بســم اللّـه الرّحمـن الرّحيــم


اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.


ހޮޅުދޫގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، އަޅުގަނޑާއެކު މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި ޢިއްޒަތްތެރިން، މި ދާއިރާގެ ޢިއްޒަތްތެރި މެންބަރު، އަޅުގަނޑުގެ އަޚު ޢަލީ މުޙައްމަދު؛


السّــلام عليــكم ورحـمــة اللّـه وبـركاتـه.


މީގެ ޒަމާންތަކެއް ކުރިންވެސް އަޅުގަނޑުގެ އާދައަކަށްވެފައި އޮތީ، ހަމަ ވަރަށްގިނަފަހަރު މި މޫސުމާ ދިމާކޮށް ހޮޅުދުއަށް، ވެލިދުއަށް، މި ރަށްތަކަށް ޒިޔާރަތް ކުރުން. އޭރުވެސް ރައްޔިތުންގެ މަސްއޫލިއްޔަތުތަކެއް އުފުލޭތޯ މަސައްކަތް ކުރަމުން ގެންދިޔައީ. މިހާރުވެސް އެތަކެއް އަހަރު ފަހުންވެސް މި ޒިންމާއަކަށް ބަދަލެއް އައިކަމަކަށްނުވޭ. އޭރުވެސް އަޅުގަނޑު ކުރި ދަތުރުގައި، އަޅުގަނޑާ އޭރު ވަރަށް ޒުވާންކޮށް ދިމާވާ ބައެއް ބޭފުޅުންނާ މިރަށުން މިއަދުވެސް ދިމާވި. ވަރަށް އުފާކުރަން. ﷲ އަށް ޙަމްދުކުރަން. އަދި ހަމައެހެންމެ، އޭރު އައި އުޞޫލުން އެއަށްވުރެން އުފާވެރި ޚަބަރުތަކަކާއެކީ އަޅުގަނޑަށް ޚިދުމަތް ކޮށްދެއްވި އަދި އަޅުގަނޑަށް ތާއީދު ކޮށްދެއްވި ދާއިރާތަކުގެ ރައްޔިތުން ތިއްބެވި ރަށްރަށަށް ޒިޔާރަތް ކުރީމަ މިއަދުވެސް ތިޔަބޭފުޅުން ހޮޅުދޫން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި އޭރުގެ ދުވަސްތައްވެސް ހަނދާންކޮށް، މިއަދު ވަކިން ބޮޑަށް އަޅުގަނޑުގެ ޚިޔާލަށް އެ ދުވަސްތައްވެސް ގެނެސް، ތިޔަ އެންމެ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.


އަޅުގަނޑު މިއައީ ތިޔަބޭފުޅުންގެ މި އުފަލުގައި ބައިވެރިވާން. އެތަކެއް ދުވަސްތަކެއް ވަންދެން، އިންތިޒާރު ކުރައްވަމުން، އުއްމީދު ކުރައްވަމުން ގެންދެވި ބަނދަރު، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުން ބޭނުންފުޅުވާ މިންވަރަށް، ތިޔަބޭފުޅުން ބޭނުންފުޅުވާ ފެންވަރަށް ހެދިގެން ދިޔަކަމުގެ އުފާވެރި ވާހަކަ، އުފާވެރި ޚަބަރު، އަޅުގަނޑުމެންނަށް ދެންމެ ހައުސިންގ މިނިސްޓަރު އެ ދެއްވީ.


އާދެ، އަޅުގަނޑު އެންމެ ފުރަތަމަ މި ރަށްރަށަށް އައިއިރު، އަޅުގަނޑުމެން މި ރަށްރަށަށް އަންނަނީ ދަތުރުކޮށްފައި އަންނަނީ ވަރަށް ހާލުގައި. މިއަދުގެ ޒުވާނުންނަކަށް އެކަންކަމެއް އިޙްސާސެއް ނުކުރެއްވޭނެ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލިގޮތަށް މިރަށުންވެސް އަޅުގަނޑާ މިއަދު ބައްދަލުކުރައްވާ ބައެއް ދުވަސްވީ ބޭފުޅުން، ނޫނީވިއްޔާ ޒުވާނުންނަށްވުރެ ހަރު ބޭފުޅުން ހަނދުމަފުޅު ހުންނާނެ، އޭރު އަޅުގަނޑުމެންނަށް އެންމެ ބޮޑަށް މި ރަށްރަށުން ކުރިމަތިކުރުވާ ކަމަކީ، އެދެމުންދިޔަ ކަންކަމަކީ ރަށުގެ ނެރު ގޮއްވުން. އޭރު ބަނދަރު ހަދާ ވާހަކައެއް ނުވެސް ދައްކާނެ. ބަނދަރު ހެދުމެއް ނޫން. އޭރު ނެރު ގޮއްވާނީ. އޮޅު ގޮއްވާނީ. އޮޅު ގޮއްވައިގެން ދޯނިތަކަށް ފަސޭހަކަމާއެކު ވަދެވޭނެ ގޮތްތަކެއް ހަމަޖައްސާނީ. އޭރު ޑައިނަމޭޓް ބޭނުންކުރާނީ ބޮޑެތި ގާ ބިންދާލާފައި، ނޫނީވިއްޔާ މުގުރާލާފައި ދޯނި ވަދެވޭނެ ޕެސެޖްތަކެއް ހަދާނީ.


އަޅުގަނޑު ދާދި ދެންމެއަކު އެހެން ރަށެއްގައި ވާހަކަ ދައްކަމުން ދަންނަވާލި ގޮތަށް، ހަމަ އަޅުގަނޑުގެ ލޯބިވާ ރަށްތަށުގެ ތެރޭގައި ހިމެނޭ ރަށެއްގައިވެސް ވާހަކަ ދައްކަމުން ދެންނެވި ގޮތަށް، އޭރު އަޅުގަނޑުމެން ރަށުގެ ބޭރުގެ ވަކި ހިސާބަކަށް އައިސް ބައެއް ރަށްރަށުގައި ލޯންޗުން ދޯންޏަކަށް، ދޯނިން އަނެއްކާވެސް އެހެން ކޮންމެވެސް އެއްޗަކަށް އައިސް، އެންމެފަހުން ރަށުގެ ގޮނޑުދޮށަށް ބީއްސާލަންޖެހެނީ ކުޑަ ބޮއްކުރައެއްގައި. އެއީ އޭރު އަޅުގަނޑުމެން ދަތުރުކުރިގޮތް. އެދުވަސް މާޒީވެދިޔައީ ދޮގެއްތޯ. އަޅުގަނޑުމެންގެ އުންމީދުތައްވެސް އެއަށްވުރެން ވަރުގަދަވެއްޖެ. އަޅުގަނޑުމެން އެދޭ ކަންތައްތައް އެއަށްވުރެން ބޮޑުވެއްޖެ، ބިޔަވެއްޖެ. ބޭނުންވާ ކަންތައްތައް ކުރުމުގެ ސްޕީޑް، އަޅުގަނޑުމެން އެދޭ މިންވަރު އަވަސްވެސްވެއްޖެ.


އެހެންވީމާ، ހޮޅުދުއަށް އައިސް ތިޔަބޭފުޅުންގެ ބަނދަރަށް ފައިބާއިރު، އަޅުގަނޑުގެ ހިތުގައި ފުރަތަމަ މި ދައުރުކުރާ ޝުޢޫރަކީ މި ދެންނެވި ގޮތަށް، އޭރު ހާދަ ދަތީގައޭ އަޅުގަނޑުމެން އައީ. އަޅުގަނޑުމެން މާލޭގައި ތިބެފައި މި ރަށްރަށަށް އަންނައިރު އަޅުގަނޑުމެންނަށް ހާދަ ދައްޗޭ. އެހެންވީމާ، އިޙްސާސް ކުރެވޭ، މި ރަށްރަށުގައި ދިރިއުޅުއްވާ ރައްޔިތުންނަށް އެއިން އުފުލަންޖެހޭނެ ދަތިކަން. އެހެންނަމަވެސް، މިއަދު މި ފަސޭހަތައް ލިބިގެންދާއިރު، އަޅުގަނޑުމެން ﷲ އަށް ޙަމްދުކުރުމާއެކީ އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންޖެހޭނެ، ކިހިނެއްތޯ މިކަންކަން މި ފުދިގެންދަނީ.


މި މޫސުމަކީ ސިޔާސީ ވާހަކަ ދައްކާ މޫސުމް. މި މޫސުމަކީ ވަރަށްގިނަ ތަރިންތައް އަރައި ފައިބާ، އަދި އެބޭބޭފުޅުންގެ ވާހަކަތައް އަޅުގަނޑުމެންނަށް އިވިގެންދާނެ މޫސުމެއް. އެއީ ކުރިއަށް އަނެއްކާވެސް ރައްޔިތުން ގޮތެއް ނިންމާ ދުވަހެއް ކަނޑައެޅިފައިވާތީ. ރައްޔިތުންގެ އުއްމީދުތަކާއި، ރާއްޖެ މިޞްރާބު ކުރާނެގޮތާއި، ރާއްޖޭގެ ވެށި ބައްޓަންވެގެންދާނެ ގޮތާއި، ޢިލްމާއި ތަޢުލީމާއި، ކުދިންގެ ތަރުބިއްޔަތާއި އަދި ކުދިންނަށް ބޭނުންވާ ފުރުޞަތުތަކާއި، މުޅި ރާއްޖެއަށް އަންނަ ތަނަވަސްކަމާއި، މީހުންގެ ތިޔާގިކަން، ރަށްރަށަށް އަންނަ ތިޔާގިކަމާ ދޭތެރޭގައި ގޮތެއް ނިންމާނެ މާލިމީއަކު އިންތިޚާބު ކުރުމަށް، އިޚްތިޔާރު ކުރުމަށް އަންނަ ވޯޓެއް.


އެހެންވީމާ، އަޅުގަނޑުމެންނަށް ފެންނާނެ، މިކަހަލަ ވަރަށްގިނަ ވާހަކަތައް، ވަރަށްގިނަ ބޭފުޅުން ދައްކަވާނެ. އެހެންނަމަވެސް، ހަމަ ކުރުކުރު ލަފްޒަކުން ތިޔަބޭފުޅުންނަށް ދަންނަވާލެވޭތޯ ބަލަންޏާ އަޅުގަނޑު ދަންނަވާނީ ހަމަ މާ ދުރު މާޒީގައެއްނޫނޭ، ބައެއް ބޭފުޅުން ވަރަށް ވާދަވެރިކަމާއެކީ މަސައްކަތް ކުރައްވަމުން މިހާރުވެސް ގެންދަވާ ބޭފުޅުން ވިދާޅުވާނެއޭ، ދިވެހިރާއްޖޭގެ އިޤްތިޞާދަކީ ދިވެހިރާއްޖޭގައި މި ކުރަންހުރި ކަންތައްތަކަށް ބަލައިފި ކަމަށްވަންޏާ، ރައްޔިތުންގެ އުއްމީދުތައް ފުއްދައިލެވޭނެ ދާދި އާދައިގެ ވަސީލަތްތަކެއް ހިފައިގެން، ދެން އެއްގޮތަކަށްވެސް ތަފްޞީލަކަށް ދަންނަވާކަށް ނޫން. ރަށަކާއި، ލެޕްޓޮޕަކާ، ދެން ކޮންމެވެސް އެއްޗަކާ. އެކަމަކު މިއަދު މިރަށުގައި ބަނދަރަށް އެކަނި ވިސްނާލީމަ، މި ދައްކަނީ ފަސްދޮޅަހަކަށް މިލިއަން ރުފިޔާގެ ވާހަކަ.


އެހެންވީމާ، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންޖެހޭނީ، އަދި ހޮޅުދޫކަހަލަ ޢިލްމީ ރަށެއްގައި ވާހަކަ ދައްކާއިރު އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންޖެހޭނީ، މި މޫސުމަކީ މި ދެންނެވި ކަހަލަ ތަރިތައް އަރައި އޮއްސޭ މޫސުމޭ. އެހެންވީމާ، މިބޭބޭފުޅުން ދައްކަވާ ވާހަކައާ ދޭތެރޭގައި އަޅުގަނޑުމެން ސަމާލުވެލަންޖެހޭނެއޭ. އެހެންވީމާ، އެ ފުރުޞަތު ރައްޔިތުން އެހާ އީޖާބީ ގޮތެއްގައި، އެހާ ވަރުގަދަ އުއްމީދުތަކާއި، ވަރުގަދަ ރޫޙަކާއެކީގައި އެކަންކަން ކުރެއްވިދާނެ.މަގު ހޯއްދަވައިގެން އިނޮވެޓިވް އެޕްރޯޗެއް، ނޫނީވިއްޔާ ކަންކަން ކުރެވޭނެ ގޮތްތަކެއް ޚިޔާލަށް ގެންނަވައިގެން މިކަންކަން ކުރެއްވިދާނެ ކަމަށް ބޭބޭފުޅުން ވިދާޅުވަމުން ގެންދިޔައިމަ، އެބޭބޭފުޅުންނަށް ރައްޔިތުން ވަނީ ފުރުޞަތު އަރުވާފައި.


އެހެންނަމަވެސް، އަޅުގަނޑުމެންނަށް އެނގިގެން މިދަނީ، ނޫނެކޭ އަދި ދިވެހިރާއްޖޭގައި 187 ރަށުގައި މީހުން ދިރިއުޅެމުންދާއިރު، އަޅުގަނޑުމެންގެ އުއްމީދުތަކަކީވެސް 1 ވަނަ ދުނިޔޭގެ ޤައުމުތަކުގެ މީހުންގެ އުއްމީދުތަކާ ގުޅިފައިވާ ކަންކަން. މިތަނުގެ މީހަކަށް ކެންސަރު ޖެހުނީމަވެސް، ކެންސަރަށް ހޯދާ ފަރުވާއަކީ އެމެރިކާ މީހަކަށް ކެންސަރު ޖެހުނީމަވެސް ހޯދަންޖެހޭ ފަރުވާ ދޮގެއްތޯ. ހަމަ މިތަނުގައިވެސް މާބަނޑު އަންހެނަކު ވިހެއުމުގައި ދަތިތަކެއް އުޅޭކަމަށްވަންޏާ، ހަމަ އޭނަ ހޯދަންޖެހޭ ފަރުވާއަކީ އިނގިރޭސިވިލާތުގައިވެސް ހަމަ މި ދެންނެވި ފެންވަރުގެ މީހަކު، މާބަނޑު އަންހެނަކު މިކަހަލަ ދަތި އިޙްސާސްކުރާ ކަމަށްވަންޏާ، ހަމަ ހޯދަންޖެހޭ ފަރުވާ. އެކަމަކު އަޅުގަނޑުމެންނަށް މިހާތަނަށް ގަބޫލުކުރެވިގެން މިއައީ ރާއްޖޭގައި ވަރަށް އާދައިގެ ވަސީލަތްތަކެއްގައި އަދި ވަސީލަތް މަދު ޤައުމަކަށްވާތީ، އަޅުގަނޑުމެން ބުނަމުން މިހާތަނަށް މިއައީ ތިޔަކަމެއް ނުވާނެއޭ، މިކަމެއް ނުވާނެއޭ، އެކަމެއް ނުވާނެއޭ.


އެހެންވީމާ، އަޅުގަނޑުމެންނަކަށް އުއްމީދެއް ނެތް، އެހެން އަވަށްޓެރި ޤައުމުތައް، ނޫނީވިއްޔާ ކުރިއަރާފައި ހުރި ޤައުމުތަކުގައި އިންސާނުންނަށް ލިބެންވާ އިންސާނީ ޙަޤީޤަތްތަކާ ދޭތެރޭގައި އުއްމީދު ކުރުން، ހުވަފެނެއް ދުށުންވެސް މިއީ އަޅުގަނޑުމެން ކޮށްގެން ހެޔޮވާވަރުގެ ކަންކަމެއް ނޫން. އެކަމަކު މިއަދު އަޅުގަނޑުމެންގެ ވިސްނުން މިއޮތީ މުޅިން ބަދަލުވެފައި. ހަމައެކަނި ބަނދަރުގެ މަޝްރޫޢަށް ބަލައިފި ކަމަށްވަންޏާ، ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި އެ ވިދާޅުވީ، އަޅުގަނޑުމެން ވެރިކަމަށް ރައްޔިތުންގެ އަރިހަށް އައިސް، އަޅުގަނޑުމެންގެވެސް އުއްމީދުތަކެއް އެބަހުއްޓޭ، ނޫނީ އިންތިޒާރުކުރާ ހުވަފެންގޮތަށް ދެކެން ބޭނުންވާ ކަންތައްތަކެއް އެބަހުއްޓޭ، ރަށްރަށުގެ ތަރައްޤީއާއި، ރައްޔިތުންގެ ތަރައްޤީއަށް ގެންނަން ބޭނުންވާ. އޭގެތެރޭގައި ބަނދަރުގެ މަޝްރޫޢުތައް އަޅުގަނޑުމެން ދެއްކީ ހަމައެކަނި ލަފާފުރުމުގެ ދަތިކަމުގެ ވާހަކައެއް ނޫން. އަޅުގަނޑުމެން ދެއްކީކީ ނެރު ގޮއްވާ ވާހަކައެއް ނޫން. އަޅުގަނޑުމެން މި ދައްކަނީ ބަނދަރުގެ ވާހަކަ. މިހާރު މި ބަނދަރަކީވެސް 900 ފޫޓުގެ ބޮޑު ބަނދަރެއް. ހޮޅުދޫ ރަށަކީ ބިން ފުރިފައި އޮތް ރަށެއް. އެކަމަކު މިތަނުގެ ބަނދަރު މިއީ 900 ފޫޓުގެ ބޮޑު ބަނދަރެއް.


އެހެންވީމާ، މިރަށުގެ ބަނދަރުގެ ފަސޭހަކަން މި ލިބެނީ ހަމައެކަނި މި ރަށުގެ އޮޑިވެރިންނަކަށް ނޫން. ކައިރި ރަށްރަށުން އަދި ދެންމެ ވީޑިއޯ ރިޕޯޓްގައި އަޅުގަނޑުމެންނަށް ފެނިގެން އެދިޔަގޮތަށް ކަންނެލި ދޯނިފަހަރާ، މިކަހަލަ އެތައް ބަޔަކަށް މިރަށުގެ ބަނދަރުގެ ފަސޭހަކަން ލިބޭނެ. މިއީ އަޅުގަނޑުމެން މިއަދު ކުރާ ފިކުރު. މިއަދު އަޅުގަނޑުމެން ކުރާ އިންތިޒާރު. އެހެންވީމާ، އަޅުގަނޑުމެންގެ ވިސްނުމުގައި މިއަދު އަޅުގަނޑުމެން ދާން ބޭނުންވަނީ، ހަމަ އަޅުގަނޑުމެންނާ ކައިރީގައި، އެހެންނަމަވެސް، އަޅުގަނޑުމެންނަށްވުރެ މާ ތަނަވަސް، ނޫނީވިއްޔާ ވަސީލަތްތައް ގިނަ ޤައުމުތަކުގައި ލިބޭ ފަރުވާ ހޯދަން ބޭނުންވޭ. ލިބޭ ޢިލްމު އަޅުގަނޑުމެންގެ ދަރިންނަށް އުނގަންނައިދޭން ބޭނުންވޭ. އަދި ވިޔަފާރި ކުރާ ކަމަށްވަންޏާ، ވިޔަފާރީގެ ހުރިހާ ފުރުޞަތުތަކަކާއި، އެ ނަފާ ނަގާނެގޮތްތައް އަޅުގަނޑުމެންވެސް ބޭނުންވޭ. އެހެން އިންސާނުން ދުނިޔޭގައި އުޅޭއިރު އެމީހުން އެ ހޯދާ ހުރިހާ ކުރިއެރުމެއް ހޯދަން. އެއީ އިންސާނުންގެ ޠަބީޢަތް. އެކަމަށް އަޅުގަނޑުމެން އިންތިޒާރު ކުރަންވާނެ. އެހެންވީމާ، އެ ވިސްނުން އަޅުގަނޑުމެންގެ ތެރެއަށް ގެނެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދިޔައީ. އެ ވިސްނުން އަޅުގަނޑުމެންގެ ތެރެއަށް ގެނެސްގެން އެ ތަންފީޒު ކުރާއިރު، އެ ތަންފީޒު ކުރާކަށް،


އަޅުގަނޑަކަށް ހަމަ ދިވެހިވަންތަ ސިފައަކަށްނުވޭ، އަޅުގަނޑުމެން މިހުރިހާ ފުރުޞަތުތަކެއް ހުޅުވާލާފައި، މިހުރިހާ ކަމެއް ކޮށްފައި، ކިޔަވައިދޭންވެސް ތިބެންވީ ބޭރު މީހުން. ކިޔަވަންވެސް ތިބެންވީ އެމީހުންގެ ދަރިން. މަސައްކަތްވެސް ކުރަންވީ ބޭރު މީހުން. ލިބޭ ހުރިހާ ނަފައެއްވެސް ހޯދަންވީ ބޭރު މީހުން. އަނެއްކާވެސް އަޅުގަނޑުމެން ދިވެހިން ކުރާނެ ކަމެއްނެތި، އަޅުގަނޑުމެންނަކަށް އަޅުގަނޑުމެންގެ ޤައުމުގެ އެއްވެސް ކަމެއް ނިންމޭވަރުގެ ވިސްނުމެއް، ފިކުރެއް، ޢިލްމެއް، ހުނަރުވެރިކަމެއް ނެތް ބަޔަކަށްވާކަށް، މިއީ އަދި މިޒަމާނުގެ ވިސްނުމާއެކީ، ޤައުމެއްގެ ހައިސިއްޔަތުން ޤައުމަކުން އެދޭނެ ކަންކަމެއް ނޫން. އަޅުގަނޑުމެން ގަބޫލުކުރަންވާނީ އަޅުގަނޑުމެންގެ ކުދިން މޮޅޭ. އަޅުގަނޑުމެންގެ ތެރޭގައި ތިބީ ތޫނުފިލި ކުދިން. އަޅުގަނޑުމެން އެކަން ދައްކައިދީފީމު. އެކި އުމުރުފުރާގެ މީހުން، ދިވެހިން ބޭރުގެ ޔުނިވަރސިޓީތަކަށް ގޮސްފައި ހާސިލުކުރާ ޢިލްމާއި، ހޯދާ ވަނަތަކާއި، ރާއްޖެއަށް ގެންނަ ޝަރަފާއި ފަޚްރަށް ބަލައިފި ކަމަށްވަންޏާ، ހަމަ މޭނާ ސްކޫލްގެ ދަރިވަރުންވެސް އޭގެތެރޭގައި ހިމެނޭނެ.


މި ޤާބިލުކަމާއި، މި ކުރިއެރުން ހޯދޭނެކަމުގެ ކުޅަދާނަކަން އަޅުގަނޑުމެންގެ ހުރިކަން އަޅުގަނޑުމެންގެ ކުދިން ދައްކައިދީފި. އެހެންވީމާ، ކީއްވެގެންތޯ އިންސާނީ ވަސީލަތް ތަރައްޤީ ކުރަން މި ސަރުކާރުން މި ވިސްނަނީ. އިންސާނީ ވަސީލަތް ތަރައްޤީ ކުރަން މިރަށުން މި ވިސްނާ ވިސްނުމަކީ، އަޅުގަނޑުމެންގެ ސަރުކާރުގެ ވިސްނުމަކީ، ދިވެހިންގެ ހުރިހާ ކަމެއް ދިވެހިންނަށް ނިންމޭނޭ. އެއީ ދިވެހިން ބޭނުންވާ ހުރިހާ ކަމެއް އަޅުގަނޑުމެން ނިންމާނީ. އަޅުގަނޑުމެންނަކީ އީޖާދުތަކާއި ސައިންޓިފިކް ކަންތަކަށް ބަލާކަމަށްވަންޏާ، އެހެން މީހުންނާ ވާދަކުރަންވެސް ބޭނުންވާ ބައެއްނޫން. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ލިމިޓޭޝަން، ނޫނީވިއްޔާ އަޅުގަނޑުމެންގެ ޙުދޫދު ބޭރަށް ނުދެވޭނެ، ކުރިއަށް ނުދެވޭނެ ކަންކަން އަޅުގަނޑުމެންނަށް ކޮންމެވެސްވަރަކަށް ވިސްނޭނެ. އެހެންވީމާ، އަޅުގަނޑުމެން އެކަންކަމަކާއެކީ މަސައްކަތެއް ނުކުރާނަން. އަޅުގަނޑުމެން ރަށްރަށަށް ބޭނުންވެފައި ހުރި ކަންކަމުގެ ތެރޭގައި، މި ދެންނެވި ގޮތަށް އަޅުގަނޑުމެން ހޯދަން ބޭނުންވާނެ މި ދެންނެވި ހުރިހާ ކުރިއެރުމެއް.


އަޅުގަނޑަށް އުނދަގޫވޭ ގަބޫލުކުރަން، ބައެއް ބޭފުޅުން އަޅުގަނޑުމެންގެ ސަރުކާރަށް އަމާޒުކޮށް މި ދައްކާ ވާހަކަ. އަޅުގަނޑުމެން މިހާރު މާލޭގައި މި ހަދާ ދަރުމަވަންތަ ހޮސްޕިޓަލް، 25 ބުރީގެ ޢިމާރާތް ހަދަމުންދާއިރު، އެ އިމާރާތުގެ ބިންގާ އަޅަމުންދިޔައިރުވެސް އަޅުގަނޑު ބުނިން، މި ސަރަޙައްދުގައި އަޅުގަނޑުމެންގެ މި ހޮސްޕިޓަލަކީ ޝަރަފުވެރި ހޮސްޕިޓަލަކަށްވާނޭ. އަޅުގަނޑުމެން މީގެކުރިން ރާއްޖެއިން ބޭރަށް، އެތެރެވަރި އަދި އެއަށްވުރެން ތަންކޮޅެއް ދުރަށްދާ ކަމަށްވަންޏާވެސް އެ ހޯދާ ހުރިހާ ފަރުވާއެއް، އަޅުގަނޑުމެންގެ ރާއްޖެއިން އިރާދަކުރެއްވިއްޔާ މި ހޮސްޕިޓަލް ނިމިގެން، އެ ހޮސްޕިޓަލްގެ ޚިދުމަތްތައް ލިބެން ފެށީމަ ދިވެހިންނަށް ލިބޭނެ. މިވީ ގޯހަކަށް ދޮގެއްތޯ. މިކަން އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުންނަށް މިވީ ގޯހަކަށް. ދެން ހައްތަހާވެސް މިކަމުގައި ހުރި، ނޫނީވިއްޔާ މިކަމުގައި ހުރި، ނުފުށުގައި ހުރި ކަންކަމުގެ ވާހަކަ މި ދައްކަވަނީ. އެއްގޮތަކަށްވެސް އެމީހުންނަކަށް، ބަލައިގަނެވޭ ކަހަލަ ޕޮޒިޓިވް ވާހަކައެއް، ނޫނީ ރައްޔިތުންނަށް އެއިން އެ ހޯދައިދޭން އުޅޭ އުއްމީދެއް، އެއިން އެއްވެސް ވާހަކައެއް ދައްކަވާކަށް ބޭނުންފުޅެއްނުވޭ. ހައްތަހާވެސް މި ދައްކަވަނީ އިމާރާތުގެ އަގުބޮޑުވާ ވާހަކަ. ކުރީގައި ދިވެހިރާއްޖޭގައި އެއްވެސް ތަނެއްގައި 10 ބުރިއަށްވުރެ މައްޗަކަށް އިމާރާތެއް ނުކުރެވޭ. އެކަމަކު ކޮންމެވެސް ބައެއްގެ ވިސްނުމުގައި ހަމަގައިމުވެސް، ހުވަފެން ދެކޭ ބަޔަކަށް ހުވަފެން ފެންނާނެ. ދެކެން ބޭނުންވާ ބަޔަކަށް ހުވަފެންވެސް ފެންނާނީ. އޭގެތެރޭގައި އަޅުގަނޑުމެން އުއްމީދު ކުރަނީ، ރީތި ރަނގަޅު ހުވަފެން ގިނައިން ފެންނާނެ ކަމަށް.


އެހެންވީމާ، އެ އުއްމީދުތަކާއެކީ އަޅުގަނޑުމެން އެ ހުވަފެން ފެނިގެން، އަޅުގަނޑުމެން 25 ބުރިއަށް ދާން ބޭނުންވީމަ، ﷲގެ ރަޙްމަތާއެކީ، ކުރީގައި 10 ބުރިއަށްވުރެ މައްޗަށް ނުދެވޭ ތަންތަން މިހާރު 25 ބުރިއަށްވެސް ދެވުނީ. އެހެންވީމާ، 25 ބުރީގެ އިމާރާތެއް، އެވަރުގެ މުއްދަތެއްގެ ތެރޭގައި އެހާ ވަރުގަދަކޮށް ހަދާއިރު، ހަމަގައިމުވެސް މިއަދު މި ބަނދަރު ހުޅުވުމުގެ އިޙްތިފާލުގައި ތިބޭއިރު، މިތަނަށް 61 މިލިއަން ރުފިޔާ ޚަރަދުވެއްޖެއޭ، ހޭދަވެއްޖެއޭ ބުނީމަ، އެވަރުގެ ހޮސްޕިޓަލެއް ހަދައި ނިންމާއިރު، އެއަށް ދެތިން ބިލިއަން ރުފިޔާ ދާނެއޭ ބުނީމަ، އަޅުގަނޑަށް ހީވަނީ ނިސްބަތުން އަޅުގަނޑުމެންނަށް ގަބޫލުކުރަން ސިކުނޑިތަކަށް މިއީ އުނދަގޫ ވާހަކައެއް ނޫން. އެއީ އުނދަގޫ ވާހަކައެއް ނޫން. އަޅުގަނޑެއް ނުދައްކާނަން ދިވެހިރާއްޖެއަށް މި ގެންނަން ބޭނުންވާ ކުރިއެރުމެއް، ދެ ރިޒޯޓް ހިންގާލައިގެން ލިބޭނެ ކަމަކަށް. ނޫން. އެހެންނުވާނެ. ދިވެހިރާއްޖޭގައި މިހާރު ރިޒޯޓެއް ހިންގާ ކަމަށްވަންޏާވެސް، ރިޒޯޓެއް ހަދަންވެސް އެބަދޭ ތިން ހަތަރުސަތޭކަ މިލިއަން ޑޮލަރު. އަޅުގަނޑުގެ އަޚު ޝިޔާމް ވިދާޅުވެދެއްވާނެ، މީގެ ޚަރަދުތައް ހުރިގޮތް. އެހެންވީމާ، ކިހިނެއްތޯ ދެ ރިޒޯޓެއް ހިންގައިގެން ދިވެހިރާއްޖެ ކުރިއަށް ގެންދާނީ. އެކަމަކު މިއީ އަޅުގަނޑުމެންގެ ސިޔާސީ ބޭބޭފުޅުންގެ ވިސްނުން ހުރިގޮތް.


އަޅުގަނޑު ދެންނެވި ގޮތަށް މި މޫސުމަކީ ސިޔާސީ ލީޑަރުން ތަރިތައް އަރައި އޮއްސޭ މޫސުމް. އަޅުގަނޑުމެންނަށް އެކަމަކު ކަންކަން ދިރާސާ ކުރައްވާ ބޭފުޅުން، އަދި މާބޮޑު ތަޢުލީމެއް ނެތަސް، ބޭރުގެ ކަންކަން ދިރާސާ ކުރައްވާ ބޭފުޅުން، ސިޔާސީ މަސްރަޙު ދިރާސާ ކުރައްވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ކޮންމެ ސަރުކާރެއްގައިވެސް، ހުރިހާ ތަނެއްގައިވެސް ޑިމޮކްރަސީ އޮންނަނީ. ހުރިހާ ތަނެއްގައިވެސް ޑިމޮކްރަސީ މި އޮންނަނީ. އެކަމަކު ޑިމޮކްރަސީ އެކި ރަށަށް ބައްޓަންވެފައި މި އޮންނަނީ، އެރަށުގެ ފޭރާމަށް ހެޔޮވަރުވަރަށް. އެއްވެސް ދެ ޤައުމެއްގައި ޑިމޮކްރަސީ އެއްވަރަކަށް ނޯންނާނެ. ހިތްޕުޅަށް ގެންނަވާ، އެންމެ ލިބަރަލް ޑިމޮކްރަސީތަކުގައި، މިސާލަކަށް، ޔޫރަޕްގެ ޑިމޮކްރަސީތަކުގައި، އެމީހުންގެ ޑިމޮކްރަސީ، ރައްޔިތުންގެ ތެރެއިން ތަޞައްރުފު ފުދޭ، ނޫނީ ބާލިޣުވެފައި ތިބި މީހުން، ބޮޑެތި މީހުން، އެމީހުންނަށް ފެންނަ ކޮންމެ ކަމެއް ކުރެވޭނެ. އެ ޑިމޮކްރަސީ އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް ހެޔޮވަރުވާނެތޯ؟ މިތަނުގައި އެއް ޖިންސުގައި ކައިވެނި ކުރަން ހުއްދައެއްނޫން. އެހެންވީމާ، އެ ވާހަކަ ދެއްކުމުގެ ކުރިން އަޅުގަނޑު ޖެހޭނެކަންނޭނގެ، ފުރަތަމަ މަޤާމުން އިސްތިޢުފާ ދޭން. އެހެންވީމާ، އެ ޑިމޮކްރަސީއަކީ އަޅުގަނޑުމެންނަކަށް ފާޓު ހެޔޮވަރު ޑިމޮކްރަސީއަކަށް ނުވާނެ. އެކަމަކު ރާއްޖޭގައި އިސްލާމީ އުޞޫލުތަކާއެކީ އަޅުގަނޑުމެން ތަރައްޤީއަށް މިކުރާ މަސައްކަތުގެ ޑިމޮކްރަސީއާއި، މީހުންގެ ފިކުރު ބަދަލުވަމުންދާ ދިޔުމަށް އަޅުގަނޑުމެން މަރުޙަބާ ކިޔާނެ.


އަޅުގަނޑުމެންގެ ޑިމޮކްރަސީއަކާއި އަޅުގަނޑުމެންގެ މިންގަނޑުތަކަކާ އަޅުގަނޑުމެންނަކަށް ގަބޫލެއްނުކުރެވޭ، އަޅުގަނޑުމެން ބޭނުންވާ ކޮންމެ ކަމެއް ކުރަންވާނީ، ޤާނޫނާއި ޝަރީޢަތުގެ ބޭރުން މަގުމައްޗަށް ނުކުމެ ހަޅޭއްފަޅޭއްލަވައިގެން ގަދަމީހާގެ ބާރު ދައްކައިގެން. އެ ޑިމޮކްރަސީ އަދި އަޅުގަނޑުމެންނަކަށް ގަބޫލެއްނުކުރެވޭ. އެހެން ގަބޫލުކުރެވޭ ކަމަށްވަންޏާ، ތަންތަނުގައި ހަމަ އެންމެ ވަރުގަދައަށް މި ހިތްވަރު މި ދެވެނީ ކުށްކުރުން އިތުރުކުރަން. ކުށްކުރުން އިތުރުކޮށްފި ކަމަށްވަންޏާ، ބަނދަރު ހަދަން ހުރި ފައިސާ، ބަނދަރެއް ނޫން ހަދާނީ. އަޅުގަނޑުމެން ޖެހޭނީ، ނޫނީ އެ ސަރުކާރަކުން ޖެހޭނީ ޖަލުގޮޅިތައް ގިނަކުރަން. މިއީކީވެސް އޭގެ ޒާތުގައި ޙައްލެއް އޮތް ކަމެއްނޫން. އެހެންވީމާ، މިތަނުގައި ކަންތައްތައް ގިނަވެގެން ދިޔައިމަ، ގޯސްވެގެން ދިޔައިމަ، އަނެއްކާ އެތަނުގައި ފަރުވާއަކީ ޢާންމު ޙާލަތުގައި ހުންނަ މީހަކަށް ފަރުވާކުރަންވާ ވަރަށްވުރެ މާބޮޑެތި ޚަރަދު. ސީ.އެޗް.އެސް.އީ.ގެ ކުއްޖެއްގެ ބޮލަކަށް މަހަކު ޚަރަދުކުރަނީ މިސާލަކަށް، ދައުލަތުގެ ބަޖެޓުން ބާރަވަރަކަށްހާސް ރުފިޔާ ކަމަށްވަންޏާ، ކުށްވެރިވެގެން މި ބަންދުކުރާ މީހަކަށް އޭގެ ފަސްގުނަ އެބަ ޚަރަދުކުރޭ. މިއީތޯ އަޅުގަނޑުމެން ބޭނުންވާގޮތް؟ ޖަލުގައި މި ބައިތިއްބައިގެން ބަލަހައްޓަންޖެހޭ މީހުންނަށް އަޅުގަނޑުމެންގެ ރާއްޖެ ހިންގަން، އަޅުގަނޑުމެންގެ ރައުސްމާލު، އަޅުގަނޑުމެންގެ ޅަދަރިން، އަޅުގަނޑުމެން އެބަޔަކާ ދޭތެރޭގައި ފަޚްރުވެރި އުއްމީދުތަކެއް، އަޅުގަނޑުމެން އެމީހުންނާ ދޭތެރޭގައި ކުރާ ބަޔަކަށް ހޭދަކުރާވަރުގެ ފަސްގުނަ މި ހޭދަކުރަން މިޖެހެނީ ކުށްވެރިންނަށް، މިސާލަކަށް ބޮލަކަށް. ކުށްވެރިންނަށް ކަންތައް ނުކޮށްދޭ ވާހަކައެއްނޫން. ކޮށްދޭންޖެހޭނެ. އިންސާނުން، އަޅުގަނޑުމެންގެ ރައްޔިތުން. ހަމަ އަޅުގަނޑުމެންގެ ލޯބިވާ ރައްޔިތުން.


އެކަމަކު މި ދެންނެވީ ނިސްބަތުން މިކުރެވެނީ ކީއްހެއްޔޭ؟ މިކަމާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާލަންޖެހެނީ މި ސިޔާސީ މޫސުމެއްގައި. ދުނިޔޭގެ އެހެން ޤައުމުތަކުގައި އަޅުގަނޑު ދެންނެވި ގޮތަށް، ދިރާސާ ކުރައްވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ސިޔާސީ ނިޒާމުތައް ބެހިގެން އަންނައިރު، ނިޒާމުގެ ތެރޭގައި އަޅުގަނޑުމެން އަޑުއަހާނެ، ލިބަރަލް ޑިމޮކްރަސީގެ ވާހަކަ އަޅުގަނޑުމެން އަޑުއަހާނެ. ކޮންޒަރވެޓިޒަމްގެ ވާހަކަ އަޅުގަނޑުމެން އަޑުއަހާނެ. ލެފްޓެއްގެ ވާހަކަ އަޑުއަހާނެ. ރައިޓެއްގެ ވާހަކަ އަޑުއަހާނެ. ސެންޓަރ ރައިޓެއްގެ ވާހަކަ އަޑުއަހާނެ. މި ހުންނަނީ ސިޔާސީ ނިޒާމުތަކުގައި، ސިޔާސީ ފިކުރު ބެހިގެންދާ ގޮތްގޮތް. އެމީހުންގެ ވިސްނުން، ފިކުރުތައް ބެހިގެންދާ ގޮތްގޮތް. މި ވާހަކަ އަޅުގަނޑު މި ދަންނަވާލީ.


އަޅުގަނޑުމެންގެ ތެރެއިން ޢިލްމުވެރި ބޭފުޅުން، ކަންކަން އެނގިވަޑައިގަންނަވާ، ތަންދޮރު އެނގިވަޑައިގަންނަވާ ބޭފުޅުންނަށް އަޅުގަނޑު ކޮށްލާ ސުވާލެއް މިއީ. މި ސުވާލު އަޅުގަނޑުމެން ހިންގަވާށޭ، މި މޫސުން އައިސް އުޅޭއިރު މި ދެންނެވި ސިޔާސީ ލީޑަރުން، އެކި ވާހަކަ ދައްކަވާއިރު އެއިން ބޭފުޅެއްގެ ވިސްނުން މިއިން އެކައްޗަކަށްވެސް ފެތޭތޯ! އެއްވެސް ބޭފުޅަކު އެބަހުންނެވިތޯ މުޅިން ލިބަރަލްކޮށް. އެއްވެސް ބޭފުޅަކު އެބަ ހުންނެވިތޯ ސެންޓަރ ރައިޓްގައި. އެއްވެސް ބޭފުޅަކު އެބަ ހުންނެވިތޯ ލެފްޓްގައި. އެއްވެސް ބޭފުޅަކު އެބަ ހުންނެވިތޯ ފެށުނީއްސުރެ ކޮންޒަރވެޓިވް ޚިޔާލު ހުންނަ. އަޅުގަނޑުމެންނަކަށް ނުފެނުނު. އަޅުގަނޑުމެންނަށް ނުފެންނާނީ ދޮގެއްތޯ! މިހާރު އަޅުގަނޑުމެންނަށް ހުރިހާ ސިޔާސީ ލީޑަރުން މި ފެންނަނީ، މަހުގައި ބަންދުކުރި އެކި ވައްތަރުގެ، އެކި ވައްތަރުގެ ދަޅުގައި ބަންދުކުރާ އެކިވައްތަރުގެ މަސް އެކުލެވޭ ކޮކްޓެއިލެއްގެ ގޮތުގައި. އެ ގަހުގެ ކާށްޓެއް، މި ގަހުގެ ކާށްޓެއް އެނގޭ ގޮތަކަށް ނޫން މި ފެންނަނީ ސިޔާސީ ވިސްނުން. އެހެންވީމާ، އޭގެ މާނައަކީ ސިޔާސީ އައިޑިއޮލޮޖީ، ސިޔާސީ ފިކުރު، ނޫނީ އެމީހެއްގެ ފިކުރު އެމީހަކަށްވެސް ނޭނގޭ ހިސާބުގައި އެބޭފުޅުން އެ ތިއްބެވީ. އަޅުގަނޑުމެން އަޅުގަނޑުމެންގެ ޕާޓީއާއި ރައްޔިތުންނާ ދޭތެރޭގައި ކުރާ އުއްމީދާއި، އިސްލާމްދީން ދިވެހިރާއްޖޭގައި އޮންނަން ބޭނުންވާގޮތާއި، އަދި އަޅުގަނޑުމެން މަޞްލަޙަތާއި ތަރައްޤީއާ، މިކަންކަމަށް ވިސްނައިގެން އަޅުގަނޑުމެން ކުރާއިރު، އަޅުގަނޑުމެންގެ ފިކުރު ސާބިތު. އަޅުގަނޑުމެންގެ ފިކުރުގައި އެއްވެސްކަހަލަ ބްލަރ ކަމެއް، ނޫނީވިއްޔާ އެއްވެސް ކަހަލަ އޮޅުމެއް، ނޫނީވިއްޔާ ކިރިޔާވެސް އުނދަގޫ ކަމެއް، އަނދިރިވާ ގޮތެއް، ހިޔަންޏެއް، މިކަމެއް އަޅުގަނޑުމެންގެ ތެރެއަކު ނޫޅޭ. އެކަމަކު އަޅުގަނޑުމެންނަކަށް ނެތް މި ވާހަކަ މިގޮތަކަށް ދެންނެވޭކަށް އެހެން ސިޔާސީ ލީޑަރުންނާ ދޭތެރޭގައި.


އެހެންވީމާ، މި ދެންނެވީ މި މޫސުމުގައި ހުރިހާ ރައްޔިތުން ވިސްނާވަޑައިގަންނަވާށޭ މިކަންކަމަށް. އެބޭފުޅުން އެ ދިފާޢު ކުރައްވަނީ، ނޫނީވިއްޔާ އެބޭފުޅުން އެ ވަކާލާތު ކުރައްވަނީ ސިޔާސީ ވަކި ފިކުރެއް ކަމަށްވަންޏާ، ފުރަތަމަ އެބޭފުޅުން އެބަ ވިދާޅުވެލައްވަންޖެހޭ ސިޔާސީ ކޮން ފިކުރެއްތޯ. އެހެން ވިދާޅުވާނެ ބޭފުޅަކު ނޫޅުއްވާނެ. އެ ވިދާޅުވާނެ ބޭފުޅެއް ނޫޅުއްވާނެ. އެ މަސްދަޅެއް ކަނޑައިފި ކަމަށްވަންޏާ، އޭގެތެރޭގައި ޓިއުނާއާއި، މެކަރަލްއާއި، ސާޑިންއާއި، ސެމަންއާ، ހުރިހާ އެއްޗެއް ހިމެނޭ މަސްދަޅު. މަޚުލޫތައް. ހުރިހާ އެއްޗެއް އެއްވާ ކޮކްޓެއިލް ގޮތަށް އަޅުގަނޑުމެންނަށް މި ފެންނަނީ.


އެހެންވީމާ، އެއްވެސް ސިޔާސީ ވަކި ފިކުރެއް އަޅުގަނޑުމެންގެ ތެރެއަކު މީގައި ނުފެންނާނެ. ސިޔާސީ ފިކުރުގައި ހަރުދަނާކަމަކާއި، ޢަޒުމަކާއި، ސާބިތުކަމެއް ހުރެއްޖިއްޔާ ނޫނީ، ކިހިނެއްތޯ ތިންލައްކަ ފަންސާސްހާސް މީހުން ގޮވައިގެން، އެއް ވިސްނުމެއްގައި އެއް ތަރައްޤީއެއް ހޯދަން މަސައްކަތް ކުރާނީ؟ ފުރަތަމަ އެއްދުވަހު އެއްގޮތަކަށް ވިސްނާނެ. އަނެއް ދުވަހު ފެންނާނެ، އާނ! ހޮޅުދޫގައި މިހާރު ބޭނުންވަނީ ފެން ހިންދާ ނިޒާމެއް ނޫނޭ. ހޮޅުދޫގައި މިހާރު ބޭނުންވާނެ އެހެން ކޮންމެވެސް ކަމެއް ކޮށްލާށޭ. އެކަމަކު ހޮޅުދުއަށް އައިމަ އަޅުގަނޑަށް މިއަދު އެނގޭ، އަދި އަޅުގަނޑުމެން އެންމެ ފުރަތަމަ މިކޮޅަށް ކުރާ ޒިޔާރަތަށްވެސްވޭ، ހޮޅުދުއަށް އެންމެބޮޑަށް ދަތިވާ، ދެން ކޮންމެ ރަށަކަށްވެސް ދަތިވާ ކަންތައް ގިނަވާނެ. ހުންނާނެ. އެކަމަކު ހޮޅުދޫގެ ޢާންމު ދިރިއުޅުމަށް، ޢާންމު ޙާލަތަށް އަބަދުވެސް އެންމެބޮޑު މައްސަލައަކަށްވަނީ މި ހުޅަނގުގައި، ނޫނީވިއްޔާ އިރުވައިގައި މި އަންނަ ގަދަ ވާރޭގައި، ވާރޭވެހުނީމަ އެހެން ރަށްރަށަށް އުނދަގޫނުވާ ވާހަކައެއްނޫން. އެކަމަކު ހޮޅުދޫގައި އަބަދުވެސް ރަށުގެ މެދުގައި މި އުފެދޭ ފެންގަނޑުގެ މައްސަލަ، އެންމެބޮޑު މައްސަލައަކީ.


ދެން މީގައި އޮތީ ހަމަ އުފާވެރިކަމުގެ ޚަބަރެއް ދަންނަވާލަން. ދެންމެ އަޅުގަނޑުމެން މިކަމުގެ ވާހަކަ ދެއްކީމަ، އަޅުގަނޑަށް މިނިސްޓަރ ޠާރިޤު ކަށަވަރުކަން ދެއްވި. މިހާތަނަށް މިތާ މިހިރީ ރާއްޖޭގެ އުފެއްދުމޭ. ރާއްޖޭގެ ޑިޒައިނޭ. މިހާރު ކޮންސަލްޓަންޓުންގެ ޚިޔާލާއެކީ ސްޓަޑީ ނިންމައި، ޓެންޑަރ ބޯޑަށް އެއޮތީ އެ މަޝްރޫޢު ލެވިފައި. ޢަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ ބޯޑުން ނިމުނީމަ، މި އަހަރު، ދެން މި އަހަރު މިއޮތީ ނިމިފައި ދޮގެއްތޯ. މާދަން މިއީ 25. އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ކުރީކޮޅުގެ ތެރޭގައި ފެށިގެން ގޮސް، ގާތްގަނޑަކަށް ހައެއްކަ އަށެއްކަ މަސްދުވަހުގެ ތެރޭގައި މި ފެން ހިންދުމުގެ މައްސަލައަށް މި ދިމާވާ ދަތިކަމަށް އިރާދަކުރެއްވިއްޔާ ދާއިމީ ޙައްލެއް އަންނާނެ. އެހެންވީމާ، އެއީ ހޮޅުދުއަށް ބޭނުންވާ އެންމެ މުހިއްމު ކަންތައް ފުދިގެން މިދިޔައީ.


މިރަށުގައި ފެން ހިންދާ ނިޒާމަށް އަޅުގަނޑަކަށް ނޭނގެ އަދި ދާވަރެއް. މީގައި ހަމަ މި ނުކުންނަނީ ނިސްބީ މައްސަލަތަކެއްވީމަ އަޅުގަނޑު ދަންނަވާލަނީ. މިރަށުގައި ދަތިވާ މައްސަލައެއް މިއީ. ފުވައްމުލަކުގައި ދަތިވާ މައްސަލައެއް. އަދި އަޅުގަނޑުމެންގެ އިރުވައި ތޮށީގައި މިހިރަ ރަށްރަށުގައި މި ނަގާ ބިޔަ ރާޅާއެކީ، އެ ރަށްރަށަށް ދަތިވާ މައްސަލަގޮތަށް ފުވައްމުލަކަށްވެސް ހަމަ ދަތިވަމުންދިޔަ ބޮޑު މައްސަލައެއް، އެ ރަށުގައި ބަނދަރުގައި ޙިމާޔަތް ކުރެވޭނެ ވަރުގަދަ ތޮށި ނުލެވުން. އެތައް ބަޔަކު މަރުވެ ހިނގައްޖެ. އެކަމަކު އެއީ އިންސާނުން، ދިވެހި ރައްޔިތުން. އަދި އަޅުގަނޑުމެންގެ ބަޖެޓުން އެމީހުން އިސް ޖާގަ ހޯދަންޖެހޭ މީހުން އެއީ. މިރަށުގައިވެސް ހަމަ އެކަން އޮތީ އެހެން.


އެހެންވީމާ، ފުވައްމުލަކުގައި ތޮށިލުމާއި، ހޮޅުދޫގައި މި ފެން ހިންދާ ނިޒާމު ހަދައި ނިންމުމަށް އަޅުގަނޑުމެން ފައިސާގެ އަދަދެއް ޖަހައި، މި އަދަދު ބުނީމަ، ދެން އެކަމާ ވަކާލާތު ކުރައްވާ ބޭފުޅުން އަޅުގަނޑަށް ފާޑުވިދާޅުވުމުގެ ގޮތުން، އަޅުގަނޑުގެ ސަރުކާރުން މިކުރާ މަސައްކަތަށް ފާޑުވިދާޅުވަމުން، ތިއަށްވުރެ އަގުހެޔޮކޮށް ތިކަން ކުރެވޭނޭ. އެކަމަކު ހޮޅުދޫގައި މިތާ މި ތިއްބެވި ބޭފުޅުން ވިދާޅުވޭ، ހަމަގައިމުވެސް އަޅުގަނޑު ހޮޅުދުއަށް، މި އަތޮޅަށް އަންނަތާ 19 އަހަރަށްވުރެ ގިނަވެއްޖެ. އެހެންވީމާ، 19 އަހަރުވެގެންދިޔައިރު ޙައްލުނުވި މައްސަލައެއްގެ ވާހަކަ މި ދައްކަނީ. އަގުބޮޑުވެގެން ނަމަވެސް ޙައްލުކުރަންޖެހޭ ދޮގެއްތޯ. އަގުބޮޑުވެގެންވެސް ޙައްލުކުރަންޖެހޭ.


އެހެންވީމާ، މި ވާހަކަ ދައްކަވާ ބޭފުޅުންނަށް ވޯޓް ޙައްޤުތޯ؟ އެބޭފުޅުންނަކަށް ވޯޓް ޙައްޤެއް ނޫނޭ. އެއީ، އެބޭފުޅުންގެ ނެތޭ ވިސްނުމެއް ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދޭކަށެއް. އެހެންވީމާ، އެބޭފުޅުންނަކީ އަޅުގަނޑުމެންގެ ވޯޓުން، އަޅުގަނޑުމެންގެ ހިތުން ޖާގަ ހޯއްދަވަންޖެހޭ ބޭފުޅުންނެއް ނޫން. އަޅުގަނޑުމެންގެ ހިތުން ޖާގަ ހޯދަންޖެހޭނީ ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންތައްތައް، ވަރިހަމަ ލޯނު ނަގައިގެންވިޔަސް ކުރަންވީ. ލޯނު ނުނަގަނީ ކޮންބައެއްތޯ؟ އަޅުގަނޑުމެންގެ މުދާ ނުވިއްކަނީ ކޮން ސަރުކާރެއްތޯ؟ އެ ވިއްކާފައި ހުރި އެއްޗެހި ނޫންތޯ އަނބުރާ ހޯދަން އަޅުގަނޑުމެން ކުރި މަސައްކަތް ކޮށްގެން މިހާރު އިރާދަކުރެއްވިއްޔާ އަނބުރާ ލިބިގެން މިއުޅެނީ. އެހެންވީމާ، މިއީ އަޅުގަނޑުމެންގެ ޙާލަތު މިއަދު ހުރިގޮތް. އަބަދުވެސް އަޅުގަނޑުމެން ވިސްނަންޖެހޭނީ ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދިނުމުގެ އާ ގޮތްތައް، އީޖާދުތައް ހޯދައިގެން ފައިސާ ހޯދާނެގޮތް ދެނެގަންނަން. އަދި އެކަންކަން ކުރެވޭނެގޮތް. ރަށެއްގެ ރައްޔިތުންނަކަށް ކަމެއް ދަތިވެފައި ތިބިއްޔާ، މިކަމެއް ނުވާނެއޭ، ކުޑަކުޑަ ރަށެކޭ، މީސްކޮޅު މަދޭ، ފަޤީރުކަމޭ، ވަސީލަތެއްނެތޭ. މި ވާހަކަ ދައްކައިގެނެއް މިއަދަކު އަޅުގަނޑުމެންނަކަށް ދެކޮޅެއްނުޖެއްސޭނެ ދޮގެއްތޯ. އަޅުގަނޑުމެން މިއަދު އަޅުގަނޑުމެންގެ ދަރިން ހަމަ ހަރވަޑަށްވެސް ފޮނުވަން ބޭނުން. އަޅުގަނޑުމެން ދަރިން މިއަދު ބޭނުންވޭ ހަމަ ނާސާގައިވެސް މަސައްކަތް ކުރަން. އަޅުގަނޑުމެންގެ ދަރިން ބޭނުންވޭ، ހަމަ އެންމެ މޮޅު ގައިނީ ޑޮކްޓަރުންނަށްވާން. ފަޅާ ޑޮކްޓަރުންނަށްވެސް ވާން. މިއީ އަޅުގަނޑުމެންގެ އުއްމީދު.


މިގޮތަށް އުއްމީދު ކުރުމަކީ އަޅުގަނޑުމެންގެ ކުށެއް ނޫނޭ. މިގޮތަށް ކުރަންޖެހޭނެ އުއްމީދު ދޮގެއްތޯ. އެ އުއްމީދު ކޮށްގެން އަޅުގަނޑުމެން ދާން ބޭނުންވާ ހިސާބަށް ދެވޭނީ. އެހެންވެގެން ދޮގެއްތޯ އަޅުގަނޑުމެން ދުނިޔޭގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ބަހަކީވެސް މިހާރު ކޮންމެވެސްވަރަކަށް އަޑުއިވޭ ބަހެއް. ކޮންމެހެން އަޅުގަނޑުމެން ބުނާ ހުރިހާ ކަމެއް ނިންމާ ވާހަކައެއް ނޫން. އެކަމަކު އިސްލާމީ ދައުލަތްތަކަށް، އިސްލާމީ އުއްމަތަށް ދިމާވެފައި ހުރި ދަތި ކަންކަމުގައި، ފަލަސްޠީނު މީހުންގެ މައްސަލަ ކަހަލަ މައްސަލަ. ޤުދުސްގެ މައްސަލަ މިސާލަކަށް. ނޫނީ އަޅުގަނޑުމެންގެ ފުރަތަމަ ޤިބްލައިގެ މައްސަލައިގައި، އަޅުގަނޑުމެންވެސް އިސްލާމީ ދައުލަތަކަށްވެ، ކިތަންމެ ކުޑަކުޑަ ޤައުމަކަށްވީނަމަވެސް އަޅުގަނޑުމެންވެސް އަޑު އުފުލަންޖެހޭ. އޭގެ މާނައަކީ އަޅުގަނޑުމެން ކޮންމެހެން ހަމަ އިސްކޮޅަށް ތެދުވާ ވާހަކައެއްވެސް ނޫން. އެއީ އަޅުގަނޑުމެން ދީނީ ވާޖިބެއް އަދާކުރާ ވާހަކަ މި ދައްކަނީ. އޭގެ މާނައަކީ ކޮންމެހެން އަޅުގަނޑުމެންގެ އިސްކޮޅު ދެގުނައަށް ފެންނަ ވާހަކައެއްވެސް ނޫން. އަޅުގަނޑަށް ފާޑުވިދާޅުވާ ބޭފުޅުން ވިދާޅުވާނެ، އަޅުގަނޑުގެ އިސްކޮޅު އަޅުގަނޑަށް މިހާރު މި ފެންނަނީ ގާތްގަނޑަކަށް ހައެއްކަ އަށެއްކަ ފޫޓްގައޭ. ދެން އެވަރު ވެއްޖިއްޔާ ކިތަންމެހާވެސް ރަނގަޅު. އެހެންނަމަވެސް، އެއީކީ އެހެން ކުރާ ކަމެއް ނޫނޭ. އެއީ އަޅުގަނޑުމެން ޙައްޤު މަޤާމު ހޯދުމަށްޓަކައި ކުރާ މަސައްކަތް.


އެހެންވީމާ، އިސްލާމީ ދައުލަތަށް، މުޅި އިސްލާމްދީނަށް ދަތިވެފައި ހުރި ކަންކަން ޙައްލުކުރުމުގައި، ހުރިހާ އިސްލާމުން އެއްގަލަށް އަރަން އެބަޖެހޭ. އެކަމުގައި ކީއްވެގެންތޯ ދިވެހިރާއްޖެ އިސްތިސްނާވާންވީ؟ އިސްލާމްދީނުގެ ވާހަކަ ދައްކާއިރު އަޅުގަނޑުމެން ބުނަން ފަޚްރުވެރިކަމާއެކީ، މުޅި ދުނިޔޭގައިވެސް އޮތް ސަތޭކައިންސަތޭކަ އިސްލާމީ ދެ ދައުލަތުން އެއް ދައުލަތަކީ ދިވެހިރާއްޖެއޭ. އަދި އެއީ ސަޢޫދީޢަރަބިއްޔާއާއި ދިވެހިރާއްޖެއާ. އެކަމަކު ފަޚްރުވެރިކަމާއެކީ ސައްތައިންސައްތަ ދިވެހި ދައުލަތަކަށް، އިސްލާމް ދައުލަތަކަށް ދިވެހިރާއްޖެވާއިރު، ކީއްވެގެންތޯ އިސްލާމުންނަށް ދިމާވެފައި މިއޮތް ބޮޑެތި މަސައްކަތްތަކުގައި އަޑު އުފުލުމުގެ މަސައްކަތް ނުކުރާންވީ؟ އެހެންވީމާ، އ.ދ. އިން ގޮނޑިއެއް ހޯދަން ކުރާ މަސައްކަތް، ނޫނީ އަޅުގަނޑުމެން އަޑު އުފުލަން މިކުރާ މަސައްކަތް މިކުރަނީ އެއްގޮތަކަށްވެސް ހިންޏަށް މުޑި ނެގުމުގެ ގޮތަކުންނެއް ނޫން. މިއީ އަޅުގަނޑުމެން، އަޅުގަނޑުމެން ތިބި ދީނުގައި އަޅުގަނޑުމެން އަދާކުރަންޖެހޭ ވާޖިބެއް ގޮތުގައި އަޅުގަނޑު ދެކޭތީ.


އެހެންވީމާ، މިކަންކަން މިކުރަނީ އެއްގޮތަކަށްވެސް އަޅުގަނޑުމެން ނޫން އެހެން ބަޔަކަށް މީގެކުރިން ނުވިސްނޭތީކީ ނޫން. އެކަމަކު އަޅުގަނޑު ހަމަ ދަންނަވާލަން އޮތް ވާހަކައަކީ، މި ޙައްޤުތައް ހުއްޓޭ. ރަށްރަށަށް ދަތިވެފައި ހުރި ކަންކަން ހުއްޓޭ. ޢަލީ މުޙައްމަދު ކިތަންމެހާވެސް ރަނގަޅަކަށް މި ވާހަކަތައް ވިދާޅުވެދެއްވައިފި. އަދި ހިތްޕުޅުގެ ވަރަށް އިޚްލާޞްތެރި ޝުޢޫރުތަކުން އަޅުގަނޑަށް ހަދިޔާ ކުރެއްވި. ހަމަ ޝުކުރު ދަންނަވަން މިނިސްޓަރ މުޢިއްޒަށްވެސް. އަޅުގަނޑުމެން މި ރަށަށް، އަލިބެއާއި އަޅުގަނޑާ ވަރަށްގިނަފަހަރު ގޮނޑިއަށް ވާދަވެސްކުރާ ބައެއް. އެހެންނަމަވެސް، އަޅުގަނޑުމެން ދެމީހުންނަކީ ވަރަށްގާތް ރައްޓެހިން. ހަމަ އެހެންމެ ފުރަތަމަ މަޖިލީހުގެ ޒަމާނުން ފެށިގެން އަޅުގަނޑުމެން ދެމީހުންނަކީ ވަރަށްގާތް މީހުން. ހަމަ މި ރަށްރަށުގެ ތެރޭގައި އަޅުގަނޑުމެންގެ ޒިންމާތަކުގެ ތެރޭގައި މި އިންތިޚާބުގެ މޫސުމުގައި މި ވާދަވެރިކަން އޮންނައިރުވެސް އަޅުގަނޑާއި އަލިބެއާ މިއީ އަޅުގަނޑުމެން އަބަދުވެސް އެކީގައި މަސައްކަތް ކުރެވޭ މީހުން. އެހެންވީމާ، ޢަލީ މުޙައްމަދު އެ ވިދާޅުވެދެއްވީ އަޅުގަނޑުމެންގެ ޙާލަތު އޮތްގޮތް. އަދި ޚުދު މި ރަށަށް ކުރެވިފައި ހުރި މަސައްކަތްތައް. އަޅުގަނޑު އުއްމީދު ކުރަނީ އަޅުގަނޑަށް ހަމަ މި ރަށްރަށަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދެވޭތޯ.


ދެން އުފާވެރި ޚަބަރެއްވެސް ދަންނަވާލަން އެބައޮތް. ކޮންމެ ބޮޑު މަޝްރޫޢެއް ފެށިގެންދާއިރު، ރާއްޖޭގެ 187 ރަށަށް، ކޮންމެ ދާއިރާއަކުން އެތައް މަޝްރޫޢުތަކެއް އަންނަ ކަމަށްވަންޏާ، މިއުޅެނީ ހަމައެކަނި އިޖުތިމާޢީ މަޝްރޫޢުތަކެއް ނޫން. އިޖުތިމާޢީ މަޝްރޫޢޭ ބުނީމަވެސް އެއީ ކޯއްޗެއް ކަމެއް ނޭނގެ. އިޖުތިމާޢީ ކަންކަމުގެ ތެރޭގައި ކުޅިވަރާއި، ޒުވާނުންނާއި، ތަޢުލީމާއި، ޞިއްޙަތާ، މިހުރިހާ އެއްޗެއް ހިމެނޭ. ކޮންމެ ދާއިރާއެއް، މިއިން ބެލިނަމަވެސް، މިއީ އެތައް ބައިވަރު މަޝްރޫޢުތަކެއްގެ ވާހަކަ މި ދެއްކެނީ. އެހެންވީމާ، މި މަޝްރޫޢުތަކަށް އެކަނި ބެލިކަމުގައިވީނަމަވެސް، ދެވެން އޮތް އުފާވެރި ޚަބަރަކީ، އަޅުގަނޑުމެންގެ މި 4 އަހަރުގެ ސަރުކާރު ނިމިގެން މިދިޔައީ. 5 ވަނަ އަހަރަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިތިބީ ކުރިމަތިލައިގެން. މި 5 އަހަރު ނިމިގެންދާއިރު، އަޅުގަނޑުމެންވީ ވަޢުދުތަކުގެ ބޮޑުބައި ފުއްދައި އިރާދަކުރެއްވިއްޔާ ނިމުނީ. ބަނދަރު ހެދުމުގެ މަޝްރޫޢަށްވިޔަސް، ނަރުދަމާގެ މަޝްރޫޢަށްވިޔަސް، ފެނުގެ މަޝްރޫޢުތަކަށްވިޔަސް، ބޮޑުބައި ނިމުނީ.


މީގައި ދޭން އޮތް ރަނގަޅު ޚަބަރަކީ، އަޅުގަނޑުމެން މި ދަތުރު ފެށުމުގެ ކުރިން، އަޅުގަނޑުމެން ރައީސް އޮފީހުގައި ދިރާސާތަކެއް ކުރިން. ކޮންމެ ބޮޑު މަޝްރޫޢެއް ފެށިގެން، ބަޖެޓުގައި ޖެހިގެން މިދަނީ ދެ އަހަރު، ތިން އަހަރު، ހަތަރު އަހަރުން މަޝްރޫޢު ނިމޭގޮތަށް. އެއްވެސް މަޝްރޫޢަކަށް އަލިފުން ޔާއަށް ބޭނުންވާ ހުރިހާ ފައިސާއެއް، އެއް އަހަރުގެ ބަޖެޓުގައި ލައިގެން، އެއް އަހަރުން ނިންމައިދީފައެއް ނުހުންނާނެ.


އެހެންވީމާ، ދޭންއޮތް އުފާވެރި ޚަބަރަކީ ކުރީގެ ސަރުކާރުން އަޅުގަނޑުމެންނާ ހަމައަށް ވާރުތަވެފައި ހުރި މަޝްރޫޢުތަކާއި، އަދި ބައެއް ތަންތަނުގައި ބަނދަރު ހެދުމުގެ ގޮތަށް ކޮންނަ ބޯޓުން ތަނެއް ހާވާލާފައި ކިސަޑު ނުފިލާހުރި ތަންތާނގައި ބަނދަރު ހަދައިދިނުމާއި، މިކަހަލަ ހުރިހާ ލައްވާލާފައި ހުރި އުނދަގޫ ކަންތައްތަކާއެކީ، އަޅުގަނޑުމެން ސަރުކާރުން ފަށާފައި ހުރި ހުރިހާ މަޝްރޫޢުތަކެއްގެ، ހުރިހާ މަޝްރޫޢުތަކެއް، އިރާދަކުރެއްވިއްޔާ އެއަށް ބޭނުންވާ ރޯލްއައުޓް ހުރިހާ މަސައްކަތެއް ކޮށް ނިމޭ އެބަ މި އަންނަ އަހަރުގެ ނިޔަލަށް. އޭގެ މާނައަކީ ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެންނަށް ރައްޔިތުން ފުރުޞަތު ދެއްވައިފި ކަމަށްވަންޏާ، 2019 އިން ފެށިގެން، މިހާރު މިދަނީ ދެ ހޯސްޕަވަރުގެ ދެ އިންޖީނު ކަމަށްވަންޏާ، އިތުރު ހޯސްޕަވަރާއެކީ އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށްދާނެ. އެއީ ހުރިހާ ދަރަނިތައް ފިލައި، އޭރުގައި އަޅުގަނޑުމެން ކެޕިޓަލް މަޝްރޫޢުތަކަށް ބޭނުންވާ، ފަށާފައި ހުރި ހުރިހާ މަޝްރޫޢުތަކެއް އިރާދަކުރެއްވިއްޔާ 2018ގެ ނިޔަލަށް ނިމޭނެ. އެހެންވީމާ، 2019ގެ ބަޖެޓުގައި މުޅިންވެސް އާ މަޝްރޫޢުތަކަށް ޖާގަ ހޯދާނީ. އެއްގޮތަކަށްވެސް ފެށިފައި އޮތް މަޝްރޫޢެއް ނިންމާކަށް ލާރި ލާނީކީނޫން. މުޅިން އާ މަޝްރޫޢުތަކަކަށް ޖާގަ ހޯދާނީ.


އެހެންވީމާ، އަޅުގަނޑުގެ ހިތަށް ހަމަގައިމުވެސް އެ އަންނަނީ ހަމަ ހެޔޮ، ނޫނީވިއްޔާ ބޮޑެތި، އަޅުގަނޑުމެންނަށް ކުރަން ބޭނުންވާވަރުގެ ބޮޑެތި ކަންތައްތަކުގެ އުއްމީދުތަކެއް. އެހެންވީމާ، ރައްޔިތުންގެ އުއްމީދު، ރައްޔިތުން ދެކޭ ހުވަފެން، އަޅުގަނޑު ދެކޭ ހުވަފެނާ ސީދާވާކަމަށްވަންޏާ، އަޅުގަނޑުމެން އެކުގައި މަސައްކަތް ކުރަމާ ހިންގަވާ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެކުގައި މަސައްކަތް ކުރާކަމުގައިވަންޏާ، ﷲގެ ރަޙްމަތާއި، ބަރަކާތާއި، ތައުފީޤު މިންވަރު ކުރައްވާނެ. އެހެންވީމާ، ހޮޅުދޫގެ ހުރިހާ ރައްޔިތުންގެ އަރިހުންވެސް އަޅުގަނޑު އެދެނީ، ތިޔަބޭފުޅުންގެ ޚިދުމަތުގައި އަޅުގަނޑަށް ފުރުޞަތު ދެއްވައިފި ކަމަށްވަންޏާ، ހަމަ ތިޔަބޭފުޅުންގެ ޙައްޤުގައި، ހަމަ މި ދެންނެވި ގޮތަށް އާ އިތުރު މަޝްރޫޢުތަކެއް ކުރިއަށް ގެންދިޔުމަށް ހަމަ އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ހިތްވަރު ހުންނާނެއޭ.


އަޅުގަނޑުމެން ކުރާ މަސައްކަތުގައި މާތްﷲގެ ބަރަކާތް މިންވަރު ކުރައްވާށި!


والسّــلام عليــكم ورحـمــة اللّـه وبـركاتـه.