بســم اللّـه الرّحمـن الرّحيــم
 
اَلحَمْـدُ لِلّـهِ رَبّ العَـــالَمِـين، وَالصّـلاة وَالسّــلام علـى ســيّدنا محـمَّدٍ، خاتــم الأنبيــاء والمرســلين، وَعلـى آلـه وَصَحْبِــهِ أجمـعــين.
      
ކުޅުދުއްފުށީގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، ކައިރި ރަށްތަކުން މި ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހާ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ތިޔަބޭފުޅުންނާއި އަދި އެންމެހާ ޖަލީސުން، މި ޖަލްސާ ބައްލަވަމުން ގެންދަވާ ޕީ.ޕީ.އެމް.އަށް ޝައުޤުވެރިވާ، ޕީ.ޕީ.އެމް.ގެ މެންބަރުންނާއި، އަޅުގަނޑުމެންގެ ފިކުރަށް ތާއީދުކުރައްވާ އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުން، އަދި އަޅުގަނޑުމެންނާ ގުޅިވަޑައިގަތުމުގެ އިންތިޒާރުގައި ތިއްބެވި މިވަގުތު އަޅުގަނޑުމެންގެ ފިކުރާ ތަންކޮޅެއް ބީކޮށް ތިއްބެވި ހުރިހާ ލޮބުވެތި ދިވެހި ރައްޔިތުން؛
 
السّــلام عليــكم ورحـمــة اللّـه وبـركاتـه.
 
އަޅުގަނޑު ރާއްޖެތެރޭގައި އެކި ހިސާބުތަކަށް ދަތުރުކުރާއިރު، އަޅުގަނޑުގެ ލޮލުން އަބަދުވެސް ފެންހިލުވާލާ. ފެންއާދޭ. އަސަރުކުރޭ. އުފަލުގެ އަސަރުތަކާއި ޝުޢޫރުތައް. ހިތްދަތިކަމާއި ހިތާމައިގެވެސް ޝުޢޫރުތައް. އަޅުގަނޑުމެން ދިވެހިރާއްޖޭގައި މަދަނިއްޔަތެއް ޤާއިމުކޮށް އުޅޭތާ ދުވަސްތަކެއްވެއްޖެ. ހަމަގައިމުވެސް ދިވެހިރާއްޖެއަކީ ދޮށީ ޤައުމެއްގެ ގޮތުގައި ފާހަގަކުރެވޭ ރާއްޖެއެއް. އަޅުގަނޑުމެންނަކީ، ހަމައެކަނި 1153 ވަނަ އަހަރު ދުނިޔެ ދުށް ޤައުމެއް ނޫން. އެއީ އަޅުގަނޑުމެން އިސްލާމްދީން އިޚްތިޔާރުކުރި ދުވަސް. އޭގެ އެތައް ސަތޭކަ، އެތައްހާސް އަހަރެއް ކުރިންވެސް ދިވެހިރާއްޖޭގައި މީހުން އުޅޭ. ކުޑަ ޖަޒީރާ ޤައުމެއް. ބޮޑެތި ރާޅުގެ އުނދަގޫ އަޅުގަނޑުމެންގެ ގޮނޑުދޮށަށް ބީއްސަމުން ގެންދިޔަ ރާއްޖެއެއް. އަބަދުވެސް އަޅުގަނޑުމެންނާ ތޮޅެން ބޭރުގެ ކަރަކަރައިން ފަރަންޖީން ޒިޔާރަތްކުރި ރާއްޖެއެއް. މުޅިރާއްޖޭގެ ޢިއްފަތްތެރިކަން ނަގަލާފައިވަނީ އެއްފަހަރަކު ދެފަހަރަކު ނޫން. 
 
މިއަހަރުވެސް އަޅުގަނޑުމެން އިހަށްދުވަހު މި ފާހަގަކުރީ ނަޞްރުގެ ދުވަސް. އަޅުގަނޑުމެންގެ ޤައުމުގެ ހަމަޖެހުމާއި، އަޅުގަނޑުމެންގެ ވިސްނުމުގެ ހަމަޖެހުމާއި، އަޅުގަނޑުމެންނަކީ ޞުލްޙަވެރި ބައެއް ކަމަށް މުޅި ދުނިޔެއަށް މަޝްހޫރުވެފައި އޮންނައިރު، އެފަހަރުވެސް އަޅުގަނޑުމެންގެ އިނަސެންސް، އެ ޢިއްފަތްތެރިކަން ނަގާލާފައި މިވަނީ އެތައް ބަޔަކު ކަތިލައި ބިމަށް ތިރިކޮށްލައިގެން. ވާދަވެރި، ޙަސަދަވެރި ޢުދުވާނުގެ ތެރެއިން. މިއީ އަޅުގަނޑުމެން ނަގަންޖެހޭ ފިލާވަޅުތައް ނަގަންޖެހޭ ސަބަބު. އަޅުގަނޑު ރަށްރަށަށް ދަތުރުކުރާއިރު ހަމަގައިމުވެސް އަޅުގަނޑުގެ ހިތަށްއަރަނީ، ކިތަންމެކަހަލަ ބަދުނަސީބު ކަންކަމެއް އަޅުގަނޑުމެންނާ ދިމާވެފައި ހުއްޓަސް، ކިތަންމެވަރަކަށް އަޅުގަނޑުމެންނާ ތޮޅެފައި ހުރި ކަމުގައިވީނަމަވެސް ﷲގެ ރަޙްމަތް ހާދަބޮޑޭ. ޙަޤީޤަތުގައިވެސް އެކި ފަހަރުމަތިން، އެކިއެކި އިސްތިޢުމާރީ ބޮޑެތި ބާރުތަކުގެ ވާގިވެރިކަމާއެކީ ދިވެހިރައްޔިތުން އުފައްދާފައި ހުރި ޙަސަދަވެރިކަމުގެ ތެރެއިން، ފިތުނައިގެ ތެރެއިން އަޅުގަނޑުމެންނާ ހަމަލާދީ، ހަނގާކޮށްފައި ހުރީ މަދަކުންނެއް ނޫން. އެއީ ކުރީގެ ތާރީޚެއްވެސް ނޫން. ފަހުގެ ތާރީޚުވެސް ނެތް. އޮނަތިރީސް އަހަރު ކުރީގެ ތާރީޚާ ހަމައަށް އަންނަކަމަށްވަންޏާވެސް ހަމަ އެކަން އޮތީ އެގޮތަށް. އެއްވެސް ތަފާތެއް ނެތް. ހަމަ ޒަމާނީ ހަތިޔާރުގެ ވަސީލަތް ތަފާތުވުން ފިޔަވައި، އެއްވެސް ބަދަލެއް ނާދޭ.  
 
އަޅުގަނޑުމެންނަށް ފަހުން ދިމާވެފައި ހުރި ކަންތައްތަކުގައިވެސް، އަދި މިހާރު މި ފެންނަމުންދާ ކަންތައްތަކުގައިވެސް އަޅުގަނޑުމެން ހަމަ ޚިޔާލަށްވެސް އަންނަނީ، އަލިރަސްގެފާނު ޝަހީދު ކުޅައުމާއި، ޕޯޗުގީޒުން ދިވެހިރާއްޖެ މިނިވަންކުރިއިރު، އޭރު އަޅުގަނޑުމެންގެ ޤައުމަށް ޣައްދާރުވި ދިވެހިރައްޔިތުން އޭރުވެސް ކިޔަމުން ގެންދިޔައީ، އަނދިރިޔަކަސް އައްޔަކަސް، ތިމަންނަމެނަށް ހެވޭ. ތިމަންނަމެންގެ ވެރިކަން ކުރާނެ ބަޔަކު ވެއްޖެކަމަށްވަންޏާ، ތިމަންނަމެންނަށް އެއަކުންނެއް އެއްވެސްކަހަލަ މައްސަލައެއް ނުޖެހޭނެއޭ. އެހެންވީމާ، މި އަނދިރިޔާއި އައްޔާއި ދޭތެރޭގެ ތަފާތުން ދިވެހިރާއްޖެ އެތަކެއް ޤަރުނު ހޭދަކުރާއިރުވެސް ސަލާމަތްވެވޭތޯ މިއުޅެނީ. މިއަދުވެސް އަޅުގަނޑުމެން މި ދައްކަނީ ހަމަ އެވާހަކަ. އަނދިރިޔަސް، އައްޔަސް ހެވޭ. އިސްލާމީ އުސޫލުތައް މިތާ އޮތަސް އަދި ޣައިރު މުސްލިމް އުސޫލުތަކަށް ތާއީދުކުރެވޭ ގޮތަށް ކަންކަން ހިނގި ކަމުގައިވީނަމަވެސް، ވެރިކަމާ ހަމައަށް އާދެވޭކަމަށްވަންޏާ އަނދިރިޔަސް، އައްޔަސް ތަފާތެއް ނެތްކަމަށް ސިފަކުރާ މީހުން މަދުނުވާތީ އަޅުގަނޑުމެން ހިތާމަކުރަނީ. 
 
ރަށްރަށަށް ޒިޔާރަތް ކުރާއިރު، އަޅުގަނޑުގެ ލޮލުން ފެން ފާއްދާލާ ކަމަކީ، މިހާގިނަ ދުވަސް ދިވެހިރާއްޖެ ވެގެންދާއިރުވެސް ރައްޔިތުންގެ ބޭނުންތައް އަދިވެސް ހަމަ އިތުރު. ރަށްރަށުގައި ވަރަށް ހާލުގައި ވަރަށް ނިކަމެތިކަމާއެކީ އުޅޭ ރައްޔިތުންތަކެއް އެބަތިބި. އަދިވެސް މިއުޅެނީ މުޅި ރާއްޖޭގެ ހުރިހާ ރަށްރަށަކަށް ބޯފެނާއި ނަރުދަމާގެ ޚިދުމަތްތައްވެސް އާންމުނުކުރެވިގެން. އަޅުގަނޑުގެ ލޮލުން ފެން ފާއްދާލަނީ އުފާވެރިކަމާވެސްއެކީ. އުފާވެރިކަމަކީ ކަންތައްތަކެއް ކޮށްދެވޭނެކަން ގަބޫލުކޮށް، އުންމީދުތަކެއް އަޅުގަނޑާ ރައްޔިތުން ގުޅުވާތީ. އަޅުގަނޑުމެން މި ރަށްރަށަށް އަންނައިރު، އަޅުގަނޑު ހިތަށްއަރަނީ، އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ، ހަމަ އެހާ ބަދުނަސީބު ބައެއް ގޮތަށް، އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުން ވިސްނަން، ކޮން ޙައްޤެއްބާއޭ އޮތީ. އަޅުގަނޑުމެންނަކީ ޤަދީމީ ޒަމާނުއްސުރެ ކުރަމުން އައި ކަމެއް، އަބަދު އެއްގޮތަކަށް ކުރަންޖެހޭ ބައެއްބާއޭ! ސަގާފީ ކަންކަމާއި ރިވެތި އުސޫލުތައް، މިކަންކަމުން އިސްތިސްނާކޮށްފައި މި ދަންނަވަނީ.
 
އެކަމަކު ކުރިއަށްދާން ކުރާ މަސައްކަތްތަކުގައިވެސް، ޞިނާޢަތު ތަރައްޤީ ކުރުމަށް ކުރާ މަސައްކަތުގައި، ވަޒީފާ ހޯދުމަށް ކުރާ މަސައްކަތުގައި، ޒުވާނުންނަށާއި ރަށްރަށަށް ތަރައްޤީ ގެނައުމަށް ކުރާ މަސައްކަތުގައި، އަބަދުވެސް ތިބެންޖެހޭނީ ބޮނބިފާކުރަންހެއްޔޭ! އަބަދުވެސް އަޅުގަނޑުމެންގެ ބަނބުކެޔޮ ގަހުން ލިބޭ ބަނބުކެޔޮކޮޅު ތެތްލައިގެން ބޭރަށް އެކްސްޕޯޓް ކުރާ ހިސާބުގައިތޯއޭ އަޅުގަނޑުމެންގެ ވިސްނުން ހުންނަނީ! އަޅުގަނޑުމެންގެ އިޤްތިޞާދު ކަފުނަށް ތިރިނުކުރަމާތޯ! އަޅުގަނޑުމެންނަކީ އެއަށްވުރެން ޝަރަފުވެރި ބަޔަކަށްވާންޖެހޭ ދޮގެއްތޯ! އަޅުގަނޑު މި ވާހަކަ ދައްކަނީ ކަނޑު ހުރަސްކޮށް، އެއްބައްރުން އަނެއް ބައްރަށް ދަތުރުކުރާ ވާހަކަ. އަޅުގަނޑުމެން މި ވާހަކަ ދައްކަނީ، ކުޅުދުއްފުށީގައި މިއަދު ތިބޭ ކަމަށްވަންޏާ ރާއްޖޭގެ ބިމުގެ މުއްސަނދިކަން އިތުރުކުރުމަށްޓަކައި، އަޅުގަނޑުމެންގެ އަމިއްލަ ފުދުންތެރިކަން، އެތައް ގުނަޔަކަށް އިތުރުކުރި ވާހަކަ. ފަހަރުގައި ވެދާނެކަންނޭނގެ، އަބަދުވެސް އަޅުގަނޑަށް ފެންނަނީ ހަވީރުގެ ހިޔަނި ކަމަށް. އަބަދުވެސް އަޅުގަނޑަށް ފެންނަނީ އަޅުގަނޑުގެ ހަވީރުގެ ހިޔަނި. އެހެންވީމަ ކަންނޭނގެ. އެހެންނަމަވެސް، އަޅުގަނޑު ބޭނުންވަނީ ރައްޔިތުންނަށް އުންމީދުތަކެއް ދޭން. އަޅުގަނޑު ބޭނުންވަނީ ރައްޔިތުން އަޅުގަނޑާ އުންމީދާ ގުޅުވަން. އަޅުގަނޑު ބޭނުންވަނީ ރައްޔިތުން އަޅުގަނޑާ ރައްޔިތުންގެ ފާގަތިކަމާއި، އުފަލާއި ހިތްހަމަޖެހުމާއި، އިޚްލާޞްތެރިކަމާއެކީ އަޅުގަނޑާ އެކަންކަން ގުޅުވަން. 
 
ދިވެހިރާއްޖެއަކީ، އުތުރުން ދެކުނަށް އަތުރާލެވިފައި ހުރި އަތޮޅުތަކާއި ޖަޒީރާ ރަށްތަކަށް ބަލާކަމަށްވަންޏާ، ދިވެހިރާއްޖެއަކީ ސިލޯނުގެ ހަގުނަ، ހަތްގުނަވަރުގެ ބައްރެއް. އެކަމަކު އަޅުގަނޑުމެންގެ ބަދުނަސީބަކީ، ދޭތެރޭގައި އޮންނަ ކަނޑު ބޮޑުކަން. ހިކިފަސް ތަންތަން އަޅުގަނޑުމެންގެ ކުޑައީ. އެހެންނަމަވެސް، އުތުރުން ދެކުނަށް ދިވެހިރާއްޖޭގެ ސިޔާސީ ބާރު ހިންގާ ސަރަޙައްދަށް ބަލާކަމަށްވަންޏާ، އަދި އިޤްތިޞާދީ ބާރު ހިންގާ ސަރަޙައްދަށް ބަލާކަމަށްވަންޏާ، ހަމަގައިމުވެސް ދިވެހިރާއްޖެއަށް ހަވީރުގެ ހިޔަނި ނުފެންނަންވީ އެއްވެސް ސަބަބެއް ނެތް. ދިވެހިރާއްޖެއަކީ އަޅުގަނޑުމެން ތަނަވަސްކުރަން ބޭނުން މިންވަރަކަށް، އެ ފުރުޞަތު ﷲ ތަނަވަސްކުރައްވާފައި އޮތް ތަނެއް. 
 
އެހެންވީމާ، އަޅުގަނޑުގެ ލޮލުން މި ދެންނެވި ގޮތަށް ފެން ހިލުވާލާ އަނެއްކަމަކީ، ޙަޤީޤަތުގައިވެސް ރައްޔިތުންނަށް އަންނަ ކުރިއެރުމާއި ރައްޔިތުންގެ އުންމީދުތައް އިތުރުވަމުންދާތީ އަންނަ ހިތްހަމަޖެހުން. އެއާއެކީވެސް އަޅުގަނޑުގެ ޚިޔާލަށް ގެނެވެނީ، އަދިވެސް އަޅުގަނޑުމެން ކުރަންހުރި ކަންތައްތައް ހާދަ ގިނައޭ. އެއްއިރެއްގައި ކަމެއް ނުކުރެވިފައި އޮތުން، އެއްއިރެއްގައި ކަމެއްނުކޮށް ދޫކޮށްލާފައި އޮތުން އެއީ، އަޅުގަނޑުމެން ނަހަދަމާ ހިންގަވާ އަޅުގަނޑުމެންނަށް އެކަން ނުކުރެވޭނެ ކަމަށް. ނޫނީވިއްޔާ އެކަން ކޮށްގެން ނުވާނެކަމަށް ދެކޭ ދެކުން، ދެކޭ ދުށުން، ހިންގަވާ އަޅުގަނޑުމެން ކުށްވެރި ކުރަމާ. ކީއްވެގެންތޯ އަޅުގަނޑުމެންނަކީ އަބަދު ބޮނބިފާކުރާ ބަޔަކަށް ތިބެންޖެހެނީ؟ އަޅުގަނޑު ނުދަންނަވަން މިއީ ޝަރަފުވެރި މަސައްކަތެއް ނޫނޭ. އެހެނެއްނޫން މި ދަންނަވަނީ. އެކަމަކު ބޮނބިފާކުރަން ތިބޭ ސަތޭކަވަރަކަށް ޢާއިލާއަށް، އެ ލިބޭ އާމްދަނީއަށް ބަލާއިރު، އަޅުގަނޑު ހިތަށްއަރަނީ ބޮޑު ތިލަދުންމަތީގެ މައިގޭޓު މިއަދު މި ހުޅުވިގެންދަނީ. އެ އުފަލުގައި ތިޔަބޭފުޅުންނާއެކީ އަޅުގަނޑުމެން މި ބައިވެރިވަނީ. އިޤްތިޞާދީ ބޮޑު ނާރެސް މިތަނުގައި އަޅުގަނޑުމެން ޤާއިމުކުރުމުގެ މަސައްކަތް އަޅުގަނޑުމެން މި ކުރަނީ. މި ހުޅުވިގެންދާއިރު، ޚިޔާލަށް ގެންނަވާ، މިތަނަށް އަންނާނެ މުއްސަނދިކަން، ފަތުރުވެރިކަމުގެ ޞިނާޢަތު ފުޅާވެގެން ދިޔައިމާ. 
 
އަޅުގަނޑުމެންގެ ޒުވާން ކުދިންނަށް މިހާރުވެސް ޗޮއިސްއެއް ދެއްވާ! ޓޫރިޒަމުގެ ޞިނާޢަތުން މިހާރު އެކުދިންގެ ޖީބަށް ވަންނަ ފައިސާ އިތުރުވުމުގެ ފުރުޞަތުތޯ އޮންނާނީ، ނޫނީ ތާއަބަދަށް ބޮނބިތަޅައި، ލޮލުން ހަމަ ވިދުވަރު ދަންދެން އެ މަސައްކަތުގައި ތިބުމުގައި އެއީތޯ ކުރާނެކަމަކީ! އަޅުގަނޑުމެން މީގެ ޖަވާބެއް ބޭނުމެއްވެސް ނޫން. އަޅުގަނޑުމެނަށް، މިއަދު މީގެ ޖަވާބު އަޅުގަނޑު މިރަށަށް ޒިޔާރަތްކުރީމާ، ކުޅުދުއްފުށީގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން އަޅުގަނޑަށް ދައްކަވައިދެއްވައިފި. ކުޅުދުއްފުށީގެ ކަނބަލުން އިއްޔެ މަހާޖައްރާފާގެ ޝަރަފުގައި ގެންދެވި ފަރިވަޅަކީ ޙަޤީޤަތުގައިވެސް ކުޅުދުއްފުށީގެ އުންމީދުތައް ގުޅިފައި މިވަނީ، އިޤްތިޞާދީ ތަނަވަސްކަމާއި، ވަޒީފާގެ ފަހިކަމާއި، އަދި މުޅި ސަރަޙައްދުގެ ނާރެސްގޮތަށް ކުޅުދުއްފުށި ބަދަލުވެގެންދާނެ ކަމުގެ އުންމީދުތަކާ ގުޅިފައިވާ ކަންކަމަށް ތިޔަބޭފުޅުން އިޖާބަ ދެއްވާތީ. އެހެންވީމާ، ކީއްވެގެންތޯ އަޅުގަނޑުމެންގެ ޚިޔާލު، މި ދެންނެވި ގޮތަށް އަބަދު އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ހިޔަނި ހަވީރު 5 ޖަހާއިރުގެ ހިޔަންޏެއް ނުފެންނަންވީ؟ އުންމީދުކުރުމުގެ އޮތީ ކޮންކުށެއްތޯ؟ އިސްލާމްދީންމަތީގައި ތިބުމުގައި އަޅުގަނޑުމެންގެ އޮތީ ކޮންކުށެއްތޯ؟ ދުނިޔޭގައި އަޅުގަނޑުމެންނަކީ ހަމަ އެއްވަރަކަށް އެއް ޙައްޤުތަކެއްގެ މަތީގައި ތިބި އިންސާނުންތަކެއް. ހަމަގައިމުވެސް ﷲގެ ޙަޟްރަތުގައި އަޅުގަނޑުމެންގެ މާތްކަން އިތުރުވެގެންދާނެ. 
 
އެހެންވީމާ، އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުން ކަންކަމާ ވާހަކަފުޅު ދައްކަވާ، ވިސްނާވަޑައިގަންނަވާއިރު މިރޭ ފުރަތަމަ އަޅުގަނޑު ހަމަ ރެކޯޑް ރަނގަޅުކޮށްލުމަށްޓަކައި އަޅުގަނޑު ދަންނަވާނަން، އަޅުގަނޑުމެންގެ ޕާޓީއަކީ ދީނީ ޢިލްމުވެރިންނަށް ވަރަށް އިޙްތިރާމުކުރާ ޕާޓީއެއް. އެހެންނަމަވެސް، އަޅުގަނޑަށް ދެންނެވުނު ވާހަކައަކުން އަޅުގަނޑަށް އެނގޭ ކޮންމެވެސްވަރަކަށް އަސަރުކޮށްފިކަން. އެކަމަކު އަޅުގަނޑުގެ މުރާދަކީ، އަޅުގަނޑު އެ ވާހަކަ ދެންނެވުމުގެ މުރާދަކީ، އަޅުގަނޑުމެން މުޅި ދައުލަތް ހިންގުން، މުޅި ދައުލަތުގެ އަމާނާތް، އަޅުގަނޑުމެން ހުރިހާ ޒުވާނުންނާއި ހުރިހާ ދޮށީ ރައްޔިތުންނާ، މުޅި ދައުލަތުގެ ކަންކަން ނިންމުމުގެ ވަލީ ހަވާލުކުރާ މީހެއް އިޚްތިޔާރު ކުރުމުގައި، ޢިލްމުވެރިން ފާޑުވިދާޅުވާ ކަމަށްވަންޏާ، ގޮތެއް ނެރެދެއްވާކަމަށްވަންޏާ އަޅުގަނޑު ހަމައެކަނި ދެންނެވި ވާހަކައަކީ، ރަނގަޅަށް ރިސަރޗް ކުރައްވާށޭ. ރަނގަޅަށް ދެނެވަޑައިގަންނަވާށޭ. އެމީހެއްގެ ފަތްފުށް ރަނގަޅަށް ބައްލަވާފައި، އެމީހަކު ރައްޔިތުންނަށް ދައްކަވާށޭ. އެހެން ނުހެއްދެވީމަ، އަޅުގަނޑުމެން އުފުލަންޖެހުނު ގިލަންވެރިކަމުގެ ވާހަކަ ދެންނެވޭތޯ އަޅުގަނޑު އުޅުނީ. ޢިލްމީ ބޭފުޅުންގެ ޢިލްމަކަށް، ނޫނީވިއްޔާ ޢިލްމީ ބޭފުޅުންގެ ވިސްނުންފުޅަކަށް އަޅުގަނޑު އެއްވެސް ކުޑައިމީސްބަހެއް ދަންނަވާކަށް ނެތީން. އެއަށްވުރެ މާ އިޙްތިރާމު ކުރާ ބޭފުޅުން އެއީ. އެހެންވީމާ، އަޅުގަނޑުމެންގެ ޕާޓީގެ އެއްވެސް ބޭފުޅަކު ޢިލްމުވެރިންނަކަށް ފާޑެއް ވިދާޅެއްނުވާނެ. އަޅުގަނޑުމެން މި ފާޑުކިޔަނީކީ ޢިލްމުވެރިންނަކަށް ނޫން. އަޅުގަނޑުމެން މި ފާޑުކިޔަނީ ކަންކަމުގެ ނަތީޖާއާ ދޭތެރޭގައި، އަޅުގަނޑުމެންނަށް ވިސްނައިނުލެވި ކުރެވޭ ކަންކަމުން މި ބައްދަލުކުރާ ހިތި ތަޖުރިބާތަކާއި ވޭންތަކާ. އެކަންކަމަށް އަޅުގަނޑުމެން ފާޑު މި ދަންނަވަނީ. އެހެންވީމާ، މިރެއިން ފެށިގެންވެސް އަޅުގަނޑު ހަމަ ވަޞިއްޔަތް ކުރަން، ދަންނަވަން، ނަސޭހަތްތެރިވަން އަޅުގަނޑުމެންގެ ޕާޓީގެ ހުރިހާ ބޭފުޅުންނަށްވެސް. އަޅުގަނޑުމެންގެ ވާހަކައިގެ މުރާދު ބިނާކުރާނީ މި ދެންނެވި ގޮތަށް. އަޅުގަނޑުމެން އިޙްތިރާމުކުރާ ބޭފުޅުން ޢިލްމުވެރިންނަކީ. ޢިލްމުވެރިންނަށް ފާޑުކީކީ އަޅުގަނޑުމެންގެ ސަރުކާރަކުންނެއް ނޫން. 
 
އެހެންވީމާ، އެވާހަކަ ދަންނަވާލާފައި، އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މިއަދު އަޅުގަނޑުމެން މިރަށަށް އައިމާ، ތިޔަބޭފުޅުން ތިޔަ ވިދާޅުވި މަރްޙަބާއަކީ، ޝައްކެއްވެސްނެތްގޮތުގައި، ތިލަދުންމަތީގެ ގޭޓު މިހާބޮޑަށް ފެތުރިގެންދާއިރު، ހުޅުވައިލާއިރު، ދޮރާށި ފެތުރިގެންދާއިރު، އެ ދޮރާށިން ނުކުންނަވަރުގެ އަދަދު ތިލަދުންމަތިން، ނޫނީވިއްޔާ ކުޅުދުއްފުށްޓަށް އައިމާ، އަޅުގަނޑަށް މަރްޙަބާ ތިޔަ ވިދާޅުވީ. އިޚްލާޞްތެރިކަމާއެކީ ހިފެހެއްޓުމެއްނެތް ޝުކުރު ފަށްފަށުން ތިޔަ އެންމެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު މިދަންނަވަނީ އަދި މި މުނާސަބަތުގައި ބައިވެރިވެވަޑައިގަންނަވަން ކައިރި ރަށްތަކުންވެސް ވަޑައިގެންނެވި ބޭފުޅުން އަޅުގަނޑަށް މިއުފަލާއި ޝަރަފު ދެއްވިކަމަށްޓަކައި.
 
އާދެ، ކުޅުދުއްފުށީގައި އެއަރޕޯޓެއް އެޅުމުގެ ބިންގާ މިއަދު މި އެޅުނީ. ފުރަތަމަކަމަކީ، ކުޅި ހިއްކުމުގެ މަސައްކަތް. އެއާއެކީ މި މަސައްކަތް ފެށިގެންދާނީ. އަޅުގަނޑަށް ލަފާކުރެވޭގޮތުގައި މިއީކީ ބޭރުން ފައިސާ ހޯދަން އަޅުގަނޑުމެން ބޭނުންވާ ކަމެއްވެސް ނޫން. ކުޅުދުއްފުށީގެ ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ނަޝީދު، މިއަދު ވާހަކަފުޅުގައި އަޅުގަނޑަށް އިޝާރާތް ކުރެއްވި. އެއްވެސްކަހަލަ ހުއްޓުމެއްނައިސް ރައްޔިތުންގެ އުންމީދަކީ ކުޅުދުއްފުށީގެ ރައްޔިތުންގެ އުންމީދަކީ، މި އެއަރޕޯޓް ނިމިގެން އެއަރޕޯޓަށް ބޯޓް ޖައްސާތަން ފެނިގެންދިޔުމޭ. މިކަން ހަމަޖެހިގެންދިޔުމޭ. މިއީ، މުޅި ކުޅުދުއްފުށީގެ ރައްޔިތުންގެ ފަރާތުން އެމަނިކުފާނު އަޅުގަނޑަށް ކުރެއްވި އިލްތިމާސް. އަޅުގަނޑުމެންގެ ސަރުކާރުން މަސައްކަތް ކުރަނީ އިޚްލާޞްތެރިކަމާއެކީ. އަޅުގަނޑުމެންގެ ސަރުކާރުން މަސައްކަތް ކުރަނީ، އެއްގޮތަކަށްވެސް ހުވަފެން ދައްކާކަށެއް ނޫން. އިޚްލާޞްތެރިކަމާއެކީ މަސައްކަތް ކުރުމުގެ ނަތީޖާކަންނޭނގެ، އަޅުގަނޑުމެންނަށް ރާއްޖޭގެ ހުރިހާ ދިމާއެއްގައި ކުރިން ނުވެވޭނެ ކަމަށް، ރާއްޖޭގައި ތަނަވަސްކަން ނެތީމަ ނުކުރެވޭނެ ކަމަށް ގަބޫލުކުރި އެތައްކަމެއް މިއަދު ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެންނަށް ހާސިލުވަމުން މިދަނީ. 
 
އަޅުގަނޑުމެން މިހާރު އިންތިޒާރުކުރާގޮތުގައި ވެއްޖިއްޔާ، މި އެއަރޕޯޓަށް އިރާދަކުރެއްވިއްޔާ، ބޯޓްޖައްސައި އުދުއްސަން ފަށާނެ، އިރާދަކުރެއްވިއްޔާ، އަންނަ އަހަރުގެ އޮގަސްޓު މަސް ނިމުމުގެ ކުރިން. މިއީ، މިކަމަށް ބޭނުންވާ މުޅި ފައިސާ 2018 ވަނަ އަހަރުގެ ބަޖެޓުގައި ޖަހާފައި އޮތް މަޝްރޫޢެއް. މިއީކީ ބޭރުގެ ފައިސާއަކަށް އަޅުގަނޑުމެން ބަރޯސާވާ ކަމެއްނޫން. އެހެންވީމާ، އިރާދަކުރެއްވިއްޔާ މަސައްކަތުގެ ހަލުވިމިން އޮތީ. އަޅުގަނޑުމެން އަންދާޒާކުރާ ގޮތުގައި އިރާދަކުރެއްވިއްޔާ އޮގަސްޓު މަހުގެ ތެރޭގައި، މި އުފާ ކުޅުދުއްފުށީގެ ރައްޔިތުންނަށް މި ފަސޭހަކަން ލިބިގެންދާނެ. 
 
އެއާއެކީ އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ކުޅުދުއްފުށީގައި އެއަރޕޯޓެއް. ޖައްރާފާ ދެން ނުކުމެގެން ށ. އަތޮޅާ ދިމާއަށް މިޞްރާބު ޖަހާނީ. ށ. ފުނަދޫގައި އެއަރޕޯޓެއް. އަދި ހަމައެއާއެކީ، ހަނިމާދޫގައި މިހާރުވެސް އެއޮތީ އެއަރޕޯޓެއް. މިހާބޮޑު އަތޮޅަކަށް، ޤުދުރަތީ އަތޮޅަކަށް، ކީއްވެގެންތޯ އެއް އެއަރޕޯޓް، ދެ އެއަރޕޯޓް، ތިން އެއަރޕޯޓް ގިނަކަމަށް އަޅުގަނޑުމެންނަށް ތަޞައްވުރު ކުރެވެނީ؟ އަޅުގަނޑުމެންގެ ވިސްނުން މިހިރީ އެއަރޕޯޓަކީ ހަމައެކަނި ދަތުރުފަތުރަށް ފަސޭހަކޮށްދޭ އެއްޗެއް ނޫން. އެއަރޕޯޓަކީ އިޤްތިޞާދީ މަސައްކަތުގެ މައިބަދަ. 
 
އެހެންވީމާ، ށ. އަތޮޅުގެ އެއަރޕޯޓަކީވެސް ހެދެންޖެހޭ އެއަރޕޯޓެއް. އަދި ހަނިމާދޫ އެއަރޕޯޓަކީ މިހާރު އޮތްވަރަށްވުރެ ފުރިހަމަކޮށް އެއަރޕޯޓުގެ ހުރިހާ ވަސީލަތްތައް ތަރައްޤީ ކުރެވޭނެ އެއަރޕޯޓެއް. އެކަމަކު އެކަމުގެ ފުރުޞަތު ކުޅުދުއްފުށީގެ ރައްޔިތުންވެސް، ށ. އަތޮޅުގެ ރައްޔިތުންވެސް، ހަނިމާދޫގެ ލޮބުވެތި ރައްޔިތުންވެސް އެބަ އަޅުގަނޑަށް ދެއްވަންޖެހޭ. އެއީ ރައްޔިތުންނާ ހަވާލުވާ މަސްއޫލިއްޔަތަކީ. މިކަންކަން ކުރުމުގެ ފުރުޞަތު އަޅުގަނޑަށް އެބަ ލިބެންޖެހޭ. އަޅުގަނޑު ފެށީ މަސައްކަތެއް. އަޅުގަނޑުގެ މަސައްކަތް އަދިވެސް އަޅުގަނޑަށް ފެންނަނީ ކުރިއަށް. އަޅުގަނޑު ފެށީ އުންމީދެއް. އަޅުގަނޑުގެ އުންމީދު އަދިވެސް އޮތީ ކުރިއަށް. އަޅުގަނޑަށް ފެންނަނީ ހުވަފެން. އަބަދު ފެންނަނީ ހުވަފެން. ތަރައްޤީއާއި ކުރިއެރުމާއި، ރައްޔިތުންގެ އުފަލާއި، ރައްޔިތުންގެ އިންތިޒާރުތައް އަޅުގަނޑުގެ ހުވަފެނުގައި ކުލަޖައްސައިދެނީ. އެހެންވީމާ، މިކަންކަން ކުރުމަށް އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަން އޮތްކަން اللّـه سبحـانـه وتعـالى ދެނެވޮޑިގެންވާނެ.
 
އަޅުގަނޑު ހަމަ މިރަށަށް އައިސްފައި، ބޮޑު ތިލަދުންމަތީގައި އިޤްތިޞާދީ ގޭޓުވޭ ހުޅުވިގެންދާއިރު އަޅުގަނޑު ހިތަށްއަރަނީ، މި އެއަރޕޯޓް އުފެއްދުމުން، ނޫނީ މިއެއަރޕޯޓް ހަމަޖެހިގެން ދިޔައިމާ ޝައްކެއްވެސްނެތްގޮތުގައި، ދަތުރުފަތުރު ފަސޭހަވެގެންދޭ. އެކަމަކު އެއާއެކީ އަޅުގަނޑުމެން ބައިނަލްއަޤްވާމީ އެއަރޕޯޓްވެސް ހަމަ ނިމިގެންދާނީ، ދާދި މިދުވަސްވަރާ ދިމާކޮށް. ކުޅުދުއްފުށީގެ އެއަރޕޯޓާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ނިމިގެންދާނީ ހަމަ ދާދި އެއްދުވަސްވަރެއްގެ ތެރޭގައި. ކުޅުދުއްފުށީ ކައިރީގައި ގާތްގަނޑަކަށް ވިއްސަކަށް މިނިޓުގެ ދަތުރުގެ ރާސްތާގެ ތެރޭގައި، ލޯންޗް ދަތުރުގެ ރާސްތާގެ ތެރޭގައި އަޅުގަނޑުމެން މިއައީ މިފަހަރު، މިނިސްޓަރ ޒަމީރާއި އަޅުގަނޑާއި އަޅުގަނޑުމެން މިއައީ މި ރިސަރޗްވެސް ކޮށްފައި. ޓޫރިޒަމަށް ތަރައްޤީކުރާނެ ރަށްރަށް އެބަހުރި. ބޮޑެތި ބިޔަފަޅު އެބަހުރި. އަޅުގަނޑަށް ލިބިފައި އޮތް ތަފާސް ކުށް ނޫންކަމުގައިވަންޏާ، އެ ތަފާސް މުޠާލިޢާ ކޮށްލާނެ ވަގުތެއް ނުލިބުނު. މިތާ ކައިރީގައި ބޮޑު ދެފަޅު އެބައޮތް. ހަމަ ފިތްކަނޑައިގެންދާނެ ފަޅެއްގެ ބޮޑުމިން. އަޅުގަނޑަށް ލިބިފައި އޮތް ތަފާސްގެ އަދަދު ރަނގަޅު ކަމުގައިވަންޏާ، އަދަދު ދަންނަވައިފި ކަމުގައިވަންޏާ، އެއް ފަޅަކީ ހަތްސަތޭކަ އަށްޑިހަ ފަސް ހެކްޓަރު. އަނެއް ފަޅަކީ، އެއްހާސް ކޮންމެވެސް ހެކްޓަރެއް. މިވަރުގެ ބޮޑެތި ފަޅު ހުރިކަމަށް އަޅުގަނޑަށް މި މަޢުލޫމާތު ލިބެނީ. ކޮންމެއަކަސް މި ފަޅުތައް އަޅުގަނޑުމެން ތަރައްޤީ ކުރުމާއި، މި ރަށްރަށް އަޅުގަނޑުމެން ތަރައްޤީ ކުރުމުގެ އިޢުލާނު، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިފަހަރު މާލެގޮސްފައި މާދަމާ ހަމަ ގެޒެޓް ކުރެވޭތޯ ބަލާނަން. 
 
ކުޅުދުއްފުށީ ސަރަޙައްދަށް އެކަނި، މިދެންނެވި ރަށްތަކާއި އަދި ޞިނާޢީ މަސައްކަތް ކުރާނެ ކޭލަކުނު ކަހަލަ ބޮޑެތި ރަށްރަށް މިތާ ކައިރީގައި އެހެރީ. ކުޅުދުއްފުށީގެ އިޤްތިޞާދަށް ސީދާ ޓޫރިޒަމުގެ މަންފާ އެކަނި ބެލިކަމުގައިވީނަމަވެސް، މި އެއަރޕޯޓް ހުޅުވުމާއެކީ، އަދި އެއާއެކީ މިހާރު ރިޒޯޓެއް އަޅައި ނިންމާކަށެއް ދެ އަހަރު ދުވަހުގެ މުއްދަތެއް ބޭނުމެއްނުވާނެ. އަހަރެއްހާ ދުވަހުގެ މުއްދަތުން މިކަންކަން ކުރެވޭ. ކުޅުދުއްފުށީ ސަރަޙައްދަށް އެކަނި އަޅުގަނޑުމެންނަށް މިހާރު ލިބިފައިހުރި ތަފާސްއަށް ބަލާކަމަށްވަންޏާ، އެއްހާސް ފައްސަތޭކަ އެނދު އެބަ އިތުރުކުރެވޭ. ސީދާ ރިޒޯޓުގެ ވަޒީފާތަކަށް ބަލާކަމަށްވަންޏާ، ހަތަރުހާސް އާ ވަޒީފާ އެބަ އުފެއްދޭ. އަދި ހަމައެއާއެކީ މި އިންވެސްޓްމެންޓަށް ބަލާކަމަށްވަންޏާ، އެއްދާއިރާއަކަށް އަންނަ ބޮޑު ބިޔަ އިންވެސްޓްމަންޓެއް މިއީ. އަޅުގަނޑުމެން އެންމެ ދޭސީކޮށް، ނޫނީ އެންމެ އަންދާސާކޮށް، އެންމެ ކުޑަކޮށް ހިސާބުކުރާ ކަމަށްވަންޏާވެސް، މި އިންވެސްޓްމަންޓަށް އެބައަރާ ދުއިސައްތަ މިލިއަނަށްވުރެ ބޮޑު އަދަދު. އެކަމަކު މި އެއަރޕޯޓް ހެދި، މިތަނުގެ ޝައުޤުވެރިކަން ބޭރުގެ ފަރާތްތަކަށް އައުމާއެކީ، މިތަނުގެ އިންވެސްޓްމަންޓުގެ ސައިޒް ބޮޑުވެގެންދާނެކަން އަޅުގަނޑުމެން ގަބޫލުކުރޭ. މިވަރުންވެސް ހަމަ އަޅުގަނޑުމެން ބޮނބިފާކުރަން ޖެހޭނެތޯ؟ 
 
ށ. އަތޮޅާއި، ހއ. އާއި ހދ.އާ، މި ދާއިރާތަކަށް ބަލައިފި ކަމަށްވަންޏާ، މިއީ ރާއްޖޭގެ ތަރައްޤީގެ ވަރުގަދަ ނާރެހެއް. ވަރުގަދަ ސަރަޙައްދެއް. ކުޅުދުއްފުށި މިވަނީ މިތަނުގެ ނާރެސްއަށް. އެހެންވީމާ، އިޤްތިޞާދީ ވިސްނުމަކީ، ކަންކަން ހައްލުކުރުމަށް އަޅުގަނޑު ގެންގުޅޭ ޚިޔާލު. ރައްޔިތުންނާ ހަމައަށް އަޅުގަނޑު ތިލަކުރި، އަދި އޭގެ ނަތީޖާ އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މިއަދު ފެނިގެން މިދަނީ. ދިވެހިން މުއްސަނދިވުމަކީ އަޅުގަނޑުމެން ޝަކުވާކުރަންޖެހޭ ކަމެއްތޯ؟ އަޅުގަނޑުމެންނަށް ލިބޭ ފުދުންތެރިކަން، މީގެ 4 އަހަރު ކުރިއާއި މިއަދާ ހިސާބުކުރާއިރު، ދެގުނަ މިއޮތީ އިތުރުވެފައި. އެއީ އެއްގޮތަކަށްވެސް އަޅުގަނޑުމެން އެކަމާދޭތެރޭ ހިތްހަމަނުޖެހެންވީ ކަމެއްނޫން. 
 
މިހާހިސާބަށް އައިއިރު އަޅުގަނޑުމެން ރައްޔިތުންނަށް ދިން އުންމީދަކީ، މިއަދަކީ އަޅުގަނޑުމެންނަށް 6 އަހަރު ފުރޭ ޖަލްސާކަމަށްވެސް ވާތީއާއެކީ، އަޅުގަނޑުމެން ރައްޔިތުންނަށް ދޭ އުންމީދަކީ، އަޅުގަނޑުމެންގެ ޕާޓީއަކީ އުންމީދުތަކާ ގުޅިފައި ހުރި ޕާޓީއެކޭ. އަޅުގަނޑުމެންގެ ޕާޓީ އައީ އުންމީދުތަކެއް ރައްޔިތުންނަށް ދެމުން. ރައްޔިތުންގެ ކަންކަން ރަނގަޅުކުރާނެ ކަމުގެ ސިގްނަލް އުތުރާއި ދެކުނަށް، އިރާއި ހުޅަނގަށް ދެމުން. ރާއްޖޭގެ އެކި ހިސާބަށް ރައްޔިތުންނަށް ވިސްނައިދެމުން އައި ޕާޓީއެކޭ.
 
އެކަމަކު އެއާއެކީވެސް، ހަމަ ހިތްދަތިކަމާއެކީވެސް އަޅުގަނޑު ވާހަކައެއް ދަންނަވާނަން. އަބަދު ކޮންމެ މަހެފިލަކީ، އުފާވެރި މަހެފިލަކަށްވެސް ނުވާނެ. އެކަމަކު ކޮންމެ މަހެފިލެއްގައި، އުފާވެރިކަމާއި ހިތްދަތިކަންވެސް ތަޙައްމަލުކޮށްލެވޭ ކަމަށްވަންޏާ، އަޅުގަނޑަށް ހީވަނީ ބެލެންސް މީހަކަށް އެ އިންސާނާ ވާނެކަންނޭނގެ. އެއްވެސް އިންސާނަކީ އަބަދު ރަން އުނދޯލި ހެއްލާނެ މީހެއްނޫން. އެއްވެސް އިންސާނަކީ އަބަދު ކަށިކުނބުރު ވަލެއްގެ ތެރޭގައި، އޭނާގެ މުޅިޙަޔާތް ހިނގާނެ މީހަކަށްވެސް ވެގެންނުވާނެ.
 
އަޅުގަނޑު ކިޔަވައިގެން އައީ ރާއްޖެއަށް ޚިދުމަތް ކުރަން. ވަރަށް ވަރުގަދަ އުންމީދުތަކަކާއެކީ. އަބަދުވެސް ވަރުގަދަ ޢަޒުމަކާއެކީ. އަބަދުވެސް ބަދަލުތަކެއް ގެނެވޭނެ ކަމަށް އުންމީދު ކުރަމުން. ޔުނިވަރސިޓީއަކުން އަލަށް ނުކުންނަ ކުއްޖެއްގެ ވަރަށް އުންމީދު ހުންނާނެ. ވަރަށް ރަނގަޅު ފުރުޞަތު އަޅުގަނޑަށް ތަނަވަސްވެގެންދިޔަ. ރައީސް މައުމޫންގެ ސަރުކާރުގައި ވަރަށް ގިނަ ފުރުޞަތުތައް ތަނަވަސްވެގެންދިޔަ. އެކަމަކު ސިޔާސީ ޙަޔާތަށް ބަލާކަމަށްވަންޏާ، މި ދުވަސްތަކުގެ ތެރޭގައި އަޅުގަނޑުގެ ސިޔާސީ ޙަޔާތް ބިންގާ އެޅިގެން، އަދި ސިޔާސީ ޙަޔާތެއް ފެށިގެން މިދަނީ. އަޅުގަނޑު ދުވަހަކުވެސް އުންމީދުކުރި ކަމެއްނޫން، ރައްޔިތުންގެ މަންދޫބަކަށްވެގެން، ރައްޔިތުންގެ މަޖިލީހަށް ވަނުން އެއީކީއެއް. އެހެންނަމަވެސް، އޭރު ޙާލަތު ނިޔާކުރިގޮތުން، ހަމަ ރައީސް މައުމޫންގެ އިލްތިމާސަކަށް، އަޅުގަނޑު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައި ހުރީ. މެންބަރެއްގެ ގޮތަށް އަންނަން މަޖުބޫރުވީ. 
 
1993 ވަނަ އަހަރު، ރައީސް މައުމޫން އެދިވަޑައިގެންނެވީ، އަޅުގަނޑު ރައީސް މައުމޫނުގެ ޢައްޔަނުކުރި މެންބަރަކަށް ރައްޔިތުންގެ މަޖިލީހުގައިވާން. އަޅުގަނޑު އެމަނިކުފާނަށް ދެންނެވިން، ފުރުޞަތަށް ވަރަށްބޮޑަށް ޝުކުރިއްޔާއޭ. އެހެންނަމަވެސް، މަނިކުފާނު ޢައްޔަނު ކުރައްވާނެ އެހެން ބޭފުޅަކު ޢައްޔަނު ކުރައްވާށޭ. އޭރުން އެ ގޮނޑިވެސް ލިބިވަޑައިގަތީއޭ. އެކަމަކު މަނިކުފާނު ބޭނުންފުޅުކަމުގައިވަންޏާ އަޅުގަނޑު އިރާދަކުރެއްވިއްޔާ އަންނާނަމޭ ރައްޔިތުންގެ ވޯޓާއެކީ. ރައްޔިތުން އިންތިޚާބުކުރާ މެންބަރެއްގެ ގޮތުގައި އަޅުގަނޑު އަންނަން ބޭނުމޭ. އޭރަށް ރައީސް މައުމޫނަށް ސަރުކާރަށް 2 ވޯޓު ލިބިވަޑައިގަތީ. އުނދަގޫ ދުވަސްތަކެއް އޭރު އެމަނިކުފާނަށް ކުރިމަތިވެގެންދިޔައީ. ﷲގެ ރަޙްމަތުން، އިއްތިފާޤުން ދިމާވީ ހަމަ އަޅުގަނޑު ދެންނެވިގޮތަށް. ނޮވެންބަރާ ހަމައަށް އައިއިރު، 1993 ވަނަ އަހަރު ނޮވެންބަރާ ހަމައަށް އައިއިރު، އަޅުގަނޑަށް ﷲގެ ރަޙްމަތާއެކީ، ވަޒީރުކަމާ ހަމައަށް ފުރަތަމަ އާދެވުނީ. ހަމައެއާއެކީ ނޮވެންބަރު މަހުގެ ތެރޭގައި އިންތިޚާބީ ގޮނޑިއެއް ހުސްވެގެންދިޔައީ. ކަންދިމާކުރިގޮތުން އެ ގޮނޑި ހުސްވެގެންދިޔައީ، އަޅުގަނޑުގެ މަންމަ ނިސްބަތްވާ ނ. އަތޮޅަށް. އެގޮނޑި ހުސްވީމާ، އެންމެ ފުރަތަމަ އެގޮނޑިއަށް ޝައުޤުވެރިކަން ހުރިކަން އަޅުގަނޑު ފާޅުކުރީ. އަޅުގަނޑު ބައި-އިލެކްޝަން ކާމިޔާބުކުރިން، ވަރަށްކުޑަ ދުވަސްކޮޅެއްގެ ތެރޭގައި. އެއާއެކީ އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގައި ނ. އަތޮޅު މެންބަރެއްގެ ގޮތުގައި، ބައި-އިލެކްޝަންގެ އިތުރުން ޖެހިޖެހިގެން 4 ދައުރު އިންތިޚާބުވެގެންހުރި މެންބަރެއްގެ ގޮތުގައި އަޅުގަނޑު އިނީމު. 
 
އެހެންނަމަވެސް، ސިޔާސީ ޙަޔާތަކީ ފަސޭހަ ޙަޔާތެއް ނޫން. އަބަދުވެސް ހިތްދަތިކަމާއި، އުނދަގުލާއި، ހަނގުރާމަޔާއި، ވާދަވެރިކަމާއި، ޙަސަދަވެރިކަމުގެ ތެރޭގައި މަސައްކަތް ކުރަންޖެހެނީ. އަބަދުވެސް އެންމެމަތީ ގޮނޑިއަށް ވާސިލުވާން، ދާން، ޝޯޓްކަޓް ނަގަން ބޭނުންފުޅުވާ ބޭފުޅުންތަކަކާއެކީ އަޅުގަނޑުމެން މަސައްކަތް ކުރަންޖެހުނީ. ފަސޭހަކަމަކަށްނުވޭ އެއްގޮތަކަށްވެސް. އަޅުގަނޑުމެން އެއިރު ސަތޭކައިންސަތޭކަ. ހަމަގައިމުވެސް އަޅުގަނޑު އިޚްލާޞްތެރިކަމާއެކީ މަސައްކަތްކުރީ ރައީސް މައުމޫން ހޮވަން. މިފަހަރުވެސް އަޅުގަނޑު ދެންނެވިން، ރައީސް މައުމޫން އިންތިޚާބަށް ކުރިމަތިލައްވަންޏާ، އެންމެފުރަތަމަ އެމަނިކުފާނަށް ބައިއަތު ހިފާނެ މީހަކީ އަޅުގަނޑޭ. އަޅުގަނޑު ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކީ މަސައްކަތްކުރީ. އެކަމަކު އަޅުގަނޑަށް ފެނިގެންދޭ، ވަށައިގެން ތަޞްވީރު ބަދަލުވަމުންދާތަން. ރައީސް މައުމޫނަށް އިޚްލާޞްތެރި ނޫން އެތައް ބޭފުޅުންނެއް އަޅުގަނޑުމެންނާ އެއްސަފުގައި، އެއްހަމައެއްގައި ވާދަކުރަމުންދާތަން އަޅުގަނޑުމެންނަށް ފެނިގެންދޭ. އެމަނިކުފާނުވެސް އެކި ތަޖުރިބާތައް ކުރައްވަމުން ގެންދެވި. ހަމަގައިމުވެސް މި ހަނގުރާމަ ކުރިއިރު، އަޅުގަނޑުގެ ސިޔާސީ ޙަޔާތް ފެށިގެން އައީކީ ފަސޭހަކަމާއެކީއެއް ނޫން.
 
ދެން އައީ ޕާޓީގެ ފިކުރުތައް. ޕާޓީއާއެކީ އައި ފިކުރު. މި ފިކުރުގެ ތެރޭގައި ޕާޓީ އުފެއްދުމަކީވެސް އަޅުގަނޑަށް ދިމާވި ހިތްދަތިކަމަކަށްވި. އުފާވެރިކަންވެސް ނުލިބެއެކޭ ނޫން. ޕާޓީތައް އުފެދިގެންދިޔަ ކަންތައްތަކުގެ ތެރޭގައިވެސް އަޅުގަނޑުމެންނަށް ހަމަ އުނދަގޫތަކާ ކުރިމަތިލާން ޖެހުނު، ހަމަ މިދެންނެވިކަހަލަ ސިޔާސީ ވާދަވެރިންގެ ޙަސަދަވެރިކަމުގެ ތެރޭގައި. 
 
މިއަދު މިރަށުގެ ރައްޔިތުންނަށް، އަދި އާންމުކޮށް ދިވެހި ރައްޔިތުންނަށް މި ވާހަކަ މިދަންނަވާ ސަބަބަކީ، މިފެންނަ ހުރިހާ ކުރިއެރުންތަކަކާއި، އަރައި އޮއްސެމުންދާ އިމާރާތްތަކަކާއި، ކޮނެވޭ ބޮޑެތި ފަޅުތަކާއި، އެއްކުރެވޭ ބޮޑެތި ބިމުގެ މުއްސަނދިކަމާ، މިހުރިހާ ކަމަކާއެކީވެސް އަޅުގަނޑުމެންނަށް ނުލިބެނީ، ނޫނީވިއްޔާ އަޅުގަނޑުމެން ޝުކުރުވެރިނުވާކަމަކީ އިޚްލާޞްތެރިވުން. މިއީ ދޮގެއްތޯ އަޅުގަނޑުމެންގެ ތެރޭގައި މިސްވާކަމަކީ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ، ވެރިކަން ކުރާނެ މީހެއް ނޫން. އެކަމަކު އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ އިޚްލާޞްތެރިކަމާއެކީ، އޭނަ ގަބޫލުކުރާ ޢަޒުމެއްގައި، އޭނާ ގަބޫލުކުރާ މިޞްރާބެއްގައި މަސައްކަތްކުރަން ކެރޭ މީހަކަށްވާން އެބަޖެހޭ. މިރޭގެ މިޖަލްސާއަށްވުރެން ވަކި ޝަރަފުވެރި، ވަކި ފަޚުރުވެރި އެހެން ޖަލްސާއެއް އަޅުގަނޑުމެންނަށް ކުރެވޭނެތޯ؟ އަޅުގަނޑަކަށް ހީއެއްނުވޭ ކުރެވޭނެހެއްނެއް. 
 
އަޅުގަނޑުމެން 6 އަހަރު ފުރިގެން ބާއްވާ ޖަލްސާ، އަޅުގަނޑުމެން އިޚްތިޔާރު ކުރީ ކުޅުދުއްފުށީގައި ބާއްވަން. އެއީ، އުތުރުގެ އެންމެ ވަރުގަދަ ރަށް ކަމަށްވާތީ. ދިވެހިރާއްޖޭގެ އެންމެ ވަރުގަދަ އެއްރަށް ކަމުގައިވާތީ. އަދި މިކަމާއެކީ، އިއްތިފާޤުވެގެން މިއައީ މި ދެންނެވި ގޮތަށް، މިރަށުގެ ދަރިއެއް އަޅުގަނޑުމެން އެންމެންގެ ޙައްޤުގައި އޭނާގެ އެންމެފަހު ލޭތިކި، އޭނާގެ ހަށިގަނޑާ ވަކިވެގެންދިޔައީވެސް ހަމަ މިރަށުގެ ޒުވާނެއް. އޮނަތިރީސް އަހަރު ކުރިން. އަޅުގަނޑުމެންގެ ރައްޔިތުންނަށް ހަމަގައިމުވެސް ފިލާވަޅުތަކެއް ދަސްކޮށްދިން. އެކަމަކު ފިލާވަޅު ލިބިގަނތްކަމެއް އަޅުގަނޑަކަށް ޤަބޫލެއްނުކުރެވޭ.
 
ހަމައެއާއެކީ ކުޅުދުއްފުށީގެ އުފާވެރި ޖަލްސާގައި އަޅުގަނޑުމެން ބައިވެރިވާއިރު، އަޅުގަނޑު ދަންނަވަންޖެހޭ، އަޅުގަނޑުމެންގެ ސިޔާސީ ޙަޔާތް ފަށައި، ދިވެހިރާއްޖޭގެ މިޒަމާނުގެ ސިޔާސީ ޙަޔާތާ ހަމައަށް އަންނައިރު، އަޅުގަނޑުމެންގެ ޕާޓީގައި އުފުލަންޖެހުނު އުނދަގޫތައް، އަޅުގަނޑުމެންގެ ޚިޔާލަށް މިއަދު އެބަ ގެންނަންޖެހޭ. މާޒީން ފިލާވަޅު ހޯދަން ބޭނުންނުވާކަމަށްވަންޏާ، މުސްތަޤުބަލް އުޖާލާ ކުރެވޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއްނުކުރަން. އަޅުގަނޑުމެން އެބަ ގަބޫލުކުރަންޖެހޭ، އަޅުގަނޑުމެންނަކީ ފިކުރަކާއި އުސޫލުތަކަކަށް ތަބާވާ ބައެއްކަން. ކޮންމެ ޕާޓީއެއްގައިވެސް އިސްބޭފުޅުން ތިއްބަވާނެ. ކޮންމެ ޕާޓީއެއްގައިވެސް ލީޑަރުން ތިއްބަވާނެ. އެ ލީޑަރުން، ލީޑަރުންނަށް ވެފައި ތިއްބަވަނީ ރައްޔިތުންގެ އާންމު ވޯޓުން. މެންބަރުންގެ އާންމު ވޯޓުން. އެ ލީޑަރުން، ލީޑަރުން ކަމުގައި ހަރުދަނާ ޝަހުޞިއްޔަތުތަކަކަށްވަނީ، އެބޭފުޅުން ދައްކަވާ މިސާލުން. އެބޭފުޅުން ދައްކަވާ ވާހަކަފުޅާއި، އެބޭފުޅުންގެ ބަސްމަގާއި، ކުރައްވާ ކަންތަކާ ދިމާވާ މިންވަރުން. އަދި ކިހާވަރެއްގެ ޖިހާދެއް ޕާޓީއަށްޓަކައި ކުރަން ކެރޭތޯ. އެއްވެސް ބޭފުޅަކު ސިޔާސީ ޕާޓީ ނަހައްދަވާ، އެބޭފުޅާ ވެއްޓިގެންދާއިރު ލެނގެން ގެންގުޅޭ އަސާގަނޑަކަށް ނަހައްދަވާ އަޅުގަނޑުމެންގެ ޕާޓީ. އަޅުގަނޑުމެންގެ ޕާޓީގެ ކޮންމެ ބޭފުޅަކުވެސް ވިސްނާވަޑައިގަންނަވަންވާނީ، ޕާޓީއަކީ އަޅުގަނޑުމެން ވަކި ފަރުދަކަށްވުރެ ބޮޑު އެއްޗެއްކަން. އަދި ހުރިހާ ޕާޓީތަކަށްވުރެ މުޤައްދަސް ބޮޑު އެއްޗަކީ އަޅުގަނޑުމެންގެ މިދިވެހި ބިން. މި އުސޫލުތަކުގެ މައްޗަށް ބިނާކޮށް އެމީހެއްގެ މުސްތަޤުބަލް ފަރުދީގޮތުން އާރާސްތުކުރަން ވިސްނަމާ ހިންގަވާ. ޕާޓީން އަޅުގަނޑުމެންނަށް ނަގައިދިނީ މިކަހަލަ ފިލާވަޅުތަކެއް. 
 
އަޅުގަނޑުމެންގެ މި ފަހުގެ ދުސްތޫރީ ޙަޔާތުގައި ޤައުމު ބިނާކުރުމުގައި އަދި ޤައުމު ހިންގުމުގައި އަޅުގަނޑުމެން ނަގައިދިނީ މިކަހަލަ ފިލާވަޅުތަކެއް. ހަމަ އަޅުގަނޑުމެންގެ ތެރޭގައި އުފެދޭ ޙަސަދަވެރިކަމާއި ވާދަވެރިކަމުގެ ތެރެއިން އަޅުގަނޑުމެންނަށް ވަރިހަމަ އަނދިރިޔަސް، އައްޔަސް. އެކަމަކު އަޅުގަނޑުމެން ދިވެހިންނަކަށް އެގޮތް ކަމަކުނުދާނެ. އަޅުގަނޑުމެން ކްރެޑިޓް ދޭން އެބަޖެހޭ ދޮގެއްތޯ އެމް.ޑީ.ޕީ.އަށް. އަޅުގަނޑުމެންނާ އެންމެ އިދިކޮޅު ފިކުރެއް ގެންގުޅުއްވަނީ އެމް.ޑީ.ޕީ. އަޅުގަނޑު ކްރެޑިޓް ދޭގޮތްވެސް އަޅުގަނޑު ދަންނަވާލާނަން. އަޅުގަނޑުމެން ޤާނޫނުއަސާސީ ބަދަލުވާން 2008 އާ ހަމައަށް އައިއިރު، ކުރެވުނު މަސައްކަތްތަކާ ހަމައަށް ދާކަމަށްވަންޏާ، ވަރަށްގިނަ މިނިވަން ޚިޔާލުތަކެއް، ވަރަށް ތަފާތު ވިސްނުންތަކެއް، އެންމެ ފޯރިއާއި ޖޯޝާއެކީ ވަކާލާތުކުރި ބަޔަކީ އެމް.ޑީ.ޕީ.ގައި ތިއްބެވި އިސްބޭފުޅުން. ވެރިކަންކުރާ ޕާޓީއަކަށް ފަސޭހަނޫން ކަންތައްތައް ހުންނާނެ. އެހެންނަމަވެސް ރައީސް މައުމޫންވެސް ހަމަ ވަރަށް ވަރުގަދަ، ރައްޔިތުންގެ ޙައްޤުގައި ވަރަށް ރަނގަޅު ފިޔަވަޅުތަކެއް އޭރުވެސް އެޅުއްވި. އެހެންނަމަވެސް، އެޖެންޑާ ކުރުމާއި، އެޖެންޑާއެއް، ޤައުމީ އެޖެންޑާއެއް އެކަށައެޅުމުގައި އެމް.ޑީ.ޕީ. މަސައްކަތްތަކެއް ކުރި. ޙައްޤުވާ ފަރާތްތަކަށް ކްރެޑިޓެއް ދޭންވާނެ ދޮގެއްތޯ؟ 
 
އެކަމަކު އެއާއެކީވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، އެބޭފުޅުން އޭރު ދެއްކެވި ވާހަކަފުޅާއި، އެބޭފުޅުން ދެން ކުރެއްވި ކަންތައްތަކާ ދިމާނުވި. އެބޭފުޅުން ފިހިން ކުރައްސަވާ ކަމަށްވަންޏާ، އަޅުގަނޑުމެން ޑީ.އާރު.ޕީ.ގައި ތިބެގެން ޕީ.ޕީ.އެމް.ގައި ތިބެގެން، އެބަޖެހޭ ފިހިން ކުރަހާފައި ހުރި ތަންތަނުގައި ފިޔާތޮށި ކުލަ، ނޫނީ ނޫކުލަ ލާން. އޭރަށް ކަންތައްތައް ފުރިހަމަވަނީ. އެބޭފުޅުން ދައްކަވާ ވާހަކަފުޅުގައި، އެއްވާ އެއްވުންތަކުގައި އެބޭފުޅުން ގެންގުޅުއްވާ ކުލަތައް ކަމުނުދިޔައިމާ، އަޅުގަނޑުމެން ނޫކުލައިގެ ޖަލްސާތައް ބާއްވަން ޖެހުނު. އަޅުގަނޑުމެން ފިޔާތޮށި ކުލައިގެ ޒީނަތްތެރި ޖަލްސާތައް ބާއްވަން ޖެހުނު. ހަމަގައިމުވެސް މިރޭގެ ޖަލްސާވެސް މިހާ ރީތިވެގެންދާއިރު، މިތާ މިހިރަ މެޖެންޓާކުލަ މިޖަލްސާ އިތުރަށް ބަބުޅާލަދޭ. ރީތިކޮށްދޭ. އެބޭފުޅުން ހުވަފެނުން ކަމެއް ދެކެވަޑައިގެންފި ކަމުގައިވަންޏާ، އެ ހުވަފެން ޙަޤީޤަތަކަށް ހަދަން މަސައްކަތް ކުރަންޖެހުނު ބަޔަކީ، އޭރު އިދިކޮޅުގައި ތިބި މީހުން. ފްލެޓް އަޅުއްވާނެ ކަމުގެ ހުވަފެން ފެނިއްޖެ ކަމަށްވަންޏާ، އެކަން ޙަޤީޤަތަކަށް ހެދީ މުޅިން އެހެން ބައެއް. އެބޭފުޅުންގެ ކޮންމެ ވިސްނުމެއް ފުރިހަމަކުރަންޖެހުނީ އެހެން ބަޔަކަށް. ކުރެއްވި ކަންތައްތަކުގެ ތެރޭގައި، ރައްޔިތުން އުފުލަންޖެހުނު ތަކުލީފު މަދެއްނޫން. އަޅުގަނޑު ނެތިން އެ ވާހަކަ ދައްކާކަށް. އެކަމަކު ޚުލާޞާގޮތެއްގައި ދަންނަވާ ކަމަށްވަންޏާ، އެބޭފުޅުން އެ ކުރެއްވި މަސައްކަތްޕުޅުތަކަށް އާދެ! ޒަމާނީ ޑިމޮކްރަސީއެއް ދިވެހިރާއްޖެއަށް ގެންނަން ކުރެއްވި މަސައްކަތުގައި، އެބޭފުޅުންނަށް ޙައްޤުވާ ކްރެޑިޓްތަކެއް އެބަހުރި.
 
އެކަމަކު އަޅުގަނޑު ދަންނަވާނީ، މުޅި ދިވެހިރާއްޖޭގައި، ސައިކީގައި، އަޅުގަނޑުމެންގެ ނަފްސުގައި، ރެނދު އަޅުވާލި. ދެއްކެވި ވާހަކަޔާ ޚިލާފަށް ކޮންމެކަމެއް ކުރެއްވީ. އެ ރެނދުތައް ބެއްދުމަށްޓަކައި، ފިލަރުއެޅި ބަޔަކީ އަޅުގަނޑުމެން. އެހެންވީމާ، އެއަށްވުރެ ބޮޑު ކްރެޑިޓް ނަގަނީ އަޅުގަނޑުމެން. ހުރިހާ ރެނދެއްގައި ފިލަރު އަޅައިދިން ބަޔަކީ އޭރު ޑީ.އާރު.ޕީ. އިން. ހުރިހާ ރެނދެއް އިތުރަށް ފުޅާވެ، ބާގަނޑުތަކަކަށް ވިޔަނުދީ، އެކަން ކުރި ބަޔަކީ، ފިލަރުއެޅި ބަޔަކީ އަޅުގަނޑުމެން. އިސްލާމްދީން ނޫން އެހެން ދީން އޮތްތޯ؟ ހުއްޓުވީ އަޅުގަނޑުމެން. މިކަހަލަ ހުރިހާ ކަމެއް، އޭރު ދެއްކެވި ވާހަކަފުޅުން، މިކަހަލަ ހުރިހާ ކަމެއް ހުއްޓުވި ބަޔަކީ އިދިކޮޅަށް ތިބި މީހުން. އެންމެފަހުންގޮސް ރައީސް ނަޝީދު އިސްތިޢުފާ ދެއްވުމުގެވެސް އަޞްލަކަށްވީ ޙަޤީޤަތުގައި ހަމަ އޭރު ކުރައްވަމުން ގެންދެވި ކަންތައްތަކަކީ، ރައްޔިތުންނަށް ތަޙައްމަލު ނުކުރެވޭވަރުގެ ކަންތައްތަކަށްވެގެން، ދެން ހެވޭ ދަންނަވާފައި، އިސްވެ ޕީ.ޕީ.އެމް. ތިބެގެން ނުކުތް ނުކުތުން. 
 
އެހެންވީމާ، އަޅުގަނޑުމެންގެ ޕާޓީއަށް 6 އަހަރު ފުރިގެންދާ ޖަލްސާއެއްގައި، ކީއްވެގެންތޯ މި ޝަރަފު އަޅުގަނޑުމެން ނުހޯދަންވީ؟ އަޅުގަނޑުމެންގެ ޕާޓީ އަބަދުވެސް ރައްޔިތުންގެ ޙައްޤުތަކެއް، ރައްޔިތުންގެ އުންމީދުތަކެއްގައި ކުލަޖައްސައިދޭ ޕާޓީއެއްގެ ގޮތުގައި މިއޮތީ. މި ހުރިހާ ކަމެއް އަޅުގަނޑުމެން ޕާޓީން ފުރިހަމަކުރަމުން ދިޔައިރު، އަޅުގަނޑުމެންގެ ޕާޓީގެ އަމިއްލަ ވިސްނުމަކަށް އޮތީ، އަޅުގަނޑުމެން ގަބޫލުކުރާ ފަލްސަފާއެއްގެ މަތިން ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ފުރުޞަތު ދިނުން، ހޯދުން. ރައްޔިތުން ކިތަންމެ ރަނގަޅަކަށްވެސް އެކަން އަޅުގަނޑުމެންނަށް ކޮށްދެއްވައިފި.  
 
އަޅުގަނޑުމެންގެ ޕާޓީއަށް 2 އަހަރުވީތަނާ އަޅުގަނޑުމެން ކައިރީ ވިދާޅުވެއްޖެ، ދެން ޤައުމު ހިންގަންވީ ޕީ.ޕީ.އެމް.އިންނޭ. ހުރިހާ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. ﷲއަށް ކުރަންޖެހޭ ޙަމްދު އަޅުގަނޑުމެން އެންމެން ކުރަން. އެއާއެކީ އަޅުގަނޑުމެން ފެށި މަސައްކަތް މިއަދު މި ކުރަނީ. އެކަމަކު އަޅުގަނޑުގެ ކެނޑިޑޭޓް ނަންބަރަކަށްވީ 3. 3 އަކީ އުފާވެރި ނަންބަރެއް. 3 އަކީ ހަމައެއާއެކީ ހިތްދަތިކަން ހިމެނޭ ނަންބަރެއް. އަޅުގަނޑަށް އަޅުގަނޑު ހުރި މަޤާމު، ނޫނީވިއްޔާ އަޅުގަނޑު ހުރި ފިޔަވަޅުން ކައްސާލާނެ ތިން ބޮނޑި އަޅުގަނޑުގެ ގައިގައި އަޅައިފި. އަޅުގަނޑަކީ ހަމަ އެކަނިހުރި ނަފްސެއް. އެކަމަކު އަޅުގަނޑަށް ހިތްވަރު ލިބެނީ އަޅުގަނޑު ގަބޫލުކުރާ އުސޫލުތަކަކާއި އަދި އަޅުގަނޑު ގަބޫލުކުރާ އުސޫލުތަކެއްގެ މަތީގައި ދިވެހި ރައްޔިތުން، ދިވެހިރާއްޖެ ސާބިތުވާކަމަށްވަންޏާ، ދިވެހިރާއްޖެ އިރާދަކުރެއްވިއްޔާ އަމާންކަމާއި އަދި ފަޚުރުވެރި މުސްތަޤުބަލަކާ ހަމައަށް ގެންދެވޭނެކަން ގަބޫލުކުރާ ރައްޔިތެއް އަޅުގަނޑާ ބެކް ކުރައްވާތީ. 
 
ފުރަތަމަ ބޮނޑިޔަކީ، އެންމެ ކައިރިން އަޅުގަނޑު މަރާލަން ދިން ޢުދުވާނީ ހަމަލާ. 2 ވަނަ ބޮނޑިޔަކީ އަޅުގަނޑުމެންގެ ޕާޓީގައި އެންމެ އިސް ސަފުގައި އުފެދުނު ކޯޅުން. ހައްތަހާވެސް ޕާޓީއަށް ހީނަރުވުން އަންނަ ކަންތައް. 3 ވަނަ ޢުދުވާނަކީ، 3 ވަނަ ތަފާލަކީ، އަޅުގަނޑުމެން ރައްޔިތުންގެ ލޯތްބާއި އިޙްތިރާމާއެކީ ޕާޓީން ހޮވި އަޅުގަނޑުމެންގެ އެތައް ބައިވަރު މެންބަރުންތަކެއް އަޅުގަނޑުމެން ދޫކޮށްލާފައި ނުކުމެ ކުރި ބަޣާވާތް.
 
އެހެންވީމާ، ނަންބަރު 3 އާ އެކީ ވަރުގަދަ 3 އިމްތިޙާނު، ސިޔާސީގޮތުން އަޅުގަނޑު ގޯ ތްރޫ ކޮށްފިން. އަޅުގަނޑު ތަޙައްމަލުކޮށްފިން. އެކަމަކު މިއާއެކީވެސް އަޅުގަނޑުމެންނަށް ކުރިއަށް މި ދެވެނީ، މިރަށްރަށަށް އައިމާ އަޅުގަނޑުމެންނަށް ލިބޭ ތާއީދާއެކީ. ތިޔަބޭފުޅުންގެ އިޚްލާޞްތެރިކަމާއެކީ. މިއިން ކޮންމެ ހާދިސާއަކަށް ވިސްނާލިކަމުގައިވީނަމަވެސް، އަޅުގަނޑުމެންނަށް މި ފެންނަނީ، ހަމަ އަމިއްލަ އެދުމުން ފުރިގެންވާ ކަންތައްތައް، އަޅުގަނޑުމެންނަށް އަބަދުވެސް މުޅި ރައްޔިތުންގެ މަސްލަޙަތަށްވުރެ އިސްކުރެވޭތަން. މުޅި ޕާޓީގެ މަސްލަޙަތަށްވުރެ މިކަންކަން އިސްކުރެވޭތީ. އެހެންނޫންނަމަކަ މި ދެންނެވި ކަންކަމެއް ނުވާނެ. ޕާޓީއަކަށް ވެރިކަން ލިބުނީމާ މުޅި ޕާޓީ އެއްބައިވާންވީ، އެ ވެރިކަން ރައްޔިތުންނަށްޓަކައި ކާމިޔާބު ވެރިކަމެއްގެ ގޮތުގައި ދަމަހައްޓަން. ޕާޓީގެ ތެރެއަކުނޫން އަރާރުންވާންވީކީ. އެއީކީނޫން އަޅުގަނޑުމެންގެ ފިކުރު ހުންނަންޖެހޭ ގޮތަކީ. 
 
އެހެންވީމާ، 6 އަހަރުގެ ކުރު ރާސްތާއެއް އަޅުގަނޑުމެންގެ ޕާޓީ މި ކަޑައްތު ކުރާއިރުވެސް އަޅުގަނޑުމެންގެ ޚިޔާލަށް މިކަންކަން ގެންނަންޖެހޭ. މި ހުރިހާ ކަމެއް ބިނާމިވަނީ އަޅުގަނޑު މިދެންނެވި ވާހަކަ. އަޅުގަނޑުމެން އިޚްލާޞްތެރި ހިތަކާއެކީ މަސައްކަތް ކުރަންޖެހޭ. ކޮންމެފަހަރަކު އަޅުގަނޑުމެން ބައި-އިލެކްޝަނެއް ބޭއްވިޔަސް، އަދި ފުލް އިލެކްޝަނެއް ބޭއްވިނަމަވެސް، އަޅުގަނޑުމެންގެ އިޚްލާޞްތެރިކަން އަޅުގަނޑުމެން ކުރާ މަސައްކަތަކަށް ނުލިބޭނޫންތޯ؟ އަޅުގަނޑުމެންގެ ތެރެއިން ޕްރައިމަރީގައި ވާދަކުރައްވާ ކެނޑިޑޭޓަކަށް ގޮނޑި ހާސިލުނުވެއްޖެ ކަމަށްވަންޏާ، ބައި-އިލެކްޝަންގައި އަމިއްލަގޮތުން އެބަ ކުރިމަތިލާ. އަޅުގަނޑުމެންގެ ތެރޭގައި ޕާޓީގެ ފިކުރާއެކީ މަސައްކަތްކުރާ ކަމަށްވަންޏާ، ކޮންމެ ރަށެއްގައި މަދުވެގެން ޕާޓީގެ ފިކުރުގައި ތިބޭ، ހަމަ ދިމާ އިދިކޮޅަށް މަސައްކަތްކުރާ ދެ ޖަމާޢަތެއް، ތިން ޖަމާޢަތެއް އެބައުޅޭ. ކޮން ބަޔަކަށްތޯ ނިކަމެތިކަން އަންނަނީ؟ ކޮން ބަޔަކަށްތޯ ބަލިކަށިކަން އަންނަނީ؟ ކޮން ބަޔަކަށްތޯ ފައިދާ މިވަނީ؟ އިދިކޮޅަށް ތިބޭ މީހުނަށް ނޫންތޯ މި ފައިދާ އަންނަނީ. އެކަމަކު އަޅުގަނޑުމެން މިތިބީ އެއް އުންމީދުތަކެއްގައި، އެއް މިޞްރާބެއްގައި އެއް ނަވަކަށް އަރައި، އަމާން އައްސޭރިއަކަށް މި ނައު ގެންދިއުމަށްޓަކައި އަޅުގަނޑުމެން އެންމެން ޢަހުދުވެގެން. އެއްވެސް މަޖުބޫރުކަމެއް ނެތް، އަޅުގަނޑުމެންނަށް ޕާޓީއަށް ވަނުމަކަށް. އަޅުގަނޑުމެންގެ ޕާޓީގައި ތިބުމަކަށް.
 
ދެންމެއަކުވެސް އަޅުގަނޑުމެންނަށް ލިބިގެން އެ ދިޔައީ 200 އެތައް ފޯމެއް. މިއީ، އިޚްލާޞްތެރިކަމާއެކީ ވަޑައިގަންނަވާ ބޭފުޅުން ކަމަށްވަންޏާ، ޕާޓީގެ މަސްލަޙަތު އިސްކުރައްވަން އެބަޖެހޭ. އެއީ ޕާޓީގެ މަސްދަރަކީ ރައްޔިތުންގެ ޙައްޤާއި، ރައްޔިތުން ބޭނުންވާ ގޮތަކަށް ޕާޓީ ހިންގައިދިނުން. ޕާޓީގެ އެއްވެސް ވަކި ފަރުދަކީ، ޝަރަފުވެރި މީހެއް ނޫން. އަޅުގަނޑުމެންގެ ދިވެހީންގެ ޝަރަފު، އަޅުގަނޑުމެން ދިވެހީންނަށް ލިބޭ ކަރާމާތް އަޅުގަނޑުމެންނަށް ލިބެން ކީއްވެގެންތޯ  އަޅުގަނޑުމެން ދެކޮޅުހަދަންވީ؟ 
 
އ.ދ.ގެ ސެކިއުރިޓީ ކައުންސިލް ގޮނޑިޔަކަށް އަޅުގަނޑުމެން ކުރިމަތިލަނީ. އަޅުގަނޑު ދެންނެވިން އަބަދުވެސް ހަމަ އަޅުގަނޑަށް ފެންނަ ހުވަފެންތައް ކަންނޭނގެ މި ހުންނަނީ. މިއަދު އަޅުގަނޑު މި ދިޔައީ ކުޅުދުއްފުށީގެ ރައްޔިތުންގެ އެންމެ އުފާވެރި އިޙްސާސްތަކާ ގުޅެން. ހަމަ ހަވީރުގެ ވަގުތެއްގައި. އެހެންވީމާ، ހަވީރުގެ ހިޔަނި ނޫން އެއްޗެއް އަޅުގަނޑަކަށް ނުފެނޭ. އަޅުގަނޑުގެ ހިޔަނި ފެންނަނީ އަޅުގަނޑުގެ އަޞްލު ސޫރަޔަށްވުރެ ތިން ހަތަރުގުނަ ބޮޑުކޮށް. އެކަމަކު ކޮބައިތޯ މިކަންކަން ކޮށްގެން އަޅުގަނޑުމެންގެ ހިޔަނި އަޅުގަނޑުމެންނަށްވުރެ ބޮޑުވީމަ، އެ ހާސިލުކުރެވޭ ކަމަށްވަންޏާ، ކޮބައިތޯ މީގައި އަޅުގަނޑުމެން ފަހަތަށް ޖެހެންވީ ސަބަބެއް؟ ފަސްޖެހޭކަށްނުޖެހެއޭ. އަޅުގަނޑުމެން މަސައްކަތް ކޮށްގެން އެ މަސައްކަތުގެ މައްޗަށް ﷲ ރަޙްމަތާއި ބަރަކާތް މިންވަރު ކުރައްވާނެ. އަޅުގަނޑުމެން އެ މަސައްކަތް ކުރަންޖެހޭ. އަޅުގަނޑުމެންނަކީ އަޅުގަނޑުމެންނަށް އާދެވިފައި މިތިބަ ހިސާބުން، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުން ހިމެނޭގޮތަށް މި ދަންނަވަނީ. އަޅުގަނޑުމެން މިތިބީ ޒިންމާދާރު މަޤާމުތަކަކަށް ރައްޔިތުން އިންތިޚާބުކޮށްފައި. އަޅުގަނޑުމެންގެ ޕާޓީގެ އިސްވެރިން ތިޔަ ތިއްބެވީ، ޒިންމާދާރު އިސް މަޤާމުތަކަށް އިންތިޚާބު ކުރައްވާފައި. ހަމައެކަނި ރައީސް ޔާމީނެއް ނޫން ޒިންމާދާރު މަޤާމަކަށް އިންތިޚާބުކުރީ. ދެންވެސް އަޅުގަނޑަށް ލިބޭނެ އެންމެބޮޑު ގެއްލުމަކީ، އަޅުގަނޑުގެ ޕާޓީގެ މެންބަރުންކޮޅެއް އަޅުގަނޑާ ވަކިވެގެން ދިޔުން. މި އިމްތިޙާނުވެސް އަޅުގަނޑު ކުރާނެކަންނޭނގެ އަދިވެސް. 
 
އަދި ހަމަ އެއާއެކީ، އަޅުގަނޑު ސިހުމެއްނުވާނެ، އަދިވެސް އަޅުގަނޑު އިންތިޒާރު ކުރަން، އުންމީދެއް ނުކުރަން، އިންތިޒާރު ކުރަން. އަނެއްކާވެސް އަޅުގަނޑުގެ ފުރާނަޔަށްވެސް ހަމަ ނުރައްކާވާވަރުގެ ޙަމަލާދޭނެކަންނޭނގެ. އެކަމަކު ކީއްވެގެންތޯ، މިހުރިހާ ކަމެއްވާއިރު ތިޔަބޭފުޅުންގެ ފަހަތުގައި ތިޔަ ތިއްބެވި ރައްޔިތުންނާއެކީ އަޅުގަނޑުމެންނަށް ތިބެން ނުކެރިގެން މިއުޅެނީ ކީއްވެގެންތޯ؟ މިޖަލްސާ ފުރިހަމަވަނީ ފަހަތުގައި ތިއްބެވި ޢާންމު މެންބަރުން އިތުރުވާވަރަކުން ނޫންތޯ؟ މި ޖަލްސާ ފުރިހަމަވަނީ އަޅުގަނޑުމެން މާލެއިން އައިސް، މި ކުރީ ސަފު ފުރާލާތީކީ ނޫނޭ. އަޅުގަނޑުމެންނާ ގުޅިފައި މިހިރީ ރައްޔިތުންގެ އެތައްހާސް ބައެއްގެ އުންމީދު. އެހެންވީމާ، ކިހިނެއްތޯ އަޅުގަނޑުމެންގެ ޕާޓީގެ މެންބަރަކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އަޅުގަނޑުމެންގެ ގޮނޑި ދޫކޮށްލާފައި އެހެން ދިމާއަކަށްދާނީ؟ އެކަމެއް ނުވާނެ. އެއީ، ރައްޔިތުން ހުއްދަކުރާ ކަންކަމެއް ނޫން. އަދި އަޅުގަނޑުމެންނަކަށް ފަސޭހައެއް ނޫން އެކަންކަމަށް ޖާގަދީގެން ތިބޭކަށެއް. އެކަމަކު ހަމަ ބައި-އިލެކްޝަނެއް އަންނައިރު، އަޅުގަނޑު މި ދެންނެވި މައްސަލަ ކުރިމަތިވާނެ. އަޅުގަނޑުމެންގެ ތެރެއިން ޚިޔާލުތަފާތުވާނެ. ހޮވަންޖެހޭ މީހުން ތަފާތުވާނެ. އެކަމަކު ކީއްތޯވާނީ އެންމެފަހަރަކުވެސް އަޅުގަނޑުމެން މިނާ މިންގަނޑުން ޕާޓީއަށް ބުރަދަން އިތުރުކޮށްލަދިނިއްޔާ ކީއްތޯ؟ އަޅުގަނޑުމެންނަކީ، އަބަދުވެސް ޚިދުމަތްކުރަން ތިބި މީހުން ދޮގެއްތޯ؟ 
 
އަޅުގަނޑުމެން 6 އަހަރު ފުރިގެންދާއިރު، އަދި ސިޔާސީ ޙަޔާތުގައި ޕީ.ޕީ.އެމް.އަށް 2 ވަނަ ފަހަރަކު، ނޫނީ އަޅުގަނޑުމެންގެ ފިކުރަކަށް 2 ވަނަ ފަހަރު މި ޖުމްހޫރިއްޔާގައި ރައްޔިތުންނަށް ޚިދުމަތް ކުރަން ލިބޭ ފުރުޞަތު އަޅުގަނޑުމެން ޕީ.ޕީއެމް.އަށް ލިބިފައި މިއޮތީ. އަޅުގަނޑުމެންގެ ފިކުރަކީ، ކުރީގައި ހަމަ ޑީ.އާރު.ޕީ.ގެ ފިކުރު. އަޅުގަނޑުމެން ބަލައިގަތީ ރައީސް މައުމޫން. މި ޖުމްހޫރިއްޔާގައި އަޅުގަނޑުމެންނަށް މިލިބުނީ 2 ވަނަ ފުރުޞަތު. ކީއްވެގެންތޯ އަޅުގަނޑުމެން މިކަންކަން ކުރިއަށް ނުގެންދަންވީ ރައްޔިތުން އެދޭގޮތަށް؟ މިކަންކަން ކުރެވޭނީ އަޅުގަނޑުމެން އިޚްލާޞްތެރިވެގެން ދޮގެއްތޯ؟ އިޚްލާޞްތެރި ހިތަކާއެކީ، ނިޔަތް ސީދާވީމާ، ﷲގެ ޙަޟްރަތުގައިވެސް އަޅުގަނޑުމެންނަށް ރަނގަޅުގޮތްވާނީ ދޮގެއްތޯ؟ އަޅުގަނޑުމެން އިދިކޮޅު މީހުން އަޅުގަނޑުމެންގެ ޕާޓީއާ ދޭތެރޭ ދައްކަނީ ކޮން ވާހަކައެއްތޯ؟ ރައްޔިތުން މިއަދު ވިސްނައިވަޑައިގަންނަވަންވީ ކޮންކަމަކާތޯ؟ މިޕާޓީ އައީ ރައްޔިތުންނަށް އުންމީދުތަކެއް ދެމުން. މިޕާޓީ އައީ ރައްޔިތުންގެ ތެރެއިން އޭރު ބީވަމުންދިޔަ ހުރިހާ އުސޫލުތައް އަނބުރާ އިއާދަކޮށްދިނުމަށްޓަކައި. ރާއްޖޭގައި އިސްލާމްދީން ނެތިދާ ހިސާބަށް ދިޔަ. ރައްޔިތުން މަގުމައްޗަށް ނުކުތް. 23 ޑިސެންބަރުން މުޒާހަރާއެއް ކުރި. މީހުން ހިފާ ހައްޔަރު ކުރި. އެކަމާ އިޙްތިޖާޖްކުރި. މިކަހަލަ އެތައް ކަމެއް ދޮގެއްތޯ އަޅުގަނޑުމެންނަށް ފެނިގެންދިޔައީ.
 
އެހެންވީމާ، ސިޔާސީގޮތުންވެސް އަދި އަޅުގަނޑުމެން އެ ދީނެއްގެ މަތީގައި ހިދާޔަތުގައި ތިބި ދީން ރައްކާތެރި ކުރުމަށްޓަކައިވެސް އަދި ރައްޔިތުންގެ އެހެން އަސާސީ ޙައްޤުތައް ޙިމާޔަތް ކުރުމަށްޓަކައިވެސް ހަމަ އިސްވެ އެންމެ ވަރުގަދަޔަށް ނުކުތް ޕާޓީއަކީ ޕީ.ޕީ.އެމް. އަޅުގަނޑުމެންނާއެކީ ސެޓެލައިޓް ގޮތަށް އެހެން ޕާޓީތައް އުޅުނީ. އެކަމަކު ފިކުރާއި، އިޢުތިޤާދުގެ ބަލިކަށިކަން ހުރި މިންވަރު، އަޅުގަނޑު މިރޭވެސް މި ދަންނަވަނީ. އަދިވެސް ޕީ.ޕީ.އެމް.ގެ ވިސްނުމާއި، ޕީ.ޕީ.އެމް.ގެ ފިކުރަކަށް ބަދަލެއް ނާދޭ. އެކަމަކު އެހެން ޕާޓީތައް ކިހިނެއްތޯވީ؟ އޭރު އެބޭފުޅުން ޖިހާދު ކުރައްވަން، ނޫނީވިއްޔާ ޤުރުބާންވާން ނުކުތް ހުރިހާ އުސޫލުތަކެއް ދޫކޮށްލާފައި މިއަދު އެ ތިއްބެވީ ކޮންތާކުތޯ؟ ޕާޓީތަކުގެ ނަންތަކެއް ބަދަލެއްނުވޭ ނޫންތޯ؟ ޕާޓީތަކުގެ ލީޑަރުންނެއް ބަދަލެއްނުވޭ ނޫންތޯ؟ ހަމަ ފިކުރުގެ ބަލިކަށިކަން ރައްޔިތުންނަށް މި ސާބިތު ކޮށްދެނީ. އެކަމަކު އަބަދުވެސް ރައްޔިތުންނާއެކީ ރައްޔިތުން ހަލާކުކުރާނެ ފިކުރަކާއި، އެންމެ ވަރުގަދަޔަށް ޖަދަލުކުރާ ފިކުރެއްގެ ގޮތުގައި މިއޮތީ އަޅުގަނޑުމެން ތަމްސީލުކުރާ ޕާޓީ. އެއީ ޑީ.އާރު.ޕީ.ގެ ނަމުގައި އޮތްއިރު ޑީ.އާރު.ޕީ. ޕީ.ޕީ.އެމް.ގެ ނަމުގައި އޮތްއިރު ޕީ.ޕީ.އެމް. އަޅުގަނޑުމެންނާ ވަކިވެގެން މި ޕާޓީއިން ދުރަށްދިޔަ މީހުން، ފެޔަށްދިޔަ މީހުން އެ ދިޔައީ، އެމީހުން އެމީހުންގެ އަމިއްލަ އެޖެންޑާތަކެއް މި ޕާޓީގެ ތެރޭގައި ހާސިލުނުވީމަ. އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީސް މެންބަރުންނަށް އަޅުގަނޑު މި ރިފަރ ކުރަނީ. އެއީތޯ އަޅުގަނޑުމެންގެ ޕާޓީ ރައްޔިތުންނަށްޓަކައި ހިންގާ ޕާޓީއަކަށްވަނީ. 
 
އަޅުގަނޑުމެން މިއަދުވެސް ޢަޒުމު ކަނޑައަޅަންވީ، އަޅުގަނޑުމެންނަކީ، މި ދެންނެވި ކަހަލަ ޕޮޒިޓިވް މެސެޖްތަކެއް، މިދެންނެވި ކަހަލަ ވަރުގަދަ،  ރައްޔިތުންނަށް އުފާވެރިކަމުގެ މެސެޖްތަކެއް ހިފައިގެން އައި ޕާޓީއެއް. ޙަޤީޤަތުގައި ސިޔާސީ މައިދާނުގައި ރާއްޖެއަށް މި އަންނަ ހުރިހާ ނުބައި އޮއިވަރެއްގައި މަނައެއްގެ ގޮތުގައި އޮތީ މި ޕާޓީއޭ. އެހެން ޕާޓީތަކެއް ނޫނޭ. އަޅުގަނޑު ނެތިން، މުދާ ވިއްކި ވާހަކަ ދައްކާކަށް. އަޅުގަނޑު ނެތިން، އަޅުގަނޑުމެން އެކި ފެންވަރުގައި އަޅުގަނޑުމެންގެ ވިސްނުން ބަދަލުވި ވާހަކަ ދައްކާކަށެއް އެހެން ލީޑަރުންގެ. އެކަމަކު ހުރިހާ ކަމެއްގައި ސާބިތުކަމާއެކީ އޮތް ޕާޓީއަކީ މިއީ ނޫންތޯ؟ 
 
އެހެންވީމާ، އަޅުގަނޑުވެސް ހަމަ ދަންނަވާނަން މިއީ، އަޅުގަނޑުމެން އަތްޖަހަންވީ ވަގުތު. އެއީ ކީއްވެގެންތޯ؟ އެއީ އެއް ފިކުރެއްގައި، އެއް ވިސްނުމެއްގައި، ދައުލަތް ކުރިއަށް ގެންދިޔުމަށްޓަކައި. އަދި އަޅުގަނޑުމެން ގަބޫލުކުރާ އުސޫލުތައް ދެމެހެއްޓުމަށްޓަކައި. އަދި ހަމައެކަނި ދިވެހިންނަކީ ވަކި ފެންވަރެއްގައި އިޤްތިޞާދީ ގޮތެއްގައި ތިބެންޖެހޭ ބައެއް ނޫންކަމަށް ގަބޫލުކުރާތީ. އަދި މިސަރަޙައްދުގައިވެސް، ދުނިޔޭގައިވެސް އަބުރުވެރިކަމާއި ޝަރަފުވެރިކަމާއެކީ ތިބުމަކީ ދިވެހި ރައްޔިތުންގެ ޙައްޤެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރާތީ. ކުޑަޤައުމެއް. އެހެންނަމަވެސް، އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ލިބޭ ޝަރަފާއި، ކަރާމާތާއި، ޙައްޤާ، މިކަންކަމުގައި ވަކާލާތުކޮށް، އަޅުގަނޑުމެންގެ އަޑު އެބަޖެހޭ ދުނިޔެއަށްވެސް އިއްވަން. އެހެންވީމާ، އެކަންކަން އަޅުގަނޑުމެންނަށް ކުރެވޭނީ އަޅުގަނޑުމެންނަކީ، އިޤްތިޞާދީ ގޮތުންވެސް މިހާރު ތިބި މަރުޙަލާއަށްވުރެ ތަނަވަސް މަރުޙަލާއެއްގައި އުޅޭ ބަޔަކަށްވެގެން. 
 
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އަޅުގަނޑުގެ ހުރިހާވެސް އުންމީދަކީ، އަޅުގަނޑުގެ ހުރިހާ ދުޢާއަކީވެސް، އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ހެޔޮގޮތް މިންވަރުވެގެންދިޔުން. މާތްﷲ އަޅުގަނޑުމެންނަށް މިކަންކަމުގެ ތައުފީޤު ދެއްވާނެ. 
 
އަޅުގަނޑުމެން ހަމައެކަނި ކޮށްލަންޖެހޭ ކަމަކީ އަޅުގަނޑުމެންގެ ހިތުގެ ނިޔަތް އިޚްލާޞްތެރިވުން. އަޅުގަނޑުމެންގެ ހިތުގެ ހިތްހެޔޮކަން ﷲ އަށް ޚާލިސްކޮށްލުން. މިއީކީ ބޮޑުކަމެއް ނޫން. އަޅުގަނޑުމެން ކޮންމެ މީހަކު ގަބޫލުކުރަންވީ، ޝަހީދު ޙުސައިން އާދަމް ފަދަ، މުޙައްމަދު ތަކުރުފާނު ފަދަ މީހަކަށް، އެ ޢަޒުމު އަޅުގަނޑުމެންގެ ތެރޭގައި ހުންނަ ހުރުން. އެއީ އަޅުގަނޑުމެން އެއްވެސް މީހަކަށް ކުރަން ދަތިކަމެއް ނޫނޭ. ކޮންމެ މީހަކު މަރާ ބިންމައްޗަށް ތިރިކޮށްލީމަކައެއް ނޫނޭ، އެ ޢަޒުމު ހުރިކަން އެނގެންވާނީކީ.
 
އަޅުގަނޑުމެން އެންމެން ގަބޫލުކުރޭ، ދިވެހިރާއްޖޭގައި އޮންނަންވާނީ އިސްލާމްދީންކަން. އަޅުގަނޑުމެން އެންމެން ގަބޫލުކުރޭ، އެހެން ދީންތަކަށް ޖާގަދޭން ނުޖެހޭކަން. އަޅުގަނޑުމެން އެންމެން ގަބޫލުކުރޭ، ޒުވާނުން އެބަ އާރާސްތު ކުރަންޖެހޭކަން. އަޅުގަނޑުމެން އެންމެން ގަބޫލުކުރޭ، އެއީ ބިނާކުރަންވީ ޖީލެއްކަން. އަޅުގަނޑުމެން އެންމެން ގަބޫލުކުރޭ، ރާއްޖެއަށް ބޭނުންވާ ހުރިހާ ކަންކަން ރާއްޖެއަށް ކުރެވެންވާނެ ކަމަށް. އަޅުގަނޑުމެން އެންމެން ގަބޫލުކުރަން، އުފެއްދުންތެރިކަމާއެކީ ރާއްޖެ ކުރިއަށްދާންވާނެ ކަމަށް. އެއަރޕޯޓް އެޅޭނެ މި ރަށުގައިވެސް. އަދި އެހެން ތަންތަނުގައިވެސް. އަޅުގަނޑުމެން އެންމެން ގަބޫލުކުރޭ، އަޅުގަނޑުމެންގެ ޖީބު ތަނަވަސްވާންޖެހޭކަން. އެހެންވީމާ، މިއީ އަޅުގަނޑުމެން އަހަން މާބޮޑު އެހުމެއްތޯ މިއީ. އިޓްސް ނޮޓް އެޓް އޯލް އާސްކްޑް. މިއީ އަޅުގަނޑުމެން ޑިޒަރވްވާ ކަންތައްތައް. 
 
އެހެންވީމާ، މިކަންކަން ކުރުމުގައި، ކީއްވެގެންތޯ ދިވެހީން މި ރަޙްމަތުން އަޅުގަނޑުމެން ފުރަގަސްދީފައި ދުރަށްދާންވީ؟ އެހެންވީމާ، އަދިވެސް މި ދެންނެވި ހުރިހާ ދިވެހި ސިފަތަކާއި، ދިވެހިވަންތަކަމާއި، އިސްލާމީވަންތަކަމާއި، ޤައުމުގެ ޝަޚުސިއްޔަތާއި، ޤައުމަށް ކަރާމާތްތެރި، ހުރިހާ މުޤައްދަސް، ހުރިހާ ވެލިއުތަކެއް ހިފަހައްޓައިދޭނެ ޕާޓީއަކީ މި ޕާޓީ. އެހެން ޕާޓީތަކަށް ހިފަހައްޓައިނުލެވޭނެ ގޮތް މި ދެންނެވީ. އެއީ، ޕާޓީތަކުގެ ލީޑަރުންގެ ފިކުރުގެ ބަލިކަށިކަން، އެބޭފުޅުން ކިތަންމެވަރަކަށްވެސް ދިވެހިރާއްޖޭގެ ރައްޔިތުންނަށް، އެއްފަހަރަށްވުރެ ގިނަފަހަރު ސާބިތުކޮށްދެއްވާފައި ހުރީމަ.
 
މާތްﷲ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބަރަކާތް ލައްވާށި! 
 
އަޅުގަނޑު ހަމަ ކުޅުދުއްފުށީގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތިޔަބޭފުޅުންނަށް އަޅުގަނޑުގެ ލޯބި އޮތް ވާހަކަ ދަންނަވަން. އަދި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި އަޅުގަނޑުމެންނާއެކީ އިސްސަފުގައި، އަޅުގަނޑުގެ ފަހަތުގައި ނުތިއްބަވާތި! އަލިރަސްގެފާނުގެ ފަހަތުގައި ވަރަށްގިނަ ދިވެހިން ތިބިކަމަށް ފުރަތަމަ ހީވި. އެކަމަކު ފަހަތަކު ނެތް ބަލައިލިއިރަކު އެކަކުވެސް. 
 
އެހެންވީމާ، އަޅުގަނޑާއެކީ، އަޅުގަނޑަށްވުރެން ކުރިއަށް ވަޑައިގެންދެއްވައިފިއްޔާ، އަޅުގަނޑުމެން މި ދެކޭ ދިވެހިރާއްޖެ މި ދާންވާ، އިޤްތިޞާދީ ގޮތުން ވާސިލުވާން ބޭނުންވާ ހުރިހާ ހިސާބަކަށް އަޅުގަނޑުމެން ވާސިލުވާނެ. ނިޔަތް އިޚްލާޞްތެރިވެފައި، އަޅުގަނޑުމެން ކުރާ މަސައްކަތަކީ، ހެޔޮހިތުން ކުރާ ރަނގަޅު މަސައްކަތެއް ކަމަށްވަންޏާ، އެ މަސައްކަތުގައި ﷲގެ ބަރަކާތަކީ، ﷲ ކަށަވަރުކޮށްދެއްވާފައި އޮތް ކަމެއް. 
 
وما توفيقى إلّا بالله عليه توكّلت وإليه أنيب.

والسّلام عليــكم ورحـمــة اللّـه وبـركاتـه.