بســم اللّـه الرّحمـن الرّحيــم


اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.


މާޅެންދޫގެ ލޮބުވެތި ޢިއްޒަތްތެރި އެންމެހައި ރައްޔިތުން.


އަޅުގަނޑުގެ ޕްރޮގްރާމްގައި ފުރަތަމަ އޮތީކީ މިއަދު ވާހަކަ ދައްކާކަށެއް ނޫން. އެހެންނަމަވެސް އަޅުގަނޑު ހިތަށްއެރީ މާޅެންދޫގައި ހަމަ ތިޔަބޭފުޅުންނަށް ޝުކުރުގެ ދެތިން ބަހެއް ދަންނަވާލާނަމޭ.


އާދެ، އެންމެ ފުރަތަމަ އަޅުގަނޑު ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މިއަދު މާޅެންދުއަށް އައުމުން ތިޔަ ވިދާޅުވި ހޫނު އިޚްލާޞްތެރި މަރުޙަބާއަށް. މަރުޙަބާއަށްޓަކައި މާޅެންދޫގެ ކުދިބޮޑު، އަންހެން ފިރިހެން، ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން.


އާދެ، ވަރަށްގިނަ ރަށްރަށަށް، އަށެއްކަ ރަށުގެ މަޝްރޫޢުތައް ނިންމަން އަޅުގަނޑުމެން ދެ ދުވަހެއްގެ ތެރޭގައި ކުރާ ދަތުރެއްވީމަ، ޖަލްސާ ކުރުކުރާށާއެކީ އަޅުގަނޑު ފުރަތަމަ ޚިޔާލުކުރީ ވާހަކަ ނުދައްކަން. އެހެންނަމަވެސް، މި ދެންނެވި ސަބަބަށްޓަކައި ހަމަ މާޅެންދުއަށް އައިސް މާޅެންދޫގެ ލޮބުވެތި ރައްޔިތުންނާ ބައްދަލުވީމަ، އިޚްލާޞްތެރިކަމާއެކީ ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވާލާނަމޭ ހިތަށްއެރީ.


ހަމައެއާއެކީ، ދެވަނަ ކަމެއްގައި މި ފުރުޞަތުގެ ބޭނުން އަޅުގަނޑު މިހިފީ، އަޅުގަނޑާ ދޭތެރޭ ވަރަށް އޯގާތެރި އިޚްލާޞްތެރި ބަސްތަކެއް، މި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ މަޢުރޫފް އެ ހަދިޔާ ކުރެއްވީ. އަދި ހަމައެހެންމެ، ހައުސިންގ މިނިސްޓަރ މުޢިއްޒުވެސް އެ ހަދިޔާ ކުރެއްވީ. އެކަމަށްޓަކައި އެ ދެބޭފުޅުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަމުން، އަދި ދެންމެ އަޅުގަނޑުމެންނަށް ފެނިގެން މިދިޔަ ވީޑިއޯގައި، މާޅެންދޫގެ ފަރާތުން ވާހަކަ ދެއްކެވި ލޮބުވެތި ރައްޔިތުން ވަރަށް އިޚްލާޞްތެރިކަމާއެކީ ތިޔަބޭފުޅުންގެ ޝުޢޫރުތައް އަޅުގަނޑަށް ތިޔަ ހަދިޔާ ކުރެއްވީ. އެހެންވީމާ، މާޅެންދޫގެ ލޮބުވެތި ރައްޔިތުންނަށް ހަމަ ޝުކުރު ދަންނަވާލާނަމޭ.


އެއާއެކީ އަޅުގަނޑު ހަމަ ކުޑަ ވާހަކައެއް ދަންނަވާލާފައި، އަޅުގަނޑުގެ ވާހަކަކޮޅުވެސް ކުރުކޮށްލާނަން. އަޅުގަނޑުމެން މި ރަށަށް މިކުރާ ޒިޔާރަތުގައި، މި ވަދެގެން މިއައި ބަނދަރު ފެނިގެން ދިޔައިމަ، އަޅުގަނޑުމެންގެ ޚިޔާލަށް މި އަންނަނީ އަޅުގަނޑުމެންގެ ނިކަމެތިކަން. އަޅުގަނޑުމެން ފުރިހަމަ ނިޢުމަތް ލިބި ތިބޭއިރު އަބަދުވެސް އިންސާނުންގެ ޚިޔާލަށް މި އަންނަން ޖެހެނީ އަޅުގަނޑުމެންނަށް ވުރެން ބިކަ ހާލުގައި، ނޫނީ ނިޢުމަތްތަކުން ބަރީއަވެފައި ތިބި، މަޙްރޫމްވެފައި ތިބި މީހުން ތިބޭނެކަން. މާޅެންދޫގެ އޭރުގެ ރައްޔިތުންނާއި އަދި މިހާރު ތިއްބެވި ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ، ސުނާމީގެ ކުރިން ކަންތައްތައް ހުރިގޮތާއި، ސުނާމީއެއް އައިސްފައި ދިޔައިމަ، ދިވެހިރާއްޖެ ކަހަލަ ވަލްނަރަބްލް، ނޫނީވިއްޔާ ނާޒުކު ތިމާވެށި ހުންނަ ރަށްރަށަށް މި ލިބިގެންދާ ބޮޑެތި ގެއްލުން. މާޅެންދޫގެ ބަނދަރު މިހާރު މިއޮތް ފެންވަރަށް، ވަރުގަދަ ބަނދަރެއްގެ ގޮތުގައި ރީތި އަދި ޙިމާޔަތް ކުރެވިގެންވާ ބަނދަރެއްގެ ގޮތުގައި ހެދިގެން މި ދެންނެވީ އަޅުގަނޑުމެން ތާއަބަދަށް މާޅެންދުއަށް ޒިޔާރަތް ކުރާއިރު އަދި މާޅެންދޫގައި ތިއްބަވާ ރައްޔިތުންގެ ޚިޔާލަށް އަޅުގަނޑުމެން ގެންނަންޖެހޭ ކަމެއްގެ ގޮތުގައި ތިޔަބޭފުޅުން މިކަން ހަނދާންކޮށްލައްވާށޭ.


އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުން އަޅުގަނޑުމެންގެ ރާއްޖެއާ ދޭތެރޭގައި އެކިކަހަލަ ޝުޢޫރުތައް، ހިތް ނުތަނަވަސްވާކަހަލަ އަދި އަޅުގަނޑުމެން ނޭދޭ ޝުޢޫރުތައް، ރާއްޖެއިން ބޭރުގެ އެކި ހިސާބުތަކުގައި އަދި ރާއްޖޭގައިވެސް ވާހަކަފުޅު ދައްކަވަމުން ގެންދަވާއިރު، އެއްވެސް ލީޑަރެއްގެ ޚިޔާލުފުޅަކަށް ނާދޭ، މިކަހަލަ މަޢުޞޫމް ކުދި ރަށްރަށުގައި އަޅުގަނޑުމެންގެ ރައްޔިތުން ނިކަމެތިކަމާއެކީ، ނޫނީވިއްޔާ އުނދަގޫތައް ތަޙައްމަލު ކުރަން މިޖެހޭ މިންވަރެއް. އަބަދުވެސް އަޅުގަނޑުމެންގެ ޚިޔާލަށް މި އަންނަނީ، ބޮޑު ވާހަކަ ދައްކާފައި، ބޮޑު ބަސް ބުނުން. އެކަމަކު މި ރަށްރަށަށް އަޅުގަނޑުމެން ޒިޔާރަތް ކުރީމަ އަދި ޤުދުރަތީ ބޮޑު ކާރިސާއެއް ދިމާވީމަ، އަޅުގަނޑުމެން ކަހަލަ ދިވެހިރާއްޖޭގެ މިހިރަ ނާޒުކު ރަށްރަށަށް އަދި ރައްޔިތުންނަށް ލިބޭ ގެއްލުންތައް، އަޅުގަނޑުމެންނަށް ހަމަ މިއަދުގެ މި ހަދިޔާއިންވެސް، މާޅެންދުއަށް ދައުލަތުގެ ފަރާތުން މިކުރާ ހަދިޔާއިންވެސް، އަޅުގަނޑުމެންގެ ހިތުގައި އަބަދުމެ ހަނދާން ހުންނަންޖެހޭނެ. އެހެންވެގެން އަބަދުވެސް ނިޢުމަތްތަކަށް އަޅުގަނޑުމެން ޝުކުރު ކުރަން މި ޖެހެނީ.


ދެން މިއޮތީ މަސްޖިދުއްތަޤްވާ. މިއަދު މި ހުޅުވިގެންދަނީ ޝައްކެއްވެސްނެތްގޮތުގައި، ވަރަށް ބަރަކާތްތެރި އިމާރާތެއް. މާޅެންދޫގެ ރައްޔިތުން ސަތާރަވަރަކަށް އަހަރުގެ ދިގު އިންތިޒާރެއްގައި ތިއްބެވި ތިއްބެވުމަށްވެސް މިއަދު އުންމީދީ ފޮނި ނިޢުމަތް މި ހަމަޖެހިގެން މިދަނީ. މިކަންކަމުން އަޅުގަނޑުމެންގެ ޚިޔާލަށް މި ގެންނަންޖެހެނީ، ވެރިންނަށް މަސައްކަތް ކުރުމަށް ހިތްވަރުދޭން މިތިބީ ރައްޔިތުން. ވެރިން ރަނގަޅު މަގުގައި ހިންގުމަށް ނަޞޭޙަތް ދޭންވެސް މިތިބީ ރައްޔިތުން. އަދި ލިބޭ ނިޢުމަތްތައް ދޫކޮށްލާފައި، އެހެން ދިމާއެއް އިޚްތިޔާރު ކުރުމުގެ ބާރުވެސް ޑިމޮކްރަސީގައި މި އޮންނަނީ، ނޫނީވިއްޔާ ރައްޔިތުންގެ ޝުޢޫރާއި ޚިޔާލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސިޔާސީ ނިޒާމުގައި ކަންކަން ނިންމުމުގައިވެސް ހުރިހާ ބާރެއް މި އޮންނަނީ ރައްޔިތުންނާ ހަމައިން. އެހެންނަމަވެސް، އަޅުގަނޑުމެންގެ ޚިޔާލަށް މި ގެންނަންޖެހެނީ، މިއިން ކޮންމެ ކަމެއްގައި ރައްޔިތަކު ކަމެއް ކުރާއިރު، ވޯޓެއްލާއިރު ކީއްވެގެންތޯ ދެފަހަރު ވިސްނައިދޭންޖެހެނީ؟ ކީއްވެގެންތޯ ވޯޓް ފޮށްޓާ ހަމައަށް އަންނައިރު، ﷲގެ ނިޢުމަތަށް ޝުކުރުކުރުމާއެކީ، ސިކުނޑި ހިފައިގެން ވޯޓް ފޮށްޓާ ހަމައަށް އަންނަން ޖެހެނީ ކީއްވެގެންތޯ ވިސްނާލަންޖެހެނީ، މި ސަބަބަށްޓަކައި.


މާޅެންދޫގެ ރައްޔިތުން، ނ. އަތޮޅުގެ ރައްޔިތުން އުފާކުރައްވަންޖެހޭ ކިތަންމެ ކަންތައްތަކެއް ހުންނާނެ. ދެންމެ އަޅުގަނޑުމެންނަށް އިޢުލާނުވެގެންދިޔައީ ބައެއް ކަންތައްތައް. އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރުގެ މެދަކާ ހިސާބަށްދާއިރު ހަމަ އަނެއްކާވެސް ވަރަށް އުފާވެރި ދަތުރެއް އަޅުގަނޑު ކުރާނަން. އޭގެ އިޝާރާތް، ދެންމެ ޢަލީ މަޢުރޫފްގެ ވާހަކަފުޅުގައި އެ ކުރެއްވީ. މާފަރަކީވެސް ހަމަ މި ދެންނެވި ގޮތަށް، އެ ޢީދު އެކުލެވިގެން މާފަރުގައި އުފާވެރި ދުވަހެއް އަޅުގަނޑުމެން ފާހަގަކުރާނަން، އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރުގެ މެދަކާ ހިސާބަށް ދާއިރު.


މާފަރުގެ ބަނދަރު މިހާރު ނިމުމުގެ މަގުމަތީގައި އެއޮތީ. ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި އަޅުގަނޑުމެންނަށް އެކަން އެނގިގެން ހިނގައްޖެ. އަދި ހަމައެހެންމެ، މާފަރުގައި އެއަރޕޯޓެއް ނޭޅި އުޅޭތާ މިހާރު އަޅުގަނޑަށް ލަފާކުރެވެނީ ދިހަވަރަކަށް، ބާރަވަރަކަށް އަހަރު ވެދާނެ. އެހެންނަމަވެސް، މާފަރުގައި މި އެޅެނީ ވަރަށް ރަނގަޅު، ވަރަށް ރީތި ބޮޑު ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް. މިއާއެކީ ޓޫރިޒަމްގެ ފަސޭހަކަމާއި، ޓޫރިޒަމްގެ ތަނަވަސްކަން މުޅި ނ. އަތޮޅަށް މިހާރަށްވުރެ ބޮޑަށް ހުޅުވިގެންދާނެ. އަދި މިކަމުން ހަމައެކަނި ރިޒޯޓެއްވެސް ނޫން ހުޅުވޭނީ. މިކަމުން މާޅެންދޫ ކަހަލަ ރަށްރަށުގެވެސް ގެސްޓްހައުސް ވިޔަފާރިއަށް ލިބޭ އިތުރު ފުރުޞަތުތައް މި އަންނަނީ.


އެހެންވީމާ، މި އެއަރޕޯޓަކީ އިރާދަކުރެއްވިއްޔާ، މިހާރު އެއަރޕޯޓާ ހަވާލުވެގެން އުޅޭ ފަރާތްތަކުން އަޅުގަނޑުމެންނަށް ކަށަވަރުކަން ދީފައި އެއޮތީ މުޅި ތަނުގެ ބިން ސާފުކޮށް އެ ނިންމީ. އެމީހުންނަށް އޮތް މެންޑޭޓަކީ، ނޫނީ އެމީހުންނަށް އެމީހުންގެ ވެރިން ކޮށްފައި އޮތް އަމުރަކީ، 6 މަސްދުވަހުގެ ތެރޭގައި އެއަރޕޯޓް ނިންމައި ހުޅުވުން. ވަރަށް ބާރަށް މި މަސައްކަތްތަކެއް މި ކުރެވެނީ. އެހެންވީމާ، މިކަންކަމަކީ އަޅުގަނޑުމެން ނިޢުމަތްތަކަށް ޝުކުރުވެރިވަމުން، އެހެންނަމަވެސް، އަޅުގަނޑުމެންގެ އުންމީދަތަކަކާ ގުޅުންހުރި ކަންތައްތަކެއް ކުރެވޭތޯ އަބަދުވެސް އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭ ސަބަބުތައް އަޅުގަނޑުމެންނަށް ފެނިގެން މިދަނީ.


ހަމަ ހުރިހާ ބޭފުޅުންވެސް ވާހަކަފުޅު ދައްކަވާއިރު، ހަމަ ރަށްރަށަށް ބޭނުންވެފައި ހުރި ކަންތައްތަކުގެ ވާހަކަ އަޅުގަނޑުމެންނަށް އަބަދުއަބަދު ހަނދާންކޮށްދެއްވާ. އެހެންނަމަވެސް، އަޅުގަނޑު ހަމަ ހުރިހާ ބޭފުޅުންނަށްވެސް ދަންނަވަނީ، އަޅުގަނޑުމެންގެ ސަރުކާރުން ހަމަ ރައްޔިތުންގެ އުންމީދުތައް ފުއްދައިދެވޭތޯ އަބަދުވެސް މަސައްކަތް ކުރާނަމޭ. އެކަމަކުވެސް އަޅުގަނޑުމެންނާ ހަމައަށް ވާހަކައެއް ގެންނަވާއިރު، ހަމަ ޚިޔާލު ކުރައްވާށޭ، މީގެކުރީގައިވެސް ސަރުކާރުތައް ހުއްޓޭ. މީގެކުރީގައިވެސް ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ، ހަމަ ވެރިކަން ކުރި ހުރިހާ ފަރާތްތަކަށް އޮތް ޒިންމާއެކޭ، މަސްއޫލިއްޔަތެކޭ. އަދި ކުރަންއޮތް ކަމެއް ކަމަށް ހުރިހާ ފަރާތްތައްވެސް ދެކެންވާނެ.


ރާއްޖޭގައި ތަރައްޤީ ކުރަން މިއޮތީ އެއްރަށެއް، ދެރަށެއް ނޫން. ރާއްޖޭގައި ތަރައްޤީ ކުރަން މިއުޅެނީ އެއްރަށެއް، ދެރަށެއްގައި، އެއް ވަސީލަތެއް، ދެ ވަސީލަތެއްވެސް ނޫން. އަދި ހަމަ މިއާއެކީ ދަރިންނާއި، ޒުވާނުންގެ ތަރުބިއްޔަތަށް މިކުރެވޭ މަސައްކަތްތަކަކީ، އަޅުގަނޑުމެން އަބަދުމެ ހަމަ ކޮޅުންނުލާވަރަށް، އަޅުގަނޑުމެން ވިސްނައި ފިކުރުކުރަންޖެހޭ ކަންތައްތައް. އަޅުގަނޑުމެންނަށް ލިބޭ އެންމެ މަތިވެރި ނަސީބަކީ، އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ، އެއް ދީނެއްގެ، އިސްލާމްދީން މަތީގައި އޮތް ދައުލަތެއް ކަމަށްވެގެންދިޔުން.


އެއާއެކީ އަޅުގަނޑުމެން ކުރަންޖެހޭ އެންމެ ވަރުގަދަ ވާޖިބަކީ، މަސްއޫލިއްޔަތަކީ، ހުރިހާ އުމުރުފުރައެއްގެ މީހުންވެސް، އަޅުގަނޑުމެންގެ ދަރިފަސްކޮޅު ހެޔޮގޮތުގައި، އެއް ޖީލުން އަނެއް ޖީލަށް ވާރުތަ ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން. އެހެންވީމާ، މިކަންކަމެއް އަޅުގަނޑުމެންނަކަށް ނުކުރެވޭނެ، އަޅުގަނޑުމެންގެ ތެރޭގައި ޤާނޫނާއި ގަވާއިދު އެއްފަރާތަށް ޖައްސާފައި، އަދި އަދަބު ދިނުމާ، މިކަންކަމުގައި ވަކި ބަޔަކަށް އިސްތިސްނާތަކެއް ދީފައި، ރާއްޖެ ހަލާކުކުރަމުން، ޚަރާބު ކުރަމުން، މިކަހަލަ މަޢުޞޫމް މުޖުތަމަޢުތަކަކަށް ގޮންޖަހަމުންގެންދާ ފަރާތްތަކާ ދޭތެރޭގައި އަޅާނުލައި، ހަމަ ކޮންމެ ކަމެއްވިޔަސް އެންމެ ރަނގަޅު ކަމަށް ގަބޫލުކޮށްލައިގެން ތިބެގެން މިކަމެއް ނުވާނެ.


އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ، އެއަށްވުރެ މާ މަޞްލަޙަތަށް ލޯބިކުރާ، މާ އަމާން އަދި ކުރިއެރުމަށް މަސައްކަތްކުރާ ހަމަ ވަރަށް އިޚްލާޞްތެރި، ޞުލްޙައަށް ލޯބިކުރާ އިސްލާމުންތަކެއް ތިބި ދައުލަތެއް. އެހެންވީމާ، އަބަދުވެސް އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންވާނެ، އަޅުގަނޑުމެން ކަންކަން ޙައްލުކުރުމަކީ އުޞޫލުގެ ތެރެއިން، ހަމައާއެކީ ޑިމޮކްރަސީ ކުރިއަށް ނެރުން. ޑިމޮކްރަސީ ކުރިއަށް ނެރުމަކީ އެއްގޮތަކަށްވެސް އުޞޫލުތައް ދޫކޮށްލާފައި، އެންމެ ވަރުގަދަ އުޞޫލަކީ މުލައްދަނޑީގެ ބާރުގަދަވުންކަން އިޚްތިޔާރުކުރާ އުޞޫލެއް ނޫން. އެ އުޞޫލަކަށް ދިވެހިރާއްޖޭގެ މިއަދުގެ ސަރުކާރުން ޖާގަދޭކަށް ތައްޔާރަކަށްނެތިން.


އެހެންވީމާ، އަޅުގަނޑުމެން އަބަދުވެސް ވިސްނަންވާނީ، އަޅުގަނޑުމެން ކުރާ ކަންކަމަކީ މުޅި ރައްޔިތުންގެ ފައިދާއަށް، މުޅި ރައްޔިތުން އެދޭ އެންމެބޮޑު އެއްކަމެއް، އެއްކަމެއް އަހައިފި ކަމަށްވަންޏާ ބުނާނެ، މަޞްލަޙަތާއެކީ އެމީހުންގެ ދިރިއުޅުން ކުރިއަށް ގެންދިޔުމޭ. އެއީ ރައްޔިތުން އެދޭނެ ކަމަކީ. އެހެންވީމާ، މަޞްލަޙަތާއެކީ ކުރިއަށް ގެންދެވޭނީ، މިކަންކަން ކުރުމަށް ރައްޔިތުން މި ވެށި ތައްޔާރުކޮށްދީފިއްޔާ. ލީޑަރުންނަށް ތިބޭ މީހުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ޕާޓީތަކުގެ ލީޑަރުން، ރައީސުލްޖުމްހޫރިއްޔާ، ވަޒީރުން، އަޅުގަނޑުމެންނަށް ކޮށްދެވޭނެ ކަމަކީ، ރައްޔިތުން އެދޭގޮތަކަށް ރައްޔިތުންގެ ކަންކަން ނިންމައިދިނުމަށް ބާރުއަޅައިދިނުން. އެހެންނަމަވެސް، އާޚިރުގައި މިކަންކަން ހަލަބޮލިކޮށްލުން، އެއްކޮޅުން އަނެއްކޮޅަށް، އެއްފުށުން އަނެއްފުށަށް ޖެހުމުގެ ހުރިހާ ކަމެއް، މީގެކުރީގެ ގާތްގަނޑަކަށް ދިހަވަރަކަށް އަހަރުގެ، މި އެންމެފަހުގެ މާޒީގައި މިދިޔަ ތާރީޚުގައި އަޅުގަނޑުމެންނަށް ދައްކައިދީފި. އެއަކުން ދިވެހިރާއްޖެއަށް ކުރި ރަނގަޅު އަސަރެއް ނުފެނޭ. އެއަކުން ހަމަގައިމުވެސް ދިވެހިރާއްޖެއަކަށް ތަރައްޤީގެ އެއްވެސް ފިޔަވަޅެއް ކުރިއަށް އެޅުނުކަމަކަށް އަޅުގަނޑުމެންނަކަށް ނުފެނޭ. އެ 10 އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް އިސްކުރެވުނީ، ތަރައްޤީއާއި މަޞްލަޙަތާއި، ރައްޔިތުންގެ ކުރިއެރުމަށް ކުރެވުނު މަސައްކަތް ކަމަށްވަންޏާ، އަދުގެ ދިވެހިރާއްޖެ އޮންނާނީ މިހާރު މިއޮތް ޙާލަތަކު ނޫން. އެހެންވީމާ، މިއީ އަބަދުވެސް އަޅުގަނޑުމެންގެ ގޮންޖެހުމަކީ.


އެހެންވީމާ، ވާހަކަކޮޅު ނިންމާލަމުންވެސް އަޅުގަނޑު ދަންނަވާލާނީ، ސުނާމީގައި ގެއްލުން ލިބިގެން މިދިޔަ ބަނދަރުގެ ވާހަކަ އަޅުގަނޑުމެން ދައްކާއިރު، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންވާނެ، ދިވެހިރާއްޖޭގެ ޤުދުރަތީ ތިމާވެށީގެ ނާޒުކުކަން އޮތް މިންވަރު.


އަޅުގަނޑުމެންނަށް ޖަލްސާތަކުގައި، ދޭތެރެދޭތެރެއިން އަޅުގަނޑުގެ އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤު އިބްރާހީމް ވިދާޅުވެދެއްވާނެ، ހަނދާންކޮށްދެއްވާނެ، މުޅި ދުނިޔޭގައިވެސް އިންސާނުން ލާފައި އޮތް ތޮށި، އެންމެ ދިގު ތޮށި ލެވިފައި މި އޮންނަނީ ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި. އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ 28 ކިލޯ މީޓަރުގެ ބޮޑުހިލަތޮށި މިހިރީ ދިވެހިރާއްޖޭގެ ރަށްރަށް ހިމާޔަތް ކުރުމަށްޓަކައި، ރާއްޖޭގެ އެކި ރަށްރަށުގައި ލެވިފައި. އެކަމަކު މިއީ ދުނިޔޭގައި އޮތް އެންމެ ކުޑަކުޑަ، އެންމެ ނާޒުކު ޤައުމު. އެކަމަކު މިކަހަލަ ކަންކަމުގައި ދުނިޔެއަށް އަބަދުވެސް އަޅުގަނޑުމެން އެބަ ނަމޫނާ ދައްކަމު. އެހެންވީމާ، އެންމެ ދިގު ތޮށްޓެއް ރައްޔިތުންގެ ޙައްޤުގައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މި ނަގާ ބޮޑެތި ބިޔަ ރާޅުތައް، ޤުދުރަތީ ރާޅާއި، ސިޔާސީ ރާޅުތަކުން އަޅުގަނޑުމެން އަބަދުވެސް މިޖެހެނީ، އަބަދުވެސް މިޖެހެނީ އަޅުގަނޑުމެން ހަމަ ސަހަރޯ ހިތަށްއަރާ، އެކަންކަމުން ﷲ އަށް ދުޢާކުރަމުން އަޅުގަނޑުމެން ސަލާމަތްވޭތޯ މަސައްކަތް ކުރަން.


އެހެންވީމާ، މުޅި ދިވެހިރާއްޖޭގައިވެސް މިއޮތީ، މުޅި ދުނިޔޭގައިވެސް ލެވިފައި އޮތް، އިންސާނުން ހަދައި، އިންސާނުން އިންސާނުންގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކަށް ބަލާކަމަށްވަންޏާ، 28 ކިލޯ މީޓަރުގެ ތޮށްޓަކީ ކުޑަ ތޮށްޓެއްގެ ވާހަކައެއް ނޫން މި ދެއްކެނީ. މާޅެންދޫ ކަހަލަ ރަށަކަށް އައިސް، މާޅެންދޫގެ ތޮށި، މާޅެންދޫގެ ރައްޔިތުންނަށް ތިޔަ ލިބޭ ޙިމާޔަތް ވިސްނިވަޑައިގަތީމަ ޚިޔާލަށް ގެންނަވާ، މިކަހަލަ ކިތައް ރަށް ވެގެންތޯ، 28 ކިލޯ މީޓަރުގެ ތޮށިލެވޭނީ؟ އެހެންވީމާ، މިއީ އަޅުގަނޑުމެން ދިވެހިރާއްޖެ މިއަދު އުޅެން އޮތް ނާޒުކު ޙާލަތު. މިކަންކަމާ ދޭތެރޭ އަޅުގަނޑުމެން އަބަދު ހަނދާން ކުރަންވާނެ. އަބަދުމެއަބަދުމެ އަޅުގަނޑުމެން ތިބެންވާނީ ﷲ އަށް ޙަމްދު ކުރުމުގެ ފިޔަވަޅުމަތީގައި.


ތިޔަ ހުރިހާ ބޭފުޅުންގެ ވަރަށް އިޚްލާޞްތެރި ޝުޢޫރުތަކަށްޓަކައި، ތިޔަ އެންމެ ބޭފުޅުންނަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވައި، ޝުކުރު ދަންނަވަން.


والسّــلام عليــكم ورحـمــة اللّـه وبـركاتـه.