بســم اللّـه الرّحمـن الرّحيــم


ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ، އަދި މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަމުން.


ހެނބަދޫގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން؛


السّــلام عليــكم ورحـمــة اللّـه وبـركاتـه.


އާދެ، މިއަދަކީ ހެނބަދުއަށް ވަރަށް ޚާއްޞަ ދުވަހެއް. އާދެ، މިއަދަކީ ހަމަ އެގޮތުން އަޅުގަނޑުމެންނަށްވެސް ވަރަށް ޚާއްޞަ ދުވަހެއް. އަޅުގަނޑުމެން މިރަށަށް އައުމުން، އަޅުގަނޑަށާއި އަޅުގަނޑާއެކީ ޒިޔާރަތް ކުރެއްވި ބޭފުޅުންނަށް ހެނބަދޫގެ ރައްޔިތުން ތިޔަ ވިދާޅުވި އިޚްލާޞްތެރި ހޫނު މަރުޙަބާއަށްޓަކައި ފަށްފަށުން ތިޔަ އެންމެ ބޭފުޅުންނަށް ޝުކުރު ދަންނަވަން.


އާދެ، ނ. އަތޮޅަށާއި، ބ. އަތޮޅަށް އަދި ޅ. ހިންނަވަރަށް އަޅުގަނޑު މިކުރާ ޒިޔާރަތަކީ، މިއަތޮޅުތަކުގައި ބައެއް ރަށްރަށުގައި ހުރި ބޮޑެތި މަޝްރޫޢުތައް ނިމުމާއެކީ، ރައްޔިތުންނަށް އެ މަޝްރޫޢުތަކުން ލިބޭ ފަސޭހަކަން ލިބިގެންދާ އުފަލުގައި ބައިވެރިވާން ކުރާ ދަތުރެއް. އިސްތިސްނާއަކަށް ހަމަ މިއޮތީ މި ރަށް، އާދެ، ހެނބަދޫ. އެހެންނަމަވެސް، ނ.އަތޮޅާ ވަރަށް ގުޅިފައި ހުރި މީހަކަށްވާތީއާއެކީ، އަބަދުވެސް ނ. އަތޮޅުގެ ރަށްރަށަށް އައުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް. ޝައްކެއްވެސްނެތްގޮތުގައި، މިއަދު މިއީ ހެނބަދުއަށް ވަރަށް ޚާއްޞަ ދުވަހެއް.


އާދެ، ހެނބަދުއަށް ޚާއްޞަވެގެން މިދަނީ ހެނބަދޫގެ ރައްޔިތުން ހަމަ ދިގު އިންތިޒާރުތަކެއްގައި ތިޔަ ތިއްބެވީ ނަރުދަމާގެ މަޝްރޫޢަކަށް. އިރާދަކުރެއްވިއްޔާ، މިއަދު މި ފެށިގެން މިދަނީ މިރަށުގެ ނަރުދަމާގެ ފަސޭހަކަން ލިބޭ ޢަމަލީ މަޝްރޫޢު.


އާދެ، ޝައްކެއްވެސްނެތްގޮތުގައި، ވަރަށް ދީލަތި، އަދި ހެނބަދުއާ ވަރަށްގާތް، ހެނބަދޫގެ ވަރަށް ޚާއްޞަ ބޭފުޅެއް އުއްޗުއަކީ. ޗަމްޕާ މުޙައްމަދު މޫސާއަކީ. ޗަމްޕާ ބްރަދަރސްގެ ފަރާތުން މި އަގުބޮޑު ހަދިޔާ ހެނބަދޫގެ ރައްޔިތުންނަށް ތިޔަ ކޮށްދެއްވަނީ. އެކަމަށްޓަކައި ހެނބަދޫގެ ރައްޔިތުންގެ ފަރާތުން އަދި ދިވެހި ދައުލަތުގެ ފަރާތުން ވަރަށް އިޚްލާޞްތެރިކަމާއެކީ އުއްޗުއަށް ޝުކުރު ދަންނަވަން.


ސަރުކާރުގެ ބަޖެޓުގައި ކޮންމެވެސްވަރެއްގެ ފައިސާއެއް މިކަމަށް އަޅުގަނޑުމެން ޖެހީމު. އެއީ އުއްޗު މި ކޮށްދެއްވާ، ދަރުމައަށް މި ކޮށްދެއްވާ ބޮޑު މަސައްކަތުގައި ޢަމަލީގޮތުން ސަރުކާރުންވެސް ކޮންމެވެސް ޙިއްޞާއެއް މިކަމުގައި ވުމަށްޓަކައި. އެހެންނަމަވެސް، އަޅުގަނޑަށް މަޢުލޫމާތު ލިބިގެން މިދަނީ މި މަސައްކަތަކީ ހަމަ ހުރިހާ ޚަރަދެއް އުއްޗު ކޮށްދެއްވާގޮތަށް، ޗަމްޕާ ބްރަދަރސްގެ ފަރާތުން މުޙައްމަދު މޫސާ ކޮށްދެއްވާގޮތަށް ނިމިގެންދާ މަޝްރޫޢެއް ގޮތަށް. ސަރުކާރަށް، ރައްޔިތުންނަށް މި ކޮށްދެއްވަނީ ވަރަށްބޮޑު ފަސޭހަކަމެއް ލިބިގެން މިދަނީ. އަޅުގަނޑުމެންގެ ބަޖެޓަށްވެސް ވަރަށްބޮޑުތަން ލުއިވެގެން ދިޔައީ. އެހެންވީމާ، އިޚްލާޞްތެރިކަމާއެކީ ޗަމްޕާއަށް، އުއްޗުއަށް، މުޙައްމަދު މޫސާއަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.


އާދެ، އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އަޅުގަނޑުމެންގެ ރާއްޖޭގެ ތަރައްޤީގެ މިކަހަލަ މަޝްރޫޢުތަކުގައި އަމިއްލަ ފަރާތްތަކުން އިސްނަންގަވައިގެން މަސައްކަތް ކުރައްވާ ތަން. ޗަމްޕާ ބްރަދަރސްއަކީ މީގައި އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ޚިދުމަތްތަކެއް ޒަމާންތަކެއް ވަންދެން ދިވެހި ދައުލަތަށް ކޮށްދެއްވަމުން ގެންދަވާ ބޭފުޅުންކޮޅެއް. ޚާއްޞަކޮށް، އުއްޗުއާއި ޢަފީފް މީގައި އިސްކޮށް މިހާރު މި އުޅުއްވަނީ. ވަރަށްގިނަ މަސައްކަތްތަކެއް ކޮށްދެއްވަމުން މި ގެންދަވަނީ. އަޅުގަނޑުމެންނަށް އެބަ އެނގޭ، ޚަބަރުތަކުން އެބަ އެނގޭ، އިރާދަކުރެއްވިއްޔާ މިއަހަރުގެ ނިޔަލާ ހަމައަށް ދާންވާއިރަށް، މި މަހުގެ ތެރޭގައި ވަރަށް ފެންވަރު ރަނގަޅު ހޮސްޕިޓަލެއްވެސް ހުޅުމާލޭގައި ނިމިގެން އެދަނީ. އެ ހޮސްޕިޓަލްގެ ފަސޭހަކަން އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށްވެސް ލިބިގެންދާނެ. ޓްރީޓޮޕް ހޮސްޕިޓަލްގެ ނަމުގައި މި ފެށިގެން މިދަނީ.


ހަމައެހެންމެ، ހަމައެކަނި އިންފްރާސްޓްރަކްޗަރ، ނޫނީ ރަށްރަށަށް ބޭނުންވެފައި ހުރި މިކަހަލަ ޚިދުމަތްތައް އެކަންޏެއް ނޫން. ރާއްޖޭގެ އެކި ހިސާބުގައި މިކަހަލަ ޚިދުމަތްތައް އެބަހުރި. އެކަމަކު އެއާއެކީ ތަޢުލީމީ ދާއިރާއަށް ޒުވާނުން ބިނާކުރެއްވުމަށްޓަކައިވެސް އުއްޗުމެން ހޭދަކުރައްވާ. ދުވަސްގަނޑެއް ވެއްޖެ ހޭދަކުރައްވާތާ. އެހެންވީމާ، ދަރުމައަށް އަމިއްލަ ރައްޔިތުން މިގޮތަށް ކޮށްދެއްވާ ކަންތައްތަކަކީ ސަރުކާރުން އަބަދުވެސް ބަލައިގަންނަ ކަންތައްތައް. މިކަމަށްޓަކައި ޗަމްޕާ ބްރަދަރސްއަށް، ޚާއްޞަކޮށް، މިއަދުގެ މުނާސަބަތާ ގުޅިގެން އުއްޗުއަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.


އަޅުގަނޑުމެން މާޅެންދުއަށް ކުރި ޒިޔާރަތެއް ނިންމާފައި ހެނބަދުއަށް މިއައީ. އަޅުގަނޑުގެ ހަނދާނަށް އާދޭ، 1993ގެ ފަހުކޮޅު އަޅުގަނޑުމެން މި ރަށްރަށަށް އަންނަން އޭރު ކުރަންޖެހުނު ދަތުރުތައް. މިއަދުގެ ޒުވާނުން އެ ދަތުރުތަކެއް ހަނދާނެއް ނުހުންނާނެކަންނޭނގެ. މާޅެންދުއަށްވެސް އަޅުގަނޑުމެން ވަދެގެން މިދަނީ ވަރަށް ފަސޭހަ ބަނދަރަކުން. އެހެންނަމަވެސް، އޭރު އަޅުގަނޑުމެން ބަނދަރު ހަދާ ވާހަކައެއް ނުދައްކާނެ. އޭރު އަޅުގަނޑުމެން އަބަދުވެސް ދައްކާނީ އޮޅު ގޮއްވާ ވާހަކަ. ނެރު ގޮއްވާ ވާހަކަ ދައްކާނީ. އެހެންވީމާ، އޮޅުތަކެއް ހެދިފައި ހުންނާނީ. ދޯނި ވަންނާނެ ކޮންމެވެސް ޕެސެޖެއް، ޖާގައެއް އަޅުގަނޑުމެން އޭރު ހަދާނީ. އަޅުގަނޑު ނ. އަތޮޅުގެ މެންބަރަކަށްވީ 1993 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން. ބައި އިލެކްޝަނަކުން އިންތިޚާބުވެގެން އައީ. އެއާއެކީ ނ. އަތޮޅުގެ މެންބަރުކަން އަޅުގަނޑު ކުރިން ތިން ދައުރު. ފުރިހަމަ ތިން ދައުރު. އޭގެފަހުން މ. އަތޮޅުގެ މެންބަރުކަން. ދެން އޭގެފަހުން މުޅި ރާއްޖޭގެ ރައްޔިތުންގެ މެންބަރުކަން މިހާރު މިކުރަނީ.


އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން މިއުޅޭ ވާހަކައަކީ، ނ. އަތޮޅަކީ އަޅުގަނޑަށް ވަރަށް ޚާއްޞަ އަތޮޅެއް. އަބަދުވެސް އަޅުގަނޑު ދަންނަވަން އަޅުގަނޑަށް ވަރަށް ޚާއްޞަ އަތޮޅެކޭ. އަޅުގަނޑު ހަމަ ނ. އަތޮޅަށް ނިސްބަތްވުމާއި، ނ. އަތޮޅުގެ މެންބަރުކަން ކުރުމާއި، އަދި ސިޔާސީގޮތުން ޕާޓީއަކުން އެންމެ އެހީތެރިކަން އަޅުގަނޑުމެންގެ ސަރުކާރަށް މި ދެއްވަނީ އެމް.ޑީ.އޭ.ގެ ފަރާތުން. އެމް.ޑީ.އޭ.ގައިވެސް އިސްކޮށްވެސް މި ތިއްބެވީ، ޢާމިރު މާފުކުރައްވާތި. ޢާމިރަކީ އެމް.ޑީ.އޭ.ގެ ނައިބު ރައީސެއް. އެމް.ޑީ.އޭ.ގެވެސް އެންމެ އިސްކޮށް މި ހުންނެވީ ޝިޔާމް. ނ. އަތޮޅު ބޭފުޅެއް. ޢަލީ މަޢުރޫފް، ނ. އަތޮޅު ބޭފުޅެއް. މި ތިން ލީޑަރުންނާއި، ރަފިއްޔާ މިއީ އަޅުގަނޑުގެ ހަމަ ވަރަށްގާތް ބޭފުޅުންކޮޅެއް.


އެހެންވީމާ، އަޅުގަނޑުމެންނަށް ސިޔާސީގޮތުން އަޅުގަނޑުމެންގެ ސަރުކާރަށް، އަޅުގަނޑުމެންގެ ޕާޓީއަށް، ޕީ.ޕީ.އެމް. އަށް އެންމެބޮޑު ވާގިވެރިކަމެއް ދެއްވާ ޕާޓީއަކީ އެމް.ޑީ.އޭ. އަޅުގަނޑުގެ އަޚު ޝިޔާމާއި މަޢުރޫފާ، މިބޭބޭފުޅުންގެ ފަރާތުން. އެހެންވެގެން ނ. އަތޮޅު އަޅުގަނޑުމެންނަށް މުހިންމުވެގެންވެސް މިދަނީ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ބޭނުމަކަށްވެފައި އޮތީ، އަޅުގަނޑުގެ ބޭނުމަކަށްވެފައި އޮތީ، މުޅި ރާއްޖޭގެ ހުރިހާ ދިމާއެއް ތަރައްޤީ ކުރުން. އެކަމަކުވެސް އެއާއެކީގައިވެސް ނ. އަތޮޅަށް އަބަދުވެސް ޚާއްޞަ އިސްކަމެއް އަޅުގަނޑު ދޭނެކަމަށް އޮންނާނީ ހަމަ ވަރަށް ކުރިންވެސް އިޢުލާނުކޮށްފައި. އިރާދަކުރެއްވިއްޔާ، ހަމަ ނ.އަތޮޅުގައި ވަރަށްގިނަ ކަންތައްތަކެއް ވެގެން މިދަނީ.


ނ. އަތޮޅަށް ދެން އަޅުގަނޑުމެން ބޭނުންވާ ވިޔަފާރީގައި އެންމެ ފަހި ފުރުޞަތުތަކެއް އަންނާނީ، ޝައްކެއްވެސްނެތްގޮތުގައި، މި އަތޮޅުގައި ބައިނަލްއަޤްވާމީ އެއަރޕޯޓެއް ހެދިގެން. ދެން އެ ވާހަކަ ތަފްޞީލުކޮށް ދައްކާކަށް ނޫން. އެހެންނަމަވެސް، މާޅެންދޫގައިވެސް މި ވާހަކަ ދެއްކިފައި އޮތީމަ، ހެނބަދޫގައިވެސް ދަންނަވާލާނަން. އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ މިހާރު އެއަރޕޯޓް އެޅުމުގެ މަސައްކަތް ފެށިއްޖެ. ފެށިއްޖެއޭ މި ދެންނެވީ އެއަރޕޯޓް އަޅާ ސަރަޙައްދު ސާފުކޮށް ނިންމައިފި. ރުއްގަސް ކަނޑައި ނިންމިއްޖެ. ޢަމަލީ މަސައްކަތް މިހާރުން ފެށިގެން ގާތްގަނޑަކަށް ހައެއްކަ މަސްދުވަހުގެ ނިޔަލާ ހަމައަށްދާންވާއިރަށް އެއަރޕޯޓް ނިންމަން ހުރިހާ ގޮތަކުންވެސް މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ. އަޅުގަނޑުމެންނާ ހަމަ ވަރަށް އެކުވެރި ދައުލަތަކަށް މިހާރު މިއޮތީ ޢަރަބި ޢިމާރާތުވެސް ވެފައި. ސަޢޫދީވެސް އަޅުގަނޑުމެންގެ ހަމަ އެކުވެރި ދައުލަތެއް. ހަމައެގޮތުން ޢަރަބި ޢިމާރާތަކީވެސް އަޅުގަނޑުމެންގެ ވަރަށް އެކުވެރި ދައުލަތަކަށް، އިރާދަކުރެއްވިއްޔާ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ބަދަލުވެގެން މިއައީ. އެބޭފުޅުންގެ އިންޓްރެސްޓް އޮތް މަޝްރޫޢުތަކެއް އެތާ އެ ހިނގަމުންދަނީ. އެއަރޕޯޓަކީ އެބޭފުޅުން އަޅުގަނޑުމެންގެ ރައްޔިތުންނަށް ކޮށްދެއްވާ ހަދިޔާއެއް. މި ސަރުކާރާއި ޢިމާރާތުގެ ސަރުކާރާ ދޭތެރޭގައި އޮތް ގާތްކަން ރަމްޒުކޮށްދޭ ހަދިޔާއެއްގެ ގޮތުގައި. އެއާއެކީ އެއަރޕޯޓްގައި ސިޓީ ހޮޓަލެއް ހެދިގެންދާނެ. އަޅުގަނޑު އިންތިޒާރު މި ކުރަނީ، އުންމީދު މި ކުރަނީ މިކަހަލަ ރަށްރަށުގައި، މާފަރުގައި އަދި ކައިރީގައި މިހިރަ ރަށްރަށުގައި، އިރުވައި ތޮށީގައި މިހިރަ ރަށްރަށުގައި މީގެ ސަބަބުން ފަސޭހަތަކެއް ވެގެންދާނެ. އިޤްތިޞާދީ ކުރިއެރުން ލިބިގެންދާނެ. މި ރަށްރަށުގައި ހަމަ ގެސްޓްހައުސްތައް އުފެދިގެންދާނެ. ރިޒޯޓަށް ބޭނުންވާ ސާމާނު އުފެއްދުމުގެ ފުރުޞަތުވެސް އޮންނާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ނ. އަތޮޅަށް ޓޫރިޒަމްގެ ވިޔަފާރި މިހާރުވެސް އެބައޮތްމެ. އެހެންނަމަވެސް، ފުޅާވެގެންމިދަނީ މިހިސާބުގަނޑުގެ ހަބަކަށް ނ. އަތޮޅު މާފަރު އެއަރޕޯޓް ވުމަކީ ހަމަ ވަރަށް ގާތް ކަމެއް. ވަރަށް އެކަށީގެންވާ ކަމެއް. ފުރަތަމަ ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް މި ސަރަޙައްދުގައި އޮންނާނީ މާފަރުގައި. އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ޖުލައި 26 އަންނަންވާއިރަށް އަޅުގަނޑުމެން އުންމީދު މިކުރަނީ، މި މަޝްރޫޢު ނިމިގެންވެސް މަތިންދާބޯޓު ޖައްސަން ފަށާނެ ކަމަށް.


އެހެންވީމާ، މިކަންކަމުން އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ނ. އަތޮޅު، ދިވެހިރާއްޖޭގެ ތަރައްޤީގެ ޗާޓުގައި އަލުން ފަހިގޮތަކަށް ފާހަގަކޮށްލެވޭ ވަރުގަދަގޮތަކަށް ދިޔުމުގެ ފުރުޞަތު ލިބިގެން މިދަނީ. އަޅުގަނޑުގެ ހުރިހާވެސް ހެޔޮއެދުމަކީ ތިޔަބޭފުޅުންނާއެކީވާ ހެޔޮއެދުން. އަޅުގަނޑުގެ ހުރިހާވެސް ދުޢާއަކީ، އިޚްލާޞްތެރި ދުޢާއަކީ އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް މަޞްލަޙަތާއެކީ ތަރައްޤީ ކުރުމުގެ ފުރުޞަތު ރައްޔިތުން އަޅުގަނޑުމެންނަށް ދެއްވުން އެދި ﷲގެ ޙަޟްރަތުގައި ދަންނަވާ ދުޢާ. އަޅުގަނޑުމެންގެ ޙާލަތު ބަދަލުކުރާނީ އަޅުގަނޑުމެން. ހަނދާންކުރައްވާތި ހުރިހާ ފިކުރެއްގެ ބޭފުޅުންވެސް. އަޅުގަނޑުމެންގެ ޙާލަތު ބަދަލުކުރާކަށް އެހެން ބަޔަކު ނާންނާނެ. އަޅުގަނޑުމެން އަޅުގަނޑުމެންނަށް އެންމެ ފުރަތަމަ ހެޔޮއެދޭނީ. އެހެންވީމާ، އަޅުގަނޑުމެން ހެޔޮއެދިގެން ކުރާ މަސައްކަތެއްގެ މައްޗަށް ﷲގެ ތައުފީޤާއި ނަޞްރު މިންވަރު ކުރައްވާނީ.


އެހެންވީމާ، އަޅުގަނޑުމެންގެ ކަންތައްތައް ރަނގަޅުކުރާކަށް ގަބޫލުނުކުރައްވާ، އެއްވެސް ބޮޑުބޭބެޔަކު ދުރު ކަރަޔަކުން ނާންނާނެ. އަޅުގަނޑުމެންގެ ޙާލަތު ރަނގަޅު ކުރާނީ އަޅުގަނޑުމެން. އަޅުގަނޑުމެންނަކީ ފުދުންތެރިކަމުގެ މަގުމަތީގައި ދުނިޔޭގައި މި ހިނގާ އޮޔާއި ވައިގައި އަޅުގަނޑުމެންގެ ފައިތިލަ ހަމަކޮށްލެވޭވަރުގެ ބަޔަކަށް ހެދުމަކީ އަޅުގަނޑުމެންގެ ޢަޒުމަކަށްވާންވާނެ. އަޅުގަނޑުމެންގެ ދިރުމެއް ހުރެއްޖިއްޔާ، އަޅުގަނޑުމެންގެ އުއްމީދުތަކެއް ވާންވާނެ. އުއްމީދު ކުރާ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ޙާލަތު، އެއް ދުވަހުން އަނެއް ދުވަހަށް ރަނގަޅު ކުރުމުގެ ޢަޒުމް އޮންނަންވާނެ.


އަޅުގަނޑުމެންގެ ރާއްޖޭގައި އެކިވަރުގެ ރަށްރަށް މިހިރީ. 187 ރަށުގައި މީހުން އެބަ ދިރިއުޅެމުންދޭ. މި ރަށްރަށުގައި، ހަމައެކަނި ހެނދަބުއަށް ބަލައިލި ކަމަށްވީނަމަވެސް، މިރަށަކަށް އެކަންޏެއްނޫން ފެނާއި ނަރުދަމާވެސް ބޭނުންވަނީ. އެކަމަކު ދެންމެ މާޅެންދޫގައި އިޢުލާނު ކުރެވިގެންދިޔަގޮތަށް، މި ޒަޢާމަތުގައި އެކަނި، މި 5 އަހަރު ނިމިގެންދާއިރު، 78 ރަށުގެ ބޮޑު ބަނދަރު ހަދައި މި ނިމިގެން މިދަނީ. މިއީ ކުރު 5 އަހަރެއްގެ މުއްދަތުގެ ތެރޭގައި ވެގެންދާ ކަންތައް. ކުރީގައި އަޅުގަނޑު މި ދެންނެވީ، އަޅުގަނޑަކީވެސް މިޒަމާނުގެ ދިވެހިރާއްޖޭގެ ތަރައްޤީއާ ހަމަ ވަރަށް ބޮޑަށް ގުޅިފައި ހުރި މީހެއް. ވަރަށް ހަނދާންތައް އެބަހުރޭ، މި ރަށްރަށަށް ޒިޔާރަތް ކުރާއިރު، އަޅުގަނޑުމެން އެއް ދޯނިން އަނެއް ދޯނިން. މިސާލަކަށް، ހުވަނދުމާ ވައްޓަރާ ހަމައަށް އައިސްފިއްޔާ، މާފަރަށް ކުރާ ޒިޔާރަތެއްގައި ހުވަނދުމާ ވައްޓަރާ ހަމައަށް އައިސްފި ކަމަށްވަންޏާ، އެންމެ މަދުވެގެންވެސް ތިން އުޅަނދުގައި ދަތުރުކޮށްފައި އައިސްފައި، ކުޑަ ބޮއްކުރައެއްގައި ރަށަށް ބީޗްކުރާނީ. ރަށަށް އެހެލާނީ. އެވަރުގައި އަޅުގަނޑުމެން އޭރު ދަތުރުކުރީ. އެހެންނަމަވެސް، މިހާރު އަޅުގަނޑުމެންގެ ވިސްނުމާއި، އަޅުގަނޑުމެންގެ އުންމީދާއި، އަޅުގަނޑުމެން ކުރިއަށްދާން ކުރާ އިންތިޒާރު ހާސްގުނަ ބަދަލުވެއްޖެ. އަޅުގަނޑުމެންގެ ޒުވާނުން ކުރާ އުންމީދުތައްވެސް ބަދަލުވެއްޖެ. އެކަމަކު މި އުއްމީދާއެކީ، މި އުއްމީދުގެ މަތީގައި ދެމިތިބެގެން އަޅުގަނޑުމެން ކުރިއަށްދާން ބޭނުންކަމަށްވަންޏާ، އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަންޖެހޭ މިއަށް ފާގަތި ވެށްޓެއް، ނޫނީވިއްޔާ މިއަށް ރަޙްމަތްތެރި ވެށްޓެއް އަޅުގަނޑުމެންގެ ރާއްޖޭގައި ތަރައްޤީ ކުރަން. ރާއްޖޭގައި އަށަގަންނުވަން. އެކަން ކުރެވޭނީ ޞުލްޙަވެރިކަމާއި، އެންމެންނަކީވެސް ޤާނޫނަށް ތަބާވާ، ޤާނޫނަށް ލޯބިކުރާ އަދި ކޮންމެ ބަޔަކީވެސް ރައްޔިތުންގެ ކަންކަމާ އިސްކުރާ، ރައްޔިތުންގެ ކަންކަން އިސްކުރާ، ރައްޔިތުންގެ ކަންކަން ކުރިއަށް ގެންދިޔުމަށް ލޯބިކުރާ ބަޔަކަށްވެގެން. މިއީ ހަމަ ހުރިހާ ޒުވާނުންނަށް، ތަޢުލީމީ މީހުންނަށް، ސިޔާސީ ލީޑަރުންނަށް ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާ ވާހަކައެއް.


އެހެންވީމާ، އަޅުގަނޑުމެންނަށް ކޮންމެ ބޭފުޅަކު ދައްކަވާ ވާހަކަފުޅެއް އިވުނު ކަމުގައިވީނަމަވެސް، އަޅުގަނޑުމެން އަޑުއަހަންވީ މިއަދުގެ ޑިމޮކްރަސީގައި މިވެނި ކަމެއް ކުރަނީ ކިހިނެއްތޯ ދައްކަވާ ވާހަކައެއް ނޫން. ޑިމޮކްރަސީއާ ހަމައަށް އައިސްގެން އަޅުގަނޑުމެންނަށް ޑިމޮކްރަސީގެ މަތީގައި ތިބެވޭނީ އެންމެ ފުރަތަމަ އުނު އަންނާނެ ތަނަވަސްކަން އަޅުގަނޑުމެންގެ ހުރެގެން. އަޅުގަނޑުމެންގެ ޖީބުތައް ފުންވެގެން. އަޅުގަނޑުމެންގެ ކުދިން މަދަރުސާއަށް ތަޢުލީމަށް ގެންދަން އަދި އޭގެފަހުން އެ ކުދިން މަތީ ތަޢުލީމަށް ރާއްޖެއިން ބޭރަށް، މިކަންކަން ކުރެވޭނެގޮތްވެގެން. އޭގެފަހުން ޑިމޮކްރަސީގެ ލަފްޒުވެސް އަޅުގަނޑުމެންނަށް އެނގެންވާނީ. އެހެންވީމާ، އަޅުގަނޑުމެން މިއުޅެނީކީ ރާއްޖޭގައި ޑިމޮކްރަސީ ނެތިގެނެއް ނޫން. އަޅުގަނޑުމެން މިއުޅެނީ ރާއްޖޭގައި ދުރު ރަށްރަށާއި އެކަނިވެރި، ނޫނީވިއްޔާ ނިކަމެތި، މިހެންހުރި ވަރަށް މަޢުޞޫމް ކުދިކުދި ރަށްރަށަށް ބޭނުންވާ ތަރައްޤީ ނުގެނެވިގެން މިއުޅެނީ. އެހެންވީމާ، ތަރައްޤީ ގެނެސްފައި ހިންގަވާ ތަރައްޤީއާއެކީ ޑިމޮކްރަސީގައި ވާހަކަ ދައްކަމާ.


އެހެންވީމާ، ހަމަ މިވަގުތު ރާއްޖޭގައި ރައްޔިތުންނަށް އެންމެ ހެޔޮއެދޭ މަޤާމެއްގައި ހުރި މީހެއްގެ ހައިސިއްޔަތުންނާއި އަދި ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑުގެ ޚިޔާލަށް އަންނަ ވާހަކަ ދެންނެވުމުގެ ޖާގަ އަޅުގަނޑަށް ރައްޔިތުން ދެއްވާފައި ހުރި މަޤާމެއްގައި ހުރި މީހަކަށްވާތީ، އަޅުގަނޑު ދަންނަވާލާ ވާހަކައެއް އަޅުގަނޑު ސިޔާސީ ވާދަވެރިންނަށްވެސް. އެބޭފުޅުން ދައްކަވާ ވާހަކައިގައި އަޅުގަނޑު އަބަދުވެސް ދަންނަވަން، ފެއްސާއި ރަތާއި ހުދުގެ ކަންތައްތައް އެކުލެވިގެން މުޅި ޤައުމީ އެޖެންޑާއެއްގައި ވާހަކަފުޅު ދައްކަވަންޏާ އަޅުގަނޑުގެ ކަންފަތް ވަރަށް ތޫނުވާނެ. އެކަމަކު ވަކި ތަނެއްގައި މުޒާހަރާ ނުކުރެވޭ ވާހަކަ ދައްކަވާ ކަމަށްވަންޏާ، ވަކި މީހަކު ބަންދުގައި ހުރެގެން، އޭނައާ ދޭތެރޭގައި ލުއިގޮތެއް ނުވާކަމަށްވަންޏާ، ހަމަ އަޅުގަނޑުގެ ކަންފަތުން ހަމަ ޖެހޭނީ ހަމަ ވަރަށް ފުނަށް ދަންދަންވެސް ހަމަ މަޑު ނަގަން.


އެހެންވީމާ، އަޅުގަނޑުމެން ވިސްނަންވީ އަބަދުވެސް މި ދެއްކޭ ވާހަކަތަކުގެ ތެރޭގައި، ކޮބައިހޭ ރަށަށް ކޮށްދޭން ބޭނުންވާ ކަމެއް؟ ކޮބައިހޭ ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަމެއް؟ ކޮންކަމެއް ނުވެގެންހޭ މިދަނީ؟ ކަމެއް ނުވެގެން މީގެކުރީގައި ތިއްބެވި ބޭފުޅުން ވާހަކައެއް ވިދާޅުވާ ކަމަށްވަންޏާ، އެންމެ ފުރަތަމަ އެބޭފުޅުން ވިދާޅުވާންވާނެ، އާނ ތިމަންނަމެން ތިބިންދޯއޭ ވެރިކަމުގައި. ތިމަންނަމެންނަށް ނުކުރެވިފައި އޮތް ކަމެއްގެ ވާހަކަދޯއޭ މިހާރު މި ދައްކަނީ. އެހެންވެގެން އެބޭފުޅުން އެ ވާހަކަ ނުދައްކަވަނީ. ނުދައްކަވާނެ އެ ވާހަކައެއް. އެބޭފުޅުންނަކަށް ވިދާޅުވާކަށް ކެރިވަޑައެއްނުގަންނަވާނެ. ރައްޔިތުންގެ މިކަހަލަ ރަށްރަށުގައި، މިކަހަލަ ވެށީގައި ތިބޭއިރު، މި ރަށްރަށަށް ނުވެފައި ހުރި ކަންކަން ނުވެގެން، އެކަންކަން ކޮށްދެއްވާ ވާހަކައެއް ނުދައްކަވާނެ. އަބަދުވެސް ދައްކަވާނީ ކޮންމެވެސް މީހެއް ބަންދުގައި ހުރެގެން، ކޮންމެވެސް ސަރުކާރަކުން ކުރާ ކޮންމެވެސް ކަމެއް އަނިޔާވެރިވެގެން. އެކަހަލަ ކޮންމެވެސް ވާހަކައެއް ދައްކަވާނީ. އެކަމަކު އެއެއް ނޫން މިއަދު ދިވެހި ރައްޔިތުންގެ އަޣްލަބިއްޔަތު ބޭނުންވާ ގޮތަކީ. ދިވެހި ރައްޔިތުންގެ އަޣްލަބިއްޔަތު ބޭނުންވާނީ އަޅުގަނޑުމެންގެ ރަށްރަށަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަވެގެންދިޔުން. އަޅުގަނޑުމެންގެ ކުދިންނަށް ބޭނުންވާ ތަރުބިއްޔަތު ލިބިގެންދިޔުން. އަޅުގަނޑުމެންގެ ކުދިން ބޭނުންވާނެ ކުޅޭނެ ތަންތަނާއި، ހަށިގަނޑުގެ ތަރުބިއްޔަތު ކުރާނެ ގޮތްތަކާ، މިކަންކަން އިތުރުވެގެންދިޔުން. މިއިން އެއްވެސް ކަމެއްގެ ފޮރމިއުލަރއެއް، ނޫނީ މިއިން އެއްވެސް ކަމެއް ކުރާނެ ޙިކުމަތެއް އެބޭފުޅުންގެ ހުރެއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެން މިކުރާގޮތަށް އެބޭފުޅުން ފާޑުވިދާޅުވެދެއްވައިފިއްޔާ އަޅުގަނޑުމެން ހަމަ އުފަލާއެކީ ބަލައިގަންނާނަން. އަބަދުވެސް ޤައުމު ބިނާކުރުމުގައި ދެއްވާ ބިނާކުރަނިވި ޚިޔާލަށް އަޅުގަނޑަށް މަރުޙަބާ. އަޅުގަނޑުގެ ހުރިހާ ވަޒީރުންވެސް އެކަން ގަބޫލުކުރައްވާނެ. އެކަމަކު އަޅުގަނޑުމެންނަށް އުނދަގުލީ ޤާނޫނުން ހިނގަހިނގާ ހުންނަ ކަންތައްތަކެއް، ޤާނޫނުން ބޭރު ޙައްލުތަކެއް ހޯދައިގެން، އަދި ބޭރު ކަރަކަރަ މެދުވެރިކޮށް ޙައްލުތަކެއް ހޯދައިގެން ކަންކަން ކުރައްވަން ބޭނުންފުޅު ކަމަށްވަންޏާ، އެ ތަންކޮޅެއް ދަތިވަނީ. އެއީ އަޅުގަނޑުމެން ބޭނުމެއްނޫން، ދިވެހިރާއްޖޭގެ މި ދިގު ތާރީޚުގައި އަޅުގަނޑުމެން ދެކިއްޖައީމު، އެކިފަހަރު މަތިން ބޭރުގެ ފަރާތްތަކުގެ ނުފޫޒު ރާއްޖެއަށް ވަނީމަ، ރާއްޖޭގެ ރައްޔިތުން އުޅެންޖެހޭ ނިކަމެތިކަން.


އެހެންވީމާ، އަޅުގަނޑުމެން އިތުރަކަށް ބޭނުމެއްނުވާނެ، ރާއްޖެ މިހާރު މިއޮތް ޙާލަތުން އަޅުގަނޑުމެން ކުރިއަށްދާކަށެއް، ބޭރުން ޤާނޫނާ ޚިލާފުވުން މި އަންނަ ނުފޫޒުތަކެއް ރާއްޖެއަށް އައުމަކީ އެއްގޮތަކަށްވެސް ރާއްޖޭގެ ރައްޔިތުންގެ މަޞްލަޙަތު، ނޫނީ ކުރިމަގު އުޖާލާވެގެންދާނެ ކަމެއްނޫން. އަޅުގަނޑުމެންނަކީ ދިވެހިން ކަމުގައިވާން ބޭނުންކަމަށްވަންޏާ، އަޅުގަނޑުމެން ދިވެހިން ކަންކަން ނިންމުމުގެ ޢަޒުމު އަޅުގަނޑުމެންގެ ހުންނަންވާނެ. އަޅުގަނޑުމެންގެ ކަންތައްތައް ނިންމައިދޭކަށް ފަރަންޖީންނަށް ދަޢުވަތުދޭކަށް ގަބޫލުކުރާކަށް ނުޖެހޭނެ ދޮގެއްތޯ.


އަޅުގަނޑުމެންނަށް ފެނިގެންދިޔަ، އަޅުގަނޑުމެންގެ ތާރީޚުގައި ފަރަންޖީން މިތާ ތިބިއިރު، އިސްލާމްދީންވެސް ދިވެހިރާއްޖެއިން ބީވެގެންދިޔައީ ދޮގެއްތޯ. ގަދަކަމުން ކަރަށް ރާއަޅާ ވާހަކަ ތާރީޚުން އެހެރީ ފެންނަން. އެހެންވީމާ، އެއީ މަޞްލަޙަތު އޮތް ގޮތެއް ނޫން ދޮގެއްތޯ. މަޞްލަޙަތު އޮތީ އަޅުގަނޑުމެން ކަންކަން ނިންމުމުގައި އަޅުގަނޑުމެންގެ ޤާބިލުކަން އިތުރުކުރުން. އެކަމަށްޓަކައި ސަރުކާރުންވެސް އެހާބޮޑު ހޭދަކުރަނީ. އަދި އުއްޗުމެން ކަހަލަ ބޭފުޅުންވެސް ތަޢުލީމަށް، ކުދިންނަށް ތަޢުލީމު ދިނުމަށް އަމިއްލަފުޅުގޮތުން އެބޭފުޅުން ހޭދަ އެ ކުރައްވަނީ. އަޅުގަނޑުމެންގެ ތެރޭގައި ޒުވާން ޖީލަކީ މި ދެންނެވި ކަހަލަ ބިނާކުރަނިވި ފިކުރުތަކުގެ މައްޗަށް ކަންކަން ނިންމުމުގެ ހުނަރާއި ތަޖުރިބާ ތިބި ބަޔަކަށް ހެދުމަށްޓަކައި. ދިވެހިން އަބަދުވެސް ތިބެންވާނީ ދިވެހިންގެ ގޮތުގައި. އަޅުގަނޑުމެންގެ މުސްތަޤްބަލު އުޖާލާކުރާނީ އަޅުގަނޑުމެން ކުރާ މަސައްކަތުން. މިކަންކަމުގައި އެހެން ބައެއް އަޅުގަނޑުމެންނާ ސަރުކާރާ އެހީތެރިވާ ކަމަށްވަންޏާ، އަޅުގަނޑުމެން އެ އެހީ ބަލައިގަންނާނަން. އެކަމަކު އެހީވުމުގެ ބޭނުމަކަށްވަނީ އަޅުގަނޑުމެން މިޞްރާބުން ކައްސާލާފައި އެހެން ދިމާއަކަށް ގެންދާ ކަމަށްވަންޏާ، އަޅުގަނޑުމެން ހަމަ ދަންނަވަންޖެހެނީ އެގޮތަކަށް އަޅުގަނޑުމެންނެއް ތައްޔާރެއް ނޫނޭ.


އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް ހަމަ ހެނބަދޫގެ ލޮބުވެތި ރައްޔިތުންނަށް އަދި އަޅުގަނޑުމެންނާއެކީ މިތާ މި ތިއްބެވި ހުރިހާ ބޭފުޅުންނަށް، ވާހަކަ އައްސަވަމުން ގެންދަވާ ބޭފުޅުންނަށްވެސް ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ދިވެހިރާއްޖެ ތަރައްޤީ ކުރާނީ އަޅުގަނޑުމެންގެ ވިސްނުމާއި، އިސްލާމީ ގިއުގަނޑުގެ ތެރެއިންނޭ. އަޅުގަނޑުމެންގެ ކުރިއެރުން މިއޮތީ އަޅުގަނޑުމެންގެ މަޞްލަޙަތު ނިންމާ ކަންކަން ނިންމުމަކީ އަޅުގަނޑުމެންގެ އަތްމަތީގައި، އަޅުގަނޑުމެންގެ ފުރިހަމަ ބާރާއި އިޚްތިޔާރުގެ ތެރޭގައި އަޅުގަނޑުމެން ކަންތައްތައް ކުރުމުގެ ބާރު އަޅުގަނޑުމެންގެ އަތްމަތީގައި އޮވެގެން. އެކަން ނިންމާނީ ދިވެހިން. އެކަން ނިންމާނީ ގިނަ ބައެއްގެ ވޯޓުން. ވޯޓްލާކަށްވެސް މާ ގިނަ ދުވަހެއް ނެތް އިންތިޒާރު ކުރައްވާކަށް. ކެތްތެރިކަމާއެކީ އެ ދުވަހަށް އިންތިޒާރު ކުރެއްވީމަ ރަނގަޅުވާނެ.


އޭގެކުރިން އެ ކުރައްވާ ކަންތައްތަކުގައި އަޅުގަނޑު ދަންނަވާނީ ހަމަ ކެތްތެރިކަމާއެކީ، ވޯޓް ފޮށްޓާ ހަމައަށް، ވޯޓް ގުނުމާ ހަމައަށް އިންތިޒާރު ކުރުމޭ އަޅުގަނޑުމެން. އަޅުގަނޑުމެން ހަމަ ހުރިހާ އެންމެންވެސް މަސައްކަތް ކުރަންވާނޭ. ދިވެހިރާއްޖޭގެ ހެވާއި ލާބަޔަށް ކުރެވޭ މަސައްކަތް. މި ރަށްރަށަށް އައިމަ، އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ރަށްރަށަށް ބޭނުންވެފައި ހުރި ކަންކަން ބޭނުންވެފައި ހުރި މިންވަރު. އެއްވެސް ރަށެއްގެ އެއްވެސް ކަމެއް ފުދިފައެއް ނެތް.


މިރަށުގައި ނަރުދަމާގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި ފެށެނީ. އަދި ހުރީ އެހެން މަސައްކަތްތައް ދޮގެއްތޯ. އަދި ހުރީ އެހެން މަސައްކަތްތައް. އެހެންވީމާ، ކޮންމެ ރަށެއްގެ ޙާލަތު މިއޮތީ މިކަހަލަ ގޮތަކަށް. ދެންހުރީ ބޮޑެތި ރަށްރަށް. ކުޅުދުއްފުށި، އައްޑުއަތޮޅުން ހިތަދޫ، ގދ. އިން ތިނަދޫ. ވަރަށް ބޮޑެތި ހޭދަތައް ސަރުކާރުތަކުން ކޮށްފައި ހުރި ތަންތަން. އެކަމަކު މިއަދުވެސް އެއިން ކޮންމެ ރަށަކަށް އެރިޔަސް، އަދި ނުކުރެވި ހުރި ކަންތައްތައް އެއަށްވުރެ އިތުރު. އެހެންވީމާ، މިއީ ދޮގެއްތޯ އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ހެޔޮއެދިގެން ކަމެއް ކުރާކަމަށްވަންޏާ، މިކަންކަން ދޮގެއްތޯ އަޅުގަނޑުމެން ކުރަންވީ. ބޭރު ފައިސާ ހޯދައިގެންވެސް، ލޯނު ނަގައިގެންވެސް، ދަރަނިވެރިވެގެންވެސް އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތަކީ، އަޅުގަނޑުމެންގެ ރަށްރަށް ތަރައްޤީ ކުރަން ކުރާ މަސައްކަތް.


އެ މަސައްކަތް އަޅުގަނޑުމެން ކުރުމުގައި އަޅުގަނޑު ހަމަ ދިވެހި ރައްޔިތުންގެ އަރިހުން، ހެނބަދޫގެ ރައްޔިތުންގެ އަރިހުން، ނ. އަތޮޅުގެ ރައްޔިތުންގެ އަރިހުން އަޅުގަނޑު ދަންނަވާނީ ހަމަ ތިޔަބޭފުޅުންގެ އެހީތެރިކަމާއި އެއްބާރުލުން އަޅުގަނޑުމެން ބޭނުމޭ. އަޅުގަނޑުމެންނަކީވެސް އަމާޒެއް އޮވެގެން މަސައްކަތަކަށް ނުކުމެގެން އުޅޭ ބައެއް. އަޅުގަނޑުމެންގެ އަމާޒާއި، އަޅުގަނޑުމެންގެ މަސައްކަތަކީ، ދިވެހި ރައްޔިތުންނަށް ހަމަ އަބަދުވެސް އުފާވެރިކަން ގެނެސްދިނުން. ވަކިވަކި ފަރުދުންނަށް ތަނަވަސްކަން ގެނެސްދިނުން. މަންމައިންނަށާއި ބައްޕައިންނަށް އުފާވެރި އުޖާލާ މުސްތަޤްބަލެއް ގެނެސްދިނުން.


ހެނބަދޫގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.


والسّــلام عليــكم ورحـمــة اللّـه وبـركاتـه.