بســم اللّـه الرّحمـن الرّحيــم

ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ، މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލު ކުރަމުން.

އާދެ، މިރޭ އަޅުގަނޑަށް ލިބޭ އެންމެ ޚާއްޞަ އުފަލަކީ، ޒުވާނުންގެ މިހާ މުހިންމު ރަސްމިއްޔާތެއްގައި ޒުވާނުންނާ ބައްދަލުކޮށް، ޒުވާނުންނަށް ހިތްވަރުދީ، އަދި އެކި ރޮނގުރޮނގުން ފާހަގަކުރެވޭ ޒުވާނުން މި ހާސިލު ކުރެއްވި އެވޯޑްތައް ހާސިލު ކުރެއްވި ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ދިވެހި ދައުލަތުގެ ނަމުގައި މަރުޙަބާ ކިޔައި އަދި ޒުވާނުންނަށް ހިތްވަރުދޭ މީހެއް ކަމުގައިވާތީ، އެކުދިންގެ މި އުފަލުގައި ބައިވެރިވުމުގެ ފުރްޞަތު އަޅުގަނޑަށް ލިބޭ ލިބުން.

އާދެ، މިރޭ އެވޯޑް މި ގެންދިޔަ ހުރިހާ ޒުވާނުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ، ދިވެހި ދައުލަތުގެ ނަމުގައި މަރުޙަބާ ދަންނަވައި ޝުކުރު ދަންނަވަން. އަދި ހަމައެއާއެކީ ދަންނަވާލަން ބޭނުންވަނީ، މި އެވޯޑު ލިސްޓް ހާދަ ފުރިހަމަވެގެން ދިޔައިހޭ، މީގެ ތެރޭގައި އަންހެން ބޭފުޅުންކޮޅެއް ހިމެނިގެންދިޔަނަމަ. އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރަކީ މި ލިސްޓް މިއަށްވުރެން ފުރިހަމަވެގެންދާނެ އަހަރެއް ކަމުގައި އަޅުގަނޑު އުއްމީދު ކުރަން.

އާދެ، މިރޭ އެވޯޑް ތިޔަ ގެންދެވި ޒުވާނުންނަށާއި، އަދި މި އޯޑިއެންސްގައި ތިއްބެވި ޒުވާނުންނަށް އަދި އަޅުގަނޑުމެންގެ މި ޖަލްސާ ބައްލަވަމުން، އައްސަވަމުން ގެންދަވާ ހުރިހާ ޒުވާނުންނަށް ދަންނަވާލަން އަޅުގަނޑު ބޭނުންވާ ވާހަކައެއްވެސް އެބައޮތް.

އާދެ، ޒުވާނުންނާ ދޭތެރޭގައި އަޅުގަނޑާއި އަޅުގަނޑުގެ ކެބިނެޓް، އަޅުގަނޑުގެ ސަރުކާރުގެ އިސްބޭފުޅުން ކުރައްވާ އުއްމީދުތަކެއްވާކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެކި މުނާސަބަތުތަކުގައި އަދި އެކި ލިޔުންތަކުގައި، ޒުވާނުންނާ ދޭތެރޭގައި އަޅުގަނޑުމެން ކުރާ އުއްމީދުތަކުގެ ވާހަކަ އަޅުގަނޑުމެން ދަންނަވަމުން މިގެންދަނީ.

އާދެ، އޭގެ ތަފްޞީލުތަކަކަށް ދާކަށްނެތިން. އެހެންނަމަވެސް، މިއަދު އިނާމު މި ގެންދެވި ބޭފުޅުންގެ ވަނަވަރުތަކަށް ބަލައިލާއިރު، އަދި އެބޭފުޅުންގެ ޚިދުމަތުގެ ރެކޯޑަށް ބަލާއިރު އަޅުގަނޑު ދަންނަވަން ބޭނުންވަނީ، އަޅުގަނޑުގެ ޑްރީމް ލިވް އޮން ކުރާކަމަށް އަޅުގަނޑަށް ގަބޫލުކުރެވެއޭ. އެއީ، އަޅުގަނޑު ޚާއްޞަ އަހަންމިއްޔަތުދޭ ކަންތައްތަކުގެ ތެރޭގައި، ވަރަށްގިނަ މަސައްކަތްތައް ބޭފުޅުންތަކެއް ކޮށްދެއްވައިފި. އޭގެތެރޭގައި އެންމެ ފާހަގަކުރެވޭ ކަންކަމުގެ ތެރޭގައި އޮންޓްރޮޕްރޮނޯޝިޕް، ނޫނީވިއްޔާ ވިޔަފާރީގެ ދާއިރާގައި ޒުވާނުން ކުރިއަށްދާ މިންވަރު އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ. އޭގެތެރޭގައި ޢަމަލީ މަސައްކަތުގައި ވިޔަފާރީގައި ކުރިއަށް ވަޑައިގަންނަވާ ބޭފުޅުންނާއި، އަދި ކޮންސަލްޓަންސީގެ ރޮނގުންނާއި، މަސައްކަތުގެ ރޮނގުން ވިޔަފާރީގައި ކުރިއަށް ވަޑައިގަންނަވާ ބޭފުޅުންކޮޅެއް އެބަފެނޭ.

ހަމައެއާއެކީ، އަޅުގަނޑުގެ ހަމަ ވަރަށް ޕެޝަނޭޓް، ވަރަށްގާތް، ހިތުގެ ލޯބި، ޝައުޤުވެރިކަން ވަރަށް އޮންނަ ދާއިރާއެއް އަބަދުވެސް މިއީ ދަރުމައަށް މަސައްކަތްކުރާ ކުރުން. ދަރުމައަށް މަސައްކަތް ކުރައްވާ ބޭފުޅުންވެސް މިރޭ ފާހަގަކުރެވިގެން ހަމަ މިދިޔައީ މި ޒުވާނުންގެ އެވޯޑްގެ ތެރެއިން.

އެހެންވީމާ، އަޅުގަނޑަށް ގަބޫލުކުރެވޭ، އަޅުގަނޑުމެންގެ ޒުވާނުން މިއަދު އެބަ ގަބޫލުކުރާކަން، ދައުލަތަކީ ދައުލަތެއްގެ ވެލިއު ސިސްޓަމަށް ބަލައިފި ކަމަށްވަންޏާ، ކޯހެސިވް، ހޯލްސަމް ޕެކެޖެއް އެކުލެވޭ އެއްޗެއްކަން. ދައުލަތަކީ ޑިމޮކްރަސީގެ ނިޒާމެއްގެ މައްޗަށް ބިނާވެގެން ހިނގާ ހިނގުމުގެ ތެރޭގައިވެސް ފަރުދެއްގެ، ރޯލް މޮޑެލުންތަކެއްގެ އަދި ޒުވާނުންގެ ޒިންމާތަކެއް، ޒުވާނުން ތަމްސީލުކޮށްދޭންޖެހޭ ކަންތައްތަކެއް ހިމެނިގެން އެކުލެވޭ ގަވަރނަންސް ސްޓްރަކްޗަރެއް ހިމެނޭ އެއްޗަކަށް ދައުލަތް މި ވެގެންދަނީ.

އެހެންވީމާ، ސިޔާސީ މީހުން ވާހަކަ ދައްކާއިރު، ޒުވާނުންގެ ދައުރާ ދޭތެރޭގައި ވާހަކަ ދައްކާ ދެއްކުމުން، އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ އަދި ހަމައެކަނި އެހިސާބުން ނިންމައިލެވެން ނެތްކަން. ދައުލަތެއް ކުރިއަށް މިދަނީ ޒުވާނުންގެ ހަކަތައިން. ޤައުމެއް ކުރިއަށް މިދަނީ، ކާރުޚާނާތައް މި ހިނގަނީ އަދި ވިޔަފާރިތައް މި ހިނގަނީ، އާމްދަނީ ގެޔަށް ވައްދަނީ، ތަކެތި ހޯދަނީ ޒުވާނުން ކުރާ މަސައްކަތުން. އެއްގޮތަކަށްވެސް ދޮށީ ރައްޔިތުންނަށް ކުޑައިމީސްބަހެއް، ބޭއިޙްތިރާމުގެ ބަހެއް ދަންނަވާކަށެއް ނޫން. އަޅުގަނޑުގެ ހިތުގެ ޝައުޤުވެރިކަން އެބޭފުޅުންނާ ދޭތެރޭގައި އެއަށްވުރެ މާފުން، މާބޮޑު.

އެބޭފުޅުންނަކީ އެބޭފުޅުންގެ އެންމެ ވަރުގަދަ ޙަޔާތުގައި، ވަގުތުކޮޅުގެ ތެރޭގައި ދައުލަތް ބިނާކުރުމުގައި، މިއަދުގެ ޒުވާނުން ތިޔަ ދެއްވާ ޚިދުމަތް އޭރު ދެއްވާފައި ތިއްބެވި ބޭފުޅުން. އެހެންވީމާ، އެބޭފުޅުންގެ ޙަޔާތުގައި އެދުވަސްތައް އަޅުގަނޑުމެންނަށް ގެނެސްނުދެއްވިނަމަ، ދިވެހި ދައުލަތެއް އަދި އެއްވެސް ދައުލަތެއް، އެ ދައުލަތެއް މިހާރު އޮންނަގޮތަކަށް ނުއޮތީސްކަން ކަށަވަރު. އެހެންވީމާ، އެބޭފުޅުންނަކަށް އެއްވެސްގޮތަކަށް އިހާނެތި ބަހެއް ދެންނެވުމުގެ މާނައަކު ނޫން މި ދަންނަވަނީކީ. އެބޭފުޅުންނަކީ މިއަދު ޕެންޝަނަރުން. އެބޭފުޅުންނަކީ މިއަދު ރިޓަޔަރޑް އަދި ވަރަށް އަބުރުވެރިކަމާއެކީ ޤައުމު ކުރިއަށްދާގޮތާ ދޭތެރޭގައި ފަޚްރުވެރިކަމާއެކީ ބަސް ވިދާޅުވާން ތިއްބެވި ބޭފުޅުން. އަދި ޤައުމު ރޯކަމަށްވަންޏާ، ކަރުނައަޅާ ކަމަށްވަންޏާ، އެކަމުގެ ހިތްދަތިކަން އެންމެ އިސްކުރައްވާނެ ބޭފުޅުންނަށްވާނީ ދޮށީ ރައްޔިތުން.

އެހެންވީމާ، މިއަދުވެސް ޢަމަލީގޮތުން ޤައުމު ކުރިއަށް ގެންދިޔުމަށް މަސައްކަތްކުރަންޖެހޭ މީހުންނަކީ ޒުވާނުން. އެހެންވީމާ، ޒުވާނުންނަކީ މި ދެންނެވި ކަހަލަ ތަފާތު އެކި ސިފަތައް، އެކި ކެރެކްޓަރިސްޓިކްތައް ހިމެނިގެން އެބޭފުޅުންގެ މަސައްކަތުން ދައުލަތަށް، އެހެން ރައްޔިތުންނަށް ނަމޫނާ ދައްކަވަން ތިއްބެވި ޒުވާނުން. ކޮންމެ ދާއިރާއަކުން އެވޯޑް ގެންދަވާ ބޭފުޅަކީ ރޯލް މޮޑެލެއް. އެހެންވީމާ، މި އެޗީވްމަންޓާ ހަމައަށް މަސައްކަތް ކުރުމަކީ ހަމަ ކޮންމެ ޒުވާނެއްގެ އުއްމީދު ކަމަށްވާންޖެހޭނެ. ކޮންމެ ޒުވާނަކު ކުރަންޖެހޭ މަސައްކަތުގެ ގޮތުގައި ދެކެންވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން.

ޒުވާނުންނާ ދޭތެރޭގައި އަޅުގަނޑުމެން ކުރާ އުންމީދުގެ ތަފްޞީލުތަކަކަށް ދާކަށެއްނެތީމު. ޒުވާނުންނަކީ ހަމައެކަނި ކުޅިވަރާއި ތަރުބިއްޔަތުގެ ތެރެއިން، އެމީހުންގެ މަސައްކަތް ފުދިގެންދާ ބައެއް ކަމުގައި އަޅުގަނޑުމެން ގަބޫލުކުރުން ހުއްޓާލަންވެއްޖެ. އަޅުގަނޑުމެން ދައްކަނީ ޔޫތު ޑިވެލޮޕްމަންޓްގެ ވާހަކަ. ޑިވެލޮޕްމަންޓަކީ ވަރަށްފުޅާ ކޮނޮޓޭޝަނެއް. ނޫނިއްޔާ ވަރަށްފުޅާ މާނަތަކެއް ހިމެނޭ ބަހެއް. ލަފްޒެއް، ނޫނީ ކޮންސެޕްޓެއް. އޭގެތެރޭގައި ޒުވާނުންގެ ތަރައްޤީގެ ހުރިހާ ކަމެއް ހިމެނިގެން އެބަދޭ. ޒުވާނުންގެ ތަރައްޤީގެ ކަންތައްތައް ހިމެނިގެންދާއިރު، ޒުވާން އުމުރުފުރާގައި ޒަވާޖީ ޙަޔާތެއް ފެށިގެންދާއިރު، ރަނގަޅު ޢާއިލާއެއް ބިނާކުރުމާއެކީ ޢާއިލާގެ ގުޅުން ރަނގަޅަށް ދެމެހެއްޓުންވެސް ހަމަ ޔޫތު ޑިވެލޮޕްމަންޓްގެ ތެރޭގައި މިދަނީ. ރަނގަޅު ތަޢުލީމެއް ހޯދުން، ތަނަވަސްކަން ހޯދުން، މަސައްކަތުގެ ދާއިރާއިން ކުރިއަށްދިޔުން، ދުވަސްވީ މަންމައިން، ބައްޕައިން ބެލެހެއްޓުން، ކޮމްޕެޝެނޭޓް މުޖުތަމަޢެއްގައި އޭނަގެ ދައުރު އަދާކުރުން، ދަރުމައަށް މަސައްކަތް ކުރުން. މިހިރީ ހައްތަހާވެސް ޒުވާނުންގެ ޑިވެލޮޕްމަންޓްގެ ތެރޭގައި ހިމެނޭ އެކިއެކި މަފްހޫމްތައް. އެހެންވީމާ، ޒުވާނުންނާ ދޭތެރޭގައި އުއްމީދުތަކެއް ކުރާއިރު، ޒުވާނުންނަކީ ބޮޑެތި މަސްއޫލިއްޔަތުތަކެއް ކޮނޑުގައި އަޅައިގެން ތިބި ބައެއްކަން އަޅުގަނޑުމެން މިރޭވެސް ޚިޔާލަށް ގެންނަން އެބަޖެހޭ. މިރޭ އަޅުގަނޑުމެން މި ޚިޔާލަށް ގެންނަންޖެހެނީ ހަމައެކަނި މިރޭ ގެންނާކަށެއް ނޫން. މިރޭ މި ޚިޔާލަށް ގެންނަންޖެހެނީ، ދެންވެސް އޮތީ ޒުވާނުންގެ ކުރިމަގާ ދޭތެރޭގައި އަޅުގަނޑުމެން ކުރާ އުއްމީދުތައް އިތުރަށް ފުރިހަމަކުރުމުގެ ވާހަކަ ކަމަށްވާތީ.

މިނިސްޓަރުގެ ވާހަކަފުޅުގައި، އަޅުގަނޑުމެންގެ ސްޕޯޓިންގ އިންފްރާސްޓްރަކްޗަރ ކުރިއަށްދާ މިންވަރު ކަނޑައަޅުއްވައިދެއްވި، ވިދާޅުވެދެއްވި. ގާތްގަނޑަކަށް އިރާދަކުރެއްވިއްޔާ މެނިފެސްޓޯގެ 80 ޕަސެންޓް މަސައްކަތް ނިމިގެން އެދަނީ. އަދި މިއަހަރުގެ ތެރޭގައި އިންފްރާސްޓްރަކްޗަރގެ އެތައް މަސައްކަތްތަކެއް މިހާރުވެސް އޮންގޮއިންގ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން މިދަނީ.

މީގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޒުވާނުންގެ ފަރާތުން އަޅުގަނޑު އެދޭ ކަންތައްތަކެއް ހުންނާނެއޭ. ކުޅިވަރު ކުޅުމަކީ ޝައްކެއްވެސްނެތްގޮތުގައި، މިހުރިހާ އިންފްރާސްޓްރަކްޗަރެއް ބޭނުންކޮށްގެން ކުޅިވަރު ކުޅުމަކީ ޒުވާނުންނަށް ލިބޭ ހަމަޖެހުން. އަދި ޒުވާނުން ކުރިއަށްދާނެ މަގުތަކެއް ފެނިގެންދިޔުން. އެކަމަކު އެއާއެކީ ދައުލަތުން ބޭނުންވާނެ ކަންތައްތަކެއްވެސް މީގައި ހުންނާނެ. އަޅުގަނޑުމެން ބޭނުންވަނީ މިހުރިހާ ކުޅިވަރު އިންފްރާސްޓްރަކްޗަރތަކާއެކީ، އެކި އެތްލީޓުން އެކި ފަންނުތަކުން ނުކުމެގެންދާއިރު، އަޅުގަނޑުމެން ދައުލަތަށް ބޭނުންވާނީ އަޅުގަނޑުމެންގެ ޤައުމަށް ރީތިނަން ގެނެސްދޭނޭ ޒުވާނުންތަކެއް، ޒުވާނުންގެ އެތްލީޓުންތަކެއް އުފެދިގެންދިޔުން.

އަޅުގަނޑު މިކަހަލަ މުނާސަބަތެއްގައި ވާހަކަ ދައްކަމުން އަޅުގަނޑު ދެންނެވިން، އަޅުގަނޑުގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން، މި 5 އަހަރުގެ ދައުރު ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ ފުޓްބޯޅައަކީ އަޅުގަނޑުމެން އެންމެންވެސް އެންމެ ލޯބިވާ ކުޅިވަރު ކަމުގައިވާތީ، އިރާދަކުރެއްވިއްޔާ ފުޓްބޯޅައިގެ ދާއިރާގައި ބައިނަލްއަޤްވާމީ ފެންވަރުގެ އެކެޑަމީއެއް އަޅުގަނޑު މިތާ ޤާއިމުކުރާނަމޭ. އެ މަސައްކަތް މިހާރު އެބަ ހިނގަމުންދޭ. އެ މަސައްކަތާ ހަވާލުވެގެން އުޅުއްވަނީ އެފް.އޭ.އެމް. އިން. އެ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ތެރޭގައި ފެށޭތޯ އަޅުގަނޑުމެން ބަލާނަން.

އެހެންވީމާ، އަޅުގަނޑުމެން މިހުރިހާ އިންފްރާސްޓްރަކްޗަރެއްގެ ބޭނުމަކަށްވާނީ ކުޅިވަރު ކުޅުމާއެކީ، އަޅުގަނޑު މި ދެންނެވި ގޮތަށް ރަން ވަނަތަކެއް ހާސިލުކޮށްދޭނެ ބަޔަކަށް އަޅުގަނޑުމެންގެ ޒުވާނުން ވެގެންދިޔުން. އަޅުގަނޑުމެންގެ އެތްލީޓުން ވެގެންދިޔުން. އަޅުގަނޑުމެން ކޮމްޕީޓްކުރަން މި ޖެހެނީ ހަމައެކަނި މި ސަރަޙައްދަކު ނޫން. އޭޝިއާ ސަރަޙައްދަކު އެކަންޏެއް ނޫން. ނޫނީވިއްޔާ ދެކުނު އޭޝިއާ ސަރަޙައްދެއްގައި އެކަންޏެއް ނޫން. މިއަށްވުރެ ދުރަށް އަޅުގަނޑުމެންދާއިރު، އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެން މި ސަރަޙައްދުން ހޯދާ ރަންވަނަތައް ހޯދާގޮތަށް ހަމަ އެހެން ދާއިރާތަކުގައި ވާދަކޮށްގެންވެސް ހަމަ ރަން ވަނަތައް ހޯދުމުގެ މަސައްކަތް ކުރަން. އެހެންވީމާ، މިކަމަކީ ދިވެހި ޒުވާނުން، އަޅުގަނޑުމެން އެންމެން އުފާކުރުމަށްޓަކައި ކޮށްދެއްވަންޖެހޭ ކަމެއް.

ދެން އަޅުގަނޑު ހަމަ ޒުވާނުންނަށް ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑުމެން ބަޖެޓެއް ފާސްކޮށް މި ނިންމީ، މި އަންނަ އަހަރުގެ، އަޅުގަނޑުމެންގެ އުއްމީދުތަކެއް ހިމެނޭ ބަޖެޓެއް. އަޅުގަނޑަކަށް ނޭނގެ ޒުވާނުންގެ ތެރެއިން ކިތައް ބޭފުޅުންކަމެއް، މި ބަޖެޓުގެ ދިރާސާގެ މަސައްކަތް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތުގެ ވަޒީރުންނާ، ޓީ.ވީތަކުގައި ކުރައްވަމުން ގެންދެވިއިރު، މި އަޑުއެއްސެވީ ކިތައް ބޭފުޅުން ކަމެއް ނޭނގެ. ހަމަގައިމުވެސް އަޅުގަނޑަށް އެނގޭ، ކްރިޓިކުންގެ ވާހަކަ އަޅުގަނޑުމެންނަށް އަޑުއިވިގެންދޭ. އަދި އެއާއެކީ އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން، ޕީ.ޖީ ގްރޫޕްގެ މެންބަރުން، އާދެ، ޕާލަމެންޓޭރިއަނުން، ދައުލަތުގެ ވަޒީރުން، މި ޑިސްކަޝަންތައް ގެންދެވިކަން އަޅުގަނޑަށް އެނގޭ. ބައެއް ޑިސްކަޝަންތައް އަޅުގަނޑުވެސް އަޑުއެހީމު. ބަޖެޓަކީ އޭގެ ޒާތުގައި ކޮންމެ ޒުވާނަކުވެސް، އެ ޒުވާނެއްގެ އުއްމީދުތައް އެކުލެވޭ އެއްޗެއް ކަމުގައި ދެކެންވާނެ. ސިފަކުރަންވާނެ. އަދި އެ ޒުވާނަކު ދެކެން ބޭނުންވާ ދައުލަތެއް ބައްޓަންވެގެންދާނީ، ނޫނީވިއްޔާ މިޞްރާބު ކަނޑައަޅާނީ ބަޖެޓުންކަންވެސް ދެނެގަންނަންވާނެ. އެހެންވީމާ، ކޮންމެ ޒުވާނަކުވެސް ޝައުޤުވެރިކަން ހުންނަންޖެހޭ ކަމަކަށް މި ބަޖެޓް ވާންޖެހޭނެ.

އަޅުގަނޑުމެންނަށް މިއަދު އަޑުއިވެނީ ބައެއްކަހަލަ ކްރިޓީކުން ދައްކަވާ ވާހަކަ. އަޅުގަނޑު ހަމަ އުފަލާއެކީ ދަންނަވަން ބޭނުންވަނީ، މިއިން އެބަ ދައްކައިދޭ ދައުލަތުގެ ބަޖެޓާ ދޭތެރޭގައި އެބޭފުޅުން ފުންކޮށް ފިކުރުތަކެއް ފިކުރުކުރައްވައިފިކަން. އެހެން ބައެއް މައްސަލަތަކުގައި ވާގޮތަކީ، އިދިކޮޅު ބޭފުޅުން އެ ސަބްޖެކްޓްގެ ތެރެއަކަށް ވެދެވަޑައެއްނުގަންނަވާ. ވަރަށްގިނަފަހަރު ރައްޔިތުންގެ މަޖިލީހުގެ ޑިބޭޓްގައި ވަރަށް ޢާންމު ވާހަކަތަކެއް ދެކެވިގެންދާ އަޑު އަޅުގަނޑުމެންނަށް މި އަޑުއަހަނީ.

އެކަމަކު ބަޖެޓާ ބެހޭގޮތުން އެންމެ އިދިކޮޅަށް ވާހަކަ ދައްކަވާ ބޭފުޅުންވެސް ވާހަކަފުޅުތަކެއް އެބަ ދައްކަވާ. އެބޭފުޅުންގެ ނަޒަރިއްޔާތު ތަފާތުވެގެން ހިނގައިދާނެ. އެއީ އެކަން ވާނެވެސްގޮތް. ސަރުކާރުން، ނޫނީވިއްޔާ އެ ބަޖެޓް ހަދާ ބަޔަކު ދެކޭގޮތަކަށް، އެ އައިނު އަޅައިގެނެއް ނޫންކަންނޭނގެ، އެ އައިނު ނުލިބޭ މީހުން ތިބޭނީކީއެއް. އެހެންވީމާ، ފެންނަގޮތް ވަރަށް ތަފާތުވާނެ. އެކަމަކުވެސް މިއިން ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، މިފަހަރު މި ބަޖެޓާ ދޭތެރޭގައި އިދިކޮޅު ބޭފުޅުން ވޯޓު ނުދެއްވި ކަމުގައިވީނަމަވެސް، އިދިކޮޅަށް ތިއްބެވި ބޭފުޅުން ވޯޓު ނުދެއްވި ކަމުގައިވީނަމަވެސް، އެބޭފުޅުން، އެބޭފުޅުންގެ ފެންވަރުން އެބޭފުޅުން ދިރާސާތަކެއް ކުރައްވައިފި. އަދި އެނޫން އެހެން ބޭފުޅުންވެސް ދިރާސާތަކެއް ކުރައްވައިފި. ބައެއް ފިލާވަޅުތައް އެބޭފުޅުން ނަގައިދެއްވި. އެ ފިލާވަޅުތަކުން އަޅުގަނޑަށް ކަނޑައެޅިގެން އެނގޭ އެއްޗަކީ އަދިވެސް އިދިކޮޅަށް ތިއްބެވި ބޭފުޅުންގެ ހަމަ އެއްވެސް ކަހަލަ ދިރުމެއް ނެތްކަން. އަޅުގަނޑު އަބަދުވެސް ދަންނަވަމުން މި އަންނަނީ އަޅުގަނޑުމެން ދިވެހިރާއްޖޭގެ ކަންކަމާ ހަވާލުވިއިރު، 2013 ގައި ހަވާލުވިއިރު، އަޅުގަނޑުމެންގެ އުއްމީދުތަކެއް ހުއްޓޭ. އަޅުގަނޑުމެންގެ އުއްމީދުގެ ހުޅުކޮޅު ނިވެމުން ދަނިކޮށް، އަޅުގަނޑުމެން އަނެއްކާވެސް އެ ހުޅުކޮޅު ނިވިޔަނުދީ، ދަންމަރު ކުރިއަށް ގެންދެވޭތޯ އަޅުގަނޑުމެން ބަލަން މަސައްކަތްތަކެއް ފެށްޓީ.

އޭރު މުޅި ރާއްޖެއޮތީ މާޔޫސްކަންމަތީގައި. އެހެންވެގެން އަޅުގަނޑު ދަންނަވަމުން އައީ، [ދިރުމެންވަންޏާ އުއްމީދެއްވާނެކަން އަޅުގަނޑުމެން ގަބޫލުކުރަންވާނޭ.] އެކަމަކު މި ބަޖެޓާ ދޭތެރޭގައި ދިރާސާތަކެއް ކުރެވުނުއިރު، ކްރިޓީކުންގެ ވާހަކަފުޅުން އެބަ އެނގޭ، އެބޭފުޅުން އެ ތިއްބެވީ އަދިވެސް މާޔޫސްކަންމަތީގައިކަން. އެއްވެސްކަހަލަ އުއްމީދެއް އެބޭފުޅުންގެ ތެރޭގައި ނެތް. ހަމަ ހިއެއްނުވޭ، ކޮށްޓާލިޔަސް ހިރުވައިވެސްލާނެހެނެއް. އެހެން މި ދަންނަވާ ސަބަބަކީ އަޅުގަނޑު މި ބަޖެޓާއި ޒުވާނުންނާ ގުޅުވާލަދޭނަން. މި ބަޖެޓަކީ ޒުވާނުންނަށް އުއްމީދުތަކެއް އިތުރުވެގެންދާ ބަޖެޓެއް. 2018 ވަނަ އަހަރަކީ، މި އަންނަ އަހަރަކީ، ޚާއްޞަކޮށް ޒުވާނުންގެ މަސައްކަތްތަކަށް އިތުރު ތަނަވަސްކަން ލިބިގެން އަންނަ ބަޖެޓެއް.

ޒުވާނުންނަކީ އިޤްތިޞާދުގެ ޑައިނަމޯރ ކަމަށްވަންޏާ، އަދި ޒުވާނުންގެ ހަކަތައިން މި ދައުލަތުގެ އިންޖީނު ހިނގާކަމަށް އަޅުގަނޑުމެން ގަބޫލުކުރާ ކަމަށްވަންޏާ، މި ބަޖެޓާ ދޭތެރޭގައި ކްރިޓިކަލް ވިސްނުމަކުން ވިސްނާފައި، އިދިކޮޅު ބޭފުޅުން ދައްކަވާ ވާހަކަ ދައްކަވާކަށް ޖާގަނެތޭ ދަންނަވާލަން ބޭނުންވަނީ. އެބޭފުޅުންގެ ޕްރައިމް އަރގިއުމަންޓަކީ، އެބޭފުޅުންގެ އެންމެ އަސާސީ، އެންމެ ވަރުގަދަ އަރގިއުމަންޓަކަށްވަނީ ދައުލަތުން ކީއްކުރަންހެއްޔޭ ލޯނު ނަގައިގެން، ބޭރުން ލޯނު ނަގައިގެން ދައުލަތުން މިކުރާ ކަންތައްތައް ކުރަނީ؟ ދެން އަޅުގަނޑުގެ ނަޒަރުގައި މިއީކީ އަރގިއުމަންޓެއް ނޫން. ލޯނު ނުނަގާ މިކަން ކުރަން ވާހަކަ ދައްކަވާ ކަމަށްވަންޏާ، އެހެންވެގެން އަޅުގަނޑު މި ދަންނަވަނީ، އެބޭފުޅުންގެ އެއްވެސްކަހަލަ އުއްމީދެއް، ކުރައްވާ އިންތިޒާރެއް، ހަމަ ނޯށުން ކުރިއަށް ހަމަ އެންމެ ތަންކޮޅެއްވެސް ފެނިވަޑައިގަންނަވާ ކަމަކަށް އަޅުގަނޑެއް ގަބޫލެއްނުކުރަމު.

މިއަދު މިތާ ތިއްބެވި ޒުވާނުންނަށް އެނގިވަޑައިގަންނަވާނެ. ތިޔަ ޒުވާނުންގެ ތެރެއިން ކިތައް ޒުވާނުންތޯ ބޭރަށް ކިޔަވަންދިޔައީ، މަންމަ، ބައްޕަ ލޯނު ނަގައިގެން، ފައިސާ ހޯދައިގެން. އެހެންވީމާ، އަޅުގަނޑުމެންގެ ގޭތެރޭގެ އެންމެ އާދައިގެ ދިރިއުޅުމާވެސް ގުޅިފައި އޮތް ކަމެއް ލޯނު ނެގުން މިއީ. އަޅުގަނޑުމެންނަށް ކަނޑައެޅިގެން އެނގޭ އެއްޗަކީ، މިސާލަކަށް ޣާލިބު، ގޭގައި ދެބުރި އިމާރާތެއް ހެދިއިރު، އޭނަ އަތުގައި އެ ފައިސާ ނެތްނަމަ، އޭނަ ދެބުރި އިމާރާތް ހަދައި، ގެސްޓްހައުސްއެއް ހަދައި ލާރި ހޯދާއިރު، އޭނަގެ އުއްމީދުތަކެއް އޮންނާނެ. އެ ހުވަފެން އޭނައަށް ފެންނާނެ، ލާރި ލިބޭނެކަން. އެ ނަގާ ލޯނު އަދާކުރެވޭނެކަމުގެ އުއްމީދު އޭނައަށް އޮންނާނެ. އެއްވެސް މީހަކު ވިހަނީކީއެއް އެއްގޮތަކަށްވެސް ލާރިތަކަކާއެކީއެއް ނޫން. އެހެންވީމާ، ރިސްކް ނަގައިގެން، ލޯނު ނަގައިގެން މަސައްކަތް ކުރާ މީހާއަށް ރިވޯޑެއްވާކަން އެބަ އެނގޭ. އެއީ ހަމަ ވަރަށް ބޭސިކް އިކޮނޮމިކްސް. [ފޯޗުން ފޭވަރސް ދަ ބްރޭވް] މިއީ އަޅުގަނޑުމެން ގަބޫލުކުރާގޮތް.

އެހެންވީމާ، މިބޭބޭފުޅުން ލޯނެއް ނަންގަވައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ޙާލަތު ރަނގަޅުކުރަން ބޭނުންފުޅުނުވާކަމަށްވަންޏާ، އަދި މިއީ ޒުވާން ޖީލެއް ގޮވައިގެން ރާއްޖެ ކުރިއަށް ގެންދަން ދަޢުވާ ކުރައްވާ ލީޑަރުން ކަމުގައި ވާކަމަށްވަންޏާ، އަޅުގަނޑު ދަންނަވާނީ ހަމަ އަޅުގަނޑުމެން އަނެއްކާވެސް ކުރިމަތީގައި އޮތީ މާޔޫސްކަމޭ. އެބޭފުޅުން ލޯނެއް ނަގާކަށް ބޭނުމެއްނުވޭ، ޒުވާން އާބާދީއަށް ބޭނުންވާ ބޯހިޔާވަހިކަން ހޯދައިދޭކަށް. ލޯނު ނުނަގާ މިކަން ކުރާނެގޮތެއް އަޅުގަނޑަކަށް ހަމަ ނުވިސްނޭ. އެހެންވީމާ، މީގައި އޮތީ އެއް އޮޕްޝަން. އެބޭފުޅުންގެ އޮޕްޝަން. ލޯނު ނުނަގާ ތިބޭނީ. ލޯނު ނުނަގާ ތިބީމަ، މިއޮތްހާ ދުވަހު ތިބިގޮތަށް ތިބެވިދާނެ. އެއީ ގެދޮރެއްނާޅާ ތިބޭނީ.

ޒުވާން އާބާދީ، މިހާރު ރާއްޖޭގެ ޒުވާން އާބާދީ ގާތްގަނޑަކަށް 65 ޕަސެންޓަށްވުރެ މައްޗަށް މި ދިޔައީ ޒުވާން އާބާދީ. އެމީހުންގެ އެންމެ އަސާސީ ބޭނުމަކީ ބޯހިޔާވަހިކަން. އެހެންވީމާ، ލޯނު ނުނަގާކަމަށްވަންޏާ، ދެން ހަމަ ތިބިގޮތަށް ތިބެންވީނޫންތޯ؟ އެހެންވީމާ، ކިތައް ކުދިންތޯ، މިހާރުވެސް ޒަވާޖީ ޙަޔާތެއް ނުފެށި މިތިބީ، ވަކިން ދިރިއުޅެވޭނެ ގޮތެއް ނެތީމަ؟ އެހެންވީމާ، މިއަކަށް ހަދިޔާއެއް ދޭކަށް ބޭނުމެއްނުވޭ. ހަމަގައިމުވެސް ޣާލިބުގެ އެކްސްޕީރިއަންސުން މިރޭ ފިލާވަޅެއް މިތާ ކިޔާލަދޭނަމަ، އޭނަ ބުނާނެ، ތިމަންނަ ލޯނު ނަގަން ޚިޔާލުކުރީ، ތިމަންނައަށް އެނގެއޭ، ލޯނު ނަގައިގެން މީގައި ރިވޯޑެއް އެބައޮތޭ. އެހެންވީމާ، ލޯނު ނަގައިގެން އެކަން ކުރަން ކެރުނު މީހަކު މިއަދު މި އޮންޓްރޮޕްރޮނަރއަކަށް ބަދަލުވެފައި އެހެރީ.

ދައުލަތުން ގެޓްސެޓް ލޯނު މިދެނީ މިކަހަލަ ޒުވާން ވިޔަފާރިވެރިން އުފައްދަން. ޒުވާން އޮޑިވެރިން އުފައްދަން. ޒުވާން ވިޔަފާރިވެރިން، ހުރިހާ މާނައެއްގައިވެސް، ޒުވާން ވިޔަފާރިވެރިން އުފައްދަން. ދައުލަތުންވެސް އެ ނަގަނީ ލޯނު. ދުނިޔޭގެ ނިޒާމުގައި، އިޤްތިޞާދީ ނިޒާމުގައި ކޮން ދައުލަތެއްގައިތޯ، ކޮން އިޤްތިޞާދެއްގައިތޯ ބޭންކެއްނެތި މިދަނީ؟ ބޭންކުގެ އަސާސީ ކޮބައިތޯ؟ ބޭންކުގެ ބޭނުމަކީ ކޮބައިތޯ؟ ލޯނު ދިނުން، ލޯނު ދިނުން، ލޯނު ދިނުން. ހައުސިންގ ލޯނު. ދެކޮޅުނުޖެހިގެންދާ ކަންތައްތަކަށް ލޯނު. އިމާރާތް ކުރަންދޭ ލޯނު. ދައުލަތްތަކަށްދޭ ލޯނު. ކެޕިޓަލް އިންވެސްޓްމަންޓަށްދޭ ލޯނު. އެހެންވެގެން ދޮގެއްތޯ، ލޯނާ ނުލައި އެއްވެސް ބަޔަކަށް ނޫޅެވެނީ؟ އެންމެ ތަހުޒީބު ދުނިޔޭގައިވެސް، އެންމެ ތަހުޒީބު ދުނިޔޭގައިވެސް، އެންމެ އާދައިގެ ހައުސްހޯލްޑް އެޕްލައަންސުން ފެށިގެން އޭނަ ގެ އަޅައި، ގެ ނިންމަންވެސް އެ ނަގަނީ ލޯނު. އެހެންވީމާ، އަޅުގަނޑުމެންގެ ލީޑަރުން އަޅުގަނޑުމެންނާ ދޭތެރޭގައި ވިސްނާވަޑައިގަންނަވާ! އަދިވެސް އަޅުގަނޑުމެން ތިބެންޖެހޭނީ ހަމަ ކުރީގައި ތިބި ބިކަ ހާލުގައޭ. ޒުވާނުންނަށް ބޯހިޔާވަހިކަން ހޯދައިދޭކަށް ލޯނެއް ނަގާނެ ކަމެއްނެތް.

މިފަހަރުގެ ބަޖެޓުގައި ޒުވާނުންނަށް ހުރި މެސެޖްތަކުގެ ތެރޭގައި، ހުރި ކަންތައްތައް މި ދަންނަވާލަނީ. އެންމެ ފުރަތަމަ ކަމަކީ ލޯނު. މި ލޯނު މި ނަގަނީ ޒުވާން ޖީލަކަށް، އެ ލޯނު އަދާކޮށްގެން، އެމީހުން ބޭނުންވާ ހުރިހާ ކަމެއްކޮށްގެން އަދި އޭގެފަހުން އެމީހުންގެ ދަރިން ދެކޭނެ ޖީލަކަށް އިތުރު އާމްދަނީ ހޯދައިދިނުމަށްޓަކައި. އަޅުގަނޑު މި ލޯނު ނަގަނީ އެއަރޕޯޓަށް. އިރާދަކުރެއްވިއްޔާ އެއަރޕޯޓް ހެދިގެން، ކުރިއަށް އޮތް ފަސް ހަ އަހަރެއްހާ ދުވަހުގެ ތެރޭގައި، މިހާރު މި އަންނަނީ 1.4 މިލިއަން ފަސިންޖަރުން ކަމަށްވަންޏާ، އިރާދަކުރެއްވިއްޔާ މި އެއަރޕޯޓް ހެދިގެން ކުރިއަށް އޮތް ހައެއްކަ އަހަރުގެ ތެރޭގައި، 8 މިލިއަން ފަސިންޖަރުން ދިވެހިރާއްޖެއަށް ގެންނަން. އެއީ، އަޅުގަނޑު ލޯނުނަގާ ސަބަބަކީ.

ލާރިއަކުން ލާރި އުފައްދަން ނޭނގޭކަމަށްވަންޏާ، މިކަހަލަ ވާހަކަ އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންނަށް އަބަދުވެސް އަޑުއިވޭނެ. އަޅުގަނޑު މި ލޯނު ނަގަނީ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތަކެއް ހޯދައިދޭން. އަޅުގަނޑު މި ލޯނު ނަގަނީ ޒުވާނުންނަށް ބޭނުންވެފައި ހުރި އެންމެ ބޮޑެތި ދަތި ކަންތައްތައް ޙައްލުކޮށްދޭން. އޭގެތެރޭގައި މިފަހަރު ބަޖެޓްގެ އެންމެ ވަރުގަދަ މަޝްރޫޢަކަށް އެއޮތީ ހިޔާ މަޝްރޫޢު. ހިޔާ ޕްރޮގްރާމް. އެއީ ޒުވާނުންނަށް ބޯހިޔާވަހިކަން ހޯދައިދިނުން. އެކަމެއް އަޅުގަނޑުމެންގެ ކޮންމެ މަންމައަކަށް، ބައްޕައަކަށް، އޭނަގެ ހުރިހާ ދަރިންނަކަށް ކޮށެއްނުދެވޭނެ. އެކަމަކު އެހުރިހާ ދަރިންގެ ނެޗްރަލް ފާދަރއަކަށް ހުރި، ބޮޑު ބައްޕައަކަށްވަނީ ދައުލަތާ ހަވާލުވެހުރި މީހާ. އެއީ މުޅި ދައުލަތުގެ އަމާނާތާ ހަވާލުވެހުރި މީހާ. އެހެންވެގެން އަޅުގަނޑުގެ ބޮލުގައި މި އެޅޭ ޒިންމާއެއް ކަމަށް އަޅުގަނޑު ދެކެނީ. އަޅުގަނޑުގެ ކޮނޑުގައި އެޅޭ ޒިންމާއެއް ކަމަށް އަޅުގަނޑު ދެކެނީ ހުރިހާ ޒުވާނުންނަށް ގޮތްތައް ހޯދައިދިނުން. އެއީ ލޯނުނަގާ ސަބަބަކީ.

އަޅުގަނޑުމެން މިއަދު މި އަޅާ އެއަރޕޯޓް، އެއަރޕޯޓްގެ ހުރިހާ ޙަޤީޤަތް އެނގިވަޑައިގަންނަވާ ބޭފުޅުން މިތާ އެބަ ތިއްބެވި. މިހާރު ހަދާފައި އޮތް އެއަރޕޯޓް ހަދާފައި އެއޮތީވެސް ލޯނު ނަގައިގެން. މިއީކީ ދިވެހިރާއްޖެއަށް އާކަމެއްވެސް ނޫން. މިއީކީ ދިވެހިރާއްޖެއަށް އާކަމެއްވެސް ނޫން. ތަފާތަކީ ސްކޭލް. ތަފާތަކީ ސްކޭލް. މިއޮތްހާ ދުވަހު އަޅުގަނޑުމެންގެ މި އެއަރޕޯޓާއެކީ ގާތްގަނޑަކަށް ހަތްދިހަ، އަށްޑިހަވަރަކަށް ރިޒޯޓް ހިފައިގެން އަޅުގަނޑުމެން އުޅެފީމު. އެކަމަކު މިހާރު މި އެއަރޕޯޓް ހަދައިގެން އަޅުގަނޑުމެން ބޭނުންވަނީ ހަމައެކަނި މާލޭގެ ސަރަޙައްދު ކައިރިއަކު ނޫން ޓުއަރިސްޓުންނާއެކީ ވަޒީފާތައް އުފެދިގެންދާކަށް. އަޅުގަނޑު ބޭނުންވަނީ ކުޅުދުއްފުށްޓާ ހަމައަށް ވަޒީފާތައް ގެންދަން. އަޅުގަނޑު ބޭނުންވަނީ ދެން ބޮޑުތިލަދުންމަތީގައި ބާކީހުރި ހުރިހާ އަތޮޅުތަކަށާއި ރަށްތަކަށް ޓުއަރިޒަމްގެ ފައިދާ ގެންދިޔުން. އަޅުގަނޑު ބޭނުންވަނީ އެތައް ބައިވަރު ޣާލިބުންނެއް އެތާ އުފެދިގެންދިޔުން. އެއީ ލޯނު ނަގާ ސަބަބަކީ.

މި ބަޖެޓުގައި އެންމެބޮޑަށް ހިމެނިފައި އޮތް ކަމަކީ، މި ދެންނެވި ގޮތަށް ހިޔާ މަޝްރޫޢު. ދެވަނަކަމަކީ މިވަރުގެ ބޮޑެތި އިޤްތިޞާދީ މަސައްކަތްތައް އަންނަކަމަށްވަންޏާ، އަޅުގަނޑުމެން އިޤްތިޞާދީ ފުރުޞަތު މި ހޯދަނީ، ނޫނީ ވަޒީފާގެ ފުރުޞަތު މި ހޯދަނީ އެއްގޮތަކަށްވެސް އަވަށްޓެރި ޤައުމުތަކުގެ ސަރުކާރުން، އެ ދައުލަތްތަކުގެ މީހުންނަށް ވަޒީފާ ނުދެވުނީމަ، އެމީހުން އައިސް މިތާ ވަޒީފާ އަދާކުރާކަށެއް ނޫން. އަޅުގަނޑު ވަޒީފާ މި އުފައްދަނީ އަޅުގަނޑު ބަލަހައްޓަންޖެހޭ ދިވެހި ޒުވާނުންނަށް ވަޒީފާދޭން. ދިވެހި ޒުވާނުންގެ ކުރިމަގު އުޖާލާކުރަން. އެހެންވެގެން މިފަހަރު ފުރަތަމަ ފަހަރު، އެންމެ ފުރަތަމައަށް ދިވެހި ތާރީޚުގައިވެސް މި ދެންނެވީ، އެންމެގިނަ ސްކޮލަރޝިޕް ލޯނުދޭ ސަރުކާރަކަށްވާނީ މި ސަރުކާރު. 2018 ވަނަ އަހަރުގެ ބަޖެޓު އެ ޖާގަ މިދެނީ.

އަޅުގަނޑަށް ސީދާ ނަންބަރު ދަންނަވާލާކަށް މިރޭ ހަމަ ނޭނގެ. އެހެންނަމަވެސް، މީގެކުރީގެ ޖަލްސާއެއްގައި، 4 އަހަރު ފުރިގެން ބޭއްވި ޖަލްސާގައި، ހަމަ އެގްޒެކްޓް ފިގަރ އަޅުގަނޑު ދެންނެވިން. މިރޭގެ ޖަލްސާގައި އޮތީ އަޅުގަނޑު ވާހަކަ ދައްކާގޮތަކަށްވެސް ނޫން. އެހެންނަމަވެސް، ޒުވާނުން އެހާގިނަ އެވޯޑް ގެންދެވީމަ، ޒުވާނުންނާ ބައްދަލުކޮށްލާފައި މިކަހަލަ ވާހަކަތަކެއް ދައްކަންވެގެން މި ފަހު މިނިޓްގައިވެސް މި ފުރުޞަތުގެ ބޭނުންކުރީ.

އަޅުގަނޑު ހަނދާނަށް ގެންނާނަން. އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ، މަދުވެގެން ތިންހާސް ކޮންމެވެސްވަރަކަށް މުޅިން އާ ލޯނު ސްކީމެއް ތަޢާރުފު މި ކުރަނީ. ސްކޮލަރޝިޕް ލޯނު ސްކީމެއް އަޅުގަނޑުމެން މި ތަޢާރުފު ކުރަނީ. ތިންހާސް ކުދިންނަށް އަޅުގަނޑުމެން މި ފުރުޞަތު މި ހުޅުވާލަނީ. މީގެކުރީގެ އަހަރުތަކުގައި، އެންމެގިނަ ސްކޮލަރޝިޕް ދީފައި ހުންނާނީ. ނޫނިއްޔާ ސްޓޫޑަންޓް ލޯނު އެންމެ ގިނައިން ދީފައި ހުންނާނީ އަޅުގަނޑުމެންގެ ސަރުކާރުން. އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ، އެވްރެޖްކޮށް އުޅޭނީ އަހަރެއްގެ މައްޗަށް ހާހެއްހާ ކުދިން. އެކަމަކު މިހާރު މި ހުޅުވާލަނީ ތިންހާސް ކުދިންގެ ފުރުޞަތު، ސްޓޫޑަންޓް ލޯނު.

ހަމަގައިމުވެސް މި ސްޓޫޑަންޓް ލޯނު ނަގާނީކީއެއް، 40 އަހަރުން މަތީގެ މީހުންނެއް ނޫން. މި ސްޓޫޑަންޓް ލޯނުނަގާ ހުރިހާ އެންމެންނަކީ، މި ސްޓޫޑަންޓް ލޯނުނަގާ ހުރިހާ އެންމެންނަކީ 30 އަހަރުން ދަށް މީހުން. އެއީ ޒުވާނުން. އެއީ، ދިވެހިރާއްޖޭގައި ދެން މަސައްކަތް ކުރަން ތިބި މީހުން. އެހެންވީމާ، މި ބަޖެޓުގެ ތެރެއިން ދެވަނައަށް އެންމެބޮޑު ބުރައެއް ހިފާ، ނޫނީ އެންމެބޮޑު ކަމެއް މި ކޮށްދޭ، ޒުވާނުންނަށް ކޮށްދޭ އެސްޕެކްޓަކީ މި ދެންނެވި ސްޓޫޑަންޓް ލޯނު. ސްޓޫޑަންޓް ލޯނަށް އެހާބޮޑު އަދަދެއް ޕްރޮވައިޑް ކޮށްފައި އެއޮތީ އެހެންވެގެން.

ތިންވަނަ ކަމަކަށް މިއޮތީ އަޅުގަނޑުމެންގެ ސްޕޯޓިންގ އިންފްރާސްޓްރަކްޗަރ ރާއްޖޭގެ ހުރިހާ ދިމާއަކަށް ގެންދިޔުމަށްޓަކައި ދެން ޔޫތު އެންޑް ސްޕޯޓްސްއަށް އަޅުގަނޑުމެން އެކުލަވައިލާފައި އޮތް ބަޖެޓް. އެއީ ހަމައެކަނި ޔޫތު މިނިސްޓްރީއަށް އޮތް ބަޖެޓެއް ނޫން. އިންފްރާސްޓްރަކްޗަރ، ސްޕޯޓިންގ އިންފްރާސްޓްރަކްޗަރ ޤާއިމުކުރަން އޮތް ބަޖެޓް.

ހަތަރުވަނަ ކަމެއްގެ ގޮތުގައި މިއޮތީ މި ހުރިހާ އިޤްތިޞާދީ މަޝްރޫޢުތަކެއް ނިމިގެންދާއިރު، އާޚިރުގައި އެހުރިހާ މަޝްރޫޢުތަކަކުން އުފައްދަނީ ވަޒީފާ. އިޤްތިޞާދަކީ ކޯއްޗެއްތޯ؟ އިޤްތިޞާދަކީ އެންމެ ލަފްޒަކުން ބުނާކަމަށްވަންޏާ ފައިސާ. ފައިދާ ހޯދާނެގޮތް. ފައިސާ ހޭދަކުރާނެގޮތް. ފައިސާ ހޯދާނެގޮތާއި، ފައިސާ ހޭދަކުރާނެގޮތުގެ އެންމެ އަސާސީ ވަސީލަތަކީ ވަޒީފާ.

އެހެންވީމާ، އިޤްތިޞާދު ރަނގަޅުކުރާ ކަމަށްވަންޏާ، ޒުވާނުންތަކެއް ޤައުމެއްގައި ގިނަވަމުންދާ ކަމަށްވަންޏާ، ވަޒީފާ ނެތް ޒުވާނުން އެ ޤައުމެއްގައި ތިބެގެންނުވާނެ. ވަޒީފާ ނެތް ޒުވާނުން ތިބޭކަމަށްވަންޏާ އަޅުގަނޑުމެންގެ ތެރޭގައި ރެސްލެސްނަސް އުފެދިގެންދާނެ. ރެސްލެސްނަސް އުފެދޭ ކަމަށްވަންޏާ، އޭގެ މާނައަކީ ނުރައްކާތެރިކަމާއި، ގެއްލޭ މަޞްލަޙަތާ، މިކަންކަމަށް ސިޔާސީ ލީޑަރުން އަބަދުވެސް އަމާޒުކޮށް މަސައްކަތް ކުރައްވާނެ. އެހެންވީމާ، ދެން އެޅިގެންދާނީ ގިނަ ޖަލުތައް. އަޅުގަނޑު ބޭނުމެއްނޫން، އަޅުގަނޑުގެ ޒުވާނުންނަކަށް ތައްޔާރުކުރާ ޖަލުތަކެއް އިތުރަށް އަޅާކަށެއް. އަޅުގަނޑު ބޭނުންވަނީ ޒުވާނުންނަކީ ޕްރޮޑަކްޓިވް، އެންގޭޖިންގ، އިޤްތިޞާދު ކުރިއަށް ގެންދިޔުމުގައި މަސައްކަތްކުރާނެ ބަޔަކަށްވުން. އެހެންވެގެން މިހާގިނަ ވަޒީފާތައް އުފެދިގެން ދާންވީ.

އެހެންވީމާ، ރާއްޖޭގެ އެކި ހިސާބުގައި، އަލަށް މި އަޅަން ނިންމާފައި އޮތް ހަތަރު ފަސް އެއަރޕޯޓާއެކީ މިދަނީ އެ ދާއިރާތަކުގައި އުފެދިގެންދާ ޓުއަރިޒަމްގެ ޞިނާޢަތުން އުފެދިގެންދާ ވަޒީފާތައް. މި ވަޒީފާތައް އުފައްދަންޖެހޭ ސަބަބަކީ، ނޫނީވިއްޔާ މި ދާއިރާތަކުގައި އެއަރޕޯޓްތައް އަޅަންޖެހޭ ސަބަބަކީ، މި ދެންނެވި ގޮތަށް ޒުވާނުންނަށް ވަޒީފާދިނުން، އެއްކަމެއް.

ދެވަނަ ކަމަކީ މިހާބޮޑު އިންވެސްޓްމަންޓެއް ހެދިގެންދާއިރު، އެއްހާސް މިލިއަން ޑޮލަރަށްވުރެ މަތީގެ އިންވެސްޓްމަންޓެއް އެއަރޕޯޓަށް ހެދިގެންދާއިރު، އަޅުގަނޑު ބޭނުންވޭ، މި ދެންނެވި އަދަދަށް ރާއްޖެއިން ބޭރުން ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރަން. ދިވެހިރާއްޖެ މަޝްހޫރުވާންޖެހޭނީ އެންމެކަމަކު ނޫން. އަޅުގަނޑުމެންގެ ލީޑަރުން، ނޫނީ އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ބޭފުޅުން ދިވެހިރާއްޖެ އިންފޭމަސްލީ، ފޭމަސް އެބަ ކުރައްވާ.

އެކަމަކު އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ޒުވާނުންނަށް އަޅުގަނޑު ދަންނަވާލާނީ، ދިވެހިރާއްޖެއަކީ އެއަށްވުރެ މާ ޝަރަފުވެރި ތަނެކޭ. ދިވެހިރާއްޖެ މަޝްހޫރުވާންވީ ދިވެހިރާއްޖޭގެ ރީތިކަމުން. ދިވެހިރާއްޖެ މަޝްހޫރުވާންވީ ދިވެހީންގެ މެހްމާންދާރީކަމުން. ދިވެހިރާއްޖެ މަޝްހޫރުވާންވީ ދިވެހީންގެ ޚިދުމަތުން. ދިވެހިރާއްޖެ މަޝްހޫރުވާންވީ ދިވެހީން، ދިވެހީންގެ ކަންކަމުގައި ދުނިޔޭގެ މަޞްލަޙަތަށް ލޯބިކޮށްގެން ދުނިޔެއަށް މިސާލު ދައްކާތީ. މިއީ އަޅުގަނޑުމެންގެ ރީތިފުށް. އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ފަތިފުށް ކިޔަން ތިބޭ ބަޔަކަށް ވެގެނެއްނުވާނެ. އެހެންކަމަށްވަންޏާ އޭގެ މާނައަކީ ޤައުމީ ޖޯޝުގެ ކުޑަ ފުކެއްވެސް މި މީހުންގެ ކިބައިގައި ނެތް. އެކަމަކު އެއީވެސް ދިވެހީން ދޮގެއްތޯ؟

އެހެންވީމާ، މިރޭ އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންވާނެ، އަޅުގަނޑުމެންގެ ބަޖެޓުން ދެން ކުރަން މިއުޅެނީ ކީއްތޯ؟ އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ، އަޅުގަނޑު ހަމަ މި ވާހަކަކޮޅު ދަންނަވާލާނަމޭ. މި ވާހަކަކޮޅު ދަންނަވައިލުމުގެ ބޭނުމަކީ، އަޅުގަނޑުގެ ހުވަފެނުގައި އަޅުގަނޑާއެކީ ދަތުރުކުރައްވަނީ ޒުވާނުން. މި އަންނަ އަހަރަކީ 2018 ވަނަ އަހަރު. 2018 ވަނަ އަހަރުން ފެށިގެން މި ބިނާކުރެވޭ ކަންތައްތައް، ނޫނީ ބިންގާ އެޅޭ ކަންކަން ނިމިގެން އެބަދޭ، އެއްބައި ކަންތައްތައް 2018ގެ ނިޔަލަށް. އަނެއްބައި ކަންތައްތަކަކީ 2019އާއި އޭގެފަހުން އަންނަން ހުރި އަހަރުތައް. ގައިމުވެސް އަޅުގަނޑުމެން ދުނިޔޭގައި ތިބީވިއްޔާ، އަޅުގަނޑުމެން ދެކޭނަން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އުފައްދާ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް 8 މިލިއަން ފަސިންޖަރުން އަންނަ ތަން. އެ ދުވަސް އަޅުގަނޑުމެން ދެކޭނަން. އެކަމަކު އަޅުގަނޑަކަށް ހިއެއްނުވޭ، އަޅުގަނޑާ ވާދަކުރައްވާ ސިޔާސީ އެހެން ލީޑަރުންނަކަށް އެ ދުވަސް ފެނިވަޑައިގަންނަވާނެހެނެއް. އެއީ އެބޭފުޅުންގެ ދިރުމެއް ނެތް.

އެހެންވީމާ، އަޅުގަނޑު ޒުވާނުންނާ ހަވާލުކޮށްލަން ބޭނުންވަނީ، އަޅުގަނޑު ދަންނަވަން ބޭނުންވަނީ، އަޅުގަނޑުމެންގެ ދިވެހިރާއްޖެ މިއަދު މިއޮތީ މެރަތަންއެއްގައޭ. އަޅުގަނޑުމެންގެ ދިވެހިރާއްޖެ މިއޮތީ މެރެތަންއެއްގައި. އަޅުގަނޑުމެންގެ ޓްރޭންއަކީ ދުވާ ޓްރޭންއެއް. އަޅުގަނޑުމެންގެ ޓްރޭނަކީ އެއްގޮތަކަށްވެސް ޗަގު ކޮށްފައި ހުއްޓެމުން ދުވާ ޓްރޭނެއް ނޫން. މި މެރަތަން ދުވާއިރު، އެކަކު އަނެކަކު އެބަޖެހޭ އަޅުގަނޑުމެންގެ އުއްމީދުގެ ދަންމަރު ގެންގޮސްދޭން. އެ ހުޅުކޮޅު ނިވައިނުލާ އެކަކު އަނެކަކު ޕާސްކުރާއިރު، އެކަން ކުރެވޭނީ ޕެންޝަނަރުންނަކަށް ނޫން. އެކަން ކުރެވޭނީ، އެކަން ކުރެވޭނީ ހަމަ އަރާމެއްނެތި ދުވަން ކެރޭވަރުގެ، އަރާމެއްނެތި ދުވަން ކެރޭވަރުގެ އެތްލީޓުންތަކެއް ނުކުމެ ކުރެވޭނީ. އެކަން ކުރެވޭނީ ހަމަ ނޫކަށި ފުރައިގެ ޒުވާނުންނަށް.

އެހެންވީމާ، އެއީ ޒުވާނުން ދިވެހި މުޖުތަމަޢަށް ބޭނުންވާ ސަބަބަކީ. އެއީ އަޅުގަނޑު ދިވެހި ޒުވާނުންނަށް ދޭން ބޭނުންވާ މެސެޖަކީ. އަޅުގަނޑު ދޭން ބޭނުންވަނީ މާޔޫސްކަމުގެ މެސެޖެއް ނޫން. މާޔޫސްކަން ހޯއްދަވާ ކަމަށްވަންޏާ، އިދިކޮޅު ބޭފުޅުން ދައްކަވާ ވާހަކަ އަޑުއައްސަވާ! އަޅުގަނޑަށް ޔަޤީން، މިއޮތްހާ ދުވަހު ދިރުމެއްވާ ވާހަކަ އަޅުގަނޑު ދެއްކިޔަސް، އެބޭފުޅުންގެ ކަންފަތްޕުޅަކަށް ދިރުމެއްވާކަމެއް ގަބޫލެއް ނުކުރެއްވޭ. އެބޭފުޅުން އަދިވެސް ބޭނުންވަނީ، ދިވެހިރާއްޖެ މީގެ އަހަރުތަކެއް ކުރީގައި އޮތް ހިސާބުގައި އަޅުގަނޑުމެން ތިބެން. އަޅުގަނޑުމެންނަކީ އިންޑިއާ ކަނޑުގައި ގުޑާނުލެވިފައި ތިބި، ޖަހާފައި އޮތް އަބެއް ގޮތުގައިވާކަށް އަޅުގަނޑެއް ބޭނުމެއްނުވޭ. އަޅުގަނޑުމެންނަކީ ދިރުންހުރި ބައެއް. އަޅުގަނޑުމެން މި ފަށާ ޓްރޭން އަޅުގަނޑުމެން ނިންމާނީ އަޅުގަނޑުމެން ދާން ބޭނުންވާ ހިސާބަށް ގޮސް. ވަރަށް ބޮޑަށް ޝުކުރިއްޔާ

والسّلام عليــكم ورحـمــة اللّـه وبـركاتـه.