅަކީ އަޅުގަނޑުގެ އަޚް ޝިޔާމް. އެއީ، ޝިޔާމާއެކީ އަޅުގަނޑުމެން ސަރުކާރުގެ އެގްރީމަންޓެއް އެބައޮވޭ. އެމަނިކުފާނު އެއަރޕޯޓް ހެއްދެވުމަށް އަޅުގަނޑުމެން ދީފައި އެއޮތީ. އަޅުގަނޑު ހަމަ ދަންނަވައިގެން މަސައްކަތް ކޮށްގެން. އޭނަގެ ހިތްޕުޅުގައި ރައްޔިތުންނަށް އޮތް ގާތްކަމުގެ ނަތީޖާއެއްގެ ގޮތަކަށްވީ، އެއަރޕޯޓް ދެން އެހެންވީމާ ތިމަންނަ ދޫކޮށްލާނީއޭ. އެހެންވީމާ، ނ. އަތޮޅުގެ ރައްޔިތުންނަށާއި، ރައީސަށް ރަނގަޅު ގޮތަކީ، ޢިމާރާތާ އޮންނަ ގުޅުން ރަނގަޅުކުރުން. މި އެއަރޕޯޓްގެ ތެރެއިން ރަނގަޅު ގުޅުން ކަމަށްވަންޏާ، ތިމަންނަ މިހިރީ ތިމަންނަ ސެކްރިފައިސް ކޮށްލާފައި މި އެއަރޕޯޓް ދޭށޭ. އެހެންވީމާ، އެ ވާހަކައަށް ހަމަ ތާއީދު ދަންނަވާލަން އަޅުގަނޑު މިއުޅެނީ. ބަދަލުގައިވެސް އަޅުގަނޑު އެއްޗެއް ދޭކަށްނުޖެހޭ. ދެން ބަދަލުދޭކަށްނުޖެހޭނެ ދޮގެއްތޯ. އެހެންވީމާ، މިހުރިހާ ކަމެއް ނިމިގެންދިޔައީ. އަޅުގަނޑުމެން ބޭނުންވަނީ މީގެ ނަތީޖާއިން ނ. އަތޮޅުގެ ހަމަ ރައްޔިތުންނަށް ކުރިއެރުން އައުން. ދެން އަޅުގަނޑަށް އެނގޭ، މިއީ ދެ ބިތްކަންވެސް އެނގޭ. އެހެންވީމާ، އަޅުގަނޑު ހަމަ ތިޔަބޭފުޅުންގެ ހުށަހެޅުއްވުން ހަމަ ބަލައިގަންނަން. ކައުންސިލްގެ ރައީސާ އަޅުގަނޑުމެންނަށް މަރުޙަބާ ވިދާޅުވެފައި، އަދި އަޅުގަނޑަށް ޚިދުމަތުގެ، ނޫނީވިއްޔާ އަޅުގަނޑާ ދޭތެރޭގައި އޮންނަ ގާތް ގުޅުން ރަމްޒުކޮށްދެއްވާ ހަނދާނީ ލިޔުން ދެއްވީމަ، ހަމަ ވެލިދޫގެ ހުރިހާ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަމުން، އެއާއެކީ އެއަރޕޯޓެއްގެ ޝައުޤުވެރިކަން ތިޔަބޭފުޅުންގެ ހުރި އިލްތިމާސް އަޅުގަނޑު ބަލައިގެންފީމު.


އެކަމަކު އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، ވެލިދޫގައި އަޅުގަނޑުގެ ރަށުގައި ތިޔަ ހުރިހާ ރައްޔިތުންގެ ހާޒިރުގައި އަޅުގަނޑު ދަންނަވާލަންޖެހޭ. އަޅުގަނޑަށް މަސައްކަތް ކުރެވޭނީ، އަޅުގަނޑަށް މަސައްކަތް ކުރުމުގެ ފުރުޞަތު ތިޔަބޭފުޅުން ދެއްވައިގެން. އެހެންވީމާ، އެއަރޕޯޓްގެ ބިންގާ އެޅި، މިހުރިހާ ކަމެއްވުމުގެ ތަޅުދަނޑި އޮތީ ތިޔަބޭފުޅުންގެ އަތްޕުޅުގައި. އެކަން ގަބޫލުކުރައްވަންވާނެ ކައުންސިލްގެ ރައީސް. އަޅުގަނޑު އެހެން މި ދަންނަވާއިރުވެސް އަޅުގަނޑަށް އެނގޭ، މިރަށުގެ ބަނދަރު ހަދާ، އުތުރުގައި އޮތް އެންމެ ވަރުގަދަ ބަނދަރަށް ވެގެންދިޔައިރު، އަޅުގަނޑު ހަމަ ޙަޤީޤަތުގައިވެސް ވަރަށް އުފާވޭ، މިރަށުގައި މިއޮތީ އަޅުގަނޑުމެންނާ އިދިކޮޅު ފިކުރުގެ ކައުންސިލެއް. އެހެންނަމަވެސް، އަޅުގަނޑަށް އެމް.ޕީ ޔާމީންގެ ފަރާތުން މަޢުލޫމާތު ލިބުނީ ކައުންސިލްގެ ހަމަ ހުރިހާ މެންބަރުންވެސް ވަރަށް ވަރުގަދައަށް އެއްބާރުލުން ދެއްވި. އެއީ، ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތަކަށްވާތީ.


އެހެންވީމާ، އެބޭފުޅުންގެ އެހީތެރިކަމާއެކީ މި ބަނދަރު ހެދިފައި މިއޮތީ. އަޅުގަނޑުމެން މަސައްކަތް ކުރަންވީ އަޅުގަނޑުމެންގެ ރަށްރަށަށް ތަރައްޤީ ގެންނަން. ހުޅަނގުގެ ޚިޔާލު އަޅުގަނޑުމެންގެ ހުރެދާނެ. އަޅުގަނޑުމެން ސައިންސް ފޮތްތަކުން ވަރަށް މަތިވެރި ތިއަރީތައް އަޅުގަނޑުމެން ކިޔަވަން. ހިސާބު ޢިލްމު މައްޗަށް ކިޔަވާ މީހުން ކަމަށްވަންޏާ ވަރަށް މަތިވެރި ހިސާބަކަށް ހިސާބު ޢިލްމު ކިޔަވާނެ. އަދި މީހުން ބުއްދިފަސްވާ ހިސާބަށްވެސް ހިސާބު ޢިލްމު ކިޔެވިދާނެ. އެކަމަކު މިއަދުގެ ދުނިޔޭގެ ޙަޤީޤަތަކީ އަޅުގަނޑުމެން ކުރާ މަސައްކަތަކީ ދިރިއުޅެން ކުރާ މަސައްކަތް. އަޅުގަނޑުމެން މިއުޅޭ ވެށްޓަކީ އަމާން ވެށްޓަކަށް ބަދަލުކުރަން ކުރާ މަސައްކަތް. އަޅުގަނޑުމެންނަކީ ރީތިކޮށް ފޭރާންލައިގެން ތިބި ބަޔަކަށްވުން. އާދެ، އަޚްލާޤީ ގޮތުން ރަނގަޅު ބަޔަކަށްވުން. އެއީ، އަޅުގަނޑުމެން ނަމޫނާ މި ދައްކަނީ އަޅުގަނޑުމެންގެ ޒުވާނުންނަށް. އަޅުގަނޑުމެންގެ ދަރިންނަށް.


އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީ ކުރަން މިކުރާ މަސައްކަތުގައި ސަރުކާރަށާއި ރައީސަށާ ވަރަށްގިނަ މަސައްކަތްތައް ކުރެވޭނެ. އެކަމަކު މުޖުތަމަޢުގެ ތެރޭގައި ހަމަޖެހުން އޮންނަންވާނެ. ހުޅަނގުގެ ހުރިހާ ފިކުރަކީ، އެ ފިކުރަށް އަޅުކަން ކުރަންޖެހޭ ފިކުރެއް ކަމަށް އަޅުގަނޑުމެން އެންމެން ދަންނަ ކަމަށްވަންޏާ، އެއީ އަޅުގަނޑުމެންގެ ހަލާކު. ހުޅަނގުގެ ފިކުރުތަކުގެ ތެރޭގައި، އަޅުގަނޑުމެންގެ ހުންނަންވާނީ ކެރުން. އަޅުގަނޑުމެންގެ ހުންނަންވާނެ ވިސްނުމާއި ހުނަރުވެރިކަން. އޭގެތެރެއިން އިސްލާމީ ދައުލަތެއްގެ ވެށްޓަށް އެންމެ ގުޅުންބޮޑީ ކޮންކަހަލަ ފިކުރުތަކެއްތޯ. އޭގެތެރޭގައި އެބަހުރި ރަނގަޅު ފިކުރު. ވަރަށްގިނަ ފިކުރު އެބަހުރި. އެކަމަކު އޭގެތެރޭގައި އަޅުގަނޑުމެން އަތްނުލައި، ބަލައިނުލާ ދޫކޮށްލަންޖެހޭ ފިކުރުތައް މަދެއްނޫން. އެހެންވީމާ، އަޅުގަނޑުމެން ހުޅަނގުގެ އުޞޫލުތައް މި ނަގަނީ އަލިފުން ޔާއަށް ހުރިހާ ކަމެއް ގަބޫލުކޮށްގެން، އެއީ އިސްލާމީ މުޖުތަމަޢެއްގެ ތެރޭގައި އަޅުގަނޑުމެންނަށް ހަމަ އެއްވެސްކަހަލަ ގޮތަކަށް، އެއްވެސްކަހަލަ ގޮތަކަށް ރުލެއްނުލައި އަޅުގަނޑުމެން ރީތިކޮށް އިސްތިރިކޮށްލައިގެންލާ ގަމީހެއްލާގޮތަށް ލެވޭނެ ފޭރާމެއް ކަމަށް ގަބޫލުކޮށްގެނެއް ނޫން.


އެހެންވީމާ، އެ ވިސްނުން އަޅުގަނޑުމެން އެބަޖެހޭ ދޫކޮށްލަން. އަޅުގަނޑުމެން މަސައްކަތް ކުރަނީ އަޅުގަނޑުމެންގެ ރަށުގެ ތަރައްޤީއަށް. އަޅުގަނޑުމެން މަސައްކަތް ކުރަނީ ފެނާއި ނަރުދަމާ ގެނެސްދޭން. އަޅުގަނޑުމެން މަސައްކަތް ކުރަނީ ޒުވާނުންނަށް ވަޒީފާ ހޯދައިދޭން. އަޅުގަނޑުމެން މަސައްކަތް ކުރަނީ މުޅި ރާއްޖެއަކީ ތަނަވަސް ރާއްޖެއަކަށްވާން. މި މަސައްކަތް ކުރާއިރު އަޅުގަނޑުމެން ދާދިފަހުން ދިވެހިރާއްޖެއާއި ޗައިނާއާ ދޭތެރޭގައި ވަރުގަދަ ވިޔަފާރީގެ އެގްރީމަންޓެއްގައި މި ސޮއިކުރީ. މިނިވަން ވިޔަފާރީގެ އެގްރީމަންޓެއްގައި މި ސޮއިކުރީ. ދެން މި ވާހަކަ އަޅުގަނޑު މި ދަންނަވާލަނީ، މިއީ އަޞްލު އަޅުގަނޑުގެ މައުޟޫޢާ، މިއަދުގެ މައުޟޫޢުގައި ވާހަކައެއް ހަމަ ދަންނަވާލަން ބޭނުންވާތީއާއެކީ.


ވެލިދުއަކީ، ޚާއްޞަކޮށް، ވެލިދުއަކީ ރާއްޖޭގައި ހުރި ރަށްރަށަށް ބަލާއިރު، ވެލިދޫގެ ރައްޔިތުންގެ، ދެން އަޅުގަނޑު މި ރަށަށް ނިސްބަތްވާތީ ހަމަ ވަރަށް ފަޚްރުވެރިވޭ. އުފާކުރަން. އެއާއެކީ އަޅުގަނޑު ދަންނަވާލާނީ، މިރަށުގެ ރައްޔިތުންގެ އަބަދުވެސް ހުންނަ ރޫޙަކީ ކުރިއަށް ދިޔުމުގެ ރޫޙު. އެއީ އެއްވެސް އެހެން ރަށެއްގެ ރައްޔިތަކަށް ދަންނަވާ ބަދު ބަހެއްނޫން. އަބަދުވެސް ކުރިއަށް ދިޔުމުގެ ރޫޙު ވަރަށް ވަރުގަދައަށް އޮންނަ ރަށެއް ވެލިދުއަކީ. އެހެންވެގެން ވެލިދުއަށް މި އަންނަ ކުރިއެރުން މި އަންނަނީ. ޕްރައިވެޓް އެންޓަރޕްރައިޒަށް ބަލާކަމަށްވަންޏާ، އެއީ ސަފާރީ ދުއްވި ކަމަށްވިނަމަވެސް، ޓޫރިޒަމްގެ ދާއިރާގެ މަސައްކަތަކަށް ބެލިކަމުގައިވިނަމަވެސް، ވެލިދޫގައި މި އޮންނަނީ ހަމަ ވަރަށް ވަރުގަދަ، މި ދެންނެވި ކަހަލަ އެންޓަރޕްރައިޒިންގ ރޫޙެއް. އެއީ ވެލިދޫގައި ޙަޤީޤަތުގައި ކާމިޔާބީއަކީ.


އެހެންވީމާ، މި ރޫޙުގައި އަޅުގަނޑުމެން މަސައްކަތް ކުރާއިރު، ސަރުކާރުން ފުރުޞަތުތައް ހޯދައިދޭނެ. އެ ފުރުޞަތުގެ ބޭނުން ހިފުމަކީ ފުރުޞަތު ހޯދަން އެނގޭ މީހުން ކުރަންޖެހޭ ކަމެއް. އަޅުގަނޑުމެން ވިޔަފާރި މި ކުރަނީ ދުނިޔޭގެ ހުރިހާ ޤައުމުތަކާ. އެކި ޤައުމާ އެކިވަރަށް ވިޔަފާރިކުރާނީ. އެކަމަކު ރާއްޖޭގެ ބާޒާރަށް ބަލައިފި ކަމަށްވަންޏާ، އަޅުގަނޑު މިއުޅެނީ ޗައިނާއާއެކީ އަޅުގަނޑުމެން ކުރި މިނިވަން ވިޔަފާރީގެ އެގްރީމަންޓްގެ ވާހަކަ ދަންނަވަން. އެ ފުރުޞަތުގެ ބޭނުން މިހާރު ހިފޭލެއް ކުޑަކަމަށްވަންޏާ، އެ ފުރުޞަތުގެ ބޭނުން ބޮޑަށް ހިފޭނީ މިކަހަލަ އެގްރީމަންޓެއް އޮތީމަ ނޫންތޯ. ދެފަރާތުންވެސް، ޤައުމުތަކުގެ ދެފަރާތުންވެސް ވިޔަފާރިން ނަގާ ޓެކްސްތައް ހުރޭ. އެހެންވީމާ، ދެފަރާތުންވެސް މިނިވަން ވިޔަފާރީގެ އެގްރީމަންޓެއް ކުރެވުނީމަ، ދެފަރާތުންވެސް އިމްޕޯޓްކުރާ، އެކްސްޕޯޓްކުރާ އެއްޗެއްސަށް ވިޔަފާރީގެ ޓެކްސް ކުޑަވެގެންދަނީ. އެހެންވީމާ، އެއީ ދެ ޤައުމުގެ ވިޔަފާރިވެރިންނަށް އޮންނަ ފުރުޞަތެއް. އެހެންވީމާ، މީގައި އަނެއްކާވެސް އުފައްދާ ސުވާލަކީ، ކުކުޅުތޯ، ބިސްތޯ، މި ސުވާލެއް ނޫން. ޗައިނާއަށްތޯ ފައިދާވާނީ؟ ދިވެހިރާއްޖެއަށްތޯ ފައިދާވާނީ؟


އަޅުގަނޑުމެން ރަށުގައި މިއުޅޭ ކޮންމެ އެއްހާސް މީހަކަށް ޗައިނާގެ އެކަކު، އާބާދީގެ އެކަކު ބެލިނަމަވެސް، ޗައިނާގައި ހަމައެކަނި ދަތުރުފަތުރުކުރާ، ޓޫރިޒަމްގެ ދަތުރުފަތުރުކުރާ އާބާދީއަކީ ސަތޭކަ ފަންސާސް މިލިއަން. ކޮންމެ އަހަރަކު ޗައިނާއިން ބޭރަށް ޓޫރިސްޓުންގެ ގޮތުގައި ދަތުރުކުރާ މީހުންގެ އާބާދީއަކީ ސަތޭކަ ފަންސާސް މިލިއަން. އެންމެ ސަތޭކަ ފަންސާސް މިލިއަން. އަޅުގަނޑުމެންގެ ރާއްޖޭގެ އާބާދީ ކިހާވަރެއްތޯ؟ އަޅުގަނޑުމެންގެ ރާއްޖޭގެ އާބާދީ މިއުޅެނީ ތިންލައްކަ ފަންސާސްހާހަށް ނާރައިގެން. އެވަރުގެ ބޮޑު ބިޔަ ޤައުމެއްގެ ވާހަކަ މި ދައްކަނީ. އެހެންވީމާ، އެ އެގްރީމަންޓްގެ ދަށުން އަޅުގަނޑުމެން މިކުރާ ކަމަކީ، އަޅުގަނޑުމެން ވިޔަފާރީގެ ފުރުޞަތުތަކެއް ހޯދަނީ. އަޅުގަނޑުމެން ދަޅުމަސް ތަންތަނަށް ފޮނުވުމާއި، މަސް ތަންތަނަށް ފޮނުވުމާ، އަޅުގަނޑުމެންނަށް ހުޅަނގުގެ ޤައުމުތަކުގައި އެބަހުރި ގޮންޖެހުންތައް. ހުރަސްތައް އެބަހުރި. އެއީ މި ދެންނެވި ގޮތަށް ހުޅަނގުގެ ހުރިހާ އުޞޫލަކަށް އަޅުގަނޑުމެންނަށް ލައްބައެކޭ ނުބުނެވޭތީ އަންނަ ދަތި. އެހެންވީމާ، އަޅުގަނޑުމެންގެ ބާޒާރުތައް އެބަޖެހޭ އަޅުގަނޑުމެންގެ ޕްރޮޑަކްޓްތަކަށް އެހެން ބާޒާރުތައް ހުޅުވެން.


އެއާއެކީ އަޅުގަނޑު ހަމަ މިއަދު ކޮށްލަން ބޭނުންވާ އިލްތިމާސް، އެހެންވެގެން މި ފުރުޞަތުގެ ބޭނުން މިހިފީ. އެކަމަކު އަޅުގަނޑުމެން ގަބޫލުކުރަންވާނެ، އަޅުގަނޑުމެން ޗައިނާއާއެކީ މިނިވަން ވިޔަފާރީގެ އެގްރީމަންޓް ކުރުމުގެ ބޭނުމަކީ އެއްގޮތަކަށްވެސް އެހެން ޤައުމަކާ ދޭތެރޭގައި އަޅުގަނޑުމެންނާ ދޭތެރޭގައި މައްސަލަޖެހޭ ކަމެއްނޫން.


އަޅުގަނޑު މިއަދު ހަމަ އިލްތިމާސްކޮށްލަން ބޭނުން. އަޅުގަނޑުމެންގެ ލިޔުންތެރިންނަށްވެސް، ނޫސްތަކުގައި ލިޔުއްވާ ބޭފުޅުންނަށް، ޚަބަރު ގެނެސްދެއްވާ ބޭފުޅުންނަށް. އެއްގޮތަކަށްވެސް އަޅުގަނޑުމެން މި އެގްރީމަންޓް ކޮށްގެން، އެއްގޮތަކަށްވެސް އިންޑިއާގައި ބައެއް އަމިއްލަ މީހުންގެ ޚިޔާލުގައި އެ އަންނަ ވާހަކަތަކަށް އަޅުގަނޑުމެން ނުޖެހޭ އިންޑިއާއާ ދިމާއަށް އެއްޗެއް ބުނާކަށް. އިންޑިއާއަކީ އަޅުގަނޑުމެންނާ އެންމެ ގާތް ޤައުމު. އަޅުގަނޑުމެންނާ އެންމެ ގާތް ޤައުމަކީ އިންޑިއާ. މިއީ ޒަމާނުއްސުރެ މިކަން އޮތްގޮތް. އެހެންވީމާ، އަޅުގަނޑުމެން އެއްގޮތަކަށްވެސް ކޮށްގެންނުވާނެ ކަމަކީ، އިންޑިއާއަށް، އިންޑިއާގެ ވެރިންނަށް، ސިޔާސީ ބޭފުޅުންނަށް ރައްދުވާގޮތަށް ބަދުބަސް ބުނުމަކީ އަޅުގަނޑުމެން ކޮށްގެންވާނެ ކަމެއް ނޫން. ހަމަގައިމުވެސް އެއީކީ ސަރުކާރުން ކުރާނެ ކަމެއްނޫން. އަޅުގަނޑުމެންނަށް އެންމެ އެހީތެރިވާ ދައުލަތަކީ އިންޑިއާ. އަޅުގަނޑުމެން އިންޑިއާއާއެކީވެސް ވިޔަފާރީގެ އެގްރީމަންޓްތައް އެބަހުރި. އިންޑިއާއާއެކީ މިނިވަން ވިޔަފާރީގެ އެގްރީމަންޓެއް ކުރަން މަސައްކަތްވެސް އެބަ ކުރެވޭ. އެހެންނަމަވެސް، އަޅުގަނޑުމެން ޗައިނާއާއެކީ ފްރީ ޓްރޭޑް އެގްރީމަންޓެއް ކުރެވިގެން، މިނިވަން ވިޔަފާރީގެ އެގްރީމަންޓެއް ކުރެވިގެން، އެކަމުގައި އިންޑިއާގެ ތެރޭގައި ބައެއް އަމިއްލަ މީހުންގެ، ނޫނީ ޖަރނަލިސްޓުންގެ ޚިޔާލު ތަފާތުވެގެންދާ ދިޔުމަށް އެމީހުން ދައްކާ ވާހަކައަކަށް އަޅުގަނޑުމެންގެ ނޫސްވެރިން ނުޖެހޭ ރައްދުދޭކަށެއް. އެއީ ވަރަށްދެރަ ކަމެއް. އެ ކުރެވެނީ މުޅި ދައުލަތުގެ މަޞްލަޙަތާއި، މުޅި ރައްޔިތުންގެ މަޞްލަޙަތަށް މިކަމުން ކުރާނީ ކޮންކަހަލަ އަސަރެއްތޯ ވިސްނައިނުލާ ކުރާ ކަންތައް. އެކަންކަމާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ.


ދެން ޖާގަ، ވަގުތެއް ނުލިބޭނެ ދޮގެއްތޯ. އަޅުގަނޑު ހަމަ މިހިރީ ވެލިދުއަށް އައިސްފައި. އެކަމަކު ދެން ވެލިދޫން އަޅުގަނޑު އަނެއްކާވެސް ފުރައިގެން ދާންވީ. އަޅުގަނޑު ދައްކަން ބޭނުންވި ވާހަކަވެސް ދައްކައިނުލެވުނު. އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ ހަމަ ތިޔަބޭފުޅުންނާ ބައްދަލުވާނެ އެހެން ފުރުޞަތެއްގައި. އެހެން ފުރުޞަތެއް އަޅުގަނޑު ހޯދާނަން. އަޅުގަނޑު ތިޔަބޭފުޅުންނާ ހަމަ ގާތްކަމާއެކީ ދައްކާލަން ބޭނުންވާ ވާހަކަ ދައްކަން.


އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަޅުގަނޑު އެދެނީ މި ދާއިރާއަށް، މި ބިތަށްވެސް ތަރައްޤީ. އަޅުގަނޑު ދަންނަވާލި ގޮތަށް އެއަރޕޯޓްވެސް މިތަނަށް އަންނާނެ. ހަމަ ވެލިދޫ ރައްޔިތުން އެދިވަޑައިގަންނަވާ ކަންތައްތައް ވެއްޖިއްޔާ، ވެލިދޫ ރައްޔިތުން އެދިވަޑައިގަންނަވާ ކަންތައްތައް އަންނާނެ. އަޅުގަނޑު ދެންނެވިން، އަޅުގަނޑުގެ ރިޔާސަތުގައި ނ. އަތޮޅަކީ ތަރައްޤީގެ ޗާޓުގައި ވަރަށް ކުރީގައި އޮންނާނެ އަތޮޅެކޭ. އެހެންވީމާ، ވެލިދޫ، މި ސަރަޙައްދަށް އެއަރޕޯޓެއް އަންނާނެ. އެކަމަކު އޭގެކުރިން އެބަޖެހޭ މިރަށުގައި ތިއްބެވި ހުރިހާ ފިކުރެއްގެ ބޭފުޅުން، ފުރަތަމަ ވެލިދޫން އަޅުގަނޑަށް އާ ވޯޓެއް ދެއްވާއިރު، އެއީ ކިހާ ޕަސެންޓެއްގެ ވޯޓެއްކަން އަޅުގަނޑަށް ކަށަވަރުކޮށްލައްވަދެއްވަންޖެހޭނެ. އޭގެފަހުން ދޮގެއްތޯ އަޅުގަނޑުގެ ވަޢުދު ފުއްދަންޖެހޭނީ. އެހެންވީމާ، މިކަމާ ދޭތެރޭގައި ތިޔަބޭފުޅުން ވިސްނަވާނެ ކަމަށް ހީކުރަން.


والسّــلام عليــكم ورحـمــة اللّـه وبـركاتـه.