بســم اللّـه الرّحمـن الرّحيــم

އެންމެހާ ޙަމްދާއި ރިވެތި ޘަނާ ޙައްޤުވަނީ މާތް اللّـه سبحـانـه وتعـالى އަށް. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ މި ކުރަނީ، އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލްކުރަމުން.

އާދެ، މިތަނަށް ވަޑައިގެން ތިއްބެވި އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه.

އާދެ، ޝައްކެއްވެސްނެތްގޮތުގައި، މިރެޔަކީ އަޅުގަނޑުމެންގެ ތާރީޚުން ޖާގަ ހޯދާނެ ރެއެއް. މިއަދަކީ އަޅުގަނޑުމެންގެ ޤައުމީ ދުވަސް. ޤައުމީ ދުވަހުގައި މިފަދަ ވަރުގަދަ މަޝްރޫޢެއް އިއްތިފާޤުވެގެންދިޔަކަމީ ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެންގެ ނަސީބު ރަނގަޅުކަން.

އަޅުގަނޑު ވާހަކަކޮޅު ފަށަމުން ޤައުމީ ދުވަހުގެ އުފާވެރި ތަހުނިޔާ، ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް، ޚާއްޞަކޮށް ދިވެހި ޒުވާނުންނަށް ދަންނަވަން.

ޤައުމީ ދުވަހެއްގައި އަޅުގަނޑުމެންގެ ޚިޔާލަށް އަންނަންޖެހޭނެ ކަންތައްތަކެއް ހުންނާނެ. ޤައުމީ ދުވަހަކީ ޝައްކެއްވެސްނެތްގޮތުގައި، ކޮންމެ ޤައުމަކަށްވެސް ލިބޭނެ އެންމެ ޝަރަފުވެރި، އެކަމާ ދޭތެރޭގައި އަޅުގަނޑުމެން އެންމެ ވިސްނަންޖެހޭ ދުވަސް. ޤައުމީ ދުވަހެއް އަޅުގަނޑުމެންނާ ބައްދަލުކޮށް ވަކިވެގެންދާއިރު، ޤައުމީ ދުވަހެއްގެ ހުރި މުހިއްމު ކަންތައްތަކާ ދޭތެރޭގައި އަޅުގަނޑުމެންގެ ޚިޔާލަށް ކަންކަން ގެންނަންވާނެ. ޝައްކެއްވެސްނެތްގޮތުގައި، ޤައުމެއް ޤައުމަކަށްވަނީ އެންމެ ފުރަތަމަ އަޅުގަނޑު ދެކޭގޮތުން ޤައުމުގައި ކުރިއަށް ދިޔުމުގެ ރޫޙެއް ހުރެގެން. ޤައުމުގައި ކުރިއަށް ދިޔުމުގެ ރޫޙެއް ހުރެގެން ނޫން ގޮތަކަށް، ޤައުމަކީ ޝަރަފުވެރި، އަބުރުވެރި މިސާލެއް ދައްކާނެ ޤައުމަކަށް ނުވާނެ. އަޅުވެތިކަމާއި، ހިތްދަތިކަމާއި، ފަޤީރުކަމާއި، ސަލާންޖެހުމުގެ ތެރޭގައި އުޅުމަކީ ޤައުމަކަށް ތަޙައްމަލު ކުރަން ފަސޭހަކަމަކަށް ނުވާނެ. އެހެންވީމާ، އަޅުގަނޑުމެންގެ ޤައުމަކީވެސް ކުޑަ ޤައުމަކަށްވީނަމަވެސް، އަޅުގަނޑުމެންގެ ޤައުމަކީ ކަރާމާތްތެރި، ޝަރަފުވެރި، އަބުރުވެރި އަދި އަޅުގަނޑުމެންގެ ބަސް ކޮންމެވެސްވަރަކަށް އުފުލޭވަރުގެ ޤައުމަކަށްވުމަކީ، ޤައުމެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންނަށް ﷲ މިންވަރު ކުރައްވާނެ އެންމެ ވަރުގަދަ ނިޢުމަތްތަކުގެ ތެރޭގައި ހިމެނޭނެ ނިޢުމަތަކަށްވާކަމާ ދޭތެރޭގައި އަޅުގަނޑުމެން އެއްވެސް މީހަކު ޝައްކެއްނުކުރާނެ.

ޤައުމިއްޔަތެއްގައި މި ދެންނެވި ލޯތްބާއެކީ ޤައުމު ކުރިއަށް ގެންދިޔުމުގައި، އަޅުގަނޑުމެން ދެން ވިސްނާލަންޖެހޭ ކަމަކީ، ޤައުމީ ދުވަހެއްގައި، ޤައުމެއްގައި އެންމެ މުހިއްމީ ކޮން ކަމެއްތޯ؟ ޝައްކެއްވެސްނެތްގޮތުގައި ހަމަޖެހުން. ޤައުމުގެ ރައްޔިތުން ޝަރަފުވެރިކަމާއެކީ ރަށްރަށުގެ ނަން ތާރީޚުތަކުގައި، ޗާޓުތަކުގައި އަދި މިނޫންވެސް އެހެން އެކި ތަންތަނުގައި ލިޔެވިދާނެ. އެހެންނަމަވެސް، އެ ބައެއްގެ ތެރޭގައި ހަމަޖެހުން ނެތިއްޔާ، އަދި އެ ބައެއްގެ ތެރޭގައި ކުރިއަށް ދިޔުމުގެ ރޫޙެއް ނެތިއްޔާ، ޤައުމީ ދުވަހެއްގެ އުފާވެރިކަން އަދި ޤައުމަކަށް ލިބެންވާ ހިތްހަމަޖެހުމެއް ލިބިގެނެއްނުދާނެ. މިކަމާ އެންމެ ބޮޑަށް މި ގުޅެނީ، ޤައުމުގައި އޮންނަ ހަމަޖެހުން.

ޤައުމުގައި އޮންނަ ހަމަޖެހުމާ ދޭތެރޭގައި، އަޅުގަނޑުމެން ޚިޔާލުކުރަން މިރޭ މިއީ އަދި އަޅުގަނޑުމެންގެ ސަރުކާރަށް 4 އަހަރު ފުރިގެންދާ ދުވަހު އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަމެއް. އަޅުގަނޑުމެން އަބަދުވެސް ބުނަމު، އަޅުގަނޑުމެން ވަކިވަކި ފަރުދުންނަށްވުރެން މުހިންމުވަނީ، އިސްވަނީ ޤައުމޭ. އެހެންވީމާ، އަޅުގަނޑުމެން ހުރިހާ ސިޔާސީ ފިކުރެއްގައި ތިބި އަޅުގަނޑުމެންގެ ޤައުމުގެ ލޮބުވެތި ރައްޔިތުންވެސް ހިތްޕުޅަށް ގެންނަވަންޖެހޭ، އަދި ތަކުރާރުކޮށް ހަނދާންކޮށްދެއްވަންޖެހޭ، އެއްވެސް ސިޔާސީ ލީޑަރަކަށްވުރެން މުހިއްމީ ޤައުމު. ސިޔާސީ ލީޑަރުންގެ އަމިއްލަ ވިސްނުންފުޅުތަކެއް ހުންނާނެކަމާ ދޭތެރޭގައި ޝައްކެއްނެތް. ސިޔާސީ ލީޑަރުން ކަންކަން ތަރުތީބުކުރާނެގޮތާ ދޭތެރޭގައި، އެބޭފުޅުންގެ ވިސްނުންފުޅު ހުންނަކަން، އަޅުގަނޑުމެންނަށް މިދިޔަ ގާތްގަނޑަކަށް ސާޅީހަކަށް އަހަރުގެ ކުރު މާޒީގެ ތެރޭގައި ދައްކައިދީފި. ސިޔާސީ ލީޑަރުން، އެބޭފުޅުންނާ ވެރިކަން ހަވާލުވީމަ، ކަންކަން ތަރުތީބުކުރައްވާ ގޮތުގެ ނަތީޖާ މިއަދު އަޅުގަނޑުމެންނާ މި ބައްދަލުކުރަނީ. ނޫނީވިއްޔާ ކަންކަން ކުރައްވަން މަސައްކަތް ކުރައްވާފައި އަދި އެކަންކަން ނުފުދި ދިޔުމުގެ ނަތީޖާ، އަޅުގަނޑުމެން ދިވެހި ރައްޔިތުން މި ބައްދަލުކުރަނީ.

ދިވެހި ރައްޔިތުންގެ މައްސަލައެއް ނޫން، ދިވެހި ރައްޔިތުންގެ ކުށެއް ނޫން، އަޅުގަނޑުމެންގެ އާބާދީ އިތުރުވަމުންދިޔުމަކީ. ދިވެހި ރައްޔިތުންގެ ކުށެއް ނޫން، އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ގެދޮރުވެރިކަން ބޭނުންވާނެކަމަށް ކަނޑަނޭޅި އަބަދު އިޢުލާނު ކުރަމުންދިޔުމަކީ. އަޅުގަނޑުމެންގެ ޤައުމުގައި 183 ރަށެއްގައި އާބާދުވެގެން އުޅޭއިރު، ފެނާއި ނަރުދަމާ ނެތިދިޔުން އެއީކީ، ދިވެހި ރައްޔިތުންގެ މައްސަލައެއް ނޫން. ދިވެހި ރައްޔިތުންނަށް، ދަތިވާ ކަންތައްތައް، އެވަގުތަކު އޮންނަ ސަރުކާރަކަށް، އާދެ، އެމީހުން ކަންކަން މަތިކުރާ ސަރުކާރަކަށް އަބަދުވެސް ހުށަހަޅަމުންދާނެ. ތަންކޮޅެއް ސަމާސާ ބަހެއް އޮވޭ. އެހެންނަމަވެސް، މަޒާޖީ ބަހެއް. ތިޔަބޭފުޅުން މިކަމާ ދޭތެރޭގައި ފިކުރުކޮށްލައްވާ! ޑިމޮކްރަސީއާ ބެހޭގޮތުން އަޅުގަނޑުމެން އެ ނިޒާމަކަށް މިއަދު ކުރުނީސްކުރާ ނިޒާމާ ބެހޭގޮތުންވެސް ލައްކަ ވާހަކަ ހުރޭ. ސަމާސާ ވާހަކަވެސް ހުރޭ. ސީރިއަސް ވާހަކަވެސް ހުރޭ. ސީރިއަސް ވާހަކައިގެ ތެރެއިން އަޅުގަނޑު ދަންނަވާލާނަން ވާހަކައެއް، މިތާ މި ތިއްބެވި ހުރިހާ ބޭބޭފުޅުންނަށް ވިސްނައިލައްވަން. އަދި ތިޔަބޭފުޅުން ހެކިކޮށް އަޅުގަނޑު ދަންނަވާލާ ވާހަކައެއް.

ޑިމޮކްރަސީ ނިޒާމަކީ، ނޫނީ ޑިމޮކްރެޓިކް ނިޒާމަކީ އެންމެ މުހިއްމު ނިޒާމަކަށްވެގެން އަންނަ ސަބަބަކީ، އެ ނިޒާމެއްގައި، މައްޗަށް އެއްލާ ގާކޮޅު ތިރިއަށް ވެއްޓޭނެކަން އަޅުގަނޑުމެންނަށް ޔަޤީންވާގޮތަށް، އެ ނިޒާމެއްގައި ވޯޓްލާ ވޯޓްލުމެއްގެ ނަތީޖާ، އެ ރައްޔިތަކާ ބައްދަލުކުރާނެ. ވޯޓް ލައިގެން އެންމެ މުހިއްމު ކަންތައް ނިންމަނީ. އަޅުގަނޑުމެން ކަންކަން ހަވާލުކުރާނެ، މަސްއޫލިއްޔަތު އުފުލާނެ މީހުން މި ނިންމަނީ ވޯޓް ލައިގެން. އެބޭފުޅެއްގެ ފިކުރާއި، އެބޭފުޅެއްގެ ވިސްނުމާއި، އެބޭފުޅަކު މަޝްރޫޢުތަކާއި، ރައްޔިތުންގެ ބޭނުންތައް ތަރުތީބު ކުރައްވާ ގޮތެއްގެ ނަތީޖާ، އެވަގުތަކު ރައްޔިތުން އިޙްސާސް ކުރަމުންދާނީ. ތަޙައްމަލު ކުރަމުންދާނީ. އެހެންވީމާ، ޑިމޮކްރަސީއެއްގެ ސީރިއަސް ވާހަކައަކީ، ނޫނީވިއްޔާ ސީރިއަސް ކޮންސެޕްޓެއްގެ ގޮތަށް ވިސްނާކަމަށްވަންޏާ، ޑިމޮކްރަސީއަކީ މި ދެންނެވި ގޮތަށް ފައްކާ ނިޒާމެއް. ވޯޓް ކަރުދާސްކޮޅުގެ ނަތީޖާ، ތިޔައިން ކޮންމެ ބޭފުޅަކު ލައްވާ ވޯޓެއް، ތިޔައިން ބޭފުޅަކަށް ކިހާވަރަކަށް ގެދޮރުވެރިކަން ހާސިލުކޮށްދޭނެތޯ، ކުދިންނަށް ކިހާވަރަކަށް ތަޢުލީމު އުނގަންނައިދެވޭނެތޯ، ދަރާނީތޯ، ލޯނު ނަގާނީތޯ، ނޫނީވިއްޔާ ބިން ހިއްކާނީތޯ. މިކަންކަމާ ދޭތެރޭގައި ތިޔަބޭފުޅުން ދެއްވާ ޖަވާބެއް، ތިޔަބޭފުޅުން ތިޔަ ދެއްވަނީ ޑިމޮކްރަސީގައި ވޯޓްލާ ދުވަހު ޖަހާ ކަރުދާސްކޮޅެއްގައި. ކަންތައްތައް ކުރަން ބޭނުންތޯ، ކަންތައްތައް ކުރުމުގެ ޢަޒުމު އެބަހުރިތޯ، ކުރިއަށް ޤައުމާއިގެން ދާން ބޭނުންވާ މީހަކު އެބަހުރިތޯ، އިޚްލާޞްތެރި ވެރިޔަކު އެބަހުރިތޯ، ނޫނީވިއްޔާ އެ އަންނަ ވެރިޔަކު އެ އަންނަނީ، އަމިއްލަ މުހުތާދުތަކެއް ފުއްދަންތޯ. މިއީ ޑިމޮކްރަސީގައި ވޯޓްލާ ކަރުދާސްކޮޅުގައި، ވޯޓްލާ ދުވަހު އަޅުގަނޑުމެން ވިސްނަންހުރި ކަންކަން.

ޑިމޮކްރަސީ، ނޫނީ މި ނިޒާމާ ބެހޭގޮތުން ތަންކޮޅެއް ލާނެތްކޮށް އޮންނަ ވާހަކައެއްވެސް އަޅުގަނޑު ދަންނަވާލާނަން. މި ނިޒާމާ ބެހޭގޮތުން އޮންނަ އަނެއް ވާހަކައަކީ، މީހެއްގެ ބޮލުގައި ބަދުނާމު އަޅުވަންވެއްޖެ ކަމަށްވަންޏާ، ޑިމޮކްރަސީއަށްވުރެން މުހިއްމު ނިޒާމެއް ނޯންނާނެ. ނުކުރެވި ހުރި ކަންކަން، ރައްޔިތުންނަށް ފުއްދައިނުދެވި ހުރި ކަންކަމުގެ ބަދުނާމު، މީހެއްގެ ބޮލުގައި އަޅުވާކަމަށްވަންޏާ، ޑިމޮކްރެޓިކް ނިޒާމަކުން އެ ބަދުނާމު އުފުލަންޖެހޭ މީހަކު މި ދައްކަނީ. އާދެ، ރައްޔިތުން ކަންކަން ކުރަން އިންތިޚާބުކުރާ މީހާ. އެހެންވީމާ، މިއީ ޑިމޮކްރަސީގައި ދެފުށް، ލާރި ފޮއްޗެއްގެ ދެފުށް އޮންނަގޮތަށް.

މިކަންކަމުގައި އަޅުގަނޑުގެ ވިސްނުމަކީ، އަޅުގަނޑު ޑިމޮކްރެޓިކް ނިޒާމެއްގައި ރައްޔިތުންގެ އަރިހަށް އައީ ބަދުނާމު އުފުލާކަށް ނޫން. އަޅުގަނޑު އައީ ދިވެހިރާއްޖޭގައި ބިޔަ ބޮޑެތި މައްސަލަތަކެއް ހުރިކަން އެނގިގެން. އަދި ބިޔަ ބޮޑެތި މައްސަލަތަކުން އަރައިގަތުމަށްޓަކައި ދިވެހި ރައްޔިތުންގެ ޙައްޤެއް އޮތްކަމާއި، ދިވެހި ރައްޔިތުން އެކަމަށް އެދޭނެކަމާއި، ދިވެހި ރައްޔިތުންގެ އުއްމީދުތަކެއް ވާކަމާއި، އަދި ޚާއްޞަކޮށް، ޒުވާނުންނަށް އަޅުގަނޑުމެންގެ ޕްލޭނިންގ ކަލަންޑަރުގެ ތެރެއިން ޖާގަދޭންޖެހޭކަމާއި، ޒުވާނުންނަކީ އަޅުގަނޑުމެންގެ މުސްތަޤްބަލް ބައްޓަންކުރާނެ ބައެއްކަމާއި، އަދި އަޅުގަނޑުމެންގެ ހުރިހާ މަގުތަކާއި، ހުރިހާ ވިސްނުމަކާއި، ހުރިހާ ފިކުރަކާއި، ހުރިހާ ލޯތްބެއްގެ އެންމެ އިސް ސަފުގައި ތިބޭނީ ޒުވާނުންކަން އަބަދު ވިސްނާތީ. ޤައުމު ކުރިއަށްދިޔުމުގެ ހިތްވަރާއި، އާރާއި ބާރާއި އަދި ހަކަތަހުރި ބަޔަކީ ޒުވާނުން ކަމުގައި ވިސްނާތީ. އެހެންވެގެން އަޅުގަނޑުމެންގެ ޕްލޭނިންގ ޕްރޮސެސްގެ ތެރެއިން ޒުވާނުންނަކީ ތިބި ބައެއްކަން ދަންނަން ފެށީ.

އަޅުގަނޑު މިކަމުގައި ތަފާސް ދަންނަވާކަށްނެތިން. މިކަހަލަ ތަފާސް އަޅުގަނޑު ދީފިން. ރިޔާސީ އިންތިޚާބަށް ކުރިމަތިލަމުން އައިއިރު، މެނިފެސްޓޯގެ ވާހަކަ ދައްކަމުން އައިއިރު، ރައްޔިތުންގެ އަރިހުގައި އަޅުގަނޑުގެ ވިސްނުން، ދިވެހިރާއްޖެ ބައްޓަންކުރުމާ ބެހޭގޮތުން ހުރި ގޮތްތަކުގެ ވާހަކަ ދައްކަމުން އައިއިރު، އަޅުގަނޑު މިކަހަލަ އެތައް ވާހަކައެއް ދެއްކިން. އަޅުގަނޑުގެ ނަސީބަކަށްވީ އަޅުގަނޑަކީ އެއްގޮތަކަށްވެސް މިކަމަށް، ނޫނީވިއްޔާ ދައުލަތް ހިންގުމަށް، ނޫނީ ރައްޔިތުންގެ ކަންކަމާ ހަވާލުވުމަށް މުޅިން އާރޯތާނަ މީހަކަށްނުވާކަން. އެއީ ޝައްކެއްވެސްނެތްގޮތުގައި އަޅުގަނޑަށް ލިބުނު އެންމެ ރަނގަޅު ފިލާވަޅު. އަޅުގަނޑަށް ލިބުނު އެންމެބޮޑު ނިޢުމަތް. ސަރުކާރުގައި އުޅޭތާ އެތަކެއް ދުވަސްވެއްޖެ. ހަމަ އެހެންމެ، ރައްޔިތުންގެ މަޖިލީހުގައި އުޅޭތާ އެތަކެއް ދުވަސްވެއްޖެ. އަޅުގަނޑު މިރޭވެސް ދަންނަވާނީ، އަޅުގަނޑު އައީ އިޚްލާޞްތެރިކަމާއެކީ ރައްޔިތުންގެ މިހިރަ ބޮޑެތި މައްސަލަތައް ޙައްލުކޮށްދޭށޭ.

ޤައުމީ ދުވަހެއްގައި މި ފިޔަވަޅުމަތީގައި ހުރެގެން ވާހަކަ ދައްކާއިރު، ޤައުމީ ދުވަހެއްގެ ވާހަކަ ދައްކާފައި ޤައުމީ ދުވަހެއްގައި އެންމެ ބޮޑަށް، ނޫނީ ޤައުމެއްގެ ބަހާތަކާ ދޭތެރޭގައި އެންމެބޮޑަށް ވިސްނަންޖެހޭ ކަންކަމުގެ ތެރޭގައި މި ހިމެނެނީ ކުރިއަށް ދިޔުމުގެ ޢަޒުމު، ކުރިއަށް ދިޔުމުގެ ޝައުޤުވެރިކަން، ކުރިއަށް ދިޔުމުގެ ވިސްނުން އޮތް ރައްޔިތެއް އެބައޮތްހެއްޔޭ؟ ޝައްކެއްވެސްނެތްގޮތުގައި، އަބަދުވެސް ރައްޔިތުންގެ ވިސްނުން ހުންނާނީ، ފިކުރު ހުންނާނީ ކުރިއަށް ދިޔުމަށް. އެކަމަކު ކުރިއަށްދާނީތޯ، ބަހަށް އަރާފައި ވަކި ހިސާބަކުން ހުއްޓާލާނީތޯ، ނޫނީވިއްޔާ ފިރުކޭނީތޯ، ނޫނީވިއްޔާ އުދުހޭނީތޯ. މިކަން ނިންމާނީ ޑިމޮކްރަސީގެ ވޯޓް ކަރުދާސްކޮޅުގެ ނަތީޖާއިން އެކަމަށް ހަވާލުވާ މީހަކު. އެމީހެއްގެ ސްޕީޑުން އެކަން ނިމޭނީ. އެއީ ތަފާތަކީ.

އަޅުގަނޑުމެން މިރޭ މި ބިޔަ މަޝްރޫޢު، [ހިޔާ މަޝްރޫޢު] އިފްތިތާޙު ކުރަން އައިސް، ޝައްކެއްވެސްނެތްގޮތުގައި، މިއީ އަޅުގަނޑުމެންގެ ތާރީޚުގެ ޞަފްޙާތަކުން ރަން ޞަފްޙާއެއް ލިޔެލާނެ، ޖާގަ ހޯދާނެ މަޝްރޫޢެއް މިއީ. ޤައުމިއްޔަތަކާ ދޭތެރޭގައި ވިސްނާއިރު، ރައްޔިތުންގެ ތެރޭގައި އޮންނަ ހަމަޖެހުން މުހިންމުވެގެން މިދަނީ ޤައުމަކީ ރައްޔިތުން ކަމުގައިވާތީ. ޤައުމުގެ ސިފަ، ޤައުމުގެ ވެށި ބައްޓަން ކުރަނީ ރައްޔިތުންގެ ފިކުރާއި، ރައްޔިތުންގެ ޚިޔާލާއި، ރައްޔިތުން ޘަޤާފީ ކަންކަމަށާއި، ކުރީގެ އުޞޫލުތަކަށް ކިހާވަރަކަށްތޯ މިއަދު ހިތުގެ ތެރެއިން އިޚްލާޞްތެރި ޝުޢޫރުދެނީ. ސަރުކާރުން [ތަރިކަ] ނަމުގައި މަޝްރޫޢެއް ފަށައިގެން ދިޔައީ މިކަހަލަ އެތައް ބައިވަރު ކަންކަމަކަށް ރައްޔިތުން އެދި އާދޭސްކުރާކަން އަޅުގަނޑަށް ވިސްނޭތީ. ރައްޔިތުން އެދި އާދޭސްކުރެއޭ، މި ދެންނެވީ އެއްގޮތަކަށްވެސް ފަރުދުން އެކަމާ އެ ވާހަކަ ދައްކަވާތީކީ ނޫން. ޤައުމުގެ ޙާލަތު އެކަމަށް ގޮވާތީ. އަޅުގަނޑުމެންގެ ތެރެއިން ޒުވާން ކުދިންނަކަށް، މުޙައްމަދު ތަކުރުފާނަކީ ކިހާވަރެއްގެ ޤުރްބާނީއެއް ވެވަޑައިގެންނެވި ބޭފުޅެއްކަން، ކިހާވަރަކަށް ދިވެހި ރައްޔިތުން ތާއަބަދަށްމެ މި ޙަޟާރަތުގައި އަޅުގަނޑުމެން ދެމިތިބޭހާ ހިނދަކު، އަޅުގަނޑުމެން އެބޭފުޅަކާ ދޭތެރޭ ފަޚްރުވެރިވާންޖެހޭ، އެބޭފުޅަކަށް ޝުކުރުވެރިވާންޖެހޭ ބޭފުޅެއްކަން، ކިތައް ޒުވާން ކުދިންނަށްތޯ އެނގެނީ، އަޅުގަނޑުމެން ހަމަ ހިތާހިތާ ސުވާލުކޮށްލަން އެބަޖެހޭ.

ފަހުގެ ތާރީޚަކަށް އަންނައިރު، އިބްރާހީމް ނާޞިރަކީ ކިހާ ވަރުގަދަ ޤުރްބާނީއެއް، ކިހާ ވަރުގަދަ ޖިހާދެއް، ކިހާ ވަރުގަދަ ޢަޒުމަކާއެކީ ދިވެހި ރައްޔިތުންނަށް، ދިވެހިރާއްޖެއަށް ޚިދުމަތް ކުރެއްވި ބޭފުޅެއްކަން، ކިތައް މީހުންނަށްތޯ އެނގެނީ، އަޅުގަނޑުމެން ޚިޔާލު އެބަ ކޮށްލަންޖެހޭ. ސުވާލު އެބަ ކުރަންޖެހޭ. މިއަދުވެސް އަޅުގަނޑު ހިތަށްއަރަނީ، ބޭރު ކަރަކަރައިގެ މިކަހަލަ މަޝްހޫރު ބޭފުޅުން، އަޅުގަނޑުމެންގެ ޒުވާން ކުދިން ދަންނަލެއް، ނޫނީ ފަރިތަވާލެއް މާ ފަރިތަކަންނޭނގެ، އަޅުގަނޑުމެންގެ މި ދެންނެވި ކަހަލަ ލީޑަރުންނަށްވުރެ. އަދި ރާއްޖެ، މިދިޔަ ތާރީޚުގެ ތެރޭގައި އަޅުގަނޑުމެން ކިހާވަރަކަށް އަޅުގަނޑުމެންގެ ސައިކީ އަޅުގަނޑުމެންގެ ނަފްސުތައް ކަންކަމާ ޤުރްބާންވެއްޖެތޯ، ކިހާވަރަކަށް އަޅުގަނޑުމެންނަށް ޢުދުވާނީ ޙަމަލާތައް ކުރިމަތިވެއްޖެތޯ؟ މިކަންކަމަކީ އަޅުގަނޑުމެން މި ދެންނެވި ކަހަލަ ތަރިކަ ޕްރޮގްރާމެއްގެ ތެރެއިން އަޅުގަނޑުމެންގެ ޘަޤާފަތާއި، އަޅުގަނޑުމެންގެ ތާރީޚާއި، އަދި އަޅުގަނޑުމެންނަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކޮށް، ކުދިންގެ ހިތްތަކާ ހަމައަށް، ކުދިންގެ ސިކުނޑިތަކާ ހަމައަށް ގެންނަން ކުރެވޭ މަސައްކަތް. މިއީ ޤައުމިއްޔަތެއް ދިރުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތަކަށްވާތީ.

ޤައުމިއްޔަތެއްގެ، ޤައުމެއްގެ ހުރިހާވެސް ބަޔަކީ ރައްޔިތުން. ރައްޔިތުންގެ ތެރޭގައި އެންމެ މައްސަލަ ބޮޑުވާ ކަންކަމަށް ޤައުމީ ދުވަހެއްގައި ޙައްލު ފެންނަކަން އެއީ އަޅުގަނޑުމެންގެ ނަސީބު. މިއީކީ އިއްތިފާޤެއް ނޫން. އަޅުގަނޑުމެންގެ ރައްޔިތުންނަށް މިއަދު އެންމެބޮޑަށް ބޭނުންވެފައި އޮތް ކަމަކީ، އެންމެބޮޑަށް ބޭނުންވެފައި އޮތް ކަމަކީ ބޯހިޔާވަހިކަން. ޝައްކެއްވެސްނެތް، އުނދަގޫ ބައްޔެއްގައި، މިސާލަކަށް، ޕެރަލައިޒް، ވާބަލި، ނޫނީވިއްޔާ މީހާ ބުއްދި ފަސްވެގެންދިޔުން ކަހަލަ ބައްޔަކީ ހިތާމަވެރި ހިތްދަތި ބަލި. އިންސާނަކު އެންމެ ދަތި ޙާލަތަށް ފުރޮޅިގެންދާ ކަމަކީ އެމީހަކަށް ކުރިމަތިލާ މި ދެންނެވި ކަހަލަ ވޭންއަޅާ، ދިގުލައިގެންދާ ތަކުލީފުތަކެއް އުފުލަންޖެހޭ ބަލި. މިކަހަލަ ބަލިބަލި ފިޔަވައި އެންމެބޮޑު ނިކަމެތިކަމެއް އިންސާނާއަށް އަންނަނީ ޙަޤީޤަތުގައިވެސް ބޯހިޔާވަހިކަން އެމީހަކަށް ބީވެގެންދިޔައިމަ. ނޫނީ ބޯހިޔާވަހިކަން އޭނާއާއި އޭނާގެ ޢާއިލާއަށް ގެނެސްދެވޭނެ ފުރުޞަތެއް އަމުދުން ނެތްކަން ގަބޫލުކުރެވުނީމަ. އަބަދުއަބަދު މީހެއްގެ ތަނެއްގައި ކުއްޔަށް ހިފައިގެން އުޅެމުން، ކުލި ބޮޑުވަމުންދާއިރު، މާދަންތޯ އެތަނުން ނުކުންނަންޖެހޭނީ، ދެ ހަފްތާފަހުންތޯ އެތަނަށް ނޯޓިސް ލިބިގެންދާނީ، ތިން ހަފްތާ، ނޫނީ ތިންމަސްދުވަސް ފަހުންތޯ އެތަނުގެ ރެންޓް ބޮޑުވެގެންދާނީ؟ މިއީ އަޅުގަނޑުމެންގެ ދިވެހި ޒުވާނުން މިއަދު ހިތާހިތާ ކުރާ ސުވާލު. އަދި ބޭނުންނުވެ، އެހެންނަމަވެސް އެކަމުގެ އިންތިޒާރުގައި، ޝައުޤުވެރިކަމާއި އެންޒައިޓީއާ އެކީގައި ހުންނަ މައްސަލަ. އެހެންވީމާ، މި މައްސަލަ ޙައްލުވާން އެބަޖެހޭ. މި މައްސަލައަކީ އަޅުގަނޑުމެންގެ އުފެއްދުމެއް ނޫން. މި މައްސަލައަކީ މި ސަރުކާރަށް ވާރުތަވި މައްސަލައެއް.

އެހެންވީމާ، ޤައުމީ ދުވަހެއްގައި، ޤައުމުގެ އެންމެ މުހިއްމު ބަޔަކީ ރައްޔިތުން ކަމަށްވާއިރު، ރައްޔިތުންގެ ގޮތްގޮތް ނިންމައި، ރައްޔިތުންގެ ކަންކަމުން ބަޖެޓް ހޭދަކުރާނެ މިޞްރާބު ކަނޑައަޅާ ދުވަހަކީ މިއަދު ކަމަށް މިވަނީ މި ޤައުމީ ދުވަސް. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ރައްޔިތުންނަށް އެންމެބޮޑަށް ބޭނުންވެފައި އޮތް މި ދެންނެވި މައްސަލައަށް ޙައްލެއް ހޯދައިދޭން ކުރެވޭ މަސައްކަތް.

މިރޭގެ މި މަޝްރޫޢު، މީގެކުރީގެ މަޝްރޫޢުތަކާ ތަފާތުވާގޮތް އަޅުގަނޑު ދަންނަވާނަން. އަޅުގަނޑުމެންގެ ސަރުކާރު އައިސް، އަޅުގަނޑަށް ލިބުނު އެންމެބޮޑު ހިތްހަމަޖެހުމަކީ، އެންމެ ފުރަތަމަ ސުނާމީގައި ބިކަވެގެން ހާލުގައި ޖެހުނު ހުރިހާ ރައްޔިތުންގެ ގެދޮރުވެރިކަން، އެއް އަހަރުގެ ތެރޭގައި އެމީހުންނަށް ފުރިހަމައަށް ހާސިލުކޮށްދެވުން. ދެންމެ ރިޕޯޓްގައިވެސް އަޅުގަނޑުމެންނަށް އިވިގެން ހިނގައްޖެ. 10 އަހަރު ވަންދެން އެކަންއޮތީ ޙައްލުނުވެ. އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ، 10 އަހަރު ވެގެންދާއިރު، އެހާ ނިކަމެތި ހާލެއްގައި، ބީވެގެން، ބިކަވެގެންދާ ބަޔަކަށް، ޒިންމާދާރު ސަރުކާރެއް އޮވެގެން ގެދޮރުވެރިކަން ފުރިހަމަކޮށްދެވެން ނުޖެހޭނެ ކަމަކަށް. އެކަން އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ. އެހެންވީމާ، ކަންކަން ބަދުނާމު ކުރަންވީމަ ޑިމޮކްރަސީގެ ލީޑަރެއް ހޯދާ ކޮންސެޕްޓް އަޅުގަނޑެއް ގަބޫލެއްނުކުރަން. އަޅުގަނޑު ގަބޫލުކުރަނީ، ކަންކަމާ ކުރިމަތިލައިގެން، ރައްޔިތުންނަށް ދަތިވެފައި ހުރި ކަންތައްތައް ޙައްލުކޮށްދޭން ބޭނުންކަމަށްވަންޏާ، ޑިމޮކްރަސީގައި އަޅުގަނޑުގެ ނަމުގައި ފާހަގަ ޖައްސަވައިދެއްވާށޭ! އިޚްލާޞްތެރިކަމާއެކީ ކަންކަން ޙައްލުވެގެން ދާންވާނެ.

ދެވަނައަށް އަޅުގަނޑަށް ލިބުނު އެންމެބޮޑު އުފަލަކީ، އަޅުގަނޑު އަބަދުވެސް ގަބޫލުކުރަން، ދިވެހި ޒުވާނުންނަކީ، ނޫނީ ދިވެހި ޒުވާނުންގެ އުއްމީދުގެ ދަންމަރުގެ ހުޅުކޮޅު ނިވެމުންދާތަން އަޅުގަނޑަށް ފެނޭ. ބިކަވަމުންދާތަން އެބަ ފެނޭ. ނުބައި ކަންތައްތަކަށް ނަޞޭޙަތްތެރިވެވި، މަޝްވަރާދެވި، އެމީހުން ނުބައި ކަންތައްތަކަށް މަގުފުރެދެމުން، މަގުއޮޅެމުންދާކަން އަޅުގަނޑުމެންނަށް އެބަ އެނގޭ. އޭގެ އެންމެބޮޑު މާޔޫސްކަމެއް ޙަޤީޤަތުގައި މި އަންނަނީ، ނޫނީވިއްޔާ ކުއްޖަކު އެންމެބޮޑަށް ބާކީވެގެން މި އަންނަނީ، ރަނގަޅު ތަރުބިއްޔަތަކާއި ޢާއިލާއިން އެ ކުއްޖަކު ބީވެގެންދާތީ. އެ މައްސަލަ ކޮމްޕައުންޑް ވެގެންދަނީ، އިތުރުވެގެންދަނީ، ނޫނީ އެ މައްސަލަ އިތުރަށް ގޯސްވެގެންދަނީ، އެމީހުން ދިރިއުޅެންޖެހޭ ވެށި އެހާ އުނދަގޫވީމަ. ރަށްރަށުން މާލެއަށް މީހުން އައުމަކީ ދަތިކަމެއް. މި ތާރީޚު އަޅުގަނޑުމެން ޚިޔާލަށް ގެނެސްފި ކަމަށްވަންޏާ، އަޅުގަނޑުމެންގެ ހަނދާނަށް ގެނެވޭނެ. އަޅުގަނޑުވެސް އުމުރު ދަންނަވާކަށްނެތިން. ޒުވާނުންގެ އުމުރަކު ނޫން އަޅުގަނޑު މިހިރީކީ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް އެނގޭ. ކުޑަސިޓީ ހައްދައިގެން، ރާއްޖޭގެ އެކި ހިސާބުން ރަށްރަށުން މީހުން މާލެ އަންނަން ޖެހުނު ޒަމާނަކީ މާކުރީގެ މާޒީއެއް ނޫން. އެކަމަކު މިއަދު މި ރައީސް ކީކޭތޯ މި ބުނަނީ؟ ހުރިހާ ރަށަކުން މީހުން އަންނާށޭ މާލެއަށް. މާލެއަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ރަށޭ. މާލެއަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ރަށް ކަމަށްވާތީ، މާލެ ތަރައްޤީ ކުރުމާއި، ތޮއްޖެހިފައި އޮތް މާލެއިން ޖާގަ ހޯދުމާއި، ހިތްފަސޭހަކަން މާލެއަށް ގެނެސްދެވޭތޯ ބެލުމާއެކީ، ހުޅުމާލެ، ދެވަނަ ޝަހަރެއްގެ ގޮތުގައި މި ތަރައްޤީ ކުރަނީ، މި ދެންނެވި ބޭނުމަށްޓަކައި. ރަށްރަށުން ޒުވާން، އެކި އުމުރުފުރާގެ ބޭފުޅުން މިއަދު މާލެ ވަޑައިގަންނަވަންވީ. މިއީ އަޅުގަނޑުގެ ހުޅުވައިލެވިފައި އޮތް ދަޢުވަތު. މިއީ ކުޑަސިޓީ ހައްދަންޖެހޭ ޒަމާނެއް ނޫން. އެހެންވީމާ، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ، ގެދޮރުވެރިކަމަކީ މީހަކަށް ލިބޭނެ ނިޢުމަތްތަކުގެ ތެރޭގައި އެންމެބޮޑު އެއް ނިޢުމަތް.

މިތާ އެބަ ތިއްބެވި، އެކި ގިންތީގެ، އެކި އުމުރުފުރާގެ ބޭފުޅުން. އަޅުގަނޑުގެ ހިތުގައި އަބަދުވެސް ޚާއްޞަކަމެއް ދެވޭ، ޢާއިލާ ރޫޅިގެން، ޒަވާޖީ ޙަޔާތް ބަރުބާދުވެގެން، އެކަނިވެރި މަޔަކު ދެ ކުދިން، ތިން ކުދިން، ނޫނީ އިތުރު ކުދިން ގޮވައިގެން އުޅެންޖެހޭ މީހުން، އެއުޅޭ ހާލު. އަބަދުވެސް އަޅުގަނޑުގެ ހިތުން ޖާގަ ލިބޭ ބައެއް އެއީ. އަބަދުވެސް އަޅުގަނޑުގެ ހިތުން ޖާގަ ލިބޭ ބައެއް. އެމީހުންނަށް ލިބޭ އެންމެބޮޑު ނިކަމެތިކަމަކީ، ޝައްކެއްވެސްނެތް، ފުރަތަމަ ނިކަމެތިކަމަކީ، ޒަވާޖީ ޙަޔާތް ރޫޅިގެންދިޔުން. ބައްޕައިންގެ ހުންނަ ސެލްފިޝް ކަމަކީ، އަޅުގަނޑުމެންގެ ފިރިހެނުންގެ ހުންނަ ވިޔާނުދާކަމަކީ، ކުދިންކޮޅު މަންމައަށް ދޫކޮށްލާފައި، އަޅުގަނޑުމެން ގެއިން ނުކުމެގެންދާނީ. މިއީ އަޅުގަނޑުމެންގެ ހުންނަ ވިޔާނުދާ ސިފައެއް. އެހެންވީމާ، މި ދެންނެވި ކަހަލަ އެކަނިވެރި މައިންނަށް، މި ދެންނެވި ކަހަލަ އެކަނިވެރި މައިންނަށް، ކުދިން ގޮވައިގެން އަޅާލާނެގޮތެއްނެތި، ފުދުންތެރިކަން ނެތް މައިންނަށް އަބަދުވެސް ގެދޮރު ހޯދައިދިނުމަކީ، އަޅުގަނޑުގެ ހިތުން އަބަދުވެސް ޖާގަހޯދާ ކަމެއް.

މިރޭ ޙައްލުވެގެން މިދަނީ މި މައްސަލަ. އަޅުގަނޑުމެންގެ ރާއްޖޭގައި، ޚާއްޞަކޮށް، ތޮއްޖެހިފައި ހުރި ބޮޑެތި ރަށްރަށުގައި، އަޅުގަނޑު މާލެ މި ނަގަނީ މިސާލަކަށް. މާލެއަކީ މީގެކުރީގައި ޑިޕްރެސިންގ، ލިވަބްލް ތަނެއް ނޫން. މާޔޫސްކަންމަތީގައި އޮތް ރަށެއް މާލެއަކީ. މާލޭގެ ކުނިގޮނޑަށް ބެލިޔަސް، މާލޭގެ އެހެން ކަންތަކަށް ބެލިޔަސް، މާލެއަކީ އެވަރުގެ ހިތްހަމަޖެހުމާއެކީ އުޅެވޭވަރުގެ ހިތްފަސޭހަ ތަނެއްނޫން. އަޅުގަނޑުމެން މާލޭގައި އުޅެލާފައި ނުކުމެ މި ރަށަށް އައިމަ، މިރަށުގެ ސަރާސަރު ބޮޑު ބިން ފެނިފައި، ބޮޑެތި ފުޅާ މަގުތައް ފެނިފައި، ބޮޑެތި ޕާކްތަކާއި، ދެފަރާތުގައި ގަސް ޖަހާފައި ހުރީމަ، މި ތަނަށް އައިމަ އަޅުގަނޑަށްވެސް ނޭވާލެވޭ. އެކަމަކު ކީއްތޯ ކުރާނީ؟ އަޅުގަނޑުގެ ސިޔާސީ ކެރިއަރުގައި، ނޫނީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ރައްޔިތުންގެ އަރިހުގައި އަހައިގެން، ދަންނަވައިގެން ޚިދުމަތަށް ކުރިމަތިލާ މިއީ ދެވަނަ ވައްތަރުގެ ވަޒީފާ. އެންމެ ފުރަތަމަ ރައްޔިތުން އަރިހަށް ދިޔައީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ހޯދުމަށްޓަކައި. ވަރަށް ވަރަށް ޝައުޤުވެރިކަމާއެކީ އަދި ވަރަށްހެޔޮކަމާއެކީ، ނ. އަތޮޅުން އަޅުގަނޑަށް އެ ޖާގަ ދެއްވީ. މ. އަތޮޅުން އަޅުގަނޑަށް އެ ޖާގަ ދެއްވީ. އެއާއެކީ ދެން އަޅުގަނޑުވެސް ބެލީ ހަމަ ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ޙައްލުވާނެ އެހެން ގޮތެއް އޮތްތޯ. ކުރީގައި ތިއްބެވި ރައީސުން ވަރަށްގިނަ މަސައްކަތް ކުރެއްވި. އެކަމަކު އެއާއެކީ އަޅުގަނޑުގެ ފިކުރުތަކެއް ހުރި. އަޅުގަނޑުގެ ވިސްނުންތަކެއް ހުރި. އަޅުގަނޑުގެ އުއްމީދުތަކެއް ހުރި. ދެކޭ ހުވަފެންތަކެއްވޭ. އަޅުގަނޑަށް ކޮންމެވެސްވަރަކަށް ވިސްނޭ، އެކަމެއް ކުރަމުން އަންނަގޮތް ނޫން އެހެން ގޮތަކަށް ބަދަލުކޮށްފި ކަމަށްވަންޏާ، ފަހަރުގައި ރަނގަޅު ނަތީޖާ ނުކުމެދާނެއޭ. މާލޭގެ ކުނީގެ މައްސަލައަކީ މި ދެންނެވި ގޮތަށް މިހާތަނަށް އައިއިރު ޙައްލުނުވެ އޮތް މައްސަލައެއް. އެކި ގޮތްގޮތަށް މި މައްސަލަ ޙައްލުކުރުމަށް އަޅުގަނޑުމެން މަސައްކަތް ކޮށްފީމު. ހަމަ ކުރިން ތިއްބެވި ވެރިންވެސް ކުރެއްވީ ޝުކުރު ޙައްޤު މަސައްކަތްޕުޅުތަކެއް. އެހެންނަމަވެސް، އަޅުގަނޑުމެން މިއަދު އެ މައްސަލަވެސް މި ޙައްލުކުރީ.

އެހެންވީމާ، ޤައުމީ ދުވަހެއްގައި، ޤައުމިއްޔަތެއްގައި އެންމެ މުހިއްމު ބަޔަކަށްވަނީ ރައްޔިތުން ކަމަށްވެފައި، އަދި ޤައުމީ ދުވަހަކީ އުފާވެރި ދުވަހެއްތޯ، ހަނދާންކުރާނެ ދުވަހެއްތޯ، އަޅުގަނޑުމެން ފަޚްރުވެރިވާންޖެހޭ ދުވަހެއްތޯ ނިންމަން މިހިރީ އަޅުގަނޑުމެންގެ ޝުޢޫރުތަކާއި އަޅުގަނޑުމެންގެ އިޚްލާޞްތެރިކަމާ. އަދި އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޒުވާނުންނާއި އަޅުގަނޑުމެންގެ ކުދިންނަށް ނަގައިދޭ ފިލާވަޅުތަކަކުން. މި ފިލާވަޅުތައް ނުފުދޭތީ އަޅުގަނޑުމެން ތަރިކަ ޕްރޮގްރާމެއްވެސް ހިންގުން ބޭނުންތެރިކަމަށްވެގެން އަޅުގަނޑުމެން މި ފެށީ. މި ދެންނެވި ގޮތަށް ޤައުމިއްޔަތަށް އެންމެބޮޑު ގޮންޖެހުމެއް ޖަހަމުން އައީ، މި ދެންނެވި ގޮތަށް ޒުވާނުންގެ ރެސްޓްލެސްނަސް. ކުރާނެކަމެއްނެތި މާޔޫސްވެފައި، ބިކަވެފައި ތިބި ޒުވާނުން ތިބީ. ވަޒީފާގެ އުއްމީދެއް ނެތް. ގެދޮރުވެރިކަމުގެ އުއްމީދު އަދި އަމުދުން އެމީހުންނަށް ނެތް. ގާދޫކޮލުން ބޭރުގައި، ދިހަހާސް މޭލު ދުރުގައި މިކަން އޮތީ.

އެހެންވީމާ، މި ރާސްތާއަކީ މިހާ ފަސޭހައިން އަތުލެވޭނެ ރާސްތާއަކަށްނުވޭ. އެހެންވީމާ، މި މައްސަލަ ޙައްލުވެގެން ނޫނީވިއްޔާ އަޅުގަނޑުމެންނަކީ ހަމަޖެހޭ މުޖުތަމަޢަކަށް ނުވާނެ. އަޅުގަނޑުމެންނަށް މީގެކުރީގައި ވީޑިއޯތަކުން ފެނުނު މަންޒަރުތައް، ކީއްވެގެންތޯ އަޅުގަނޑުމެން އެ މަންޒަރުތައް ޙަޤީޤަތަކަށް ނަހަދަންވީ؟ ވެދާނެ، އެ ހަދާފައި ހުރި އިމާރާތްތަކަކީ އެއީ އަޅުގަނޑުމެން ކުރަހާފައި ހުރި އިމާރާތްތައް. އެކަމަކު އެއީ އަޅުގަނޑުގެ އުއްމީދު. އަޅުގަނޑުގެ ހުވަފެން. އަޅުގަނޑު ރައްޔިތުންނަށް ހަދިޔާކުރަން ބޭނުންވާ ކަންތައް އެއީ. އެކަމަކު ހަމަގައިމުވެސް ކުލަ ޖައްސާފައި އޮތް އެއްޗެއް ނޫން، އަޅުގަނޑުމެންގެ ޤުދްރަތީ ރީތި ކަނޑުތަކާއި، ރީތި ފަރުތައް އެއީކީއެއް. އެއީ ﷲ އަޅުގަނޑުމެންނަށް މިންވަރު ކުރެއްވި ނިޢުމަތް. އެ ނިޢުމަތުގެ ބޭނުން ހިފާ! އެކަމަށް ޢަޒުމު ކަނޑައަޅަންވީ ދުވަހަކީ މިއަދު. ހިޔާވަހިކަމުގެ މަޝްރޫޢު މި އަންނަނީ ދިވެހި ޒުވާނުންނަށް އަދި އެކަނިވެރި މައިންނަށް. އަދި ގެދޮރު ނެތް އެހެން ގިންތިތަކުގެ މީހުންނަށް މި އުފާވެރިކަން ދިނުމަށްޓަކައި. އެހެންވެގެން ހުޅުމާލެއަކީ، ނޫނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މި ހިއްކި ޒުވާނުންގެ ޝަހަރަށް، [ޒުވާނުންގެ ޝަހަރު]ގެ ނަމުން އަޅުގަނޑުމެން ނަންދިނީ. އަދި މިއަދު އަޅުގަނޑުމެންނަށް މި ފެނިގެންދިޔަ އިޙްތިފާލުން އަޅުގަނޑުމެންނަށް އުފާވެރިކަން ގެނެސްދިން. އަޅުގަނޑުގެ ހިތާމައަކަށް ވެގެންދިޔައީ، އަޅުގަނޑު އުއްމީދު ކުރިން، ސުނާމީގައި ގެދޮރު ގެއްލިގެންދިޔަ ރައްޔިތުންނަށް، ގެދޮރު ގެއްލިގެންދިޔަ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް، ގެދޮރުވެރިކަން އެއް އަހަރު ދުވަހުގެ ތެރޭގައި ފުރިހަމަކޮށްދެވުނީމަ، އަޅުގަނޑުގެ އުއްމީދު އާވެގެންދިޔަ.

އަޅުގަނޑުމެން 2015 ވަނަ އަހަރު، އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ، މިނިވަންދުވަހާ ދިމާކޮށް އެތައްހާސް ހައުސިންގ ފްލެޓެއްގެ ބިންގާ އެޅީމު. އުއްމީދުތަކަކާއެކީ ބޮޑެތި ކުންފުނިތައް އައި. އެއީ އަޅުގަނޑުމެން ކުރާ މަސައްކަތާއި، ދިވެހިރާއްޖޭގައި މުސްތަޤްބަލެއް އޮތްކަމަށް އެ ކުންފުނިތަކަށް ގަބޫލުކުރެވޭތީ. އަދި ހަމައެއާއެކީ ބޮޑެތި އަތޮޅުތައް ނަގައިގެން ބޮޑެތި ބިޔަ މަޝްރޫޢުތައް ހިންގާނެ ފަރާތްތައް އަޅުގަނޑުމެންނަށްވި. މިއީކީ އެއްގޮތަކަށްވެސް ފައިސާ ނެތިގެން އެކަންކަމާ ކުރިމަތިލި ފަރާތްތަކެއް ނޫން. އެކަމަކު ދިވެހިރާއްޖޭގައި އުއްމީދެއް އެބައޮތްކަމާއި، ދިވެހިރާއްޖޭގެ ސަރުކާރުން މަސައްކަތް ކުރަނީ ވިޔަފާރިތަކާއެކީ ކަމާއި، ދިވެހިރާއްޖޭގައި އޮތީ ފަހި ވެށްޓެއް ކަމާއި، އަދި ދިވެހިރާއްޖެއިން ކުރާ އެގްރީމަންޓްތަކަށް އިތުބާރު އޮންނާނެކަމާއި، އިޙްތިރާމު ކުރާނެކަން ގަބޫލުކުރެވޭތީ. އެހެންނަމަވެސް، ހުރިހާވެސް ޝުކުރެއް ޙައްޤުވަނީ އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުންނަށް. އެބޭފުޅުން އެ ކުރެއްވި ބުރަ މަސައްކަތާއި، ސަރުކާރާ ދޭތެރޭގައި އުފެއްދި ފިތުނައާއި، ރާއްޖެއަށް އަންނަ އިންވެސްޓަރުންގެ ހިތްތަކުގައި ލަކުނު ޖައްސައި ލައް ޖެއްސުމަށް ކުރެއްވި މަސައްކަތުގެ ނަތީޖާއަކަށް ވެގެންދިޔައީ، މިކަހަލަ އެތައް ކަމެއް އަޅުގަނޑުމެންނާ ބީވެގެންދިޔުން.

އެހެންވީމާ، މިއަދުވެސް ތިޔަބޭފުޅުން ވަޑައިގެން އައްސަވަންވީ، ތިޔަބޭފުޅުންގެ ޕާޓީތަކުގެ ލީޑަރުންނާ، ތިމަންނަމެންގެ ޙައްޤުގައި ދެން މިކަން ދޫކޮށްލަންނުވޭތޯ؟ އަޅުގަނޑުމެންގެ ލީޑަރުން ކުރަންޖެހޭ މަސައްކަތަކީ، ރައްޔިތުންނަށް މި ދެންނެވި ކަހަލަ ބޭނުންތެރި ކަންތައްތައް ކޮށްދިނުން. ކޮންމެ ލީޑަރަކު ޒަޢާމަތުން ވަކިވެގެންދާއިރު ބޭނުން ކަންތައްތައް ކޮށްދެއްވާފައި ހުރީ. އެކަމަކު ނުކުރެވި ހުރި ކަންތައްތައް ބައިވަރުކަން އެބަ އެނގިގެންދޭ. މިކަހަލަ އެތައް މަޝްރޫޢެއް ފެށުނީމަ، ދެން އަޅުގަނޑަށް އުއްމީދު ލިބެނީ، އަދި ހިތަށްވެސް އަރަނީ އަދި ހާދަ ކަމެއް ދިވެހި ރައްޔިތުން ބޭނުންވާނެއޭ. ކީއްވެގެންތޯ އަޅުގަނޑުމެން ކަންތައްތައް ބޭނުންނުވާންވީ؟ ކީއްވެގެންތޯ އަޅުގަނޑުމެންގެ އުއްމީދު ނޯންނަންވީ؟ ކީއްވެގެންތޯ މާޔޫސްކަމުގައި ކަނޑެއްގެ ތެރޭގައި އަޅުގަނޑުމެން ޣަރަޤުވާންވީ؟ ވާކަށްނުޖެހޭ ދޮގެއްތޯ. އެހެންވީމާ، އެ ޢަޒުމާއެކީ މަސައްކަތް ކުރުމަކީ ޤައުމިއްޔަތެއްގެ އެންމެ ވަރުގަދަ ސިފަ. ޤައުމަށް ޝަރަފާއި ފަޚުރާ ގެނައުމުގެ ޢަޒުމު ޤައުމުގެ ލީޑަރުންގެ ތެރޭގައި ހުންނަންޖެހޭނެ.

އަޅުގަނޑުގެ މަސައްކަތުގެ އެޖެންޑާގެ ފުރަތަމަ ދެ އަހަރު، ތިން އަހަރު މުޅިން އެއްފަރާތަށް ހަވާސާކުރަމުން ގެންދިޔައީ ސިޔާސީ ވާދަވެރިކަން. ސިޔާސީ ވާދަވެރިކަން މިއައީކީ އެއްގޮތަކަށްވެސް ރައްޔިތުންނަށް މި ދެންނެވި ކަހަލަ މައްސަލަތައް ޙައްލުކޮށްދިނުމުގެ ތެރެއަކުންނެއްނޫން. އަޅުގަނޑު އަބަދުވެސް ދަންނަވަމުން އައީ، ފެއްސާއި ރަތާއި ހުދުގެ އެއްވެސް މައްސަލައެއް އަޅުގަނޑާ ހަމައަކަށް ނާދެއޭ. ފ. އަތޮޅުގައި އަޅުގަނޑުމެން އަޅަން ނިންމި ބިޔަ މަޝްރޫޢު އަޅުގަނޑުމެންނާ ބީވެގެންދިޔައީ ކޮންބައެއްގެ މަސައްކަތުންތޯ؟ ކީއްވެގެންތޯ ގެދޮރުވެރިކަމަށް މި ދެންނެވި ސޮއިކުރި އެތައް ބަޔަކު ފަހުން ނާންނަން ނިންމީ؟ އެއީ އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުން ދައްކާފައި ހުރި ވިޔާނުދާ ވާހަކަތަކުން. ކީއްވެގެންތޯ ރާއްޖެއަށް ފަތުރުވެރިން ނާންނަން އަބަދު އަބަދު، ތާއަބަދު މި ގޮވެނީ؟ އެކަމަކު މިރޭވެސް އަޅުގަނޑު ދަންނަވާނީ، މިކަމުގައިވެސް އަޅުގަނޑުމެންގެ ޙަމްދު ﷲ އަށް ހުރިކަން އަޅުގަނޑުމެން އެންމެން ގަބޫލުކުރަންވާނެ.

މިދިޔަ އަހަރަށް ބަލާއިރު، މިހުރިހާ ކަމަކާއެކީވެސް، މިދިޔަ އަހަރަށް ބަލާއިރުވެސް އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، ޓުއަރިޒަމް އެރައިވަލް ވީ އިތުރު. ވަރަށްގިނަ މަސައްކަތް ކުރޭ މި ހުރިހާ ކަމެއް ހުއްޓުވަން. އެކަމަކު ﷲގެ ރަޙްމަތް އަޅުގަނޑުމެންނާއެކީ ތަނަވަސް. އެހެންވީމާ، އަޅުގަނޑުމެން ޢަޒުމެއްގައި ތިބެންވީ. އަޅުގަނޑުމެން ތިބެންވީ އިސްލާމީ ހިދާޔަތުގައި. ދުވަހަކުވެސް މިއިން ފައި ކަސިޔާރު ނުކުރަންވީ. އެއާއެކީ ދެން އަޅުގަނޑުމެން ކުރަންޖެހޭނީ މަސައްކަތް. މަސައްކަތް ކުރުމަކީ، އަދި އިސްކޮޅު ދެގުނައަށް އެމީހަކަށް ފެނުމަކީ، ހުވަފެން ފެނުމަކީ އަޅުގަނޑުމެންގެ ކުށެއްނޫން. އުއްމީދެއް ނެތިއްޔާ ހުވަފެނެއް ނުފެންނާނެ. ކުރިއަށް ދިޔުމުގެ ރޫޙު ނެތިއްޔާ، އަޅުގަނޑުމެންނެކޭ އެނދެއްގައި ބާއްވާފައި އޮތް ބަލިމީހެކޭ ކޮބައިތޯ ހުރި ތަފާތަކީ؟ އެހެންވީމާ، އެންމެފަހު ނޭވާލަމުންދާ މީހަކަށް، ކީއްވެގެންތޯ ދިވެހިރާއްޖޭގެ އާބާދީގެ ތިންބައިކުޅަ ދެބައި، ޒުވާނުންނަށްވާއިރު، އަޅުގަނޑުމެންގެ ޤައުމުގެ ޙާލަތު، މި ދެންނެވި ކަހަލަ ޑިޕްރެސިންގ، ނޫނީވިއްޔާ މި ދެންނެވި ކަހަލަ މާޔޫސްކަމެއްގެ ތެރެއަށް ގެންދަންވީ؟ އަޅުގަނޑުމެން ނުޖެހޭ މިއަދު ނުކުމެ މުޒާހަރާކުރާކަށް. އަޅުގަނޑުމެން ނުޖެހޭ މިއަދު ނުކުމެ ކަންކަމާ އަޑުއުފުލާކަށް. އަޅުގަނޑުމެން މިއަދު ކުރަންވީ، މިއަދު މިއޮތް ކްރައުޑުން ދައްކާގޮތަށް އަޅުގަނޑުމެންނަށް ބޭނުންވެފައި ހުރި ކަންތައްތައް ފުއްދައިދެވޭތޯ އަޅުގަނޑުމެން ބަލަންވީ. ލީޑަރުންނަށް ދަންނަވަންވީ މިކަންކަން ފުއްދައިދޭށޭ. މިކަންކަން ކުރެވޭނެގޮތަކާ ބެހޭގޮތުން ވާހަކަ ދައްކާށޭ. ލީޑަރުންނާ ވާހަކަ ދައްކަންވީ، ކުށް ކޮށްގެން މީހުން ޖަލަށްވަނީމަ، އެމީހުން ނެރޭ ވާހަކައެއް ނޫން. ޖަލުންވެސް ނެރެވޭނޭ ޙައްޤުހުރި ފަރާތްތައް އަޅުގަނޑުމެން މިދަނީ ނެރެމުން. އެހެންވީމާ، ދިވެހި ރައްޔިތުން ޤައުމީ ދުވަހެއްގައި، މިފަދަ އުފާވެރި މުނާސަބަތެއްގައި، [ހިޔާ މަޝްރޫޢު] ފެށިގެން މިދަނީ އެތައް ބަޔަކަށް އުފާވެރިކަމާއި އުއްމީދު ގެނެސްދޭން.

އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތް ގޮތުން ވެއްޖިއްޔާ، މިކަންކަމުން ދެންމެ ބިންގާ އެޅިގެން މި ދިޔައީ 62 ޓަވަރު. 62 ޓަވަރު މިރޭ ބިންގާ އެޅިގެން މި ދިޔައީ. މިރޭގެ މި ރަސްމިއްޔާތަށް އެއީ އަޅުގަނޑުމެން ކުރި މަސައްކަތް. އަޅުގަނޑު މިކަމަށް، މި ދެންނެވި ގޮތަށް 2015 ވަނަ އަހަރުގެ ހައުސިންގ މަޝްރޫޢުތައް އަޅުގަނޑުމެން އެދުނު މިންވަރަށް ކުރިއަށް ނުދިޔައިމަ، ޚާއްޞަ މަސައްކަތެއް، ޚާއްޞަ މަސައްކަތެއް މިކަމަށް ވަގުތު ހުސްކޮށްގެން ކުރަން ފެށީ މި އަހަރުގެ ތެރޭގައި. އަދި މިކަމަށް ވަޒީރުންގެ ޓީމެއް އަޅުގަނޑު އެކުލަވައިލިން. ހަމަ އަޅުގަނޑުގެ ބެލުމުގެ ދަށުން އަޅުގަނޑު ބޭނުންވަނީ މިފަހަރު މިއީ ޙަޤީޤަތަކަށް ހަދަން. މިއީ އަޅުގަނޑުމެންނަށް އުފުލޭވަރުގެ ކަމެއްކަމަށް ރައްޔިތުންނަށް ދައްކަން އަޅުގަނޑު ބޭނުންވަނީ. އިރާދަކުރެއްވިއްޔާ މި މަޝްރޫޢެއް ފެއިލެއް ނުވާނެ. އިރާދަކުރެއްވިއްޔާ، މި މަޝްރޫޢެއް ފެއިލެއް ނުވާނެ.

މީގެތެރޭގައި މިއަދު މި 62 ޓަވަރުގެ ބިންގާ އެޅިގެންދާއިރު، 62 ޓަވަރު ބިންގަލުގައި މި ބައިވެރިވަނީ، ކެޕިޓަލް ވަކިކޮށްފައި ހުރި މުއައްސަސާތައް. އިމިގްރޭޝަން ކަހަލަ ތަންތަން އެބަހުރި. ޤާނޫނީ މަސްއޫލިއްޔަތު ވަކިން އުފުލަންޖެހޭ މުއައްސަސާތައް އެބަހުރި. ސަރުކާރުގެ ކުންފުނިތައް އެބަހުރި. އަމިއްލަ ކުންފުނިތައް އެބަހުރި. ޖުމްލަ 22 ކުންފުންޏަކުން 60. އަދި ބޭރުގެ ދެ ކުންފުންޏެއް އެބަވޭ. ބޭރުގެ ދެ ކުންފުނިވެސް، އަޅުގަނޑު މިރޭ ދޭން ބޭނުންވާ ގެރެންޓީއަކީ، އެމީހުންނަށް ބޭނުންވާ ހުރިހާ ފައިސާ ހަމަޖައްސާފައި ހުރިކަން، އެހެންވެގެން އަޅުގަނޑުމެން ސަރުކާރުން ސޮވްރިންގ ގެރެންޓީއެއް ދިނީ. އެމީހުންނަކަށް އިތުރަކަށް ފައިސާ ނުލިބިދާނެކަމުގެ އެއްވެސް ކަހަލަ ފިކުރެއް، ވިސްނުމަކަށް އަޅުގަނޑުމެން ޖާގަދޭކަށް ނުޖެހޭނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި ޓަވަރުތައް އެޅޭނެ. މި 62 ޓަވަރުގެ ބިންގާ މިރޭ މި އެޅެނީ.

އެކަމަކު މިހިސާބުން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ސަރުކާރުގެ ކުންފުނިތަކަށްވެސް، އަޅުގަނޑުމެންގެ ވިޔަފާރީގައި ތިއްބެވި އަމިއްލަ ކުންފުނިތަކަށްވެސް، މި މަސައްކަތް ނިމުނީކީ ނޫނޭ. އަޅުގަނޑު ގާތު ދެންމެ މިނިސްޓަރ ސަޢީދުވެސް ވިދާޅުވި. ތިމަންނަމެން މި މަޝްރޫޢު މިރޭ ފަށާއިރުވެސް، މިހާރުވެސް ޕްރައިވެޓް ސެކްޓަރ ކުންފުނިތަކުން އެބަ މި ސުވާލުކުރެޔޭ. ހަމަގައިމުވެސް އަޅުގަނޑަށް އެބައޮތް، ސަރުކާރުގެ ބައެއް ކުންފުނިތަކުން ވިދާޅުވެފައި، ތިމަންނަމެންނަށް މިރޭ މި ބައިވެރިނުވެވުނީ ކީއްވެގެންހެއްޔޭ؟ މިރޭ މިހިސާބުން ނިމެނީކީ ނޫން. މިރޭ މިހިސާބުން މި އަޅަނީ އުފާވެރި ބިންގަލެއް. އުއްމީދުގެ ދަންމަރު އަނެއްކާވެސް. އަޅުގަނޑު ބޭނުންވަނީ އެ ހުޅުކޮޅު، އިތުރަށް ހުޅުކޮޅު ދިއްލިފައި ހުންނަގޮތް ހަދަން. އެކަމަކު މިއާއެކީ މާދަމާވެސް މަޝްރޫޢުތަކެއް ހިންގަންވީ. އަދި އެބޭބޭފުޅުން ހިތްޕުޅުހަމަޖެހޭ ކަމަށްވަންޏާ މިއީ އަޅުގަނޑަށް މިވަގުތު އެންމެ މުހިއްމު މަޝްރޫޢު. އަނެއްކާވެސް 5 ޓަވަރެއްގެ ބިންގާ އެޅުނަސް، 10 ޓަވަރުގެ ބިންގާ އެޅުނަސް، އަޅުގަނޑު ވަގުތު ހުސްކުރާނަން އެކަން ކޮށްދޭން. އެއީ، އަޅުގަނޑު ވަގުތު ހުސްކުރަން ބޭނުން، ދިވެހިންނަށް ބޭނުންވެފައި ހުރި ކަންތައްތައް ކޮށްދޭން.

އަޅުގަނޑަށް ލިބޭ ހުރިހާވެސް އުފަލަކީ، މިކަހަލަ މަސައްކަތް ކުރެވުނީމަ، ދިވެހި ރައްޔިތުންނަށް ލިބޭ ހިތްހަމަޖެހުން. ދިވެހި ރައްޔިތުންނަށް ލިބޭ އުފަލެއް. އަޅުގަނޑަކީ އަބަދު ޤައުމުގެ ރައީސުލްޖުމްހޫރިއްޔާއަކަށް ނުވާނެ. އެކަމަކު އަޅުގަނޑަކީ އަބަދުވެސް ދިވެހި ރައްޔިތެއް. މީގެކުރިންވެސް ދިވެހި ރައްޔިތެއް. ފަހުންވެސް ދިވެހި ރައްޔިތެއް. މިއަދުވެސް ދިވެހި ރައްޔިތެއް. ތަފާތަކީ ޝަރަފުވެރިކަމާއެކީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ފުރުޞަތު އަޅުގަނޑުމެންނަށް ލިބޭގޮތް ތަފާތުވުން. އަޅުގަނޑަކީ އެއްގޮތަކަށްވެސް އަޅުގަނޑު ދައްކާ ވާހަކައިން، ނޫނީ އަޅުގަނޑުގެ ވިސްނުމާއި ފިކުރަށް އަންނަ ބަދަލަކުން ޤައުމު ދޫކޮށްލާފައި އަމިއްލައަށް ރަށުން ބޭރަށް އަރުވައިލެވިފައި ހުންނަ މީހަކަށް އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ނުވާނެ. ޚިދުމަތް ކުރަންވީ ޤައުމުގައި. ޚިދުމަތް ކުރަންވީ ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންކަމުގައި. އަޅުގަނޑުމެން މި 62 ޓަވަރުގެ ބިންގާ އެޅިގެންދާއިރު، ތިޔަބޭފުޅުންގެ ޚިޔާލުފުޅަށް އަންނާނެކަންނޭނގެ. ޒުވާން ކުދިން ސުވާލުކުރާނެކަންނޭނގެ. ކީއްވެގެންބާވައޭ ސަރުކާރު ކުންފުނިތަކުން މި ބިންގާތައް އެޅީ؟ ސަރުކާރު ކުންފުނިތަކުން ބިންގާއެޅީމަ، އެ ކުންފުނިތަކުގެ މުވައްޒަފުންނަށް އެކަނިތޯ މި ޓަވަރުތަކުން ޖާގަ ލިބޭނީ؟ ނޫން، އެއްގޮތަކަށްވެސް އެހެނެއްނޫން. ސަރުކާރު ކުންފުނިތަކާ އަޅުގަނޑު ޖާމިނުކުރީ ދެކަމެއް. ދެ ޝަރުޠެއް. ފުރަތަމަ ޓަވަރު، ނޫނީ ޓަވަރުގެ އެއްބައި އެއީ ދިވެހި ރައްޔިތުންނަށް. އެއީ، ކުންފުނިތަކުގައި އުޅޭ މީހުންނަކަށް ނޫން. އޭގެ އަނެއްބަޔަކީ އެ ކުންފުނިތަކުގައި އުޅޭ ދިވެހި ރައްޔިތުންނަށް.

އެހެންވީމާ، ކޮންމެ ކުންފުންޏަކުން ކޮންމެ ޓަވަރެއްގައި، މިހާރު ހައުސިންގ ޔުނިޓެއް އިޢުލާނުކޮށްލައިފި ކަމަށްވަންޏާ، އެވްރެޖްކޮށް ކޮންމެ ޔުނިޓަކަށް 25 މީހުން އެބަތިބޭ ކިޔޫގައި. އެންމެފަހުން އިޢުލާނު ކުރިއިރު އެކަންވީ އެހެން. އެހެންވީމާ، މި ދެންނެވި ކިޔޫ ކުޑަކުރުމަށްޓަކައި ކުރާ މަސައްކަތް. އެހެންވީމާ، ކޮންމެ ޓަވަރަކުން، ސަރުކާރުގެ ކުންފުންޏަކުން އެ ޓަވަރު އެޅި ކަމަށްވީނަމަވެސް، ޓަވަރުގެ އެއްބަޔަކީ، މި ދެންނެވި ގޮތަށް ކުންފުނީގައި ނޫޅޭ އަދި މި ޚިދުމަތަށް، މިކަމަށް ބޭނުންވެފައި ތިބި ދިވެހި ރައްޔިތުންނަށް. އޭގެ އަނެއްބަޔަކީ އެ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް. ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ، ފުލުހުންނަކީ، ސިފައިންނަކީ ހަމަ އަޅުގަނޑުމެންގެ ދިވެހި ރައްޔިތުން. ދިވެހި ރައްޔިތުންގެ ދަރިން. އެމީހުން ދާނީ އެއް ސްކޫލަކަށް. އެމީހުން ކިޔަވާނީ އިސްލާމްދީން. އެމީހުން ކިޔަވާނީ ދިވެހިބަހުން. އެމީހުން ޚިދުމަތްކުރާނީ ދިވެހި ރައްޔިތުންނަށް، ދިވެހި ސަރުކާރަށް.

އެހެންވީމާ، ސިފައިންނާއި، ފުލުހުންނާއި، ޢާންމު ރައްޔިތުންނާ ތަފާތުކުރާކަށް ނުޖެހޭ. އުފުލާ ޒިންމާއާއި، ކުރަންޖެހޭ މަސައްކަތުގައި ތަފާތެއް އުޅެނީ. ސިފައިންނާއި ފުލުހުންނަށް ގެދޮރުވެރިކަން ހޯއްދަވައިދެއްވުމަކީ މީގެކުރިން ސަރުކާރުން ފެށްޓެވި މަޝްރޫޢެއް. އެކަމަކު އެ މަޝްރޫޢަށް ދޭންވާ ސަމާލުކަން ނުދެވި، ނޫނީވިއްޔާ އެކަން ދާންވީގޮތަށް ނުދެވޭތީ، އެއީ ހަމަ ގާގަނޑަކަށް ވެފައި، ގާނޑަކަށްވެފައި ހުއްޓާ، އަނެއްކާވެސް މި ސަރުކާރުން އެ މަޝްރޫޢު ރިވައިވް ކޮށްފައި، އިރާދަކުރެއްވިއްޔާ ދެ މުއައްސަސާއަށް ބޭނުންވާ މަސައްކަތްވެސް އަޅުގަނޑުމެން މި ނިންމައިދެނީ. އެހެންވީމާ، ދިވެހި ރައްޔިތުންނަށް ބޭނުންވާ މިކަހަލަ ކަންތައްތައް ކުރައްވަން ދިވެހި ހުރިހާ ސިޔާސީ ލީޑަރުން މިއަދު އެބަޖެހޭކަންނޭނގެ ވިސްނާވަޑައިވަޑައިގަންނަވަން.

ރޭގައި އަޅުގަނޑު ވާހަކަ ދައްކަމުން އަޅުގަނޑު ދެންނެވިން. އަޅުގަނޑު މިކުރާ މަސައްކަތަކީ ރަށްރަށަށް ބޭނުންވެފައި ހުރި ބޮޑެތި މަސައްކަތްތައް އެކަނި ކޮށްދިނުމެއް ނޫނޭ. ފަސްހާސް މީހުންގެ ރަށެއްގައި، މިސާލަކަށް، ފަޅެއް ފުންކޮށްދީފި ކަމަށްވަންޏާ، އެ ފަސްހާސް މީހުންނަށް އެ އޮތީ ބޮޑުކަމެއް ކޮށްދެވިފައި. ހަމައެގޮތަށް، ތިންހާސް މީހުންގެ ރަށެއްގައި، އެ ރަށަށް ބޭނުންވާ ހުރިހާ މިސްކިތްތަކާއި މަގުތަކާ ހަދައިދީފި ކަމަށްވަންޏާ، ތިންހާސް މީހުންނަށް އެހެރީ ކަންތައް ކޮށްދެވިފައި. އެކަމަކު ރޭގައި އަޅުގަނޑު ދެންނެވި ހިސާބުގައި، މިކަހަލަ މުޅި ޖަމާޢަތަށް ފައިދާވާ ކަންކަން އަޅުގަނޑު ދޫކޮށްލީ. އަޅުގަނޑު ރޭގައި ނަގާފައި ރައްޔިތުންނަށް ދިން މިސާލަކީ، ކޮންމެ ރައްޔިތަކީ މުހިއްމު މީހެއްކަން އަޅުގަނޑުގެ ސަރުކާރުގައި، އަޅުގަނޑުގެ ވިސްނުމުގައި ދަންނަވައިދިނުމަށްޓަކައި ދިން މިސާލެއް. މަދަރުސާގައި އުޅޭ ކިޔަވާކުދިން، އަޅުގަނޑު މިއިން ދޫކޮށްލިން. ކުރީގައި އަޅުގަނޑުމެން ފަޚްރުވެރިވިން، ލިޔަންކިޔަން އެނގުމާއި، ބޭސިކް ނިއުމަރަސީ އަޅުގަނޑުމެންނަށް ދަސްވީމަ. އެކަމަކު މިއަދު ދިވެހިރާއްޖެ މިޞްރާބުޖަހާފައި މިއޮތީ ޞިއްޙީ ދާއިރާއިންވެސް ސުޕަރ ސްޕެޝަލިސްޓުން އުފައްދަން. މިއަދު ލިޔަންކިޔަން އެނގިގެންނެއް އަޅުގަނޑުމެން ކޮންތާކުތޯ އުޅޭނީ؟ މިއަދު ލިޔަންކިޔަން އެނގުނަކަސް، އެއީކީ އަޅުގަނޑުމެންނަށް ފުދޭކަމެއް ނޫން.

އެހެންވީމާ، މިއަދު އަޅުގަނޑުމެންގެ ވިސްނުމަކީ، މި ދެންނެވީ މިއަދު އަޅުގަނޑުމެންގެ ވިސްނުމަކީ ހަމަ އެންމެ ކުރިބޯށްޓާ ހަމައަށް ވާސިލުވާން ކުރާ މަސައްކަތް. މި މަސައްކަތާއި، މި ޢަޒުމާއި، މި ހިތްވަރާ ހުރެއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް މިކަން ކުރެވޭނެ. އެކަމަކު ދުވަހަކުވެސް އަޅުގަނޑުމެންނަށް މި ވަސީލަތްތައް ތަނަވަސްނުވާނެކަމާއި، އަޅުގަނޑުމެންގެ ފިކުރުތައް މިކަމާ ހަމައަށް ނުފޯރާނެކަމާއި، އަޅުގަނޑުމެންގެ ތެރޭގައި މިވަރުގެ ހަކަތައަކާއި، މިވަރުގެ ވިސްނުމަކާއި އަދި މިވަރުގެ މުރާލި ބަޔަކު ނެތްކަމަށް އަބަދުވެސް ލީޑަރުން ވިސްނާކަމަށްވަންޏާ ދުވަހަކުވެސް އަޅުގަނޑުމެން ކުރިއަކަށްނުދާނެ.

އެހެންވީމާ، ފުރަތަމަ ކަމަކީ ޢަޒުމާއި، އުއްމީދާއި، ހުވަފެނާ އޮންނަކަން އަޅުގަނޑުމެން ގަބޫލުކުރުން. އަޅުގަނޑުމެންނަކީ ހަރަކާތްތެރިވާ ބައެއްކަމުގައިވުން. އަޅުގަނޑުމެންނަކީ މަގުމަތީގައި ގޮތެއްނެތިފައި ވެއްޓިފައި އޮންނަ ޖަނަވާރަކަށް ވެގެނެއްނުވާނެ ދޮގެއްތޯ. އެކަމަކަށްނޫން ﷲ މި ދުނިޔެ ބިނާކުރަން އަޅުގަނޑުމެން ލެއްވީކީ އެކަމަކަށްނޫން. މި ދުނިޔެ އާރާސްތުކުރަން އަޅުގަނޑުމެން ލެއްވީ. އަޅުގަނޑުމެންނަކީ ﷲގެ ޚަލީފާއިން. އަޅުގަނޑުމެން ހެޔޮގޮތުގައި ދުނިޔެ އާރާސްތު ކުރަންވީ. އެހެންވީމާ، އެއިން މަންފާއާއި، އެއިން ހުރިހާވެސް ރަނގަޅެއް ލިބެންވީ އަޅުގަނޑުމެން ކަހަލަ އެހެން އަޚުންނަށާއި އުޚުތުންނަށް. އެހެންވީމާ، މިއަދުގެ މުޖުތަމަޢުގައި ރައްޔިތުންނަށް ދަތިވެފައި ހުރި މައްސަލަތައް އަޅުގަނޑުމެން ޙައްލުކުރެވޭތޯ ބަލަންވީ. މިއަދު އަޅުގަނޑުމެން މިއަޅާ ބިންގާތަކަށް، އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ، 2018 ވަނަ އަހަރުގެ ތެރޭގައި މީހުން ވަންނާނެ. އަދި އެ ޓަވަރުތަކަށް މީހުން ވަނުމަށްފަހު، ޓަވަރުތަކުގެ ބާކީ ނިންމާއިރު، އެއީ އެމީހުން ދިރިއުޅޭ އެޕާޓްމަންޓްތަކެއް ނޫން. އެއަށްވުރެ މަތީގައި ހުންނަ އިމާރާތްތައް، އިރާދަކުރެއްވިއްޔާ 2019 ވަނަ އަހަރުގެ ތެރޭގައި އަޅުގަނޑުމެން ނިންމާނަން.

މިރޭ މި ބިންގާ އެޅުނު 62 ޓަވަރުން އަޅުގަނޑު ދަންނަވާނީ، ފަރުދުންނަށް، ފަރުދުންނަށް ޓަޗް ކުރުމަށް، ފަރުދުންގެ ހިތްހެޔޮކަން ހޯދުމަށްޓަކައި ކުރެވުނު މަސައްކަތް އަޅުގަނޑު ރޭގައި ދަންނަވާލީ. ކޮންމެ 10 މީހުންގެ ތެރެއިން ފަރުދުންނަށް، 7 މީހުންނަށް ސަރުކާރުން މި ދެންނެވި ކަހަލަ ބޮޑެތި މަޝްރޫޢުތަކުން، ނޫނީވިއްޔާ ފަރުދީގޮތުން އެމީހުންނަށް ކޮށްދެވިފައި ހުރި ކަންކަމުން، އެއިން ކޮންމެ މީހަކީ ނިޢުމަތަށް ޝުކުރުކުރާ މީހެއް ކަމަށްވަންޏާ، ސަރުކާރުން ކަމެއްކޮށްދީފިކަން އެކްނޮލެޖްކޮށް ޝުކުރުވެރިވާންޖެހޭނެ މީހެއް. އެއީ މީގެކުރިން ރާއްޖެއިން ނެތް ފަރުވާ، މީގެކުރިން ރާއްޖެއިން ލިބެންނެތް ތަމްރީނު، މީގެކުރިން ދުވަހަކުވެސް ޒުވާނުންގެ ވިޔަފާރިތައް ފަށަން ކެޕިޓަލެއް ނުދޭ. މިހެންހުރި ކަންތައްތައް އެއްކޮށްލާފައި އަޅުގަނޑުމެން ހިސާބު ހެދިއިރު، ކޮންމެ 10 މީހުންގެ ތެރެއިން 7 މީހަކަށް، މި ދެންނެވި ކަހަލަ އިޙްސާސް، ނޫނީ މި ދެންނެވި ކަހަލަ ފައިދާ، އެއިން ކޮންމެ 7 މީހަކަށް އެހެރީ ލިބިފައި.

މިއަދު މި ބިންގާ އެޅިގެންމިދާ ތަންތަން ނިމުނީމަ، އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެން މި ދައްކަނީ، މި ދެންނެވި އަދަދަށް އެއްކުރަން، ނޫނީވިއްޔާ ހިސާބުކުރަން މި ދައްކަނީ އެއްލައްކަ މީހުންގެ ބޯހިޔާވަހިކަން ޙައްލުވެގެންދާނެ ވާހަކަ. މި މަޝްރޫޢުތައް ނިމުނީމަ، އިރާދަކުރެއްވިއްޔާ މި 62 ޓަވަރު، 2019 ވަނަ އަހަރުގެ ތެރޭގައި ހުރިހާ ޓަވަރެއް ނިމޭނެ. އަދި އެ ޓަވަރުތަކުން ނިމޭ ބައިބައި، 2018 ގައި ނިމިގެން، އަޅުގަނޑުގެ އުފަލަކަށްވާނީ، ދިވެހި ރައްޔިތުން އެތަނަށް ވަންނައިރު، ހަމަ އެމީހުންނާ ސަލާންކޮށްލަން ހަމަ މިތަނަށް އައިސް އަޅުގަނޑު ހުރުން. އިރާދަކުރެއްވިއްޔާ، މިކަންވެސް އަޅުގަނޑުމެންނަށް ވާނެ.

މިކަން މިކުރަނީ ސަރުކާރުގެ ކުންފުނިތަކުން ކުރެވޭވަރެއްގައި. މިވަރުގެ ޓަވަރުތައް ހަދާއިރު، އެހާ ބޮޑެތި ޢަދަދުގެ ފައިސާއެއް ނުދޭ. އަދި ހުޅުމާލޭގެ ވިސްނުމަށް ގެނެސްފައި އެއޮތް ބަދަލު، ތިޔަބޭފުޅުންގެ ޚިޔާލަށް ގެންނަންވާނެ. ހުޅުމާލެއަކީ ބިން ހިއްކައިގެން ބޮޑުކޮށްފައި އޮތް ޝަހަރެއް. އެހެންނަމަވެސް، މީގެކުރީގެ ސަރުކާރުތަކުން ނިންމާފައި އޮތީ ހުޅުމާލޭގައި 5 ބުރިއަށްވުރެ މައްޗަށް އިމާރާތް ނުކުރެވޭނެ ކަމަށް. ކިހިނެއްތޯ، މިއޮއް ބިން ތަދު ދިވެހިރާއްޖޭގައި، 5 ބުރިއަށްވުރެ މައްޗަށް އިމާރާތް ނުކުރެވޭންވީ ކޮން ފިކުރެއްގައިތޯ؟ ހަމަ ބްރިޖް ނޭޅޭނެ ފިކުރުގައިތޯ މިކަންވެސް މިއޮތީ؟ އަޅުގަނޑުމެން ހުޅުމާލޭގައި 25 ބުރިއަށް އަޅަން، އިމާރާތް ކުރަން މި ހުއްދަ ދިނީ. އެއީ ހުޅުމާލޭގެވެސް ރިސޯސް ބޭނުންކުރަން އެބަޖެހޭ ހެޔޮގޮތުގައި. އިހަށްދުވަހާ ޖެހެންދެން 5 ބުރިއަށްވުރެ މައްޗަށް މިދާ އިމާރާތް އުސްކުރުމުގެ ހުއްދައެއް ނެތް. މާލޭގައި 10 ބުރިއަށްވުރެ މައްޗަށް އިމާރާތް އުސްކުރުމުގެ ހުއްދައެއް ނެތް. އެކަމަކު މިއަދު އެއީ އެ ދުވަސް ކަމަށް އަޅުގަނޑުމެން ބުނަންޖެހޭ. އެހެންވީމާ، 25 ބުރީގެ ޓަވަރުތައް އަޅާ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. އެއީ އަޅުގަނޑުމެންގެ އުއްމީދު. ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް އެކަމުގައި ވާގިވެވޮޑިގަންނަވާނެ. ތައުފީޤު ދެއްވާނެ.

މިހާރު އަޅުގަނޑުމެންނަށް ވީޑިއޯގައި ފެނުނުގޮތަށް، އަޅުގަނޑުމެންގެ ޒަޢާމަތުގައި މި 4 އަހަރު ހިނގާއިރު، 19 ރަށެއްގައި އެކިވަރުގައި، އެކި ސައިޒްގައި އެޕާޓްމަންޓްތައް އެޅެމުން އެބަދޭ. އެކި ރަށުގައި އެޅެމުން އެބަދޭ. އަދި މިއަހަރުގެ ބަޖެޓުގައިވެސް ބައެއް ރަށްރަށް ހުންނާނެ. 2018 ވަނަ އަހަރުގެ ބަޖެޓުގައިވެސް ބައެއް ރަށްރަށް ހިމަނާފައި ހުންނާނެ. 50 ހައުސިންގ ޔުނިޓް، 200 ހައުސިންގ ޔުނިޓް، 120 ހައުސިންގ ޔުނިޓް، މިހެން އެތައް ހައުސިންގ ޔުނިޓެއް ހުންނާނެ. މި އަދަދުތަކާއި ހުޅުމާލޭގައި މިރޭ މި އަޅާ 62 ޓަވަރުގެ އަދަދު ފުރިހަމަވުމުންނާއެކީ، މި އަދަދުތައް އެއްކުރީމަ، އިރާދަކުރެއްވިއްޔާ 2018 ވަނަ އަހަރުގެ ބަޖެޓުގައި ހުރި ރަށްރަށުގައި، ރާއްޖޭގެ އެކި ހިސާބުގައި ހުރި ރަށްރަށުގެ އަދަދުތައް އެއްކުރީމަ، ގާތްގަނޑަކަށް ދެލައްކަ މީހުންނަށް ބޯހިޔާވަހިކަން ލިބިގެންދާނެ.

އާދެ، އަޅުގަނޑުމެންގެ ހިސާބުން އެއްލައްކަ ނުވަދިހަ ނުވަހާސް ނުވަސަތޭކަ ހަތްދިހަ ހަމީހުންނަށް ބޯހިޔާވަހިކަން ލިބިގެންދާނެ. އެހެންވީމާ، ހަމަގައިމުވެސް މި ފްލެޓްތަކުގައި ތިބޭ މީހުން މުޒާހަރާކުރާކަށް، ހަމަ ރޭގައި ދަންނަވާލިގޮތަކަށް ނުދާނެ. އެކަމަކު މިއީ އަޅުގަނޑުމެންގެ އުއްމީދު. މިކަން އަޅުގަނޑުމެން ކުރަން ބޭނުން. މިކަން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ކުރެވޭ ކެޕޭސިޓީގައި މި ކުރަނީ. ދެން ދަރަންޏަށް ފައިސާ ނެގުން، މިކަހަލަ ވާހަކައެއް އަޅުގަނޑު ނުދައްކާނަން. އެއީ ބޭނުން ވާހަކައެއް ނޫން. އަބަދުވެސް ވާގޮތަކީ ހަމަ މަރުވަމުންދާ ކުއްތާއެއްގެވެސް ނިގުލަށް އެރިއްޖެ ކަމަށްވަންޏާ، ކޮންމެވެސްވަރަކަށް ތަޅުވާލާނެ. ހަމަ އެ އުޞޫލު އަޅުގަނޑުމެންގެ ތެރޭގައި މި އޮންނަނީ. އެހެންވީމާ، އެކަހަލަ ކަންކަމަކާ އަޅުގަނޑުމެން އެހާ ފަރުވާބަހައްޓާނެ ކަމެއްނެތް.

އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތަކީ، މި ދެންނެވި ރޫޙާއި ޢަޒުމާއެކީ ދިވެހި ރައްޔިތުންނަށް ދަތިވެފައި ހުރި މައްސަލަތައް ޙައްލުކޮށްދިނުން. ހުޅުމާލެއަކީ ކޮބައިތޯ؟ ޔޫތުސިޓީ. ކޮންކަމެއްތޯ ރައްޔިތުންނަށް ދަތިވެގެން މިއުޅެނީ؟ ގެދޮރުވެރިކަން. ހުޅުމާލެއަކީ ސިޓީ އޮފް ހޯޕް. އުއްމީދު އޮތް ރަށް. ހުޅުމާލެއަކީ ޒުވާނުންގެ އުއްމީދުގެ ދަންމަރު. މިތަނުން މި ދެންނެވި ގޮތަށް ޒުވާނުންނަށް އަޅުގަނޑު ބޭނުންވޭ ފްލެޓް ދޭން. މިތަނުން އެކަނިވެރި މައިންނަށް ފްލެޓްދޭން ބޭނުންވޭ. މިތަނުން އަޅުގަނޑު ބޭނުންވޭ، އެމީހުންނާއެކީ އަންނަ މުސްކުޅިންނަށް ހިތްހަމަޖެހުމާއި އުފަލާއެކީ، މި ދެންނެވި ގޮތަށް މާލޭގައި އަޅުގަނޑުމެން މި ނޭވާލާއިރު، ނޭވާލުމުގެ ނިޒާމު ސާފުނުވިޔަސް، މިއީ ޝައްކެއްވެސްނެތްގޮތުގައި އެ ފުރުޞަތު އޮތް ތަނެއް. އެހެންވީމާ، ހުޅުމާލެއަކީ އެންމެންގެ ތަނެއް. އެހެންނަމަވެސް، މިތަނުން އިސްކަން މި ދެވެނީ ޒުވާނުންނަށް.

އަދި ހަމައެއާއެކީ އަޅުގަނޑު ދަންނަވާނަން. ޕްރޮފެޝަނަލް ގިންތިތަކުގައި ތިއްބެވި ބޭފުޅުންނަށް، ޑޮކްޓަރުންނަށް، ޓީޗަރުންނަށް، ނަރުހުންނަށް ހުޅުމާލޭގައި އަޅުގަނޑުމެން މި ބިނާކުރާ ތަންތަނުން އެމީހުންނަށްވެސް މި ފުރުޞަތު ލިބިގެން އެބަދޭ. އެހެންވީމާ، މި ރަށަކީ، މި ޔޫތުސިޓީއަކީ ސިޓީ އޮފް ހޯޕް. މިއަދު ހުޅުމާލޭގެ ނެޓްވަރތަކީ، ހުޅުމާލޭގައި މިހާރު ހެދިފައި އޮތް އިންފްރާސްޓްރަކްޗަރަށް، ހުރިހާ އިންފްރާސްޓްރަކްޗަރަށް ބަލައިފިއްޔާ، މިއަދުގެ ހިސާބު ކޮށްފި ކަމަށްވަންޏާ، ހުޅުމާލޭގެ ނެޓްވަރތަކީ ހަތަރުހާސް މިލިއަން އެމެރިކާ ޑޮލަރު. ހަތަރު ބިލިއަން އެމެރިކާ ޑޮލަރު. އަދި މިއައީ މި މޮޑަން ސިޓީއެއްގެ އިންފްރާސްޓްރަކްޗަރގެ އެއްބައި މިއައީ. އަދި ހުރީ ކުރަންހުރި ކަންތައް. އަދިހުރީ އުއްމީދުގައި ކުލަޖެހެންހުރި ކަންކަން.

އެހެންވީމާ، މިއީ ސިޓީ އޮފް ހޯޕް. އުއްމީދު މި ލިބެނީ ޒުވާނުންނަށް. އުއްމީދު މި ލިބެނީ އެކަނިވެރި މައިންނަށް. އުއްމީދު މި ލިބެނީ ގެދޮރު ދަތިވެފައި ތިބި އެހެން ގިންތިތަކުގެ މީހުންނަށް. ކީއްވެގެންތޯ އުއްމީދު ނުކުރަންވީ؟ ކީއްވެގެންތޯ ރައީސަކަށް ހުންނަ މީހެއްގެ ކައިރީ، ތިމަންނަމެންގެ މިވެނި އުއްމީދެއް އެބައޮތޭ. މި ދަތި ފިލުވައިދޭށޭ ނުބުނަންވީ؟ ބުނެވެންވާނެ. އަދި ރައީސަކު އެކަން ކުރެވޭތޯ މަސައްކަތް ކުރަންވާނެ. ރައީސަށް އެކަން ކުރެވޭނެ ޙައްލެއް ނުބެލޭ ކަމަށްވަންޏާ، ދެން ބުނަންވާނީ، ސޮރީއޭ، ތިމަންނައަކަށް ތިކަމެއް ނުވާނޭ. ތިމަންނަ އެއްކައިރިއަށް ޖެހިލާނަމޭ. ބަލަމާ ހިނގާށޭ އެ ފުރުޞަތު އެހެން މީހަކަށް އޮތްތޯ. އެހެންވީމާ، ޔޫތުސިޓީއަކީ މި ދެންނެވި ގޮތަށް ރައްޔިތުންގެ އުއްމީދު، އެ ސިޓީއަކާ ގުޅިފައި އޮތް ސިޓީ.

އަޅުގަނޑާއި އަޅުގަނޑުގެ ސަރުކާރުން ދިވެހި ޒުވާނުންނަށް، އެކަނިވެރި މައިންނަށް މިދެނީ ބޮޑު ހަދިޔާއެއް. އެ ހަދިޔާއަކީ މި ދެންނެވި އިމާރާތްތައް. އެ ހަދިޔާއަކީ މި ސިޓީ އޮފް ހޯޕް. އަޅުގަނޑަށް މީގެ ބަދަލުގައި ތިޔަބޭފުޅުން އެއްޗެއް އެބަ ދެއްވަންޖެހޭ. ނޫން. ވޯޓެއް ނޫން. ވޯޓެއް ނޫން. ވޯޓް ދެއްވުމަކީ ތިޔަބޭފުޅުންގެ ހިތްޕުޅުގައި އޮންނަ އިޚްލާޞްތެރިކަން. އަޅުގަނޑަށް ދެއްވަންވީ، މި ސިޓީއަކީ އަޅުގަނޑު ބޭނުންވާގޮތަށް ތަރައްޤީވާނެ ރީތި، އަމާން އަދި ފަސޭހަ ވެށްޓެއް އޮންނަ ސިޓީއަކަށް ހައްދަވައިދެއްވުން. ކުނިނާޅާ! ތަންތަން ނާންދާ! ތަންތަން ބިމާ ހަމައަށް ތިރިނުކޮށްލާ! ޕާކްތައް ރީތިކޮށް ބަލަހައްޓާ! ޒުވާނުންނަށް މިތަނުން މި ފުރުޞަތު ދެއްވާ! މިއީ އަޅުގަނޑަށް ދެއްވަންވީ ހަދިޔާއަކީ. މި ސިޓީ، ސިޓީއެއްގެ ގޮތުގައި، އަޅުގަނޑުގެ ވިސްނުމުގައި އޮތް ސިޓީއެއްގެ ގޮތުގައި މި ސިޓީ ބާއްވަވާ. ދުނިޔޭގެ އެންމެ ރީތި ސިޓީ ގޮތަށް މި ސިޓީ ހަދަމާ ހިނގާ.

ދާދިފަހުން އަޅުގަނޑު ބެލި ޓޫރިޒަމާބެހޭ މަޖައްލާއެއްގައި، ދުނިޔޭގެ ވެރިކަންކުރާ ރަށްރަށުގެ ތެރޭގައި، ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިން އެންމެ ދާހިތްނުވާ ލިސްޓުގައި، ކެޕިޓަލް ސިޓީތަކުގެ ތެރޭގައި މާލެ އެބައޮތް. ކީއްވެގެންތޯ؟ ކީއްވެގެންތޯ؟ އަޅުގަނޑު ބޭނުންވޭ މާލެ ރީތިކުރަން. އަޅުގަނޑު ބޭނުންވޭ މާލެ އަމާންކުރަން. މިހާރު މާލެ، އެންމެ ޒިޔާރަތްކުރަން ބޭނުންނުވާ ސިޓީތަކުގެ ތެރޭގައި މާލެ ހިމެނިފައި މިއޮތީ، ހުރިހާ ޝުކުރެއް މިކަމުގައި އަޅުގަނޑުމެން އަދާކުރަންވީ، އަޅުގަނޑުމެންގެ ވެށި ހަލަބޮލިކުރާ ސިޔާސީ ލީޑަރުންނަށް. އެބޭފުޅުން ކުރައްވާ މަސައްކަތް އެއީ. އެހެންވެގެން މާލެ އަންނަންވީ ކީއްކުރަންތޯ؟ އެކަމަކު މާލެ މިއަދު ބަދަލުވެގެން މިދަނީ މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށްވެސް ހިތްފަސޭހަ ތަނަކަށް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ ޢަޒުމަކީ އަދި އަޅުގަނޑު ދިރުން ހުރެގެން އަޅުގަނޑަށް މި ފުރުޞަތު ލިބިއްޖެ ކަމަށްވަންޏާ، މާލެއަކީ ކެޕިޓަލް ސިޓީތަކުގެ ތެރެއިން އެންމެން ޒިޔާރަތްކުރާ ލިސްޓަށް އަރުވަން އަޅުގަނޑު ބޭނުން. ހަމަގައިމުވެސް ހުޅުމާލެއަކީ މި ދެންނެވި ސިޓީއަށް ވެގެންދާނެ.

އަޅުގަނޑު ވާހަކަކޮޅު ނިންމާލަމުންވެސް އަޅުގަނޑު އަތް އުފުލާލަނީ ރައްބީގެ ޙަޟްރަތަށް. އަޅުގަނޑު އެދެނީ ﷲގެ ވާގިވެރިކަން. އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވާނެ. މާތްﷲ ކަންކަން މިންވަރު ކުރައްވަނީ، އަޅުގަނޑުމެން ކުރާ އިޚްލާޞްތެރި މަސައްކަތެއްގެ މައްޗަށް. އެހެންވީމާ، އަޅުގަނޑުމެންގެ ހިތްތައް ސީދާކުރައްވާ! އަޅުގަނޑުމެންގެ ޢަޒުމުގައި އިޚްލާޞްތެރިވަމާ ހިންގަވާ! އަޅުގަނޑުމެން ކުރާ ކަންކަމުގައި އަޅުގަނޑުމެންގެ ޢަޒުމު ސީދާކުރަމާ ހިންގަވާ! އަޅުގަނޑުމެން މިގޮތަށް މަސައްކަތް ކޮށްފި ކަމަށްވަންޏާ، ދާން ބޭނުންވޭ ކޮންމެ ދިމާއަކަށް، ކޮންމެ ހިސާބަކަށް، ކޮންމެ ދިގު ރާސްތާއަކަށް އަޅުގަނޑުމެންނަށް ވާސިލުވެވޭނެކަން އަޅުގަނޑަށް ކަށަވަރު. އެ ވިސްނުން އަޅުގަނޑުމެންގެ ހުންނަންވީ.

ޤައުމީ ދުވަހުގެ އެންމެފަހު ފިލާވަޅަކަށްވެސް، އެންމެ ފުރަތަމަ ފިލާވަޅަކަށްވެސް މިވަނީ ޤައުމީ ޖޯޝަކީ އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ހަމަޖެހުމާއި، ރައްޔިތުންގެ ހަމަޖެހުމާއި، އަދި ރައްޔިތުން ކުރިއަށްދާން ޢަޒުމަކާއި، ރޫޙަކާއި، ހިތްވަރަކާއި އަދި އެދުމެއް އޮތްކަން އަޅުގަނޑުމެން އަބަދުވެސް ޚިޔާލަށް ގެންނަވާ! އަޅުގަނޑުމެންގެ ތުއްތުކުދިންގެ ޙައްޤުގައި އެކަނިވެސް އަޅުގަނޑުމެން މިކަން ކޮށްދޭންޖެހޭ. އަޅުގަނޑުމެންނަކީ ހަމައެކަނި ކުދިންނަށް މަދަރުސާގެ ފިލާވަޅު ނަގައިދޭންޖެހޭ މައިންބަފައިން ކަމަށް ނަހަދަމާ ހިންގަވާ! އަޅުގަނޑުމެންގެ ކުދިން ޝަރަފުވެރިވާންޖެހޭ، ފަޚްރުވެރިވާންޖެހޭ. ދިވެއްސަކަށްވީތީ ފަޚްރުވެރިވާ އުޞޫލުން ފަޚްރުވެރިވާންޖެހޭ.

ޤައުމީ ދުވަހު އަޅުގަނޑުމެން އެކަން ޚިޔާލަށް އަންނައިރު، އެކަންކަން ކުރެވޭނީ އަޅުގަނޑުމެންގެ ޤައުމުގައި ތިބި ރައްޔިތުންގެ ބޮޑު ބަޔަކަށް އެންމެ ހަމަނުޖެހިގެން އުޅޭ މައްސަލައަށް ޙައްލެއް އައިސްގެން. އެ މައްސަލަ ﷲގެ ވާގިފުޅާއެކީ އިރާދަކުރެއްވިއްޔާ ޙައްލުކުރުމުގެ ބިންގާ މިއަދު މި އެޅުނީ. ދިވެހި ޒުވާނުންގެ އުއްމީދުގެ ދަންމަރު އިރާދަކުރެއްވިއްޔާ، ދެން ދުވަހަކުވެސް ނުނިވޭނެ.

والســّلام عليــكم ورحـمــة اللّـه وبـركاتـه.